އޮފީސް ހިންގި އިމާރާތައް ހުއްދަނެތި ވަދެ ގެއްލުންދިން މީހުންނާ ދެކޮޅަށް ދައުވާ ކުރާނަން: މައުމޫން

ހ. ތެމާގައި ހިންގަމުން އައި ޕީޕީއެމްގެ ރައީސްގެ އޮފީހަށް ހުއްދަނެތި ވަދެ ތަކެއްޗަށް ގެއްލުން ދިން މީހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ވަދެ ތަކެއްޗަށް ގެއްލުން ދިން މީހުންނަށް ދައުވާ ކުރާނެ ކަމަށެވެ.

ރައީސް މައުމޫން އެފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރޭ  ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ގެންގޮސްފައި ވަނިކޮށެވެ.

އެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދަ ފުލުހުން ގެންދިޔައީ އެ އޮފީހުގެ މައި ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.

ޕީޕީއެމް އަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެކެވެ. ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނީ ޕާޓީގެ ގޮންގްރެސް އިން ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާއިރު، ކޯޓުން ޕީޕީއެމްގެ ހިންގުން ހަވާލުކޮށްފައިވާ ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި އެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުން ވަނީ ރައީސް މައުމޫން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައެވެ.

ރައީސް މައުމޫނަށް ތާއީދު ކުރާ މީހުން ބުނަމުން އަންނަނީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސް ކަމަށާއި ޕީޕީއެމުން އެމަނިކުފާނު ވަކިނުކުރެވޭނެ ކަމަށެވެ.

އޮފީހުގެ ދިދަ އާއި ނަންބޯޑު ގެންދިޔަސް ރައީސް މައުމޫނަށް އޮތް ތާއީދު ގެއްލުވައި ނުލެވޭނެ: ވައްޑޭ

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ ކަމުގައި ވިޔަސް ރައީސް މައުމޫނަށް ދިވެހި ރައްޔިތުން ކުރަމުން އަންނަ ތާއީދު ގެއްލުވައި ނުލެވޭނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެއެވެ.

މިރޭ ފުލުހުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ މައްސަލާގައި ވައްޑޭ ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ރައީސް މައުމޫނަށް ސަޕޯޓު އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިފަދަ ކަންތައްތަކުގެ ސަބަބުން ރައީސް މައުމޫނަށް ރައްޔިތުން ކުރާ ތާއީދު އަންނަނީ އިތުރުވަމުން،” ވައްޑޭ ވިދާޅުވިއެވެ.

ސިވިލް ކޯޓުން ރޭ ނެރުނު އަމުރެއްގައި ވަނީ އެ ކޯޓުން ޕީޕީއެމްގެ ހިންގުން ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާ ކަމަށެވެ. އެގޮތަށް ހަވާލުކޮށްފައި އޮއްވައި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އޮފީހެއް ނުހިންގޭނެ ކަމަށާއި އެ އޮފީހުގައި ހުރި ނަންބޯޑާއި ދިދަ ނެގުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ ވަގުތު ރައީސް މައުމޫނަށް ތައީދު ކުރާ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެ އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންޑޮކްޓަރަށް ދެއްކުމަށް ޚާއްސަ ކުލިނިކެއް ދޫނިދޫގައި ހުޅުވައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތްތައް ދިނުމަށް ދޫނިދޫގައި ކްލިނިކެއް ހުޅުވައިފިއެވެ.

އިއްޔެ ދޫނިދޫގައި އޮތް ރަސްމިއްޔާތެއްގައި މި ކްލިނިކް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ދޫނިދޫގައި އަލަށް ހުޅުވިގެން ދިޔަ މި ކްލިނިކުން އެޑްމިޓްކޮށްގެން ބޭސްފަރުވާ ކުރެވޭއިރު އަންހެން ފިރިހެން ވޯޑްތައްވެސް ހެދިފައިވެއެވެ.  އަދި މަސްތުވާތަކެތީގެ ވަބާއިން ދުރުހެލިކުރުމަށް ބޭނުންވާ ފަރުވާތަކަށްވެސް މި ކްލިނިކުންފަރުވާ  ފޯރުކޮށްދެވޭނެއެވެ .

މި ކްލިނިކްގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފެށިގެން ދިއުމުން ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުނަށް ބޭނުންވާ ބޭސްފަރުވާގެ ކަންތައްތައް އާސަންދަގެ ދަށުން ހަމަޖެހިގެންދާނެއެވެ.

އާޚިރަތް ދުވަހަށް އީމާންޖެހެއެވެ-އެއީ އެދުވަހަށް ފަހު އިތުރު އެހެންދުވަހެއް ނުވާ ދުވަހެވެ. |ޑރ ޒިޔާދު ބާގިރު

އާޚިރަތް ދުވަހަށް އީމާންވާންޖެހެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. އެއީ އެދުވަހަށް ފަހުގައި އިތުރު އެހެން ދުވަހެއްނުވާ ދުވަހެވެ. މީސްތަކުން ދެވަނަ ފަހަރަށް ދިރި ދެމިތިބުމުގެ ޢާލަމަށް ފޮނުއްވޭ ދުވަހެވެ. މީސްތަކުން އެދުވަހުގައި ވާހުށީ ނިޢުމަތުގެ ގޮވަތީގައެވެ. ނުވަތަ ވޭން ދެނިވި ޢަޛާބުގެ ގޮވަތީގައެވެ.

