ޑްރަގް ވިޔަފާރީގައި މަޝްހޫރު އެސްކޮބާރ މަސައްކަތްކުރީ ސީއައިއޭއަށް – ދަރިފުޅު ހުއާން ޕަބްލޯ

ދުނިޔޭގެ އެންމެ ވަރުގަދަ ޑްރަގް ޑީލަރުގެ ގޮތުގައި ނަންމަޝްހޫރުވެފައިވާ ޕަބްލޯ އެސްކޮބާރ މަސައްކަރްކުރަމުންދިޔައީ އެމެރިކާގެ ޖާސޫސީ އެޖެންސީއެއްކަމުގައިވާ ސީ.އައި.އޭ އަށްކަމަށް އޭނާގެ ދަރިފުޅު ހުއާން ޕަބްލޯ އެސްކޮބާރ ބުނެފިއެވެ. އޭނާގެ އާ ފޮތްކަމުގައިވާ ޕަބްލޯ އެސްކޮބާ އިން ފްރަގަންޓިގައި ޕަބްލޯ އެސްކޮބާރގެ ދަރިފުޅު ވަނީ އޭނާގެ ބައްޕަ މަސައްކަތްކުރަމުންދިޔައީ އެމެރިކާގެ ސީ.އައި.އޭ އާއި އެކުގައި އެއްބަސްވުމެއްގެ ދަށުން މެދުތެރޭ އެމެރިކާގައި ފެތުރެމުންދިޔަ ކޮމިއުނިޒަމްގެ ވިސްނުންތައް ހުއްޓުވުމަށްޓަކައިކަމަށް ބުނެފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ޕަބްލޯ އެސްކޮބާރއާއި އެމެރިކާގެ ސީ.އައި.އޭގެ އެޖެންޓުންނާއި ދެމެދު ބަރާބަރަށް ގުޅުންއޮންނަކަމަށާއި އަދި ޕަބްލޯގެ ވިޔަފާރިން ކޮމިއުނިޒަމްއާއި ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައަށް ފައިސާ ހޯދަމުންދިޔަކަމަށް ބުނެފައެވެ.

އެސްކޮބާރ އޭނާގެ މުއްސަނދިކަން ހޯދީ އެކަނި ނޫންކަމަށާއި އަދި އެމެރިކާގެ މި އެޖެންސީއިން ޕަބްލޯއަށް މިހާ ބޮޑު މުއްސަނދިކަމެއް ހޯދުމަށް އެހީތެރިވެދިންކަމަށް އޭނާގެ ދަރިފުޅު ބުނާއިރު އެމެރިކާގެ މީޑިޔާތަކުގެ ޝައުގުވެރިކަން ވަނީ މިވާހަކަތަކަށް ނުލިބިފައިކަން ފާހަގަކޮށްލެވެއެވެ. އެމެރިކާގެ ސީ.އައި.އޭއަށް އެންމެ ގިނަ އަދަދަކަށް ކޮކެއިން ވިއްކީ އެސްކޮބާރކަމަށް ހުއާން ސެބާސްޓިއަން މަރޯކިންގެ ނަމަށް ނަންބަދަލުކޮށްގެން ދިރިއުޅެމުންގެންދާ އޭނާގެ ދަރިފުޅު ކިޔައިދިންއިރު މީގެކުރިންވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އެމެރިކާގެ ސީ.އައި.އޭ އެޖެންސީގެ އަތެއް އޮތްކަން ހާމަކޮށްދޭ ކަންތައްތަކެއްވަނީ ފަޅާއަރައިފައެވެ.

އެމްޕީއެލް ގެ ސީއީއޯ ކަމުގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި އެވެ. މިކަން ޖުނައިދު ވަނީ ހަފްތާއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޖުނައިދު އިސްތިއުފާދެއްވުމާއިގުޅިގެން ހަފްތާއިންގުޅާލުމުން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އާއިލާއާއިއެކު ވަގުތު ހޭދަކުރެއްވުމަށް ބޭނުންފުޅުވެގެންކަމަށާއި އަމިއްލަވިޔާފާރީއަށްް އިސްކަން ދެއްވަން ކަމަށް ވެސް ވިދާޅުވި އެވެ.

