ސުއޫދާއި އަލީ ހުސެއިންގެ ވަކާލާތުކުރުމުގެ ހުއްދަ ބާތިލުކޮށްފި

courtun

މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުއޫދާއި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރ އަދި ގާނޫނީ ވަކީލް އަލީ ހުސެއިންގެ ވަކާލާތުކުރުމުގެ ހުއްދަ ވަގުތީގޮތުން ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ، އެދެ ޤާނޫނީ ވަކީލުންގެ ހުއްދަ ވަގުތީ ގޮތުން ބަތިލުކުރީ، އެދެބޭފުޅުން ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް ވާހަކަ ދައްކަމުން ދާތީ، އެމައްސަލަ ބަލާ، ވަކިގޮތެއް ނިންމެންދެނެވެ.  މިފިޔަވަޅު އަޅާފައިވަނީ، ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަވާއިދާއި، ކޯޓުތަކަށް ހުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދާއި، ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ މަތިންނެވެ.

ބައެއްފަރާތްތަކުން ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތްކެނޑޭނެފަދަ ގޮތަކަށް ވާހަކަތައް ދައްކަމުން ދާތީ، އެފަދަ ގޮތްގޮތައް ކަންތައްތައް ކުރަމުންދާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގައި ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. އަދި އެގޮތައް ކަންތައް ކުރައްވާ ފަރާތަކީ، ޤާނޫނީ ވަކީލެއްނަމަ، އެފަރާތެއްގެ ވަކާލާތުކުރުމުގެ ހުއްދަ، ވަކި މުއްދަތަކަށް ނުވަތަ ދާއިމީ ގޮތުން ބާތިލުކުރެވޭނެކަމުގައިވެސް، ސުޕުރީމް ކޯޓުން ބުނެފައިވެއެވެ.

ކޯޓުތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

sup

ބައެއްފަރާތްތަކުން ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތްކެނޑޭނެފަދަ ގޮތަކަށް ވާހަކަތައް ދައްކަމުން ދާތީ ، އެފަދަ ގޮތްގޮތައް ކަންތައްތައް ކުރަމުންދާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ. ސުޕްރީމްކޯޓުން މިކަން ހާމަކޮށްފައި ވަނީ މިއަދު އެކޯޓުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ކޯޓުތަކުން ޝަރީއަތްކުރުމުގައި ތިން މަރުހަލާއެއް ކަނޑައަޅާފައި ވާކަމަށާއި، ކޯޓުތަކުގެ ނިންމުންތަކާމެދު ހިތްހަމަނުޖެހޭނަމަ، އެފަދަ ފަރާތްތަކުން ކަންތައް ކުރަންޖެހޭނެ ގޮތަކީ، އެމަރުހަލާތަކުގައި އިސްތިއުނާފު ކުރުމެވެ. ނަމަވެސް ބައެއް ފަރާތްތަކުން އިސްތިއުނާފު ކުރުމަކާއި ނުލާ ނުވަތަ އިސްތިއުނާފު ކުރުމުގެ ފަހުންވެސް، އަމިއްލަ ވަކި މަޤުސަދެއް ހާސިލުކުރުމަށްޓަކައި، ކޯޓުތަކުން ކޮށްފައިވާ ޙުކުމުގައި ސާފުކޮށް ބުނެފައިވާ ވާހަކަތަކުގެ މާނަ އޮޅުވާލައިގެން، ނުވަތަ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ވާހަކަތައް ފަތުރަމުން ދާކަމުގައި ސުޕްރީމްކޯޓުން މައުލޫމާތުދެއެވެ.
ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ނޫސްބަޔަނުގައި ބުނެފައި ވަނީ، އެއްވެސް މަޤުސަދަކަށްޓަކައި، ޤާނޫނަށް ބޯނުލެނބުމުގެ އެއްވެސް އޮއިވަރެއް ފަތުރަމުންދާ ފަރާތްތަކާމެދު، ސުޕްރީމް ކޯޓުގެ ޤަވާއިދާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ކޯޓުތަކުގެ ޙުރުމަތް ރައްކާތެރި ކުރުމުގެ ޤަވާއިދުގެ އިތުރުން ޤާނޫނީވަކީލުނާބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެފަދަ ކަމެއްކުރާ ފަރާތަކީ ޤާނޫނީ ވަކީލެއްކަމުގައި ވާނަމަ، އެފަރާތެއްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ވަކި މުއްދަތަކަށް، ނުވަތަ ދާއިމީގޮތުން ބާތިލުކުރެވޭނެކަމުގައިވެސް ސުޕްރީމް ކޯޓުން އަންގާފައިވެއެވެ.

