ތިނަދޫގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގދ.ތިނަދޫގެ ބައެއް މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތިނަދޫ ބައެއް މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި ތިނަދޫ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތުގެ ދަށުން ތިނަދޫގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ތިން ސަރަހައްދެއްގައި އިއްޔެއިން ފެށިގެން ފެންހިއްކާ ޕަމްޕު ބަހަށްޓައިގެން ފެންހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަދި މިއަދާއި ހަމަޔަށް 25 ގެއެއް، ފެނުން ރައްކާތެރިކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ރޯ ހައުސްއެއްގައި ރޯވެ، ދެ އާއިލާއެއް ހާލުގައި ޖެހިއްޖެ

ނައފަރު ކައުންސިލުން ބުނީ، މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ދެވަނަ ފަންގިފިލާގައި ހުންނަ ދެ އެޕާޓްމަންޓެއްގައި ކަމަށެވެ. ރޯވި އަލިފާންގަނޑު ސިފައިންނާއި ފުލުހުން އަދި އާންމުން ގުޅިގެން ނިއްވާލި އިރު، ރޯވި އެޕާޓްމެންޓަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެއެވެ.

ނައިފަރު ކައުންސިލުން ބުނީ، ރޯވި އެޕާޓްމަންޓުގައި އުޅެމުންދިޔައީ ވެލިދޫ އާއިލާ އަކާއި ނައިފަރު އާއިލާއެއް ކަމަށެވެ. އަދި އެތަނުގައި މުޅިއަކު އަށް މީހުން ދިރިއުޅޭއިރު، ތިން ކުޑަކުދިންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.

ދެ އާއިލާ މިހާރު ތިބީ ދަނާލަށް ބަދަލުކޮށް ކޮންމެ އާއިލާ އަކަށްވެސް ރޫމެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ނަމަވެސް ދާއިމީ ހިޔާވަހި ކަމެއް ދެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް މައުލޫމާތުދެއެވެ.

ސްޓްރޯބެރީ ބަރުކޮށްގެން އައި ދޯންޏެއް އަޑިއަށް ހިނގައްޖެ

ސްޓްރޯބެރީ ބަރުކޮށްގެން މާލެ އައި ދޯންޏެއް އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުލެއިން މުދާ ބަރުކޮށްގެން މާލެ އައި އެ ދޯނި އަޑިއަށްދިޔައީ ޓީޖެޓީ ސަރަހައްދަށް ކަމަށާއި، އެ ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އަދި ބުނީ، ދޯނީގައި މައިގަނޑު ގޮތެއްގައި ހުރީ ސްޓްރޯބެރީ ކަމަށާއި ފަޅުތެރޭގައި ސްޓްރޯބެރީތައް ނަގައި ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަޑިއަށް ގޮސްފައިވަނީ “ކޮރަލް 2” ނަމަކަށް ކިޔާ ދޯންޏެކެވެ. ދޯނި އަޑިއަށް ދިޔަ އިރު، އެ ދޯނީގައި ތިބީ ދެ މީހުންނެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިސްރުގައި ސްޓްރޯބެރީ މޫސުން ކަމުން ރާއްޖޭގައި މިހާރު ސްޓްރޯބެރީ ތިޔާގިވެ، އަގު ވަނީ ވަރަށް ބޮޑުތަނުން ހެޔޮ ވެފަ އެވެ. މީގެކުރިން 70 އަށް 50 ލިބޭ ސްޓްރޯބެރީ ފޮއްޓެއް މިހާރު 15 އަދި 20 ރުފިޔާއަށް ލިބެ އެވެ.

ކުރީގެ ނޫޓުތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރުމުގެ ސުންގަޑި މިރޭ ބާރަޖެހުމުން ހަމަވާނެ

ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންނުކުރެވޭ ގޮތަށް އުވާލައްވާފައިވާ ކުރީގެ ނޫޓުތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރުމުގެ ސުންގަޑި މިރޭ ބާރަޖެހުމުން ހަމަވާނޭކަމަށް ބޭންކް އޮފް މޯލްޑިވްސުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ކޮށްފަވާ ޓްވީޓެއްގައި ވަނީ، ނޫޓުތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރުމުގެ ސުންގަޑި މިރޭ ބާރަޖެހުމުގެ ނިއަލަށް ހަމަވާތީ، އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ބީއެމްއެލްއިން ބުނީ، އުވާލާފައިވާ ކުރީގެ ނޫޓްތައް މިރޭ ބާރައިގެ ފަހުން އޭޓީއެމް މެދުވެރިކޮށް ޖަމާނުކުރެވޭނޭކަމަށެވެ.

