ފާރިސްއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ފޮރެންސިކު ތަހްލީލު ހެދުމަށް ދައުލަތުން ދެކޮޅުހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހުށަހެޅިކަމުގެ ދައުވާ އާއި ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ހެކިތަކުގެ މިނިވަން ފޮރެންސިކް އެނަލިސިސް ހެދުމުގެ ހުއްދަ ފާރިސްއަށް ދިނުމަށް ދައުލަތުން ދެކޮޅު ހަދައިފި އެވެ.

ދައުލަތުން މިކަމަށް ދެކޮޅު ހެދީ މިމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.

މި މައްސަލާގައި މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދައުލަތުން ފާރިސްއާ ދެކޮޅަށް ހުށަހެޅި ފޮރެންސިކް ހެކިތައް ރާއްޖެއިން ބޭރު ފަރާތެއްގެ އެހީތެރިކަމާއެކު ތަހުލީލްކުރުމަށްފަހު ތަހުލީލް ރިޕޯޓް ކޯޓަށް ހުށަހެޅުމަށް ފާރިސްއަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އަދި އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ފާރިސް ބޭނުންވާ މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް އެނަލިސިސް ހެދުމަށް އިއުތިރާޒު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އީސީގެ ރައީސް ސުލައިމާން އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮިޝަންގެ ރައީސް އަހުމަދު ސުލައިމާން އެކޮމިޝަންގެ މެންބަރުކަމުން މިއަދު އިސްތިއުފާދެއްވައިފި އެވެ. އޭނާ ކުއްލި ގޮތަކަށް  މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.

އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުންވަނީ  އެކޮމިޝަނުގެ މެންބަރުކަމުން ސުލައިމާން އިސްތިއުދެއްވާފައިވާކަން “ހަފުތާ” އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސުލައިމާން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން މިއަދުގެ ވަގުތެއްގައި އިސްތިއުފާދެއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިގެއްލިފައިވާކަމަށް އެކޮމިޝަނުންވަނީ ނިންމާފައެވެ.އެހެންނަމަވެސް ގާނޫނުގައިބުނާ މުއްދަތު ފަހަނައަޅައިގޮސްފައިވާއިރުވެސް މަޖިލީހުގެ ބައި އިލެކްޝަން ބާވަފައިނުވާތީ އިދިކޮޅުފަރާތަތަކުން ގެނދަނީ ސުލައިމާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްވަމުންނެވެ.

” ހަފުތާ” އަށް މައުލޫމަތު ލިބިފައިވާގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިޔަށް އޮތް ހަފްތާތެރޭގައި ބޭފުޅަކުއައްޔަންކުރުމަށް ވަނި ނިންމާފައެވެ. ކޮމިޝަނަންގެ މެންބަރުކަމަށް ގެންނަން ސަރުކާރުން ހަމަޖައްސާފައިވަނީ މިހާރު ފެނަކަކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނެވި އަދި ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރަޓަރީޖެނަރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ އަޙްމަދު ޝަރީފެވެ.

ރައީސް ޔާމިން މަގާމުން އަޒުލުކުރަން ހުށަހެޅި މައްސަލައަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރިކަމެއް: އާޒިމާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރައީސްކަމުގެ މަގާމުން އަޒުލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރެއްވިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީ.އެސް.އެމްގެ “ދެން ކޮން ސުވާލެއް” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އާޒިމާ ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ގެމަގާމުން ރައީސްޔާމިން އަޒުލުކުރަންޖެހޭފަދަ ޙާލަތެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި އެއީ ދައުލަތާއި ރައްޔިތުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމުގެ އުކުޅެއްގެ ގޮތުގައި އާޒިމާ ވަނީ ސިފަކުރައްވާފައެވެ.