ޖުނެއިދު ފުރަތަމަ  އެމްޕީއެލްގެ ސީއީއޯގެ މަގާމުން އައްޔަން ކުރެއްވީ، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު، ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ރައީސް ވަނީ ޖުނެއިދު އައްޔަން ކުރައްވާފައެވެ.

ދެވަނަ ފަހަރަށް އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ޖުނެއިދު އައްޔަންކުރެއްވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ހުޅުމާލެ ބަދަރުގައި އަޅާ އުޅަނދުފަހަރުން ފީނަގަން ފަށަނީ

ހުޅުމާލޭ ބަނދަރު ދެ ޒޯނަކަށް ބަހާލައި، އެ ބަނދަރުގައި އަޅާ އުޅަނދުފަހަރުގެ ދިގުމިނަށް ބަލައިގެން މާދަމާއިން ފަށައިގެން ފީއެއް ނެގުމަށް ނިންމައިފި އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބަނދަރު ދެ ޒޯނަކަށް ބަހާލައި، އުޅަނދުތަކުން ފީ ނެގުމަށް ނިންމީ ހުޅުމާލޭ ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން އެސަރަހައްދަށް ވަދެ ނުކުމެ އުޅޭ އުޅަނދުތަކަށް އުނދަގޫ ވާތީ އެވެ.

ހުޅުމާލޭ ބަނދަރުގެ ފުރަތަމަ ޒޯނަކީ އެ ބަނދަރުގައި ހުޅުލެއާ ދިމާލުން އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި  އަޅާފައި ބޭއްވޭނީ ރާއްޖެ އިން ބޭރުން އަންނަ ޔޮޓުފަހަރުގެ އިތުރުން ޑައިވިންގ ދޯނިދޯނި އަދި ސަފާރީ ފަދަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކެވެ. މި ޒޯނުގައި އަޅާފައި ބާއްވާ ކޮންމެ އުޅަނދެއް، އެ އުޅަނދުގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ.

ދެވަނަ ޒޯނުގެ ގޮތުގައި ކަނޑައަލަފައިވަނީ  ހުޅުމާލޭ ބަނދަރުގެ އިރުމަަތީ ދިމާލުންހުޅުމާލޭގެ ދެވަނަ މަޝްރޫއުގައި ހިއްކި ސަރަހައްދުގެ ފަޅުތެރޭގެ ސަރަހައްދެވެ. އެ ސަރަހައްދުގައި އަޅާފައި ބޭއްވޭނީ ލޯންޗުފަހަރުގެ އިތުރުން، މުދާ އުފުލާ އުޅަނދުތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުފަހަރެވެ. އެ ޒޯނުގައި އޮންނަ ކޮންމެ އުޅަނދެއް މަހަކު ދައްކަން ޖެހެނީ ދިގުމިނަށް ބަލައި، މީޓަރަކަށް 100 ރުފިޔާގެ ފީއެކެވެ.

އެޗްދީސީން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން ހުޅުމާލޭ ބަނދަރުގައި އަޅާފައި އޮވެ، އުޅަނދެއް މަރާމާތު ކުރެވޭނީ އެޗްޑީސީގެ ހުއްދައާ އެކުގަ އެވެ. އަދި އެ އުޅަނދަކުން ވިޔަފާރި ވެސް ކުރެވޭނީ އެޗްޑީސީގެ ހުއްދައެއް ނުވަތަ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެންނެވެ.

