ފުރަތަމަ ކުއާޓަރގައި ފައިދާގެ ގޮތުގައި އެސްޓީއޯއަށް61މިލިޔަން ރުފިޔާގެ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް 61 މިލިއަން ރުފިޔާގެ ފައިދާއެއްލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ  15 ޕަސެންޓު އިތުރުއަދަދެކެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާއެއް އޮންނަ އެސްޓީއޯގެ މާލީ ހިސާބުތަށް އާންމުކުރުމަށް އެކުންފުނިން  މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ 2004 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބެމުން އައީ 114 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން  ކުންފުނީގެ ފައިދާ އަހަރުން އަހަރަށް ބަލާއިރު އުޅެނީ 400 މިލިއަނަށްވުރެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރު އެސްޓީއޯގެ ކަރަންޓް ޑެފިސިޓް ހުރީ 463 މިލިއަން ރުފިޔާގައެވެ. 2013 ވަނަ އަހަރު ހުރީ 567 މިލިއަން ރުފިޔާގައެވެ.

ސަހީރު ވިދާޅުވީ ކުންފުނީގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގުތައް އެފަރާތްތަކަށް ލުއި ފަސޭހަ ވާނެ ގޮތަކަށް ބެހެއްޓުން ކަމަށާއި،  2014 ވަނަ އަހަރު، އެސްޓީއޯގެ އަގުތައް ހުރި ގޮތުން އާންމު ރައްޔިތުންނަށް ކޯސްޓް ސޭވިންއެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ފޯރުކޮށްފައިވާނެ ކަމަށެވެ. އަދި 2015 ވަނަ އަހަރު 131 މިލިއަން ރުފިޔާގެ ކޯސްޓް ސޭވިންއެއް ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއަށް ނިމިދިޔަ 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.5 މިލިޔަން ރުފިޔާ އެވެ.

ގާސިމް އިބްރާހީމް ބަންދުކުރި މައްސަލައަށް ހައިކޯޓުން ގޮތެއް ނުނިންމި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގެބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ މައްސަލައަށް ހައިކޯޓުން ގޮތެއް ނުނިންމި އެވެ.

ގާސިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އެވެ.ގާސިމް އިބްރާހީމްބަންދަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ފެށީ މިއަދު 2:00 ގަ އެވެ.

ގާސިމްގެ ބަންދާ މެދު ހައިކޯޓުން މިއަދު ގޮތެއް ނުނިންމާ މިއަދުގެ އަޑުއެހުން ނިންމާލާފައިވާތީ ގާސިމްގެ ވަކީލުންގެ ޓީމުން ވަނީ މިމައްސަލާގައި ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ބުނެފައެވެ.

ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން މިމަހުގެ ތެރޭގައި އެމަނިކުފާނު ދެވަނަ ފަހަރަށް ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖަހާއެހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ.

ކޯޓް އަމުރެއްގެ ދަށުން ގާސިމް ބަންދުކޮށްގެން ގެންދިއުމަށްފަހު އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ގާސިމް އިބްރާހީމް މިމަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލި ގޮތަކަށް ހައްޔަރުކުރީ މިމަހުގެ ތެރޭގައި އެމަނިކުފާނު ފުރަތަމަ ފަހަރަށް ހައްޔަރުކުރި މައްސަލާގައި ކުރަމުންދާ ތުހުމަތުތަކަށް ބިނާކޮށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިމަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށާފައިވަނިކޮށެވެ.

ގާސިމް އިބްރާހީމް މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ބަންދަށް އެފަހަރު ހަ ދުވަސް ޖެހުމުން އެމައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އަދި އެފަހަރު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ. އެހެންކަމުން ގާސިމް ވަގުތުން މިނިވަންކުރުމަށްވެސް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

 

އިސްތިއުނާފް އަޑުއެހުމަށް ގާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިސްތިއުނާފް އަޑުއެހުމަށް ހައިކޯޓަށް ހާޒިރުކޮށްފި އެވެ.

ގާސިމް އިބްރާހީމް މިމަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ ބަންދަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މިހާރު ފެށިގެން ކުރިޔަށް އެބަދެއެވެ.

ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ހިސާން ހުސައިން މިއަދު ވިދާޅުވީ މިމަހުގެ ތެރޭގައި ގާސިމު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރު އެކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާއިރު އެމަނިކުފާނު ދެވަނަ ފަހަރަށް ހައްޔަރުކުރީ ވެސް ގޯސްކޮށް ކަމަށް ގާނޫނީ ޓީމުން ގަބޫލުކުރައްވާ ކަމަށެވެ.

ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން މިމަހުގެ ތެރޭގައި އެމަނިކުފާނު ދެވަނަ ފަހަރަށް ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖަހާއެހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ.

ކޯޓް އަމުރެއްގެ ދަށުން ގާސިމް ބަންދުކޮށްގެން ގެންދިއުމަށްފަހު އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

 

ޕާކިސްތާނުން ރާއްޖޭގެ ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފި

ޖެނެރަލް މުހައްމަދު އަލީ ޖިނާހުގެ ނަމުގައި ޕާކިސްތާނުން ރާއްޖޭގެ ސްކޫލްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

ލެޕްޓޮޕްތައް ހަވާލު ކުރެއްވީ ފާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ސައީދު ޚަވަރް އަލީ ޝާހު އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓާ ޑރ. އައިޝަތު ޝިހާމް އެވެ.

އެޑިއުކޭޝަން މިނިސްޓްރިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން ވަނީ  15 ލެޕްޓޮޕް ރާއްޖޭގެ ސްކޫލްތަކަށްހަދިޔާ ކޮށްފަ އެވެ. މި ލެޕްޓޮޕްތަކަކީ ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުހައްމަދު އަލީ ޖިނާހުގެ ނަމުގައިވާ “ޖިނާހު ލެޕްޓޮޕް ސްކީމް” ގެ ދަށުން ހަދިޔާ ކުރި ލެޕްޓޮޕް ތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މި ލެޕްޓޮޕްތަކަކީ އެކި އަހަރުތަކަށް ބަހާލައިގެން ލެޕްޓޮޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.އަދި  “ޖިނާހު ލެޕްޓޮޕް” ސްކީމުގެ ދަށުން ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް ލެޕްޓޮޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ހަމަޖައްސާފައިވާނީ ކޮންމެ ސުކޫލަކުން ވެސް އެ ސުކޫލުގެ އެންމެ މޮޅު ދަރިވަރު ކަމުގެ މަގާމު ހޯދާ ދަރިވަރަކަށް އެ ސުކޫލަކަށް ހަދިޔާ ކުރެވޭ ލެޕްޓޮޕް ދިނުމަށް. ޖިނާހު ލެޕްޓޮޕް ސްކީމުގެ ދަށުން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ވެސް ލެޕްޓޮޕް ދިނުމަށް ހަމަޖެފައިވޭ.” މިނިސްޓަރ ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގައި ބުނާ މުއްދަތު ހަމަވެފައި ވުމުން ފާރިސްއަށް ކުރާ ދައުވާ އަބުރާ ފޮނުވާލައިފި

 ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސްަމައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ހުށަހަޅާފައިާ މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު  ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ދަށުން ފާރިސްއަށް ދައުވާ ކުރަން ބެލި އިރު މުއްދަތު ހަމަވެފައިވާތީ އެ ދައުވާ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި ދައުވާ އަބުރާ ފޮނުވާލީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފާރިސްއަށް ދައުވާ ކުރަން ފޮނުވާފައިވަނީ ދައުލަތުން އޭނާ ކުރައްވާފައިވާ ހަރަދެއް އަނބުރާ ދައްކަވާފައިނުވާ ކަމަށް ތުހުމަތުކޮށް ގާނޫނު އުގޫބާތުގައި ބުނާ މުއްދަތު ހަމަވެފައިވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހަށް ތަހުގީގުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ރައީސްމައުމޫންގެ ވެރިކަމުގެ ފަހު ދުވަސްވަރު އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ  ރިޔާސީ ގަޑުވަރު(ތީމުގޭގެ)އޮޑިޓްރިޕޯޓްގައިބުނާ  2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބެލުމަށް ފާރިސް ސްރީލަންކާއަށް ކުރެއްވިކަމަށް ބުނާ  ދަތުރެއްގައި ހިނގި ކަމަށް ބުނާ ހަރަދުތައް ހޯދަން ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގެ ދަށުން ދައުވާ ކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީއެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްތަކަށް ދައުވާ ކުރަން ޖެހޭނީ ކުށްކުރާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައެވެ. ޖުނަހުގެ ކުށްތަކުގައި ދައުވާ ކުރަން ޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.