“އެކަކުރިބަޔަކު އެކަން އެކުރީ ދައުލަތާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން.ރާއީސުލްޖުމްހޫރީއްޔާގެ މަގާމުން ރައީސް ޔަމިން އަޒުލުކުރަންޖެހޭފަދަ ހާލަތެއް ރާއްޖޭގައި ނެތް. ގާނޫނުތަށް ރަގަޅަށް ބަލާފަ މިދަންނަވަނީ” ރައީސް އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ  އާޒިމާ ވިދާޅުވިއެވެ.

ރައީސް ޔާމިން ސަރުކާރުން ކުރައްވަމުން ގެންދަވާ ގާނޫނާއި ޚިލާފް ގިނަކަންތަށްތަށް ދިފާއުކުރައްވާ ފަރާތެއްގެެ ގޮތުގައި އިދިކޮޅުފަރާތްތަކުން ސިފަކުރައްވާ އާޒިމާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށައެޅިކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ޢާންމުވެފައިވާ ވާހަކަތަކަށް ބަލާލާއިރު ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި އެއްވެސް ނުކުތާއެއް އޭގެތެރޭގައި ނުހިމެނޭކަމަށެވެ.

ޔަހޫދީ ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނު ކުޑަކުއްޖަކު ޝަހީދުވެއްޖެ

އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އުމުރުން 16 އަހަރުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ އެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި ހަމަލާގައި ޝަހީދުވެފައިވނީ އުމުރުން 16 އަހަރުގެ ލާއިތު އަބޫ ނާއިމް ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާ ޝަހީދުވެފައިވަނީ ފަލަސްތީނުގެ އަލްމުގައްޔިރު ވިލެޖުގައި އެވެ. އެ ވިލެޖަކީ ހުޅަނގުބިތުގެ އައްސޭރިން ރާމަﷲގައި އޮންނަ ވިލެޖެކެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ނާއިމް އަކީ ދަރިވަރެކެވެ. ނާއިމްގެ ޖަނާޒާ މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އިޒްރޭލުން ބުނެފައިވަނީ މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް ހަމަލާދޭން އިޒްރޭލުން ފަސް ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަނަމާދުކުރަން ނިންމައިފި

މިރޭ ހިފާއި ހަނދުކޭތަ އާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އިސްލާމިކު މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖެ ގަޑިން 17:51 ހާއިރު އެހަނދުކޭތަ ރާއްޖެއަށް ފެންނަން ފަށާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. އެއްގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެންދާ އެކޭތަ ވީއްލާނީ 19:40 ހާއިރުކަމަށް ވެސް އިސްލާމިކު މިނިސްޓަރީން ބުނެއެވެ.

ކޭތަނަމަދަށް ފަހު ޚާއްސަ ޚުތުބާއެއް ކިޔަން ހަމަޖެހިފައިވާއިރު މާލޭގައި ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް މިސްކިތުގައި ކޭތަ ނަމާދުކުރަނެކަމަށް އެމިނިސްޓްރީ އިން ބުނެއެވެ.

150އަހަރަށް ފަހު ހިފާ ހަނދު ކޭތަ ސުޕަރ ބްލޫ ބުލަޑް މޫން ގަޑިޔެއްހާއިރަށް ވުރެ ގިނައިރު މިރޭ ރާއްޖެއަށް ފެންނާނެއެވެ.

ޓާޓާ ފްލެޓްތަށް އޮންލައިންކޮށް ވިއްކަން ފަށައިފި

ބޯހިޔާވަހިކަން ނުލިބިތިބި އެތަށްހާސް ރައްޔިތުންނަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ޓާޓާ ފްލެޓުތަށް އޮންލައިންކޮށް ވިއްކަން ފަށައިފިއެވެ.

އެޗްޑީސީ އިން ހެނދުނު ނެރުނު ބަޔާނުގައި ވިދާޅުވީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ސައްޙަކަން ކަށަވަރުކުމަށްފަހު، ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އަދި ޝަރުތު ފުރިހަމަނުވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް އެކަން އެންގޭނެ ކަމަށް އެޗްޑީސީ އިން ވިދާޅުވިއެވެ.

އަދި މި ޕޯޓަލުގެ ޒަރީޢާއިން ފްލެޓްތައް ބައްލަވައިގަތުމަށް ބޭނުންވާ މަޢުލޫމާތު ލިބެން ހުންނާނެއެވެ. ފްލެޓް ގަނެވޭނީ 21 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް އެކަނިކަމަށްވެސް ބަޔާނުގައި ވެއެވެ.

އެޗްޑީސީން ހުޅުވާލާފައި ވަނީ ޓާޓާ އިން އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ވިއްކުމަށް ހަމަޖެހިފައިވާ 159 ފްލެޓު ގަތުމަށެވެ. އެކަމާ ގުޅޭ ގޮތުން ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ ފްލެޓުތައް ލިބޭނީ 100،000ރ. ގެ ބޭންކް ގެރެންޓީއެއް އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. ޓާޓާ ފްލެޓުތައް ގަތުމަށް ހުޅުވާލަން ފުރަތަމަ އޮތީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ކުރިން އަރަބިއްޔާހުރިބިމާއި މާލޭގެ ގާކޮށި ހުރިބިމުގައި އިމާރާތްކުރި މިފްލެޓަށް ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ސަރުކާރުން އޭރު ބުނެފައިވަނީ މާލޭގައި ބޯހިޔާވަހިކަމެއް ލިބިފައިނުވާ ރައްޔިތުންނަށް ލުއި އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންޑިއާގެ އިންޑިއާގެ ޓާޓާކުންފުންޏާއިހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެއްކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް234މިލިޔަންރުފިޔާގެ ފައިދާއެއް

ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 234މިލިޔަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެއެވެ.

ދިރާގުގެ މާލީހިސާބުތަށް ދައްކާގޮތުގައި މިދިއަ އަހަރުގެ ފަހު ކްއާޓަރުގައި ފައިދާގެގޮތުގައި 234 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު 210.5 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެކެވެ.

ދިރާގަށް މިދިޔަ ކްއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 698 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގައި ޓެކުހުގެ ގޮތުގައި 43.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. މުޅި އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ޖެހެނީ 12.32ރ. އެވެ.

މޮޅަށް ކުޅެ ސައިފް ބަލިކޮށް ޕްލޭއޮފްގެ ޖާގަ ޓީސީ ހޯދައިފި

މޮޅަށް ކުޅެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުން ޖާގަ ހޯދައިފި އެވެ.

ސައިފް ސްޕޯޓްސް ކުލަބަށް ސަޕޯޓްކުރާ ގިނައަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ފުރަތަމަހާފްގައި ސައިފް އިން ރަނގަޅަށް ކުޅެމުންދަނިކޮށް ޓީސީން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު 22 ވަނަ މިނެޓުގައި ޓީސީ އަށް  ކާމިޔާބުކޮށްދިނީ ރަށުންބޭރުގައިވެސް ޓީސީއަށް ގޯލްކާމިޔާބު ކޮށްދިން އަނަޓޯލީ ވްލަޝިޗޭވް އެވެ. އޭނާ މި ލަނޑު ޖެހީ މުހައްމަދު ސާމިރު ނަގައިދިން ކޯނަރަކުން ބޮލުންނެވެ.

މި ލަނޑާއެކު ސައިފް އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ގިނަ ބޯޅަތަކެއް އެޓީމުން ވަނީ ޓީސީގެ ހާފަށް ފޮނުވާލާފަ އެވެ.

ސައިފް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 32 ވަނަ މިނެޓުގައި އެޓީމަށްކުޅޭ ކޮލަބިއާގެ ޑިފެންޑަރު ޑެއިނޭ އަންދްރެސް އެވެ.އޭނަ މިލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ކޯނަރަކުން ބޮލުންނެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެ ވަނަ ހާފް ފަށައިގެން ސައިފުންދިޔައީ  ޓީސީ ގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އަދި ލީޑުނަގާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ސައިފުން ހޯދިއެވެ.އެހެންނަމަވެސް ލިބުނު ގިނަފުރުސަތުތަކުގެ ބޭނުންވަނީ ސައިފަށް ކުރެވޭގޮތްނުވެފައެވެ.

