ތިން ޓޫރިސްޓަކު ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި

zika

ރާއްޖެ އައި ތިން ޓޫރިސްޓަކު ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މި މީހުން ޒިކާ އަށް ޕޮޒިޓިވް ވެފައި ވަނީ ރާއްޖެއިން ދިޔަ ފަހުންނެވެ. ޒިކާ އަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވަނީ ޖަރުމަނު މީހަކާއި ފިންލެންޑް މީހެއްގެ އިތުރުން ސްޕެއިންގެ މީހަކަށެވެ.

އެޗްޕީއޭ އިން ބުނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުން މިހާރު ރާއްޖެ ދަރަޖަކޮށްފައި ވަނީ ޒިކާ އުޅޭ ކަމަށް ބަލަންޖެހޭ ގައުމުތަކުގެ ތެރޭގައި ކަމަށެވެ.

ޒިކާ ވައިރަސް  ފެތުރެނީ ޑެންގީ ފަތުރާ އީޑީސް މަދިރިންނެވެ. އެހެންވެ، މާލެ އާއި އަތޮޅުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމުކޮށްފަ އެވެ.

ރާއްޖެ  ޓުރިސްޓުންތަކަކަށް ޒިކާ ވައިރަސް ޖެހުނު ކަމަށް ބުނެފައި ވާއިރު އެމެރިކާ އިން އިއްޔެ ވަނީ ރާއްޖެ ޒިޔާރަތްކުރާ މީހުން ޒިކާ ވައިރަސް އަށް އާ މެދު ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފަ އެވެ.

 

 

ޖޭޕީގެ ނިންމުންތަކަށް ހައިރާންވޭ – އިލްހާމް

13592629_1764868333750428_4083885865073716705_n

ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އިއްޔެ ނިންމާ ސަރުކާރާއި މަޝްވަރާ ކުރެއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒާއި، ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސެއިން ހަމަޖައްސާފައި ވަނިކޮށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ދަނގެތި ދާއިރާގެ މެންބަރ އިލްހާމް އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ކުއްލި ނިންމުންތަކާއި މެދު ހައިރާންވާކަމަށެވެ.

އިއްޔެ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވި ނިންމެވުމަށް ވޯޓް ނުދެއްވަނީ އިލްހާމް އަހުމަދު އެކަންޏެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ޖޭޕީގެ ކައުންސިލުން ނިންމާފައިވަނީ ގާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ގޮތެއް ނުވެއްޖެނަމަ އެހެން ރިޔާސީ ކެންޑިޑޭޓް ވެސް ނެރޭ ގޮތަށެވެ. ޖޭޕީގެ ކައުންސިލް ބައެއް މެމްބަރުންގެ ވިސްނުމަކީ ގާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބަށް ވާދަނުކުރެވޭނަމަ، ސަރުކާރާއި ކުރާ މަޝްވަރާގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް މަގުފަހި ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

އިލްހާމް އަހުމަދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ކުރާ އެއްވެސް ކަމެއް ކަމުނުދާ ބަޔަކު މަޝްވަރާއަށް ގޮސްގެން ނެރެވޭނެ ނަތީޖާއެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ޖޭޕީގެ މި ކުއްލި ނިންމުމާއިމެދު ހައިރާންވާ ކަމަށެވެ.

މެމްބަރު ރިޔާޒާއި މެމްބަރު އަލީ ހުސައިން ދަނީ ފާޅުގައި ސަރުކާރަށް ދެކޮޅަށް ފާޑުކިޔަމުންނެވެ.

އިލްހާމް އަހުމަދަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރ ނަމަވެސް އެމަނިކުފާނު މިހާރު ފެންނަމުން ދަނީ ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ފަރާތެއްގެ ގޮތުގައެވެ.

އައިއެސް އާ ދެކޮޅަށް ފްރާންސްއިން ވައިގެ ހަމަލާތައް ފަށައިފި

france

އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ފްރާންސް އިން ވައިގެ ހަމަލާތައް  ފަށައިފި  އެވެ.

