އިސްލާހީ މަސައްކަތުގައި ފަހަތަކަށް ނުޖެހޭނަން: ގާސިމް

ކިތަންމެ އަނިޔާއަކާއި ތަކުލީފެއް ޖެއްސި ކަމުގައިވީ ނަމަވެސް އަޒުމަކީ އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި އިޚްލާސްތެރިކަމާއެކު ރައްޔިތުންނާއެކު ހުންނެވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ  ޖަރުމަނުވިލާތުގައި ހުންނަވައިގެން އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގަ އެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ، އާއަހަރަށް ކުރާ އުއްމީދުތަކުގެ ތެރޭގައި މިއަދު ރާއްޖޭގެ ގިނަ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމުގައިވާ ސިޔާސީ، އިޖުތިމާއީ، އިގްތިސާދީ އަދި ޚާރިޖީ ދާއިރާގައި ރާއްޖެ މިއަދު ތަޖުރިބާ ކުރަމުންދާ ނުތަނަވަސް އަޑިގަނޑުން އަވަސް ފުރުސަތެއްގައި އަރައިގަނެ އަނިޔާ ލިބެމުންދާ ކޮންމެ އާއިލާއެއްގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް ހުއްޓުވަން ބޭނުންވާކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކުރާ ފަރުދުންގެ އަސާސީ ހައްގުތައް ކޮންމެ މީހަކަށްވެސް ކަށަވަރުވެ ކޮންމެ ރައްޔިތަކަށްވެސް އަދުލުއިންސާފުގެ ޔަގީންކަން ލިބުން ކަށަވަރުވުމަކީ އެދިވަޑައިގަންނަވާ ކަމަށްވެސް ގާސިމްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ އެދުމަކީ ދީނީ ހިޔާލުތަފާތު ކުރުންތައް ނެތް އިސްލާމީ އަގީދާގެ ސާބިތުކަން މަތީގައި ތިބެ އަމާންކަން ގާއިމުވެފައިވާ ހިތްފަސޭހަ ވެއްޓަކަށް ދިވެހިރާއްޖެ ވުން ކަމަށާ ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބެންޖެހޭ ހައްގުތައް އަވަސް ފުރުސަތެއްގައި ލިބިދެވޭ އިތުބާރުހުރި ޒަމާނީ ހިންގުމުގެ ނިޒާމެއް ގާއިމްވެފައިވާ ތަނަކަށް ރާއްޖެވުން ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.

މިއަދު ރާއްޖެއާއި ކިތަންމެ ދުރުގައި ހުންނަވަން ޖެހުނު ނަމަވެސް ދިވެހިންގެ އުއްމީދުތަކާ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް ކައިރީގައި ހުންނެވި ކަމުގައި ވެސް ގާސިމް އިބްރާހިމްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ. އަދި ކުރިއަށް އޮތް އަހަރަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލު ކުރުމަށް ވަރަށް މުހިއްމު އަހަރެއް ކަމަށާއި މީގެ ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި ރައްޔިތުން ތައްޔާރުވުމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓް މެއި މަހުގައި އެނގޭނެ: އެމްޑީޕީ

އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެމްޑީޕީން ނިކުންނާނެ ކެނޑިޑޭޓަކު އިއުލާންކޮށް، ކެމްޕެއިން ފަށާނެ ކަމަށް އެ ޕަޓީން އިއުލާންކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާރ ޕާސަން ހަސަން ލަތީފް ވިދާޅުވީ، އާ އަހަރު ފަށާނީ ފޮނި އުންމީދުތަކާއެކު ރައްޔިތުން ހިތްހަމަޖެހޭނެ ޕްލޭންއަކާއެކުގައި ކަމަށާއި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރެވޭނެ މަގު ޗާޓަކާ އެކުގައި ކަމަށެވެ. އަދި މާޗު މަހުގެ ތެރޭގައި ރިޔާސީ ޕްރައިމެރީގައި ވާދަ ކުރުމަށް ހުޅުވާލާނެ ކަމަށާއި ކެނޑިޑޭޓަކު އިއުލާން ކުރުން މޭ މަހު އޮންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމެރީން ކެނޑިޑޭޓަކު އިންތިހާބު ކުރެވެންދެއް ޕާޓީން ހިންގާ ހަރަކާތްތަކާއި ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓިފައި ނޯންނާނެކަމަށާއި މި ފެށޭ އަހަރާއެކު ރިޔާސީ އިންތިހާބާ ގުޅޭ ގިނަ މަސައްކަތް ފެށިގެން ދާނެކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މާޗު މަހުގެ ތެރޭގައި ޕްރައިމެރީ ފެށުމަށް ފަހު މޭ މަހުގެ ތެރޭގައި އިއުލާން ކުރުމަށް ނިންމާފައި ވަނީ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ދެބަސްވުންތަކެއް ނެތި ރައީސް ނަޝީދަށް ވެސް ބައިވެރިވެވޭ ގޮތަށް ޕްރައިމެރީ ބޭއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާއަށް މަންދޫބުން ހޮވައިފި