ޓީސީ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި  އަހުމަދު އާރިފް (އާރި) އެވެ. އެއީ މެޗުގެ 83 ވަނަ މިނިޓްގައި ސައިފްގެ ޑިފެންޑަރުން އާރިއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. މިލނަޑު ކަމިޔާބު ކޮށްދިނީވެސް ފުރަތަމަ ލަނޑު އެޓީމަށް ކަމިޔާބު ކޮށްދިން އަނަޓޯލީ ވްލަޝިޗޭވް އެވެ.

އޭގެ ފަހުން މެޗުގެ 88 ވަނަ މިނިޓްގައި އަނަޓޯލީ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކުރި ހިލޭ ޖެހުން ހޯދީ ވެސް އާރީ އެވެ.

ކުޑަކުދިންގެ ފޮޓޯތަކެއް ބޭއަދަބީ ބަސްތަކަކާއެކު އާންމުކުރި މައްސަލާގައި ގެއެއް ފާސްކޮށްފި

ކުޑަކުދިންގެ ފޮޓޯތަކެއް ބޭއަދަބީ ބަސްތަކަކާއެކު އާންމުކުރި ފޭސްބުކް ޕޭޖެއް ހިންގި މައްސަލާގައި މ. ގެއެއް ފާސްކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ކުދިންތަކެއްގެ ފޮޓޯ އާއި ބޭއަދަބީ ބަސްތައް ލިޔެ ފޭސްބުކް ޕޭޖެއްގައި އާންމު ކުރަމުން ދިޔަ މައްސަލައިގެ ތަޙްޤީޤާއި ގުޅިގެން މާލޭ ގެއެއް މިރޭ ބަލައި ފާސްކޮށް މައްސަލަ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

ކުޑަކުދިންގެ ފޮޓޯ އާއެކު ބޭ އަދަބީ ބަސްތަކެއް ލިޔަމުންދާ ފޭސްބުކް ޕޭޖް ފުލުހުންވަނީ ފޭސްބުކްގައި އެދިގެން އެޕޭޖް ނަގައިފިއެވެ.އަދި ފުލުހުންވަނީ އެކަން މީޑިޔާތަކަށްވެސް ކަށަވަރުކޮށްދީފައެވެ.

ނޫސް މަޖައްލާ އާއި އެނޫންވެސް ތަކެތި ރަޖިސްޓްރީ ކުރުމުގެ އާ ގަވާއިދު އާންމުކޮށް އަމަލު ކުރަން ފަށައިފި

ނޫސް މަޖައްލާ އާއި އެނޫންވެސް ތަކެތި ރަޖިސްޓްރީ ކުރުމުގެ ހަމަތައް ބަޔާންކޮށްދިނުމަށް އެކުލަވާލާފައިވާ އާ ގަވާއިދު މިއަދު އާންމުކޮށް އެ ގަވާއިދަށް އަމަލު ކުރަން މިއަދުން ފެށިގެން ހަމަޖައްސައިފި.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ގެޒެޓް ކޮށްފައިވާ “ނޫސް މަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވައިދު” އެކުލަވާލާފައިވަނީ ގާނޫނު ނަމްބަރު 47/78 “ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު” ގެ ދަށުންނެވެ.

އާ ޤަވާއިދު އިޞްލާޙުކޮށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އެއަށް ޢަމަލުކުރަން ފަށާފައިވާ އިރު މިގަވާޢިދުގައި ނޫހާއި މަޖައްލާ އަދި އިލެކްޓްރޯނިކް މީޑިއާގެ ބައިތައް ވަކިވަކިން ފާހަގަކޮށްފައިވެއެވެ. އިޞްލާޙުކުރެވުނު ގަވާއިދުގައި ވާގޮތުން އެޑިޓަރުގެ ޝަރުޠުތަކަކަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ހޯމްމިނިސްޓަރީން މިއަދު އާންމުކޮށް ގެޒެޓްކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ ނޫހެއްގެ އެޑިޓަރުކަމުގައި ހުރެވޭނީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންހިންގާނޫހެއްގައި ފަސް އަހަރުދުވަހު މަސައްކަތް ކޮށްފައިވާ  ފަރާތަކަށް ވުމެވެ. މީގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ވަނީ އާ ގަވާއިދު ގައި އާންމުކޮށްފައެވެ.

