މެންބަރުންގެ ގޮނޑީގެ މައްސަލާގައި އަވަހަށް ގޮތެއްނިންމައިދިނުމަށް ގުޅިފައިވާ ޕާޓީތަކުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާކަމަށް ސަރުކާރުން ނިންމާފައިވާ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައަށް އަވަހަށް ގޮތެއް ނިންމައި ދެއްވުމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ކިބައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް ހަސަން ލަތީފް ވިދާޅުވީ ރައްޔިތޔުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައެޅޭނެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނެތް ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަ މެމްބަރުން ހުށަހަޅާފައިވާ މައްސަލަ، އަވަހަށް ބައްލަވާ ނިންމަވައިދެއްވުމަށެވެ.

ހަސަން ވިދާޅުވީ، 12 މެމްބަރުންގެ ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން ބަންޑާރަ ނައިބު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވި ކަމަށާއި، އެހެން ނަމަވެސް އެއިން އެއްވެސް ފަހަރަކު ބަންޑާރަނައިބު އެދުނުގޮތަށް ސުޕްރީމް ކޯޓުން ނިންމާފައި ނުވާ ކަމަށެެވެ.

ހަސަންލަތީފް ވިދާޅުވީ ފެބްރުއަރީމަހުގެ އެއްވަނަދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނެރުނު އަމުރުގައިވެސް މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ކަނޑައެޅިގެން ބަޔާންކޮށް ފައި ވާއިރު، އަދި ފަނޑިޔާރުން ހައްޔަރު ކުރުމަށް ފަހު 16 ފެބުރުއަރީގައި ތިންފަނޑިޔާރުން ނެރުނު އަމުރުގައިވެސް ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ނުވުމުންވެސް އެކަން ސާފު ވާކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ގޮނޑީގެ މައްސަލައިގައި 12 މެމްބަރުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އެކޯޓުގައި ހިނގަމުން ދަނިކޮށް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނަށް ބައި އިލެކްޝަން ނުބޭއް ވޭނެ ކަމަށެެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި-އިލެކްޝަންތައް ބޭއްވުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެންޓިޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން ލަފާ ދެއްވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

 

“ސްމާޓް” މީހަކަށް ވާން ބޭނުން ނަމަ މިކަންތައްތަށް ކޮށްލާ

ކޮންމެ މީހަކަީ ވެސް އެހެން މީހުންގެ ނަޒަރުގައި ސްމާރޓް މީހަކަށް ވާން ބޭނުން ވާނެ މީހެކެވެ. އެގޮތުންބައެއްފަހަރު ސްމާޓްވުމަށް ކުރެވޭ މަސައްކަތްތަކުން ލަނޑުވެސް ލިބިފައި ހުރެއެވެ.

ސަބަބަކަށް ވެގެން ދަނީ ކުރެވޭ ކަމަކީ އެންމެ އެދެވިގެން ވާ ކަމަކަށް ނުވުމެވެ. ތިމާ އަކީ ސްމާޓް މީހަކަށް ވާން ބޭނުންވަނީ ކަމަުގައި ވަނީ ނަމަ މި ފަސް ކަންތަށް ކޮށްލުން ބުއްދިވެރިއެވެ.

1- ވާހަކަ މަދުކޮށް އެހެން މީހުންގެ ވާހަކަ އަޑު އެހުން.

މިހާރަކަށް އައިސް ކޮފީ ތަކަށް އަރާވެސް ވަރަށް ގިނަ ވާހަކަ ތަށް ދެކެވެ އެވެ. ދިރިއުޅުމުގެ ވާހަކަތާކައި އެހެނިހެން ދުނިޔަވީ ވާހަކަތަކެވެ.

އެހެން ގޮތަކަށް ބުނާނަމަ  ކޮފީ މޭޒުގައި ދެކެވޭ ވާހަކަ ތަކުގެ 90 ޕަސެންޓަކީ ބޭކާރު ވާހަކަ ތަކެވެ.

 އެހެން ކަމުން އަމިއްލަ މީހާ އަނެކާ ކުރިމަތީގައި ސްމާޓް މީހެއް ކަމުގައި ދެކެން ބޭނުން ނަމަ ވާހަކަ މަދު ކޮށް އަނެކާ ދައްކާ ވާހަކަ ތަކަށް ސަމާލު ކަންދީ އަޑު އެހުމުން ފުދޭވަރެއްގެ ރަނގަޅު ނަތީއްޖާއެއް ނެރެވޭނެވެ.

2- ހަތަރު ކަޅި ހަމަކުރުން

ޒާމާނަށް އަންނަ ބަދަލު ތަކާއި އެކު ގިނަ ބައެއްގެ ކަޅި ހުއްޓިފައި އޮންނަނީ ގެންގުޅޭ ސްމާރޓް ފޯނަށެވެ. ޖެހިގެން އިންނަ މީހާ ވާހަކަ ދައްކާއިރު ފޯނާއި ކުޅެމުން ޖަވާބު ދީ، ބޯ ޖަހާލުމަކީ އުސޫލެއްގެ    ގޮތުން ބަލާނަމަވެސް އަދަބާއި ޚިލާފު ކަމެކެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކާއިރު ހަތަރު ކަޅި ހަމަ ކޮށްގެން ވާހަކަ ދެއްކުމުން ވާހަކައިގެ ޝައުގުވެރިކަން އިތުރުވެ،

ދެމީހުން ގެ ދޭތެރޭގައި އިތުބާރު ހިފޭނެެވެ. ހަތަރު ކަޅި ހަމަ ކޮށްގެން ވާހަކަ ދެއްކުމުންވެސް އެމީހަކަީ “ސްމާޓް” މީހެއްގެ ގޮތުގައި ސިފަވެގެން ދާނެވެ.

3- މިސާލު ނަގައިގެން ވާހަކަ ދެއްކުން

ސްކޫލް ދައުރުގައި ކިޔެވި އެއްޗިސް މިހާރު ހަނދާން ހުންނާނީ މަދު ބައެކެވެ. ދުނިޔޭގައި ހިނގާފައި ހުންނަ ކަންތަށް ބަލާއި ދިރާސާ ކޮށް މައުލޫމާތު ހޯދުމަކީ ދުނިޔޭ ނަން މަޝްހޫރު “ސްމާޓް” ކަމައް ބުނާ ބޭބޭފުޅުން ކޮށް އުޅޭ ކަމެކެވެ.

އެމީހުންގެ ވާހަކައިގައި ތާރީޚް ތެރެއިން މިސާލު ނެގުމާއި، ދިރާސާތަކުން މިސާލު ނެގުމަކީ އާންމު ކޮށް ކުރާ ކަމެކެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން     އެ ވާހަކަ އަޑުއަހަން އިންނަ މީހަކަށް އެ ވާހަކަ ތަށް ގަބޫލު ކުރަން ފަސޭހަވެގެން ދެއެވެ.

މައުލޫމާތު މުއްސަނދި މީހެއް ދެކެ ގަޔާ ނުވާނެ މީހުން މަދެއްވެސް ނުވާނެވެ. އެހެން ކަމަުން ލިބޭ ހުސްވަގުތުގައި       މައުލޫމާތު މުއްސަނދި ކުރުން އެއީ ސްމާޓް މީހަކަށް ވުމަށް ކުރަން އެއްވަނައިގެ ކަމެކެވެ.

4- ރަތް ކުލައިގެ ހެދުން ބޭނުން ކުރުން

މި ކަމަކީ މަޖާ ކަމަށް ވެދާނެވެ. އެހެން ނަމަވެސް ވަރަށް ވެސް ވަރަށް މުހިއްމު ކަމެކެވެ.   ރަތް ކުލައިގެ ހެދުމުގައި ނުވަތަ ގަމީހުގައި ނޫނީ ރަތް ކުލަ ހިމެނުން އެއީ މަޖްބޫރު ކަމެއް ކަހަލައެވެ.

