ބޯޓެއްގައި ރޯކޮށްލުމަށް ފަހު ފަޅުވެރިން ފިލަން މަސައްކަތްކޮށްފި

ހއ.އަތޮޅު އިންނަފިނޮޅު ފަރަށް ރޭ އެރި ބޭރު ގައުމެއްގެ ބޯޓެއްގައި އަލިފާން ރޯކޮށްލުމަށް ފަހު އެބޯޓުގައި ތިބި ފަޅުވެރިން ފިލަން މަސައްކަތް ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފަަރަށް އަރާފައި ވަނީ ލަންކާ ބޯޓެކެވެ.

ބޯޓު ފަރަށް އަރާފައި އޮތްތަން މަސްދޯންޏަކަށް ފެނުމުން އެކަން ސިފައިންނަށް ރިޕޯޓް ކުރީ މަސްވެރިންނެވެ. ނަމަވެސް ސިފައިން އެސަރަހައްދަށް އަންނަ މަންޒަރު ފެނުމުން ބޯޓުގައި ތިބި ފަޅުވެރިން ވަނީ ބޯޓުގައި އަލިފާން ރޯކޮށްލާފައި ބޯޓުން ފައިބައިގެން ފިލަން މަސައްކަތް ކޮށްފައި ކަމަށް ވެއެވެ.

ބޯޓުން އަށް ފަޅުވެރިން ދަތުރުކުރިއެވެ. މިހާރު ހުރިހާ ފަޅުވެރިން ވެސް ތިބީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބެލްޖިއަމްގެ އަންހެން ދެ ފުލުހަކާއި ދަރިވަރަކު މަރާލި ކަމުގެ ޒިންމާ އައިއެސްއިން އުފުލައިފި

ބެލްޖިއަމްގެ ލީޖް ސިޓީގައި މި ހަފްތާގެ ތެރޭގައި އަންހެން ދެ ފުލުހަކާއި ދަރިވަރަކު މަރާލާފައިވާއިރު އެކަމުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ.

މި ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުން ބެލްޖިއަމްގައި އޮޕަރޭޓްކުރާ އަމާޤް ޕްރޮޕެގަންޑާ އެޖެންސީންނެވެ.

މިކަން ހާމަކޮށް އެ ގްރޫޕްގެ ޓެލެގްރާމް އެކައުންޓްގައި ބުނެފައިވަނީ އެ ހަމަލާތަކަކީ އައިއެސްގެ ފައުޖުން ދިން ހަމަލާތަކެއް ކަމަށެވެ.

އައިއެސްއިން ބުނެފައިވަނީ އަންހެން ދެ ފުލުހަކާއި ދަރިވަރަކު މަރާލީ އައިއެސްއާއި ދެކޮޅަށް އެމެރިކާއިން އެކުލަވާލާފައިވާ ކޯލީޝަންގައި ބެލްޖިއަމްއިން ބައިވެރިވެ ސޫރިޔާގައި އައިއެސްއާއި ދެކޮޅަށް ހަނގުރާމަ ކުރާތީ ކަމަށެވެ. އަދި އެ ހަނގުރަމައިގާ ބެލްޖިއަމް އިން ބައިވެރިވާނަމަ މިފަދަ އެތައް ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުވެސް އައިއެސްއިން ދީފައި ވެ އެވެ.

މި ހަމަލާތައް ދީފައިވަނީ ބެންޖަމިން ހާމަން ނަމަކަށް ކިޔާ މީހެއް ކަމަށް އައިއެސްއިން ބުނެފައި ވެ އެވެ. އޭނާ އަންހެން ދެ ފުލުހަކާއި ދަރިވަރަކު މަރާލާފައިވަނީ ވަޅިން ހަމަލާ ދީގެންނެވެ. މި ޖަރީމާ ހިންގާފައިވަނީ މި ހަފްތާގެ އަންގާރު ދުވަހުގައި އެވެ.

ފިޔާ: ރޮލާ ވިޔަސް ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫން

ދިވެހިންގެ ގޭބިސީތަކުގެ ބަދިގޭގައި ފިޔާ ހުސްނުކޮށް ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދިވެހިންގެ ކެއްކުމުގެ ވައްޓަފާޅި ބޮޑަށް ބިނާވެފައި އޮންނަނީ އިންޑިއަން ސްޓައިލްގެ ކެއްކުންތަކާ ކަމުން ކާނާ ތައްޔާރު ކުރުމުގައި ރަހަ ހެޔޮވަރު ކުރުމަށް ދިވެހިން ފިޔާ ބޭނުން ކުރެ އެވެ.

މި ލިޔުމުގައި މި ބަލައިލަނީ ފިޔާއިން ލިބިދޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.

ކެންސަރާ ހަނގުރާމަ ކުރުމުގެ ބާރު ފިޔާގައި ވޭ

ކެނެޑާގެ ޔުނިވާސިޓީ އޮފް ގެލްފުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި ރަތް ފިޔާގައި، އުރަމަތީ ކެންސަރާއި އަރުތެރޭގެ ކެންސަރާ ހަނގުރާމަ ކުރުމުގެ ބާރު ލިބިގެންވާ މާއްދާތައް އެކުލެވިގެން ވެ އެވެ. އެގޮތުން ފިޔާގައި ގިނަ އަދަކަށް ކުއާސެޓިން އަދި އެންތޯސިޔަނިން އެކުލެވޭއިރު މި ދެ މާއްދާއަކީ ކެންސަރު ސެލް ހަށިގަނޑުން ނައްތާލުމުގައި އެހީވެދޭ ދެ މާއްދާ އެވެ.

ހިތުގެ ބަލިތަކަށް ރަތް ފިޔާ އަކީ ފަރުވާ އެއް

ފިޔާ އަކީ އޭގައި ގިނަ އަދަދަކަށް އޯގަނޯސަލްފާ ހިމެނޭ އެއްޗެކެވެ. އާޖެންޓީނާގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި ހަށިގަނޑަށް އޯގަނޯސަލްފާ ލިބޭނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގައި އެހީވެދެ އެވެ.

ފިޔާ، ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްކޮށްދޭ

ހަކުރު ބަލި ޖެހިފައިވާ މީދާތަކެއް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާފައިވާގޮތުގައި ފިޔާ ކެއުމުން ހަކުރު ބަލިން މީހާ ދުރުކޮށްދެ އެވެ.

ފިޔާގެ ސަބަބުން ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދޭ

ފިޔާގައި އިނޫލިން ނަމަކަށް ކިޔާ ފައިބަރ މާއްދާއެއް އެކުލެވެ އެވެ. އެ މާއްދާގެ ސަބަބުން ގޮހޮރުގައި އުފެދޭ ޖަރާސީމު ނައްތާލަ އެވެ. ނަތީޖާއެއްގެ ގޮތުން ހަޖަމުގެ ނިޒާމުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

ކަށީގެ ސިއްހަތަށްވެސް ފިޔާގެ ފައިދާ ބޮޑު

ސްވިޒަލެންޑްގައި ކުރިއަށްގެންގޮސްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި ފިޔާގައި ޖީޕީސީއެސް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވެ އެވެ. އެ މާއްދާއަކީ ކަށީގެ ބާރު ގަދަކޮށްދީ، ކަށީގެ ސިއްހަތު ދަމަހައްޓައިދޭ މާއްދާ އެކެވެ.

މި ފައިދާތަކުގެ އިތުރުންވެސް ފިޔާ އަކީ ސިއްހީ އެތައް ފައިދާއެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން ކުރުކޮށް ބަލައިލާނަމަ އެލާޖީ ތަކުން ދުރުކޮށްދިނުމާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމާއި ކަންފަތުގެ ސިއްހަތު ރަނގަޅު ކޮށްދިނުމާއި ނިދީގެ ކޮލިޓީ ރަނގަޅު ކޮށްދިނުމާއި ޖިންސީ ސިއްހަތު ރަނގަޅު ކޮށްދިނުން ހިމެނެ އެވެ.

އދގެ އެޖެންސީއަކުން ރެފިއުޖީންނަށް މުއްދަތު ހަމަވެފައިވާ މެޓައެއް ބެހި ކަމުގެ ތުހުމަތު

ސޫރިޔާގެ ރެފިއުޖީ ކޭމްޕެއްގައި އދ ގެ އެޖެންސީއަކުން މުއްދަތު ހަމަވެފައިވާ މެޓައެއް/ބަންދުކޮށްފައިވާ ފޮނި ކާއެއްޗެއް ބެހި ކަމުގެ ތުހުމަތު ކޮށްފި އެވެ.

މި ތުހުމަތު ކޮށްފައިވަނީ ސޫރިޔާގެ ފްރީލާންސް ޖާނަލިސްޓް އަދި އެކްޓިވިސްޓެއް ކަމުގައިވާ އަސާދު ހަންނާ އެވެ.

އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސޫރިޔާގެ ރަކްބާން ރެފިއުޖީ ކޭމްޕްގައިތިބި ކުޑަކުދިންނަށް އދގެ އެޖެންސީއަކުން ބެހި މެޓާތަކަކީ މުއްދަތު ހަމަވެފައިވާ މެޓާތަކެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ބައެއް ކުދިން ވިހަ ވި ކަމަށެވެ.

މި ތުހުމަތު އދގެ އެޖެންސީއަކާއި ދެކޮޅަށް ހަންނާ އުފުލި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ތުހުމަތަކީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމެއް ކަން ދެނެގަނެވޭނެ ގޮތެއް ނެތެވެ.

މިކަމާއިމެދު އދ އިންވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އުރުދުންގެ ބޯޑަރު އައްސޭރީގައި ހުންނަ ރަކްބން ރެފިއުޖީ ކޭމްޕްގައި 75 ހާސް ރެފިއުޖީން ދިރިއުޅެ އެވެ.

 

ރޭސް 3 ގެ ތީމް ލަވަ ލޯންޗު ކުރަން ބޮޑު ހަފްލާއެއް ބާއްވަނީ

ސަލްމާން ޚާންގެ ރޭސް 3 ގެ ތީމް ލަވަ “ﷲ ދުހާއީހޭ” ލޯންޗު ކުރުމަށް ބޮޑު ހަފްލާއެއް ބާއްވަން ފިލްމުގެ ޓީމުން ނިންމައިފި އެވެ.

މިހާތަނަށް މި ފިލްމުގެ ހީރިޔާ އަދި ސެލްފިޝް، މި ދެ ލަވަ ލޯންޗު ކޮށްފައިވާއިރު މި ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތޯރާނީ އާއި ޑައިރެކްޓަރު ރެމޯ ޑިސޫޒާ ބުނެފައިވާގޮތުގައި ތީމް ލަވަ ލޯންޗު ކުރުމަށް މިއަދު ބޮޑު ހަފްލާއެއް ބާއްވާނެ އެވެ.

ﷲ ދުހާއީހޭ، މި ލަވަ އަކީ ރޭސް އެކެއް އަދި ދޭއްގެ ވެސް ތީމް ލަވަ އެވެ. ނަމަވެސް ކޮންމެ ފިލްމެއްގައިވެސް މި ލަވަ ގެނެސްދެނީ ބޮޑު ބަދަލަކާއި އެކުގައި އެވެ.

ރޭސް ތިނެއްގެ މި ލަވަ ކިޔާފައިވަނީ އާތިފް އަސްލަމް އެވެ.

ރޭސް ތިނެއްގައި ސަލްމާން ޚާންގެ އިތުރުން، ބޮބީ ޑިއޯލް، އަނިލް ކަޕޫރު، ޖެކޮލިން ފަނޭންޑަޒް، ސާގިބް ސަލީމް އަދި ޑެއިޒީ ޝާހް ފެނިގެންދާނެ އެވެ. މި ފިލްމަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ނެރެވޭ ފުރަތަމަ ތްރީޑީ އެކްޝަން ފިލްމެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

ރެސިޕީ: ދޮންކެޔޮ ޕުޑިން ޕައި

ބޭނުންވާނެ ތަކެތި

3 ވައް ދޮންކެޔޮ (ކޮށާފަ)

3/4 ތަށި ސްކިމް މިލްކް

8 އައުންސް ވެނީލާ ޔޯގަޓް

1 ޕްރިމޭޑް ޕައި ކްރަސްޓް

3.4 އައުންސް ވެނީލާ ޕުޑިން، ސްޓްރޯބެރީ އަދި ދޮންކެޔޮ ކުދިކޮށްކޮށާފައި

ތައްޔާރުކުރާނެ ގޮތް

ކޮށާފަ ހުރި ދޮންކޭލުން އެއްބައި ޓްރޭ އެއްގައި އަތުރާށެވެ. ދެން ކިރު، ވެނީލާ ޔޯގަޓް، އަދި ވެނީލާ ޕުޑިން މިކްސަރަކުން މިކްސް ކޮށްލާށެވެ. އެއަށް ފަހުގައި މިކްސްކުރިބައި ޓްރޭއަށް އަޅާލުމަށްފަހު އެއް ގަޑިއިރު ވަންދެންފްރިޖްގައި ބަހައްޓާށެވެ. އޭގެ ފަހުން ސްޓްރޯބެރީ އަދި ބާކީ ހުރިދޮންކެޔޮ އޭގެ މައްޗަށް އަޅާލާށެވެ.

ރެސިޕީ: މައިލޯ ޗޮކޮލެޓް ކޭކް

ރެސިޕީ: މައިލޯ ޗޮކޮލެޓް ކޭކް

ބޭނުންވާނެ ތަކެތި:

2/1 ޖޯޑް ކޮކޯ ޕައުޑާ

2/1 ޖޯޑް މައިލޯ

2/1 ލާހި ފުށް

1 ޖޯޑް ހަކުރު

1 ސައިސަމްސާ ބޭކިންގ ޕައުޑަރ

1 ޖޯޑް ހިކި ކިރު

1 ސައިސަމްސާ ވެނީލާ އެސެންސް

3 ބިސް

4/1 ޖޯޑް ތެޔޮ

ފުލްކްރީމް މިލްކް ޕެކެޓް އެއް

ބަޓަރ

 

ތައްޔާރުކުރާނެގޮތް:

ބިސް، ހަކުރު،އެސެންސް އަދި ތެޔޮ، 3/1 ޖޯޑް ފުލްކްރީމް މިލްކް އަޅައިގެން މިކްސްސަރ އިން މުގުރާލާށެވެ. ދެން، ފުށް، ކޮކޯ ޕައުޑަރ، މައިލޯ، ބޭކިންގ ޕައުޑަރ އަދި ކިރު އެއްކޮށްލުމަށްފަހު، މިކްސްސަރ އިން މުގުރި ތަކެތި އަޅަމުން އެކުލަވާށެވެ. ކޭކް މިކްސް ހިކި ނަމަ ކުޑަކޮށް ދިޔާވާވަރަށް ފުލްކްރީމް މިލްކް އަޅާލާށެވެ. ދެން، ޓްރޭ ހޫނު ކުރުމަށްފަހު، ބަޓަރ ހާކައި އެއަށް ކޭކް މިކްސް އަޅާލުމަށްފަހު އަވަނުން ކޭކް ފިހެލުމަށްފަހު މަށްޗަށް މައިލޯ ކޮޅެއް ބުރުވާލާށެވެ.

ރެސިޕީ: ޕޮޓޭޓޯ ޕައި

ބޭނުންވާ ތަކެތި

2 ލޮނުމެދު (ގާނާފައި)

1 ދަޅުމަސް

3 އަލުވި ( ފްރެންޗް ފްރައިސް ގޮތަށް ކޮށައި ތެލުލާފައި)

1 ފިޔާ (ބޮޑު)

2/1 އިންޗް އިނގުރު (ގާނާފައި)

ގިތެޔޮ މިރުސް

ހިކަނދިފަތް

1 2/1 ލުނބޯ

ލޮނު

2 ޓޮމާޓޯ ( ތުނިކޮށް ފޮތިކޮށްފައި)

6 ބިސް (ކުޑަ ލޮނުކޮޅެއްގެ ތެރޭގައި ގިރާފައި)

ތައްޔާރުކުރާނެގޮތް

ފިޔާ، މިރުސް، ލޮނުމެދު، އިނގުރު އަދި ހިކަނދިފަތް ކުޑަ ލޮނުކޮޅެއްލައިގެން މޮޑެލުމަށްފަހު ލުނބޯ ހުތްޖަހައިގެން މޮޑެލައި މަސް އަޅައިގެންވެސް މޮޑެލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.

ދެން، ތަވާ އުނދުންމަތީ އުދުމަށްފަހު ތެޔޮފޮދެއް އަޅައި، ތެޔޮފޮދު ހޫނުވުމުން އެކުލަވާފައި ހުރި ބިހުގެ އެއްބައި ތަވާއަށް އަޅާށެވެ. ދެން އުނދުން ނިއްވާލުމަށްފަހު، ތެލުލި އަލުވީގެ އެއްބައި ބިހުގެ މަތީގައި އެތުރުމަށްފަހު، އޭގެ މަތީގައި މޮޑުނު މަސްގަނޑު އަތުރައި މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. އެއަށްފަހު، ޕައިގެ މަށްޗަށް ދެން ބާކީހުރި އަލުވި އަތުރައި އޭގެމައްޗަށް ދެން ބާކީހުރި ބިސް އަޅާލުމަށްފަހު މަޑު ގިނީގައި ޕައިގެ ދެފުއްވެސް ފިހެލާށެވެ.

ރޯދަ ކުރުކުރުން… މައްސަލައެއްތަ؟

ހަމަކަށަވަރުން، ރޯދަ ހިފަން ކަނޑައެޅިފައިވާ ގަޑިއަކަށް އުނި އިތުރެއް ނާންނާނެއެވެ. އެހެނީ، ފަޖުރުއްޞާދިޤުގެ އަލިކަމާއެކު ފަށާ ރޯދަ، ވީއްލަން ޖެހެނީ އިރުއޮއްސުމުންނެވެ. އެހެންކަމުން، ރޯދަ ކުރެއް ނުވާނެއެވެ. ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި ރޯދަ ކުރުކުރުމޭ ބުނެވެނީ ރޯދަހިފައިގެން ހުރެ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެ ހުރެ އެދުވަހުގެ ވަޤުތު ދުއްވާލުމަށެވެ. އެގޮތުން، އެކި މީހުން އެކިއެކި ކަންތައް ކޮށްއުޅެއެވެ. މިގޮތުން ޓީވީއާއި ބައެއް ރޭޑިޔޯ ޗެނެލްތައް ވަނީ މިކަމުގައި ވަރަށް ކުރިއަރައިގެން ގޮސްފައެވެ. އެޕިކަޕުން މިޕިކަޕަށެވެ. ރަތް ލޮރީން ނޫ ލޮރީ އަށެވެ. ލަވަޔާއި މިޔުޒިކެވެ. ސިލްސިލާ ޑްރާމާތަކާއި ރޯދަމަހުގެ ރޭގަނޑުގެ ކުޅިވަރު މުބާރާތްތަކާއި ރޯދަމަހަށް ޚާއްޞަ ޕޮރުގްރާމްތަކެވެ. އަދި އިންޓަރނެޓްގެ އެކިއެކި ވެބްސައިޓުތަކެވެ. ފޭސްބުކެވެ. ޓްވިޓަރއެވެ. ހިންދީ ފިލްމާއި އިނގިރޭސި ފިލްމެވެ. ތެދެކެވެ. ވަޤުތު ދާގޮތް ބުނެދޭން ނޭނގޭހާވެސް ބާރެވެ. ރޯދަ ވަރަށްވެސް ކުރެވެ.

މިއުއްމަތުގެ ސަލަފުއްޞާލިހުން މި މަސް އައުމުގެ 6 މަސްކުރިން މި މަހާ ބައްދަލުވުމަށް އެދި މާތްﷲ ޙަޟްރަތުގައި ދުޢާ ދަންނަވާ އުޅުއްވިއެވެ. އޭގެ ކުރިން އެމީހުންގެ މަރު ނުހިއްޕެވުމަށެވެ. އަދި ފުރިހަމަ ޢާފިޔަތުގައި މި މަހުގެ ރޯދައާއި ޤިޔާމްކުރުމުގެ ތައުފީޤު ދެއްވުމަށް އެދިއެވެ. ސުވާލަކީ އަޅުގަޑުމެންނަށް އެގޮތަށް އިޙްސާސް ނުކުރެވެނީ ކީއްވެތޯއެވެ؟ މި މަހުގެ މަތިވެރިކަން އަޅުގަނޑުމެންގެ ހިތު ތެރެއަށް ނުވަންނަނީ ކީއްވެތޯއެވެ؟ މިމަސް އަޅުގަޑުމެންނާ ބައްދަލުކުރުމުން އުފާނުވަނީ ކީއްވެތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އީމާންތެރިކަން ބަލިކަށީއެވެ. ފާފަތަކުން ހިތުގައިވަނީ ފަރުދާއެއްލެވިފައެވެ. ހެޔޮކަންތައް ކުރުމަށް ހިތް ނޭދެއެވެ. ބުރައީއެވެ. މި މަހަށް އިސްތިޤްބާލު ކުރަން ޖެހޭ ގޮތަށް ނުކުރެވޭތީއެވެ. ތެދުވެރި ތައުބާއަކުން ތައުބާ ނުވާތީއެވެ.

މާފުކުރައްވާށެވެ. އަރިމަތި ޞުރުޙީ މާ ދިގު ކުރެވުނީއެވެ. އަސްލު މައުޟޫޢަށް ޖެހިލަމާ ހިންގަވާށެވެ. ކޮންމެއަކަސް، ރޯދަ ކުރުކުރުން އެއީ މައްސަލެއްނޫންކަމަށް އަޅުގަނޑަށް ދެންނެވިއްޖެއެވެ. އެހެންކަމުން އެއީ ކިހިނެއް ކަންވެސް ސާބިތު ކޮށްދޭން ޖެހޭނެއެވެ.

ރޯދަކުރުކުރުމަކީ ކަމެއްގައި ވަޤުތު މަޝްޣޫލުކޮށްގެން ވަޤުތު ނަގާލުމެވެ. ނަމަވެސް، ލަވަޔާއި މިޔުޒިކަކީ ޙަރާމް އެއްޗެކެވެ. އެޕިކަޕުން މިޕިކަޕަށް ދިޔުމަކީ ރަނގަޅު ކަމެކޭވެސް ދެންނެވޭކަށް ނެތެވެ. މިމަހުގެ ޙުރުމަތަށް ބަލާފައެވެ. މި މަހުގެ މިވަޤުތަކީ އަގު ނުކުރެވޭފަދަ ބޮޑު ޖައުހަރަކަށް ވުމުންނެވެ. ނިޢުމަތުގެ ތެރެއިން އެންމެ މަތިވެރި އަދި އިލާހީ ދީލަތިކަމުގެ ތެރެއިން އެންމެ ދީލަތި އެއް ހަދިޔާއަށް ވާތީއެވެ.

އެހެންކަމުން، މި ވަޤުތު ހެޔޮ ގޮތުގައި ޣަނީމާ ކުރަންޖެހޭނެއެވެ. އަދި ހެޔޮ ކަންތަކުގައި މި ވަޤުތު މަޝްޣޫލުކުރަން ޖެހޭނެއެވެ. އެގޮތުން ރޯދަ ހެޔޮ ގޮތުގައި ކުރު ކުރެވިދާނެ ބައެއް ކަންތަކަށް ބަލައިލާނަމެވެ.

1 – ޤުރުއާން ކިޔެވުން: މި މަހަކީ ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެހެންކަމުން ތިބާ މި މަހުގެ ކޮންމެ ދުވަހަކު ރޯދަކުރުކުރަން ކިޔަވާނެ މިންވަރެއް ކަނޑައަަޅާށެވެ. ދުވާލަކަށް މަދުވެގެން ޖުޒްއެއް ކިޔަވަން އަޒުމު ކަނޑައަޅާށެވެ. އޭރުން ރޯދަމަސް ނިމޭއިރަށް، މާތް ﷲ ގެ އިރާދަފުޅާއެކު، ޚަތިމެއް ކުރެވޭނެއެވެ. ރޯދަމަހުގައި ޙަތިމެއް ކުރުމަކީ ވާޖިބު ވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް މުސްތަޙައްބު ކަމެކެވެ. މަދުވެގެން ޙަތިމެއް ނުކުރެވިއްޖެނަމަ، ރޯދަމަހުގެ ބަރަކާތަށް އެދިގެން ޤުރުއާން ކިޔަވާ އުޅުނު މީހެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެހެނީ މިއީ ޤުރުއާނުގެ މަހެވެ.

2 –  ރޯދަކުރުކުރަން ކުރެވިދާނެ ދެވަނަ ކަމަކީ، ދީނީ ފޮތްތައް ކިޔުމެވެ. އަދި ދީނީ ދަރުސްތައް އަޑުއެހުމެވެ. މާޒީގެ ދަރުސްތަކާއި މިހާރުގެ ދަރުސްތައް ވަރަށް ގިނަ ތަން ތަނުން ލިބެން ހުންނާނެއެވެ.  މިކަން ކުރަންވީ ތިމާގެ ޖާހިލުކަން ފިލުވާލުމަށެވެ. އެހެންކަމުން، ރޯދަމަހާއި ގުޅޭ ލިޔުންތައް ގިނައިން ކިޔާށެވެ. އަދި ރޯދައަށް ޚާއްޞަ ދަރުސްތައް އިސްކަންދޭށެވެ. މޫސުމީގޮތުންނެވެ. އޭރުން ތިމާގެ ރޯދައިގެ ފިޤުހު އިތުރުވާނެއެވެ. އަދި އަނބި ދަރިންނަށް އެނގޭ އެއްޗެހި ބުނެދޭށެވެ. އޭރުން ސިނކުޑީގައި ހަރުލާނެއެވެ.

3 – މައިންބަފައިންނަށް ކަމޭހިތުން؛ ޙާއްޞަކޮށް މައިންބަފައިންނާއި ވަކިން އުޅޭނަމަ އެމީހުންނަށް ޒިޔާރަތް ކުރަންވާނެއެވެ. އެމީހުންނަށް އެދުވަހަށް ބޭނުންވާ ބާޒާރުކޮށްދޭށެވެ. ރީތިބަހުން އެމީހުންނާ ވާހަކަ ދައްކާށެވެ. އެމީހުންނާ އެކު ކޮންމެ ދުވަހުކުވެސް ވަޤުތުކޮޅެއް ހޭދަކުރުން ވަރަށް މުހިންމެވެ. މާތްﷲ ގެ ރުއްސެވުން އިންތިހާއަށް ލިބޭނެއެވެ. ރޯދާގެ ޘަވާބާއި ދަރުމަ އިތުރުވާނެއެވެ. އެހެނީ މާތްﷲ އަށް އަޅުކަން ކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނުގައި ވަނީ ވަރަށް ބޮޑަށް އަމުރު ކުރައްވާފައެވެ.

މިއީ ކުޑަކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑުކަމެކެވެ. އެއްވެސް އެއްޗެއްގެ ފައިދާ އިންސާނައަށް ނުކުރާނެ ދުވަހުން މިކަމުގެ ހެޔޮކަން ފެންނާނެއެވެ. އެދަވަހުން ހިތަށް އަރާނެއެވެ. މުޅި އުމުރު މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި ހޭދަކުރެވުނު ނަމަހީއެވެ. އެހާވެސް ކަމުގެ މަތިވެރިކަން ބޮޑެވެ. އެހެންކަމުން، މި އަށްވުރެ ވަކި ރޯދަ ކުރު ކުރާނެ މޮޅު ގޮތެއް އޮވެދާނެތޯއެވެ؟

4-  ޢާއިލީ ގޭގެއަށް ޒިޔާރަތްކުރުން؛ މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުބަލާށެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމަކީ ވަރަށް ބޮޑަށް އެއަށް ފަރުވާތެރިވުމަށް މާތްﷲ އަމުރުކުރައްވާ ބާރުއަޅުއްވާފައިވާ ކަމެކެވެ. މީގެ ތެރޭގައި އަވަށްޓެރީންވެސް ހިމެނެއެވެ. އެހެންކަމުން، ތިބާއަށް ހުސްވަޤުތެއް ލިބި ރޯދަކުރުކުރާ ހިތްވެއްޖެނަމަ، އެގޭގެތަކަށް ޒިޔާރަތްކޮށްލާށެވެ. މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން މިކަމުގެ ސަބަބުން ތިބާއަށް މިންވަރު ވެދާނެއެވެ. ރޯދާގެ ޡަވާބާއި ދަރުމަ އެތައް ގުނައަކަށ އިތުރުވެގެން ހިނގައިދާނެއެވެ. އަދި އޭގެއިތުރުން އެމީހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައިދާނެއެވެ. ނަމަވެސް، ބޭކާރު ވާހަކަތައް ދެއްކުމުގައި މިފުރުޞަތު ނަގައިލައިގެން ނުވާނެއެވެ.

