ރެއާލްއިން ކަންތަށް ކުރީ ނުވިސްނޭ ކުޑަކުއްޖަކާއިމެދު ކަންތަށްކުރާ އުސޫލުން: މޮރާޓާ

ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި އިޓަލީގެ ރޯމާ ބައްދަލުކުރާ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޗެލްސީގެ ސްޓްރައިކަރު އަލްވާރޯ މޮރާޓާ އޭނާގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މޮރާޓާ ވަނީ އޭނާ ޔުވެންޓަސްއާއި އެކު އިޓަލީގައި ހޭދަކުރި ދުވަސްތައް މަތިން ވަރަށް ހަދާންވާކަމަށާއި އަދިވެސް އިޓަލީގައި ދިރިއުޅެން ބޭނުންވާކަމަށް ބުނެފައެވެ. އަދި އޭނާއަށް ޔުވެންޓަސް ދޫކޮށްލެވުނީތީ އެކަމާއި މިހާރު ހިތާމަކުރާކަމަށްވެސް މޮރާޓާ ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މޮރާޓާ ވަނީ އޭނާ އެނބުރި ރެއާލް މެޑްރިޑަށް ދިޔުމާއިއެކު އޭނާއާއި ދޭތެރޭ އެކުލަބުން ކަންތައްކުރީ ނުވިސްނޭ ކުޑަ ކުއްޖަކާއިމެދު ކަންކުރާ އުސޫލުމް ކަމަށާއި އަދި އޭނާ އިޓަލީގައި ހޯދި ކުރިއެރުންތަށް އެއީ ނުވާކަމެއްހެން އޭނާއަށް އޭރު އިހުސާސްވިކަމަށްވެސް މޮރާޓާ ވަނީ ބުނެފައެވެ.

މޮރާޓާ ރެއާލްއިން ޔުވެންޓަސްއަށް ބަދަލުވިއިރު އޭނާ ވަނީ އިޓަލީގައި ދެ ސީޒަން ހޭދަކޮށް ބޮޑެތި ކާމިޔާބީތަކެއް ޔުވެންޓަސްއާއި އެކު ހޯދައިފައެވެ. މިއާއިއެކު ރެއާލްއިން 30 މިލިއަނަށް  މޮރާޓާ އަބުރާ ގެނައިއިރު އޭނާއަށް ވަނީ ރެއާލްގެ ފުރަތަމަ އެގާރައިން މަދު ފަހަރަކު މެނުވީ ޖާގަ ނުލިބިފައެވެ.

އެންމެ ފަހުން ކުޅުމުގެ ފުރުސަތު ހޯދުމަށްޓަކައި މޮރާޓާ 60 މިލިއަނަށް ޕްރެމިއާރ ލީގުގެ ޗެލްސީއަށް ބަދަލުވިއިރު އޭނާ މިހާރު ދަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކައި އަނެއްކާވެސް އޭނާގެ އަސްލު ހުނަރު މުޅި ދުނިޔެއަށް ދައްކަމުންނެވެ.

އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަތް މީހަކު މަރުވެއްޖެ

ފަލަސްތީނުގެ ގާޒާ ސްޓްރިޕްގެ ދެކުނަށް އޮންނަ ޙާން ޔޫނިސްގެ ޓަނަލްއަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަތް މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނާގޮތުގައި މި ހަމަލާގައި އިތުރު ނުވަ މީހަކުވެސް ވަނީ ޒަހަމްވެފައެވެ. ފަލަސްތީނުގެ އޮފިޝަލުންތަކަކައި ހަވާލާދީ މީޑިއާ ރޯޕޯތްތަކުގައިވަނީ މި ހަމަލާގައި މަރުވެފައިވަނީ އިސްލާމިކް ޖިހާދުގެ އަސްކަރީ ބްރާންޗްކަމުގައިވާ އަލް ކުޑްސް ބްރިގޭޑްގެ އިސް މެމްބަރުންތަކެއްކަމަށެވެ.

އެގޮތުން މި ހަމަލާގައި މަރުވެފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފައިވަނީ ބްރިގޭޑް ކޮމާންޑާރ އަރަފާތު މަރްޝޫދް، ޑެޕިއުޓީ ކޮމާންޑާރ ހަސަން އަބޫ ހަސަނިން، އަހްމަދް ހަލީލް އަބު އަރްމަނާހް، އޮމަރް ނަސަރް އަލް ފާލިތު އަދި ޖިހާދް އަލް ސާމިރީ އެވެ. މީގެ އިތުރުންވެސް ހަމާސް ޖަމާއަތުގެ އިއްޒެއްދީން އަލް ގައްސާމް ބްރިގޭޑްސްއަށް ނިސްބަތްވާ ދެ މީހަކުވެސް މި ހަމަލާގައި މަރުވެފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

އިސްލާމިކް ޖިހާދް ގުރޫޕުން ވަނީ މި ހަމަލާއާއި ގުޅިގެން އިޒްރޭލުން ފަލަސްތީނުގެ ބިންތައް ގަދަކަމުން ހިފުމާއި ދެކޮޅަށް ރައްދުދިނުމުގެ ހައްގު އެ ޖަމާއަތުން ދޫކޮށްނުލާނޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި އެ ޖަމާއަތުގެ ބާރު އިތުރަށް ވަރުގަދަކުރުމަށް އެ ޖަމާއަތުން ގަދައަޅައި މަސައްކަތްކުރަމުންދާނޭކަން އިޒްރޭލުގެ ސަރުކާރުން ހަދާންބެހެއްޓުމަށްވެސް އެޖަމާއަތުން ވަނީ އެ ބަޔާނުގައި އިންޒާރުދީފައެވެ.

ހަމާސްއިން ވަނީ މި ހަމަލާއަކީ އިޒްރޭލުން ގާޒާގެ ރައްޔިތުންނާއި ދެކޮޅަށް ފަށަން އުޅޭ އާ ހަނގުރާމައެއްގެ ފެށުންކަމަށް ބުނެ އެޖަމާއަތުގެ ޓްވިޓާގައި އާންމުކޮށްފައެވެ.

ކޮލެސްޓްރޯލް ލެވެލް މަތިނަމަ ކެއުމުގައި ކޮރިއެންޑާ ފަތް ބޭނުންކުރައްވާ

ކޮރިއެންޑާ ފަތަކީ މިހާރަކަށް އައިސް އާންމުކޮށް ދިވެހިން ކެއުމުގައި ހިމަނާ ފަތެކެވެ. މިގޮތުން ކޮރިއެންޑާ ފަތަކީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ހުރި ފަތެކެވެ.

ކޮރިއެންޑާ އަކީ ހަކުރު އަދި ޑައިބިޓީޒް މައްސަލަތަކަށް ވަރަށް ރަނގަޅު ފަރުވާއަކަށް ވެފައިވާ އިރު ކޮރިއެންޑާ އަކީ އޭގެ ސަބަބުން މީހާގެ މެޓަބޮލިޒަމް ލެވެލްތައް އިތުރުކޮށްދޭ އެއްޗެއްކަމަށްވެސް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ.

މީގެ އިތުރުންވެސް ކޮރިއެންޑާ އަކީ ހަށިގަނޑުގައި ކާއެއްޗިހި ހަޖަމްކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތައްވެސް ފަސޭހަކޮށްދޭ އެއްޗެކެވެ. ދިރާސާކުރާ ފަރާތްތަކުން ވަނީ ކޮރިއެންޑާ އަކީ އެންޓިސްޕާސްމޮޑިކް ބޭހަކާއި އެއްގޮތަށް މަސައްކަތްކުރާ ފަތެއްކަމަށްވެސް ބުނެފައެވެ.

