ކޮލޮމްބިއާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާއި ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލަނީ

ކޮލޮމްބިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ގުރޫޕެއްކަމުގައިވާ އީ.އެލް.އެން ހަނގުރާމަވެރިންގެ ގުރޫޕުން ކޮލޮމްބިއާގެ ސަރުކާރާއި ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެ އެކަމަށް ތައްޔާރުވާން ފަށައިފިއެވެ. ހަނގުރާމަވެރިންގެ ގުރޫޕުގެ އިސް ވެރިން ވަނީ ހަމަލާބަދަލުކުރުންތައް ހުއްޓާލައި ހަނގުރާމަވެރިން އަމާންދިނުމަށް ގޮވާލައިފައެވެ. މި ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެގެންދިޔަ އެއްބަސްވުމާއިއެކު ކޮލޮމްބިއާގެ ބައި ގަރުނުވަންދެން ކުރިއަށްދިޔަ ހަނގުރާމައަށް ނިމުމެއް އައީއެވެ.

ހަނގުރާމަވެރިންގެ ގުރޫޕުގެ އިސް ލީޑަރ ނިކޮލަސް ރޮޑްރިގޭޒް އާންމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާވަނީ އީ.އެލް.އެން ގެ ހަނގުރާމަވެރިންނަށް ސަރުކާރުގެ ސިފައިންނަށް ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. ކޮލޮމްބިއާގެ ސަރުކާރާއި ހަނގުރާމަވެރިންގެ ގުރޫޕާއި ދެމެދެ ހަމަލާބަދަލުކުރުން ހުއްޓާލުމަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ދަނީ ވާހަކަތައް ދެކެވެމުންނެވެ.

އެހެންނަމަވެސް މި ވާހަކަތަކުން ހައްލަކާއި ހިސާބަށް އައުމަށް ލަސްވެފައިވަނީ ހަނގުރާމަވެރިންގެ ގުރޫޕުން ހަމަލާދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުމާއި ގުޅިގެންނެވެ.

އަސެންސިއޯގެ އާ ކޮންޓްރެކްޓްގެ ސަބަބުން ޓޮނި ކްރޫޒް ހިތްހަމަނުޖެހިއްޖެ

ރެއާލް މެޑްރިޑުގެ ތަރި ޓޮނި ކްރޫޒް އޭނާގެ ޓީމްމޭޓް މާކޯ އަސެންސިއޯއަށް ރެއާލް މެޑްރިޑުން ހުށަހެޅި އާ ކޮންޓްރެކްޓްގެ ސަބަބުން ހިތްހަމަނުޖެހިފައިވާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގަައި ހިމެނޭ ޓޮނި ކްރޫޒް ވަނީ އޭނާގެ މުހިންމުކަން ކުލަބުގައި ކުޑަވެފައިވާކަމަށާއި އަދި އޭނާއަށް ދޭންޖެހޭވަރުގެ ބޮޑު މުސާރައެއް ރެއާލްއިން ނުދޭކަމަށް ވެސް އޭނަބުނެފައިވާކަމަށް އެރިޕޯޓްތަކުގައި ވެއެވެ. ހަބަރުލިބޭގޮތުގައި ކްރޫޒް މިގޮތަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ރެއާލް އިން އަސެންސިއޯ އަށް ހުށަހެޅި އާ ކޮންޓްރެކްޓްގައިއޭނާގެ މުސާރަ މާ ބޮޑުވުމުންނެވެ.

ޓޮނި ކްރޫޒް އަކީ ރެއާލް މެޑްރިޑުގެ އެންމެ މުހިންމު އަދި ޓީމުގެ އެންމެ އިސް ދައުރު އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އޭނާއަކީ 2014 ވަނަ އަހަރު ޖަރުމަންވިލާތުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައިވެސް އިސް ދައުރެއް އަދާކުރި މުހިންމު ކުޅުންތެރިޔެކެވެ. އަދި އޭނާގެ ކުރިގެ ކުލަބު ބަޔާން މިއުނިކްއަށް އެތައް ތަށްޓެއް ކާމިޔާބުކޮށްދީފައިވާއިރު ރެއާލް މެޑްރިޑާއި ގުޅުނުފަހުން ރެއާލް އިން މިފަހަކަށްއައިސް ހޯދާ ބޮޑެތި ކާމިޔާބީތަކުގައިވެސް އެންމެ އިސް ދައުރު އަދާކުރާ އެއް ކުޅުންތެރިޔަކީ ކްރޫޒްއެވެ.