إِنَّ السَّاعَةَ لَآتِيَةٌ لَا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ ( غافر:  59)

إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ(لقمان: 34) މާނައީ : ހަމަކަށަވަރުން،ގިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ﷲގެ ހަޒްރަތުގައެވެ.އަދި އެކަލާންގެ ވާރޭ ވެއްސަވަތެވެ.އަދި ރަޙިމްތަކުގައިވާ ތަކެތި އެކަލާންގެ ދެނެވޮޑިގެންވެތެވެ.އަދި އެއްވެސް ނަފްސަކަށް އެނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭގޭނެތެވެ.އަދި އެއްވެސް ނަފްސަކަށް އެނަފްސެއް މަރުވާނީ ކޮންބިމެއްގައިކަމެއް ނޭގޭނެތެވެ.ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރު ވަންތަ ރަސްކަލާންގެއެވެ.

 އަލުންދިރުއްވާނެކަން ޤަބޫލުކުރުމަކީވެސް އާޚިރަތަށް އީމާންވުމުގެ ތެރޭގައި ހިމެނޭކަމެކެވެ.

އެއީ އިސްރާފީލްގެފާނު ދެވަނަފަހަރަށް ތާޅަފިލި ފުންމަވާލައްވާ ހިނދު الله ސުބުޙާނަހޫވަތަޢާލާ މަރުވެފައިވާ މީހުން އަލުން ދިރުއްވުމެވެ.

وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنْظُرُونَ (الزمر: 68) މާނައީ: “އަދި ތާޅަފިލި ފުންމަވައި ލެވޭނެއެވެ. އެހިނދު ﷲ އިރާދަކުރެއްވި ބަޔަކު ފިޔަވައި އުޑުތަކުގަޔާއި ބިމުގައި ވާހާ ބަޔަކު ހޭނެތިގެން ވެއްޓިދާނެއެވެ. ދެން ދެވަނަ ފަހަރަށް ތާޅަފިލި ފުންމަވައިލެވޭނެއެވެ. ދެން ހަމަ އެހިނދު މީސްތަކުން ތެދުވެ ބަލަބަލައި ތިބޭނެތެވެ.” (އިލްމުވެރިން ވިދާޅުވާގޮތުގައި ފުރަތަމަ ތާޅަފިއްޔަށް ހޭނުނެތޭބަޔަކީ ބައެއް މަލާއިކަތުންނެވެ. އެކަމަކު ފަހުން އެބޭކަލުންވެސް އަވަހާރަވާނެއެވެ.) ފަހެ، މީސްތަކުން ކައްވަޅުތަކުން ތެދުވެ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ޖަމާވާނެއެވެ. ފައިވާނަށް ނާރައި ހުސްފަޔާއެވެ. ހެދުންނުލައި އޮރިޔާން ހާލުގައެވެ. ޚިތާނަކާއި ނުލައި ގުނަވަން ފުރިހަމަވެގެންވާ ހާލުގައެވެ.

 يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ ( الأنبياء: 104) މާނައީ: އެދުވަހަކީ ،ފޮތްތަކުގެ ފަތްފުއްފަތްޖަހައިލެވޭ ފަދައިން،ތިމަންރަސްކަލާންގެ އުޑު ފަތްޖައްސަވައިލައްވާދުވަހެވެ.އެންމެފުރަތަމަ އުފެއްދެވި ފަދައިން އިއާދަ ކުރައްވާ ހުށީމެވެ.އެއީ ތިމަން ރަސްކަލާންގެ މައްޗަށް އޮތް ވަޢުދެކެވެ.ހަމަކަށަވަރުން ތިމަންރަސްކަލަންގެ އެކަންތަށް ކުރައްވާ ހުށީމެވެ.

ޤިޔާމަތްވާނެ ވަގުތުއެނގިވޮޑިގެން ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަދި އެކަލާނގެވަނީޤިޔާމަތްދުވަސް އައުމުގެ ކުރިން ފާޅުވާނެޢަލާމާތްތަކެއް ޤުރުއާނާއިސުންނަތުގައި ބަޔާންކޮށްދެއްވާފައެވެ.

فَهَلْ يَنْظُرُونَ إِلَّا السَّاعَةَ أَنْ تَأْتِيَهُمْ بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ (محمد: 18) މާނައީ:” ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް قيامةވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظارކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ علاماتތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟

ޤިޔާމަތުގެޢަލާމާތްތައް3ބަޔަކަށްބަހައިލެވިދާނެއެވެ.