އެސްޓީއޯގެ ބޭސްފިހާރަތަކުން އަމާނާތަކަފުލް ކަސްޓަމަރުންނަށް ޚިދުމަތްދެނީ

amaanatakaful-31-10-2016

އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަހީރު އެވެ. އަމާނާތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަރީޒު ސުލައިމާނު އެވެ.

އެސްޓީއޯގެ މެނޭހިންގ ޑިރެކްޓަރ ވިދާޅުވީ އަމާނާތަކަފުލްގެ ކަސްޓަމަރުންނަށް އެ ކުންފުނީގެ ބޭސްފިހާރަތަކުން ޚިދުމަތް ލިބޭނީ އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ކަމަށާއި އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކުންވެސް އެފަރާތްތަކަށް ޚިދުމަތް ލިބޭނެ ކަމަށެވެ.

އަދި އަމާނާތަކަފުލް އަކީ ގިނަ ބައެއްގެ އިތުބާރުލިބި، ޚިދުމަތް ހޯދަމުން އަންނަ ކުންފުންޏެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމާނާތަކަފުލް ރާއްޖޭގައި އިންޝުއަރެންސް ޚިދުމަތް ދެމުން ގެންދާތާ މިހާރު ވަނީ 10 އަހަރުވެފައެވެ.

 

 

 

ހަކަތަބޭނުންކުރާ މިންވަރާ ބެހޭ ދިރާސައެއްކުރަން ހަވާލުކޮށްފި

timthumb

އެނަރޖީ އެފިޝެންސީއާއި މެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ޙަވާލުކޮށްފިއެވެ. މިއީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުން ކުރިއަށް ގެންދާ ދިރާސާއެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެނަޓް އެންޑް އެނާޖީއިން މައުލޫމާތުދެއެވެ. މީގެ އިތުރުން މީ ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ދިރާސާކަމަށް މިނިސްޓްރީއިން ހާމަކުރައްވައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޞިލް އަބްދުލް މަތީން މުޙައްމަދު އެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ހަމީޒެވެ .

މިނިސްޓްރީއިން ބުނީ މިދިރާސާއިން އެނަރޖީ އެފިޝަންސީ އާއި ބެހޭގޮތުން ޢާއްމުންގެ ހޭލުންތެރިކަން ހުރި މިންވަރާއި ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރާއި، ހަކަތަ ބޭނުންކުރާ މިންވަރު މަދު ކުރުމުގައި ދިމާވާ ދަތިތަކާއި، މީގެ އިތުރުން ކަރަންޓް ސާމާނު ގަތުމުގައި މީހުންގެ ވިސްނުން ހުންނަ ގޮތުގެ މައުލޫމާތު އެއްކުރެވޭނެކަމަށެވެ. މި ދިރާސާ ކުރުމަށް ހަމަޖެހިފައި ވަނީ މާލެއާއި އތޮޅުތެރޭގެ ރައްތައް ހިމެނޭ ގޮތަށެވެ.

މި ދިރާސާ ކުރުމަށްފަހު، ދިރާސާއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި، އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 490000 ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރްމެންޓް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ބޭލްގެ ކޮންޓްރެކްޓް އާވެގެން ދިޔައިރު މުސާރަ ރެކޯޑްމިންވަރަކަށް

beyl

ވޭލްސްގެ ގެރެތް ބޭލް ރިއާލް މެޑްރިޑާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ފަސް އަހަރަށް އަވެގެން ދިޔައިރު މުސާރަ ރެކޯދްމިންވަރަކަށް މަށްޗަށް ޖެހިލައިފިއެވެ.