އުސޫލުގައި ބުނެފައި ވަނީ، އެ އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދު، ދެވަނަ ފަހަރު 10،000 އާ 50،000 ރުފިޔާއާ ދެމެދު، އަދި ތިން ވަނަ ފަހަރު އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ހެލްތުމިނިސްޓްރީން ގަވައިދާއި ޚިލާފަށް ފައިސާ ޚަރަދު ކޮށްފައިވާ މައްސަލައެއް ބަލައިދިނުމަށް މަޖިލީހަށް

 ހެލްތު މިނިސްޓްރީން ގަވައިދާއި ޚިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރު ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ބައްލަވައިދެއްވަން އެދިވަޑައިގެން އެ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ފެން ބިލާއި ކަރަންޓް ބިލް އަދި ވޯކް ވިސާ ފީ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 8މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ހަރަދުކުރަން ޖެހުނު ކަމަށެވެ. އެ ފައިސާ ދެއްކުމަށް ފަހު އިހުމާލުވީ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ރިޔާޒަށް ފޮނުވި ސިޓީގައި ވެއެވެ.

ބަންދުކުރާ މީހުންނަށް ކާންދޭން، ބީލަމަށް ނުލައި ނެޝަނަލް ޑްރަގު އެޖެންސީން 6މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އައިޖީއެމްއެޗަށް އެކި ފަރާތްތަކުންނާއި އާސަންދަ ކުންފުނިން 360 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ފޮނުވި ސިޓީގައިވެއެވެ.

މީގެއިތުރުން ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް އިތުރު ގަޑީގެ ފައިސާ ނެގުމާއި އެގްރިމެންޓު ނުކޮށް މަސައްކަތް ހަވާލުކުރުމާއި ބަޖެޓުން ބާކީވާ ފައިސާގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އަށް އެންގުމަކާ ނުލައި ހަރަދުކޮށް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ހެލްތު މިނިސްޓްރީން ބޭނުންކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން އެނގެން އެބައޮތް ކަމަށް ވެސް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވި މައްސަލާގައި ވެ އެވެ.

ތަރައްޤީއަށް ހުރަސްއަޅަންކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭނަން – ތަރުޖަމާން

އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އަތޮޅުތަކުގެ ތަރައްޤީއަށް ހުރަސްއަޅަން މަސައްކަތްކުރި ނަމަވެސް، މި ރާއްޖޭގެ އަތޮޅުތަކަށާއި ރަށްތަކަށް މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުންނަށް ހޯދައިދިނުމުގައި، މި ސަރުކާރުން އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭނެކަމުގައި ސަރުކާރުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރުޖަމަން މިއަދު އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމުގައި، ޤާނޫނީ ޗާޓުން އެންމެ އިންޗިއެއްވެސް ބޭރެއްނުވާނެކަމަސާއި، ރައްޔިތުންނާއި ޤައުމަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ތަރުޖަމާނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެނެސްދެއްވަން އުޅުއްވާ ތަރައްޤީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަންކަމަށް ބާރު ނުދެއްވުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށެވެ.

ޤައުމުގެ ނަން ކިލަނބުކޮށް، ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު ސިނާޢަތް ކަމުގައިވާ ޤައުމުގެ ފަތުރުވެރިކަން ބޯއިކޮޓް ކުރުންފަދަ، ޤައުމާއި ރައްޔިތުންނަށް ގެއްލުން ދިނުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ކަންކަމުގެ މައްޗަށް ކުރި ހޯދައި، ވޭތުވެ ދިޔަ ތިން އަހަރު އެކި ރޮނގުތަކުން ރައީސުލްޖުމްހޫރިއްޔާ މި ޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި ކުރިއެރުމަށް ތިޔަ ލޮބުވެތި ރައްޔިތުން ހެކިވާނެކަމަށްވެސް ބަޔާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނޭ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުން ޤައުމާއި ރައްޔިތުންނާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން، އަތޮޅުތަކާއި އެ އަތޮޅުތަކުގެ ރައްޔިތުންނަށް،  ސަރުކާރުން ގެންނަން އުޅޭ ތަރައްޤީއަށް ހުރަސްއެޅުމުގެ ގޮތުން ކަންކަން އޮޅުވާލައި، އެކި ގޮތްގޮތުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ތަރައްޤީއާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތަކަށް،  ސަރުކާރު ދެމި އޮތްހާ ދުވަހަކު ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށްވެސް ސަރުކާރުގެ ތަރުޖާމާނުގެ ބަޔާނުގައި ވެއެވެ.