ރިޕޯޓްތަށް ބުނާގޮތުން އިރާގުގެ މޮސޫލްގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް ފްރާންސްގެ އަސްކަރިއްޔާއިން  އިން ވައިގެ ހަމަލާތައް ދެމުން ދަނީ މަތިންދާ ބޯޓު އުފުލާ މަނަވަރު ޝާލެ ޑި ގައުލް އިން އެވެ. ހަމަލާތައް ދެމުން ދަނީ ފްރާންސްގެ ހަނގުރާމަމަތީ ރަފޭލް ޖެޓްތަކުންނެވެ.

އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށުން އަތުލުމުގެ އަސްކަރީ އޮޕަރޭޝަން ފެށުމަށް އިރާގު ސިފައިން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާ އިން ވެސް މިހާރު ވަނީ އިރާގު ސިފައިންނަށް އެހީވުމަށް އިތުރު 600 ސިފައިން އިރާގަށް ފޮނުވަން ނިންމައިފަ އެވެ. އައިއެސްގެ ބާރުގެ ދަށުގައި އިރާގުގައި އޮތް ހަމައެކަނި ސިޓީ ހިފުމަށް އަސްކަރީ ހަމަލާތައް ފަށާނީ އަންނަ މަހު ފަހުކޮޅު ކަމަށް އިރާގު ސިފައިންގެ އިސް އޮފިސަރުން ވަނީ ބުނެފަ އެވެ.

 

ރާއްޖެތެރޭ މީހުން ބަނޑަށް

raajje

ސަރުކާރުން ކާޑުގެ ބާވާތްތަކަށް ދެމުންއައި ސަބްސިޑީ ކަނޑާ ލުމުގެ ސަބަބުން ރާއްޖެތެރޭ މީހުން ބަނޑައް ޖެހިދާނެއެވެ. ސަބަބުތައް ވަރައް ގިނައެވެ.

ރާއްޖެތެރޭ މީހުންގެ  ގޮތުގައި ސިފަ މިކުރަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށެވެ. އެމީހުންނަކީ ލިބޭ މުސާރަ މާލޭމީހުންނަށް ދީގެން ލިބޭއެއްޗަކުން ދެކޮޅު ނުޖެހިގެން އުޅޭ މީހުންނެވެ.

އިންފުލޭޝަނަށް އަންނަ ކޮންމެ ބަދަލަކާއެކު ތަކެކީގެ އަގުތައް ކިތަންމެ ކުޑަ މިންވަރަކަށް ބޮޑުވިނަމަވެސް ރާއްޖެތެރޭ މީހުން އެކަން ބަރުދާސްތު ކުރަންޖެހެނީ ހިތްދަތި ކަމާއެކީގައެވެ. ރާއްޖެ ތެރޭމީހުން މާލޭގައި އުޅެމުން އަންނަނީ އިތުރު ގޮތެއް ނެތިގެންނެވެ. މައިގަނޑު ސަބަބަކީ ދިރިއުޅުމެއް ބިނާކުރަން ފައިސާ ބޭނުންވާތީ ވަޒީފާގެ މައްސަލައެވެ. ދެން ސިއްހީ މައްސަލަތަކާއި، ތައުލީމެވެ.

އަދުގެ ސަރުކާރުން ކެނޑިނެޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވަމުން ދާ ވާހަކަ ދައްކަމުންދާއިރު މާލޭގައި ދިރިއުޅޭ އާދައިގެ ރާއްޖެތެރޭ މީހާއަށް އެ ވަޒީފާއަށް ބަރޯސާ ވެގެން ރަށައް ބަދަލުވެވޭކަށް ނެތެވެ. އެއީ މުސަތަގްބަލެއް ނެތުމުގެ ސަބަބުންނެވެ. ސިއްހީ ދާއިރާ ތަރައްގީ ނުވުމުންނެވެ. ތައުލީމީ ދާއިރާ ތަރައްގީ ނުވުމުންނެވެ، އަދިވެސް އެތައް ސަބަބަކާ ހުރެއެވެ. ރާއްޖޭގެ ރައްތަކުގެ ތެރެއިން ރަށެއްގައި ހިނގި ހާދިސާއަކަށް ބަލާލާނަމެވެ. މިދިޔަ ބޮޑު އީދުގައި އުމުރުން 8 އަހަރުގެ ކުއްޖަކު ތަނަކުން ވެއްޓިގެން އެރަށުގެ ސިއްހީ މަރުކަޒަށް ދެއްކުމުން އެރަށުގެ ޑޮކްޓަރ ނިންމެވީ އެކުއްޖާގެ އަތް ބިންދައިގެން ނުދާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމައި އެކުއްޖާ ގެއަށް ދޫކޮށްލިއެވެ. ނަމަވެއް އެ ކުއްޖާގެ އަތައް ތަދުވާލެއް ބޮޑުކަމުން ކުއްޖާ ގޮވައިގެން އަތޮޅު ވެރިކަން ކުރާ ރަށަށް ގޮސް އެކްސްރޭ ނަގާލުމުން އަތުގެ ދެ ކަށި ބިންދައިގެން ގޮސްފައި ހުރިކަން ހާމަވިއެވެ. ކޮންމެ ހަފްތާއަކު އަތޮޅު ވެރިކަން ކުރާ ރަށަށް އެކުއްޖާ ގޮވައިގެން ޑޮކްޓަރައް ދައްކަން ދާންޖެހެއެވެ. ސިއްހީ ފަރުވާ ހޯދުމަށް ބޮޑު ހަރަދެއް ކުރަންޖެހުނީއެވެ. މިއީ ޜާއްޖޭގެ އެކި ކަންކޮޅު ތަކުގެ ހާލަތެވެ.

ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައި ދިނުމަށްޓަކައި މާލޭގައި ބޮޑު އަގުގައި ކުލި ދައްކައިގެން އުޅެން މިއަދު ރާއްޖެތެރޭ މީހުންނަށް ވަނީ މަޖްބޫރު ވެފައެވެ.

ދެން އޮތީ ފަގީރުންނަށް ސަބްސިޑީ ދޭވަކައެވެ. ސަރުކާރުން އެ ވިދާޅުވާ ފަގީރުންނަކީ ކޮބައިތޯއެވެ؟ ވަޒީފާއަށް ގޮސްގެން ލާރި ލިބޭ މީހަކު ފަގީރެއްގެ ގޮތުގައި ބަލާނެތޯއެވެ؟

މިއަދުގެ މާލޭގެ ކުލީގެ ރޭޓްތަކަށް ބަލާއިރު އަލިފާން ފޮއްޓެއްވަރުގެ އެއްކޮޓަރި މި ލިބިނޭ 10،000ރ އަށެވެ. ދެ ކޮޓަރި ލިބެނީ 18،000ރ އަށެވެ. 3 ކޮޓަރި އުޅޭނީ 25،000ރ އިން މަތީގައެވެ. ނުވަތަ އަގުތައް މިއަށްވުރެވެސް ބޮޑުވާނެއެވެ. އާދައިގެ ރައްޔިތަކަށް މުސާރައަށް ގިނަވެގެން ލިބެނީ 10000ރ އެވެ. ގިނަފަހަރައް މުސާރަތައް ހުންނަނީ 5000ރ އާއި 8000ރ އާއި ދެމުދުއެވެ. މިލިބޭ ކުޑަ މުސާރައިން ގޭ ކުއްޔައް ބޮޑު އެއްޗެއް ދައްކަން ޖެހެއެވެ. އެއަށްފަހު އަންނަ ބޮޑު ފެންބިލާއި ކަރަންޓް ބިލް ދެއްކުމަށްފަހު ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށްޓަކައި ސްކޫލަށް ފީ ދައްކަން ޖެހެއެވެ. ޕްރީ ސުކޫލެއްގެ ފީ އެވްރެޖްކޮށް އުޅެނީ 1000ރ ގައެވެ. ކޮންމެ ހަފްތާއަކު ކޮންމެވެސް ދުވަހެއް ފާހަގަ ކުރުމަށް ސުކޫލަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހެއެވެ. އަދި މިނޫނަސް އެތައް ހަރަދުތަކެއް ކުރަންޖެހޭއިރު ލިބޭ އެއްޗަކާއި ކުރަން ޖެހޭ ހަރަދާއި ނުބައްދަލެވެ. މިއީ ރާއްޖެތެރޭ މީހުންގެ ހާލަތެވެ.