ފުޑް ޕޮއިޒަނިންގް ގެ މައްސަލަތަކަށްވެސް ކޮރިއެންޑާއިން އެހީތެރިވެދޭއިރު ކޮރިއެންޑާ ހިމެނޭ ކާއެއްޗިހި ކެއުމުން ފުޑް ޕޮއިޒަނިންގްގެ ފުރުސަތު ކުޑަވާނެކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކޮލެސްޓްރޯލް ލެވެލްތައް ރަނގަޅުކޮށްދީ ޔުރިނަރީ ޓްރެކްޓްއަށް ދިމާވާ އިންފެކްޝަންގެ މައްސަލަތަކަށްވެސް ކޮރިއެންޑާ ފަތަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ކޮރިއެންޑާ އަކީ އަންހެނުންނަށް ދިމާވާ މަސްވަރުގެ މައްސަލަތަކަށްވެސް ވަރަށް ރަނގަޅު ފަރުވާއެއްކަމަށް ސައިސްވެރިން ބުނެފައިވާއިރު ބައެއް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ކޮރިއެންޑާ އަކީ ކޯލޮން ކެންސަރަށްވެސް އެހީތެރިވެދާނޭ ފަތެއްކަމަށް ވަނީ ހާމަކޮށްފައެވެ.

އަތުކުރީ ގަޑިއެއް 17 މިލިއަން ޑޮލަރަށް ވިކިއްޖެ

ހޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ޕޯލް ނިއުމެން އެޅިކަމަށް ބުނާ އަތުކުރީ ގަޑިއެއް ނީލަމެއްގައި 17.3 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

 މި ގަޑިޔަކީ 2008 ވަނަ އަހަރު މަރުވި ޕޯލް ނިއުމެންއަށް އޭނާގެ އަންހެނުން ޖޯއާނާ ވޫޑްވާޑް ދީފައިވާ ގަޑިއެއްކަމަށް ވެއެވެ. މި ގަޑި ޖޯއާނާ އޭނަގެ ފިރިމީހާއަށް ދީފައިވަނީ 1969 ވަނަ އަހަރު އުފެއްދި ވިނިންގް ޓުގެދާރ ފިލްމްގެ ޝޫޓިންގްގެ ތެރެއިންނެވެ.

ނިއުމެން ފަހުން މި ގަޑި ބޭނުންކޮށްފައިވަނީ އޭނާ ބައިވެރިވި ކާރު ރޭސްތަކުގައި ވަގުތު ބެލުމަށެވެ.

ސްޓެއިންލެސް ސްޓީލް މި ގަޑި ގަނެފައިވަނީ ކޮން ފަރާތަކުންކަން ހާމަކޮށްފައިނުވާއިރު މިއީ އެންމެ ފުރަތަމަ މި ގަޑިޔަށް ކަނޑައެޅިފައިވާ 1 މިލިއަން ޑޮލަރުގެ އަގަށްވުރެ އެތައް ގުނަ ބޮޑު އަދަދެކެވެ. މި ގަޑިޔަކީ އެންމެ އަގުބޮޑުކޮށް ނީލަމެއްގައި ވިކިގެންދިޔަ އަތުކުރީ ގަޑިޔެވެ.

މީގެ އިތުރުންވެސް ދެން އޯކްޝަނެއްގައި އެންމެ އަގުބޮޑުކޮށް ވިކިފައިވާ އަތުކުރީ ގަޑިއަކީ  24 މިލިއަން ޑޮލަރަށް 2014 ވަނަ އަހަރު ވިކިގެންދިޔަ ޕަޓެކް ފިލިޕޭގެ ގަޑިއެކެވެ.

ޕޯލް ނިއުމެންއަށް މި ގަޑި އޭނާގެ އަނބިމީހާ ދިން އިރު އޭނާ ވަނީ މި ގަޑީގައި ‘ބަލައިގެން ދުއްވާ’ މިގޮތަށް މެސެޖެއް އެންގްރޭވްކޮށްފައެވެ.

