ޖޭއެސްސީ ގެ މެންބަރު ކަމަށް ރޭނީސް ސަލީމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އައްޔަން ކުރައްވާ މެންބަރު ކަމަށް މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އައްޔަން ކުރައްވައިފި އެވެ.

މަޝްހޫރު ގާނޫނީ ވަކީލް އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާއިރު އިރު، ރައީސް އެކުލަވާލައްވާފައި އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ވެސް ސަލީމް ހިމެނި ވަޑައިގަންނަވަ އެވެ. ޖޭއެސްސީގައި ސަލީމް މަސައްކަތް ކުރައްވަނީ އެސެޓް ރިކަވަރީ ކޮމިޝަންގައި ވެސް ހުންނަވައިގެނެވެ.

މީގެ ކުރިން ވެސް ޖޭއެސްސީގެ މެންބަރުކަން ކުރެއްވި އަދި ބަންޑާރަ ނައިބު އޮފީހުގެ އިސް މަގާމުތައް ވެސް ފުރުއްވެވި ސަލީމަށް ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅުމަތީގައި މިއަދު ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ޖޭއެސްސީގައި މީގެ ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވީ މުހައްމަދު ފައިސަލެވެ.

އިބޫ ހޮވިއްޖެނަމަ 7 ފެބްރުއަރީ ތަހުގީގުކޮށް، އިދިކޮޅުގައި ތިއްބެވި ބޭފުޅުން ޖަލަށްލާނެ: ޝަހީމް

އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހޮވިއްޖެނަމަ، 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ހިނގި ކަންތައްތައް ތަހުގީގުކޮށް، އިދިކޮޅުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ޖަލަށްލާނެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޝަހީމް ވިދާޅުވީ، މީގެ ކުރިން ހިނގާފައިވާ ކަންތައްތައް ބަލައި ތަހުގީގު ކުރާނެކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނާއިރު ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެމްޑީޕީން ބާޣީންގެ ގޮތުގައި ސިފަ ކުރި، އަދި އެބޭފުޅުންނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށެވެ.

އަދި ވިދާޅުވީ، ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތައް ނުބައްލަވާނަމޭ ބުނާކަށް އިބޫއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

“ކެންޑިޑޭޓް ]އިބޫ[ ނުކުމެވަޑައިގެން ވިދާޅުވެބައްލަވާ ހަތެއް ފެބްރުއަރީ ތަހުގީގު ނުކުރާނަމޭ. ހަތެއް ފެބްރުއަރީ އެމީހުން ތަހުގީގު ކުރާނެ. އަދި އެމީހުން ބާޣީންގެ ގޮތުގައި ސިފަ ކުރި އެންމެންގެ މައްސަލަތައް އަލުން ބަލާނެވެސްމެ. އެގޮތަށް ބަލާފައި އިތުރު 25 އަހަރަށް އެމީހުން ޖަލަށްލާނެވެސްމެ،” ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭރު އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމްއާއެކު ގުޅިފައިވާ އިއްތިހާދަކުން ސިލްސިލާ ގޮތެއްގައި ކުރި މުޒާހަރާތަކަށްފަހު ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި އެވެ.

އަދި އޭގެ ފަހުން ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ބުނެ، މިހާރު އެމްޑީޕީއާއެކު ގުޅިގެން މަސައްކަތްކުރަމުންދާ ބައެއް އިސް ބޭފުޅުންނަށް އެ ތުހުމަތު އުފުލައި، އެ ދުވަހު ހިންގި ކަންތައްތައް ތަހުގީގު ކުރުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ފަދަ ބޭފުޅުން ހިމެނިވަޑައިގެންނެވި އެވެ.

މިރޭގެ ޕްރޮގްރާމްގައި ޝަހީމް ވިދާޅުވީ، ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންކަމުގައި އޭނާ އެއްވެސް ވަރަކަށް ބައިވެރިވެވަޑައިގަންފައި ނުވާނެ ކަމަށާއި އެކަން ހިނގައިދިޔައިރު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށެވެ.

ރި-ރެޖިޓްރޭޝަން ފޯމުތަކުގެ ސައްހަކަން ކަށަވަރު ކޮށްދޭން ފުލުހުންގައި އެދިއްޖެ

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގައި ޖަހާ ފިންގަ ޕްރިންޓްތައް ސައްހަތޯ ބަލައިދޭން އިލެކްޝަން ކޮމިޝަން (އީސީ)ގެ ފަރާތުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ހުށަހެޅި ރީ ރެޖިސްޓްރޭޝަން ފޯމްތަކުގެ ސަހައްކަން ވެސް ބަލާފައިވަނީ ފުލުުހުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ 2013 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރީ ރެޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ވާ ފިންގަޕްރިންޓް ސައްހަތޯ ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.