އޭޓީއެމް މެދުވެރިކޮށް ކުރީގެ ނޫޓްތައް ޖަމާކުރުމުގެ ސުންގަޑި މިރޭ ހަމަވާއިރު، ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންނުކުރެވޭ ގޮތަށް އުވާލައްވާފައިވާ ކުރީގެ ނޫޓްތަކަށް ބޭންކްތައް މެދުވެރިކޮށް ބަދަލުކުރުމުގެ ސުންގަޑިވެސް މިރޭ ބާރަޔަށް ހަމަވާނޭކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ

ނަމަވެސް2021 ވަނައަހަރުގެ ޖުލައިމަހުގެ ނިޔަލަށް މަރުކަޒީ ބޭންކް މެދުވެރިކޮށް ކުރީގެ ނޫޓްތައް ރަންދިހަ ފަހެއް ނޫޓްތަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނޭކަމަށް އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ބޭނުންކުރުމަށް ރަންދިހަފަހެއް ނަމުގައި އައާ ނޫޓްތަކެއް ތައާރަފްކޮށްފައިވަނީ، މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައެވެ.

ސެޓިފިކެޓް އޮފް އައިޑެންޓިޓީ ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފި

ޕާސްޕޯޓަށް ދިމާވާ މައްސަލައަކާއި ގުޅިގެން ޕާސްޕޯޓު ހެދެން ނެތް ހާލަތްތަކުގައި ރާއްޖެ އެނބުރި އައުމަށް ދޫކުރާ ރަސްމީ ލިޔުން ނުވަތަ ސެޓިފިކެޓް އޮފް އައިޑެންޓިޓީ ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފި އެވެ.

އިސްލާހު ގެނެސް  މިހާރު ގެޒެޓްކޮށްފައިވާއިރު ގަވާއިދުގައި ބުނަނީ ލިޔުން ދޫކުރާނެ އިތުރު ދެ ހާލަތެއް ވަނީ ހިމެނޭކަމަށެވެ. އެއީ ބޭރު ގައުމެއްގައި ހުރި ދިވެހިރައްޔިތެއްގެ ޕާސްޕޯޓްގައި ވިސާ ޖެހުމަށް ފޮރިން މިޝަނަކާ ހަވާލުކޮށްފައިވާ ހާލަތްތަކުގައި ރާއްޖެއަށް އެނބުރި އައުމަށެވެ. އޭގެ އިތުރަށް މި ލިޔުން ދޫކުރަނީ ބޭރުގައި ހުއްޓާ ޕާސްޕޯޓް ހަލާކުވާ ހާލަތްތަކުގަ އެވެ.

މި ހާލަތްތަކުގެ އިތުރުން ވެސް ކޮންޓްރޯލާ އޮފް އިމިގްރޭޝަންއަށް ފެނިއްޖެ ހާލަތެއްގައި ލިޔުން ދެވިދާނެ ކަމަށް ވެސް ގަވައިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

ސެޓިފިކެޓް އޮފް އައިޑެންޓިޓީ ދޫކުރާނީ ރާއްޖެއިން ބޭރުގައިވާ ރާއްޖޭގެ ފޮރިން މިޝަންތަކުންނެވެ. ކުރިން މި ލިޔުން ދޫކުރަނީ ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާފައިނުވާ ކުދިން ރާއްޖެއަށް ގެނައުމަށާއި ބޭރުގައި ހުއްޓާ ޕާސްޕޯޓް ގެއްލިގެން ރާއްޖެ އައުމަށެވެ.

އެއްބަސްވުމަށް ފަހުގައިވެސް ހަމަލާ ބަދަލުކުރުންތައް ސީރިޔާގައި ކުރިއަށްދަނީ

އިއްޔެގެ ވަގުތެއްގައި ސީރިޔާގެ ސަރުކާރަށް އެގައުމުގެ ދާޙިލީ ހަނގުރާމައިގައި ސަރުކާރަށް އެހީތެރިވަމުންގެންދާ ރަޝިޔާއިން އިއުލާންކުރި ހަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމަށް ފަހުގައިވެސް ސީރިޔާގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގައި ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާކަމަށް ދަ ސީރިޔަން އޮބްޒާރވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފިއެވެ. ސީރިޔާގެ ސަރުކާރަށް އެހީތެރިވެދޭ ރަޝިޔާ އަދި އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވެދޭ ތުރުކީވިލާތުން ގެރެންޓަރުންގެ ގޮތުގައި ހަރަކާތްތެރިވާގޮތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ހަމަލާ ބަދަލުކުރުންތައް ވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުން ފެށިގެން ހުއްޓާލުމަށް އެއްބަސްވެވިފައެވެ.

