“އަހަރެންގެ ބެންކު” މުޖްތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަހަރާކާތްތަކެއް

ދިވެހި މުޖުތަމައަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް  ބީއެމްއެލް އިން މިއަހަރުގެ ތެރޭގައި ހިންގާނެ ހަރަކާތްތަކަކާ އެކު އެ ބޭންކުގެ ކޮމިޔުނިޓީ ޕްރޮގްރާމް، “އަހަރެންގެ ބޭންކް” މިރޭ އިފްތިތާހުކޮށްފި އެވެ.

ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމުއިއްޔާ ޖަމާއަތްތަކުގެ އިސްވެރިން ބައިވެރިވެގެން މިރޭ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ އެ ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން، ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހޮވުމަށް ފަހު އެ މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އެފަރާތަކަށް 200،000 ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވީ، 270،000 ކަސްޓަމަރުންނާއެކު ބީއެމްއެލް މިހާރުވެސް ވަނީ ކޮންމެ ދިވެހި އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައި ކަމަށެވެ. އެންޑްރޫ ވިދާޅުވި ގޮތުގައި “އަހަރެންގެ ބޭންކް” ޕްރޮގްރާމް ބުނެދޭނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލްކުރަން އަޒުމްކަނޑައަޅާފައިވާ ކަންތައްތަކާއި އެކަމުން މުޖުތަމައަށް ކުރާނެ ފައިދާ އެވެ. މީގެ އިތުރުން މި ޕްރޮގްރާމުން ދެން ބުނެދޭނެ މުހިންމު އަނެއް ކަމަކީ އެންޑްރޫ ވިދާޅުވި ގޮތުގައި ބީއެމްއެލްއަކީ އަބަދުވެސް ދިވެހިންގެ ބޭނުންތައް ފުއްދައިދިނުމުގައި ވަރުބަލިވުމެއް ނެތި، ހިދުމަތުގެ ފެންވަރު ރަނގަޅު ތެމި ތިބޭނެކަމެވެ. ބީއެމްއެލް އަބަދުވެސް އޮންނާނީ ދިވެހިންގެ ބޭންކެއްގެ ގޮތުގައި ކަމުގެ ޔަގީންކަން އެންޑްރޫ ދެއްވި އެވެ.

“އަޅުގަނޑުމެން ދެކެން ބޭނުންވަނީ ދެވަނައެއް ނުވާ މި ދިވެހި ބޭންކަކީ ތިޔަ ބޭފުޅުންގެ ބޭންކުގެ ގޮތުގައި ބަލައިގަތުމަށް. ތިޔަ ބޭފުޅުންގެ
ދަރިންނަށް ތައުލީމު ފޯރުކޮށްދޭން ޖެހުނަސް، ތިބޭފުޅުން ގެޔެއް ގަންނަން ބޭނުންވިޔަސް އަދި ތިބޭފުޅުން ވިޔަފާރިއެއް ފެށުމަށް ބޭނުންވިކަމުގައިވިޔަސް މި ބޭންކު ވަނީ ތިބޭފުޅުންނާއެކުގައި،” އެންޑްރޫ ވިދާޅުވި އެވެ.

އާންމުންނަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ދެ އަހަރު ބީއެމްއެލް އިން ވަނީ އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އެ އަދަދު މިއަހަރުގެ ތެރޭގައި ދެ ގުނަ ކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވަމުން އެންޑްރޫ ވިދާޅުވީ، ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މިއަހަރު 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގާނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ އިސްބޭފުޅުން ވަނީ ބައިވެރިވެ ޑައިގެންފައެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަޝީދު އާއި ބައްދަލުކޮށްފި

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަޝީދު އާއި ބައްދަލުކޮށްފިއެވެ.

އެމެރިކާ ސަފީރު ކުރީގެ ރައީސް ނަޝީދާއި ބައްދަލުކުރައްވާފައިވަނީ، ސަފީރު ދިރިއުޅުއްވާ ސްރީލަންކާގެ ކޮލަމްބޯގެ ޖެފްސަން ހައުސްގައެވެ.

މިބައްދަލުވުމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހާރިޖީ ވަޒީރުކަން ކުރެއްވި އަހްމަދު ނަސީމު (ކެރަފާ ނަސީމް) އާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާމަން އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދު ހެނދުނުގެ މި ބައްދަލުވުމަކީ ވަރައް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެޝަބް އާއި ރައީސް ނަޝީދު ބައްދަލުކުރެއްވި އިރު އެމެރިކާގެ އާރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިގެން ކެޝަބް ފެބްރުއަރީ މަސް ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެއެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސަފީރު ކަމަށް އައްޔަން ކުރެއްވި ހުރިހާ ބޭފުޅުން މަގާމުން ދުރުކޮށް އެމަގާމުތަކަށް އާބޭފުޅުން އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނ. އެކުޅިވަރުގައި ރިސޯޓު ހަދަން އެސްޓީއޯއަށް ދީފި

ނ. އެކުޅިވަރުގައި ރިސޯޓު ތަރައްގީކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ނ. އެކުޅިވަރުގައި ރިސޯޓު ތަރައްގީކުރުމަށް އެސްޓީއޯއަށް ހަވާލުކޮށްފައިވާ ކަމަށާއި، އެރަށާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

ނ. އެކުޅިވަރަކީ 2008 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާއި ރިޓްޒް ކާލްޓަން ގުޅިގެން ރިސޯޓެއް ތަރައްގީކުރަމަށް ހުއްދަ ދީފައިވާ ރަށެކެވެ. ނަމަވެސް އެކި ސަބަބުތަކާހެދި އެރަށުގެ މަސައްކަތް ނުހިނގާ، ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް މިދިޔަ އަހަރު ދައުލަތުން ވަނީ އެރަށުގެ އެގްރިމެންޓު ބާތިލުކޮށް، ރަށް އަނބުރާ ސަރުކާރަށް ނަގާފައެވެ. 

 

 

އެމްޓީސީސީ އަށް 104 މިލިއަން ރުފިޔާ ފައިދާ

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 104.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާއްމުކުރައްވާފައިވާ އެކުންފުނީގެ 2016 ވަނަ އަހަރުގެ ވަގުތީ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީން 1.29 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. 2016 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 286.5 މިލިއަން ރުފިޔާ އެމްޑީސީސީއަށްް ލިބިފައިވާއިރު، ވިޔަފާރި ހިންގައިގެން 159.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޓީސީސީގެ މާލީ ބަޔާނަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެކުރިން ކުންފުނީގެ ފައިދާ އަކީ 123.3 މިލިއަން ރުފިޔާ ކަމަށެވެ.

ޑރ ޖަމީލް ރާއްޖެ ވަޑައިގަންނަވަނީ

ޑރ މުހައްމަދު ޖަމީލް އަހުމަދު މާލެ ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު ހަފުތާއަށް ލިބިއްޖެއެވެ.

އިތުރުބާރު ހުރި ފަރާތަކުން “ހަފުތާ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީގެ ނައިބުރައީސް އަދި މިހާރުގެ އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ މުހައްމަދު ޖަމީލު  ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ މުހައްމަދު ޖަމީލް ރާއްޖެ ވަޑައިގަންނަވަނީ ވަޅުޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށެވެ.

ސަރުކާއި އިދިކޮޅު ފަރާތްތަކުން އިދިކޮޅު އިއްތިހާދެއް އެކުލަވާލާ އެ އިއްތިހާދުގެ ލީޑަރަކީ ޑރ. ޖަމީލުކަން އިއުލާނު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ އިއްތިހާދުގައި ކާނަލް ނާޒިމް އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، އަދާލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީ ބައިވެރިވެއެވެ. އަދި އިއްތިހާދު އެކުލަވާލާ ޝެޑޯ ކެބިނެޓެއްވެސް ވަނީ އެކުލަވާލާފައެވެ.

ޑރ މުހައްމަދު ޖަމީލް އަހުމަދު ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ހަބަރު ލިބުނު ނަމަވެސް ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޖަމީލު ރާއްޖެ ވަޑައިނުގަންނަވާނެއެވެ. ޕީޕީއެމްގެ މެންބަރަކު ވިދާޅުވީ، ފެއިލްވެފައިވާ ބަޔަކު އިތުރަށް ފެއިލްވުމަށް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ޑރ ޖަމީލު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އެ މަނިކުފާނު އޭރު ފުރަތަމަ ސްރީލަންކާ އަށް ފުރާވަޑައިގަތީ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޕީޕީއެމް މަޖިލިސް މެމްބަރުން ފާޅުގައި ވަކާލާތުކުރައްވަަމުން ދަނިކޮށް، ބޭސްފަރުވާ އަކަށް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ބޭސްފަރުވާ އަށް ފަހު، ރާއްޖެ ވަޑައިނުގެން، އެ މަނިކުފާނު ވަޑައިގަތީ އިނގިރޭސި ވިލާތަށެވެ.