ފޯނު ތަކުގެ ސީރިއަލް ނަންބަރު ނުވަތަ އައިއެމްއީއައި ނަންބަރު މުހިންމު ސަމާލުވޭ- ފުލުހުން

ގެއްލިގެން ހުށަހެޅޭ މޯބައިލް ފޯނުތައް ހޯދުމަށް އެ ފޯނު  ތަކުގެ ސީރިއަލް ނަންބަރު ނުވަތަ އައިއެމްއީއައި ނަންބަރު ކޮންމެހެން މުހިއްމުވާތީ އެއަށް ސަމާލުވުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް ދަ މޯލްޑިވްސް އާއި ފުލުހުން އިލްތިމާސްކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގައި އިއްޔެ ފުލުހުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިލިޔާސް އަޙުމަދު ވިދާޅުވީ ގެއްލޭ ނުވަތަ ވަގަށް ނަގާފައިވާ ފޯނެއް އެހެން ފަރާތަކުން ރާއްޖޭގެ ނެޓްވޯރކެއްގެ ތެރޭގައި ބޭނުންކުރާނަމަ އައިއެމްއީއައި ނަންބަރުގެ އެހީގައި އެފަދަ ފޯނެއް ހޯދައިގަނެވޭނެ ޤާބިލްކަން ލިބިފައިވާ ކަމަށެވެ. އެކަމަށްޓަކައި އެންމެ މުހިއްމުވަނީ އައިއެމްއީއައި ނަންބަރު ކަމަށްވާތީ އެނަންބަރު ފަސޭހައިން ފެންނާނެ ގޮތަކަށް ރައްކާކޮށްފައި ބޭއްވުމަށް އިލްތިމާސްކުރެއްވިއެވެ.

އެގޮތުން މިނަންބަރު ހޯދުމަށް ކީޕެޑްގައި #06#* (ސްޓާހޭޝްސުމެއްހައެއްހޭޝް) ޖެހުމުން ޑިސްޕްލޭއަށް އެ ފޯނަކަށް ދެވިފައިވާ އައިއެމްއީއައި ނަންބަރު އަންނާނެއެވެ. އެއް ސިމެއް ވުރެ ގިނަ ސިމް ލެއްވޭ ފޯނެއް ނަމަ ކޮންމެ ސިމްއަކަށް ދެވިފައިވާ އައިއެމްއީއައި ނަންބަރުވެސް ވަކިން އެނގޭ ގޮތަށް ފޯނުގެ ޑިސްޕްލޭއަށް އަރާނެއެވެ.

މޯބައިލް ފޯނު ފޭރިގެން ނުވަތަ ވަގަށްނަގައިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ ގެއްލިގެން ފުލުހުންނަށް ހުށަހަޅާ ނިސްބަތް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 5 އަށް އަރާއިރު ފާއިތުވި 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ގެއްލިގެން ހުށަހެޅޭ ފޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ ވަރު މި ނިޒާމުގެ ތެރެއިން ހޯދިފައިވާ ކަމަށް ފުލުހުންނާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ފުލުހުންގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދެއްވަމުން ޕޮލިސް ސްޓާފް ސަރޖަންޓް ޢަލީ އިސްމާއިލް ވިދާޅުވީ މޯބައިލް ފޯނު ވަގަށް ނެގުމުގެ މައްސަލަ ހުއްޓުވުމަށްޓަކައި ގޮތް ނޭނގޭ މީސްމީހުންގެ އަތުން މޯބައިލް ފޯނު ނުގަތުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބައެއް ފަހަރު ސައްޙަ ނޫން ފޯނުތައް ވިއްކުމަށްޓަކައި އޮޅުވާލައިގެން އެހެން އައިއެމްއީއައި ނަންބަރު ދީފައި ހުންނަކަންވެސް ތަހްޤީޤަށް ފާހަގަކުރެވޭ ކަމަށާއި އެހެންކަމުން ފޯނުގެ އައިއެމްއީއައި ނަންބަރާއި ފޯނު ވިއްކާ ފޮށީގައި އިންނަ ނަންބަރު ދިމާވޭތޯ ބެލުންވެސް މުހިއްމު ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރެއްވިއެވެ.