ގަަވައިދު ބުނާގޮތުން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ނޫސް މަޖައްލާ އާއި އެފަދަ ތަކެތި ޝާއިއު ކުރަންވާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެންނެވެ. ނޫސް މަޖައްލާ ޝާއިއު ކުރުމަށް ކަނޑައަޅާ އިދާރާގައި އެ ނޫހެއްގެ ނަން ދިވެހި ބަހުން އާންމުކޮށް ފެންނަން ހުންނަންވާނެ ކަމަށް އެ ގަވައިދު ބުނެއެވެ.

ނޫސް މަޖައްލާއަށް ކިޔާ ނަން ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ ހުށަހަޅާ ނަމަކީ ރާއްޖޭގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ނޫނީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ނޫސް މަޖައްލާއަކަށް ކިޔާ ނަމެއް ކަމަށް ވެގެން ނުވާނެ ކަމަށާއި އަދި ރާއްޖެއިން ބޭރުގައި މިހާރު ނެރޭ ނޫނީ ނެރެފައިވާ ނޫސް މަޖައްލާއަކަށް ކިޔާ ނަމަކަށް ވެސް ވެގެން ނުވާނެ ކަމަށް އާ ގަވައިދު ބުނެއެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްދޭނީ ގަވައިދުގައި ބަޔާންކޮށްފައިވާ ހަތް ކެޓަގަރީގެ ތެރެއިން ކެޓަގަރީއަކަށް ފެތޭނަމައެވެ. އެއީ ދުވަހު ނޫސް، ހަފްތާ ނޫސް، މަޖައްލާ، ޖާނަލް، ކޮމިކް، ބްލޮގް އަދި އޮންލައިން ނޫސް މަޖައްލާ އަދި މިނޫންވެސް މިފަދަ ތަކެއްޗެވެ.

އަދި ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ ހުށަހަޅާ ނަމަކީ ރާއްޖޭގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ނޫނީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ނޫސް މަޖައްލާއަކަށް ކިޔާ ނަމެއް ކަމަށް ވެގެން ނުވާނެ ކަމަށާއި އަދި ރާއްޖެއިން ބޭރުގައި މިހާރު ނެރޭ ނޫނީ ނެރެފައިވާ ނޫސް މަޖައްލާއަކަށް ކިޔާ ނަމަކަށް ވެސް ވެގެން ނުވާނެ ކަމަށް އާ ގަވައިދު ބުނެއެވެ.

އަދި ރާއްޖެއާއެކު ގުޅުން ބާއްވާ ބޭރުގެ ގައުމަކާ ރާއްޖެ އާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެ އެއްވެސް ވާހަކައެއް ޝާއިއު ކޮށްގެން ނުވާނެ ކަމަށްވެސް އެ ގަވާއިދު ބުނެެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނޫނީ ގޯއްޗަކަށް ކިޔާނަމެއް ނޫސް މަޖައްލާއެއް ނޫނީ އެފަދަ އެހެން އެއްޗެއްގެ ނަމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ ހަމައެކަނި އެ ކުންފުންޏެއް ނޫނީ ގެއެއްގެ ވެރިފަރާތަށް ކަމަށްވެސް ގަވައިދު ބުނެއެވެ.

ނޫސްމަޖައްލާ ރަޖިސްޓްރީކޮށް މިއަދާއި ހަމަޔަށް އަމަލުކުރަމުންގެންދިޔައީ 1978 ވަނަ އަހަރު އެކުލަވާލާފައިވާ ގަވައިދެއްގެ ދަށުންނެވެ. އެހެންނަމަވެސް މިއަދުން ފެށިގެން އެގަވާއިދު އުވިފައިވާ ކަމަށް މިއަދު އާންމުކުރި އާގަވާއިދުގައި ބުނެފައިވެއެވެ.