ވީއައިއޭގައި ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް، ފްރެންޗައިސް ރެސްޓޯރެންޓުތައް ހުޅުވުން އަންނަ މަހު

އޮސްޓްރޭލިއާގެ ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުޅުވައިފި އެވެ.

އެއާޕޯޓްގެ ޑިޕާޗާ ހޯލްގައި ހެދި އެ އައުޓްލެޓަކީ ރާއްޖޭގައި ހުޅުވި ގްލޯރިއާ ޖީންސްގެ ދެވަނަ އައުޓްލެޓެވެ. އެ ފްރެންޗައިސްގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވީ، ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ޕެވިލިއަންގަ އެވެ.

ގްލޯރިއާ ޖީންސްގެ އައުޓްލެޓް ވީއައިއޭގައި ހުޅުވުމަށް މިއަދު ބޭއްވި ހަފްލާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ހުޅުލޭ ވޯޓާ ފްރަންޓުގައި ހުޅުވާ ރެސްޓޯރެންޓުތަކުގައި މިހާރު ކުރިއަށްދަނީ އިންޓީރިއާ އާއި ބަދިގޭގެ މަސައްކަތް ކަމަށެވެ.

އަދި އަންނަ މަހުގެ ފަހުކޮޅު އެތަން ވެސް ހުޅުވާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

ވޯޓާ ފްރަންޓުގައި ހުޅުވާ ރެސްޓޯރެންޓުތަކަށް އިންޓަނޭޝަނަލް ފްރެންޗައިސްތައް ގެނައުމަށް ހަވާލުކޮށްފައި ވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް އާއެވެ.  އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ.

ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތުގައި އަލަށް ހުޅުވައި އެފްއެންބީ ރެސްޓޯރެންޓްތަކުގެ ތެރޭގައި ކޭއެފްސީ، ޕިއްޒާހަޓް އަދި ކޯސްޓާ ކޮފީގެ އައުޓްލެޓުތައް ހިމެނޭނެ އެވެ.

ބްރިޖްގެ ދަތުރުތަކަށް ނުވަ ބަސް ގެނެސްފި

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖް، ސިނަމާލެ ބްރިޖްގައި ދުއްވާ ބަސްތަކުގެ ފުރަތަމަ ޝިޕްމެންޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ ގެނެސްފި އެވެ.

އަންނަ މަހުގެ ފަހުކޮޅު ހުޅުވަން ތައްޔާރުވަމުންދާ ބްރިޖުގައި ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްޕީއެލް އިން ގެނައި ފުރަތަމަ ގެނެސްފައިވަނީ ނުވަ ބަހެވެ. އެއީ 40-45  މީހުންގެ ޖާގައިގެ  ކައުޗް ބަސްތަކަކާއި ސިޓީ ބަހެކެވެ.

އަދި އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު ހަ ބަސް ގެންނާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އެމްޕީއެލް އިން ގެންނަ ބަސްތަކުގެ ތެރޭގައި ހިމެނެނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ވަނީ ނިންމައިފައެވެ.

އެ ކުންފުނިން މިހާރު ދަނީ ބަހުގެ ހިދުމަތް ދޭން 45 ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބްރިޖްގެ ދަތުރުތަކަށް އެމްޕީއެލުން 100 މިލިއަން ރުފިޔާ އިންވެސްޓްކުރާއިރު އެ ކުންފުނިން ކުރިން ބުނެފައިވަނީ، ބްރިޖުގައި ދުއްވާ ބަސްތައް ކޮންމެ ދިހަ މިނެޓަކުން އެއް ފަހަރު ދަތުރެއް ކުރާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރަނީ

ސެޕްޓެމްބަރު މަހުގެ 4 އިން 15އަށް ބަނގުލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު، ގަތަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކޭމްޕް ކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަދައްކަވަމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ދަނޑަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

