ގަދަ ވަޔާއެކު ތިނަދޫ އަށް ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގަދަ ވަޔާއެކު އައިކޮޅިގަނޑުގައި ގދ. ތިނަދޫ8 ގެއެއްގެ ފުރާޅުއެއްލާލައި 15ގެއަކަށް އެކިވަރުގެ ގެއްލުން ވެއްޖެއެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ މިރޭ އިޝާނަމާދު ވަގުތު އައި ކޮޅިގަނޑުގެ ގަދަވަޔާއެކު އެރަށުގެ ބައެއް ގެތަކަށް ގެއްލުންވެ 8 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި

އޭގެ އިތުރުންވެސް  އިތުރު 15 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.

އެ ހާދިސާގައި ތިނަދޫގެ ފަސް ގުދަނަކަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައިވާއިރު މިރޭގެ ހާދިސާގައި ބޮޑަށް ގެއްލުން ލިބިފައިވަނީ އަލަށް ހަމަދަމުން އަންނަ ގެތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ބައެއްގޭގޭގެ ރުއްގަސްތަށްަ ވެއްޓުމުގެ އިތުރުން ގެއްގެ ފާރު ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވާއިރު ރަށުގެ އެކި ހިސާބުތަކުގައި ހުރި ގެތަކަށް އެކިވަރުގެ ގެއްލުންތަށް ވަނީ ވެފައި” ކައުންސިލް މެންބަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު މީހުން މިހާރު ތިބީ އަވަށްޓެރި ގޭތަކުގެ ބޯހިޔާވަހި ކަމުގައެވެ. އަދި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫ ހަތަރު ގެއެއްގެ ފުރާޅު އެއްލައިލި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ، މިރޭ 20:20 ކަންހާއިރު ކަމަށެވެ. އަދި އެ ޚާބަރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

ފާރިސް މައުމޫންގެ ބޮޑުދައިތަ އަަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބޮޑު ދައިތަ ފަރީޝާ އިބްރާހީމް އަވަހާރަވެއްޖެއެވެ.

ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. ފަރީޝާ އަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކުގެ އަނބިކަނބަލުންނެވެ.

ބޮޑުދައިތަ އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ފާރިސް އެދިވަޑައިގަތުމުން ސަރުކާރުން ވަނީ އެ ހުއްދަ ދެވެން ނެތް ކަމަށް އަންގާފައެވެ.

ހޯމް މިނިސްޓްރީން ބުނީ ފުލުހުން ފާރިސްއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު، އޭނާ އަށް އެ ހުއްދަ ދީފިނަމަ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިނުގެންފާނެ ކަމަށް ހީވާ ކަމަށެވެ.

އަދި ފުލުހުންގެ ތަހުގީގަށް ހޯދަމުން އަންނަ މީހަކު، ފާރިސް އާއި ފާރިސްގެ އާއިލާގެ އެހީތރިކަމާ އެކު ފިލައިގެން އުޅޭ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސް މައުމޫން އަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް – އަމީތު

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމަށް އިނާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ ރައީސް މައުމޫން އެއްވެސް ސެކިއުރިޓީއެއް ނެތި ސިންގަޕޫރުގައި ޓެކްސީއަކަށް އަރާވަޑައިގަންގަންނަވާ  ފޮޓޯއެއް އާންމުވެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދިއުމާއި ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އަމީތުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ” ރައީސް  މައުމޫން އަށް ހައްގުވާ އިނާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް.  އިހުމާލުވާ ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ”  މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު ވިދާޅުވިއެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމްގެ ސިއްހީ ހާލުކޮޅު ބޮޑުވުމާ ގުޅިގެން އިންޑިއާގައި ހުންނެވުމަށްފަހު އެވެ.