އެހެންނަމަވެސް ޒުވާން ފޯވަޑް އަސެންސިއޯ އަކީވެސް މިފަހަކަށްއައިސް ރެއާލް މެޑްރިޑުން ދެކޭގޮތުގައި އެޓީމުގައި ހުރި އެންމެ ހުނަރުވެރި އަދި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

ރެއާލްއިން ގަބޫލުކުރާގޮތުގައި ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ކާމިޔާބުކުރި އަސެންސިއޯއަކީ އެޓީމުގެ ކުރިމަގެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔާރކުރުމާއިއެކު ދެން ޓީމު ކުރިއަށް ގެންދަންހުރި ކުޅުންތެރިޔާއެވެ. މިއާއިއެކު ކްރޫޒްގެ މި ހިތްހަމަނުޖެހުންތަކުގެ ސަބަބުން އޭނާ މެޑްރިޑު ދޫކޮށް އޭނާގެ އަގުވަޒަންކުރާ ކުލަބަކަށް ގޮސްދާނެބާ؟ ގައިމުވެސް ކްރޫޒް ފަދަ މޮޅު ކުޅުންތެރިޔަކު ފަސޭހައިން ހޯދުމަށް ލިބޭ ފުރުސަތުގައި ޕީއެސްޖީ، މެންޗެސްޓާރ ސިޓީ އަދި ރެއާލްގެ ހަތުރުވެރި ބާސެލޯނާ ފަދަ ޔޫރަޕްގެ ބޮޑެތި ހުރިހާ ކުލަބަކުންވެސް މަސައްކަތްކުރާނެކަމަކީ  ޔަގީންކަމެކެވެ.

މޭބިސްކަދުރުން ތިޔަހީކުރާވަރަށް ވުރެ މާބޮޑެތި ފައިދާތަށް ހަށިގަނޑަށް ލިބޭ

މޭބިސްކަދުރަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު މޭވާއެކެވެ. މި މޭވާއަކީ އޭގެ ސަބަބުން ހަޖަމްކުރުމުގެ މައްސަލަތަކާއި ވަރުބަލިކުރުމާއި، ކިޑްނީ މައްސަލަތަކުގެ އިތުރުން މެކިއުލާރ ޑީޖެނެރޭޝަން ނަމަކަށްކިޔާ ނުރައްކާތެރި ލޮލުގެ ބައްޔަކުންވެސް މީހާ ސަލާމަތްކޮށްދޭ ވަރަށް ޚާއްސަ މޭވާއެކެވެ.

މޭބިސްކަދުރުގެ މީރު ރަހައާއި އެކު ގިނަ ވައްތަރުތަކުގެ ބުއިންތަކުގެ އިތުރުން މޭބިސް ކަދުރުގެ ސެލެޑް އަކީވެސް  ވަރަށް އާންމުކޮށް މީހުން ކެއުމުގައި ބޭނުންކުރާ ވަރަށް މީރު ބަވަތެކެވެ. މީގެ އިތުރުން މޭބިސްކަދުރުގެ އޮށަކީވެސް ހަށިގަނޑަށް އެހާމެ ފައިދާހުރި އެއްޗެކެވެ.

މޭބިސްކަދުރުގެ އޮށް ބޭނުންކުރުމުން އަނިޔާ ލިބިފައިވާ ހަށިގަނޑުގެ ތަނެއް ދުޅަވުން ހުއްޓުވައިދީ ލޮލުގެ އެކި ބަލިތަކުގެ އިތުރުން ޑައިބީޓީޒް ފަދަ ނުރައްކާތެރި ބަލިތަކުންވެސް މީހާ ރައްކާތެރިކޮށްދެއެވެ.

މޭބިސްކަދުރުގެ އޮށަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސްވެސް ހިމެނޭ އެއްޗެކެވެ. އެސްތެމާ ފަދަ މައްސަލަތަކުގެ އިތުރުން ކަށި ވަރުގަދަ ކުރުމަށްވެސް މޭބިސްކަދުރަކީ ވަރަށް ރަނގަޅު ފައިދާހުރި މޭވާއެކެވެ.

އެހެންކަމުން ކޮންމެ ދުވަހަކުވެސް ކެއުމުގެ ތެރޭގައި މޭބިސްކަދުރުކޮޅެއް ހިމެނުމުން އުމުރުން ދުވަސްވާވަރަކަށް ކުރިމަތިވާ ބައެއް ބަލިތައްކަމުގައިވާ އޮސްޓިއޮޕޮރޯސިސް ފަދަ ބަލިތަކުންވެސް މީހާ ރައްކާތެރިކޮށްދޭކަމަށް ގިނަ ތަޖްރިބާކާރުން އެއްބަސްވެއެވެ.