“ތަމްރީނުތައް ހެދުމަށް ކުޑަވަރެއްގެ ބަދަލުތަކެއް މިއައީ. ދަނޑުގެ ކަންތައްތަކާ ހުރެ. އެންމެ ރަނގަޅު ގޮތަކަށް ޓްރެއިން ހަދަން ބަލާ، ގަތަރުގައި ގައުމީ ޓީމު ފަރިތަކުރާ ގޮތަށް މި ނިންމީ،” އޭނާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ އަންނަ މަހު ހައެއް ހިސާބުގައި ގަތަރަށް ޓީމު ފުރާނެ ކަމަށާއި އޭރުން ފެށިގެން ޓީމު އެކޮޅުގައި ފަރިތަކޮށްފައި ރާއްޖެ ނައިސް ބަންގާޅަށް ދާނެ ކަމަށެވެ. އަދި ގަތަރުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަތަރު ކޭމްޕްއާ ގުޅޭގޮތުން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނީ ގަތަރަކީ ޓީމަށް ރަނގަޅު މާހައުލަކަށް ވާނެ ކަމަށާއި ވަސީލަތްތައް ރަނގަޅުވުމުގެ އިތުރުން މުބާރާތުގެ ކުރިން ޓީމުގެ ކެއުމަށް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. އެ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލި އިރު، ރާއްޖެ ހިމެނެނީ ހަތް ފަހަރުގެ ޗެމްޕިއަން އިންޑިއާއާއި ސްރީލަންކާއާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝްއާއި ނޭޕާލާއި ބޫޓާން އަދި ޕާކިސްތާނެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުނިކުރަން އުޅޭ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފި

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުނިކުރަން ސަރުކާރުން އުޅޭ ކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުންގެންދާ ވާހަކަތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދޮގުކޮށްފިއެވެ.

ގާނޫނުލްއުގޫބާތުގައި މިހާރު އޮންނަ ގޮތުން 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމާއި ހިފުމާ ގުޅޭ މާއްދާއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ގާނޫނުލްއަގުބާތަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައި 510 ގައި ރިޝްވަތުގެ ވާހަކައެއް ނުހިމެނެއެވެ. ކޯޓުތަކުގެ ހުރުމަތް ކެނޑުމާ ބެހޭ މާއްދާ ހިމެނުނު ނަމަވެސް އެ ގާނޫނާއެކު އުވިގެންދާނެ މާއްދާތައް ކަމަށް ބުނެފައިވާ ބައިގައި ވެސް ރިޝްވަތުގެ މާއްދާއެއް ނުހިމެނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވާ ބާބަށް މާއްދާތަކެއް އިތުރުކޮށް އާ އިސްލާހު ތަކަކާއެކު މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ އެ ބިލަކީ ގާނޫނޫލްއުގޫބާތަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުތަކާ އެއްކޮށް ވަކިވަކިން އިސްލާހުތަކެއް ގެންނަން ހުށަހެޅި ބިލެއް ކަމަށާއި ރިޝްވަތާއި ކޮރަޕްޝަނުގެ ބާބަށް ގެނެވުނު އިސްލާހުތައް މަޖިލީހަށް ހުށަހެޅި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ކިޔުން ނީއްވާ މަޑުޖައްސާލީ ޕީޕީއެމް ޕީޖީ ގުރޫޕުން އެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދިއުމުން ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުގައި ދައުލަތުގެ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި ދައުލަތުގެ މުވައްޒަފަކު ރިޝްވަތުގައި ހިފުމަކީވެސް ކުށެކެވެ. އަދި ބީލަމާ ގުޅޭ ގޮތުން ރިޝްވަތު ދިނުމާއި ރިޝަވަތު ހިފުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުންވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮރަޕްޝަނުގެ ކުއްތަކަށްވެސް ވަކިން ބާބެއް އިސްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ރަސްމީ ގަޑީގައި އަމިއްލަ ކަންކަން ކުރުވުމާއި ކޮރަޕްޝަނުގެ އަމަލުން ހޯދާފައިވާ ފައިސާއަށް ބަދަލުގެނައުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އިސްލާހުތައް ނިމިގެން އަންނާނީ އައިބީއާއި އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުތައް އެކުއެކީގައި ކަމަށް ނިހާން ވިދާޅުވިއެވެ.

އަފްގާނުގައި ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި 11 މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އާންމުން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 11 މީހަކު މަރުވެއްޖެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން، މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހާދިސާގައި 40 މީހަކު ވަނީ ޒަހަމްވެފައެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު އެފަދަ ހަމަލާތަކުގެ ޒިންމާ އާންމުގޮތެއްގައި އުފުލަނީ އެގައުމުގައި އުޅޭ ތާލިބާނު ޖަމާއަތުންނެވެ.

އަދި މިފަހަކަށް އައިސް ތާލިބާނުން އަންނަނީ ކާބުލްގައި މިފަދަ އެތައް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި މިއަހަރުގެ މިހާތަނަށް 232 އާންމުންވަނީ މަރުވެފައެވެ.

ރައީސް ޔާމިން އަށް ޖަވާބުދޭނީ އިންތިޚާބުގައި ރައްޔިތުން ނިކުމެ : އިބޫ

ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންކަމުގައި ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޔިތުންގެ ތާއީދު ހޯދެއްވުމަށް ގުޅިފައިވާ ކޯޅިޝަންގެ ފަރާތުން ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު  ނިންމަވާލެއްވުމަށް މާލެ ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް  ކުރިމަތިކުރެއްވި ސުވާލުތަކަށް ރިޔާސީ އިންތިޚާބުގެ ވޯޓުން ރައްޔިތުން ޖަވާބު ދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް އަމާޒު ކުރައްވާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމިން ވަނީ އިދިކޮޅު ޕާޓީތަކުން އަދުލު އިންސާފަށް ނުފޫޒު ފޯރުވައިގެން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ނެރުއްވީ ކީއްވެގެންތޯ އާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންތަކުގެ މައުލޫމާތުތަށް ރައްޔިތުންނަށް އިބޫ ސާފު ކޮށްދެއްވަންޖެހޭ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ކުރައްވާފައި ހުރި ކަންކަން ތަކުރާރު ކުރައްވާނެތޯ އާއި ރާއްޖޭގެ ހަރުމުދާ ވިއްކާނަންތޯ ވެސް ރައީސް ޔާމީން ވަނީ އިބޫއަށް އަމާޒުކޮށް ސުވާލުކުރައްވާފައެވެ.

ރައީސްޔާމިންގެ މި ސުވާލުތަކަށް އިބޫ ވަނީ ކުރުގޮތަކަށް ޖަވާބުދެއްވާފައެވެ. ނޫސްވެރިނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް  ޔާމިންގެ ސަރުކާރުގެ ކަންތައްތަކާ އަމަލުތައް ހުރިގޮތް ރައްޔިތުންނަށް އިތުރަށް ސާފްކޮށްދޭން ނުޖެހޭކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ޖަވާބު ވަރަށް ސާފްކޮށް ރައީސް ޔާމިންއަށް ލިބިގެންދާނެކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 23ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ރައްޔިތުން ބޭނުންވާ ޖަވާބު ދެއްވާނެ. ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވުމަކީ ވަރަށް ބޮޑު އެދުމެއް.” ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

100 އެމްބީޕީއެސްގެ ދުވެލީގައި އުރީދޫ ސުޕަނެޓްގެ ހިދުމަތް އައްޑޫ ސިޓީއަށް

ސަތޭކަ އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕާނެޓްގެ ހިދުމަތް އައްޑޫ ސިޓއަށް ތައާރަފްކޮށްފި އެވެ. އެ ހިދުމަތް މިހާރު ލިބިގެންދާނީ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށެވެ. ނަމަވެސް އައްޑޫގެ އިތުރު ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް ސުޕަނެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، އައްޑޫއަށް ސުޕަނެޓްގެ ހިދުމަތް ތައާރަފްކުރުމުގެ އުފަލުގައި އަދި އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫ އިން އައްޑޫގައި ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން 30 އޮގަސްޓް 2018 ގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި އުރީދޫ ސުޕަރނެޓްގެ ހިދުމަތް ޙިޔާރު ކުރައްވާ އެންމެހާ ބޭފުޅުންނަށް، 13 މަސްދުވަސް ވަންދެން ޕެކޭޖުން 50 ޕަސެންޓް ގެ ބޯނަސް ޖީބީ ލިބިގެންދާނެ އެވެ.

އަދި އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ސުޕަނެޓުގެ ހިދުމަތް ދިނުމަށް އެއްވެސް އެކްޓިވޭޝަން ފީ އެއް އަދި ޑިޕޮސިޓެއް ވެސް ނުނަގާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ކުރިއެރުމާއި ތަރައްގީ ފޯރުކޮށްދިނުމެވެ.

އެގޮތުން، އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

“ފާއިތުވެ ދިޔަ 13 އަހަރުތެރޭގައި ދިވެހި ރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދިނުމަށް އުރީދޫ އިން މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އަދި ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާ އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް،”  ނިޔާޒު ވިދާޅުވި އެވެ.

އުރީދޫއިން ބުނީ، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތާއެކު މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާ، ސުޕަނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް

މަސައްކަތް ކުރަން އޭޝިޔާގައި އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަނެއްކާ ވެސް ހިމެނިއްޖެ އެވެ.

މިއީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގް އިންސްޓިޓިއުޓް އިން ދޭ ޝަރަފްވެރި “އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ބީއެމްއެލް އިން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ.

ބީއެމްއެލް އަށް މި އެވޯޑް ދީފައިވަނީ އެ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީންކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފަ އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވުނު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.  އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެ އެވޯޑާ ހަވާލުވެފައިވަނީ އެ ބޭންކުގެ  ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖަރ ފާތިމަތު މައިޝާ އާދަމް އެވެ.

އެވޯޑް ލިބުމާ ގުޅިގެން ސަހާ ވިދާޅުވީ، ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“އޯގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުން ނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. އަދި ދެވަނަ ފަހަރަށް ވެސް މި އެވޯޑް ރާއްޖެއަށް ގެނެސްދިނުމަށް ޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން. އެ ޓީމުގެ ދެވަނައެއް ނުވާ ޕްރޮފެޝަނަލް މަސައްކަތާ އެކު މި ކާމިޔާބު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކުގެ މެނޭޖަރުންނާއި މުވައްޒަފުންގެ ޓީމަކީ ވެސް އެކުއެކީގައި މަސައްކަތްކުރުމަށް އިސްކަންދީ އަދި އެކަށިގެންވާ މަސައްކަތުގެ މާހައުލެއް ބޭންކުގައި ގާއިމްކުރުމަށް ވަރަށް އިސްކަންދޭ މުވައްޒަފުން.” ސަހާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުނި، ބީއެމްއެލްއަކީ “އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް” ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ގެންދާ ކުންފުންޏެކެވެ.

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތު ތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެމްޑީޕީން ފުރާ ރީ ރަޖިސްޓްރޭޝަން ފޯމްތަކުގައި ދަނީ ނުބައި ފިންގަޕުރިންޓް ޖަހަމުން: ހަލީލް

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތައް ފުރުމުގައި އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީއިން ބޮޑެތި މަކަރު ހަދަމުންދާ ކަމަށް ޕީޕީއެމުން އަނެއްކާވެސް ތުހުމަތު ކޮށްފި އެވެ.

އެ ތުހުމަތުތައް ކުރައްވައި ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކި މީސްމީހުންގެ ނަމުގައި ފޯމް ފުރައި ނުބައި ފިންގާ ޕްރިންޓް ޖަހަމުންދާ ކަމަށެވެ. އަދި އެކި މީހުން ފުރާ ފޯމްތައް ލިބުމުން ވޯޓް ނުލިބޭނެކަން ކަށަވަރުވާނަމަ އެ ފޯމެއް އިލެކްޝަން ކޮމިޝަނަށް ނުފޮނުވާ ނައްތާލަމުންދާ ކަމަށް ވެސް ހަލީލް ވިދާޅުވެފައިވެ އެވެ.

“ރައްޔިތުންނަށް ލިބިފައިވާ ވޯޓް ލުމުގެ ހައްގަށް މިގޮތަށް އަރައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. 2008 ގެ އިންތިހާބު ގަޑުބަޑުކުރި ގޮތަށް ރައްޔިތުން ވޯޓުން މަހްރޫމްކޮށްގެން އެ ފުރުސަތު މިފަހަރު ލިބޭނެ ކަމަށް ހީނުކުރާތި،” ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ކުރުމަށް ކަމަށް ބުނެ އެ ކޮމިޝަންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން މިމަހުގެ ތެރޭގައި ކުރި މުޒާހަރާ ހަރުކަށިކޮށް ކުށްވެރިކޮށް ހަލީލް މީގެ ކުރިންވެސް ވަނީ ޕީޕީއެމްއަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން އެ މުޒާހަރާއަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް ބިރު ދައްކައިގެން އެ ކޮމިޝަންގެ މިނިވަންކަން ނަގާލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ކަމަށް އޭރު ހަލީލް ވިދާޅުވެފައިވެ އެވެ.

ރި- ރެޖިސްޓްރޭޝަން ފޯމު ފުރުމުގައި އެމްޑީޕީން މަކަރު ހަދަމުންދާ ކަމަށް ޕީޕީއެމުން ބުނަމުންދާއިރު، އެ ތުހުމަތު އެމްޑީޕީން ވެސް ދަނީ ޕީޕީއެމަށް ކުރަމުންނެވެ. އެގޮތުން ޕީޕީއެމުން ކުރިއަށް ގެންދާ ރީ-ރެޖިސްޓްރޭޝަންގެ ކަންކަމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބޭނުންކުރަމުންދާ ކަމަށް އިދިކޮޅުން ބުނެ އެވެ.

ރި-ރެޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 11 ވަނަ ދުވަހެވެ. މިހާތަނަށް 17000 އަށް ވުރެ ގިނަ މީހުން ރި-ރެޖިސްޓްރީވާން އެދި ހުށަހަޅާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އޭޝިޔާގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް

މަސައްކަތް ކުރަން އޭޝިޔާގައި އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަނެއްކާ ވެސް ހިމެނިއްޖެ އެވެ.

މިއީ ޝަރަފްވެރި “އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ބީއެމްއެލް އިން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ. ސިންގަޕޫރުގައި މިއަދު ބޭއްވުނު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބީއެމްއެލް އަށް މި އެވޯޑް ދީފައިވަނީ އެ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީންކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމަުންދާ މަސައްކަތް ފާހަގަކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މުވައްޒަފުންގެ ކަންކަމުގައި ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާއި ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރަފުވެރި އެވޯޑް “އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” މި ފަހަރު ވެސް އެ ބޭންކަށް ލިބިފައިވާ ކަމަށެވެ.

ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ ބޭންކުގެ ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖަރ ފާތިމަތު މައިޝާ އާދަމް އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަ ދައްކަވަމުން ސަހާ ވިދާޅުވީ ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

” އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުން ނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. އަދި ދެވަނަ ފަހަރަށްވެސް މި އެވޯޑް ރާއްޖެއަށް ގެނެސްދިނުމަށްޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން.” ބޭންކުގެ ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. “އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް” ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.