ބޭލްގެ އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރު ކުރުމުން މުސާރައިގެ ގޮތުގައި ހަފުތާއަކު 600،000 ޕައުންޑް ލިބޭނެއެވެ. އަދި އިންކަމް ޓެކްސްއަށް ކެނޑުމުން އޭނާ އަށް 350،000 ޕައުޑް  ލިބޭނެއެވެ. މިއަދަދާއެކު އޭނާ ވެފައިވަނީ މިވަގުތު ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއްކުޅުންތެރިޔަކަށެވެ.  ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް މިހާރު ލިބެނީ 290،000 ޕައުންޑެވެ.

ބޭލްގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރު ޖޫން މަހުގެ 30 ނިޔަލަށެވެ.

58 މިލިއަން ޕައުންޑްގެ ޓްރާންސްފާގެ އަގަކަށް އިނގިރޭސި ކުލަބު ޓޮޓެންހަމް ހޮސްޕާއިން 2013 ވަނަ އަހަރު ރޭއާލްއާ ގުޅުނު ބޭލް ފުރަތަމަ ކޮންޓްރެކްޓް ހެދީ 6 އަހަރު ދުވަހުގެ މުއްދަތަށެވެ.

ބޭލްގެ އިތުރުން މިމަހު ރެއާލްގެ ކޮންޓްރެކްޓް އާ ކުރި އެހެން ކުޅުންތެރިންގެ ތެރޭގައިލުކާ މޮޑްރިޗާއި ޓޯނީ ކްރޫޒްގެ އިތުރުން ލޫކަސް ވަޒްކްއޭޒް ހިމެނެ އެވެ. ބެލެވޭގޮތުގައި ރޮނާލްޑޯވެސް ވަރަށް އަވަހަށް ރެއާލްގެ ކޮންޓްރެކްޓް އާ ކުރާނެއެވެ.

ކެނެޑާ އާއި އީޔޫ އާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމުވުގައި ސޮއިކޮށްފި

bn-qn419_eucana_gr_20161030081913

ގިނަދުވަސްތަކެއްވަންދެން ފަސްކޮށްފައި އޮތް އޮތުމަށްފަހު ޔޫރަޕިއަން ޔޫނިއަން(އީޔޫ)އިން ކެނެޑާ އާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ސޮއިކުރުން ލަސްވެފައި އޮތީ، ބެލްޖިއަމް އިން މިކަމާ ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުންނެވެ.

ބެލްޖިއަމުން މިކަމާ ދެކޮޅު ހަދަމުން ދިޔަސް، ހުކުރުދުވަހު ވަނީ އީޔޫގެ 28 ގައުމުން މި އެއްބައްސްވުމުގައި ސޮއިކުރުމުގެ ހުއްދަދީފައެވެ. “ކޮންޕުރެހެންސިވް އިކޮނޮމިކް އެންޑް ޓްރޭޑް” އެގްރީމެންޓުގައި ސޮއި ކުރުމަށް، ހުރިހާ އީޔޫގެ ގައުމުތަކުގެ އެއްބާރުލުން ބޭނުންވިއެވެ.

މި އެގްރީމެންޓުގެ ދަށުން ޑިއުޓީ ފީއިން 99 އިންސައްތަ ކަނޑާލެވޭނެއެވެ. އޮފިޝަލުން ލަފާ ކުރާ ގޮތުގައި، މިއެއްބަސްވުމާ ގުޅިގެން، ވިޔަފާރީގެ ގޮތުންބަލާއިރު 12 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް އަންނާނެއެވެ.