ރި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ކުރިއަށްދާއިރު، އެކަމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި މިހާތަނަށް ޖުމްލަ 17900 ފޯމު ރި ރެޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެއެވެ.

2045 ވަނަ އަހަރަށްދާއިރު ދުނިޔޭގެ އާބާދީގެ 22 ޕަސެންޓް މީހުން ތިބޭނީ ފަލަކޮށް!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ އެތައް މިލިޔަން މީހުންގެ މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާނަމަ މީގެ 27 އަހަރު ފަހުން ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ތިބޭނީ ފަލަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އާންމުކުރި ދުނިޔޭގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށް ބިިނާކޮށް އެ ދިރާސާ ހަދާފައިވަނީ، ޑެންމާކުގެ ހެލްތު ކެއަރ ކުންފުންޏަކުންނެވެ.

އޮސްޓްރިއާގެ ވިއޭނާގައި މިދިޔަ މެއި މަހު ބޭއްވި ޔޫރަޕިއަން ކޮންގްރެސް އޮން އޮބީސިޓީ އަށް ހުށަހެޅި އެ ދިރާސާގައި ބުނެފައިވާގޮތުގައި 2045 ވަނަ އަހަރާ ހަމައަށް ހަކުރު ބަލި ނުވަތަ ޑައިބަޓީސް ހުންނަ މީހުންގެ ނިސްބަތް 9.1 އިން 11.7 ޕަސެންޓަށް އިތުރުވާނެ އެވެ.

އަދި ދުނިޔޭގެ އާބާދީގެ 10 އިންސައްތައަށް ހަކުރު ބަލި ޖެހުން މަދުކުރަން ބޭނުންނަމަ ފަލަ ނުވަތަ އޮބީސިޓީ ހުންނަ މީހުންގެ ނިސްބަތް 25 ޕަސެންޓަށް ދަށްކުރަންޖެހޭ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އެކަން ކުރެވެން އޮތީ ކެއުމުގައްޔާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުތަކެއް ގެނެސްގެން ކަމަށާއި އަދި ހަކުރު ބަލިން އިންސާނުން ސަލާމަތް ކުރުމަށް ފަލަވުމާއި ގުޅުންހުރި ކަންކަމާމެދު ބައިނަލްއަގްވާމީ ފެންވަރެއްގައި ވިސްނައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ދިރާސާކުރި ކުންފުނިން ކޮންގުރެސްގައި ގޮވާލާފައިވެއެވެ.

އިދިކޮޅު ކެންޑިޑޭޓުން ނުލައި ބޭއްވި ކެމްބޯޑިއާގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބު ކޮށްފި

އިދިކޮޅު ކެނޑިޑޭޓަކާ ނުލައި ކެމްބޯޑިއާގައި  ބޭއްވި އާންމު އިންތިހާބު، މިހާރުގެ ބޮޑުވަޒީރު ހުން ސެން ކާމިޔާބު ކުރައްވައިފި އެވެ.

މީގެ 33 އަހަރު ކުރީން ފެށިގެން އެގައުމުގެ ވެރިކަމުގައި ހުންނެވި ސެންގެ ކެމްބޯޑިއަން ޕީޕަލްސް ޕާޓީ (ސީޕީޕީ)ގެ ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ހުކުރު ހޮނިހިރުގައި ނެގި ވޯޓްގެ %80 އެޕާޓީން ކާމިޔާބުކޮށް ގާނޫނުހަދާ މަޖިލީހުގެ 125 ގޮނޑީގެ ތެރެއިން 100 ގޮނޑި އެޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ، ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލުމަށް ފަހު ބޭއްވި އެ އިންތިޚާބަކީ އޮޅުވާލުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކުރި ނަމަވެސް ދާއިމީ ނަތީޖާ އިއުލާނުކުރަން ނިންމާފައިވަނީ އޮގަސްޓް މަހުގެ މެދުތެރޭގައި އެވެ.

އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ 82.71 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވެފައިވެ އެވެ.

ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަ މުއައްސަސާތަކަށް!