އެ މައްސަލަ ޕީޖީން އަނބުރާ ފޮނުވާލި އިރު ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސްގެ މައްޗަށް އިތުރު  މައްސަލައެއް ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

ކައުންސިލް އިންތިޚާބުގައި މި ސަރުކާރަށް ނޫނެކޭބުނެ ވޯޓު ފޮށިތައް ފުރާލަންޖެހޭ – އަބްދުﷲ ޝާހިދު

އަންނަ މޭމަހުގެ ހަ ވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މި ސަރުކާރަށް ނޫނެކޭބުނެ ވޯޓު ފޮށިތައް ފުރާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެންވިދާޅުވީ އިދިކޮޅު އެމްޑީޕީން މިހާރު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރު ތަކުގެ ތެރެއިން ރ.އަތޮޅުގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރަށް ގިނަދުވަސްތަކެއްވަންދެން ޚިދްމަތްކުރައްވާފައިވާ ޝާހިދު ސަރުކާރަށް އިޝާރާތްކުރައްވައި ވިދާޅުވީ ރައްޔިތުންނަށް އަނިޔާކޮށް ނިކަމެތިކޮށްފައި ރައްޔިތުންގެ ކައިރިއަށްގޮސްގެން ނުވާނެ ކަމަށެވެ.

“އަޅުގަނޑު މިދަންނަވަނީ ރައްޔިތުންނަށް އަނިޔާކޮށް،ރައްޔިތުން ނިކަމެތިކޮށްފައި ރައްޔިތުންގެ ކައިރިޔަށް ގޮސްގެންނުވާނެ” ޝަހިދު ވިދާޅުވިއެވެ.

ރާއިސްޔާމިންގެ ވެރިކަމުގައި ފާއިތުވި ތިން އަހަރު ވައްކަމާއި ފޭރުމާއި ޚިޔާނާތާއި މީހުން މެރުންފަދަ ބޮޑެތި އެތަށް ޖަރިމާތަކެއް ރާއްޖޭގައި ހިންގާފައިވާ މިންވަރާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވެސް މެންބަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތަރައްގީއަކީ ރައްޔިތުން ކުޑަކަކޫ ޖައްސުވައި ރައްޔިތުންނަށް ބިރުދައްކައި ގައުމު ފަސާދަކުރުން ކަމުގައިވާނަމަ ދެން އެކަމާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

” ތަރައްގީއަކީ ރައްޔިތުން ކުޑަކަކޫ ޖައްސުވައި ރައްޔިތުންނަށް ބިރުދައްކައި،މުޅި ގައުމު ފަސާދަކުރުން ކަމުގައިވާނަމަ ދެން ދައްކާނެ ވާހަކައެއް ނެތް” ރ.އަތޮޅުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ލިބޭނެ – ދިރާގު

ދިރާގުން ތައާރަފްކުރި އައިޕީ ޓީވީގެ ހިދުމަތް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ބޭރުގެ ގިނަ ޗެނަލްތަކެއް ހިމެނޭ ގޮތަށް  ދިރާގު ޓީވީ ގެހިދުމަތް ތައާރަފް ކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އަދި މި ހިދުމަތް އަތޮޅުތެރޭގެ ރަށްތަކަށް މިއަދުން ފެށިގެން ލިބޭނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.