  1. 1. ފާޅުވެނިމިފައިވާޢަލާމާތްތައް
  2. ފާޅުވަމުންދާޢަލާމާތްތައް(މިޒަމާނުގެޢަލާމާތްތައް(
  3. 3. ކުރިމަގުގައި ފާޅުވާނެ ޢަލާމާތްތައް

    ފާޅުވެ ނިމިފައިވާ އަލާމާތްތަށް

 މުޙައްމަދުގެފާނު ރަސޫލުކަމައިގެން ފޮނުއްވުން
ހަނދު ދެފަޅިކުރެއްވުން
މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތުން ( މާތް ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށި )
ފިތުނަތައް
ހ. އުޘްމާންގެ ފާނު ޝަހީދުކޮށްލުން
ށ. ޖަމަލު ހަނގުރާމަ
ނ. ޞިއްފީން ހަނގުރާމަ
ރ. ޚަވާރިޖުން ފާލުވުން
ބ. ޤުރުއާން އެއީ މަޚްލޫގެއްކަމަށް ބުނާ ފިތުނަ
އިސްތަންބޯލް ފަތަޙަވުން
ބައިތުލް މަޤްދިޞް ފަތަޙަވުން
މުސްލިމުންނާއި ރަތް ، ލޯކުޑަ ، އިސްތަށިން ހަދާފައިވާ ފައިވާނަށް އަރާ މީހުންގެ ހަނގުރާމަ
މުސްލިމުންނާއި މުސްލިމް ނޫން ދޮންމީހުންގެ ސުލްހައިގެ އެއްބަސްވުން ( ޗައިނާ ، މޮންގޯލްސް … )
ރަސޫލެއްކަމަށް ހީކުރާ 30 (ދައްޖާލު) ފާޅުވުން
މުސްލިމުންގެ ބޮޑު ދެ ލަޝްކަރުގެ ހަނގުރާމަ
އެތައްހާސް މުސްލިމުންނެއް މަރުވެގެންދިއުން ( އުމަރު ބުނުލް ޚައްޠާބުގެ ޚިލާފަތުގައި …)
ހިޖާޒްކަރައިން އަލިފާންގަނޑެއް ފާޅުވުން (ބަސްރާގެ އަހުލުވެރިންނަށް ފެންނާނ

                                                                                                                                                                                                               ފާޅުވަމުންދާ އަލާމާތްތަށް

  ބިނާތައް އުސްވުން
އަޅުއަންހެނާ އޭނާގެ ސާހިބު މީހާއަށް ވިހެއުން
ޢަރަބިންގެ ގެތަކުގެ އަހުލުވެރިންނަށް ފިތުނައެއް އައުން
ޢިލްމު ހިއްޕެވުމާއި ޖަހްލު ފާޅުވުން
ބަނގުރާބުއިން ގިނަވުމާއި އެކަންތައް ހުއްދަކުރުން
ޒިނޭފެތުރިގެން ދިއުން
ބިންހެލުންތައް ގިނަވުން
ޒަމާންތައް ގާތްވުން ( ޒަމާނުގެ ވަގުތުތައް ކަމުގައިވާ އަހަރުތަކާއި ، މަސްތައް ، ހަފްތާތަކާއި ދުވަސްތަކާއި ގަޑިތައް ކުރުވުން

    ކުރިމަގުގައި ފާޅުވާނެ އަލާމާތްތަށް

   މަރުވުމަށް އެދުން ( ޤަބުރެއްގެ ކައިރިން ދާ މީހާ ޤަބުރުގައި ވަޅުލެވިފައި ވަނީ ތިމަންނަ ނަމައޭ ހިތަށް އެރުން)
އަންހެނުން ގިނަވުމާއި ފިރިހެނުން މަދުވުން ( ކޮންމެ ފިރިހެނަކަށް 50 އަންހެނުން ރޭޝިއޯ)
ފުރާތުކޯރުން ރަނުގެ ފަރުބަދައެއް ފާޅުވެގެން ދިއުން
ރޫމީން ގިނަވުމާއި އެމީހުން މުސްލިމުންނާ ހަނގުރާމަކުރުން
މުސްލިމުންގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށުން
އަމާންކަން ފެތުރިގެން ދިއުން
މުދާގިނަވެ ޞަދަޤާތުގައި ހިފާނެމީހަކު ނެތުން
ޢަރަބީންގެ ބިމަށް (ވިނަޔާއި ގަސްގަހާގެހީގެ) ފެހިކަމާއި ކޯރުތައް އެނބުރި އައުން
ޒިނޭފަދަ ފާޙިޝް ޢަމަލުތައް ފާޅުވުމާއި ތިމާގެ ކަމުގެ ގުޅުން ކެނޑުމާއި އަވަށްޓެރިންނަށް ނުބައިކޮށް މުޢާމަލާތްކުރުމުގެ ޢަމަލުތައް ފާޅުވުން
ގެފުޅު ތަޅާލުން އަދި ޢަރަބީން ނިމިގެން ދިއުން
މުއުމިނުންގެ ފުރާނަތައް ހިއްޕެވުމަށްޓަކައި (މަޑު) ނަލަ ވައިރޯޅިއެއް ފޮނުއްވުން
لا إله إلا الله އޭކިޔާ ގޮވާލާނެ މީހަކުނެތުން
މަގުމަތީގައި ޒިނޭކުރުން ފެތުރިގެން ދިއުން
ވަލުޖަނަވާރާއި ހަރުތަކެތި ވާހަކަދެއްކުން
ވާރޭގިނަވެ ގަސްގަހާގެހި މަދުވުން
ކުއްލިމަރު ގިނަވުން
ދޮގު ހެކިދިނުން ގިނަވުމާއި ޙައްޤަށް ހެކިދިނުން ފޮރުވިގެން ދިއުން
މަހުގެ ކުރީކޮޅުފާޅުވާ ހުޅެވިހަނދު ފެންނަލެއް ބޮޑުވުން
މަދީނާއިން އެރަށުގެ ނުބައިމީހުން ނެރެލެވުމާއި އެރަށް ޚަރާބުވުން
ޤަޙްޠާނީއަކު ނުކުމެވަޑައިގަތުން
ބިންގަނޑު ގެންބެވުން ، ސިފަބަދަލު ކުރެއްވުން
އުޑުން ހިލަވެއްސެވުން
ޞާލިހުން ދުނިޔެއާއިވަކިވެގެން ދިއުން
މުއުމިނާގެ ހުވަފެން ތެދުވުން
ބިދުޢާގެ އަހުލުވެރީންގެ ގާތުން ޢިލްމު ހޯދުން
ފުލުހުންނާއި އަނިޔާވެރި އަޢްވާނުން ގިނަވުން
ޢަޖަމީންނާއި ހަނގުރާމަކުރުން
ތުރުކީންނާއި ހަނގުރާމަކުރުން
މިސްކިތްތަށް ބިނާކޮށް ޒީނަތްތެރިކުރުމުގައި އެކަކުއަނެކަކަށް ފަޚުރުވެރިވުން
އެރަށުގެ އެއްބައި ކަނޑުގައި އަނެއްބައި އެއްގަމުގައި އޮންނަ ރަށެއް މުސްލިމުން ފަތަޙަކުރުން
މީސްތަކުން ބައިބަޔަށް އިސްލާމްދީނުން ނުކުމެ ބޭރުވެގަތުން