މުސްތަފާ،ސައުދު އަދި ޝާހަކީ ޕީޕީއެމްގެ މެންބަރުންނެއް ނޫން: އިދިކޮޅު

ޕީޕީއެމްއިން ވަކިކުރަން ނިންމިކަމަށް ބުނާ މެންބަރުންނަކީ ޕީ.ޕީ.އެމް ގެ މެންބަރުންނެއް ނޫން ކަމުގައި ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މީގެ އިރުކޮޅެއްކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 

 ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާއާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް ޕީ.ޕީ.އެމް އިން މިއަދު ވަކިކުރަން   ނިންމި ކަމަށް ބުނާ އެތިން މެންބަރުންނަކީ މިހާރުވެސް ޕީ.ޕީއެމް ގެ މެންބަރުންނެއް ނޫންކަމަށެވެ.

އެހެންކަމުންޕީޕީއެމުން ވަކިވެފައިވާ މެންބަރުންތަކެއް އަލުން އެޕާޓީގެ ގެ ސުލޫކީ ކޮމިޓީއިން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ނަޔަނުގައި ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ނ) ގައި ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާއި ނުލައި ޕާޓީން ވަކިވެވިދާނެ ކަމަށް ބަޔާންކޮށްފައި އޮތުމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އަސާސީ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ގައި ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ސިޔާސީ ޕަޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި ވާކަމަށްވެސް އެބަޔާނުގައި ވެއެވެ.

އެހެންކަމުން މެންބަރުންނަކީ ޕީ.ޕީ.އެމް އިން ވަކިވުމަށް އެދި 13 ޖުލައި 2017 ގެ ކުރިން ޕީ.ޕީ.އެމް އަށް ސިޓީ ފޮނުވާފައިވާ މެންބަރުންތަކެއްކަމަށާއި، އެހެން ކަމުން، ދިވެހިރާއްޖޭގަ މިހާރު ޢަމަލު ކުރަމުން ދާ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި އެ ޤާނޫނު ގެ ދަށުން ހަދާފައިވާ ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް އަކީ ޕާޓީ އިން ވަކިވުމަށް އެދިވަޑައިގެންނެވި ހިސާބުން ޕީ.ޕީ.އެމް ގެ މެންބަރުން ކަމުގައި ނުވާނެކަމަށްވެސް ގުޅިފައިވާ ސިޔާސި ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ޕާޓީތަކާއި ބެހޭ ގާނޫނު އަދި އުވާނުލާ ، އެއްވެސް މެންބަރެއްގެ ގޮޑި ނުގެއްލޭ: ސައުދު

ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނު އަދި އުވާނުލާ ، އެހެންކަމުން އެއްވެސް މެންބަރެއްގެ ގޮޑި ގެއްލިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލީ ދާއިރާގެ މެންބަރ ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނުގެ 16ވަނަ މާއްދާގެ (ބ)ސައުދު ވަނީ އޭނަ ކުރެއްވި ޓްވީޓްްގައި  ހިމަނައިފައެވެ.

ސިޔާސީ ޕާޓީތަކައި ބެހޭ ގާނޫނުގެ 16ވަނަ މާއްދާގެ (ބ)ގައި ބުނަނީ “ގާނޫނުއަސާސީއާއި،ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައިބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި އިންތިޚާބުވެފައިވާ މީހަކު ،ޕާޓީގެ ސުލޫކީ މިންގަޑާއި ޚިލާފްވެގެން ޕަޓީންވަކިކުރިކަމުގައިވިޔަސް ، އެމީހަކު އިންތިޚާބު ވެފައިވާ މަގާމުގައި ދެމިހުންނާނެ” އެވެ.

އެހެންނަމަވެސް ސިޔާސިޕާޓީތަކުގެ ބެލެނިވެރިފަރާތް އިލެކްޝަންސް ކޮމިޝަނުންވަނީ މިހަތަނަށް ހަތް މެންބަރެއްގެ ގޮޑި ހުސްވެފައިވާކަމަށް ނިންމާ އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާންކޮށްފައެވެ.

ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަނުން ނިންމާފައިވާ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި  ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ.