މި އެއްބަސްވުމުގައި ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް ފަދަ ގުރޫޕުތައް ނުހިމެނޭއިރު އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކަކީ ސީރިޔާގެ ސަރުކާރުގެ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްކަމަށް ވަނީ ބެލެވިފައެވެ. ސީރިޔާގެ ހަމާ ޕްރޮވިންސްގައި ހަމަލާބަދަލުކުރުންތައް ފެށިގެން ދިޔަ އިރު މީގެ އިތުރުންވެސް އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ވާޑީ ބަރަޑާއަށް ވެސް ވަނީ ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. ސީރިޔާގެ ސަރުކާރުން ވަނީ މިއީ ސަރުކާރަށް ވަފާތެރި ސިފައިން ދިން ހަމަލާތަކެއް ނޫންކަމަށް ބުނެފައެވެ.

އިންޑިޔާގެ ފައިސާ ބަދަލުކުރެވޭ މުއްދަތް ހަމަވެގެންދާ އިރު އަދިވެސް ބޮޑެތި ކިޔުތަށް ބޭންކްތައް ދޮށުގައި

އިންޑިޔާގެ ސަރުކާރުން މިދިޔަ ނޮވެމްބަރ މަހު އެގައުމުގެ 500 ރުޕީސް އަދި 1000 ރުޕީސްގެ ނޫޓުތައް ބޭނުންނުކުރެވޭ ގޮތް ހެދިއިރު މިހާރު އަތުގައި ހުރި 1000 ރުޕީސް އަދި 500 ރުޕީސްގެ ފައިސާ ނޫޓުތައް ބަދަލުކުރުމުގެ ފުރުސަތުވެސް މިއަދުންފެށިގެން ބަންދުވެގެންދާނެއެވެ. މިހެންވުމުގެ ސަބަބުން ކުރީގެ ނޫޓުތައް ބަދަލުކުރުމަށްޓަކައި އިންޑިޔާގެ ރައްޔިތުންދަނީ ރެޔާއި ދުވާލުގެ ގިނަ ވަގުތުތަކެއް އޭޓީއެމް މެޝިންތައް އަދި ބޭންކްތައް ދޮށުގައި ދިގު ކިޔުތަކެއް ހަދައިގެން އިންތިޒާރުގައި ތިބެމުންނެވެ.

އިންޑިޔާގެ ފައިސާ އުފައްދާ ޑިސްޕެންސަރުތަކުގެ 40 އިންސައްތަ އެއްހާ މިންވަރު ވަނީ ހުސްވެފައެވެ. މިކަމުގެ ސަބަބުން ރައްޔިތުން ބަދަލުކުރުމަށް ހަވާލުކުރި ފައިސާތައްއާ ނޫޓު ތަކުގެ ގޮތުގައި އަބުރާ ލިބުމުގެ މަގުވެސް ވަނީ މެދުކެނޑިފައެވެ. މި ހުރިހާ ކަމަކާއި ދެކޮޅަށް ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު ސަރުކާރުން މި ފިޔަވަޅު އަޅައިފައި މިވަނީ އެންމެ އެދެވޭ ގޮތަކަށް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޗެލްސީގެ ކޯޓުއާ ގެނައުމަށް ރެއާލްއިން މަސައްކަތްކުރަނީބާ؟

ރެއާލް މެޑްރިޑްއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ސްކޮޑް އޮތް ޓީމެވެ. ނަމަވެސް މި ޓީމު މިހާރަށްވުރެންވެސް އިތުރަށް ވަރުގަދަކުރުމަށްޓަކައި ރެއާލްގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރެއާލްގެ ބަލި ފައެއް ކަމަށް އެންމެ ގިނަ ބަޔަކު ބުނާނެ ޕޮޒިޝަނަކީ ގޯލްކީޕަރު ޕޮޒިޝަނެވެ. މި ފަހަކަށް އައިސް ކޭލޯ ނަވާސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް ޒުވާން މޮޅު ކީޕަރެއް ޓީމަށް ގެނައުމަށް ރެއާލް އިން މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