ރާއްޖެތެރޭ މީހުން މީގެ ކުރިންވެސް އަދި މިހާރުވެސް ބާސްމަތީ ހަނޑޫ ނުކަނީ އެ ހަނޑޫ ނުބައިވެގެންނެއް ނޫނެވެ. އަދި އާދައިގެ ހަނޑޫ ކަނީ އެހަނޑޫ މީރުވެގެނެއްވެސް ނޫނެވެ.  ކަންމިހެން އޮތްއިރު އެ ނިކަމެތި ރާއްޖެތެރޭ މީހުންނަށް ދެމުންއައި ސަބްސިޑީ ކަނޑާލުމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފާއި ބަރުދާސްތު ކުރަންޖެހޭ ވޭން ބޮޑެވެ. ލިބޭ އެއްޗަކުން ނުފުދިގެން އުޅުނިކޮށް ސަރުކާރުގެ ދީލަތިކަން ކެނޑި 100 އިންސައްތައަށް ކާޑުގެ ބާވަތްތައް އަގުބޮޑުވުމުން ރާއްޖެތެރޭ މީހުން ބަނޑައް ޖެހުނީ ނޫންތޯއެވެ.

ބީއެމްއެލްގެ އިސްލާމިކް ބްރާންޗް ހުޅުވައިފި

14484791_1060823414037299_6373445031084696133_n-696x392

ބޭންކް އޮފް މޯލްޑިވްސްއިން އިސްލާމިކް ބޭންކަށް ހާއްސަ ބްރާންޗެއް ހުޅުވައިފި އެވެ.

ރަސްމީކޮށް ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް ހުޅުވައިދެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ ބީއެމްއެލް އިސްލާމިކް ރާއްޖޭގައި ހުޅުވުމަކީ އިސްލާމީ ބޭންކިންގްއަށް ރާއްޖޭގައި ހުޅުވިގެން ދިޔަ ވަރަށް ފުޅާ ދޮރެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި ގޮފި އިތުރަށް ފުޅާވެ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އިތުރު ހިދުމަތްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިސްލާމީ މާލީ ދާއިރާގައި ރާއްޖޭން ވަރަށް ރަނގަޅު މިސާލެއް މި ސަރަހައްދުގައި ދައްކަމުން ދާކަމަށާއި، އެގޮތުން އިސްލާމީ މާލީ ކަންކަމަށް ހާއްސަ މަރުކަޒެއް ގާއިމުކޮށް، ޝަރީއާ ހުއްދަ ކުރާ ގޮތަށް ޓީބިލް ވިއްކަން ފަށާފައި ވާއިރު، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތް ފުޅާވެގެން ދިއުމަކީ ރާއްޖޭގައި މި ދާއިރާ އަށް އަންނަ ބޮޑު ކުރިއެރުމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީ އިސްލާމިކް ބޭންކިންގ އަށް އޮންނަ ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ އިން ޝަރީއާގެ އުސޫލުތަކާއި އެއްގޮތަށް މުޅި ރާއްޖޭގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

 

ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް ގެ  ނަމުގައި ހުޅުވި އެ ބްރާންޗު ހުންނަނީ ކުރިން ބީއެމްއެލް ބާޒާރު ބްރާންޗު ހުރި ސީޓްރެކް  ބިލްޑިންގުގައި އެވެ. އަދި ބީއެމްއެލްގެ އެހެން ބްރާންޗުތަކާއި ހިލާފަށް މި ބްރާންޗުގައި ބޭނުންކޮށްފައިވަނީ އިސްލާމީ މާލީ އިދާރާތަކުގައި އާއްމުކޮށް ބޭނުންކުރާ ފެހި ކުލަ އެވެ.

 

 

ބީއެމްއެލް އިސްލާމިކް އިން އަމިއްލަ އަދި ވިޔަފާރިތަކަށް ހުޅުވައިދޭ އެކައުންޓަށް ކިޔަނީ “ވަދީޣާ” އެވެ. ބީއެމްއެލްގެ ހުރިހާ ބްރާންޗަަކުން އެކައުންޓު ހުޅުވައިދޭ އިރު ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު ގެ ނަމުގައި ކޭޝް ކާޑެއް ވެސް ދޫކުރެ އެވެ.

މާލެ ދެކުނު ފަރާތު ނެރު ފައިކަށްޓަށް ލޯންޗެެއް އަރައިފި

2464

މާލެ ދެކުނު ފަރާތު ނެރު ފައިކަށްޓަށް ސަން އޯޝަން ޕްރައިވެޓް ލިމިޓެޑްގެ ލޯންޗެެއް އަރައިފިއެވެ.

މި ލޯންޗް މާލެ ދެކުނު ފަރާތު ނެރުމައްޗަށް އެރުމާއި ގުޅިގެން ދިޔަވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ  މިރޭ 22:01 ހާއިރު ކަމަށާއި، މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއިވާ ކަމަށް އެމްއެންދީއެފުން ބުންޏެވެ.

launch2

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުމާއި އެކު ޑައިވަރުންގެ ޓީމެއް އެސަރަހައްދަށްގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. މީގެ އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއި އެކު ޕަމްޕު ބޭނުންކޮށްގެން ލޯންޗުން ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި 15 މީހުން ތިބިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ލޯންޗުގެ ވެރިފަރާތުން ކެރޭނެއްގެ އެހީގައި ވަނީ ލޯންޗް ފެންމައްޗަށް ނަގާފައެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް އަގު ނުކުރެވޭ ވަރުގެ މުހިއްމު ގައުމެއް – އިރުތިޝާމް

china-maldives

ޗައިނާ އަކީ ރާއްޖޭގެ  ތަރައްގީއަށް އަގު ނުކުރެވޭ މުހިއްމު މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ހުއްޓުމެއް ނެތި ރާއްޖެއަށް އެހީތެރިވެދޭ  ގައުމެއްކަމުގައި ފޮރިން މިނިސްޓްރީ މިވަގުތު ހިންގުމާ ހަވާލުވެގެން ހުންނެވި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ 67 ވަަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިރުތުޝާމް ވިދާޅުވީ  ޗައިނާ އާ ރާއްޖޭގެ ގުޅުމަށް ގިނަ އަހަރުތަކެއް ވެފައިވާއިރު ދެގައުމުގެ ގުޅުމުގެ ހަރުދަނާކަން ސާބިތުކޮށްދޭ ގިނަ ހެކިތަކެއް ފެންނަން އެބަހުރި ކަމަށެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ  ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ ހައުސިން ޕްރޮޖެކްޓްތަކާއި ނެޝަނަލް އާޓްގެލަރީ އިމާރާތާއި، ފޮރިން މިނިސްޓްރީ ހުރި އިމާރާތާރް ފަދަ ތަންތަނަކީ ޗައިނާއާ ރާއްޖެއާއި ދެގައުމުގެ  ގުޅުމުގެއޮތް ގާތްކަން ދައްކުވައިދޭ ރަމްޒުތަކެއްކަމަށެވެ.

china-maldivses1

ޗައިނާއާ ރާއްޖެއާ ދެމެދު އޮތީ ނިމުމެއް ނެތް އަގު ނުކުރެވޭނެ ގާތް ގުޅުމެއް ކަމަށާއި، އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫ އާއި ހުޅުލެ އާއި މާލެ ގުޅުވައިލާ “ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް”ގެ އުންމީދީ ޕްރޮޖްކެޓްތައް އެއީ ދެ ގައުމުގެ ގުޅުމުގެ ދާއިމީ ރަމްޒުތައް ކަމަށް ފޮރިން މިނިސްޓްރީ މިވަގުތު ހިންގުމާ ހަވާލުވެގެން ހުންނެވި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި އެހެނިހެން ވެސް އިސް މަގާމްތަކުގައި އުޅުއްވާ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި ހަފްލާގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފުކަން ވިދާޅުވީ  ރާއްޖެ ޗައިނާއާއި ދެގައުމުގެ  ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ރަމްޒަކީ މިހާރު އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖް ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްރޫއުތަކުން ދޭހަވަނީ ޗައިނާގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެ މަގްބޫލުވެފައިވާ މިންވަރު ކަމަށެވެ. ސަފީރު އިތުރަށް ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ހުރިހާ ދާއިރާއަކުން އެހީ ދޭން ޗާއިނާ ތައްޔާރަށް އޮތް ކަމަށެވެ.

 

ކާޑުގެ ސަބްސިޑީ ފަގީރުންނަށް އެކަނި ދޭން ނިންމައިފި

big_3wjvsegbyq6nxkt

ކާޑުގެ ބާވަތްތަކުން ދެމުން އަންނަ ސަބްސީޑީ ކޮންޓްރޯލްކޮށް، އެ ސަބްސިޑީ ދޭނީ، ފަގީރުންނަށް އެކަނިކަމަށް ސަރުކާރުން ނިންމައިފިއެވެ.