 ސްމާޓް މީހަކަށް   ވުމަށް އެމީހާގެ ލޫކްސް އެއީ ވަރަށް މުހިއްމު އެއްޗެކެވެ. ރަތް ކުލައަކީ އިންސާނާގެ ލޯ ވަރަށް އަވަހަށް އަޅައިގަންނަ ކުލަޔަކަށް ވެފަ އެމީހާ ގެ ޝަޚްސިއްޔަތު ވަރުގަދަ ކަން އަންގައިދޭ ކުލައެކެވެ. އެކަމުގެ     ހެއްކެއްގެ ގޮތުގައި ބަލާލަން އެންމެ ރަނގަޅު އެއްޗަކީ ގައުމު ތަކުގެ ދިދަ އެވެ.

ދުނިޔޭގެ ގިނަ ގައުމު ތަކުގެ ދިދައިގައި ރަތް ކުލަ  ހިމެނިފައި ހުންނާނެވެ. އެހެން ކަމުން ރަތް ކުލައިގެ ނުވަތަ ރަތް ކުލަ ހިމެނޭ ހެދުމެއް ލުމަކީ މީހާގެ ބޭރުފުށުން ސްމާޓް ވާން ކުރެވޭނެ ކަމެކެވެ.

5- ގައިގައި މީރުވަސް ދުވުން

ކޮންމެ މީހަކަސް، އެމީހެއްގެ ގައިން މީރުވަސް ދުވާނަމަ އެމީހެއްގެ ކައިރީގައި ހުންނަން އުނދަގުލެއް ނުވާނެވެ.

  ސްމާޓް މީހުންނަކީ ގައިން މީރުވަސް ދުވާ ބައެއް ކަމުގައި ދުނިޔޭގެ އެކި ހިސާބު ތަކުގައި    ކޮށްފައިހުރި ދިރާސާތަކުން ވެސް އެނގިގެން ދެއެވެ.  މިހެން ވުމުން، ތިމާ ގައިން މީރުވަސް ދުވުން އެއީ ވަރަށް ވެސް މުހިއްމު ކަމެކެވެ.

އެސްޓިއޯ ގެ ފުރަތަމަ ކުއާޓާގެ އާމްދަނީ ގޮތުގައި 2.25 ބިލިއަން ރުފިޔާ

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ބޮޑު އާމްދަނީ އެއް ލިބި އެ ކުންފުނީގެ ސާފު ފައިދާ ވެސް މައްޗަށް ޖެހިލައިފި އެވެ. ރައްޔިތުން ވެސް ހިއްސާވާ ކުންފުނިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކްއާޓަރު (ފުރަތަމަ ތިން މަހު) ގެ ހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ލިބުނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

އެސްޓީއޯގެ އާމްދަނީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 47 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވަނީ 44 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 88 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖެއަށް ބޭހާއި ތެޔޮ އަދި ކާޑު އެތެރެކުރާ އެސްޓީއޯއަށް މިއަހަރު އާމްދަނީގެ ގޮތުގައި ބޮޑު އަދަދެއް ލިބުނުއިރު، އެ ކުންފުނިން ދަނީ ކުންފުނީގެ ވިޔަފާރި ފުޅާ ކުރަން ގިނަ އިންވެސްޓްމަންޓްތައް ވެސް ކުރަމުންނެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ ހަ ޕަސެންޓަށް ވުރެ އިތުރުވެއްޖެ

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ ހަ ޕަސެންޓަށްވުރެ އިތުރުވެފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 840 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 6.9 ޕަސެންޓް އިތުރު އަދަދެކެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 2.5 ބިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް ޓެކުހަށް ކެނޑުގެ ކުރީގެ އާމްދަނީގެ ގޮތުގައި ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވެ އެވެ.