ކުޅުދުއްފުއްޓާއި މާފުށި ނަރުދަމާއިން ނަގާ ޓެރިފް 100 ރުފިޔާ އިން 30 ރުފިޔާއަށް ކުޑަކޮށްފި

fazul1

ކުޅުދުއްފުއްޓާއި ކ. މާފުށި ނަރުދަމާއިން އެމްޑަބްލިއުއެސްސީން ނަގާ ޓެރިފް މާދަމާ އިން ފެށިގެން 100 ރުފިޔާ އިން 30 ރުފިޔާއަށް ކުޑަކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގައި މިހާރު ކުރިޔަށް ދާ  ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭގިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިއީ ސަރުކާރުގެ އިސްނެގުމެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

ފަޒުލް ވިދާޅުވީ މި ބަދަލާ އެކު ކުޅުދުއްފުށިން އަހަރެއްގެ މައްޗަށް އެމްޑަބްލިޔު އެސްސީއަށް ލިބޭ ފައިސާ 12 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ހދ. މަކުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ، ކުޅުދުއްފުށީގެ ނަރުދަމާ ޓެރިފް ކުޑަ ކުރާނެކަން އިއުލާން ކުރައްވައިފަ އެވެ.

ހދ. ކުޅުދުއްފުއްޓާއި މާފުއްޓަކީ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންސް ސެންޓަރު ގާއިމުކޮށްފައިވާ ދެ ރަށެވެ.

ފަޒުލް ވިދާޅުވީ އެ ބަދަލާ އެކު ކުޅުދުއްފުށިން އަހަރެއްގެ މައްޗަށް ލިބޭ ފައިސާ އިން 12 މިލިއަން ވަރަކަށް ރުފިޔާ އެމްޑަބްލިއުއެސްސީއަށް ގެއްލޭނެ ކަމަށެވެ.

މަޚުލޫފް ފަރުވާއަށް ގެއަށް ބަދަލުކުރަންޖެހޭ- ނަޝީދު

mahey

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ކުށާއި، މުޒާހަރައެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމުގެ ކުށުގައި 10 މަސްދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަޙުމަދު މަޚްލޫފް ފަރުވާއަށް ގެއަށް ބަދަކުރަނ ޖެހޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަޚްލޫފް ބަލިވެ އުޅުއްވާކަމަށް އާއިލާއިން ވިދާޅުވާތީ އޭނާ ފަރުވާއަށް ގެއަށް ބަދަލުކުރަން ޖެހޭ ކަމަށާއި، ކަރެކްޝަންސްއިން މިކަމުގައި ފަރުވާ ކުޑަ ކުރުމަކީ، މަޚުލޫފަށް ދެވޭ އަނިޔާއެއް ކަމަށެވެ.

މަޚުލޫފުގެ އާއިލައިން ބުނެފައިވަނީ، އޭނާ ޖަލަށް ގެންދިއުމުގެ ފަހުން އެލާޖިކުގެ މައްސަލަތައް ކުރިއަށްވުރެ ބޮޑުވެފައި ވާކަމުގައާއި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ބިރުވެސް އެބަ އޮތަކަމަށާއި، ޖަލުގައި 3މަސްދުވަސް ވީއިރުވެސް ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭކަމަށެވެ. މަޚުލޫފައި ދޭތެރޭ ކަންތައް ބަހައްޓަގޮތް އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށައަޅަފައެވެ.

މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާވެސް ކެންސަލް

majlis

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރާނެ މަސައްކަތެއް އެޖެންޑާކޮށްފައި ނެތުމުން ޖަލްސާ ކެންސަލު ކޮށްފިއެވެ. މަޖިލީހުގައި އެންމެ ފަހުން ޖަލްސާއެއް ބައްވާފައިވަނީ، އޮކްޓޯބަރުމަހުގެ 20 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން ކޮންމެ ހަފްތާއެއްގެ، ހޯމަ، އަންގާރަ އަދި ބުދަ މިތިންދުވަހު  މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭނެއެވެ.

