ޒިދާން އަކީ އަހަރެންގެ އައިޑޮލް އެއް – ގޮމޭޒް

Andre Gomes Zidane Idol

ދާދި އެހަކަށް ދުވަހު ސުޕެއިންގެ ބާސެލޯނާއި ގުޅުނު ޕޯޗުގަލްގެ މެދުތެރެއަށް ކުޅެމުން އަންނަ އަންދްރޭ ގޮމޭޒް ހާމަކުރި ގޮތުގައި ރިއާލް މެޑްރިޑުގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާނަކީ އޭނާ ކުޑައިރުން ފެށިގެންވެސް އައިޑޮލްއެއް ގޮތަށް ބަލަމުން އަންނަ މީހެއް ކަމަށެވެ.

ޒިދާންގެ އިތުރުން ބާސެލޯނާއަށް ކުޅޭ އިނިއެސްތާ، ކުރިން ކުޅުނު ޒާވީ އަދި ބުރެޒިލްގެ ކުރީގެ ފޯވާޑު ރޮނާލްޑޯއަކީވެސް އޭނާ ކުޑައިރު ސަޕޯޓުކުރި މީހުން ކަމެވެ.

“ޒިދާނަކީ އަހަންނަށް ވަރަށް ކަމުދިޔަ ކުޅުންތެރިއެއް. މިސާލެއް ގޮތުގައި އަދިވެސް ބަލަމުން އަންނަ މީހެއް. އިނިއެސްތާ އަދި ޒާވީއަކީ ވެސް ސަޕޯޓުކުރި 2 ކުޅުންތެރިން.” 35 މިލިއަން ޕައުންޑުގެ އަގަކަށް ރިއާލާއި ގުޅުނު ކުޅުންތެރިޔާ ބުންޏެވެ.

“އަހަރެން ބޭނުން ކުޅުން އިތުރަށް ރަނގަޅުކުރަން. އަހަރެންގެ އެންމެ މޮޅު ކުޅުން ޓީމަށް ދޭނަން. ޓީމަށް ވެވެން އޮތް ގުރުބާނީއެއް ވާނަން.”

23 އަހަރުގެ ގޮމޭޒަކީ ޔޫރޯ 2016 ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

“ބާސެލޯނާގެ ކުޅުމަކީ އަހަރެންގެ ކުޅުމާއި ވަރަށް ގުޅޭ ކުޅުމެއް. އައު ކުޅުންތެރިންތަކަކާއި އެކު ދަނޑު މައްޗަށް އަރަން އަހަރެން މިހުރީ ކެތްމަދުވެފަ. ޓީމުގައި ތިބި ފޯވާޑުންނަކީ މިހާރު ދުނިޔޭގެ ނިސްބަތުން އެންމެ މޮޅު ކުޅުންތެރިން އަދި މެދުތެރޭގައި ތިބީ ތަޖުރިބާހުރި ކުޅުންތެރިން.”

މީޑިއާގެ ވާހަކަތަކުން މަހްރޭޒަށް އުނދަގޫވޭ – ރަނިއޭރީ

Ranieri Mahrez

މިދިޔަ ސީޒަންގެ އިންގްލިޝް ޕުރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޔާދް މަހްރޭަޒަށް މީޑިއާގެ ވާހަކަތަކުން އުނދަގޫވާ ކަމަށް އެ ޓީމުގެ ކޯޗު ކުލައުޑިއޭ ރަނިއޭރީ ބުނެފިއެވެ.

މިދިޔަ ސީޒަންގައި 17 ލަނޑު ޖަހައި 11 ލަނޑު ޖެހުމަށް އެހީވި ފޯވާޑު އާސެނަލަށް ބަދަލުވުމުގެ ވާހަކަތައް މި ހަފްތާ ތެރޭގައި ވަރަށް ހޫނުކޮށް މީޑިއާގައި އެބަ ދެކެވެއެވެ. އެހެންކަމުން އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕް ކުޅެމުން އަންނަ ޓީމުގެ އެންމެ އިސް ކުޅުންތެރިޔާއަށް މި ޙަބަރުތަކަކީ ކުޅުމަށް އެޅޭ ހުރަހެއް ކަމަށްވާނެއެވެ.

މީޑިއާގައި ޙަބަރުތައް ދައުރުވިޔަސް ކޯޗު ރަނިއޭރީ އަދިވެސް ގަބޫލުކުރަނީ އަންނަ ސީޒަންގައިވެސް މަހްރޭޒް ފެންނާނީ އޭނާގެ ޓީމުން ކަމަށެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާވަނީ މިދިޔަ ހޮނިހިރު ދުވަހު ކުޅެވުނު ލެެއިޗެސްޓަރ އަދި ޕީއެސްޖީ ބައްދަލުކުރި މެޗު ބެލުމަށް ދަނޑަށްވެސް ގޮސްފައެވެ. މި މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީއެވެ.

އުރީދު ދިވެހި ޕްރިމިއާ ލީގް ފަސްކޮށްފި

dhivehileagu
ފޮޓޯ:މޯލްޑިވްސް ސޮކަރ

މާދަމާ ފެށުމަށް ތާވަލްކޮށްފައި އޮތް އުރީދު ދިވެހި ޕްރިމިއާ ލީގް ފަސްކޮށްފި އެވެ.

އުރީދޫ ޕްރިމިއާ ލީގް ފަސްކޮށްފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބޭއްވުމަށް ތާވަލުކޮށްފައި އޮތް މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތައް މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ބޭއްވުމާއި ގުޅިގެންނެވެ.

މި ގެނައި ބަދަލާ ގުޅިގެން ލީގްގެ ކުޅުން އަލުން ފަށާނީ އަންނަ ބުދަ ދުވަހު އެވެ. ބުދަ ދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ލީގް ތަވަލްގެ އެއް ވަނައިގައި އޮތް މާޒިޔާއާއި ލީގް ހަތް ވަނައިގައި އޮތް ވިކްޓްރީއެވެ. އެ ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދެ ވަނައިގައި އޮތް އީގަލްސްއާ ތާވަލުގެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް ކުލަބެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރާނަން:ޖައުފަރު

haftha - Copy

އަބުރު ރައްކާތެރިކޮށްދިނުމާއި  ޚިޔާލްފާޅުކުރުމުގެ މިނިވަންކަމުގެބިލްގައިވާ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރައްވާނެ ކަމުގައި އެބިލް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރ ޖައުފަރު ދާއޫދު ވިދާޅުވެއްޖެއެވެ.

ޖައުފަރު މިގޮތަށް ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި  ޚިޔާލްފާޅުކުރުމުގެ މިނިވަންކަމުގެބިލްގައިވާ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން މީޑިއާ ކައުންސިލުން މިއަދު ހަވީއެމަނިކުފާނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

popppp

ޖައުފަރު ވިދާޅުވީ މީޑިއާތަކުންނާއި ،މީޑީއާ ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަށް ކޮމެޓީމަރުހަލާގައި ބިލާއި ގުޅޭގޮތުން މީޑިއާކަންސިލްގެ ބަސް އިއްވަން ފުރުސަތު ދެއްވާނެކަމަށެވެ.އަދި ބިލް މިހާރު އޮތްގޮތަށް ފާސްކުރުމަށް ނުވިސްނަވާކަމަށާއި ،ބިލާއި މެދު ނޫސްވެރިންގެ ހުރިކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވާނެކަމަށެވެ.

މީޑިއާ ކައުންސިލާއި އެކު މިއަދި ހަވީރު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި އުގޫފާރު ދާއިރާގެ މެންބަރ ޖައުފަރު ދާއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމްދީދީ އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާލުފާޅުކުރުން ހަނިވާގޮތަށް އަބުރުގެ ބިލް ފާސްކުރަން ނުފެނޭ – މައުމޫން

HEP Maumoon Abdul Gayyoom at R Alifushi

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާގުޅޭގޮތުން ވައިބާ މެދުވެރިކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ބިލް ފާސްކުރުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ.

މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ޕާޓީގެ ގުނަވަންތަކުގައި ދަންނަވަންޖެހުނު ކޮންމެ ކޮންމެ އެއްޗެއް ދެންނެވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މައުމޫން މިގޮތަށް ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެބިލަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބިލް މިހާރު އެކުލަވާލެވިފައިވާގޮތާ މެދު ނޫސްވެރިންނާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ނޫސްވެރިންގެ މަސައްކަތުން އެ ބިލުގައި ހިމަނާފައިވާ ބައެއް މާއްދާތަކުގެ އަދަކު ކޮންމެވެސް ވަރަކަށް ކުޑަކޮސްފައި ވީނަމަވެސް އެ ބިލް ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ނޫސްވެރިންނަށް އެ މީހުން ބޭނުންވާ އެއްޗެއް ނުލިޔެވޭނެއެވެ. މި ބިލް ޤާނޫނަކަށް ވެއްޖެނަމަ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި ނޫސްވެރިކަން ފަނޑުވެގެންދާނެކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ހުޅުމާލެ އާއި މާލޭ ކަރަންޓު ވިއުގަ އަކުން ގުޅައިލުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި

big_i0z9csBuN3F7Z37

ހުޅުމާލެ އާއި މާލޭ ކަރަންޓު ވިއުގަ އަކުން ގުޅައިލުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

ހަކަތައިގެ އެންމެ ބޮޑު އެ މަޝްރޫއުގެ ބިންގާ، އަޅުއްވައި ދެއްވައި މަޝްރޫއު، އިފްތިތާހުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުﷲ ގައްޔޫމް އެވެ.

“ސްޓެލްކޯ ފިފްތް ޕަވާ”ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާޅޭގައި ގާއިމް ކުރަން ހަމަޖެހިފައި ވަނީ، ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ، 50 މެގަވޯޓްގެ ޕަވާ ސްޓޭޝަނެއް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެތަނުގައި ފިއުލް ފާމް އަދި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރާނެ ކަމަށާއި، ފިއުލް ފާމްގައި 2300 މެޓްރިކް ޓަނުގެ ކެޕޭސިޓީ ސްޓޯރޭޖެއް ހުންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

104 މިލިއަން ޑޮލަރު ހަރަދުވާ މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޒަރީއާއިން މާލެ އާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގައި ގުޅައިލާނެ އެވެ.

ޑިފެންސް މިނިސްޓަރ ސަދަން އޭރިއާއަށް ޒިޔާރަތްކުރައްވައިފި

2371

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު، ރަސްމީ ދަތުރުފުޅެއްގައި އެމް.އެން.ޑީ.އެފް ސަދަން އޭރިއާއަށް ޒިޔާރަތްކުރައްވައިފިއެވެ.

މިދަތުރުފުޅުގައި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒްގައިި މަސައްކަތްކުރާ ހުރިހާ ސިފައިންނާއި ޑިފެންސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

އޭގެ އިތުރުން، ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު، ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން މަތިކުރެވިފައިވާ ކަމަށާއި، ސިފައިންގެ އަޚްލާޤް ބައްޓަންކުރަން ޖެހޭނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރ ހަނދުމަފުޅު ކޮށްދެއްވިއެވެ. އަދި ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ޑިފެންސް މިނިސްޓަރ ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އާއި، އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމް އާއި އެ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް ނަޞްރުﷲ އިބްރާހީމް މަޖުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.އެން.ޑީ.އެފް ސަދަން އޭރިއާއަށް ޑިފެންސް މިނިސްޓަރ ޒިޔާރަތްކުރެއްވުމުން، އެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމް އާއި އޭރިއާގެ އޮފިސަރުންނާއި ސިފައިން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ޑިފެންސް މިނިސްޓަރ، އެމް.އެން.ޑީ.އެފް ސަދަން އޭރިއާއަށް ކުރެއްވި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުއެވެ.

ހެކަރުންގެ ހަމަލާތަކެއް ދުނިޔޭގެ ބާރުތަކަށް

ދުނިޔޭގެ އެކި ކަންކޮޅުތކުގައި ނުފޫޒުގަދަ އަދި ސިޔާސީއެކިފަރާތްރަކަށް އަމާޒުވަމުންދާ ސައިބަރ ހަމަލާތައްމަދުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ވެރިކަންކުރަމުންދާ ޑިމޮކްރަޓިކް ޕާޓީގެ އެކި ގުނަވަންތަކަށާއި އަދި ރަޝިއާ ސަރުކާރުގެ އެކި ގުނަވަންތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.

އެންމެ ފުރަތަމަ، ހަމަލާ އައިސްފައިވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އެކި ގުނަވަންތަކުގެ ކޮމްޕިއުޓާރ ތަކަށެވެ. އަދި މި ހަމަލާދީފައިވަނީ  ރަޝިޔާގެ ހެކަރުންކަމަށް ތުހުމަތުކޮށްފައި ވަނިކޮށް ރަޝިޔާ ސަރުކާރުގެ އެކި މުއައްސަސާތަކަށް ވެސް ޕްރޮފެޝަނަލް ސައިބާ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ޖާސޫސީ އިދާރާ އިންވެސްވަނީ ކަށަވަރުކޮށްދީފައެވެ.

ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ބުނީ ސަރުކާރުގެ 20 މުއައްސަސާއެއްގެ ނެޓްވޯކުން “ސްޕައިވެއަރ އިންފެކްޓް” ނުވަތަ ސައިބާ ޖާސޫސީ ވައިރަސް ފެނިފައިވާ ކަމަށެވެ. ރަޝިޔާގެ ނެޓްވޯކަށް ހަމަލާދިނީ ކާކު ކަމެއް އެފްއެސްބީއިން ހާމަކޮށްފައިނުވާއިރު، މި ދެ ހަމަލާއަކީ ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް އެފްއެސްބީއިންވަނީ ބުނެފައެވެ.  އަދި މިއީ ވަރަށް ބޮޑަށް ރާވައިގެން ސަރުކާރުގެ ވަކި މުއައްސަސާތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްފައިވާ ހަމަލާއެއް ކަމަށެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީ (ޑީއެންސީ) އާއި ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކެމްޕެއިން ކޮމިޓީގެ ނެޓްވޯކް ހެކްކުރިކަމުގެ ތުހުމަތު ރަޝިޔާގެ ބޮލުގައި އަލުވާފައިވާކަމަށްބުނާއިރު،  މި ކަމުގެ އަޑީގައި ހުންނެވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކަމަށް އެއްބަޔަކު ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު މޮސްކޯ އިން ބުނެފައި ވަނީ މިއީ އެމެރިކާ އިން ދައްކާ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ. ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ އޭނާއާ ރަޝިޔާއާ ގުޅުމެއް ނޯންނާނެ ކަމަށެވެ.

މި މައްސަލައިގެ ތަހްޤީގް އެފްބީއައިދަނީ ކުރިއަށްގެންދަމުންނެވެ.

އަބުރުގެ ބިލު މާދަމާއަށް އެޖެންޑާކޮށްފި

aburuge bill

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރުގެ ބިލުގެ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެތައް ބަޔެއްގެ ކަންބޮޑުވުންތައް ހިމެނޭ “އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން” ބިލު މާދަމާއަށް އެޖެންޑާކޮށްފައިވާއިރު މާދަމާގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮންނާނީ ބިލުގެ އިބްތިދާއީ ބަހުސެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އަބުރުގެ ބިލަކީ ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ އިތުރުން ރައްޔިތުންގެ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުން އޮތް ބިލެކެވެ.

popppp

މީގެ އިތުރުން އަބުރުގެ ބިލަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ބައިނަލް އަޤްވާމީ ބައެއް މަޖިއްޔާތަކުން ވެސް ވަނީ ގޮވާލާފައެވެ.

އެގޮތުން އެމްނެސްޓީން ބުނެފައިވާ ގޮތުގައި އަބުރުގެ ބިލުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެއެވެ.

މި ބިލުގައި މަދަނީ ކުށެއްގެ ގޮތުގައި އޮތް އަބުރާ ބެހުން، ޖިނާއީ ކުށަކަށް ބަދަލުކޮށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކޮށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ގޮތަށްވަނީ ފަރުމާކޮށްފައެވެ.

 

އަޑިއަށް ދިޔަ ދޯންޏެއްގައި ހުރި މުދާ އޮޔާދާތީވެ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

2370

އަޑިއަށް ދިޔަ ދޯންޏެއްގައި ހުރި މުދާ އޮޔާދާތީވެ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ދ.އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ކ.ބޮލިފުށި ރިސޯޓް ގެ ހުޅަނގު ދެކުނުން 04 ނޯޓިކަލް މޭލުން، ރޭ ދަންވަރު 1:30 ހާއިރު އަޑިޔަށް ގޮސްފައިވާ ކަމަށެވެ.

އަދި މި ދޯނީގައި ހުރި ލަކުޑި ފަދަ ތަކެތި އޮޔާދާތީވެ އެސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަން ދެއްވުމަށް އިލްޠިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަޑިއަށް ގޮސްފައިވަނީ “ރާސްތާ 2” ނަމަކަށްކިޔާ 52 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށާއި،  މި ހާދިސާ ހިނގިއިރު ދޯނީގައި އެއް ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ.