އާޖެންޓީނާ ބަލިކޮށް ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް ހޯދައިފި

އާޖެންޓީނާ ބަލިކޮށް ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް ހޯދައިފި އެވެ.

ފްރާންސުން އާޖެންޓީނާ ބަލިކޮށްފައިވަނީ 4-3 ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ފްރާންސުން ނެގީ އާޖެންޓީނާގެ އޭރިއާ ތެރެއިން ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ފްރާންސްއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެޗްގެ 13ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން އެވެ.

އާޖެންޓީނާއިންވަނީ ފްރާންސްގެ ކައުންޓަރ އެޓޭކްތަކަށް އިސްކަންދީގެންކުޅުނު މިމެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޗްގެ 41ވަނަ މިނިޓްގައި ޑި މަރިއާ އެވެ.

އަދި ދެވަނަ ހާފްފެށިގެން މާގިނައިރުތަކެއް ނުވަނީސް އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗްގެ ލީޑް އަބުރާލާފައެވެ. މެެޗުގެ 48 ވަނަ މިނެޓުގައި ލިއޮނެލް މެސީ ގޯލާ ދިމާލަށް ފޮނުވާލިބާރު ބޯޅަ ގޯލަށް ވަނީ ޑިފެންޑަރު ގެބްރިއެލް މަކާޑޯގެ ފައިގައި ޖެހިފައެވެ.

އެހެންނަމަވެސް އާޖެންޓީނާއަށް ލީޑު ހިފަހައްޓާލެވުނީ ކުޑަވަގުތުކޮޅަކަށެވެ. އެގޮތުން ފްރާންސުންވަނީ 57 ވަނަ މިނެޓުގައި ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލނަޑު އެޓީމަށް ޖަހާދިނީ ޕަވާޑެވެ. ޕަވާޑް މި ލަނޑު ޖަހާދިނީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި ދެވަނަ ފަހަރަށް ފްރާންސް ކޮޅަށް މެޗްގެ ލީޑު އަބުރާލީ މްޗްގެ މޮޅުކުޅުމެއްދެއްކި އެމްޕާބޭއެވެ. އޭގެ ހަތަރު މިނެޓްފަހުން އޭނާ ވަނީ ފްރާންސްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް މެޗްގެ ނަތީޖާ ފްރާންސްކޮޅަށް ބަދަލުކޮށްފައެވެ.

އާޖެންޓީނާ އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފަހުވަގުތުކޮޅުތެރޭ މެސީ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ސާޖިއޯ އަގުއެރޯއެވެ.

މި މެޗުން ބަލިވެ އާޖެންޓީނާ މުބާރާތުން މިރޭ ކެޓިއިރު މިއީ ވޯލްޑް ކަޕްގައި ސައުތް އެމެރިކާގެ ޓީމުތައް އަތުން ބަލިނުވެ ފްރާންސް އިން ހަމަކުރި ނުވަ ވަނަ މެޗުކަން ފާހަގަކޮށްލަމެވެ.

އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓަކަށް އިބޫ ހަމަޖައްސައިފި

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އިބްރަހީމް މުހައްމަދު ސޯލިހު އިބޫ އަށް އެމްޑިޕީގެ ކެންޑިޑެސީ ދިނުމަށް ނިންމާފައި މިވަނީ އއ އުކުޅަހުގައި މިހާރު ކުރިއަށްދާ އެޕާޓީގެ 3 ވަނަ ގައުމީ ކޮންގްރެސްގައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހީމް މުުހައްމަދު ސޯލިހުގެ ނަން ހުށަހެޅުއްވީ ކުޜިގެ ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަ މުހައްމަދު އަސްލަމެވެ. އިބޫގެ ނަން އަސްލަމް ހުށަހެޅުއްވުމުން ކޮންގްރެސް ބާއްވާ ހޯލު ވަނީ ގުގުމާލަފައެވެ.

އަދި ރިޔާސަތުން އިބޫގެ ނަމަށް ވޯޓަށް އެހުމުން 791 މެންބަރުން ވަނީ އިބޫގެ ނަމަށް ތާއީދުކޮށް ވޯޓް ދެއްވާފައެވެ.

އިބޫއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައި މިވަނީ އެޕާޓިގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. ކޮންގްރެސްގައި ރިޔާސީ ކެންޑިޑޭޓަކަށް ނަން ހުށަހެޅުމަށް ރިޔާސަތުން ހުޅުވާލުމުން ހިންނަވަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އިބްރަހީމް މުހައްމަދު ސޮލިހުގެ ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އިބޫއަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވާއިރު، ގުޅިފައިވާ ޕާޓިތަކުން ވަނީ އެޕާޓިތަކުން އިންތިހާބުގައި ނެރޭ އެއް ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް އެއްބަސްވެފައެވެ. އަދި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީ ބޭފުޅެއް ގެނައުމަށް ވަނީ ނިންމާފައެވެ.

 

ކެނެޑާ ސަފީރު ޑޭވިޑް މެކިނަން މަހްލޫފް އާއި ބައްދަލުކުރައްވައިފި

ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ކެނެޑާ ސަފީރު ޑޭވިޑް މެކިނަން ބައްދަލުކުރައްވައިފިއެވެ.

ކެނެޑާގެ ސަފީރާ ބައްދަލުކުރެއްވިކަން މަހްލޫފް ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ހާމަކޮށްފައެވެ. އެގޮތުން މަހްލޫފް ދިރިއުޅުއްވާ ގެއަށް ސަފީރު ވަޑައިގެން އޭނާއާ ބައްދަލުކުރައްވާފައިވާތީ މަހްލޫފް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކެނެޑާސާރުކަރުން އިދިކޮޅުފަރާތްތަކަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވަމުން މަހްލޫފް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫންކަން 100 ޕަސެންޓް ޔަގީންކަމަށެވެ. އެހެންނަމަވެސް ހުރަސްތަކާއެކު ވެސް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެއެވެ.

ކޮންމެގޮތަކަށް ހިސާބުޖެހިޔަސް ރިޔާސީ އިންތިޚާބު ރައީސްޔާމިން 52އިންސައްތައިން ކާމިޔާބުކުރާނެ: ނިހާން

ކޮންމެގޮތަކަށް ހިސާބު ޖެހިޔަސް ރިޔާސީ އިންތިހާބު، ﷲ ގެ އިރާދަފުޅާ މިންވަރުފުޅާއެކު ރައީސް އަބްދުﷲ ޔާމީން 52 އިންސައްތަ އިން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ އިދިކޮޅުފަރާތްތަކަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ފާޑުވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރުމަށް ނިންމާ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ ން އަދި ރަނިންގމޭޓް ޖޭޕީ ން ނެރުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނިކޮށް ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ” ހިސާބު ޖަހާނެ ގޮތަކަށް ޖަހާށެވެ. ނެރޭނެ ވަރަކަށް ކެންޑިޑޭޓުންނާއި ރަނިންގް މޭޓުން ނެރޭށެވެ. ނަމަވެސް ދިވެހި ރައްޔިތުން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެ އެވެ. 2018 ގެ ރިޔާސީ އިންތިޚަބު ﷲގެ އިރާދަފުޅާއި މިންވަރުފުޅާއިއެކު ރައީސް އަބްދުﷲ ޔާމިން 52އިންސައްތައިން ކާމިޔާބު ކުރައްވާނެ.” ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވެއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ނިހާނު މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބުދުﷲގެ އިތުރަށް ރައީސް މައުމޫންއަށް ވަނީ ޖަލުހުކުމްއިއްވާ އެބޭފުޅުންގެ އަޑު ސަރުކާރުންވަނީ ކަނޑުވާލާާފައެވެ. އިއްވާފައިވާފައެވެ.  މީގެއިތުރުން ނިހާން އިސްކޮށް ހުންނަވައިގެން މަޖިލިސްތެރެއިން ބައެއްގާނޫނުތަކަށް ބަދަލުގެނެސް އިދިކޮޅު ފަރާތަތަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރުތަކެއް ބަންދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވާހަކަ: ޒުވާން ލޯބި – 06

ތިންވަން ބައިގެ ތެރެއިން… “އެކުއްޖާގެ އަޑު ޒަކީ އަށް އިވޭތަ؟” މޮޔައެއް ފަދައިން ޒަކީގެ އަތްތިލަ ގެނެސް އާހިލްގެ މޭގައި ޖައްސަމުން ސުވާލުކުރި އެވެ. “ބަލާބަލަ.” އާހިލް ބުންޏެވެ. އެވަގުތު އާހިލްގެ ބަސްނާހާ ހިތުގެ ތެޅުމުގެ އިހްސާސް ޒަކީ ގެ އަތްތިލައިގެ ބަނޑުފުށަށް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދެއެވެ.

އަހުމަދު ރަޝީދުގެ ޒުވާން ލޯބި – 06

“ކޮންމެ ސިކުންތެއްގަ އަހަރެންގެ ހިތުން ގޮވަމުން ދަނީ އޭނާގެ ނަން.” އާހިލްގެ ހިތުގައި އާއިމާއަށް ދެވިފައިވާ ލޯބި ޒަކީ އަށް ހާމަކޮށްދެމުން އިތުރަށް މިހެން ބުނެފައި ދެއަތުން ބާރަށް އޭނާގެ ބޮލުގައި ހިފަހައްޓާލި އެވެ.

ބުނާނެ އެއްޗެއް ދުލަށް ނައި ތާނގައި ހިތަށްވެސް އެއްޗެއް ނައުމުން ޒަކީ އަށް އިނދެވުނީ އެވެ.

“ހަދާނެ ގޮތެއް، ކުރާނެ ކަމެއްވެސް މަށަކަށް ނޭނގޭ. އަހަރެން އޭނާ ދެކެ ހިތާވާކަށް ބޭނުމެއް ނޫން. އޭނާ މަތިން ހަނދާން ކުރާކަށްވެސް ބޭނުމެއް ނޫން. އެކަމަކުވެސް ހަމަ ކޮންމެ ސިކުންތަކަށްފަހު އަހަންނަށް އޭނާދެކެ ވެވިފައިވާ ލޯބި އަންނަނީ އިތުރުވަމުން.” އާހިލްގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައިރު އެ އުދާސްތަކަށް ކަރުނައިގެ ސިފަޖެހިގެން އާހިލްގެ ލޮލުންވެސް ފައިބަން ފަށައިފިއެވެ.

“އާއިމާ.” ޒަކީ ގެ އަނގައިން އާއިމާގެ ނަން ކުއްލިއަކަށް ބޭރުވުމާއެކު އާހިލް އިސްއުފުލައި ބަލައިލި އެވެ.

“ތި ކިޔަނީ އާއިމާ ގެ ވާހަކަ ދޯ؟” ޒަކީ ސުވާލުކުރިއެވެ. އާހިލް އަށް ލިބުނީ ހައިރާން ކަމެކެވެ. އެ ކުއްޖަކީ އާއިމާ ކަން ޒަކީ އަށް އެނގިފައިވާތީ އެވެ.

ޒަކީ ހިނިތުންވެލަމުން އެނދުން ބާލީހެއް ނަގައި އުނގުމަތީގައި ބާވަމުން ބާލީހުގައި އަތް ވިދެލި އެވެ. ހައިރާންވެފައި އިން އާހިލްގެ މޫނަށް ބަލައިލި އެވެ.

“ކިހިނެތް ހޭ މަށަށް އެނގުނީ  ދޯ؟” އާހިލް ކުރަން ބޭނުންވެފައި އިން ސުވާލު ކުރީ ޒަކީ އެވެ. އާހިލް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“ތިދެން ކާކަށް ނޭނގޭނެ ކަމެއް. އާހިލް ފެންނަ ކޮންމެ ފަހަރަކު އާއިމާ އަށް އެހެން ދިމާއަކަށް ނުބެލޭ. ލޮލުގެ އެސްފިޔަވެސް ޖަހައިނުލާ އޭނާ އާހިލް އަށް ބަލަމުންދާތަން އަހަރެން ދެކެން. ޕްރެޒެންޓޭޝަނެއް ހުށައަޅަން އޭނާ އަރާއިރަށް އާހިލް އިންނަނީ އިސްޖައިގެން. އެހެން އާހިލް އިންނަނީވެސް އާއިމާގެ ނަޒަރު އެހެން ދިމާއަކަށް ނުހުއްޓޭކަން އެނގޭތީ.” އުފާވެރި ހިނިތުންވުމަކާއެކު ޒަކީ ބުންޏެވެ.

އާހިލް އާއި ދިމާކުރާ ފާޑަށް ޒަކީ ބަލަން ފެށުމުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ.

“އެކަމަކު މިއީކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު. މަށަށް މިކުރެވޭ އިހްސާސަކީ ރަނގަޅު އިހްސާސެއް ނޫން. ކިހިނެތް އަހަރެން އޭނަދެކެ ލޯބިވާނީ؟” މިހެން ބުނަމުން އަނެއްކާވެސް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލި އެވެ.

“މީހެއް ދެކެ ލޯބިވެވުމަކީ ފާފައެއް ނޫން. އަދި އެއީކީ ކުށެއްވެސް ނޫން.” ޒަކީ ބުންޏެވެ. ނަމަވެސް އެ ވާހަކަތައް އާހިލް އަށް ގަބޫލުނުކުރެވޭތީ ދެފަރާތަށް ބޯހޫރާލި އެވެ.

“ސްކޫލުން އޭނާ ފުރަތަމަ ފެނުނު ދުވަހު އެގޮތަށް އޭނާއަށް ނުބެލުނު ނަމަ. މި ހުރިހައި ކަމެއްވެސް ފެށުނީ އެދުވަހަށް ފަހު. އަހަރެން… އަހަރެން… އޭނާއާމެދު ވިސްނަން ފެށުނީ ކިހިނެތްވެގެން ކަމެއްވެސް ނޭނގޭ.” އާހިލް ބުންޏެވެ. ރަހުމަތްތެރިޔާގެ ވާހަކަތަކާއި ވިސްނުން ހުރިގޮތުން ޒަކީ އަށް އިނދެވުނީ ހައިރާން ކަމެއްގެ ތެރޭގަ އެވެ.

“ސްކޫލަށް ފުރަތަމަ ދިޔަ ދުވަހުއޭ؟” ތަންމިނަށް އަނގަހުޅުވައިގެން އިނުމަށްފަހު ޒަކީ އަށް އަހައިލެވުނެވެ. އެވަގުތު އާހިލް އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

“ދިހަ އަހަރު. މީގެ ދިހަ އަހަރު ކުރިން ފެށިގެން އާހިލް އަށް ތިވަނީ އާއިމާ ދެކެ ލޯބިވެވިފަ؟ ޕިސް، ޕިސް، މަވާ ކޮސްޑް އިނގޭ!” ޒަކީ އަށް ލިބުނު ޝޮކްގައި އަނެއްކާވެސް ސުވާލުކުރި އެވެ.

“މިއީކީ ރަނގަޅު ކަމެއް ނޫން. އޭރު އަހަންނަކީ ކުޑަކުއްޖެއް. އޭރަކު މަށަކަށް ނޭނގޭ ރަނގަޅެއް ގޯހެއް. އޭނަ ކުލާހަށް އަލަށް ވަތް ވަގުތު ހާދަ ސަޅިވެފަ ހިތްގައިމޭ. އެދުވަހުން ފެށިގެން އިއްތިފާގުން ނަމަވެސް އަހަންނަށް މި އުޅެވެނީ އޭނާ ފެންނަ ހިސާބުގަ އަބަދުވެސް. އޭނާގެ އެ ހުންނަ ދަގަތްފާނީ ބާރަށް އަހަރެން ދަމުން ގެންދަނީ. އެކަމަކު މަށަށް ކުރެވެމުން ދިޔައީ ގޯސް ކަމެއްކަން އެނގުނު ހިސާބުން ވިސްނިއްޖެ އޭނަދެކެ އަހަރެން ލޯބިވެގެން ނުވާނެކަން. އެއީކީ ހަލާލު ކަމެއް ނޫން. އެއީ ގޯހެއް.” ދެފަރާތަށް ބޯހޫރަމުން އާހިލް ބޮޑުފަތިވަރެއް އަމުނާލި އެވެ.

“އާހިލް ނިކަން ހަމަޖެހިބަލަ. އެހެން މީހަކާ ދޭތެރޭގައި ޠާހިރު އިޙްސާސެއް ކުރެވުމަކީ ފާފައެއް ނޫނޭ. އަދި ތިބުނީ މީގެ ދިހަ އަހަރު ކުރިން ފެށިގެން ތި ހުންނަނީ ލޯބިވެވިފައޭ. އިޓްސް ނޮޓް އަ ޖޯކް އޯކޭ. އަހަރުމެންގެ ދީނަކީ ހަރުކަށި ދީނެއް ނޫން. އެއީކީ މީހާ ގައިގަ ކަސްތޮޅެއް އަޅާހެން މީހާ ބަނދެލާ ދީނެއް ނޫން. އިސްލާމް ދީނަކީ މީހުންނަށް ވޭން ލިއްބައިދޭ ދީނެއް ނޫން. އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީން. އެއީ ދިރިއުޅުމަށް ހަމަޖެހުމާއި އުޖާލާކަން ގެނެސްދޭ ދީން. އިސްލާމް ދީނުގެ ސަބަބުން އަހަރެމެންނަށް ވަނީ ކަންތައްތައް ފަސޭހަ ވެފަ. އެކަމަކުވެސް ޝައިޠާނާގެ ކިބައިން އަހަރެން ރައްކާތެރިވެގެން އުޅުމަށް މާތްﷲ އެދިވޮޑިގަންނަވާ. އެހެންވެގެން އަހަރެމެންނަށް އަނގަވާފަ ވަނީ ބެލުންތައް ތިރިކުރުމަށް. އެއީ އެ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްވެ ތިބުމަށް. ނަމަވެސް އޭގެ މާނައަކީ އެހެން އިންސާނެއްދެކެ ލައިކް ވުމަށް ނުވަތަ ލޯބިވުމަށް އެކަލާންގެ ހުއްދަ ނުކުރެއްވުމެއް ނޫން. ލޯތްބާ ސުލްހަ މަސަލަސް ކަމަކީ އަހަރުމެންނަށް އިސްލާމްދީނުން ލިބިފައިވާ ކަމެއް. ދެން ކީއްވެ އާހިލް ތިހާ ނެގެޓިކްކޮށް ތި ވިސްނަނީ؟”

ޒަކީ މަސައްކަތް ކުރަމުން ގެންދިޔައީ އާހިލް އަށް ވިސްނައިދިނުމަށެވެ. އެކަމަކުވެސް ޒަކީގެ ވާހަތަކަށް އެއްބަސް ނުވެވޭކަން ދެއްކުމަށް އާހިލް ބޯހުރަމުން ގެންދިޔައެވެ.

“ނޫން. އަހަންނަކީ ގޯސް މީހެއް ވީމަ މިގޮތަށް އޭނާދެކެ ލޯބި މިވެވެނީ. އަދި އެއަށްވުރެން ބޮޑަށް އަހަރެންގެ ސަބަބުން އެހެން މީހަކު ރޯން ޖެހުމަކީ ހަމަ އަހަރެންގެ ގޯސްކަމުން ވާކަމެއް.” ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އިނދެ އާހިލް ބުންޏެވެ.

“އަސްލު ޚުދު އަހަންނަށްވެސް މިވަނީ އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލިފަ. އަހަރެން އޭނާއާއި ދުރަށް ދާން ބޭނުންވާ ކޮންމެ ފަހަރަކު އަހަންނަށް ދެވެނީ އޭނާއާއި ކައިރިވެވެމުން. އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އަހަރެން އަބަދުވެސް ވިސްނަމުންދަނީ އޭނާއާމެދު. މި ހުރިހައި ކަމެއްގެ ތެރެއިން އަހަންނަށް މި ކުރެވޭ ކަމަކީ އަހަރެންގެ ރައްބު ރުހިވޮޑިގެން ނުވާ ކަންކަން. ހަދާނެ އެއްވެސް ގޮތެއް މިހާރު މަށަކަށް ނޭނގެ.”

އެނދުމައްޗަށް ވެއްޓިގަންނަމުން އާހިލް ބުންޏެވެ.

އެންމެ ގާތް ރަހުމަތްތެރިޔާ އަށް ޖެހިފައިވާ ހާލު ފެނުމުން ޒަކީގެ ހިތުގައި ހަމަ ރަނގަޅަށް ޖެހިއްޖެ އެވެ. ރަހުމަތްތެރިޔާ އެގޮތަށް ހަލާކުވެ ދާތަން ދުށުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

“އާހިލް އޭނަދެކެ ތި ލޯބިވާވަރަށް އޭނަ އާހިލް ދެކެ ލޯތްބެއް ނުވޭދޯ؟” ޒަކީ މިހެން ބުނުމާއެކު އާހިލް އިސްއުފުލާ ޒަކީއަށް ބަލައިލި އެވެ.

“އޭނަވެސް ލޯބިވޭ.” ހިނިތުންވެލަމުން އާހިލް ބުންޏެވެ.

“ކިހިނެތް ތިޔެއް އެނގެނީ؟” ހީވާކަހަލަ އެވެ. ޒަކީ ބޭނުންވަނީ އާހިލް ގެ ހިތުގެ ހުރިހައި އުދާހެއް ބޭރުކޮށްލާށެވެ.

“މަށަށް ހަމަ އެނގެނީ. ކޮންމެ ދުވަހަކު އޭނާ އަހަންނާދިމާއަށް ކަޅިޖަހައިލުމެއް ނެތި ބަލަމުންދާކަން މަށަށް އިހްސާސް ކުރެވޭ. އެ ބެލުމުން ބުނެދެނީ އޭނާ އަހަރެންދެކެ ލޯބިވާ މިންވަރު. އެކަމަކުވެސް މަށަށް އެނގޭ މީކީ ރަނގަޅު ކަމެއް ނޫންކަން. މިއީ މާތްﷲ ރުހިވޮޑިގެން ނުވާކަމެއް. އަހަރުމެން އެކަކު އަނެކަކު ފެންނަ ހިސާބަށް ވެސް ދިއުން ރަނގަޅެއް ނޫން. އަހަރުމެންގެ ހިތުގައި އެކަކު އަނެކަކާމެދު މި އިހްސާސް އުފެދުމުގެ ފުރުޞަތު ދެވުނުކަމީވެސް ހެދުނު ބޮޑު ގޯހެއް. މިއީ އަހަރުންނަށް އިތުރު ވޭނެއް ލިއްބައިދޭ ކަމެއް. މިއީ އަހަރެންގެ ރައްބު ރުހިވޮޑިގެން ނުވާކަމެއް.” މިހެން ބުނުމާއެކު އާހިލް އެނދުން ތެދުވިއެވެ.

“އަޅޭ… ތީދެން ވަރަށް ހެއްވާ ކަމެއް. އާހިލް ތި ހީކުރަނީ ތިބުނާ އިހްސާސަކީ ދެމީހުންގެ ހިތުގައި އޭގެ އަމިއްލަ ޒާތުން އުފެދިގެން އައި އެއްޗެކޭތަ؟ ދެން އިރުއިރުކޮޅާ ތިބުނަނީ ތީ ގޯހެކޭ. އެކަމަކު ބުނަންތަ ވާހަކައެއް. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ތި ދެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދުގަ ލޯތްބާއި ކުލުނުވެރިކަން ލެއްވެވީ ތި ދެމީހުން ހަޔާތުގެ ބައިވެރިންނަށް ވުމަށްކަމަށް އަހަންނަށް ހީވަނީ. ތި ދެމީހުންދެކެ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ.” އަނެއްކާވެސް އާހިލް އަށް ވިސްނައިދިނުމަށް ވަރަށް ހިކުމަތްތެރި ވާހަކަކޮޅެއް ޒަކީ ބޭރުކޮށްލުމަށްފަހު އާހިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ. 

(ނުނިމޭ)

މާބަނޑު ދުވަސްވަރު ފިރިމީހާ ސިނގިރޭޓު ބޯނަމަ ހިތާމަޔަކާއި ކުރިމަތި ލާން ޖެހިދާނެ!

އަނބިމީހާ މާބަނޑު ދުވަސްވަރު ފިރިމީހާ ސިނގިރޭޓު ބޯނަމަ އަނބިމީހާ ބައިގެންދިއުމުގެ ފުރުސަތު ބޮޑު ކަމުގައި ޗައިނާގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފި އެވެ.

ޗައިނާގައި ކުރިއަށްގެންދިޔަ މި ދިރާސާއަކީ އާދައިގެ ދިރާސާއެއް ނޫނެވެ. މި ދިރާސާ ކުރުމަށް ގާތްގަނޑަކަށް ހަ މިލިޔަނަށްވުރެ ގިނަ މާބަނޑު އަންހެނުންގެ ރެކޯޑްސް އެއްކޮށް ދިރާސާކޮށްފައި ވެ އެވެ. މި ދިރާސާކުރި ޓީމުން ބުނެފައިވަނީ މާބަނޑު ދުވަސްވަރު ފިރިމީހާ ސިނގިރޭޓު ބޯނަމަ އަނބިމީހާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމުގެ ފުރުސަތު 17 އިންސައްތަ އަށް ބޮޑުވާކަމަށެވެ.

މި ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑަކުޓަރެއް ކަމުގައިވާ ޑރ އެލިސަން ހޮލޮވޭ ބުނެފައިވަނީ މާބަނޑު ދުވަސްވަރު އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާނަމަ ބަނޑުގައިވާ ދަރިއަށް އެކަމުގެ ގެއްލުން ވުމަކީ ޔަގީންކަމެއް ކަމުގައި މީގެ ކުރިން ހޯދިފައިވީނަމަވެސް ފިރިމީހާ ސިނގިރޭޓުބޯނަމަ ލިބޭ ގެއްލުމާއިމެދު ހޯދުންތަކެއް ހޯދިފައިނުވާކަމަށެވެ.

ޑރ. ހޮލޮވޭ ބުނެފައިވާގޮތުގައި ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރާނަމަ އަނބިމީހާގެ ބަނޑުގައިވާ ދަރިއަށް ގެއްލުންވަނީ ދެ ގޮތަކުންނެވެ. އެއް ގޮތަކީ “ސެކަންޑް ހޭންޑް ސްމޯކިން – ފިރިމީހާ ސިނގިރޭޓު ބުއިމުން ދުމުގެ އަސަރު އަނބިމީހާއަށް ކުރުން” އަދި ދެވަނަ ގޮތަކީ “ތާޑް ހޭންޑް ސްމޯކިން – ސިނގިރޭޓު ދުމުގެ ކެމިކަލްތައް ގޭތެރޭގެ ފަރުނީޗަރު އަދި ދޮރުފޮތި ފަދަ ތަންތާނގައި ހަރުލާފައި ހުރެ އެ ކެމިކަލްތަކުން އަނބިމީހާއަށް ގެއްލުންވުން” ކަމަށެވެ.

 

ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ ން އަދި ރަނިންގމޭޓް ޖޭޕީން ނެރޭގޮތަށް ނިންމައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ގުޅުފައިވާ ޕާޓީތަކުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ ން އަދި ރަނިންގމޭޓް ޖުމްހޫރީ ޕާޓީން ނެރެގޮތަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ދައުލަތް ހިންގުމުގެ މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށް، ގާނޫނުތަކާއި، ގަވާއިދުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހިރާއްޖެއަށް ތައާރަފްކުރި ޑިމޮކްރަޓިކް ނިޒާމް ވެއްޔާ މޮޑެލާ، އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތައް ނިގުޅައިގަނެ، އަދުގެ ސަރުކާރުން ކުރަމުންދާ އަނިޔާވެރި އަދި ޚުދުމުޚުތާރު ވެރިކަން ނިމުމަކަށްގެނެސް، ގުޅިފައިވާ ސިޔާސީ ޕާޓީތައް އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ޕާޓީތަކެއް ތަމްސީލުކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓެއް ނެރެ، އިންތިޚާބު ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުުރުމަށް ނިންމާފައިވާކަމަށެވެ.

ގައުމު އިސްލާހްކުރުމަށް އިދިކޮޅު ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާއިރު ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޕާޓީތަކުން މަޝްވަރާކުރާތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ މަޝްވަރާތަކަށް “އަށާރަ، ނަވާރަ” މިނަމުގައި ޚާއްސަ ކޮމެޓީއެއް އެކުލަވާލާ ޕާޓީތަކުގެ އެންމެ އިސް ލީޑަރުން ތަމްސީލްކުރުމަށް މަންދޫން ކަނޑައަޅާ ލީޑަރުންގެ މަޝްވަރާގެ މަތިން ބައްދަލްވުންތައް ދިޔައީ ބާއްވަމުންނެވެ.

ނަމަވެސް މި ބައްދަލްވުންތަކުން އެކަށީގެންވާ ނަތީޖާތަކެއް ހާސިލްނުވެ، އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް ކުޑަވެފައިވަނިކޮށް ރޭ މިފަދަ މުހިންމު ނިންމުމެއް ނިންމުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ހުރިހާ ޕާޓީތަކުންވެސް ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބުދުﷲގެ އިތުރަށް ރައީސް މައުމޫންވެސް ޖަލު ހުކުމް އިއްވާފައިވާއިރު، އެ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރުތަކެއް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އަދި ވާދަވެރި ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވާލުމުގެ ގޮތުންވެސް އެތަށްކަމެއް ސަރުކާރުން ވަނީ ކޮށްފައެވެ. މީގެ އިތުރަށް ގާނޫނަށް ބަދަލުގެނެސް ރިޔާސީ ރޭހުން ލީޑަރުން ބޭރުކުރުމުގެ މަސައްކަތްވެސް ސަރުކާރު ވަނީ ފަށާފައެވެ.

 

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ފަށައިފި

އދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ގައުމީ ކޮންގްރެސް އއ. އުކުޅަހުގައި ފަށައިފި އެވެ.

އުކުޅަހުގައި ކުރިއަށް ގެންދާ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން އުކުޅަހަށް މިއަދު ހެދުނު ވަޑައިގަތުމުން އެރަށުން ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމީ މާލެއިން ކޮންގްރެސް ބާއްވަން ސަރުކާރުގެ އެއްވެސް އިމާރާތެއް ހަމަޖައްސައި ނުދިނުމުންނެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓް މިއަދު ކަނޑައަޅާ އިއުލާންކުރާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު އެޕާޓީގެ ކޮންގްރެސްގައި ކަނޑައަޅަން ނިންމީ ގާނޫނީ ހުރަސްތަކެއް ކުރިމަތިވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރެވެން ނެތުމުންނާއި އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ރައީސް ނަޝީދު އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

 

ފިލްމު “ބަދުލާ” ގައި ތާޕްސީ ކުޅެނީ ވިޔަފާރިވެރިއެއްގެ ރޯލު

ބޮލީވުޑް ބަތޮލާ ތާޕްސީ ޕަންނޫ އަމީތާބު ބައްޗަން އާއެކު ކުޅެމުން އަންނަ ފިލްމު “ބަދުލާ”ގައި ތާޕްސީ ކުޅެނީ ވިޔަފާރިވެރި ވަރުގަދަ އަންހެނެއްގެ ރޯލުކަން ހާމަކޮށްފި އެވެ.

އެ ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަނީ ސްކޮޓްލެންޑްގައި އެވެ. މި ފިލްމަކީ ޑިރެކްޓަރު ސުޖޯއީ ގޯޝްގެ ފިލްމެކެވެ.

މިއީ ތާޕްސީ އަދި އަމީތާބް ބައްޗަން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. ކުރިން މި ދެ ތަރިން އެކުގައި ކުޅެފައިވަނީ ފިލްމު “ބްލެކް” އެވެ.

މި ފިލްމާއި ބެހޭ މާ ގިނަ ތަފްސީލުތަކެއް އަދި މީޑިއާއަށް ތިލަވެފައެއް ނުވެ އެވެ. ނަމަވެސް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށާއި ފިލްމު “ބްލެކް” އަށް ލިބުނުވަރުގެ ކާމިޔާބީއެއް މި ފިލްމަށްވެސް ލިބޭނެކަމަށެވެ.

މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއްވެސް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އަންނަ އަހަރުގެ ފުރަތަމަކޮޅު މި ފިލްމު ރިލީޒް ކުރާނެ ކަމުގައި ބެލެވެ އެވެ.

އެމްޑީޕީގެ ކޮންގްރެސްއާއި ދިމާކޮށް ގްރީންޒޯނު ސަރަހައްދުން ނުފުރޭނެކަމަށް ފުލުހުން އަންގައިފި

އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން ފުރުމަށް ތައްޔާރުވެފައި ވަނިކޮށް ގްރީންޒޯނު ހިމެނޭ ސަރަހައްދުގެ އެއްވެސް ދިމަލަކުން ނުފުރޭނެކަމަށް ބުނެ ފުލުހުން އިންޒާރު ދީފިއެވެ.

އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ކޮންގްރެސް އަށް މަންދޫބުން މާލެއިން ފުރަން  ތައްޔާރުވެފައިވަނިކޮށް ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން އެއްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގެ ނަމުގައި ގާނޫނާ ހިލާފް އަމަލުތަކެއް އެސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ގްރީން ޒޯންގައި ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ އަމަލެއް ކުރަން އުޅޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އއ.އުކުޅަހުގައި ފަށާ އެމްޑީޕީގެ ތިންވަނަ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން މާދަމާ ހެނދުނު އުކުޅަހަށް ގެންދިއުމަށް 40 އަށްވުރެ ގިނަ އުޅަނދު ތައްޔާރުކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1184 މީހުންނަށް ލިބިގެންވާ ކަމަށް އެޕާޓީން ބުނެއެވެ.