ދީނީ ދަޢުވަތުފެތުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާބައްދަލުވުމެއް ފަށައިފި

ދީނީ ދަޢުވަތުފެތުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން، ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކ.ހިންމަފުށީގައި ފަށައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން އިސްނަގައިގެން ފެށި މިބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ޙަރަކާތްތެރިވާ 21 ޢިލްމުވެރިއަކު ހިމެނެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝެއިޚް އަބުދުﷲ ވިދާޅުވީ މިބައްދަލުވުމުގައި މައިގަނޑު 2 ނުކުތާ އެއްގެ މައްޗަށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ދީނީ ދަޢުވަތު ފެތުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގައި ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، މުޖްތަމަޢަށް ނެރޭ ފަތުވާތަކަކީ ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ނެރެވޭ ފަތުވާތަކެއްގެ ގޮތުގައި ހެދުމަށް މަޝްވަރާ ކުރެވޭނެކަމަށް ސަލަފް ޖަމްޢިއްޔާއިން ބުނެއެވެ.

އަދި އެ ބައްދަލުވުން ފެށިގެން ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި. ބައްދަލުވުން ނިންމާލުމުގެ ކުރިން މަޝްވަރާކުރެވުނު ކަންކަމަށް ހައްލު ހޯދާނެ ގޮތްތަކާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ.

ފްލައިޓް ކްރޫން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު

އާންމުންނާއި އަޅާބަލާއިރު ފްލައިތް ކްރޫން ކެންސަރު ޖެހުމުގެ ފުރުސަތު މާ ބޮޑު ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއަކީ އެމެރިކާގެ ހާވާޑް ޓީއެޗް ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކުރިއަށް ގެންދިޔަ ދިރާސާ އެކެވެ.

މި ދިރާސާގައި ބުނެފައިވަނީ އާންމުންނާއި އަޅާބަލާއިރު ފްލައިޓް ކްރޫންނަށް ހުރިހާ ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ބޮޑު ކަމަށާއި ހާއްސަގޮތެއްގައި ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ދިރާސާގައި ފަސް ހާހަށްވުރެ ގިނަ ފްލައިޓް ކުރޫންނާއި ސުވާލުކޮށް ޑާޓާ އެއްކޮށްފައިވާއިރު ބުނެފައިވަނީ ފްލައިޓް ކްރޫންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 51 އިންސައްތަ އިތުރު ކަމަށެވެ. އަދި ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އެއަށްވުރެވެސް ބޮޑު ކަމަށެވެ. އަދި ކެންސަރަށް މަގުފަހިވާ ޓިއުމަރުތައް އުފެދުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ބުނެފައި ވެ އެވެ.

ނަމަވެސް ޓިއުމަރު އުފެދެނީ ވަޒީފާގެ މާހައުލުގައިތޯ ނުވަތަ ވަޒީފާއަށް ދާން ފެށުމުގެ ކުރިންތޯ އުފެދޭ ސުވާލަށް ދިރާސާގައި ޖަވާބެއް ދީފައެއް ނުވެ އެވެ.

ފްލައިތް ކްރޫން ފްލައިޓްތަކުގައި އަދި އެއާޕޯޓްތަކުގައި ކޮންމެވެސް މިންވަރަކަށް ރޭޑިއޭޝަނާއި ކުރިމަތިލާން ޖެހޭއިރު އެކަމަކީ ފްލައިޓް ކްރޫންނަށް ކެންސަރު ޖެހުމުގެ އެންމެ ބޮޑު އެއް އަސްލުކަމުގައި މީގެ ކުރިންވެސް ސައިންޓިސްޓުން ވަނީ ލަފާ ކޮށްފަ އެވެ.

 

ރާއްޖޭގެ ތަރައްގީއަށާއި ހަމަޖެހުމާއި އަމާންކަން އޮތީ އިންސާފް ހޯދައިދެވިގެން: އިބޫ

ރާއްޖޭގެ ތަރައްގީއަށާއި ހަމަޖެހުމާއި އަމާންކަން އޮތީ މިރާއްޖެއަށް އިންސާފް ހޯދައިދެވިގެންކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެންބަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ހަމަޖެހުމާއިއެކު ދެއްވި ފުރަތަމަ ތަގުރީރުގައި އިބޫވަނީ ތިން ވައުދެއް ވެވަޑައިގެންފައެވެ. އެގޮތުން ފުރަތަމަ ވިދާޅުވީ، މީހުންގެ މީހަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ދެން ވިދާޅުވީ، މާތްﷲ ފިޔަވައި އެހެން މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި، ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވާނެ ކަމުގައެވެ.