ޖަމީލް މަގާމުން ވަކިކުރީ، މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެ ތުހުމަތުތަކަށް ޖަމީލު އިންކާރު ކުރައްވަ އެވެ.

 

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓާއެކު ތަރައްޤީކޮށްފައިވާ، ހުރަވަޅި މޯލްޑިވްސް ރައީސް ހުޅުވައިދެއްވައިފި

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓާއެކު ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ، ހުރަވަޅި މޯލްޑިވްސް ރިޒޯޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިރޭ ހުޅުވައިދެއްވައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ޗަމްޕާލާސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްގީކުރި 90 ރޫމް ގެ މި ރިސޯޓް މިރޭ ރަސްމީކޮށް ރައީސް ހުޅުވައި ދެއްވި ނަމަވެސް ޑިސެމްބަރު 1، 2016 ގައި ވަނީ އޮޕަރޭޝަނަށް ގެނެސް ހިދުމަތް ފަށާފަ އެވެ. ސީޕްލޭންގައި މާލޭން ފުރައިގެން 40 މިނެޓުން ދެވޭ ހުރަވަޅީގައި ހިމެނޭ 90 ވިލާގެ ތެރޭގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާ ހިމެނެ އެވެ.

ހުރަވަޅި ރިސޯޓުގައި ގާއިމް ކުރެވިފައިވާ “5.8”ގެ ނަމުން ނަން ދެވިފައިވާ ދުނިޔޭގެ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓުވެސް ވަނީ މިރޭ ހުޅުވައިދެއްވައިފައެވެ.މިރެސްޓޯރެންޓު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އެވެ.

މި ރެސްޓޯރަންޓަކީ ދުނިޔޭގައި މިހާތަނަށް ހަމައެކަނި ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓެވެ. މި ރެސްޓޯރަންޓުގައި އެއް ވަގުތެއްގައި 24 ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނެފަދަ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ހުރަވަޅި ރިސޯޓުގައި ހަދާފައިވާ ކަނޑު އަޑީގެ ރެސްޓޯރަންޓަކީ ކަނޑުގެ 5.8 މީޓަރު އަޑީގައި ހަދާފައިވާ 24 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ.މިއީ ދުނިޔޭގައި މިހާތަނަށް ހުޅުވާފައިވާ މިފަދަ އެންމެބޮޑު ރެސްޓޯރެންޓެވެ.

74 ފޫޓުގެ ދިގު މި ހާއްސަ ރެސްޓޯރެންޓް ވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓް ކަމަށްވާ ކޮންރެޑް މޯލްޑިވްސްގެ “އިތާ”  ރެސްޓޯރެންޓްވެސް ފަރުމާކުރި ނިއުޒީލޭންޑްގެ ކުންފުނިންނެވެ.

ހުރަވަޅި ރިޒޯޓުގައި 60 ވޯޓަރ ވިލާ އާއި 30 ބީޗް ވިލާ ތަރައްޤީކޮށްފައިވާއިރު މިރިސޯޓުގެ ބޭނުންކުރާ ކަރަންޓުގެ 60އިންސައްތަ ބޭނުންކުރަނީ އިރުގެ އަލިން ހަކަތަ އުފައްދައިގެންނެވެ. ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ބަލައިގެން ތަރައްޤީކުރެވިފައިވާ މި ރިޒޯޓްގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކުން  930 ކިލޯ ވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ވަނީ ގާއިމް ކުރެވިފައެވެ.

ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްގެ ނުރައްކާތެރި ރަށަކަށް ފޮނުވާލެވެނީ

މިޔަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޔާ މުސްލިމުންތަކެއް ބަންގްލަދޭޝްގެ ނުރައްކާތެރި ރަށަކަށް އެގައުމުގެ ސަރުކާރުން ފޮނުވާލަން އުޅޭ ކަމުގެ ޙަބަރުތަކެއް ވަނީ ފެތުރެންފަށައިފައެވެ. ބޭ އޮފް ބެންގާލްގައިވާ ކުޑަ ކުޑަ ރަށެއްކަމުގައިވާ ތެންގާ ޗަލް އަށް ރޮހިންޔާ މުސްލިމުންގެ އެތައްހާސް މީހުން ބަދަލުކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން މަސައްކަތްކުރަމުންދާއިރު މި މީހުން އަބުރާ މިޔަންމާއަށް ފޮނުވާލެވިގެންދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ.

މިޔަންމާގެ ސަރުކާރުގެ އިތުރުން ސިފައިންގެ އަނިޔާވެރިކަމަށް އެތައް އަހަރުތަކެއްވަންދެން ކެތްކުރުމަށްފަހު ރޮހިންޔާ މުސްލިމް ޖަމާއަތުގެ މި މީހުން ބަންގްލަދޭޝްއަށް ހިޖުރަކުރުމުން ބަންގްލަދޭޝްއިންވެސް ވަނީ މި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަސްޖެހިފައެވެ. އެމީހުން ބަދަލުކުރެވިގެންދާ ރަށް ކަމުގައިވާ ތެންގާ ޗަލް އަކީ ކަނޑުފޭރޭ މީހުންގެ ހާއްޔެއްކަމަށް ޝައްކުކުރެވިފައިވާ ރަށަކަށްވާއިރު މި ރަށަކީ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކެއްވެސް ގިނަ އަދަދަކަށް ހިނގައިފައިވާ ރަށެކެވެ. ގިނަ މެޕްތަކާއި ޗާޓުތަކުން ނުފެންނަހާ ކުޑަ މި ރަށަކީ ބޮޑު ދިޔައިގައި ރަށުގެ ތެރެއަށް ލޮނުފެން ވަނުމުގެ މައްސަލަތަކެއް ދިމާވެފައިވާ ރަށަކަށްވާއިރު މި ރަށަކީ ހިނގާބިގާވެ އުޅުމަށް މަގެއް އަދި ފެންބޮޑުވުމުގެ ހާދިސާއަކުން ރައްކާތެރިވުމަށްވެސް އެއްވެސް ކަހަލަ ގުދުރަތީ ދިފާއީ ނިޒާމެއް ހިމެނޭ ރަށެއްވެސް ނޫނެވެ. މި ރަށާއި އެންމެ ކައިރީގައިވެސް މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ 30 ކިލޯމީޓަރު ދުރުގައި އޮންނަ ހަޓިޔާ އައިލެންޑް ނަމަކަށް ކިޔާ 600،000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

65،000 އެއްހާ ރޮހިންޔާ މުސްލިމުން މިޔަންމާގައި ހިނގަމުންދާ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމަށް މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާއިރު އެމީހުން ވަނީ ބަންގްލަދޭޝްގައިވެސް ހާލުގައި ޖެހިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕުތަކުން ބަންގްލަދޭޝްގެ މި އަމަލަށް ދެކޮޅުހަދައި އަޑުއުފުލައިފައިވާއިރު ބަންގްލަދޭޝްއިން މިގޮތަށް ރޮހިންޔާ މުސްލިމުންނާއި ދޭތެރޭ އަމަލުކުރަމުންގެންދަނީ އެ ގައުމަށް ދަތުރުކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ކަމަށްވަނީ ބައެއް ފަރާތްތަކުން ދެކެންފަށައިފައެވެ.

ރޫނީ މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް ޗައިނާގެ ކުލަބަކަށް ބަދަލުވަނީބާ؟