ޤިޔާމާތުގެ ޢަލާމާތްތައް މިހާރުވެސްފާޅުވަމުން ދާކަމީ ޤިޔާމަތްވުމުގެ ވަގުތު ކުޑަތަންވަމުންދާކަމުގެ ހެއްކެވެ. ކިތަންމެ މަސައްކަތެއްކުރިއަސް ޤިޔާމާތުގެ ޢަލާމާތްތަކެއް ނުހުއްޓުވޭނެއެވެ. ޤިޔާމަތް ގާތްވެއްޖެއެވެ. ދުނިޔޭގައި ހުރިހިނދަކު ހެޔޮޢަމަލުކުރެވޭތޯ ބަލާށެވެ. އަދި ފާފަފުއްސެވުމަށް އެދި މާތްﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ.ޤިޔާމަތްދުވަހަށް ތައްޔާރުވެގެން އެދުވަހާއި ކުރިމަތިލާށެވެ.

ގިޔާމަތުގެ ބޮޑެތި އަލާމާތްތަށް 10އެކެވެ.

1  މަހުދީގެފާނު ( މުޙައްމަދު ނުވަތަ އަޙުމަދު ބުން ޢަބްދު ﷲ ގެފާނު ) ފާޅުވުން

2  މަސީޙުއް ދައްޖާލް ނުކުތުން
3  ޢީސާޢަލައިހިއްސަލާމް ފައިބައިވަޑައިގަތުން
4  ޔައުޖޫޖު މައުޖޫޖުބާގައިގެ މީހުން ފާޅުވުން
5  މަޝްރިޤާއި މަޢްތިބާއި ޢަރަބި ޖަޒީރާގައި އާދަޔާ ޚިލާފު ބިންގަނޑެއް ގެބްބެވުމުގެ (ތިން) ޙާދިޘާ ހިނގުން
6  އުޑުން ދުންގަނޑެއް ފާޅުވުން
7 ޙަބުޝް ކަރައިގެ ޛުއްސުވައިޤަތައިނި ގެފުޅު މުގުރާލުން
8  ހުޅަނގު ފަރާތުން އިރުއެރުން
9 ބިމުގެ ދާއްބަ ފާޅުވުން
10  ޔަމަނުގެ ޢަދުނުއާއި ޙަޟްރު މައުތު ކަނޑުން ، ޝާމްކަރައަށް މީސްތަކުން އެއްކުރުވާ އަލިފާންގަނޑެއް ފާޅުވުން.

ރަޝިޔާއިން އެމެރިކާގެ އިންތިހާބު ހެކްކުރިކަމަށް ސެނެޓަރަކު ބުނެފި

ރަޝިޔާއިން މިދިޔަ އަހަރު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކުރުމަށްފަހު ވަކި ފަރާތަކަށް އެހީތެރިވެފައިވާކަން މި މައްސަލަ ތަހުގީގުކުރަމުންދާ އެމެރިކާގެ ސެނެޓަރަކު ވިދާޅުވެއްޖެއެވެ. ރަޝިޔާއިން މި ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުގެ ވެރިންވެސް މި ތުހުމަތު ވަނީ ރަޝިޔާއަށް އަމާޒުކޮށްފައެވެ.