މޯބައިލް ފޯނު ވަގަށް ނެގުން ހުއްޓުވުމަށް ފުލުހުންނާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް ދަ މޯލްޑިވްސް ގުޅިގެން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނާދީ ބިމާއި ،އޯޑިއޯން ބިމުގައި އަޅާ ލަގްޒަރީ ފްލެޓުތަކުގެ ބިންގާ އަޅައިފި

  ނާދީ ހުރި ބިމާއި ،އޯޑިއޯން ބިމުގައި ޓާޓާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ލަގްޒަރީ ފެންވަރުގެ 128 ފްލެޓުގެ ބިންގާ މިއަދު އަޅައިފިއެވެ.

ސޯސަންމަގު ކުރީގެ ސަރުކާރު މުއަޒަފުންގެ ނާދީ ހުރިބިމާއި މަޖީދީމަގު އޯޑިއޯން ހުރި ތާގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި  ފްލެޓްގެ ބިންގާ އަޅުއްވައިދެއްވީ، އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނެވި ހައިކޮމިޝަނާ އަކިލޭޝް މިޝްރާއެވެ.

‎މި ފްލެޓްތަކުގެ ތެރެއިން އޯޑިއޯން ހުންނަ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ވަނީ 54 ފްލެޓެވެ. އަދި ނާދީހުރި ބިމުގައި އެޅުމަށް 74 ފްލެޓެވެ.

 ޓާޓާ ހައުސިންގެ ހެޑް އެންޓަނޭޝަނަލް ސަންޖީވާ ސިންހް ވިދާޅުވީ، ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓާއި، އަރަބިއްޔާ ހުރި ބިމުގައި އިމާރަތް ކުރި ޕްލެޓްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އޯޑިއޯންން ބިމާއި އާއި ނާދީ ހުރިބިމުގައި އަޅަން ހަމަޖެހިފައި ވަނީ މުޅިންވެސް ލަގްޒަރީ ފެންވަރުގެ ޕްލެޓްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ނާދީ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައި ވަނީ އެހެން ފްލެޓްތަކާއި ތަފާތު ކޮންސެޕްޓެކެވެ. އެގޮތުން އެތަނުގައި އިމާރާތްކުރާ ކޮންމެ ފްލެޓަކަށް ޕްރިމިއަމް ޕާކިންގ އޭރިޔާއެއް ލިބޭނެކަމަށް މަހޭޝް ވިދާޅުވިއެވެ. މިއީ މާލޭގައި ވަރަށް ނުހުންނަ ގޮތެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މަހޭޝް ވިދާޅުވީ، ނުވަ ބުރީގެ މި އިމާރާތުގައި އެންމެ މަތީގައި ސްވިމިންގ ޕޫލަކާއި، ޖަކޫޒީއެއްގެ އިތުރުން ސްޕާއެއްގެ ހިދުމަތްވެސް ލިބޭނެކަމަށެވެ. މަހޭޝް ފާހަގަކުރެއްވި ގޮތުގައި، މި ފްލެޓް ގަތުމަށް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހުޅުވާލާނެއެވެ.

އޮޑިއަން ފްލެޓަށް ބަލާލާއިރު، މިއީވެސް ނުވަ ބުރީގެ އިމާރާތެކެވެ. މިތަނުގައިވެސް ސްވިމިންގ ޕޫލަކާއި، ކުޑަކުދިންނަށް ކުޅެވޭނެ ހެން ތައްޔާރުކުރާ ތަނާކައި، ޖަކޫޒީގެ އިތުރުން، ޖިމްއަކާއި، ބާބެކިއުއަށް ވަކިން ހާއްސަ ތަނެއް ހެދިފައިވާނޭކަމަށް މަހޭޝް ވިދާޅުވިއެވެ. އަދި މިތަނުގައިވެސް ދެ ސަރަހައްދެއް ޕާކިންގއަށް ހާއްސަކުރެވިފައިވާނޭކަމަށާއި، މި އިމާރާތުގެ ދެ ބުރިއެއް ރީޓެއިލަށް ހުޅުވާލޭނަކަމަށް މަހޭޝް ވިދާޅުވިއެވެ.

މަހޭޝް ވިދާޅުވީ، މިތަނުގައި އަޅަނީ އެއް ރޫމް އެޕާޓްމެންޓާއި، ދެ ރޫމް އަދި ތިން ރޫމް އެޕާޓްމެންޓެވެ. އަދި މި ފްލެޓްތައް ތިން މިލިއަނާއި، ފަސް މިލިއަނާއި ދެމެދުގެ އަގަކަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިފްލެޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މި ތަން ޑިޒައިން ކުރެވިފައިވަނީ އެންމެ ޒަމާނީ ފެންވަރަށް، ލަގްޒަރީ ހިދުމަތްތައް ލިބޭނެގޮތަކަށް ކަމަށް މަހޭޝް ވިދާޅުވިއެވެ.

ލޯބިވެރިޔާ މަރުވީ ކައިވެނިކުރަން އެހުމުން އުފަލުން

ސްޕެއިންގެ އިބީޒާގައި މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި މަރުވެދިޔަ ބަލްގޭރިއާގެ ޑިމިޓްރިނާ ޑިމިޓްރޯވާ މަރުވީ އޭނާގެ ލޯބިވެރިޔާ އޭނާ ކައިރީގައި ކައިވެނިކުރަން އެހުމުން އެކަމުގެ އުފަލުގައި ފުންމަމުންދަނިކޮށް އުސް ގާތަކެއް މަތިން ވެއްޓިގެންނެވެ. އިބީޒާގެ އެންމެ ރީތި އަދި ޓޫރިސްޓުންނާއި ލޯބިވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ތަން ކަމުގައިވާ ކަލާ ޓަރިޑާގެ އުސް ގާތަކެއް މަތިން ޑިމިޓްރިނާ ވެއްޓުނުއިރު އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާއަށް ހާޓް އެޓޭކްއެއް ޖެހުމަށްފަހު މަރުވިއެވެ.

ކައިވެނީގެ ހުށަހެޅުމުގެ ސަބަބުން ޑިމިޓްރިނާއަށް ހައިރާންކަން ގެނުވިއިރު އޭނާއަށް ލިބުނު އުފަލެއްގެ ސަބަބުން ފުންމަން ފެށުމުން އެ ގާތަށް މަތިން ވެއްޓި މަރުވި ޑިމިޓްރީނާ އިބީޒާއަށް ވަޒީފާއެއް ހޯދުމަށްޓަކައި އައިތާ ވީ އެންމެ ދެ ދުވަހެވެ.

ޑިމިޓްރިނާގެ މަރާގުޅިގެން ފުލުހުން ނިންމާފައިވަނީ ޑިމިޓްރިނާ މަރުވީ ފުންމަން ފެށުމުގެ ސަބަބުން އޭނާގެ ބެލެންސް ކޮންޓްރޯލުން ނައްޓައިގެން ގޮސް ވެއްޓުމުންކަމަށެވެ.

