މަސީހުގެ އިތުބާރު އޮތްކަމަށް ދެން ވޯޓުދޭންޖެހޭ ސަބަބެއް ނުވިސްނޭ- ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުހައްމަދުގެ އިތުބާރު އޮތްކަމަށް ދެން ވޯޓުދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިއްދޫ ލަތީފް މިހެން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ވާހަކަދައްކަވަމުންނެވެ.

ލަތީފް ވިދާޅުވީ އޭނާގެ އަތުން ވަކިކުރާނެ ޕްރޮޖެކްޓެއް ނެތްކަމަށާއި ހަމައެންމެ އޭނާ މަސީހާ އެއްކޮޅަށް ވޯޓުނުދީގެން ވަޒީފާއިން ވަކުކުރާނެ މީހަކު ވެސް ނުހުންނާނެ ކަމަށެވެ.

އޭނާ އަކީ މަޖިލީހަށް ގަވާއިދުން ހާޒިރުވުމުގެ ރެކޯޑާއި މަޖިލީހުގައި ސަރުކާރުން ބޭނުންވާގޮތަށް ވޯޓުދިނުމުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އޭނާ އަކީ ސަރުކާރު ދިފާއުކުރުމަށް ޓީވީ ޗެނަލްތަކުގައި ވެސް ވާހަކަދައްކާފައިވާ މީހެއް ކަމަށާއި “ލޭމައްޗަށްދާނަމަ އެކަމަށް ފަރުވާ ހޯދަންވީ” ކަމަށެވެ.

ލަތީފް އެމޭރުމުން ވާހަކަދެއްކެވީ އޭނައާ ގުޅޭގޮތުން ވައިވާ ގްރޫޕްގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

 

ކާނަލް ނާޒިމާއި ޝައިޚް އިމްރާން އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.

މި މަހުގެ 26 ވަނަ ދުވަހު އެ ދެ ބޭފުޅުން ގޭބަންދަށް ބަދަލުކުރީ ރަމަޟާން މަސް ނިމެންދެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.

ކާނަލް ނާޒިމް ޖަލަށްލާފައި ވަނީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނިގެންނެވެ. އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާއިރު، އެ ފިސްތޯލަ އެގެއަށް ވަނީ ކިހިނެތްކަން ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި އެކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު އެހެން ވިދާޅުވީ އޭނާ ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީއެއްގައެވެ.

ޝައިޚް އިމްރާން 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

ކާނަލް ނާޒިމަށް އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުމުގެ ފުރުޞަތު އަންނަމަހުގެ ދެވަނަދުވަހު ހުޅުވާލަނީ

ލ އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.

ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ބާރަވަނަ ދުވަހުގެ ނިޔަލަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ. ކަޅައިދޫ ، ދަނބިދޫ، އަދި އިސްދޫގައި ކުރާއިރު، ލ. އަތޮޅުން ޖުމްލަ 150 ފަރާތަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން 2016 އަދި 2017 ގައި ހުޅުވާލެއްވި ފުރުޞަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހޮވުނު ބައިވެރިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އަދި ލޯނަށް އެދުމުގެ ފުރުޞަތު އަލުން ހުޅުއްވާލައްވާފައިމިވަނީ، ލ. އަތޮޅަށް ކަނޑައަޅުއްވާފައިވާ 150 ފުރުސަތުގެ ދަށުން  އިތުރު ޖާގަ ހުރުމުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

 ލޯނުގެ ގޮތުގައި މި މަސައްކަތް ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށި އެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާއެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

ލޯނަށް އެދޭ ފޯމާއި، ލޯނާބެހޭ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި، ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ވަޒަނުގެ ހަގީގަތް ހާމަކުުރުމުގެ ފުރުސަތަކަށް ތައްޔާރު – އަދީބު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އަދީބު ސޮއިކުރައްވާ އަދި އިނގިލީގެ ނިޝާން ޖައްސަވާފައިވާ މި ސިޓީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސްކުރައްވާ  ސްޕްރީމްކޯޓަށް ފޮނުއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްސަލައާއި ގުޅިގެން އަދީބްުގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަން އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި އާއިލާއިން ކަށަވަރުކޮށްދީފައި ނުވިނަމަވެސް އަދީބުގެ ގާތް ބޭފުޅުންގެ ފަރާތުން އެކަން ވަނީ ޔަގީންކޮށްދެއްވާފަ އެވެ. 

އަދި އެސިޓީއާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ނުވިނަމަވެސް  މިހާރު މީޑިއާއަށް ލިބިފައިވާ މިސިޓީގައި އަދީބު  ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައިގެ އެއްވެސް ހަގީގަތެއް ނާޒިމަށް ނޭގޭނެ ކަމަށެެވެ. އަދި  އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެމަނިކުފާނަށް  އެނގިވަޑައިގަންނަވާ  ކަމަށްވެސް އަދީބުގެ ސިޓީގައި  ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލައާއި ގުޅިގެން ޝަރުއީ ކޯޓު ތަކަށާއި ދިވެހި ރައްޔިތުންނަށް ހާމަކުރައްވަން ޖެހިވަޑައިގަންނަވާ ހަގީގަތްތައް ހާމަކުރައްވަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށްވެސް ސްޕްރީމްކޯޓަށް އަދީބު ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

“މުހައްމަދު ނާޒިމް ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ އެއްޗެއް ނޫން. އިއްޒަތްތެރި އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު ކަށަވަރުކޮށް މިއަރުވަނީ އެ ހާދިސާ އެގޮތަށް ހިނގަން މެދުވެރިވި ސަބަބާއި، އެ ރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވީ މީހުންނާއި އެކަން ނިމިގެން ދިޔަ ގޮތް  ރަނގަޅަށް ދެނެހުރި މީހެއްގެ ހައިސިއްޔަތުންނެވެ. އަދި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެނަމަ ނާޒިމްގެ މައްޗަށް ރޭވި ތަމްސީލްވެގެން ދިޔަ ކަންތަކުގެ ތަފްސީލްތައް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި  ޝަރުއީ ހަމަތަކުގެ މަތިން  ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭން  ތައްޔާރަށް ހުރި ވާހަކަ ދެންނެވީމެވެ.” ކުރީގެ ނައިބުރައީސް އަދީބު ގެ ސިޓީގައިވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން މިދިޔަ އަހަރުގެ ޖޫން މަހު ފުލުހުން ވަނީ ޔަގީންކޮށްދީފި އެވެ. އެގޮތުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ތެރެއިން ފެނުނު ފިސްތޯލައިން ނެގުނު ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް އަދީބްގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމާ ދޭތެރޭ ގޮތެއް ނިންމާނީ ޝަރުއީ ދާއިރާ އިން ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާ މިމައްސަލަ ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމްކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ފުލް ބެންޗުންނެވެ.

ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ ޙައްޖުވެރިޔާ ހިލައުކުން އެހެން މީހަކާ ޙަވާލުކޮށްގެން ނުވާނެ

 ތިންވަނަ ދުވަސްޙައްޖުމަހުގެ 10 ވަނަ ދުވަހަސް

 މިދުވަހު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޖަމްރަތުލް ޢަޤަބާ އަށް ހިލަ އުކުމެވެ. ތަކްބީރު ކިޔަމުން ކޮންމެ ހިލައެއް އެއްލާނީއެވެ. އެއަށްފަހުހަދްޔު ކަތިލުމެވެ. ހަދްޔު ކަތިލަން ދޭންޖެހޭ ކޮންމެ މީހަކު ހަދްޔު ކަތިލަން ޖެހޭނެއެވެ. ތިންވަނަ ކަމަކީ ބޯބޭލުން ނުވަތަ ބޯ ކުރުކުރުމެވެ. ހަތަރުވަނަ ކަމަކީ ޠަވާފުލް އިފާޟާ ކުރުމެވެ. މުތަމައްޠިޢުކޮށް ޙައްޖުވާނަމަ ޠަވާފަށްފަހު ޞަފާ މަރްވާގައި ހިނގަންވާނެއެވެ. އިފްރާދުކޮށްގެންނާއި ޤިރާނުކޮށް ޙައްޖު އަދާކުރާމީހާ ޞަފާ މަރްވާގައި ކުރިން ނުހިނގާނަމަ ޠަވާފުލް އިފާޟާ އަށްފަހު ޞަފާ މަރްވާގައި ހިނގަންވާނެއެވެ.

ތަމައްޠުޢުކޮށް ނުވަތަ ޤިރާނުކޮށް ޙައްޖުއަދާކުރާ މީހާއަކީ މައްކާގެ އަހުލުވެރިއެއް ކަމުގައި ނުވާނަމަ ފިދްޔަ ދޭނެޖެހޭނެއެވެ. އެއީ ކަންބަޅިއެއް ނުވަތަ ޖަމަލެއްގެ ހަތްބައިކުޅަ އެއްބައެވެ. މިކަން ކުރަންވާނީ އޭނާގެ ޙަލާލު މުދަލުންނެވެ. މިފިދްޔަ ނުވަތަ ހަދްޔު ދިނުމަށް ނުކުޅެދޭ މީހާގެ މައްޗަށް ޙައްޖުގެ ތެރޭގައި ތިން ދުވަހު އަދި ރަށަށް އެނބުރި ގޮސް ހަތްދުވަހު ރޯދަ ހިފުން ވާޖިބެވެ. ޙައްޖުގެ ތެރޭގައި ރޯދަހިފާއިރު ރޯދަ ހިފާނީ 10 ވަނަ ދުވަހުގެ ކުރިން ނުވަތަ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގެ ތެރޭގައެވެ.

ހަދްޔު ކަތިލުމަށްފަހު ޙައްޖުވެރިޔާ ބޯ ބާލާނީ ނުވަތަ ބޯ ކުރުކޮށް ކޮށާނީއެވެ. ރަނގަޅު ގޮތަކީ ބޭލުމެވެ. ރަސޫލުﷲ ގެފާނު ބޯ ބޭލި މީހުންނަށް ތިންފަހަރު ދުޢާކޮށްދެއްވިއެވެ. ބޯ ކޮށި މީހުންނަށް ދުޢާކޮށްދެއްވީ ހަމަ އެންމެ ފަހަރަކުއެވެ. ބޯ ބާލާއިރުގައިވެސް އަދި ބޯ ކޮށާއިރުގައިވެސް މުޅި ބޯ ޢާންމުކުރަންޖެހޭނެއެވެ. އަންހެނުން ބޮލުން ކޮށާނީ އިނގިއްޔެއްގެ މިންވަރެވެ.

 ޢަޤަބާ ޖަމްރާއަށް ހިލައުކުމަށްފަހު އަދި ބޯ ބޭލުމަށްފަހު ނުވަތަ ބޯ ކޮށުމަށްފަހު އިޙްރާމްގެ ސަބަބުން ޙަރާމްވި ހުރިހާ ކަމެއް އަނބިމީހާ ފިޔަވައި ހުއްދަވެގެންދާނެއެވެ.

ޠަވާފުލް އިފާޟާ އަކީ ޙައްޖުގެ ރުކުނެކެވެ. މިރުކުން އަދާނުކޮށް ޙައްޖު ފުރިހަމައެއް ނުވާނެއެވެ.މާތްﷲ ވަޙީކުރައްވަނީ ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ (الحج ٢٩)

މާނައީ: “މާތްވެގެންވާ ގެފުޅުގެ ވަށައިގެން ޠަވާފުކުރާ ހުށިކަމެވެ.” ޠަވާފުގައި ހިނގާނީ ގެފުޅު ވަށައިގެން ހަތްބުރެވެ. އެއަށްފަހު ޞަފާ މަރްވާގައި ހިނގާނީއެވެ. މިއީ ތަމައްޠުޢުކޮށް ޙައްޖުވާމީހާގެ ޙައްޖުގެ ސަޢުޔެވެ. އޭނާ އެންމެ ފުރަތަމަ ކުރި ސަޢުޔަކީ އޭނާގެ ޢުމުރާގެ ސަޢުޔެވެ.

ޤިރާނުކޮށްނާއި އިފްރާދުކޮށް ޙައްޖުވާ މީހުން ޠަވާފު ކުރުމަށްފަހު ސަޢުޔުކުރާކަށް ނުޖެހޭނެއެވެ. އެއީ ޠަވާފުލް ޤުދޫމާއެކު ސަޢުޔުކޮށްފައިވާ ނަމައެވެ.

ޠަވާފުލް އިފާޟާއާއި ސަޢުޔުކުރަންޖެހޭ މީހުން ސަޢުޔު ކުރުމުން އިޙްރާމްގެ ސަބަބުން ޙަރާންވި ހުރިހާކަމެއް ޙަލާލުވެގެން ދާނެއެވެ. މިއީ ދެވަނަ ތަޙައްލުލެވެ. އެއަށްފަހު ޙައްޖުވެރިން މިނާއަށް އެނބުރި ދާނީއެވެ. އެތާނގައި ދެދުވަހު ނުވަތަ ތިންދުވަހު ތިބެންޖެހޭނެއެވެ. މިއިން ކޮންމެ ދުވަހަކު ތިން ޖަމްރާއަށް ހިލަ އުކަންޖެހޭނެއެވެ. ޖަމްރާއަށް ހިލައުކާއިރު ތަރްތީބުކުރުމަކީ ލާޒިމުކަމެކެވެ. ޝަރްޢީ ޢުޛުރަކާ ލައިގެން މެނުވީ ޙައްޖުވެރިޔާ ހިލައުކުން އެހެން މީހަކާ ޙަވާލުކޮށްގެން ނުވާނެއެވެ.

 މުސްކުޅިކަމުގެ ސަބަބުން ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން ނުވަތަ މާބަނޑުވުމުގެ ސަބަބުން ނުކުޅެދޭ މީހާއަށް އެހެންމީހަކާ ހިލައުކަން ޙަވާލުކުރެވިދާނެއެވެ. އެހެނިހެން މަނާސިކުތައް އެހެން މީހަކުލައްވާ އަދައެއް ނުކުރެވޭނެއެވެ.

މެކްސިކޯ ބަލިކޮށް ޖަރުމަނުން ފައިނަލަށް ދަތުރުކޮށްފި

ކޮންފެޑެރޭޝަންސް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ކުޅެވުނު މެޗުގައި ޖަރުމަންވިލާތުން ޒުވާން ޓީމަކާއިއެކު ނިކުމެ މެކްސިކޯގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ. 4-0ން ޖަރުމަނުން މި މެޗު ކާމިޔާބުކުރި އިރު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަންވިލާތުގެ ޒުވާން މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ ވަނީ ދެ ލަނޑު ޖަހައި ޖަރުމަނަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ދެވަނަ ހާފުގައި ޖަރުމަންވިލާތުގެ ޓިމޯ ވާރނާރ އަދި ޔޫނެސް ޖަހައިދިން ލަނޑުތަކާއި އެކު ޖަރުމަންވިލާތުން މި މެޗު ނިންމާލިއިރު މެކްސިކޯއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ފަބިއަންއެވެ.

ޒުވާން ޓީމަކާއިއެކު މި މެޗަށް ނިކުތް ޖަރުމަންވިލާތުން ވަނީ މި މެޗު ގިނަ ވަގުތު ކޮންޓްރޯލްކޮށް ތަޖުރިބާހުރި ފުރަތަމަ އެގާރައެއް މިމެޗަށް ނެރުނު މެކްސިކޯ ކައިރީގައި ގިނަ ފުރުސަތުތަކެއްވެސް އުފައްދައިފައެވެ. މެކްސިކޯއަށް އެޓީމު މި މުބާރާތުގެ ސެމީ ފައިނަލާއި ހިސާބަށް އައުމުގެ ފަހަތުގައިވާ މޮޅު ކުޅުން މި މެޗުގައި ދެއްކިފައިނުވާއިރު އެ ޓީމަށް ވަނީ މި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފިފައެވެ. ޖަރުމަންވިލާތުން ދެން ނިކުންނާނީ މި މުބާރާތުގައި ފައިނަލްގައި ޗިލީއާއި ދެކޮޅަށެވެ. ޗިލީއިން ވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޔޫރަޕްގެ ޗެމްޕިއަނުންކަމުގައިވާ ޕޯޗުގަލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެފައެވެ. މި މެޗުގައި ޗިލީގެ ގޯލްކީޕަރު ކްލޯޑިއޯ ބްރާވޯ ވަނީ ޕޯޗުގަލްގެ ތިން ޕެނަލްޓީ މަތަކޮށްފައެވެ. ޗިލީ އަދި ޖަރުމަންވިލާތް ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅެވިގެންދާނީ ޖުލައި 2 ވަނަ ދުވަހުއެވެ.

ރައްގާ އަތުލުމަށް ކުރާ ހަގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި

 އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަތްދަށުން ސީރިޔާގެ ރައްގާ އަތުލުމަށް ސީރިޔަން ޑިމޮކްރެޓިކް ފޯސަސްގެ ހަނގުރާމަވެރިން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް  ލިބިފައިވާކަމަށް ހަގުރާމަވެރިން ބުނެފިއެވެ. އެމެރިކާއިން އެހީތެރިވަމުންދާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް ނުވަތަ އެސް.ޑީ.އެފްއިން ބުނެފައިވަނީ ރައްގާ އެތެރޭގައި ތިބި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި މިހާރު ވަށާލެވިފައިވާކަމަށާއި އަދި އެމީހުންނަށް ފިލާނެ އެއްވެސް ޖާގައެއްނުދީ ހުރިހާ މަގެއް ބައްދާލައިފައިވާކަމަށް ބުނެފައެވެ.

ރައްގާ އަކީ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަތްދަށުގައިވާ އެންމެ މުހިންމު އަދި މައި ރަށެވެ. އައިއެސް އިން ވަނީ 2014 ވަނަ އަހަރު ރައްގާ ހިފުމަށްފަހު އެ ޖަމާއަތުން ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ޙިލާފަތުގެ ވެރިރަށުގެ ގޮތުގައި މި ރަށް އިއުލާންކޮށްފައެވެ.

ސީރިޔަން ޑިމޮކްރެޓިކް ފޯސަސްގެ ހަނގުރާމަވެރިން މި ރަށް ހިފުމަށްޓަކައި  މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ.މިއަހަރުގެ ޖޫންމަހުގެ ހަވަނަ ދުވަހު މި ރަށް އެއްކޮށް އައިއެސް ޖަމާއަތުގެ އަތްދަށުން ސަލާމަތްކުރުމަށް ސީރިޔަން ޑިމޮކްރެޓިކް ފޯސަސްއިން ހަމަލާދޭން ފެށިއިރު މިރަށުގެ 19 ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް މިހާރު އައިއެސް ޖަމާއަތުގެ އަތްދަށުން ސަލާމަތްކޮށްފައިވާކަމަށް އެސް.ޑީ.އެފްގެ ހަނގުރާމަވެރިން ވަނީ ހާމަކޮށްފައެވެ.

އައިއެސް ޖަމާއަތުގެ ލީޑަރުން މި ރަށުން ފިލާފައިވާއިރު ހަނގުރާމަވެރިން ދަނީ ރައްގާގެވަށައިގެން އައިއެސް ގެ ހަގުރާމަވެރިންނާއި ދެކޮޅަށް ހަމަލާދެމުންކަމަށް މި ރަށް ހިފުމަށް ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންކަމުގައިވާ އޮޕަރޭޝަން އިންހެރެންޓް ރިޒޯލްވްގެ ސްޕޯކްސްޕާރސަންއެއް ވަނީ ހާމަކޮށްފައެވެ.

ބުރިޖްމަތިން ކުއްތާތަށް ފުންމާލީ ޖިންނީންގެ ކަންތަށްތަކެއްގެ ސަބަބުންބާ؟

ސްކޮޓްލޭންޑްގެ ވެސްޓް ޑަމްބާރޓަންޝަޔާރގައި ހުންނަ މި ބްރިޖަކީ މިތަން ހުރަސްކުރާ ކުއްތާތަކަށް ވަރަށް ނުރައްކާތެރި ތަނެއްކަމަށް މި ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ކިޔައިދީފައެވެ. މިގޮތުން މި ބްރިޖް މަތިން ހުރަސްކުރި 600 އަށްވުރެ ގިނަ ކުއްތާ އެއްވެސް ސަބަބަކާއިނުލައި ކުއްލިއަކަށް ބްރިޖް މަތިން ފުންމާލިކަމަށް މީހުން ބުނެފައިވާއިރު މިހާރު އެމީހުން ވަނީ މި ބްރިޖް  ހުރަސްކުރާ ފަރާތްތަކަށް އެންގުމެއްވެސް ބަހައްޓައިފައެވެ.

މި އެންގުމުގައި ބްރިޖަކީ ކުއްތާތަކަށް ނުރައްކާތެރި ތަނެއްކަމަށާއި އަދި ހުރަސްކުރާއިރު ކުއްތާ ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ ވާފަށެއް ކުއްތާގެ ކަރުގައި އަޅުވައިގެން ހުރަސްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކިޔައިދޭގޮތުގައި މި ބްރިޖް މަތިން 600އަށްވުރެ ގިނަ ކުއްތާ އަމިއްލައަށް ފުންމާލައިފައިވާއިރު އޭގެތެރެއިން 50 ކުއްތާ ވަނީ ފުންމާލުމުން މަރުވެފައެވެ.                 ގަރުނަކަށްވުރެ ގިނަދުވަސްވެފައިވާ މިބްރިޖް ސަރަހައްދުގައި ދިރިއުޅޭ  ފަރާތްތަކުން ބުނެފައިވަނީ  މި ބްރިޖްގައި ޖިންނީންގެ ކަންތަށްތަކެއް ހުންނަކަމަށާއި، އަދި މި ބްރިޖް ކައިރީގައިވާ ބޮޑު ފަޅު ގެޔަކާއިވެސް މިކަމާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުންނަކަމަށް ބުނެފައެވެ. އަދި އެ މީހުން ވަނީ މީގެ އިތުރުންވެސް މި ސަރަހައްދުންނާއި ބައެއްފަހަރު ބްރިޖްމަތިން ހުދު ކުލައިގެ އަންހެނެއް ފެންނަތާ ޒަމާންތަކެއް ވެދާނެކަމަށްވެސް ބުނެފައެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި އެ އެއްޗިއްސަށް މާތްﷲ ދެއްވާފައިވާ ވަރުގަދަ ހިއްސުތަކެއްގެ ސަބަބުން ކުއްތާއަށް ޖިންނި ފެނެއެވެ. މިގޮތަށް ގަބޫލުކުރާ ފަރާތްތަކުން ވަނީ އުސްމިނުގައި 50 ފޫޓު ހުންނަ މި ބްރިޖް މަތިން މިޒާތުގެ އެއްޗެއް ކުއްތާތަކަށް ފެނުމުގެ ސަބަބުން ކުއްތާތަށް ބިރުގަނެ ބްރިޖުން ފުންމާލާކަމަށް ކިޔައިދީފައެވެ. އަނެއްބައި ފަރާތްތަކުން ވަނީ މި ބްރިޖް މަތީގައި ހުންނަ އިރު ބައެއް ފަހަރު ނުފެންނަ ޒާތެއްގެ އެއްޗެއް ފަހަތުން އައިސް ކޮއްޕާލާހެން ހީވާކަމަށްވެސް ބުނެފައެވެ. ކޮންމެ ގޮތަކަށްވިޔަސް މި ސަރަހައްދުގައި ދިރިއުޅޭ މީހުން މިކަންތައްތަކުގެ ސިއްރު ހޯދުމަށް މަސައްކަތްކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.

އިންސާނުންނަކީ ގިނަ ގިނައިން ހަނދާންކޮށްދޭންޖެހޭ ބައެއް: އުމަރު ނަސީރު

އިންސާނުންނަކީ ގިނަ ގިނަ އިން ހަނދާންކޮށްދޭންޖެހޭ ބައެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ އެ ޓްވީޓް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ގުޅޭގޮތުން ހަވީރު ނޫހުގައި ލިޔެފައިވާ ބައެއް ޚަބަރުތަކުގެ ސުކްރީން ޝޮޓްތަކަކާއެކުއެވެ.

އުމަރު އެ ޓްވީޓްގައި އެޓޭޗްކުރެއްވި އެއް ޚަބަރަކީ 12 ނޮވެމްބަރ 2009 ވަނަ ދުވަހު ނޫސްވެރިޔާ އަހުމަދު ހަމްދޫން ހަވީރު ނޫހުގައި ލިޔެފައިވާ ޚަބަރެކެވެ. އެ ޚަބަރަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ޚަބަރެކެވެ.

އެ ޓްވީޓްގައި އުމަރު އެޓޭޗްކުރެއްވި އަނެއް ޚަބަރަކީ 03 އޮކްޓޯބަރ 2009 ވަނަ ދުވަހު ހަވީރު ނޫހުގައި އަހުމަދު ހަމްދޫން ލިޔެފައިވާ ޚަބަރެކެވެ. އެ ޚަބަރަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަ ކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން އަދާލަތު ޕާޓީން ބުނެފައިވާ ވާހަކަތައް ހިމަނައިގެން ލިޔެފައިވާ ޚަބަރެކެވެ. އެ ޚަބަރުގައި ވަނީ، މާލޭގެ ހޮޓާތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ނުދިނުމަށް އަދާލަތު ޕާޓީން ވަނީ ރައީސް ނަޝީދުގެ ސަރުކާރަށް ގޮވާލާފައި ކަމަށެވެ.

އުމަރު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ އޭނާ އަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރ ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނިކޮށެވެ.

ފެކްޓަރީތަކުން ކުކުޅު ބިސް އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫން: ޑރ. ޖުނައިދު

ފެކްޓަރީތަކުން ކުކުޅު ބިސް ތައްޔާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޢަބްދުﷲ ޖުނައިދު ވިދާޅުވެއްޖެއެވެ.

ޖުނައިދުގެ ފޭސްބުކު އެކައުންޓްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުކުޅުބިހުގެ ތޮށިގަނޑުގެ ތެރެއަށް ޕްލާސްޓިކް އަޅައި ބިސް ހުންނަގޮތަށް ބަންދުކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖުނައިދު މިހެން ވިދާޅުވެފައި މިވަނީ ޕްލާސްޓިން ބިސްތަކެއް ރާއްޖޭއިން ފެނިފައިވާ ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން ބުނީ ޕްލާސްޓިކް ބިސްތަކެއް ކަމަށް ބުނާ ބިސްތަކަކީ އަސްލު ބިސްތަކެއް ކަމަށާއި އެ ބިސްތައް އެހެން ހުންނަނީ ގުދަންކުރިގޮތެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ޕްލާސްޓިކް ބިސްތަކެއް ނޫން ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޕްލާސްޓިކް ބިސްތަކެއް ރާއްޖޭގައި އުޅޭކަމަށް ބުނެ ދޮގު މައުލޫމާތު ނުފެތުރުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.