މެންޗެސްޓާރ ޔުނައިޓެޑްގެ ޑޭވިޑް ޑެ ހެއާ ގެނައުމަށް ރެއާލް އިން ދިޔައީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ހުވަފެން ތެދަކަށްވާން ވަރަށް ކައިރިވީ ނަމަވެސް ޕްރެމިއާރ ލީގުގެ އެންމެ މޮޅު އެއް ކީޕަރު ދޫކޮށްލުމަށް ޔުނައިޓެޑުން އެއްބަސްނުވުމުގެ ސަބަބުން އެ ހުވަފެން ވަނީ ހަގީގަތަކަށް ނުވެފައެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ޙަބަރުފަތުރާ ދަ ސަން ނޫހުން ވަނީ ވަރަށް ފަހުން ރެއާލް މެޑްރިޑުން ޗެލްސީގެ ތިބޯ ކޯޓުއާ ގެންނަން މަސައްކަރްކުރަމުންދާ ކަމުގެ ހަބަރުތަކެއް ފަތުރައިފައެވެ. މި ހަބަރާއި އެކު ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަށް އުފާވެރިކަމެއް ލިބިގެންދާއިރު ކޯޓުއާ އަކީ ސްޕެއިންއަށް އާ ކުޅުންތެރިޔެއް ނޫނެކެވެ. ތިން ސީޒަން ލޯނުގެ ގޮތުގައި ރެއާލްގެ ވާދަވެރި އެތްލެޓިކޯ މެޑްރިޑްއަށް ކުޅެދީފައިވާ ކޯޓުއާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރެވެ. ކޯޓުއާ ރެއާލް އަށް ބަދަލުވެއްޖެ ހާލަތެއްގައި ރެއާލްގެ ގޯލްކީޕިންގް މައްސަލަތަކަށް ވަގުތުން ވަގުތަށް ހައްލެއް ލިބިގެންދާނެއެވެ. އެކަމަކު މި ބަދަލު ރެއާލްއަށް ހަގީގަތަކަށް ހެދިދާނެބާ؟

އެހެން ދީނަކަށް ނޫޅެވޭތީ ފިއްތުން އަޔަސް، އިތުރު ދީނަކަށް ފުރުސަތެއް ނެތް: ރައީސް

86104_6642d8e8-7_

ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތީތީވެ، ރާއްޖެއާ ދޭތެރޭ ބައެއް ފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅެމުންދާ ދިއުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށާއި އެހެނަމަވެސް އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

ތަހުނިޔާގެ ޚިތާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ، ހަމައެކަނި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އަގީދާގައި ފައިތިލަ ސާބިތުކޮށްގެންތިބި ބަޔަކަށްވާތީ، އެއީ ރާއްޖެއާ ދޭތެރޭ ބޭރުގެ ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވެފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިތާބުގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި އަގީދާގެ މަތީގައިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގައި” ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިފައިވުން ކަމަށެވެ. އަދި އިސްލާމީ މުޖްތަމައެއްގައި އެންމެބޮޑު އިސްކަމެއްދެނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ މުޖްތަމައުގެ މަސްލަހަތައްކަމުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، މުޖުތަމައުގެ މަސްލަހަތު ރައްކާތެރި ކުރެވޭނީ، އެ މުޖުތަމައެއްގެ އަފްރާދުންގެ ހައްގުތައް ރައްކާތެރި ކުރެވިގެންކަމަށާއި، ދިވެހިންނަކީ އެއްދީނަކަށް ތަބާވެގެންތިބި އެއްބަހަކުން ވާހަކަދައްކާ މުސްލިމުންކަމުގައި ވީހިނދު، ދިވެހިންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ވަރަށް މަތިވެރި ގުޅުމެއްކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތިގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ބެލްކަނީގެ ބައެއް ވެއްޓި ކޮޓަރިއެއްގެ ތެރޭގައި ތާށިވި މާބަނޑު އަންހެނަކު ސަލާމަތްކޮށްފި

l_148308063135rlgo

މާލޭގެ ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓި، ކޮޓަރިއެއްގެ ތެރޭގައި ތާށިވެފައި ހުރި މާބަނޑު އަންހެނަކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ސަލާމަތްކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، ހ. ސީ ސްޕީޑު ގޭގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި މާބަނޑު އަންހެންމީހާ ތާށިވީ ލަކުޑިން ހަދާފައި ހުރި ބެލްކަނީގެ ބައެއް ކޮޓަރި ތެރެއަށް ވެއްޓުމުގެ ސަބަބުން ކަމަށެވެ. ކޮޓަރި ދޮރޯއި ދިމާލުން ބެލްކްނިން ބައެއް ވެއްޓުމުން އޭނާ ނިކުންނޭނެ އެއްވެސް ގޮތެއް ނެތުމުން އަންހެން މީހަވަނީ ކޮޓަރިތެރޭ ތާށިވީ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިއަދު ހެނދުނު 10:00 ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ގޮސް އެ އަންހެންމީހާ ސަލާމަތްކޮށްދީފައިވާ ކަމަށާއި އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.