ބާސެލޯނާއިން އިސްކޯ ގަތުމަށް މަސައްކަތް ކުރަނީބާ؟

  ރެއާލް މެޑްރިޑުގެ ހުނަރުވެރި މިޑްފީލްޑަރ އިސްކޯ ގަތުމަށް ވާދަވެރި ބާސެލޯނާއިން މަސައްކަތްކުރަމުންދާކަމަށް ބުނާ ރިޕޯޓްތަކެއް މީޑިއާގައިފެތުރެންފަށައިފިއެވެ. ޚަބަރުތަށް ބުނާގޮތުން އިސްކޯ ދަނީ މިވަގުތު ރެއާލް މެޑްރިޑްއާއި އެކު އާ ކޮންޓްރެކްޓްއެއްގައި ސޮއިކުރުމުގެ ވާހަކަތައް ކުރިއަށްގެންދަމުންނެވެ.

މީޑިއާރިޕޯޓްތަށް ބުނާގޮތުން  ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދީން ޒިދާންއަދި އިސްކޯއާއި މެދުގައި ވަކިގޮތެއް ނުނިންމައެވެ. އަދި ޒިދާން އިސްކޯގެ ކުޅުމާއި ދޭތެރޭ އެންމެ ހިތްހަމަޖެހިފައިނުވާކަމަށްވެސް ވަނީ ހަބަރުފެތުރިފައެވެ.

ބާސެލޯނާއިން ވަނީ އެ ޓީމުން ގިނަ ދުވަސްތަކެއްވަންދެން ޝައުގުވެރިކަން ފާޅުކޮށް ބަލަމުންގެންދާ ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް ފަށްޓައިފައިކަމަށް ކުޅިވަރުގެ ޚަބަރުތަށް ގެންސްދޭ ބައެއް ވެބްސައިޓްތަކުގައި ރިޕޯޓްކޮށްފައެވެ.

ސްޕެއިންގެ އެންމެ ހުނަރުވެރި ޒުވާން އެއް ކުޅުންތެރިއާކަމުގައިވާ އިސްކޯގެ ކުޅުމުގެ ސްޓައިލްގެ ސަބަބުން އޭނާ ބާސެލޯނާގައި ކުރިއަރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އެ ޓީމުގެ ބައެއް ސަޕޯޓަރުންނަށް އިނިއެސްޓާ ރިޓަޔާކުރުމުން އެ ޕޮޒިޝަން ފޫބެއްދުމަށް އެންމެ ކަމުދާ ކުޅުންތެރިޔަކީ އިސްކޯއެވެ. މިހާރު އިސްކޯ ރެއާލް މެޑްރިޑާއި އެކުގައިވެފައިވާ ކޮންޓްރެކްޓް 2018 ވަނަ އަހަރަށް ހަމަވާއިރު ބާސެލޯނާއިން ފަހަރެއްގައި ހިލޭ އިސްކޯ ހޯދުމަށްވެސް މަސައްކަތްކޮށްފާނެއެވެ.

ބާސެލޯނާއަށް އިސްކޯ ގެނެވިއްޖެނަމަ އެކުލަބަށް ކަމުދާ އެއް ކުޅުންތެރިއެއް ހޯދުމުގެ އިތުރުން ބާސެލޯނާއިން އެންމެ ކުރާހިތްވާ އެއްކަން ކަމުގައިވާ ރެއާލް މެޑްރިޑްގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒްގެ ކިބައިން ކުޅުންތެރިއަކު ދުރުކޮށް އެކުލަބަށް ގެނެވޭނެއެވެ.