މެންޗެސްޓާރ ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އެއްބަސްވާނެ ކެޕްޓަން ވޭން ރޫނީ މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް ޗައިނާ ސުޕަ ލީގުގެ ކުލަބެއްގެ ބޮޑު ހުށަހެޅުމެއްގެ އަވައިގައި ޖެހިދާނެ ކަމުގެ ބިރު ދުވަހެއްވުރެ ދުވަހެއް އިތުރުވަމުންދާކަމަށް އިނގިރޭސިވިލާތުގެ މީޑިޔާގައި ހަބަރު ފެތުރިއްޖެއެވެ. ޗައިނާ ސުޕަ ލީގުގެ އެތައް ކުލަބަކުން އިނގިރޭސި ގައުމީ ޓީމުގެވެސް ކެޕްޓަން ކަމުގައި ވޭން ރޫނީ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު 31 އަހަރުގެ ރޫނީގެ ކުރިމަގާއި ދޭތެރޭ އަދި އޭނާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިފަދަ ހަބަރުތައް މިހާ ގިނަ އަދަދަކަށް ފެތުރިގެންދާނެ ސަބަބެއްކަމުގައި ގިނަ ބަޔަކަށް ހީވެފައި އޮތީ ރޫނީ ޗައިނާގެ މުއްސަނދި ކުލަބެއްގެ ބޮޑު ހުށަހެޅުމަކަށް ޝައުގުވެރިވާކަމުގެ އިޝާރާތްތަކާއި އޭނާގެ މެންޗެސްޓާރ ޔުނައިޓެޑުގެ ކެރިއަރު ނިމެން ކައިރިވެއްޖެކަމުގެ ނިޝާންތަކެއްވެސް ލިބުމުންނެވެ.

ރޫނީގެ ކުރިމަގާއި މެދު ހޫނު ބަހުސްތަކެއް ކުރެވިގެންދާއިރު ރޫނީ ވަނީ ދަނޑުމަތީގައި މެންޗެސްޓާރ ޔުނައިޓެޑަށް އޭނާގެ މުހިންމުކަން އެތައް ފަހަރެއްގެ މަތިން ދައްކުވައިދީފައެވެ. އެންމެ ފަހުންވެސް ރޫނީ ވަނީ ޔުނައިޓެޑް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު މީގެ މަދު ދުވަސްކޮޅެއްގެ ކުރިން މުގުރައި އޭނާގެ ނަމަކީ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ހިތްތަކުން ފަސޭހައިން ފޮހެވިގެން ނުދާނެ ނަމެއް ގޮތުގައި ހަރުކޮށްފައެވެ. ރޫނީގެ ހުނަރުވެރިކަމުގެ ސަބަބުން އޭނާއަށް އެއް ޕޮޒިޝަނަށް ވުރެ ގިނަ ތަންތަނަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާއިރު އޭނާ އެންމެ ކުޅޭ ހިތްވާ ޕޮޒިޝަންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސެންޓަރ ފޯވާޑްގެ މަގާމު ވަނީ ސްވިޑެންގެ ޒްލަޓަން އިބްރަހިމޮވިޗް މެންޗެސްޓާރ ޔުނައިޓެޑަށް ސޮއި ކުރި ފަހުން ގެއްލިފައެވެ.

ޔުނައިޓެޑު ކުޅޭ ހުރިހާ މުބާރާތްތަކުގައި އެންމެ ގިނައިން ހަރަކާތްތެރިވެދީފައިވާ ކުޅުންތެރިޔާކަމުގައިވާ ރޫނީއަށް ވަނީ އެހެންނަމަވެސް ޕްރެމިއާރ ލީގުގައި ޓީމުގެ އެޓޭކުގައި ބާކީ ތިބި ގިނަ ކުޅުންތެރިންނަށްވުރެން މަދުން ފުރުސަތު ލިބިފައެވެ. ޒުވާން އަދި އަގުބޮޑު ކުޅުންތެރިން ކަމުގައިވާ ހެންރިކް މިކިޓަރްޔަން އަދި އެންތޮނީ މާޝިއަލް ކުލަބަށް ގެނައުމަށް ހަރަދުވި ފައިސާގެ އިތުރުން އެ ކުޅުންތެރިންގެ ހުނަރު ބޭކާރުނުކުރުމަށް ކޯޗު މޮރީނިއޯ މަސައްކަތް ކުރަމުންދާއިރު މެންޗެސްޓާރ ޔުނައިޓެޑުގެ ޒުވާން ކުޅުންތެރިންކަމުގައިވާ ޖެސެ ލިންގާޑްގެ އިތުރުން ސްޕެއިންގެ ހުއާން މަޓާއަށްވެސް ވަނީ ރޫނީއަށް ވުރެ ގިނައިން ޕްރެމިއާރ ލީގުގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބިފައެވެ. މިފަދަ ޒުވާން ކުޅުންތެރިންގެ ސަބަބުން ރުނީގެ މުހިންމުކަން މަޑުމަޑުން ޔުނައިޓެޑުގައި ގެއްލިގެންދާއިރު ރޫނީ މަޑުމަދުން ދޫކޮށްލުމަށް މޮރީނިއޯ ތައްޔާރުވަމުންގެންދާކަމަށް ހީވުމުގެ ސަބަބުން ޔުނައިޓެޑުގެ ސަޕޯޓަރުންގެ ހިތްތަކަށްވަނީ ހާސްކަން ގެނުވައިފައެވެ.

މިފަދަ ކަންކަމުގެ ސަބަބުން ރޫނީއަށް މަޑުމަޑުން މެންޗެސްޓާރ ޔުނައިޓެޑުގެ ޓީމުގައި އޭނާ ގިނަ އަހަރުތަކެއްވަންދެން ހިސާރުކޮށްފައިވާ މަގާމު ގެއްލެން ފަށައިފިކަމަށް ގިނަ ބަޔަކަށް ހީވެފައިވާއިރު ގިނަ އަދަދެއްގެ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ރޫނީވެސް އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރިން ގިނަ އަދަދެއްގެ ފައިސާއާއި އެކު އެހެން ތަޖުރިބާއެއްކުރުމަށް ޝައުގުވެރިވާކަމަށް ގިނަ ބަޔަކަށް ވަނީ ހީވެފައެވެ.

ސްޓާބަކްސްއިން 10،000 ރެފިއުޖީންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް ނިންމައިފި

މަޝްހޫރު ކޮފީ ކުންފުނި ކަމުގައިވާ ސްޓާބަކްސްއިން އެ ކުންފުނިން ހަރަކާތްތެރިވަމުންދާ 75 ގައުމެއްގައި 10،000 ރެފިއުޖީންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. ސްޓާބަކްސް ގެ ސީ.އީ.އޯ ހަވާޑް ޝަލްޓްޒް ވަނީ އެކުންފުނީގެ މި ފިޔަވަޅަށް އަމަލުކުރާނެ ގޮތުގެ ތަފްސީލު ހާމަކޮށް ކުންފުނީގެ މުއައްޒަފުންނަށް އަމާޒުކޮށް މެމޯއެއް ފޮނުވައިފައެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން މުސްލިމް ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރާ ޕޮލިސީއަށް ގޮންޖެއްސެވުމަށް ސްޓާބަކްސްއިން އެކުލަވާލައިފައިވާ މި ފިޔަވަޅުގެ މައުލޫމާތު ކުންފުނީގެ މުއައްޒަފުންނަށް ފޯރުކޮށްދެމުން ޝަލްޓްޒް ވަނީ މި ދިރިއުޅެމުން ގެންދަނީ ދުވަހަކުވެސް ނުދެކޭފަދަ ދުވަސްތަކެއް ކަމަށާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އެކަކު އަނެކަކަށް ކުރާ އިތުބާރު އާ ކޮށް ދެމެހެއްޓުމަށްވެސް ވަނީ ގޮވައިލައިފައެވެ.

ރެފިއުޖީންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމުގެ މި ޕޮލިސީގެ ދަށުން އެންމެ ފުރަތަމަ އިސްކަމެއް ދެވިގެންދާނީ އެމެރިކާގެ އަސްކަރިއްޔާއަށް ތަރުޖަމާކޮށްދިނުން ފަދަ އެތައް ދާއިރާއަކުން އެހީތެރިވެފައިވާ ފަރާތްތަކަށް ކަމަށް ޝަލްޓްޒް ވަނީ ބުނެފައެވެ. ޝަލްޓްޒް ވަނީ މީގެ އިތުރުންވެސް އެމެރިކާގެ ސަރުކާރުން އަޅާ ފިޔަވަޅެއްގެ ވޭން ތަހައްމަލުކުރަން ޖެހޭ މެކްސިކޯގެ ރައްޔިތުންނަށްވެސް އެހީތެރިވުމަށް ސްޓާބަކްސްއިން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.