ޑޮނާލްޑް ޓްރަމްޕް އެންމެ ފާޑުކިޔުންތައް އަމާޒުކުރައްވާ އެއް ފަރާތްކަމުގައިވާ މީޑިޔާތައް ބޭނުންކޮށް ދޮގުހަބަރު ފަތުރައިގެން ރަޝިޔާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ބާރުފޯރުވިކަމަށާއި އަދި ވަގަށްނަގާފައިވާ ބައެއް މައުލޫމާތު ވިކިލީކްސް ފަދަ އެކި އެކި ވެބްސައިޓް ބޭނުންކޮށްގެން ދޮގު މައުލޫމާތު އުފައްދައި ފެތުރުމުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން އެކަކު ކަމުގައިވާ ހިލަރީ ކްލިންޓަންގެ ކެމްޕެއިންއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޕައިލެޓްއަކު އޭނާގެ ލޯބިވާ އަނބިމީހާ މަތިން ހަދާންވެގެން ދަތުރު ކުރަމުންދިޔަ ފްލައިޓް އަބުރާ ޖައްސައިފި

ޕާކިސްތާނުގެ ޕައިލެޓަކު އޭނާގެ އަނބިމީހާގެ މަތިން ހަދާންވުމުން ދަތުރުކުރަމުންދިޔަ “ޝަހީން” އެއާގެ ފްލައިޓްއެއް އަބުރާ ޖައްސައިފިއެވެ. ހަބަރުލިބޭ ގޮތުގައި އޭނާ ފްލައިތް ޖައްސާފައިވަނީ  އޭނާގެ އަނބިމީހާ ނިޔާވިކަމަށް ބުނެ އޮޅުވާލުމަށް ފަހުގައެވެ.އެވެ. ފްލައިޓް އަބުރާ ޖައްސާފައިވަނީ  ފްލައިޓް ނައްޓާލިތާ މަދު ވަގުތުކޮޅޭއްގެ ތެރޭގައެވެ. މައުލޫމަތު ލިބޭ ގޮތުގައި ޕައިލެޓް ކައިވެނި ކުރީ ވަރަށް ފަހުންނެވެ.

ސައުދީ އަރަބިއްޔާއަށް ދަތުރުކުރަމުންދިޔަ ޝަހީން އެއާގެ މި ފްލައިޓް އަބުރާ ޖައްސައިފައި ވަނީ އެ ފްލައިޓްގެ ކެޕްޓަން ހަކީމް އަލީއެވެ. އޭނާ ވަނީ އޮފިޝަލުން ސުވާލުކުރުމުން އޭނާ ފްލައިޓް އަބުރާ ޖެއްސި އަސްލު ސަބަބު ފާޅުކޮށްފައެވެ. އޭނާ ބުނާގޮތުގައި ދޮގުހަދައިގެން އޭނާ ފްލައިޓް އަބުރާ ޖެއްސީ އޭނާ ވަރަށް ފަހުން ކައިވެނިކުރި އަނބިމީހާ މަތިން މާބޮޑަށް ހަނދާންވުމުންނެވެ.އަދި ހަކީމް  ބުނާގޮތުންނަމަ  އޭނާގެ ވަޒީފާގައި އަދާކުރަން އޮތް ޒިންމާ ދޫކޮށްލައިފައިވެސް އޭނާ ބޭނުންވީ ލޯބިވާ އަނބިމީހާ ކައިރިއަށް ދިޔުމަށެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށް ޕޮލިސްގެ މައްޗަށް އަމުރެއް ނެރެފި

ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން މިރޭ ނެރުނު އަމުރުގައި ބަޔާންކޮށްފައި ވަނީ އެ ކޯޓުން މީގެކުރިން ހުކުމަކުން ޕީޕީއެމްގެ ހިންގުން ވަނީ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައި ކަމަށެވެ.

އެ ހުކުމް އެގޮތަށް ކޮށްފައި ވަނިކޮށް އެ ހުކުމުގެ ބާރު ނަފީވާގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށް ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއްކަން އެނގެން އޮންނަ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އެ އަމުރުގައި ބަޔާންކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމާ ޚިލާފުވާގޮތަށް ހިންގާ އެފަދަ ކަންތައްތަކަކީ ދައުލަތުގެ ކިޔާނާއި އާންމު މަސްލަހަތު ދެމެހެއްޓުމާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ޝަރީއަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 184 ވަނަ މާއްދާގައިވާގޮތުގެ މައްޗަށް ސަލާމަތީ ފަރާތްތައް މެދުވެރިކޮށް ޝަރީއަތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.

އެކަންކަން އެހެން ހުރުމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގަމުންދާނަމަ އެކަމެއް ހުއްޓުވުމަށާއި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައިވާ ދިދަ ނަގައި އެތަނުގައި ޕީޕީއެމްގެ ހަރަކާތެއް ހިންގިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އެފަދަ ކަންތައްތަކަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާ ޚިލާފުވާ ކަމެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ އަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް ދިޔަ ފަތުރުވެރިއަކު ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ފަތުރުވެރިޔާ ފެނިފައިވަނީ އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރީ ވިލުތެރެއިން މޫދު އަޑީގައި އޮއްވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

އޭނާ ގެއްލުނީ މިއަދު މެންދުރު 14:00 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު އިރުއޮއްސި 18:30 ހާއިރު އެވެ.