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ސަރުކާރު ހިންގާ ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް އެޕާޓީގެ ފަރާތުން ބުނެފައިވާތީ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައި މިވަނީ، “އަތޮޅު ޖަގަހަ” ގެ ނަމުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މާލޭގައި ތައްޔާރުކުރި ޕީޕީއެމްގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާތީ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަތަކާމެދު ވިސްނާނެ ކަމަށް އުއްމީދު ކުރައްވައި ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ.

ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ ފޯމްތަކުގެ ރީ ރެޖިސްޓްރޭޝަނާ ގުޅޭގޮތުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވާހަކަފުޅުދައްކަވާ ވީޑިއޯއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ، ކުންފުނިތަކުން ނެގި ރީރަޖިސްތްރޭޝަން ފޯމުތައް އެ ކުންފުނިތަކުން އިލެކްޝަނަށް ހުށަހެޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް އެ ފޯމުތައް ގެންގޮސް ޕީޕިއެމްގެ އޮފީހުގައި ދިރާސާ ކުރުމަކީ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޝައިޚް އިލްޔާސްގެ ތާއީދު އިބޫ އާއި ފައިސަލް އަށް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންގ މޭޓް ފައިސަލް ނަސީމަށް ތާއިދު ކުރައްވާ ކަމަށާއި އެ ދެ ބޭފުޅުންނަކީ ވެސް އިސްލާމް ދީނަށް ލޯބި ކުރައްވާ ބޭފުޅުން ކަމަށް ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިބޫ އާއި ފައިސަލަކީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދެއްވައި ކިބުރުވެރިކަމާއި ބޮޑާ ކަމެއް ފެނިފައި ނުވާ ދެ ބޭފުޅުން ކަމަށެވެ. އަދި ޓްވީޓް ނިންމާލައްވަމުން ރިޔާސީ އިްނތިހާބުގައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.

އިބޫއާއި ފައިސަލްއަށް ޝައިހް އިލްޔާސް ތާއީދު ކުރައްވާކަން ހާމަކުރައްވާފައި މިވަނީ، އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު ވެރިކަން ކުރާ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ހުރިހާ އިލްމުވެރިން ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ގޮވާލާފައިވަނިކޮށެވެ.

ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ލީޑަރުންގެ ތާއީދާއެކު އިބޫ އާއި ފައިސަލް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އިބޫ އާއި ފައިސަލްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ ކެންޑިޑެސީ ބަލައިގެންފައެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަވާޒު ޝަރީފު ހޮސްޕިޓަލަށް ބަދަލުކޮށްފި

ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންޒީފު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ހިތުގެ ބައްޔަށް ފަރުވާ ހޯއްދެއްވުމަށް ނަވާޒް ޝަރީފް ބަދަލުކޮށްފައިވަނީ، އިސްލާމާބާދުގެ މައި ހޮސްޕިޓަލަށެވެ.

ނަވާޒް ހުކުމް ތަންޒީފު ކުރައްވަމުން ގެންދަވާ ޖަލު ހުންނަ ޕަންޖާބު ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޝައުކަތު ޖާވިދު އެގައުމުގެ ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައިވަނީ، އުމުރުފުޅުން 68 އަހަރުގެ ނަވާޒް ޝަރީފް ހޮސްޕިޓަލަށް ބަދަލުކުރަން ނިންމީ އޭނާގެ މޭގައި ރިއްސާތީ ޖަލުގައި ހެދި އީސީޖީއަކުން ހިތުގައި މައްސަލަތަކެއް އުޅޭ ކަމަށް ކަށަވަރު ކުރެވިގެން ކަމަށެވެ.

“ހޮސްޕިޓަލުގައި އޭނާ [ނަވާޒް] ހޭދަކުރައްވާނެ މުއްދަތެއް އެނގިވަޑައިގަންނަވާނީ ޑޮކްޓަރުންނަށް،” ޝައުކަތު ޖާވިދު ވިދާޅުވި އެވެ.

ހަކުރު ބަލި ހުންނަ ނަވާޒް އަކީ މީގެ ކުރިންވެސް ހިތުގެ މައްސަލަތަކެއް ދިމާވެގެން ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން 2016 ވަނަ އަހަރު އޭނާ ވަނީ ހިތުގެ ބައިޕާސް ސާޖަރީއެއް ވެސް ހައްދަވާފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ސުޕްރީމް ކޯޓުން ނަވާޒް ޝަރީފްގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ނަވާޒް ޝަރީފް ހައްޔަރުކޮށްފައިވަނީ ލަންޑަނުގައި ހުރުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ. ނަވާޒް ޝަރީފް ހައްޔަރުކޮށްފައިވާއިރު އެ ގައުމުގައި މިދިޔަ ހަފްތާގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުކޮށްފައިވަނީ ކުރީގެ ކްރިކެޓް ލެޖެންޑު އިމްރާން ޚާންގެ ކޯލީޝަނުންނެވެ.