މި ދީނުގެ މަތިވެރިކަމާއި ރޯދާގެ މަތިވެރިކަމުގެ ވާހާކަ އެމީހުންނަށް ގިނަގިނައިން ހަނދާންކޮށްދޭށެވެ. ރޯދަމަހުގެ މަތިވެރިކަމުގެ ވާހަކަތައް ބަޔާންކޮށްދޭށެވެ. ޤިޔާމުއްލައިލްގެ މަތިވެރިކަމުގެ އުފާވެރި ޚަބަރުދޭށެވެ. ލައިލަތުލް ޤަދްރި ހޯދުމަށް އެބައިމީހުންނަށް ހިތްވަރު ދޭށެވެ. ރޯދައާ ބެހޭގޮތުން ދެވިފައިވާ ދަރުސްތަކުގެ ސީޑީ އެބައިމީހުންނަށް ހަދިޔާ ކުރާށެވެ. އޭރުން، ދީނުގެ އަނެއް މަތިވެރި ޝިޢާރަކަށް ޢަމަލު ކުރެވުނީއެވެ. ހަދިޔާ ބަދަލުކުރުމުގެ ޝިޢާރެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ޝިޢާރެވެ. އަދި ޢިލްމު ފޯރުކޮށްދިނުމުގެ ޝިޢާރެވެ. މިތިން މަތިވެރިކަމާއި ހެޔޮކަންތައް ތިބާގެ ފަތުގައި ލިޔެވޭނެއެވެ. ރޯދަ ކުރުކުރަން މިއީ ވަކި ދެރަ ގޮތެއްތޯއެވެ؟

5- ރަވާތިބު ސުންނަތްތައް ކުރުން؛ އެއީ ފަތިސް ނަމާދުގެ އިހު ދެރަކުޢަތާއި، މެންދުރު ނަމާދުގެ އިހު ހަތަރު ރަކުޢަތާއިި، އެނަމާދުގެ ފަހު ދެ ރަކުޢަތާއި، މަޣްރިބް ނަމާދުގެ ފަހު ދެ ރަކުޢަތާއި،ި ޢިޝާ ނަމާދުގެ ފަހު ދެ ރަކުޢަތެވެ. އެހެންކަމުން، މިއީ ވަރަށް ސުންނަތްކަން ގަދަ ނަމާދުތަކެކެވެ. އެކަމުގެ މާތްކަމާބެހޭގޮތުން ވަރަށް ގިނަ ޙަދީޡްތައް ވާރިދުވެފައި ހުރި ނަމާދުތަކެކެވެ. އޭގެ ތެރެއިން މި ސުންނަތްތައް ކުރާ މީހަކަށް ސުވަރުގޭގައި މާތް ﷲ ގަނޑުވަރެއް ބިނާ ކޮށްދެއްވާ ޙަދީޘަކީ މަޝްހޫރު ޙަދީޘްފުޅެކެވެ. އެހެންކަމުން، ރޯދަކުރުކުރުމަށް މިއީ ވަރަށް ފައްކާ ޕޮރްގުރާމަކަށް ވެގެން ދާނެއެވެ. އެއްވެސް ރާތިބު ސުންނަތެއް ދޫކޮށްނުލުމަށް އަޒުމު ކަނޑައަޅުއްވާށެވެ. ޡާބިތުވެއްލައްވާށެވެ.

އަދި މީގެ އިތުރުން، އެހެންވެސް ނަމާދުތަކުގައި ބައިވެރި ވާށެވެ. ޖަނާޒާތަކުގައި ބައިވެރިވާށެވެ. ޖަނާޒާގައި ބައިވެރިވުމަކީ ބޮޑު ދެ ފަރުބަދައިގެ ހެޔޮކަން އެމީހަކަށް ލިބޭކަމެއް ކަމުގައި އުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ.

6 – ރޯދަ ވީއްލުން ދިނުން: ތިބާގެ ތަނަވަސްކަން ހުރި މިންވަރަކުން މިކަން ކުރެވިދާނެއެވެ. ގެއަށްް  ގާތްތިމާގެ މީހުންނާއި ރައްޓެހީންނަށް ދަޢުތު ދެވިދާނެއެވެ. މީގެ އިތުރުން، ކައިރި މިސްކިތަށްވެސް އެމިސްކިތަށްދާ މީހުން ރޯދާވީއްލަން ކަދުރު ކޮޅެއް ޞަދަޤާތް ކުރެވިދާނެއެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، ތިބާ ދޭ އެންމެ ކަދުރު އޮށަކުން ރޯދަވީއްލާ މީހާއަށް ލިބޭ ޡަވާބާއި ދަރުމަ، އޭނައަށް އެއްވެސް އުނިވުމެއްނެތި، ތިބާއަށްވެސް ލިބިގެންދާނެތީއެވެ.

7- ޞަދާޤާތް ކުރުން: ރޯދަ ކުރުކުރަން މިއީވެސް މޮޅު ގޮތެކެވެ. ރޯދަ ކުރުކުރަން ހަވީރު ނުކުންނާށެވެ. ނަމަވެސް ފިނި ބުރަކަށް އެކަންޏެއް ނޫނެވެ. ފިނި ބުރާއެކު ތިބާ ދަންނަ ނިކަމެތިންނަށް ޞަދަޤާތެއް ކޮށްލުމަށެވެ. ޞަދަޤާތް ކުރުމަކީ، ވެރި ރައްބުގެ ކޯފާ އަޅާގެ މައްޗަށް ފިނިވާ ކަމެކެވެ. އަދި ފެން އަލިފާން ނިއްވާލާ ފަދައިން، ފާފަތައް ނިއްވާލާ ފޮހެލާ ކަމެކެވެ. ރޯދައަށްހުރެ، ޞަދާޤާތްކޮށް، ޖަނާޒާއެއްގައި ބައިވެރިވާ މީހުންނަކީ އުފާވެރި ޚަބަރު ލިބިގެންވާ ބައެކެވެ. އެހެނީ، އުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޡްފުޅު ކުރައްވާފައިވަނީ، މި ތިން ސިފަ ޖަމާވެއްޖެ މީހަކީ ސުވަރުގެ ވަންތަ ވެރިއެއްގެ ގޮތުގައެވެ.