ރައީސް މައުމޫން ރާއްޖެއިން އިންޑިއާއަށް ވަޑައިގަތުމަށް ސެކިއުރިޓީއާ އެކު ފުރަން އުޅުއްވަނިކޮށް ފަހު ވަގުތު ސަރުކާރުން ވަނީ ސެކިއުރިޓީ ނުގެންދެވޭނެ ކަން އަންގާފަ އެވެ. އެހެންކަމުން ރައީސް މައުމޫން ރައްޖެއިން ބޭރަށް ވަޑައިގެން އުޅުއްވަނީ ސެކިއުރިޓީ ނެތި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނަށް ދާދި ފަހުން އިސްލާހުތަކެއް ގެނެސް ކުރީގެ ރައީސުންނަށް ލިބޭ އިނާޔާތްތައް ކުޑަކޮށް ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.

 

ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސް ފުލުސް އޮފީހަށް ހާޒިރުކުރަނީ

ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ އެ ޕާޓީގެ ބާނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

އެނގިފައިވާގޮތުގައި މާދަމާ ރޭ 9:30 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ފާރިސް އަށް ވަނީ އަންގާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފާރިސް ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެއްޖެ ކަމަށް ނިންމާފައެވެ. ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ގަވާއިދާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އޮތީ ކޯޓަށް ހުށަހަޅާފައެވެ.

ޕީޕީއެމް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފާރިސް އަކީ ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާ ޚިޔާލުތަފާތު ބޭފުޅެކެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ކޯޓުތައް މެދުވެރިކޮށް ޕީޕީއެމްގެ މުސްތަޝާރު ވަނީ ޕާޓީ ފޭރިގެންފައި ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވަމުން އަންނަނީ ކޯޓުގެ އެއްވެސް ނިންމުމަކަށް އެމަނިކުފާނު ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ކޯޓުން ނިންމާ ނިންމުންތަކަށް އެންމެން ވެސް އިޙްތިރާމް ކުރަންޖެހޭނެ ކަމަށެވެ.

އަޅުގަނޑު އެދުނީ ޓްރެވެލް ޑޮކިއުމެންޓެއްގައި ނަމަވެސް ފުރޭނެގޮތް ހަމަޖައްސައިދޭން: ފާރިސް

އޭނާ އެދިވަޑައިގަތީ ޓްރެވެލް ޑޮކިއުމެންޓެއްގައި ނަމަވެސް ރާއްޖެއިން ބޭރަށް ފުރޭނެގޮތް ހަމަޖައްސައިދިނުމަށް ކަމަށާއި އަދި ފުލުހެއް ފޮނުވާނަމަ އެމީހެއްގެ ޚަރަދު ހަމަޖައްސައިދޭނެ ކަމަށް ދަންނަވާފައިވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން އިއްޔެ އޭނައާ ގުޅޭގޮތުން ނެރުނު ބަޔާނަށް ރައްދުދެއްވަމުން ފާރިސް ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރުމަށްޓަކައި، އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދުމުގެ ބަދަލުގައި، އޭނާ އެދިވަޑައިގަތީ ޓްރެވެލް ޑޮކިއުމެންޓެއް ބޭނުންކޮށްގެން ފުރޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށެވެ. އަދި އޭނައާ އެކު ފުލުހުން ފޮނުވާނަމަ އެ ބޭކަލުންގެ ދަތުރު ޚަރަދަށްވެސް ޒިންމާވާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދެންނެވި ކަމަށް ފާރިސް ވިދާޅުވިއެވެ.