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ  މަޝްވަރާއަށް  މަންދޫބުން  ކަނޑައަޅާ ނަންތަށް ލީޑަރުންނަށް ފޮނުވައިފިއެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެޕާޓީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފަރާތްޕުޅުން ޔުމްނާ މައުމޫނާއި އާމިނަތު ނާދިރާ ބައިވެރިވެ ވަޑައިގަންނަވާއިރު ޖުމްހޫރީޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ އެ ޕާޓީގެ ޑެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ  ޑރ ހުސައިން ރަޝީދު ހަސަންއާއި، އަބްދުﷲ ރިޔާޒެވެ.

އަދި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފާއި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް ޝަރީފެވެ.

ކެނޑިޑޭޓަކު ކަނދައެޅުމުގެ މަޝްވަރާތަކަށް މަންދޫބުން ހޮވާ ނަންތަށް ލީޑަރުންނަށް ފޮނުވާފައިވީނަމަވެސް މަޝްވަރާތަށް ފަށާނީ ސީދާ ކޮންތާރީޚެއްގައިކަމެއް އިދިކޮޅުން ނުބުނެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ދާދިފަހުން ބުނެފައިވަނީ އެއް ކެންޑިޑޭޓަކު ކަނޑައަޅާނީ އެ ކޯލިޝަންގައި ބާއްވާ ޕްރައިމަރީއަކުންކަމަށެވެ. އަދި އެއްކެނޑިޑޭޓަކު ކަނޑައެޅުމަށް އިންސާފްވެރި ޕްރައިމަރީކަށް ދިޔުމަށް ގާސިމްވެސް ވަނީ މީގެ ކުރިން ތާއީދުކުރައްވާފައެވެ.

ކަޅުބިލަމަހުން ހަށިގަނޑަށް އާދަޔާޚިލާފް އެތައް ފައިދާއެއް

ކަޅުބިލަމަހަކީ އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި އެންމެ އާންމުކޮށް ބޭނުންކުރެވޭ ކަނޑުމަހުގެ ބާވަތެވެ. މިގޮތުން ކަޅުބިލަމަހަކީ  އެމަހަކުން އެތައް ފައިދާއެއް ހަށިގަނޑަށް ކުރުވާ އެއްޗެއްކަމަކީ އެންމެންވެސް ދަންނަ ވަރަށް އާންމު ކަމެކެވެ. މިފަދަ ފައިދާތަކުގެ ތެރޭގައި އެންމެ އާންމު ބައެއް ކަންކަމަކީ ކަޅުބިލަމަހުގައި ގިނަ އަދަދަކަށް ހިމެނޭ ޕްރޮޓީންސް އަދި ވިޓަމިން ބީ ފަދަ ފައިދާހުރި ބައެއް މާއްދާތަކެވެ.

މީގެ އިތުރުންވެސް ހަށިގަނޑަށް އެތައް ގޮތަކުން ފައިދާކުރުވާ އެހެންއެތަށް މާއްދާތަކެއްވެސް ކަޅުބިލަމަހުން މީހާއަށް ކޮށްދެއެވެ.

އެންމެ ފުރަތަމަ ކަމަކަށް ކަޅުބިލަމަހަކީ އެމަހުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކެންސަރު އަދި ހިތުގެ ބަލި ފަދަ ނުރައްކާތެރި އެތައް ބަލިތަކަކުން މީހާ ސަލާމަތްކޮށްދޭ ކަމެވެ. އަދި ކަޅުބިލަމަހަކީ ސްޓްރޯކް ފަދަ ނުރައްކާތެރި ސިއްހީ އެތަށް މައްސަލަތަކަކުންވެސް މީހާ ދުރުކޮށްދޭ އެއްޗެއްކަމަށް ފަހުގެ ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ.