އަހަރީ ރިޕޯޓުގައި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑް މިންވަރަށް އިތުރުވިއިރު، ކަސްޓަމަރުންގެ އަދަދުވެސް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

ދިރާގުން އަހަރީ ރިޕޯޓް ނެރުނުއިރު، އެ ކުންފުނިން ދަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އަހަރީ އާއްމު ޖަލްސާ ބާއްވަން ތައްޔާރުވަމުންނެވެ. އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 11.81ރ. ބަހަން ބޯޑުން ނިންމައި، އޭޖީއެމްއަށް ހުށަހަޅަން ނިންމާފަ އެވެ.

ނަސަންދުރަ މައްސަލައިގެ އިތުރު ކަންތައްތަކެއް އެބަ ބަލަން: އޭސީސީ

ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ބިން އެއްވެސް އަގެއް ނެގުމެއް ނެތި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައިވާ މައްސަލައިގައި ބަލަން ޖެހޭ ގިނަ ކަންކަން ފާހަގަ ވެފައިވާތީ އެ މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން މިއަދު ބުނެފި އެވެ.

އެއްވެސް އަގެއް ނެގުމެއް ނެތި ނަސަންދުރަ ހުރި ބިން 50 އަހަރަށް ކުއްޔަށް ދިން މައްސަލައިގައި ހިޔާނާތް ހިމެނޭތީ ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް 74 މިލިއަން ރުފިޔާ ދެއްކުމަށް ފިނޭންސުން އެންގީ އޭސީސީ އިން އެ މައްސަލަ ތަހުގީގުކޮށް އެ ރިޕޯޓް މިނިސްޓްރީއާ ހިއްސާ ކުރުމުން ކަމަށް ފިނޭންސުން މީގެ ކުރިން ވަނީ އަދީބަށް އަންގައިފަ އެވެ.

އެހެން ނަމަވެސް، އެ އެންގުން ފިނޭންސުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ. އެކަން އަންގައި އަދީބަށް ފޮނުވި ސިޓީގައި ބުނީ އެ އެންގުން ބާތިލް ކުރީ، އެ މައްސަލަ އޭސީސީ އިން އަލުން ރިވިއު ކުރަމުން ދާތީ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ނަސަންދުރާ ޕެލަސް ހޮޓަލް ހުރި ބިމުގެ މައްސަލަ އަކީ އެ ކޮމިޝަނުން ތަހުގީގުކުރާ އެހެން މައްސަލައެއްގެ ތެރެއިން ބެލި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަައިގެ ތަހުގީގު ނިންމައި ފިނޭންސަށް ރެކޮމެންޑޭޝަންތަކެއް ދިން ފަހުން އެ މައްސަލައިގައި ތަހުގީގު ކުރަން ޖެހޭ އެހެން ކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެހެން ކަމުން އެ ތަހުގީގު އަލުން ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މުއައްވިޒު ވިދާޅުވީ، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ނޫނީ އެ މައްސަލަައިގެ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ސިމްކާޑް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކ. މާފުށި ޖަލަށް މަސްތުވާތަކެއްކާއި ސިމްކާޑް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މާފުށިން ކަމަށެވެ.

މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓާއި ބޮޑު ތިން ރަބަރު ޕެކެޓާއި 90 ގުޅަ މަނާ ބޭހުގެ އިތުރުން 17 ސިމްކާޑު އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެެވެ.

މި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މިމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ސީޒަނުގައި ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި، މިސީޒަނުގައި ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ބަލިކޮށްފިއެވެ.

އާސެނަލްގެ ޒުވާން ޓީމެއް ފެނިގެންދިޔަ ރޭގެ މެޗުގެ ފުރަތަމަ  ހާފުފެށިގެން މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ  މެޗްގެ ލީޑްނަގާފައެވެ.  މެންޗެސްޓަރ އަށް ލިޑްނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗްގެ 16 ވަނަ މިނެޓުގައި ޕޮގްބާއެވެ.