“މިއީ ތަޙްޤީޤަށް ފިލާފާނޭ މީހަކު ހުށަހަޅާނޭ ހުށަހެޅުމެއް ނޫންކަން ބުއްދީގެ ހަމަތަކުން ވިސްނުމުން ސާފުވާނެއެވެ.” ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މައްސަލައިގައި އަޅުގަނޑުގެ ހުރި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ޙިއްސާކުރުމުގެ ބަދަލުގައި އަޅުގަނޑު އާދޭސް ދެންނެވީ ރަސްމީ އިދާރާތަކުގައި ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރަން ބޭނުންވަނީ ބޮޑުދައިތަގެ ބަލި ހާލު ހުރިގޮތުން، ބޮޑުދައިތަ ދެކިލަން މިވަގުތު ދިއުމަކީ ހަމަ ކޮންމެހެން މުހިންމު ކަމެއްކަމަށް ޤަބޫލުކުރެވޭތީ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުކުރުމަށް ފާރިސް އާއި އޭނާގެ ޢާއިލާއިން، ހުރަސް އަޅަމުން ގެންދާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ބުނުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް އޭނާގެ މައްޗަށް މައްޗަށް ކޮށްފައިވާ ޖިނާއީ ތުހުމަތެއް ކަމަށް ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖިނާއީ ކުށެއްގެ ތުޙުމަތުކުރެވޭ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުކޮށްދިނުމަކީ އޭނަ އާއި އޭނާގެ ޢާއިލާގެ މަސްޢޫލިއްޔަތެއް ނުވަތަ ޤާނޫނީ ޒިންމާއެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަޙްޤީޤް ހިންގުމުގައިއާއި، ޝަރީޢަތް ހިންގުމުގައި އެނޫން މީހުންގެ ޤާނޫނީ ޙައްޤަށް ހުރަސް އަޅައިގެން ނުވާނޭކަމަށް ޤާނޫނުއަސާސީގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނައިރު، ފުލުހުން ތަޙްޤީޤަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހާޒިރުނުކުރެވޭތީ އޭނާ އަށް އެކަމުގެ އަދަބު ދިނުމުގެ ގޮތުން ފުރުން މަނާކުރުމަކީ ޤާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލު އިޖުރާއާތެއް ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ. އަދި އެހެން މީހަކު ފުލުހުންގެ ތަޙްޤީޤަށް ހާޒިރު ނުވުމަކީ އަޅުގަނޑުވެސް ތަޙްޤީޤަށް ހާޒިރުނުވެ ފިލާފާނޭކަމަށް ބެލުމަށް އޮތް ޙުއްޖަތެއް ނޫން ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

“އަޅުގަނޑުގެ މައްޗަށް ތުޙުމަތުކުރެވޭކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކުރާ މައްސަލައިގައި އަޅުގަނޑުގެ ފަރާތުން ފުރިހަމައަށް ވާނީ އެއްބާރުލުން ދީފައެވެ. ފުލުހުންގެ ފަރާތުން ކުރާ ތަޙްޤީޤަކަށް އަޅުގަނޑު އެއްބާރުލުން ނުދޭކަމަށް ވިދާޅުވުމަކީ ކަމުގެ ޙަޤީޤީ މަޢުލޫމާތު ސާފުނުކުރައްވައި ވިދާޅުވާ ޙަޤީޤަތާ ޚިލާފް ވާހަކައެކެވެ. ފުލުހުން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވާ ތަޙްޤީޤަކީ ސިޔާސީ މަޤްސަދެއްގައި ސަރުކާރުގެ ނުފޫޒުން ކުރުވާ ކަމެއްކަން އަޅުގަނޑަށް ސާފުވި ނަމަވެސް، ފުލުހުންގެ ޙުރުމަތް ދެމެހެއްޓުމަށްޓަކައި އަޅުގަނޑަށް ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ފުލުހުންނަށް އަދިވެސް އެއްބާރުލުން ދެމުން ގެންދާނޭވާހަކަ ދަންނަވަމެވެ.” ފާރިސް ވިދާޅުވިއެވެ.

ފްލައިމީ ފްލީޓަށް 52 ސީޓުގެ އާ ބޯޓެއް ގެނެސްފި

ވިލާ ގްރޫޕްގެ ފަރާތުންހިންގާ އެއާލައިން ފްލައިމީ  ފްލީޓަށް 52 ސީޓުގެ އާ ބޯޓެއް ގެނެސްފިއެވެ. ފްލައިމީގެ ފްލީޓަށް އަލަށް ގެނައީ އޭޓީއާރު 42 500 މަރުކާގެ ބޯޓެކެވެ.

ފްލައިމީގެ އުދުހުންތަކުގައި މިހާރުވެސް ދަނީ ދެ ބޯޓު ބޭނުން ކުރަމުންނެވެ. އެއީ އޭޓީއާރު 72 500 މަރުކާގެ ދެ ބޯޓެވެ. އޭޓީއާރު 42 މަރުކާރުގެ ބޯޓެއް ފްލައިމީން ގެނައި މީ ފުރަތަމަ ފަހަރެވެ.