ސަބްސިޑީ ދިނުމަށް މި ގެނައިބަދަލާއެކު ދެން ސަބްސިޑީ ދެމުންދާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް ހަމައެކަނި ފަގީރުންނަށެވެ. އަންނަ މަހުގެ އެކެއްވާ ހޮނިހިރު ދުވަހުން ފެށިގެން އެ ބަދަލު ގެނައުމާ އެކު ކާޑުގެ ބާވަތްތައް ވިއްކާ އަގު މިހާރުގެ އަގުތަކަށް ވުރެ 100 ޕަސެންޓް ބޮޑުވާނެ އެވެ.

ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުމަށް ސަރުކާރުގެ ބަޖެޓުން، 308 މިލިއަން ރުފިޔާ އަހަރަކު ހަރަދުކުރެ އެވެ. އޭގެ ތެރެއިން ޓޫރިސްޓުންނަށް 17 ޕަސަންޓް އަދި މަސައްކަތް ކުރާ ބިދޭސީންނަށް މި ސަބްސިޑީޒްގެ 24 ޕަސަންޓްދެ އެވެ.

ސަރުކާރުން މި ގެނައި ބަދަލާއެކު ބާޒާރުގައި ކާޑުގެ ބާވަތްތައް ވިއްކާ އާންމު އަގަށް ބަދަލުތަކެއް އަންނާނެ އެވެ. މިއާއެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

މީގެ ކުރިން ވެސް ބާސްމަތީ ހަނޑޫ ފަދަ މޮޅުހަނޑުލަށް ސަބްސިޑީއެއް ނުދެ އެވެ. ހަމައެކަނި ސަބްސިޑީ ދެނީ އެންމެ އާދައިގެ ކާޑުގެ ބާވަތްތަކަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ކާޑްގެ ސަބްސިޑީ ކަނޑާލުމަށް މަސައްކަތް ކުރި އެވެ.

ޖޭޕީ ވެސް ރިޔާސީ އިންތިހާބަށް

jumhooree-party

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ( ޖޭޕީ ) އިން ވާދަކުރަން ނިންމައިފިއެވެ.

ޖޭޕީން އެގޮތަށް ނިންމާފައިވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފެންނަ ކަމަށް ފާސްވީ އެ ކައުންސިލުގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީ އިން ނިންމި އިރު، އެ ޕާޓީއިން ވާދަކުރާނެ ކެނޑިޑޭޓަކީ ކޮބައިކަން އަދި ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް، ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ރައީސް އެވެ. އެހެން ކަމުން އެފުރުސަތު އޮތީ މިހާރުވެސް އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބުރާހީމް އެވެ.

ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ބަލާއިރު އެ މަނިކުފާނަށް މިހާރު ވަނީ 65 އަހަރު ވެފައެވެ. އިންތިހާބާ ބެހޭ ޤާނޫނަށް ގެނެވުނު ބަދަލާއެކު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

ގިނަ އަދަދެއްގެ ރަތް މުރަކަތަކެއް މާލޭ ގޯޅިއަކުން

muraka

މާލޭގެ ގޯޅިއެއްގެ ތެރޭގައި ހުރި ގިނަ ޢަދަދެއްގެ ރަތްމުރަކަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ޢާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެންރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު މެންދުރުފަހު 15:30 ހާއިރު މ. ލަދުމާގެ ގޯޅިތެރޭގައި ހުއްޓައެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިއިރު މީގެ ތެރޭގައި ރަތްމުރަކައިގެ 41 ގަނޑު ހަތާ ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި މީހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދި މި ތަކެތީގެ މަޢުލޫމާތު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ވަނީ ޙިއްސާ ކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މިތަކެތި މިހާރު ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޙަވާލު ކޮށްފައެވެ.

ތިމާވެއްޓަށް ގެއްލުންދޭ މިފަދަ ތަކެތި ޤަވާޢިދާ ޚިލާފަށް ގެންގުޅޭނަމަ އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް މިފަދަ މައްސަލަތަކާ ގުޅުންހުންނަ ތަކެތި މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.