މަޖިލީހުގައި އެންމެފަހުން ބޭއްވި ޖަލްސާގައި، ރިސޯޓުތަކުގައި، އަދި ޓޫރިޒަމް މެނޭޖްމަންޓް ދާއިރާގައި މަދުވެގެން 50 އިންސައްތަ ވަޒީފާގެ ފުރުސަތު ދިވެހީންނަށް ދޭންޖެހޭނެކަމަށް ބުނާ އިސްލާޙް ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައުމަށް، ކާށިދޫ ދާއިރާގެ ޖުމްހޫރީޕާޓީ މެންބަރ ފައިސަލް ނަސީމު ހުށައެޅުއްވި އިސްލާޙަށް ބަހުސްކުރުމަށްފަހު، އެ އިސްލާޙަށް ވޯޓަށް އެހުމުން، އިސްލާޙުވަނީ ބޭރުކޮށްލާފައެވެ. އެ ޖަލްސާގައި، އޮޑިޓް އޮފީހަށް މިއަންނައަހަރު މާލިއްޔަތު ކޮމެޓީއިން ދިނުމަށް ކަނޑައަޅާފައިވާ 45 މިލިއަން ރުފިޔާފެ ބަޖެޓު ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މަސީހު މަޖިލީހުގައި އެހުންނެވީ ސަރުކާރުގެ ރަބަރު ސްޓޭމްޕެއްގެ ގޮތުގައި – ރިޔާޒް

riyaaz-jp

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުގައި އެ ހުންނެވީ ސަރުކަރު ޒިންމާދާރުކުރުމަށް މެންބަރުންނަށް ފުރުސަތުނުދީ ސަރުކާރުބޭނުންވާގޮތަށް ކަންތަށްތަށް ކުރުމަށް ބޭނުންކުރާ ރަބަރު ސްޓޭމްޕެއްގެ ގޮތުގައި ކަމަށް  ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހަކީ ރައީސް ޔާމިން އަންގާ ކޮންމެ ގޮތަކަށް އަމަލުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމުގައި މަސީހް ހުންނަވައިގެން މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް ޖަލްސާތައް ކުރިއަށް ނުގެންދަވާ ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތުވެސް މެންބަރުންނަށް ނުދެއްވާ ކަމަށް ރިޔާޒު ވިދާޅުވި އެެވެ.

އަބްދުﷲ ރިޔާޒު ވިދާލުވީ  24 ގަޑިއިރުގެ ތެރޭގައި ގާނޫނު އަސާސީއަށް ބަދަލުގެނެސްފައިވަނީ  މަސީހުގެ ބެލުމުގެ ދަށުން ކަމަށާއި، އެވަރުގެ ބޮޑު ކަމެއް ކޮށްފައިވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައެއް ހޯއްދެވުމަކާ ނުލައި ކަމަށެވެ.

“މާލަސްވެސް ވެއްޖެ މަސީހު މަގާމުން ދުރުކުރަން. މަސީހު މަޖިލީހުގެ ރައީސަކަށް ހުރެގެން މުޅި ވެރިކަމުގެ ސިސްޓަމް މިވަނީ މަސްހުނިކޮށްލާ ބަދަލުކޮށްލާފައި.  އެ ހުންނަނީ އެކަން ކޮށްލައިގެން. ހަމަ ސަރުކާރުގެ ރަބަރު ސްޓޭމްޕްގެ ގޮތުގައި.  ސަރުކާރުން ހުށަހެޅި ހުށަހެޅުއްވުމަށް އަކުރެއްވެސް ފިއްޔެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ އުސޫލުތައް ވަނީ ބަދަލު ކޮށްފައި.މިނިސްޓަރަކާ ސުވާލު ކުރުމުގެ ފުރުސަތު މެންބަރަކަށް ނުދޭ” ކިނބިދޫދާއިރާގެ ރައްިޔުތުންގެ މަޖިލީހުގެ މެންބަރ އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ކަންކަން ކުރެވި ގައުމު ވިއްކާލިއިރު، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް މެންބަރުންނަށް އެކަށީގެންވާ ވަގުތުވެސް މަސީހު ނުދެއްވާ ކަމަށެވެ. އެހެންކަމުން މަސީހަށް އޭނާގެ އިތުބާރުނެތް ކަމަށާއި، މަސީހު މަގާމުން ވަކިކުރެއްވުމަށް ވޯޓް ދެއްވުމަށް ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ނަސޭހަތް ދެއްވާ ވަކާލާތު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މާ ލަސްވެއްޖެ ކަމަށް ރިޔާޒު ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.