“ދިރާގު ޓީވީ ގެ ޚިދްމަތް މިހާރު މުޅިރާއްޖޭގެ ހުރިހާރަށަކަށް ލިބޭނެ،އަޅުގަނޑުމެންވާނީ ދޫކޮށްފައި”ދިރާގުން ވިދާޅުވިއެވެ

މި ހިދުމަތް އަލަށް ފެށުމާއި ގުޅިގެން ދރާގުން ވަނީ މި ހިދުމަތަށް އެންމެ ފުރަތަމަ ސަބްސްކްރައިބް ކުރާ 1500 ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖްތަކެއް ހުށަހަޅާފަ އެވެ. އޭގޮތުން މިފަރާތްތަކަށް މިއަހަރުގެޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މަހު ފީއެއްގެ ގޮތުގައި  300 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.އަދި އެއް މަހުގެ މަހުފީ ހިލޭ ލިބުމުގެ އިތުރުން ޖޯއީބޮކްސް އާއި ކަނެކްޝަން ހިލޭ ގުޅައިދޭ ގޮތަށްވެސް ހަމަ ޖެހިފައިވާ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

އަދި ދިރާގުންވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 100 ފަރާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މި ހިދުމަތް ހިލޭ ދިނުމަށް ހަމަޖައްސާފައެވެ. މި ހިދުމަތް ތައާރަފް ކުރިތާ ގަޑިއިރެއްގެ ތެރޭގައި ހިލޭ ޖާގަތަށް ހުސްވެފައިވާ ކަމަށް ދިރާގުންވަނީ  ބުނެފައެވެ.

ރައީސް ޔާމީނަށް ވަޒީފާދިނީ ރައްޔިތުން، އެރައްޔިތުން ނުކުމެދާނެތީ ބިރުގަންނަންޖެހޭ- އަލީ ހުސައިން

ރައީސް އަބްދުﷲ ޔާމީނަށް ވަޒީފާދެއްވީ ދިވެހި ރައްޔިތުން ކަމަށާއި ގާނޫނާ ޚިލާފުވެއްޖެނަމަ ރައްޔިތުން ނުކުމެދާނެ ކަމުގެ ބިރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިކަމަށް ގޮވައިލެއްވީ ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ރޭ  ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަނީ ގާނޫނު އަސާސީއާ ޚިލާފަށް ނޫން ކަމަށާއި ސަރުކާރުން ކޮރަޕްޝަން އާންމުކޮށް،ރައްޔިތުންގެ  ހައްގުތައް ނިގުޅައިގަންނަމުންދާނަމަ، ގާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލުމަކީ އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަގީގީ ބާރުވެރިކަން އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި ނޫން ކަމަށާއި ރައްޔިތުންގެ ވެރިކަމެއްގައި ބާރުވެރިކަން އޮންނަންޖެހެނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ އެންގުމަށް އިޝާރާތްކުރައްވައި އަލީ ހުސައިން ވިދާޅުވީ ރެއަކީ ޕޯޑިއަމެއްގައި އޭނާ އަށް ވާހަކަދެއްކޭނެ އެންމެ ފަހު ފަހަރަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް އިސްލާހީ މަސައްކަތުގައި އެންމެން ދާނީ ބާރަށް ކުރިއަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ސްޕެއިން އިން ޖިބްރާލްޓާރއަށް މަނަވަރެއް ފޮނުވުމުން އިނގިރޭސިން ރަތަށް

ދުނިޔޭގެ މަސްރަހުގައި އެންމެ ހޫނުވެފައިވާ އެއް ވާހަކައަކީ ސްޕެއިން އާއި އިނގިރޭސިވިލާތާއި ދެމެދު އުފެދިފައިވާ ޖިބްރާލްޓާރގެ މައްސަލައެވެ.

މި މައްސަލައިގައި ދެ ގައުމުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވާއިރު ޖިބްރާލްޓާރ އަދިވެސް އޮތީ އިނގިރޭސިވިލާތުގެ ސަރަހައްދެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެންމެ ފަހުން އިވިގެންދިޔަ ވާހަކައަކީ އަނެއްކާވެސް ސްޕެއިންއިން ޖިބްރާލްޓާރގެ ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވަރެއް ފޮނުވި ހަބަރެވެ.

ސްޕެއިންއިން މިގޮތަށް ތިން ފަހަރަކު އަސްކަރީ މަނަވަރުތަކެއް ޖިބްރާލްޓާރއަށް ފޮނުވާފައިވާއިރު އިނގިރޭސިވިލާތުގެ މަނަވަރުތަކަށް ވަނީ މިގޮތަށް ވަންނަ މަނަވަރުތައް ޖިބްރާލްޓާރގެ ކަނޑުގެ ސަރަހައްދުން ބޭރުކުރުމުގެ މަސައްކަތްކުރަން މަޖުބޫރުވެފައެވެ.