ފްލައިމީގެ އުދުހުންތައް ފެށީ 2011 ވަނަ އަހަރުގެ މާޗް މަހު އެވެ. ފްލައިމީގެ ދަތުރުތައް ކޮންމެ ދުވަހަކު ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާއިރު ކޮންމެ ހަފްތާއަކު އދ. މާމިގިއްޔާއި ބ. ދަރަވަންދޫއަށް އެ އެއާލައިނުގެ ޝެޑިއުލްޑް ފްލައިޓުތައް އޮވެ އެވެ.

އެކްސިޑެންޓްވި ދޯނީގެ ކެޕްޓަން ހައްޔަރުކޮށް ހަތަރު ފަޅުވެރިން ޑީޕޯޓްކުރަނީ

ސަމާ އައިލެންޑް ރިޒޯޓުގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗަކައި ދޯންޏަކާއި ޖެހިގެން ހިގި ނުރައްކާތެރި އެކްސިޑެންޓްވި ދޯނީގެ ކެޕްޓަން ހައްޔަރުކޮށް ހަތަރު ބިދޭސީ ފަޅުވެރިން ޑީޕޯޓްކުރަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށާއި، އަދި ހައްޔަރު ކޮށްފައިވާ ދޯނީގެ ކެޕްޓަންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ދޯނީގެ ފަޅުވެރިންގޮތުގައި ތިބި ހަތަރު ބިދޭސީން  އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެފައިވާތީ ޑީޕޯޓު ކުރަން ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ މިހާދިސާ މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.

ސަމާ އައިލެންޑް ރިސޯޓުން ރޭ ފުރައިގެން ދަތުރުކުރި ލޯންޗް އެކްސިޑެންޓުވީ، ވަން އެންޑް ރީތި ރަށް ރިސޯޓުގެ ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި ޖެހިގެންނެވެ. އޭރު އެ ދޯނި އޮތީ ބޮކިތަށް ނިއްވާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓުގައި އެކިވަރުގެ އަނިޔާވެގެން 14 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެހެންނަމަވެސް އޭގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ތިބީ 11 މީހަކު ކަމަށް އޭޑީކޭ އިން ބުނެ އެވެ.

އޭޑީކޭއިން ވިދާޅުވީ ރޭގެ އެކްސިޑެންޓް ވެގެން ގެނައި މީހުންގެތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާދެމުންގެންދާކަމަށާއި،އޭގެތެރެއިން ދެމީހުންގެ ހާލު ސީރިއަސް ކަމުން އޮޕަރޭޝަނެއް ކުރުމަށްފަހު ދެމީހުންވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށެވެ.

މިހާދިސާގައި އަނިޔާވި އެންމެންނަކީވެސް ސަމާ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެނގިފައިވާ ގޮތުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ސަމާ އައިލެންޑްގެ ހަތަރު ސެކްޝަނެއްގެ މެނޭޖަރުން ވެސް ހިމެނެ އެވެ.

މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރަންވާނީ ނަޞޫޙު ތައުބާއަކުން ތައުބާވެގެންވާ ޙާލުގަ

ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު އެމަހާ ބައްދަލުކުރުމަށް އަޅުގަނޑުމެން ތައްޔާރުވިންތޯއެވެ؟ އެމަހާ އަޅުގަނޑުމެން ބައްދަލުކުރާނީ ފަހެ ކިހިނަކުންތޯއެވެ؟ ކޮންޙާލަތެއްގައިތޯއެވެ؟ ޢިލްމުވެރިން ވިދާޅުވަނީ މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރަންވާނީ ނަޞޫޙު ތައުބާއަކުން ތައުބާވެގެންވާ ޙާލުގައި ކަމުގައެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޙަރާމްކުރެއްވި އެންމެހާ ކަންތަކުން ދުރުވެ ރައްކާތެރިވެގެންވާ ޙާލުގައެވެ. އަދި ހަމައެފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ ޙާލުގައެވެ. ހުރިހާ ވަގުތެއްގައި އަދި ހުރިހާ ޙާލަތެއްގައިވެސް އުރެދުމާއި ފާފައިން އެއްކިބާވެގެން ތިބޭ ޙާލުގައެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ ރަޙްމަތާއި ފާފަފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މަސް ކަމުގައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ.