ޑިމޮކްރަސީގެ ނަމުގައި އަމިއްލަ އެދުން ނޫން ދެން ކޯއްޗެއް!

 ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިތުބާރު އޮތްތޯ ބެލުމަށް ނިމިގެންދިޔަ ދުވަހު ނެގި ވޯޓަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވުނު ވޯޓެކެވެ. އެއީ މަޖިލީހުގެ ރައީސަށްވުރެ ބޮޑަށް ވެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާ ކުރީގެ ދެ ރައީސުންގެ ތާއީދާއި ނުފޫޒު މިނެކިރާލަން ލިބުނު ފުރުސަތެކެވެ. ވާދަވެރި އަދި މިހާތަނަށް ހަތުރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ޑިމޮކްރަސީގެ ޓެކް ޖައްސަވައިގެން އަލުން ވެރިކަމަށް ހޯއްދެވުމަށް ގޮނޑާކޮނޑުޖައްސަވައިގެން ފެއްޓެވި މަސައްކަތުގެ ފުރަތަމަ އިމްތިހާނުން ވެސް ފޭލްވީ އެވެ. ސަބަބަކީ ކޮބާތޯ އެވެ؟

މުޙައްމަދު ނަޝީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ވޯޓުން ހޮވި ރައީސެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު މަލްޓި ޕާޓީ އިންތިހާބުގައި ނަޝީދުގެ ކުރިން ރައީސްކަން ކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމް ބަލިކުރައްވައިގެންނެވެ.

 ނަމަވެސް ހަޤީގަތަށް ވިސްނަވާށެވެ. ނަޝިދަކީ އެއްއިރެއްގައިވެސް ޑިމޮކްރަޓެއްނޫނެވެ. ޑިމޮކްރަޓެއްނަމަ ޤާނޫނާ ޝަރީޢަތަށް ބޯލަނބާނެއެވެ. ނަޝީދު ބުނާ ގޮތުން ވިއްޔާ އެންމެންގެ މައްޗަށް އޮންނަންވާނީ ހަމަހަމަ އުޞޫލުތަކެކެވެ. އެކަމަކު އެއީ ނަޝީދުއާ ގުޅުންހުރި ހުރިހާ ކަމެއް އެއްފަރާތްކޮށްފަ އެވެ. މިސާލަކަށް ދަންނަވާނަމަ، ނަޝީދު އެ ވިދާޅުވާ ޤާނޫނާ ޚިލާފަށް މަސައްކަތްކުރި ގާޒީ ހައްޔަރުކުރީ ޤާނޫނީ ހަމަތަކުގެ ދަށުންނެވެ. ވީމާ، އެކަމަށް ޢަމުރުކުރުމުން ނަޝީދަށް ޤާނޫނީގޮތުން ލިބެންޖެހޭ އެއްވެސް އުޤޫބާތެއް އޮވެގެންނުވާނެ އެވެ.

ވެރިކަމުގެ ދުވަސްވަރުގެ ކަންކަން މިގޮތަށްހުރިއިރު އެއަށްވުރެ ކުރިއަށް ވެސް ޖެހިލާށެވެ. އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނަވާފައި އެނބުރި ވަޑައިގެން ވައުދުވެވަޑައިގަތީ ވެރިކަން ބޭނުންފުޅުނުވާ ކަމަށެވެ. އެކަމަކު 2008ގެ ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީތެރެއިން ފަރިވެފޮޅުހާ ގުލްސަމްޕާމާތައް ޗިސްޗިސްކޮށްލީ ސީދާ ނަޝީދެވެ. ސިޔާސީ ގޮތުން ނަޝީދަށްވުރެ ތަޖުރިބާ ބޮޑުކަމަށް ބެލެވެމުންދިޔަ ޑރ. މުހައްމަދު ވަހީދާއި ޑރ. މުހައްމަދު މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީ އެއްފަރާތްކޮށްލީ އަލުން އަނބުރާ ކައިރިނުވެވޭހާ ދުރަށެވެ.

އެމްޑޕީގެ ރައީސްގޮތުގައި ހުންނެވި އިބްރާހީމް އިސްމާއީލް ޕާޓީގެ ރަސްމީ ބައްދަލުވުންތަކުން ވެސް އެކަހެރިކޮށްލެއްވީ އެވެ. އެއަށްފަހު ރިއާސީ ޓިކެޓް ހޯއްދައި ރަސްކަލެއްގެ ގޮތުގައި ސިފަކުރެއްވި މައުމޫން ވޯޓުން ބަލިކޮށް ވެރިކަމަށް ވެސް ވަޑައިގަތެވެ. އެހާތަނަށް އެންމެ އަރިހުގައި ގެންގުޅުއްވި ގާސިމް އިބްރާހީމް އެއްސޮޓުން ބޭރުކޮށްލެއްވީ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އެވެ. އެކަމަކު ގާނޫނާ ހިލާފަށް ކުރެއްވި އެތަކެއް އަމުރަކަށް ކެތްނުކުރެވިގެން އަމިއްލަފުޅަށް އިސްތިއުފާދެއްވީ އެވެ.