ފިލްމު “ބާރަތު” ގައި ސަލްމާންގެ ބައްޕަގެ ރޯލަށް ޖެކީ ޝްރޮފް

އަންނަ ޖޫން މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު “ބާރަތު” ގައި ސަލްމާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ ޖެކީ ޝްރޮފް ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ އެ ފިލްމުގައި ސަލްމާންގެ ބައްޕަގެ ރޯލަށް ޖެކީ ހަމަޖެއްސުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމައިފައެވެ.

ދެކުނު ކޮރެއާގެ ޑްރާމާ ފިލްމެއް ކަމުގައިވާ “އޯޑް ޓު މައި ފާދާ” އަސްލަކަށް ބަލައިގެން އުފައްދާ އެ ފިލްމުގައި ބަތޮލާގެ ރޯލު ކުޅެން ކުރިން ހަމަޖައްސާފައި އޮތީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް ޕްރިޔަންކާ އެ ޕްރޮޖެކްޓް ދޫކޮށްލުމުން މިހާރު އެ ރޯލަށް ދީފައިވަނީ ދިޝާ ޕަޓާނީ އަށެވެ.

ސުޕަ ހިޓަކަށް ވާނެ ކަމަށް ބެލެވޭ ފިލްމު، “ބާރަތު” ގައި ސަލްމާން އާއި ދިޝާ ޕަޓާނީގެ އިތުރުން ތާބޫ ފެނިގެންދާނެ އެވެ.

ބްރިޖުގެ ބަސްދަތުރުތަކަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް ފަށައިފި

މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމުކުރާ “ސިނަމާލެ ބްރިޖުގެ” ބަސްދަތުރުތަކަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

 ސިނަމާލެ ބްރިޖު އަންނަމަހު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ބްރިޖުން ދަތުރުކުރާ ބަސްތަށް ދުއްވުމަށް 45 ޑުރައިވަރުން ހޯދަން އެމްޕީއެލްއިން މިހާރު ވަނީ އިޢުލާންކޮށްފައިވާކަމަށެވެ.

ބަސްދަތުރުތަކުގެ ޑްރައިވަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮތީ ހަމައެކަނި ބަސްދުއްވުމުގެ ލައިސަންސް އޮން މީހުންނަށް އެކަނި ނޫންކަމަށާއި، ކާރާއި ވޭން ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށްވެސް ކުރިމަތި ލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޕީއެލުން ބުނީ މަޤާމަށް ހޮވޭ ފަރާތްތަކަށް ބަސްދަތުރުތައް ފެށުމުގެ ކުރިން އެކަމަށް ޚާއްޞަ ތަމްރީނުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ބަސް ޑްރައިވަރުންގެ އިތުރުން އެ ޚިދުމަތަށް ބޭނުންވާ އެހެނިހެން ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ބްރިޖުގެ ބަސްދަތުރުގެ ޚިދުމަތް ފެށުމަށް އެމް.ޕީ.އެލުން ތައްޔާރުވަމުންދާއިރު، މި ޚިދުމަތައް ބޭނުންވާ 22 ބަސް މާލެ ގެނައުމުގެ މަސައްކަތްވެސް އެކުންފުނިން މިހާރުވަނީ ފަށާފައެވެ. އެގޮތުން ޚިދުމަތުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ބަސް ދެނެގަތުމަށް ކުރި ދިރާސާއަށް ފަހު މިހާރު ދެވައްތަރެއްގެ ބަހެއް ގެނައުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެއީ ސިޓީ ބަސް ކޯޗާއި ޑަބަލް-ޑެކަރ ބަހެވެ.
ސިޓީ ބަހަކީ ގާތްގަނޑަކަށް 50 އާއި 70 ދެމެދުގައި ޖާގައިގެ ބަސްތަކެކެވެ. އަދި ޑަބަލް-ޑެކަރ ބަސްތަކަކީ ގާތްގަނޑަކަށް 80 އާއި 100 އާއި ދެމެދުގެ ފަސިންޖަރުން އުފުލޭ ބަސްތަކެކެވެ.