ހަމައެގޮތަށް ރެއާލް މެޑްރިޑްއިން ވެސް ވަނީ ބާސެލޯނާގެ ނޭމާރ އަދި ސުއަރޭޒް ފަދަ ބައެއް މުހިންމު ތަރިން އެ ޓީމުން ދުރުކުރުމަށްފަހު ރެއާލް އަށް ގެނައުމަށް އެތައް ފަހަރެއްގެ މަތިން ވަނީމަސައްކަތްކޮށްފައެވެ. ބާސެލޯނާއިން އިސްކޯ މަލާގާއަށް ކުޅުނު ދުވަސްވަރު އޭނާ ގަތުމަށް ކުރިން ހުށަނޭޅީ ޓީމުގައި ޒަވީ އަދި އިނިއެސްޓާ ފަދަ ކުޅުންތެރިން ތިބުމުގެ ސަބަބުން އިސްކޯއަށް ފުރަތަމަ އެގާރައިން ޖާގައެއް ނުލިބިދާނެތީކަމަށް ބުނާއިރު މިހާރު އިސްކޯ ބަދަލުވެއްޖެ ނަމަ ބާސެލޯނާގެ ފުރަތަމަ އެގާރައިން އިސްކޯއަށް ފަސޭހަކަމާއިއެކު ޖާގަހޯދޭނެކަމުގެ ޔަގީންކަން އެކުލަބުން ވަނީ އިސްކޯއަށް ދީފައެވެ.

ޔަހޫދީންގެ އެތައް މަހާނަތަކަކަށް ހަމަލާދީފި

އެމެރިކާގެ ފިލަޑެލްފިއާގައި ޔަހޫދީންގެ ސަހަރާއެއްގެ 500 އަށް ވުރެން ގިނަ މަހާނަތަކަކަށް ގެއްލުންދީ ހަލާކުކޮށްލައިފިއެވެ. މި އަމަލު ކުރީ ކޮން ބައެއްތޯ ހޯދުމަށް ފުލުހުން މަސައްކަތްކުރާއިރު މިއީ މިގޮތަށް ޔަހޫދީންނަށް އަމާޒުކޮށް މި ހަފްތާތެރޭގައި ދެވުނު ދެވަނަ ހަމަލާއެވެ. އެމެރިކާގެ ސެއިންޓް ލުއިސްގައި ވެސް ވަނީ ޔަހޫދީން ބޭނުންކުރާ ސަހަރާއަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުންވެސް މިދިޔަ ހުކުރު ދުވަހު ނިއު ޔޯކްގެ ބަފަލޯގައިވެސް ވަނީ ނަސްލީ އަދި ދީނީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށް އެކި ކުރެހުންތަކާއި ލިޔުންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ލިޔެފައެވެ.

ނިއު ޔޯކްގެ ބަފަލޯގައި ވަކި ދީނަކަށް އަމާޒުކޮށް ހަޑިހުތުރު އެއްޗިހި ފާރުތަކުގައި ސްޕްރޭ ކޮށްފައިވާއިރު ޖަރުމަންވިލާތުގެ ނާޒީ ވެރިކަމުގެ ދުވަސްވަރު ރަމްޒުކޮށްދޭ ނިޝާނެއްކަމުގައިވާ ސްވާސްޓިކާ ފަދަ ތަކެތިވެސް ކުރަހާފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ހޯމަދުވަހު އެމެރިކާގެ އިރުމަތީ ފަރާތުގެ އައްސޭރިފަށުގައިވާ އެކި ރަށްތަކުގެ ޔަހުދީ ސެންޓަރުތަކަށް ބަޔަކު ވަނީ ބިރުދެއްކުމުގެ އަދި ބޮމުގެ ހަމަލާއެއްދިނުމުގެ އިންޒާރުދީ ފޯން ކޯލްތަކެއްވެސް ކޮށްފައިކަމަށް ހަބަރުފަތުރާ ފަރާތްތަކުން ހާމަކޮށްފައިވާއިރު މިފަދަ ހަމަލާތަކެއްގެ ފަހަތުގައިވާ ބައެއް ހޯދުމަށް އެމެރިކާގެ އެފް.ބީ.އައި އިން ދަނީ މަސައްކަތްކުރަމުންނެވެ.