 يَأَيُّهَا الَّذِيْنَ آمَنُوْاتُوْبُوْا إِلَى اللهِ تَوْبَةً نَصُوْحًا  މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ތެދުވެރިކަމާއެކު ނަޞޫޙު ތައުބާއަކުން ތައުބާ ވާހުށިކަމެވެ.”

ރަމަޟާންމަހާ ކުރިމަތިލާ އެމަހާ އިސްތިޤްބާލުކޮށް ބައްދަލުވެ އެމަހުގެ ދުވަސްތައް ހޭދަކޮށްފައި ނުކުތް އިރު އެއްވެސްކަހަލަ ހެއުޢަމަލެއް އިތުރަށް ކުރެވިފައިނުވާނަމަ އެފަދަ މީހަކަށް އެލިބުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ހުރި ހިތާމައަކާ ސަހަރޯވެރިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ މީހަކަށް ﷲގެ ޙަޟްރަތަށް ކުއްތަންވުމުގެ އެންމެ ފިޔަވަޅެއްވެސް އިތުރަށް އެޅިފައިނުވާނަމަ އެއީ ހަމަކަށަވަރުން ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ބޮޑުގެއްލުމެވެ. އެންމެ ބޮޑު ނިކަމެތިކަން އޭރު އެވަނީ އެމީހަކު އަމިއްލައަށް ލިބިގެންފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

إِنَّ فِى الْجَنَّةِ بَاباً يُقَالُ لَهُ الرَّيَّان ، يَدْخُل مِنْهُ الصَّائِمُوْن يَوم الْقِيَامَة ، لا يَدْخُل مِنْهُ أَحَد غَيْرهُمْ  ، فَإِذَا دَخَلُوا أُغْلِق ، فَلَمْ يَدْخُل مِنْهُ أَحَد (رواه البخاري ومسلم)

 މާނައަކީ: “ހަމަކަށަވަރުން ސުވަރުގޭގައި ރައްޔާނޭ ކިޔޭ ދޮރުކޮޅެއްވެއެވެ. އެއީ އެދޮރުކޮޅަކުން ރޯދަވެރިން ސުވަރުގެ ވަންނަ ދޮރުކޮޅެވެ. ރޯދަވެރިޔަކު ނޫން އެހެން އެއްވެސް މީހަކަށް އެދޮރުކޮޅުން ނުވަދެވޭ ހުއްޓެވެ. ރޯދަވެރިން ވަދެ ނިމުމުން އެދޮރުކޮޅު ބަންދުވާނެއެވެ. އެހެން އެއްވެސް މީހަކަށް އެދޮރުކޮޅަކުން ނުވަދެވޭހުއްޓެވެ.”

އަޅުގަނޑުމެން ﷲގެ އަޅުތަކުން ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރަންވީ ޤިޔާމަތްދުވަހުގައި މިދޮރުން ސުވަރުގެއަށް ވަދެވޭ ބަޔަކު ކަމުގައި ވުމަށެވެ. އަޅުގަނޑުމެން ރައްކާތެރިވާންވީ އަޅުގަނޑުމެންގެ މޫނު މައްޗަށް އެދޮރު ލެއްޕިގެންދާ ފަދަ ނިކަމެތި ބަޔަކު ކަމުގައި ނުވުމަށެވެ. އެފަދަ ގޮތެއް ދިމާވެއްޖެނަމަ އެއީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އިހާނެތި ކަމަކާއި ބިރުކަމެއްވެސް މެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

فَإِذَا دَخَلَ آخِرُهُمْ أُغْلِق مَنْ دَخَل شَرِبَ ، وَمَنْ شَرِبَ لَمْ يَظْمَأ (رواه ابن خزيمة )

މާނައަކީ : “ފަހެ އެރޯދަވެރިންކުރެ އެންމެފަހު މީހާ ވަދެނިމުމާއެކު އެދޮރުކޮޅު ބަންދުވެދެއެވެ. އެދޮރުކޮޅުން ވަދެއްޖެ މީހާއަށް ސުވަރުގޭގެ މީރު ބުއިން ލިބެއެވެ. ސުވަރުގޭގެ މީރު ބުއިމެއް ލިބިއްޖެ މީހާއަށް ދެން ދުވަހަކުވެސް ކަރުހިއްކުމުގެ ކަމެއް ކުރިމަތިނުވާހުއްޓެވެ.”

އާދެ! ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަމާއެވެ! އެމަހުގައި ކުރެވޭ އަޅުކަމަށްޓަކައި ﷲ ދެއްވާ ދީލަތި ދެއްވުމުގެ ބޮޑުކަމާއެވެ! އެމަހުގައި އެކަލާނގެ އަޅާ އެރޯދަ ހިފަނީ އޭނާ ހެއްދެވިފަރާތުގެ އަމުރަށް ކިޔަމަންތެރިވެ ހުންނަ ޙާލުގައެވެ. އެހެންކަމުން އެކަލާނގެ އެކަމުގެ ބަދަލުގައި ދެއްވާ ދަރުމައާއި އަޖުރު ނުވަތަ ޘަވާބުގެ ބޮޑުކަމާއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

الصِّيَامُ جُنَّةُ مِنَ النَّارِ ، كَجُنَّةِ أَحَدِكُم مِنَ الْقِتَال، وَصِيَام حَسن من ثَلاَ ثَةِ أَيَّامٍ  من كُلِّ شَهْر (رواه أحمد)

މާނައަކީ: ރޯދައަކީ ނަރަކައިން ރައްކާތެރިވުމަށް ލިބިފައިވާ އައްޑަނައެކެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު ހަނގުރާމައިން ރައްކާތެރިވެ ދިފާޢުވުމަށް ލިބިފައިވާ އައްޑަނަ ފަދައިންނެވެ. އަދި ކޮންމެ މަހެއްގެ ތެރޭގައި ތިންދުވަހުގައި ހިފާ ރޯދަވެސްވަނީ ހެއުޢަމަލެއް ކަމުގައެވެ.”

އެއަރޕޯޓްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެހެލެއްޓުން ފުލުހުންނާއި ހަވާލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެހެލެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެހެން ފަރާތްތައް ތިބިނަމަބެސް މިފަދަ ޚިދުމަތެއް ޕްރޮފެޝަނަލް ކަމާއެކު ދެވޭނެ ބަޔަކީ ފުލުހުންކަމަށް ވިދާޅުވިއެވެ. އަދި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ފެށޭނެ އިންތިޒާމްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓް ފަދަ މުހިންމު ޚިދުމަތެއް ދޭތަނެއްގެ ލޭންޑް ސައިޑްގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި އެއަރޕޯޓްގެ އޮޕަރޭޝަންތައް ފުޅާވަމުންދާއިރު ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު އެކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި ޤަވާއިދުތަކާއި އުސޫލުތައް ދެމަހައްޓައި މަސައްކަތްތައް އެންމެ ފުރިހަމައަށް ކޮށްދޭނޭކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ވަޅިން ބިރުދައްކައި ފޭރޭ މައްސަލަތަކެއް ދަނީ ބަލަމުން- ފުލުހުން

މާލޭގައި މިދުވަސްވަރު ވަޅިން ބިރުދައްކައިގެން ފޭރޭ މައްސަލަތައް އިތުރުވެފައިވާއިރު، އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެފަދަ އަމަލުތައް ހިނގާ ސަރަހައްދުތައް ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ފޭސްބުކުގައި މީހުންގެ މަގުބޫލުކަން ހޯދާފައިވާ ޕޭޖެއްގައި ބުނެފައިވާގޮތުން ރޯދަ މަސް ފެށުނުފަހުން ބިލަބޮން ސްކޫލް ސަރަހައްދުގައި ވަޅިން ބިރުދެއްކުމަށްފަހު ފޭރޭ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ބައެއް މީހުންގެ އަތުން ފައިސާތައް ފޭރިގެންފައިވާއިރު، ބިރުދައްކައިގެން ބައެއް މީހުންގެ ކޭޝްކާޑުގެ ޕިން ކޯޑު ވެސް އަތުލާކަން ވަނީ ފާހަގަކުރެވިފައެވެ.