ސްޕެއިންއިން ދެކޭގޮތުގައި ޖިބްރާލްޓާރ އަކީ އެގައުމުގެ ސަރަހައްދެކެވެ. އެހެންނަމަވެސް ޖިބްރާލްޓާރގެ ރައްޔިތުންގެ މެދުގައި އެންމެ ފަހުންވެސް ނެގިގެންދިޔަ ހިޔާލުހޯދުމުގެ ވޯޓުން ދައްކާގޮތުގައި ރައްޔިތުން ބޭނުންވަނީ އިނގިރޭސިވިލާތުގެ ސަރަހައްދެއްގެ ގޮތުގައި އޮތުމަށެވެ.

މި މަނަވަރުގެ މައްސަލައިގައި އިނގިރޭސިވިލާތުން ވަނީ ސްޕެއިންގެ ސަރުކާރަށް އަނެއްކާވެސް މައްސަލަ ހުށަހަޅައިފައެވެ.

އެމެރިކާގެ ކުޑަކުދިންތަކެއް ޓްރަމްޕްއާއި ދެކޮޅަށް އަޑުއުފުލަން ފަށައިފި

ޓްރަމްޕްގެ ސަރުކާރަށް ސަތޭކަ ދުވަސް ހަމަވުން ފާހަގަކުރަމުންދާއިރު ޑޮނާލްޑް ޓްރަމްޕްއާއި ދެކޮޅަށް އެމެރިކާގައި އެތައް ހާސްބަޔަކު ދަނީ ކޮންމެ ދުވަހަކުހެން އަޑުއުފުލަމުންނެވެ.

މިގޮތުން އެމެރިކާގައި ދިރިއުޅޭ އެކި ނަސްލުތަކުގެ އަދި އެކި ދީންތަކުގެ މީހުންވެސް މި ހަރަކާތްތަކުގައި ބައިވެރިވާއިރު މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްބަޔަކީ ތިމާވެށްޓާއި ދެކޮޅަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތްތަކަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާ ހިތްވަރުގަދަ ކުޑަކުދިންތަކެކެވެ.

ޓްރަމްޕު ސަރުކާރުން  ތިމާވެއްޓާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔުން އަމާޒުކޮށް ޓްރަމްޕްއާއި އޭނާގެ ސަރުކާރުގެ ބައެއް އިސްވެރިންތަކަކާއި ދެކޮޅަށް މި ކުދިން ވަނީ އެމެރިކާގެ 21ކޯޓެއްގައި ދައުވާކޮށްފައެވެ. މި ކުޑަކުދިން ދަނީ ޓްރަމްޕްގެ ސަރުކާރުން ސާފު އަދި ތިމާވެއްޓާއި ރަހުމަތްތެރި ހަކަތަ ބޭނުންކުރުމަށް ގޮވާލައި ބާރުއަޅަމުންނެވެ.

ކްލައިމެޓް ކިޑްސްގެ ނަމުން މަޝްހޫރުވެފައިވާ މި ކުޑަކުދިންގެ ތެރެއިން އުމުރުން އެންމެ ހަނގު ކުއްޖާގެ އުމުރަކީ 9 އަހަރެވެ. އެކި އެކި ހަރަކާތްތަކުގައި ބައިވެރިވަމުންދާ މި ކުޑަކުދިން މިހާރު ދަނީ ވައިޓް ހައުސްއަށް ދަތުރުކުރާ ބޮޑު ހިނގާލުމެއްގައިވެސް ބައިވެރިވަމުންނެވެ.

ސޯޝަލް މީޑިޔާގައި މި ކުދިންގެ ވާހަކަ ފެތުރުމުން ގިނަ ބަޔަކު ވަނީ މިހާ ތުއްތު ސިކުނޑިތަކަކަށް ދުނިޔޭގެ ގިނަ ސައިންސްވެރިންތަކެއް ގަބޫލުކުރާ ކަމެއް ގަބޫލުކުރެވޭއިރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމުގެ ވެރިންނަށް މިކަން ގަބޫލުނުކުރެވެންވީ ސަބަބަކީ ކޮބައިތޯ ބުނެ ސުވާލު އުފައްދައިފައެވެ.