ކާނަލް ނާޒިމް ގެ މައްސަލައިގައި އދ. ގެ ވަރކިންގ ގްރޫޕުން ނިންމާފައިވާ ނިންމުން އިއުތިރާޒްކުރަން- ސަރުކާރު

 ކާނަލް (ރިޓަޔާރޑް) މުޙައްމަދު ނާޒިމް ވަގުތުން މިނިވަންކުރުމަށް ދިވެހިސަރުކާރަށް ގޮވާލާ  އދ. ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ނިންމުމަށް ދިވެހި ސަރުކާރުންް އިއުތިރާޒްކުރާކަމަށާއި  ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ދިވެހިސަރުކާރުން ގޮވާލައިފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޙައްމަދު ނާޒިމްގެ މައްސަލަ، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި އެކި މަރުޙަލާތަކުގައި ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، އަދި އެކަން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކަށަވަރުކޮށްދީފައިކަމަށެވެ. އަދި ދިވެހިރާއްޖެއަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްކަމަށްވާއިރު، ނާޒިމްގެ  މައްސަލައާ ގުޅޭގޮތުން ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް  އިޙްތިރާމް ކުރުމަށް ދިވެހިސަރުކާރުން ގޮވާލައިފައިވެއެވެ.

 ތަޙުޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ނާޒިމް ބަންދުގައި ބެހެއްޓިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާއިރު، އެ މަރުޙަލާތައް ކުރިއަށް ދިޔައިރު، އެއްވެސް ވަގުތެއްގައި، އަދި މިހާތަނަށްވެސް، މުޙައްމަދު ނާޒިމްގެ ފަރާތުން  އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ކަމާބެހޭ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައިނުވާކަމަށްވެސް ޚާރިޖިއްޔާގެ ބަޔާނުގައި ވެއެވެ.

“މުޙައްމަދު ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ޝަކުވާއެއް އޮތްނަމަ، ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ތެރެއިން އެފަދަ މައްސަލައެއް މުޙައްމަދު ނާޒިމްއަށް ހުށަހެޅުމުގެ ޙައްޤާއި ފުރުޞަތު އެފަރާތަށް ލިބިދީފައިވާތީ، ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ބޭނުން ހިފައި، އެގޮތުގެ މަތިން އެ މައްސަލަ ހުށަހެޅުމަށް އެފަރާތަށް ބާރުއެޅުމަށް ދިވެހިސަރުކާރުން އ.ދ.ގެ ވަރކިންގ ގްރޫޕަށް ގޮވާލަމެވެ.”ޚަރިޖިއްޔާގެ ބަޔާނުގައި ވެއެވެ.

އދ ގެ ވަރކިންގ ގްރޫޕުން ޢާންމުކޮށްފައިވާ ލަފާގައި، ދިވެހިސަރުކާރުން އެ ގްރޫޕަށް ހުށަހެޅި މަޢުލޫމާތުގެ ވަކި ބައިތައް ވަނީ ހިމަނާފައެވެ. ނަމަވެސް އޭގެތެރޭގައި، މުޙައްމަދު ނާޒިމްގެ ޝަރީޢަތް ކުރިޔަށް ދިޔައީ ޢަދުލު އިންޞާފުގެ ހުރިހާ ހަމަތަކާއި، އިންޞާފާއި އެއްގޮތަށް ކަމަށް ބަޔާންކޮށް ދިވެހިސަރުކާރުން ހުށަހަޅާފައިވާ ތަފްޞީލުތަކުގެ އެއްވެސް މަޢުލޫމާތެއް ހިމަނާފައިނުވާކަން ފާހަގަކުރަމެވެ. މުޙައްމަދު ނާޒިމްއަށްވަނީ މައްސަލައިގައި ދިފާޢުވުމަށް އެކަށީގެންވާ ވަގުތު ދެވިފައެވެ. އަދި ނާޒިމްގެ ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ކޯޓުންވަނީ ބަލައިގެންފައެވެ. އަދި ޢަދުލު އިންޞާފު ޤާއިމްކުރެވިފައިވާކަމަށްވެސް ދިވެހި ޚަރިއްޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިޚާރިޖިއްޔާގެ ފަރާތުން މިއަދ ނެރެފައިވާ  ބަޔާނުގައި ބުނެފައިވަނީ އދގެ ވަރކިން ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްޢިޔާތަކުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރުތަކަށް ރިޢާޔަތްކޮށް، އެފަދަ ޖަމްޢިޔާތަކަށް ‘ހިޔުމަން ރައިޓްސް އެކްސްޕަރޓްސް’ ގެ ނަމުން މުޚާތަބުކޮށްފައިވާކަމީ ދިވެހިސަރުކާރު ހިތާމަކުރާކަމެކެވެ. އ.ދ.ގެ ވަރކިންގ ގްރޫޕްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަންކަމާއެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެކަމަށެވެ.