ސަރުކާރުގެ އިސްވެރިންތަކެއް ހުޅުމާލެ އިން ފްލެޓުތަކެއް ބައްލަވައިގެންފި

ސަރުކާރުގެ އިސްވެރިންތަކެއް ހުޅުމާލެ އިން ފްލެޓުތަކެއް ބައްލަވައިގެންފިއެވެ.

ހުޅުމާލޭގައި ބިނާކުރާ ލަގްޒަރީ ފްލެޓްތަކުން އެޕާޓްމެންޓް ބައްލަވައިގެންފައިވާ ސަރުކާރުގެ އެންމެ އިސް ބޭފުޅަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އަނބިކަނބަލުންނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވެސް ވަނީ ފްލެޓް ބައްލަވައިގެންފައެވެ. ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ކޯޑިނޭޓަރަކާއި އަދި ސްޓޭޓް މިނިސްޓަރަކު ވެސް ވަނީ ފްލެޓް ބައްލަވައިގެންފައެވެ.

ޕްލެޓިނަމް ރެސިޑެންސް އެޕާޓްމަންޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ، ތިން މިލިއަން ރުފިޔާ އާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ޑައުންޕޭމަންޓަށްއެވްރެޖްކޮށް 300،000 އާއި 600،000 އާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

އެކަމާ ގުޅިގެން އާޒިމާ ޝަކޫރު ވިދާޅުވީ ހުޅުމާލެ އިން ފެލެޓެއް ބައްލަވައިގަތީ ބޭންކުން ލޯނެއް ނަގައިގެން ކަމަށާއި އޭނާ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތެރިވާތާ 20 އަހަރުވެފައިވާ ކަމަށެވެ.

ރާއްޖެއިން އިންޑިއާ އަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މުހައްމަދު ވެސް ވިދާޅުވީ އޭނާ ވެސް ފްލެޓު ބައްލަވައިގަތީ ލޯނެއް ނަގައިގެން ކަމަށެވެ.

މިނިސްޓަރު ސައީދު ފޯނު ނުގަންގަވާތީ އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ބައްލަވައިގަތް މުއާމަލާތާ ގުޅޭ ތަފްސީލު ލިބިފައެއްނުވެއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވެސް ފޯނު ނުނަންގަވާތީ އޭނާ ފްލެޓު ބައްލަވައިގަތް މުއާމަލާތުގެ ތަފްސީލެއް ނުލިބެއެވެ.

36މިލިޔަން ޑޮލަރުގެ މަހަޖައްރާފާއި އެމްޓީސީސީން ހަވާލުވެއްޖެ

36 މިލިޔަން ޑޮލަރު ( 555މިލިޔަން ދިވެހި ރުފިޔާ ) ޚަރަދުކޮށްގެން އެމްޓީސީސީން ބަދެފައިވާ މަހަޖައްރާފާއި އެކުންފުނިންް ހަވާލުވެއްޖެއެވެ.

ނެދަލޭންޑްސްގައި ބޭއްވި ހަފްލާއެއްގައި “މަހާ ޖައްރާފު” އާ ހަވާލުވެ ވަޑައިގަތީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

އެމްޓީސީސީއިން ބުނާ ގޮތުގައި އެކުންފުންޏަށް ހޮޕާ ސަކްޝަން ޑްރެޖަރެއް ގެނައުމަކީ، މިވަގުތު ބައިނަލްއަގުވާމީ ކުންފުނިތަކަށް ހުޅުވަލައިގެން ރާއްޖޭގައި  ކުރުވާ ވަރުގެ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް އެމްޓީސީސީއަށް ވާދަ ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަދ އެ ޑްރެޖަރު ބެނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

“މަހާ ޖައްރާފް” އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

ކުރުދިސްތާނަށް ބައިނަލްއަގްވާމީ ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފި

 އިރާގުގެ ސަރަހައްދެއްކަމުގައިވާ ކުރުދިސްތާނަށް ބައިނަލްއަގްވާމީ ފްލައިޓްތައް ދަތުރުކުރުން އިރާގު ސަރުކަރުން މަނާކޮށްފިއެވެ.

 އިރާގުގެ ސަރުކާރުން މިގޮތަށް އަންގާފައިވަނީ  ކުރުދިސްތާނުން އިރާގާއި ވަކިވެ ވަކި ދައުލަތެއް ގާއިމު ކުރުމަށް ފެނޭތޯ ރައްޔިތުންގެ ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލު ހޯދުމުގެ ވޯޓެއްގެ ސަބަބުންނެވެ. އަދި ވޯޓް ކުރިޔަށް ދިޔުމުގެ ކުރިން އިރާގުގެ ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން އެ ވޯޓު ކުރިއަށްނުގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އިރާގު ސަރުކާރުން އޭރުވެސް ވަނީ  ވޯޓްްކުރިޔަށް ގެންގޮސްފިނަމަ ދަތިކުރުމުގެ އެތަކެއް  ފިޔަވަޅުތަކެއް އް އަޅާނެކަމަށް ބުނެ އިންޒާރު ދީފައެވެ. އިރާގުގެ އިތުރުން ސަރަހައްދީ ގިނަ ގައުމުތަކަކުންވެސް ވަނީ ކުރުދިސްތާނުގައި ނެގިގެންދިޔަ ވޯޓާއި ދެކޮޅު ހަދައިފައެވެ.

ކުރުދިސްތާނުގައި ނެގިގެންދިޔަ ވޯޓުން ވަނީ އެ ސަރަހައްދުގެ ގިނަ ރައްޔިތުން ވަކި ދައުލަތެއް ކުރުދީންނަށް އުފެއްދުމަށް ބޭނުންވާކަން ބޮޑު އަޢުލަބިއްޔަތަކުން ދައްކުވައިދީފައެވެ. އެހެންނަމަވެސް މި ވޯޓުގެ ސަބަބުން އެފަދަ ދައުލަތެއް ކަނޑައެޅިގެންނެއް ނުދާނެއެވެ. އިރާގުގެ ސަރުކާރުން ވަނީ ކުރުދިސްތާނުގެ އެންމެ ބޮޑެތި އެއާޕޯޓްތައްކަމުގައިވާ އެރްބިލް އަދި ސުލައިމަނިޔާއަށް ބައިނަލްއަގްވާމީ އެއާލައިންތަކުގެ ދަތުރުތައް ކުރުން މަނާކޮށްފައެވެ.

އެހެންނަމަވެސް އަދިވެސް އިރާގުގެ އެތެރޭގެ އުދުހުންތައް މި ސަރަހައްދަށް ދަނީ ކުރެވެމުންނެވެ. ކުރުދިސްތާނުގައި ނެގިގެންދިޔަ މި ވޯޓުގެ ސަބަބުން އަދި ކުރުދިސްތާނުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތެއްގެ ސަބަބުން އެކި ގައުމުތަކުން ވަނީ ސަރަހައްދީ މަސްލަހަތު ގޯސްވެ ހަމަނުޖެހުން އުފެދިދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑީޖޭ އާއި ދެކޮޅަށް ގާނޫނީ ވަކީލުން ހުށަހެޅި މައްސަލަ ކޯޓުން ބަލައި ނުގަތް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި ދެކޮޅަށް ގާނޫނީ ވަކީލުން  ސިވިލް ކޯޓަށް  ހުށަަހެޅި މައްސަލަ އެކޯޓުން  ބަލައި ނުގަންނަން ނިންމައިފިއެވެ.

ޑީޖޭއޭ އިން ގިނައަދެއްގެ ގާނޫނީވަކީލުން ސަސްޕެންޑްކުރި މައްސަލަ އާއި ގުޅިގެން ވަކީލުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމީ އެއީ އެ ކޯޓުގެ އިހުތިސާސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އެވެ.

ޑީޖޭއޭއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސައަކީ ގާނޫނީ ވަކީލުން ސަސްޕެންޑު ކުރުމަކީ ޑީޖޭއޭއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ހުށަހެޅީ ސަސްޕެންޑް ކުރި 56 ވަކީލުންގެ ތެރެއިން އަދިވެސް ސަސްޕެންޝަން އުވާލާފައި ނުވާ ވަކީލުންނެވެ.

ސަސްޕެންޑު ކުރި ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި އިތުރު 35 ވަކީލަކު ވަނީ ދާދިފަހުން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކީ އެއްވެސް ފަރާތަކާ މެދު ތުހުމަތުކުރެވޭ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހުގީގުކޮށްގެން ނޫނީ އެއްވެސް ފަރާތަކާ މެދު ފިޔަވަޅު ނޭޅުމަށް ގޮވާލާފައެވެ.

އަދި ތުހުމަތު ކުރެވޭ ފަރާތަކާ މެދު ފިޔަވަޅު އަޅަންޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ ތަހުގީގަކުން ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.

ސުކޫލުތަކުގައި އާވައްތަރެއްގެ ޑްރަގެއް ދައުރުކުރަމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފި

ސުކޫލުތަކުގެ އާވައްތަރެއްގެ ޑްރަގެއް ދައުރުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަށް ފުލުހުންގެ އިދާރާއިން ދޮގުކޮށްފިއެވެ.

ސޯޝަލްމީޑިޔާގައި ދައުރުވަމުންދާ މެސެޖް ތަކުގައި ވަނީ “ސްޓްރޯބެރީ ކްއިކް” ނަމަކަށް ކިޔާ ޑްރަގެއް ސްކޫލްތަކުގައި ދައުރުކުރަމުންދާ ކަމަށެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ޗޮކްލެޓް ނުވަތަ ކޭންޑީއެއްގެ ގޮތުގައި މީހުން އެ ޑްރަގު ދެމުންދާ ކަމަށާއި އޭގެ ރަހަތައް ހުންނަނީ ކުޑަކުދިން ގަޔާވާ ފްލޭވާ ތަކުގެ ރަހައިގައި ކަމަށެވެ. އެހެންކަމުން ގޮތްނޭނގޭ މީހުންދޭ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވުމަށްވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި މެސެޖާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެފަދަ އެއްވެސް މައްސަލައެއް ނުވަތަ މެސެޖުގައި ބަޔާންކޮށްފައިވާ ހާތަލަށް ނިސްބަތްވާ މައްސަލައެއް އެއްވެސް ސްކޫލަކުން ނުވަތަ ޓީޗަރެއް އަދި ބެލެނިވެރިއެއްގެ ފަރާތުންވެސް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި އާއްމު ފަރާތަކުންވެސް އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ މެސެޖުގެ އަސްލަށް ބަލައިރުވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ފުލުހުންނަށް ޔަގީންކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރު ދައުރުކުރަމުންދާ އެ މެސެޖަކީ ހަގީގަތެއް އެކުލެވޭ މެސެޖެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ ހަގީގަތާއި ހިލާފު އަސްލެއް ނެތް މައުލޫމާތު ދައުރު ނުކުރުމަށާއި، ސޯޝަލް މީޑިއާގައި އެފަދަ މެސެޖު ދައުރުކުުރުމުގައި ޒިންމާާދާރުވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ހަތްހާހަށް ވުރެ ގިނަ ދަރިވަރުންނާ އޯލެވަލް އިމްތިހާނު ފަށައިފި

ހަތްހާހަށް ވުރެ ގިނަ ދަރިވަރުންނާ އޯލެވަލް އިމްތިހާނު މުޅި ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7125 ދަރިވަރުންނާއެކު ރާއްޖޭގައި ފަށާފައިވާއިރު، އެއީ މާލެ އާއި އަތޮޅު ތެރޭގެ 197 ސެންޓަރުން 5،587 ދަރިވަރުން އަދި އަމިއްލަ ގޮތުން 52 ސެންޓަރަކުން 1،538 ދަރިވަރުންނެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ދެވޭ އިމްތިހާނު ފަށާފައިވާއިރު، މިއަދު  އޮތީ އިސްލާމް ޓެސްޓެވެ. އާދިއްތަ ދުވަހު އޮންނާނީ ދިވެހި ޓެސްޓެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އިމްތިހާނު ކުރިޔަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އޯލެވެލް އިމްތިހާނާއެކު މި އަހަރުގެ އޭލެވެލް/އެޗްއެސްސީ އިމްތިހާނު ވެސް ކުރިޔަށް ދާނެއެވެ. އޭލެވެލް/އެޗްއެސްސީ އިމްތިހާނު ފެށޭނީ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރޭ މާލޭގައި ހިންގި މާރާމަރީއާއި ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

މާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި ބާރަ މީހުންގެ ތެރޭގައި މާލޭގައި ހިނގި މާރާމާރީގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހިމެނޭކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ މާރާމާރީ ހިންގުމަށް ބޭނުންކުރިކަމަށް ބެލެވޭ ތަކެތި ނައްތާލުމަށް މަސައްކަތްކުރަމުންދަނިކޮށްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން، އެކަމުގައި ބައިވެރިވި ބަޔަކު ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާކަމަށެވެ.

ދަނޑުމަތީގައި ދެއްކި ހުތުރު އަމަލެއްގެ ސަބަބުން ޑެލޭ އަލީ ސަސްޕެންޑްކޮށްފި

އިނގިރޭސިވިލާތާއި ސްލޮވާކިއާ މި މަހުގެ ކުރީކޮޅު ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލުކުރި މެޗެއްގައި ދަނޑުމަތީގައި އަތުގެ މެދު އިގިލި ދައްކާ ހިންގި ހުތުރު އަމަލެއްގެ ސަބަބުން  އިނގިރޭސިވިލާތުގެ ޒުވާން ތަރި ޑެލޭ އަލީ އެއް މެޗަށް ސަސްޕެންޑްކުރުމަށް ފީފާއިން ނިންމައިފިއެވެ.

ފުރަތަމަ ބެލެވުނު ގޮތުގައި ޑެލޭ އަލީ މެދު އިނގިލި ދައްކާފައިވަނީީ އެ މެޗުގެ ރެފްރީ ކްލެމެންޓް ޓާރޕިންއަށް އަމާޒުކޮށްފައެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ކޯޗު ގެރެތް ސައުތްގޭޓް އަދި އަލީވެސް ވަނީ އެ އިޝާރާތްކުރެވިފައިވަނީ އަލީއާއި އެކު ކުރިން ޓޮޓެންހަމްއަށް ކުޅުނު ކައިލް ވޯކާރއަށް އަމާޒުކޮށްކަމަށެވެ.

އަލީ ވަނީ  މި އިޝާރާތަކީ އޭނާއާއި އޭނާގެ ކުރީގެ ޓީމްމޭޓް ކައިލް ވޯކާރއާއި ދެމެދުގައި އަބަދުވެސް ކުރެވޭ ސަމާސާއެއްގެ ގޮތުންކުރެވުނު ކަމެއްކަމަށް ބުނެފައެވެ.

އެންމެ ފުރަތަމަ ފީފާއިން މަސައްކަތްކުރީ އަލީ މި އިޝާރާތް ރެފްރީއަށް އަމާޒުކޮށް ކުރިކަމަށް ބަލައި އޭނާ ދެ މެޗަށް ސަސްޕެންޑްކުރުމަށެވެ. އެހެންނަމަވެސް މިއީ ރެފްރީއަށް އަމާޒުކޮށް ކުރެވުނު އިޝާރާތެއްކަމަށް ނުބެލެވޭތީ  ފީފާއިން ވަނީ އަލީ އެއް މެޗަށް ސަސްޕެންޑްކުރުމަށް ނިންމައިފައެވެ. މި ސަސްޕެންޝަނާއިއެކު ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިވިލާތާއި ސްލޮވީނިއާ ބައްދަލުކުރާ މެޗުގައި ޑެލޭ އަލީއަކަށް ނުކުޅެވޭނެއެވެ.

ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ

ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިގެ މީޑިއާ އޮފިސަރ އާސިޔަތު ސޯލިހު ވިދާޅުވީ މިރޭ 10:10 އެހާ އިރު ތޫނު އެއްޗަކުން ހަމަލާދީގެން ގެނައި 25 އަހަރުގެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ ޒުވާނާގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްވެސް މީޑިޔަ އޮފިސަރ ވިދާޅުވިއެވެ.

މަުއލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ  ގއ. ދާންދޫ ގޯލްޑްލީފް  އުމުރުން 24އަހަރުގެ ހާރިސް އަބްދުލް ޣަފޫރެވެ.

 ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި ޒުވާނާގެ ކަރަށާއި މެޔަށް ވަނީ ހަމަލާދީފައެވެ.ހަމަލާދީފައިވަނީ ހުޅުމާލޭ ހާފްވޭ ކައިރިންނެވެ.

ދިއްދޫ ކައުންސިލުގެ ރައީސް ސަސްޕެންޑް ކުރުމުގެ ޤާނޫނީ ބާރު އެލްޖީއޭއަށް ލިބިގެން ނުވޭ: ރައީސް ނަޝީދު

ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ ޤާނޫނީ ބާރު އެލްޖީއޭއަށް ލިބިގެން ނުވާ ކަމުގައި ކުރީގެ ރައީސް އަދި އިކޮޅުއެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އިއްޔެއިން ފެށިގެން ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕެންޑުކޮށްފައިވަނީ ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓުތައް ބެހުމުގައި ސަރުކަރުން ބޭނުންވާގޮތަށް ބަސްބުނެފައިނުވާތީއެވެ.

އަލީ ހާޝިމް ސަސްޕެންޑުކޮށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ހައުސިން ޔުނިޓުތައް ލިބޭ މީހުން ހައުސިންގ މިނިސްޓްރީން އިއުލާން ކޮށްފައިވަނިކޮށް އެ ލިސްޓާ ހިލާފަށް އެހެން ލިސްޓެން ނެރޭނެ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެފައިވާ ކަމަށް ބުނެފައިވެއެވެ. ކައުންސިލަރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރުމާއި ދައުލަތުގެ މުއައްސަސާތައް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ ބައެއް މުއައްސަސާތަކުން ހާޝިމާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް އެލްޖީއޭއިން ބުނެފައިވެއެވެ.

ހާޝިމްގެ މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑު ކުރުމަށާއި އެ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ނުހިނގާނެ ކަމަށާއި، އަދި އެ މުއްދަތުގައި ކައުންސިލަށް ނުކުމެ އެއްވެސް މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ވެސް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.

އަލީހާޝިމް ސަސްޕެންޑް ކުރުމާގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓްްގައި ވިދާޅުވެފައިވަނީ  އަލީ ހާޝިމް ސަސްޕެންޑް ކުރުމުގެ ޤާނޫނީ ބާރު އެލްޖީއޭއަށް ލިބިގެން ނުވޭ. އަދި ފްލެޓްތަކުގެ ވައްކަން ހުއްޓުވާ. ސާބަސް ދިއްދޫކައުންސިލަށް” ކުރީގެ ރައީސް ރައީސް ނަޝީދުގެ ޓްވީޓްގައި ވެއެވެ.

ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ ރޯހައުސްތަކަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މަސައްކަތް ފެށި ރޯސްހައުސްތަކެކެވެ.