ދެންއޮތީ އެންމެ މުހިންމުކަމެވެ، ކަޅުބިލަމަސް ކެއުމުގެ ސަބަބުން މީހާގެ ބަރުދަން ލުއިކޮށްދޭކަމަށްވެސް ބެލެވިފައިވާއިރު ކަޅުބިލަމަހަކީ އޭގައި ހިމެނޭ ސެލީނިއަމް ނަމަކަށްކިޔާ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމްވެސް ވަރުގަދަކޮށްދޭ އެއްޗެއްކަމަށް ވަނީ ދިރާސާތަކުން ދައްކުވައިދީފައެވެ.

ބިޕާޝާ އާއި ކަރަން އާއަހަރު ޝޯގައި ބައިވެރިނުވާނެ

އާ އަހަރު ފާހަގަ ކުރުމަށް މިރޭ އަލިމަސްކާނިވަލުގައި ބާއްސާ ޝޯގައި ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫއާއި ފިރިމީހާ ކަރަން ސިންގް ގްރޯވައަށް ބައިވެރިނުވެވޭ ކަމަށް އަންގައިފިއެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ފާހަގަ ކުރުމަށް މިރޭ ބާއްވާ އެ ޝޯގައި ބިޕާޝާއާއި ކަރަން ބައިވެރިނުވާނެކަން އިއުލާންްކޮށްފައިވަނީ އެ ޝޯއަށް ހާއްސަކޮށް ހިންގާ ފޭސްބުކް ޕޭޖުގައެވެ. ބިޕާޝާއައި ކަރަންއަށް ބައިވެރިވެވޭ ގޮތް ނުވީ ކުރިން ރާވާފައި ނެތް ކަންތައްތަކެއް ކުރިމަތިވުމުން ކަމަށާއި ބިޕާޝާ އާއި ކަރަންއަށް ބައިވެރި ނުވެވުނުނަމަވެސް ޝޯ ކުރިއަށް ދާނެކަމަށް އެ ޕޭޖުގައި ބުނެފައިވެއެވެ.

އެ ޝޯގައި އިންޑީއާގެ މަޝްހޫރު ދެ ލަވަ ކިއުންތެރިންކަމަށްވާ މިކާ ސިންގް އާއި ރާހަތު ފަތެހް ބައިވެރިވެއެވެ. ޝޯގައި ބައިވެރިވުމުގެ ގޮތުން މިކާ ސިންގް ވަނީ އިއްޔެ ރާއްޖެ އައިސްފައެވެ.

އާއަހަރާ ދިމާކޮށް މީގެ ކުރިން ބާއްވާފައިވާ ޝޯ ތަކުގައި ބޮލީވުޑް ގެ މަޝްހޫރު ތަރިން ވަނީ ބައިވެރިވެފައެވެ.

ރަޖްނީކާންތު ސިޔާސީ ޕާޓީއެއް އުފައްދަނީ

ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި، އިންޑިއާގެ ސްޕަސްޓާ ރަޖްނީކާންތު ސިޔާސީ ދާއިރާ އަށް ވަންނަން ނިންމިކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ. 

ޗެންނާއީގައި ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފުލާއެއްގައި ރަޖްނީކާންތު ބުނީ ސިޔާސީ ދާއިރާ އަށް ވަންނަންނިންމީ ވަކި މަގާމަކަށް ނޫންކަމަށެވެ. މަގާމެއް ބޭނުންނަމަ ނުކުންނާނީ މިއަދު ނޫންކަމަށާއި އެފުރުސަތު ކުރިން ލިބުމުންވެސް ދޫއްލިކަމަށެވެ.

އިންޑިޔާގެ އެތަށްބައެއްގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ރަޖްނީކާންތު ބުނީ އިންޑިއާގެ ޑިމޮކްރަސީ މިހާރު އޮތީ ކޮރަޕްޓުވެފައި ކަމަށާއި މުޅި ސިސްޓަމް ބަދަލުކުރަން ޖެހޭކަމަށެވެ.

އޭނާ ބުނީ ސިޔާސީ މައިދާނަށް ނިކުންނަނީ މިކަންކަން ބަދަލު ކުރަން ކަމަށާއި ރައްޔިތުންގެ އަޑު އަހައި އެ މީހުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.