މައުމޫންގެ ހަޔާތަށް ނަޒަރު ހިންގާލާއިރު، އެމަނިކުފާނުގެ ފަރާތުން މިހާރު ފެނިގެންދަނީ ޑިމޮކްރަސީނެތް 30 އަހަރުގެ ބާރާއި ނުފޫޒުގަދަ ޝަހުޞިއްޔަތުގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ހަގީގަތުގައި ނަޝީދަށް ރާއްޖޭގެ ވެރިކަން ފުރޮޅުނީ ޑިމޮކްރެޓިކް އުސޫލެއްނެތި ދިގުލައިދިޔަ ވެރިކަމަކާއި ހެދިއެވެ. މައުމޫން ގައުމު ހިންގެވީ ހުރިހާ ބާރެއް ހޯއްދައިގެންހުރެ އެވެ. އެމަނިކުފާނަށް 30 އަހަރުގެ ޑިކްޓޭޓަރުގެ ގޮތުގައި ބިދޭސީ މީޑިޔާތަކުން އަދިވެސް މުހާތަބްކުރަނީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމާއި މީޑިޔާ ކޮންޓްރޯލްކުރެއްވިލެއް ބޮޑުކަމުންނެވެ. މައުމޫންގެ ދުވަސްވަރު އެމަނިކުފާނުގެ މެމްބަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ބޭތިއްބެވި އަށް މެމްބަރުންނަކީ ޑިމޮކްރެޓިކް ނޫންކަމުގެ ކުޑަކުޑަ މިސާލެކެވެ. އެކަން ގޯސްކަމަށް ވިދާޅުވަމުން އައި ނަޝީދުވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމަގު އިހްތިޔާރުކުރައްވައި އެއްކަލަ އަށްމެމްބަރުން ބޭތިއްބެވި އެވެ. ތަފާތަކީ ކޮބާތޯ އެވެ؟

ތިމާނޫން މީހަކަށް ވެރިކަން ލިބުނަ ނުދިނުމަށް ނަޝީދު އެމްޑީޕީ ބޭނުންކުރެއްވި ގޮތަށް މައުމޫން ވެސް ޕާޓީ ތަރުތީބު ކުރެއްވި އެވެ. ޑީއާރުޕީ ފަރުމާކުރެއްވީ ސީދާ އެމަނިކުފާނު ވަށައިގެންނެވެ. މިއާއެކު ޑިމޮކްރަސީއަށް އެދި ގޮވަމުންދިޔަ ޒުވާން އެތައް ބޭފުޅުންނެއް މައުމޫނާ ފެއަށް ޖެހި ޕާޓީ ވެސް ދޫކުރެއްވި އެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން ވެސް ހިމެނިވަޑައިގެންނެވި އެވެ. ޑީޕާރުޕީގެ ރައީސަކަށް މައުމޫންގެ އިރުޝާދުގެ ދަށުން އިންތިހާބުކުރި އަހުމަދު ތަސްމީން އަލީއާ ވެސް އެންމެ ފަހުން މޫނުކެނޑި ޕީޕީއެމް އުފެއްދެވީ ވެސް ސީދާ މައުމޫނެވެ.

މިހެންވެ އާރާއި ބާރު ގެއްލޭ ކޮންމެ ފަހަރަކު ޑިމޮކްރަސީ ބަހަނާއަކަށް ހައްދަވާފައި ކުރިއަށް ނުކުމެވަޑައިގަތުމަކީ މައުމޫނާއި ނަޝީދުގެ ތާރީހުން ފެންނަން އޮތް ހަގީގަތެކެވެ. ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހުގައި ވެސް ޖެހިގެން މިއުޅެނީ މިދެބޭފުޅުންނަށް ބާރުތައް ގެއްލޭ މައްސަލަ އެވެ. ޑިމޮކްރަޓިކް ހަމަތަކުން ވޯޓުން ހޮވުނު ދެވަނަ ރައީސްކަމުގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމާ ހަމައަށް ދަތުރު ކުރެއްވީ ޕާޓީ ސިސްޓަމުގެ ތެރޭގައި އޮތް ވިރާސީ ތަޅާފޮޅުމުގެ ތެރެއިން ކުރި ހޯއްދައިވައިގެނެވެ. މިއާއެކު އަބަދު ވެރިކަން ކުރައްވަންޖެހޭނީ އެއްބަޔަކު ނޫން ކަމަށާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތީން އެންމެ އާދައިގެ މީހާ އަށް ވެސް ޕާޓީގެ ތެރެއިން ކުރިބޯއްޓަށް ވާސިލްވެވެންވާނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ވަކިވަކި ފިކުރުތަކުގެ ތެރެއިން ޒުވާން ލީޑަރުންނަށް އުފައްދައި ހަރުދަނާ ޖީލެއް ބިނާކުރައްވަން ފެއްޓެވީ މިދެންނެވި ސަބަބުތަކާހުރެ އެވެ.