މީގެއިތުރުންވެސް އިތުރު ހަމަލާތައް އުފެއްދުމަށް މެންޗެސްޓަރ ޔުނައިޓެޑުން  މަސައްކަތް ކުރި ނަމަވެސް އާސެނަލް ޑިފެންސް ލައިނުގައި ތިބި ޒުވާން ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ މޮރީނިއޯގެ ގޭމް ކޮންޓްރޯލްކޮށްފައެވެ.

ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ދެވަނަ ހާފްގައި  އާސެނަލްއިން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކުރުމެވެ. މިލަނޑު އާސެނަލްއަށް ޖަހާދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑުން މިސީޒަނުގައި އެޓީމަށް ބަދަލުވި ހެންރިކް މިޚިތަރިޔާން އެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު، ފެލައިނީ ބޮލުން ކާމިޔާބުކުރި ގޯލަކާ އެކުގައެވެ.

މިއީ މިސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލް ބަލިކުރި ދެވަނަ ފަހަރެވެ.ސީޒަނުގެ ކުރީކޮޅު ކުޅުނު އާސެނަލްގެ އަމިއްލަ ދަނޑުގައި މިދެޓީމު ބައްދަލުކުރި މެޗުމެންޗެސްޓަރ ޔުނައިޓެޑުން ކަމިޔާބު ކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ނިމިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެެވެ.

18މަސްދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް  ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއު ނިންމާފައިވާއިރު  މިހާރު ކުރަމުންދަނީ މަގުތަކުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީއިން ބުނެއެވެ.

 ދެވަނަ ފިޔަވަހީގައި ތާރު އަޅައިގެން ރަގަޅު ފެންވަރަށް ހެދި އެމަގުތަކުގެ ދިގުމިނުގައި 14.2 ކިލޯ މީޓަރު ހުރިއިރު، އެމަަސައްކަތް ނުނިމި ލަސްވީ އެޕްރޮޖެކްޓަށް ބޭނުންވާ ލޯނު ހަމަޖައްސަން ވަގުތު ހޭދަވުމުންކަމަށް އެޗްޑީސީ އިން ބުނެއެވެ.

40.3 މިލިޔަން ޑޮލަރުގެ މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓު ކުންފުންޏާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކާއެވެ.

ޝަލަބީ ކުރި “ސަޅި” ކަމަކުން އާންމުންގެ ފާޑު ކިޔުން އަމާޒު ވެއްޖެ

މަޝްހޫރު މީހުން ކުރާ ކަންތައް ތަކަކީ ހުރިހާ މުޖްތަމަޢު ތަކެއްގައި ވެސް ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލާ ކަންކަމެވެ. އެމީހުންގެ އަމަލުތައް ރަގަޅަށް ބަހައްޓަން ޖެހެނީ އެހެންވެގެންނެވެ. ޤާނޫނާއި ޤަވާއިދުތަކަށް އެމީހުން ބޯލަނބަން ޚާއްސަ އިސްކަމެއް ދޭންޖެހޭ ސަބަބަކީ ވެސް އެއެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލްކަން ހޯދި އިބްރާހިމް ޝަލަބީ އަަކީ އެޝޯވ އަށް ފަހު ވެސް އާންމުންގެ މަގުބޫލްކަން ހިފެހެއްޓުނު މަދު ފަންނާނުންގެ ތެރެއިން މީހެކެވެ. ޝަލަބީ އަށް ދިވެހިންގެ ހިތުގައި ދެވިފައި އޮތީ ސެލެބްރިޓީއެއްގެ ދަރަޖައެވެ.

ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ސެލެބްރިޓީން ނުވަތަ މަޝްހޫރު މީހުން އުޅޭހެން ރާއްޖޭގެ އެފަދަ މީހުން ނޫޅުމަކީ އަބަދުވެސް ގިނަ ބައެއްގެ ޝަކުވާ އެކެވެ. އެހެން މީހުންނަށް މިސާލަކަށް ވާން ޖެހޭ ޝަލަބީ މެން ފަދަ މީހުން އެހެން މީހުންނަށް މިސާލަކަށް ނުވާ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ.