ރަޖްނީކާންތު ބުނީ އޭނާގެ ސިޔާސީ ޕާޓީ ވަރަށް އަވަހަށް އުފައްދާނެކަމަށާއި ކުރިއަށް އޮތް ޓެމިލްނާޑޫ އެސެމްބްލީ އިލެކްޝަންގައި ޕާޓީން ވާދަ ކުރާނެ ކަމަށެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ފަނޑިޔާރުން ނުވަނުމަށް އިލްތިމާސްކުރަން: ރިޔާޒް

ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ފަނޑިޔާރުން ނުވަނުމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިލްތިމާސް ކުރައްވައިފިއެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ޖަލުގައި ގިނަދުވަސްތަކަކު ބަހައްޓާފައި ހުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ކުރެއްވި ޓުޥީޓެއްގައެވެ.

މެމްބަރު ފާރިސްގެ މައްސަލަ ހައިކޯޓަށް ހުށައެޅުމުން އެމައްސަލަ ބެލުމަށް ނެގި ބެންޗު ބަދަލުކޮށް މައްސަލަ ނުނިންމާ ފަސްމަސް ދުވަހަށްވުރެ ގިނަދުވަހު ޖަލުގައި ބަހައްޓާފައިހުރުމުން އެކަން އެހިނގަނީ އަދުލުވެރިކޮންކަމަށް ޤަބޫލު ކުރެވޭތޯ އައްސަވާ ރިޔާޒްވަނީ ސުވާލު އުފައްދަވާފައެވެ.

ފާރިސް މައުމޫން ބަންދުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ނަގަންއުޅުނު ވޯޓާ ދިމާކޮށް ރިޝްވަތުދިންކަމުގެ ތުހުމަތުގައެވެ. ނަމަވެސް ފާރިސްގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއްވެފައި ވާއިރު، ގިނަބަޔަކު ދަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށްބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިރާނުގައި ކުރިޔަށްދާ މުޒާހަރާތަށް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވަނީ

އިރާނުގައި ކުރިޔަށްދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ސަރުކާރުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އިރާނުގައި ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ކުރިޔަށްދާ މި މުޒާހަރާތަކުގައި ސަރުކާރަށާއި އެގައުމުގެ ދީނީ އިސް ލީޑަރުންނަށް އަމާޒުކުރެވިފައިވާއިރު މި މުޒާހަރާތަކުގައި ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ފުލުހުންގެ ވެހިކަލްތަކަކަށްވެސް ބޮޑެތި ގެއްލުންދީ އަލިފާން ރޯކުރަމުންދާއިރު މުޒާހަރާކުރަމުންދާ މީހުންނަށްވެސް އެކި ވަރުވަރުގެ އަނިޔާލިބިފައިވާކަމަށް މީޑިއާރިޕޯޓްތަކުންވަނީ ހާމަކޮށްފައެވެ. އަދި މުޒާހަރަގެ ބައިވެރިންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން ދެ މީހަކު ޒަހަމްވެފައިވާކަމަށްވެސް ބައެއް މީޑިއާ ތަކުގައިވަނީ ބުނެފައެވެ.

މިއީ އިރާނުގައި 2009 ވަނަ އަހަރަށްފަހު ސަރުކާރާއި ދެކޮޅަށް މިހާ ގިނަ ބަޔަކު އެއްފަހަރާ މުޒާހަރާކުރާ ފުރަތަމަ ފަހަރެވެ. މުޒާހަރާކުރަމުންދާ މީހުންނާއި ދެކޮޅަށް ނިކުތް ބައެއް ފުލުހުން ފަހަތަށްޖެހިފައިވާކަމަށް ހަބަރުލިބޭއިރު އިރާނުގެ އިންޓީރިއާރ މިނިސްޓްރީން ވަނީ ގާނޫނާއި ޚިލާފް އެއްވުންތައް ނުބޭއްވުމަށް އަންގައި އިންޒާރުގެ މެސެޖެއް ދީފައެވެ. މި އިންޒާރާއި އެކުގައިވެސް އިރާނުގެ އެންމެ ބޮޑެތި ބައެއް ސިޓީތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ މުޒާހަރާކުރިޔަށް ގެންދަމުންނެވެ.

އިރާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގައި އެގައުމުގައި އެންމެހޫނުވެފައިވާ ރައްތަކުގެ ތެރޭގައި ވެރިރަށް ތެހެރާނުގެ އިތުރުން އިސްފަހާން އަދި ކޯމް ހިމެނެއެވެ. އިރާނުގެ ސަރުކާރާއި އެގައުމުގެ ދީނީ ލީޑަރުންނާއި ދެކޮޅަށް އާންމުންގެ ގިނަބަޔަކު މުޒާހަރާކުރަމުންދާއިރު ސަރުކާރަށާއި، ދީނީ ލީޑަރުންނަށް ސަޕޯޓުކުރާ އިސްފަރާތްތަކުންވެސް މުޒާހަރާގެ ބައިވެރިންނަށް އެހީތެރިވަމުންދާކަމަށް ބައެއް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

ޗެލްސީއިން ސްޓޯކް ސިޓީގެ މައްޗަށް ބޮޑު މޮޅެއް

މިދިޔަ ސީޒަނުގައި ޕްރެމިއާރ ލީގުގެ ތަށި އުފުލާލި ޗެލްސީއިން ސްޓޯކް ސިޓީއާއި ބައްދަލުކުރި މެޗު 5-0ން ކާމިޔާބުކޮށް އެޓީމަކީ އަދިވެސް ޕްރެމިއާރ ލީގުގެ ވަރުގަދަ ބާރެއްކަމުގައި ދައްކުވައިދީފިއެވެ.

ޗެލްސީއިން މިމެޗްގައި މޮޅު ކުޅުމެއް ދައްކުވައިދިންއިރު އެޓީމުން ވަނީ މިފަދަ ކުޅުމެއް ކޮންމެ މެޗެއްގައިވެސް އެޓީމަށް ދެއްކިއްޖެނަމަ ލީގު ތަށްޓާއި އަދިވެސް ކައިރިކުރެވިދާނެކަމަށް ބުނެފައެވެ. އެގޮތުން މެންޗެސްޓާރ ސިޓީއިން ނަގާފައިވާ ލީޑާއި ކައިރިކުރެވިދާނެކަމަށް މިހާރު ބެލެވިފައިވަނީ އެންމެ ތިން ޓީމަށެވެ. އެއީ މެންޗެސްޓާރ ޔުނައިޓެޑްއާއި، ޗެލްސީ އަދި ލިވަޕޫލްއެވެ.

މި މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާރ، ޑެނީ ޑްރިންކްވޯޓާރ، ޕެޑްރޯ ރޮޑްރިގޭޒް، ޑޭވިޑް ޒަޕަކޮސްޓާ އަދި ޕެނަލްޓީއެއް ކާމިޔާބުކޮށްދިން ވިލިއަންއެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނެފައިވަނީ އަދިވެސް އެޓީމުގެ ފޯމޭޝަނަށް މާބޮޑުބަދަލުތަކެއް ނުގެނެސް ބޮޑެތި ކަމިޔާބީތަކެއް ހޯދިދާނެކަމަށެވެ. ބައެއްމެޗްތަކުގައި ޗެލްސީގެ ކުޅުމާއި ދޭތެރޭ އެޓީމުގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވީނަމަވެސް މި މެޗު ވެގެންގޮސްފައިވަނީ އަނެއްކާވެސް އެޓީމަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ދެވުނު ވަރުގަދަ ރައްދަކަށެވެ.

މާރުކޭޓްގެ ގޮޅިތަށް ހުސްކުރަން ދިންމުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓް ހުސް ކުރަން ހައުސިން މިނިސްޓްރީން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކުރިން މާރުކޭޓްގެ ގޮޅިތަށް ހުސްކުރަން ހައުސިން މިނިސްޓްރީ މިމަހުގެ 28ވަނަދުވަހަށް އަންގާފައިވީނަމަވެސް އެމުއްދަތު ންމިހާރުވަނީ     އަންނަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފައެވެ.

މިނިސްޓްރީން ބުނީ، މަރާކޭޓް ގޮޅިތައް ހުސްކުރަން ދީފައިވާ މުއްދަތުގައި ހުސް ނުކުރެވިއްޖެ ނަމަ އިތުރު މުއްދަތު ދޭނެ ކަމަށެވެ. އަދި ގޮޅިތައް ހުސްކުރަމުން ގެންދާ ވަރަކަށް، މާރުކޭޓު ގޮޅިތަކާއި ގާޑިޔާތަކުގެ އާ އުސޫލުގެ ދަށުން އެތަންތަން ލިބުނު ފަރާތްތަކަށް ހަވާލު ކުރާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.