ކުރީގެ ރައީސުންނާއި މިހާތަނަށް ބާރުތައް ކޮންޓްރޯލް ކުރެއްވި ވަރުގަދަ ވިޔަފާރިވެރިންނަށް މިއަދު ހަޖަމްނުކުރެވިގެން އުޅެނީ އިހުގެ އުސޫލުތައް ބަދަލުވާތީ އެވެ. އާލީޑަރުންތަކެއް އުފެދިއްޖެނަމަ އެބޭފުޅުންނަށް ފުރުސަތު ގެއްލިދާނެކަމުގެ ބިރު ހީވަނީ އެވެ. މައުމޫން އަދި ނަޝީދަށް އަނބުރާ ވެރިކަމަށް އާދެވޭނެ ހާލަތެއް ރާއްޖެއަށް ގެނައުމަކީ މުހިންމުކަމެއްކަމަށް ޤަބޫލުކޮށްގެން އެކަން ހާސިލުކުރުމަށް މަޖިލީހުގެ ރައީސް ބޭރުކޮށް ޕާޓީ ނިޒާމް ގަނޑުބަޑުކޮށްލަން މަސައްކަތްފެއްޓެވީ މިހެންވެ އެވެ. އެކަމަކު އެއީ ގައުމުން ބޭރުގައި ތިއްބަވައިގެން ދުރުތިބީންގެ އެހީ ހޯއްދަވައިގެންނެވެ.

ނިކަން ވިސްނަވާށެވެ. ވެރިކަމަށް ވަޑައިގަތުމަށް ބިދޭސީ ގައުމުތަކުގެ އެހީތެރިކަމަށް އެދުމަކީ ޑިމޮކްރެޓިކް އުސޫލެއްނޫނެވެ. އެހީތެރިކަން ހޯދަންޖެހޭނީ ރައްޔިތުންގެ ކިބައިންނެވެ. އެކަމަކު އިނގިރޭސިވިލާތުގެ ބިދޭސީ ހާރިޖީ ވަޒީރަކަށް އަމިއްލަފުޅަށް ވެވަޑައިގެން ނަޝީދު އަބަދުމެ ހުންނަވަނީ ލަންކާ ގެ ސިޔާސީ ފަރާތްތަކަށް އާދޭސް ދަންނަވާށެވެ. ސަރަހައްދީ ވެރިންގެ އަރިހުގައި މައުމޫން ކުރުނީސް ދަންނަވަމުން އެގެންދަވަނީ ރައީސް ޔާމީންއަކީ ޑިމޮކްރަޓިކް ލީޑަރެއްނޫންކަން ދެއްކުމަށެވެ.

 އެކަމަކު ވެރިކަމުގެ ޖާހަތަށްޓަކައި މައުމޫނާއި ގާސިމާއި ނަޝީދަށް އެއްސަފެއްގައި ނުތިއްބެވޭނެ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ކުރިމަގު ނޫންކަން އަހަރުމެންނާއި ދުރުތިބީން ވެސް ދަނެ އެވެ. މިހެންވެ “ނަޝީދުތޯ، މައުމޫންތޯ” ނަމަކަށް ކިޔާ ސިޔާސީ ކުޅިވަރާ ދުރަށްޖެހި، ތަރައްޤީއާ ކުރިއެރުމުގެ މައްޗަށް ބިނާކުރެވިފައިވާ އައު މަގެއް ޚިޔާރުކުރަންޖެހެއެވެ.

ގަވާއިދާ ޚިލާފަށް ވޯޓު ނެގިޔަސް ދެން މަސީހުގެ މައްސަލަ ކާމިޔާބު ކުރާނަން: އިބޫ

ގަވާއިދާ ޚިލާފަށް މަޖިލީހުން ވޯޓު ނެގިޔަސް ދެން ހުށަހަޅާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ކުރިއަށްދަނީ ޕްލޭނެއްގެދަށުން ކަމަށާއި އިރާދަ ކުރެއްވިއްޔާ މަސީހު ބަދަލު ކުރާނެ ކަމަށެވެ.

ވަޒީރުންގެ ތެރޭގައި ވެސް ބަދަލު ކުރަން ޖެހޭ މީހުން އެބަތިބި ކަމަށާއި ބަންޑާރ ނައިބަށް ވެސް އިތުބާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

“ގެންނަން ޖެހޭ ބަދަލުތައް އެބަހުރި. އަޅުގަނޑުމެން އެމަސައްކަތް ކުރާނަން،” އިބޫ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސަރުކާރުން ގޯސް ކަމެއް ނުކުރާ ކަމަށް ބުނާއިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ އިދިކޮޅު ލީޑަރަކު ނެތް ކަމަށެވެ.

“މިއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ޕާޓީން ކަނޑައަޅާ މީހަކަށް ވާދަ ކުރެވެން ޖެހޭނެ” ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވިގޮތުގައި ރައީސް ޔާމީން ވެގެންދާނީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ގިނިކަންޏާ ހުންނަވާނެ ހަމައެކަނި ބޭފުޅާ ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވަން ކުރާ މަސައްކަތުން ކާމިޔާބު ލިބެމުން އަންނަ ކަމަށާއި ހުއްޓުމެއް ނެތި އެ މަސައްކަތް ދާނީ ކުރިއަށް ކަމަށެވެ.