ތިންވަނަ ކުއާޓަރު ގައި ބީއެމްއެލްއަށް 247 މިލިއަން ރުފިޔާގެ ފައިދާއެއް

ދިވެހިރާއްޖޭގެ ގައުމީ ބޭންކުން މިއަދު އާންމުކުރި، 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާގޮތުން އެބޭންކަށް ފައިދާގެ ގޮތުގައި 247މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ބީއެމްއެލްއިން ބުނީ، މި އަހަރު 300 މިލިއަން ރުފިޔާ ދިވެހި މުޖުތަމައުތަކަށް އިންވެސްޓްކުރުމަށް ނިންމާފައިވީނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި އަދި ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި، ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރަށް %35 މަތީ އަދަދެކެވެ.

އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި ތިން ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވައިފައެވެ. އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

ގައުމީ ބޭންކުން ބުނީ، މިއަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވެސް ވާސިލްވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ވޯލްޑް އެޗްއާރޑީ ކޮންފަރެންސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، އެކަން ފާހަގަކޮށް “އޭޝިޔާސް ލީޑިންގ އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ދީފައެވެ.

ބީއެމްއެލްއިން ވަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން ގާއިމްކޮށްފައެވެ.

ސީޕީ އަރީފް އާއި ޑީސީޕީ ސައުދީގެ މައްސަލައެއް ބަލަން ފަށައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީގެ މައްސަލައެއް ރައީސް އޮފީހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމެޓީގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައީސް އޮފީހުގެ މިނިސްޓަ އޮފް ލީގަލް އެފެއާޒް އާއިޝަތު އާޒިމާ ޝަކޫރެވެ.

ދެން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް މުހައްމަދު މުޖުތާޒާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓްރީ އިސޯމް މުހައްމަދާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެ ކޮމެޓީގައި ތިއްބަ އެވެ.

އެ މައްސަލަ އަކީ ސީޕީ އަރީފް ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އޭނާ މަގާމުން ވަކިކުރަން ސައުދީ އުޅުއްވުމުން އެކަމާ އަރީފް ހިތްހަމަނުޖެހިގެން އެ ދެ ބޭފުޅުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ މައްސަލައެއްކަން ވަނީ އެނގިފައެވެ.

މަޖިލީހުގެ ތިން މެންބަރަކު ޕީޕީއެމުން ވަކިކޮށްފި

ރައްޔިތުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު ޕީޕީއެމްއިން ވަކިކުރަން އެ ޕާޓީގެ ސްލޫކީ ކޮމިޓީ އިން ނިންމައިފި އެވެ.

ޕީޕީއެމް އިން ވަކިކުރަން ނިންމީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުޕީޕީއެމުން ﷲ ހިލްމީ އާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ. އެ ތިން މެންބަރުންނަކީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދި ލޔުމުގައި  ސޮއި ކުރި މެންބަރުން އެވެ.

މެންބަރަކު ޕާޓީން ވަކިކުރުމުން ސްޕްރީމް ކޯޓުން ނެރެފައިވާ ރޫލިންގ އަށް ބަލާއިރު އެމެންބަރުން މަޖިލީހުގައި  ތަމްސީލްކުރާ  ގޮނޑި ގެއްލޭނެއެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މައްސަލާގައި ޕީޕީއެމް އިން މީގެ ކުރިން ވެސް ވަނީ ހަ މެންބަރަކު ވަކިކޮށްފަ އެވެ. އަދި އިލެކްޝަން ކޮމިޝަނުން ވަނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް އެ މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް އިލެކްޝަންސް ކޮމިޝަނަށް ބައި އިލެކްޝަނެއް ބޭއްވިފައެއް ނުވެ އެވެ.

އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ފުލުހުންގެ ވަޒީފާ އިން ވަކިކުރިއިރު، ފައިރޫޝް ހުންނެވީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން އޮސްޓްރޭލިއާގައެވެ.

ފައުރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކުރިއިރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ދާދިފަހުން ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

އަދި އެސިސްޓްނެޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމް ވެސް ވަނީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ޑީމޯޓްކޮށްފައެވެ.