ދަންނާށެވެ. ރޯދަމަހުގެ ވަޤުތަށް ވުރޭން ވަކި އަގު ބޮޑު ވަޤުތެއް އަޅަކަށް ނުލިބޭނެއެވެ. އެހެންކަމުން، ބޭކާރު އަދި އެއްވެސް މަންފާއެއް ނެތް، ރަތް ލޮރީތަކާއި ނޫ ލޮރީތައް ދުއްވުމުގެ ބަދަލުގައި، އިސްވެ ބަޔާންވެދިޔަ ކަންތައް ފަދަ، މަތިވެރި، އަދި މި މަހުގެ އަގު ބޮޑު ވަޤުތާ މުނާސަބު ކަންތަކުން ރޯދަ ކުރުކުރާށެވެ. އެއީ ޙަޤީޤީ ރޯދަ ކުރުކުރުމެކެވެ. ފުއްސެވުމާއި ދިންނެވުން ލިބެނިވި ކުރުކުރުމެކެވެ. އަދި ރޯދަމަސް ފަދަ މެހެމާނަކާ އެކަށީގެންވާ ފަދަ މެހެމާންދާރީ އަކީ އެއީ ނޫންތޯއެވެ؟

-އައްޝައިޚް ޝަފީޢު އަބްދުﷲ / ދިއިސްލާމް-

ވާހަކަ: އާދޭސް (11 ވަނަބައި)

10 ވަނަ ބައިގެ ތެރެއިން…

ނާފިޔާގެ އަޑު ޖެހުމާއި އެކު އާލިއާ ފަހަތަށް ބެލުމެއް ނެތި ހުރިގޮތަށް ކޮޅަށް ތެދުވިއެވެ. އެހުރިހާ ކަމެއް ވެސް ހިނގީ ހަމަ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އާލިއާ ވެއްޓެން ދިޔުމާއި އެކު ނާފިޔާއަށް ގޮސް ގުދެވު އެކުއްޖާގެ އަތުގައި ހިފުނެވެ. މީގެ ކުރިން އާލިއާގެ މޫނު ނުފެނުނަސް ނާފިޔާއަށް އޭނާގެ އަތުގައި ހިފުމާއި އެކު އާލިއާ އޭނާއާއި ދިމާލަށް ބަލާލިއެވެ. ނާފިޔާގެ ހަށިގަނޑުގައިވި ހުރިހާ ލޯލި އެއް ކޮޅަށް ޖެހުނީ އާލިއާގެ މޫނު ފެނުމުންނެވެ. މޫނުގެ އެއްފަރާތް އެއްކޮށް ކުނިވެފައިވާއިރު އެބިރުވެރި މޫނުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބާރަށް ހަޅޭލައްވައިގަނެވުނެވެ.

****************

އާކިފް: މަންމާ… މަންމާ އޭތް!

ސޯފާގައި ނިދާފައި އޮތް ނާފިޔާއަށް ފުންމައިގެން ތެދުވެވުނީ އާކިފްގެ އަޑު ޖެހުމުންނެވެ. އޭނާ އޮތީ ދާހިއްލާ ފޯވެފައެވެ. ތެދުވެވުމާއި އެކު އޭނާއަށް ރޮވި އާކިފްގެ ގައިގާ އޮޅުލައިގަނެވުނެވެ.

އާކިފް: މަންމާ… މަންމާ… ހުއްޓާލަބަލަ.. ކިހިނެތްވީތަ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ؟

ނާފިޔާ: އާނ….

އާކިފް: އެއީ ހުވަފެނެކޭ މަންމާ… ހިނގާ ކޮޓަރިއަށް!

ވަރަށް ލޯތްބާއި އެކު އާކިފް އޭނާގެ މަންމަގެ ނިތްކުރިއަށް ބޮސް ދެމުން ތެދުކުރުވިއެވެ. އަދި ވަރަށް ވަރުން ނާފިޔާ ގޮވައިގެން ގޮސް އޭނާ ނިދާ ކޮޓަރިއަށް ގެންދިޔުމަށް ސިޑިން މައްޗަށް އެރިއެވެ. އާލިއާގެ ކޮޓަރިއާ ހިސާބަށް ދެވުމާއި އެކު ނާފިޔާއަށް އާކިފްގެ ގަމީހުގައި ހިފާ ބޮނޑިކޮށްލެވުނެވެ. ނާފިޔާގެ އެހަރަކާތުން އާކިފް އަށް ހައިރާންކަން ލިބުނެވެ. ބޮލަށް އެންމެ ފުރަތަމަ ވަން ސުވާލު އޭނާ ނާފިޔާއާއި ކޮށްލިއެވެ.

އާކިފް: މިކޮޓަރި ފެނުނީތަ ހުވަފެނުގަ؟

ނާފިޔާ: އާކިފް… މިގަޑީގައެއް ނޫން.. ހިނގާ..

ރޮވިފައި ހުރި ނާފިޔާ ތުރު ތުރު އެޅުމާއި އެކު އާކިފްގެ ގަމީހުގައި ހިފާ އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އާކިފްއަށް ވެސް މިވަގުތު އިތުރަށް އޭނާގެ މަންމައާއި ސުވާލު ކުރުން ރަނގަޅު ނުވާނެ ކަން ވިސްނުމުން ނާފިޔާ އެދުނު ގޮތަށް އޭނާގެ ކޮޓަރިއަށް ގެންގޮސް ދިނެވެ.