މިފަހަރު ވެސް ޝަލަބީ ވަރަށް ސަޅި ކަމެއް ކަމަށް ހީކޮށް ކޮށްފައި މިއޮތީ މަނާ ކޮށްފައިވާ ކަމެކެވެ. އައްޑޫ ސިޓީ ހިމާޔަތްކޮށްފައިވާ އީދިގަލި ކުޅީގެ ޕްލެޓްފޯމެއްގެ މައްޗަށް ކޮޅަށް އަރާ ހުރެ ޝަލަބީ ނެގި ފޮޓޯއެއްގެ މައްސަލަ ހޫނުވެ އޭނާ އަށް މިވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޝަލަބީ ޕްލެޓްފޯމުގެ ފާރުގެ މައްޗަށް ކޮޅަށް އަރައި ފޮޓޯ ނެގި މައްސަލައިގައި މޯލްޑިވްސް އެންޖީއޯ ފެޑެރޭޝަންގެ ރައީސް އަހްމަދް ނިޒާމް ވަނީ ޝަލަބީ އަށް ފާޑުކިޔާފައެވެ. ނިޒާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “މީހާ އަދި ކިތަންމެ މަޝްހޫރު ވިޔަސް އެހެން މީހުންނަށާއި ތަންތަނަށް އިހްތިރާމް ކުރަން ޖެހޭނެ” ކަމަސެވެ.

އީދިގަލި ކިޅީގެ ޕްލެޓްފޯމްގެ މައްޗަށް މީގެ ކުރިން ވެސް ސައިކަލުތައް އެރުވުމާއި، އެތަނަށް ގެއްލުން ދިނުން ފަދަ ކަންތައް ހިނގި މީހުންނަށް ނަސޭހަތް ދީފައިވެއެވެ.

ނަމަވެސް ސުވާލަކީ ޝަލަބީ ފަދަ މަޝްހޫރު މީހަކަށް ނަސޭހަތް ދޭން ކަމާބެހޭ އިދާރާތަކަށް ކެރި ދާނެހެއްޔެވެ؟ ނުވަތަ އެފަދަ ނަސޭހަތެއް ނުދެނީސް ހިމާޔަތް ކޮށްފައިވާ ތަންތަނަށް ގެއްލުމެއް ނުލިބޭނެ ގޮތައް ކަންތައްތައް ކުރަން ޝަލަބީ އަށް ނޭނގޭނެ ހެއްޔެވެ؟

ފުލުހުން މީޑިއާތަކަށް އަހުލުވެރި ކުރަން ފަަށައިފި

މީޑިއާގެ އެކި ވަސީލަތްތަކަށް ފުލުހުން އަހުލުވެރި ކުރުވުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ޓްރެފިކް މެނޭޖްމަންޓް އަދި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 12 މުވައްޒަފުން ބައިވެރި ވެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތްތަކަށް އަހުލުވެރި، ކަމާގުޅުން ހުރި ތަމްރީނުތައް ލިބިފައިވާ އަދި މިޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ޕޮލިސް މީޑިއާ ސެންޓަރުގެ އެދުމުގެ މަތިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މީޑިއާ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ސެޝަންތައް ނަގައި ދިނުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި ނޫސްވެރިކަމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އާއި ގުޅޭ އަސާސީ މަޢުލޫމާތުތައް ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

އަދި މީޑިއާތަކަށް މަޢުލޫމާތު ދޭ އިރު ވިސްނަން ޖެހޭނެ ކަންތައްތަކާއި މުއާސަލާތު ކުރުމަށް ބޭނުން ކުރާނެ ތަފާތު ކޮމިއުނިކޭޝަން ސްކިލްސްތައް ބައިވެރިންނަށް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.