ނާފިޔާ: ބައްޕަ އަންނަން ދެން މަޑުކޮށްލަން ވީނުން؟

އާކިފް: ނުދާނަމޭ މަންމާ!

ކޮޓަރިއަށް ވަނުމަށް ފަހު ނާފިޔާ ގެންގޮސް އޭނާގެ އެނދުގައި ބޭންދުމަށް ފަހު އާކިފް އެކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރި ސޯފާގައި އިށީނެވެ. އޯގާތެރި ހިނިތުންވުމެއް ރައްދުކޮށްލުމަށް ފަހު އޭނާގެ ޓައިގެ ގޮށް މޮހާލާ ސޯފާގައި ހަމަޖެހިލިއެވެ. ނާފިޔާ އެނދުމަތީގައި އޮތް ބެޑްޝީޓް ނަގާ އޭނާގެ ގައިގާ އަޅާލުމުން އާކިފް އޭސީ ރިމޯޓް ނަގާ އޭސީގެ ފިނި ގަދަ ކޮށްލިއެވެ. ފޯނާ ކުޅެން ފެށި އާކިފް އިރު އިރުކޮޅާ ނާފިޔާއަށް ބަލާލައެވެ. އޭނާ ބާލާލާ އިރަށް ނާފިޔާވެސް އޭނާއަށް ބަލަން އޮންނަކަން އެނގުމުން ހިސާބަކަށް އާކިފް ގާތަށް ހިނިއައެވެ.

އާކިފް: މަންމާ.. ނޫޅެމޭ ދާކަށް. ނިދާބަލަ.

ނާފިޔާ: އެނގެޔޭ. އެކަމަކު ނިދި ނާންނަނީ އޭ.

އާކިފް: އޯކޭ.. ޓީވީ އަޅުވަންތަ؟

ނާފިޔާ: އޮނހޮ. ބައްޕަ އަންނާނެ އިރުކޮޅަކުން. އޭރަށް އޯކޭ ވާނެ.

އާކިފް: އޯކޭ..

އާކިފް އަނެއްކާވެސް އޭނާގެ ފޯނާއި ކުޅެން ފެށިއެވެ. އޭނާ އަށް އެހެން އިންނަން ޖެހުނީ އިރުކޮޅަކަށެވެ. އެކޮޓަރީގެ ދޮރު ހުޅުވާލާފައި ވަރަށް ރުޅިގަދަވެފައި ހުރެ ހަމީދު އައިސް ވަތްތަން ފެނުނެވެ.

ހަމީދު: ނާފިޔާ ބުނާނެ އާކިފް އިސްލާހު ވެއްޖެއޭ! ގެއަށް ދިޔުމުގެ ކުރިން އެކުއްޖާ ކައިރީ ކޮށްލާށޭ ބުނި ކަންތައް ނުކުރިތާނގަ މަށަށް އަންގާވެސް ނުލާ އޭނަ ނުދާ ވާހަކައެއް.

އެނދުމަތީގައި އޮތް ނާފިޔާ ފުންމައިގެން ތެދުވެ ހަމީދަށް ބަލާލީ އާކިފް އެތާނގައި އިންކަން ނާންގަން އުޅޭ ފަދަ ގޮތަކަށެވެ. އޭނާ ތެދުވި ގޮތަށް ހަމީދުގެ ކައިރިއަށް ގޮސް ހުއްޓުނެވެ. އަދި ކޮނޑުގައި ހިފާ އާކިފް ހުރި ދިމާ ނޫން އެހެން ދިމާލަކަށް ހަމީދު އަނބުރަމުން ވާހަކަ ދައްކަން ފެށިއެވެ.

ނާފިޔާ: މަށޭ ބުނީ އޭނަ ކައިރީ ގެއަށް އަންނަން. މަށަށް ބިރުވެރި ހުވަފެނެއް ފެނުނީމަ އެންމެ ފުރަތަމަ ސްޕީޑް ޑައިލްގަ އިން ނަންބަރަށް ގުޅީ. ރުޅި އަންނަންޏާ މަގޭ ދެކެ ރުޅި އާދޭ!

ނާފިޔާ އެއްއަތުން އެކޮޓަރިން ނިކުތުމަށް އާކިފްއަށް އަންގަމުން ހަމީދާއި ވާހަކަ ދެއްކިއެވެ. އާކިފް ވެސް އަވަސް އަވަހަށް ފުރުސަތުގެ ބޭނުންކޮށް އެތަނުން އަވަހަށް ނިކުތެވެ. އެކޮޓަރިން ނިކުމެވުމާއި އެކު މަޑުމަޑުން ކޮޓަރީގެ ދޮރު ތަޅުގައި ހިފާ ދޮރު ލައްޕާލިއެވެ.

ނާފިޔާ: ހަމީދަށް މީގެ ކުރިން ގައިމު އޮފީސް ބޯއި ހުންނަ އިރު ތިހުރިހާ ކަމެއް…… އަނ ހަނ..

އާކިފް ދޮރު ލެއްޕި އަޑު ނީއްވުމަށް ނާފިޔާ ހަމީދު ގައިން ދޫކޮށްލުމަށް ފަހު އެނދުކައިރީގައި އިން މާޓުކުރި އަތުން ޖަހާ ވައްޓާލިއެވެ. އަދި އަނގަމަތީގައި އަތް އެޅީ އޭނާ ގަސްތުގައި ކުރި ކަމެއްކަމުގައި ނޭންގުމަށެވެ. އާކިފް އެފުރުސަތުގެ ބޭނުންކޮށް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އޭނާގެ ބައްޕަ އައުމުގެ ކުރިން އަވަހަށް ލައިގެން ހުރި ގަމީސް ބާލާ ކައިރީ ހުރި ގޮނޑިއެއްގައި އެޅުވުމަށް ފަހު އެނދަށް އަރާ އޮށޯތެވެ.

(ނުނިމޭ)