ރާއްޖޭގެ ތަރައްގީއަށާއި ހަމަޖެހުމާއި އަމާންކަމަށް ވެސް އެންމެ މުހިންމީ އިންސާފްކަމަށް ވިދާޅުވަމުން އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރަށްވުރެ އުހަށް ގެންދިޔުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި އެބަހުރި ކަމަށާއި އިގްތިސޯދު ކޮޅަށް ޖަހާނެ ވިޔަފާރިވެރިންނަށް ފުރުސަތުތައް ހުޅުވާލާނެ ކަމަށެވެ. އަދި ކޯލިޝަންގެ ސަރުކާރަކުން އެންމެ އިސްކަން ދޭނީ ހަމަހަމަ ފުރުސަތުތައް އެންމެނަށް ދިނުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ހެޔޮ ބަދަލެއް ކަމަށާއި، އެ ބަދަލު ގެނެވޭނީ އިދިކޮޅު ޕާޓީތައް އެކުގައި މަސައްކަތް ކޮށްގެންކަން އެއީ ހަގީގަތް ކަމަށެވެ.

ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދާފައިވަނީ ގާނޫނީ ހަމައަކުން ނޫން: މައުމޫން ހަމީދު

ކުޜިގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތް ހަދާފައިވަނީ އެއްވެސް ގާނޫނީ ހަމައަކުން ނޫން ކަމަށާއި، ޣައިރު ގާނޫނީ ބާރުތަކެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ރައީސް ނަޝީދުގެ ކެންޑިޑޭސީ އާއި ގުޅިގެން 2013 ވަނަ އަހަރު ކުރައްވާފައިވާ ޓްވީޓެއް އަލުން ރީޓްވީޓް ކުރައްވަމުން މިއަދު މައުމޫން ހަމީދު ވިދާޅުވީ ނަޝީދުގެ ކެންޑިޑެސީ އާމެދު ދެކެނީ މީގެ ފަސް އަހަރު ކުރިންވެސް ދެކުނު ގޮތަށް ކަމަށެވެ.

މައުމޫން ވިދާޅުވީ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތް ހަދާފައިވަނީ އެއްވެސް ގާނޫނީ ހަމައަކުން ނޫން ކަމަށާއި، ޣައިރު ގާނޫނީ ބާރުތަކެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަޝްހޫރު އަދި މީހުންގެ ތެރޭގައި މަޤްބޫލް އިދިކޮޅު ފަރާތްތަކަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެހެން ސިޔާސީ ޝަރީއަތްތައް ހިންގައި، ހަމަތަކަށް ނުފެތޭ ގޮތަށް ގާނޫނުތަކަށް ބަދަލުގެނެސްގެން ކުރާ ކަންތަށްތަށް ވެގެންދާނީ ވޯޓްލާ މީހުންގެ ހިތުގައި ނުތަވަސްކަން އުފެދިގެންދާނެ ކަންކަން ކަމަށެވެ.

މައުމޫން ހަމީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީގެ ފަަސް އަހަރު ކުރިން ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ މީހުން ތިބި ކަމަށެވެ. އެހެންކަމުންް ނަޝީދާއި އިދިކޮޅު ފަރާތްތަކުން އިންތިޚާބުގައި ކާމިޔާބު ހޯދަން ވާނީ އިންސާފުވެރި ވޯޓަކުން ކަމަށްވެސް މައުމޫން އަހީދު ވިދާޅުވިއެވެ.

މިގެއިތުރުން މައުމޫން ހަމީދުވަނީ އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ނުދީ އެފަދަ ފަރާތްތަކަށް ވެރިކަން ކުރުމުގެ ޙައްޤު ލިބެނީ ކިހިނަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި ވޯޓް ލާ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންތައް ނިންމުމުގެ އިޚްތިޔާރު ދެއްވާ ރައްޔިތުންގެ ނިންމުން ޤަބޫލުކުރުމަށް ވެސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.

8އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ.

އުމުރުން އެންމެ އަށް އަހަރުގެ މި ކުޑަ އަންހެން ކުއްޖާ ސްކޫލް ކައިރިން ވަގަށް ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް ފުލުހުން މައުލޫމަތުދީފައިވާއިރު މި ކުއްޖާއަށް އިންސާފް ހޯދައިނުމަށް ގޮވާލާ އިންޑިޔާގެ މަގުތަށްމަތީމަތީގައި މިހާރުވަނީ މުޒާހަރާކުރަންފަށާފައެވެ.

މީގެއިތުރުން މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހަން ވަނީ އެކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ.

“މިފަދަ ދަށުދަރަޖައިގެ ކުށްކުރާ މީހުންނަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއެއް. އެމީހުންނަށް މަރުގެ އަދަބުނޫން އެއްޗެއް އޮވެގެން ނުވާނެ. ” ޝިވްރާޖް ސިންގް ޗޯހަން ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް ދެ ފިރިހެނަކުު ހައްޔަރުކޮށްފައިވާއިރު އެ އަންހެން ކުއްޖާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމުގެ މައުލޫމާތު މިހާރުވަނީ ލިބިފައެވެ.

އިންޑިޔާގައި ކުޑަކުދިންގެ ރޭޕްގެ މައްސަލަ ގިނަވެފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހުވެސް އިންޑިއާގެ ވެރިރަށް ދިއްލީގައި އަށް މަހުގެ އަންހެން ކުއްޖަކު ވަނީ ރޭޕްކޮށްފައެވެ.އަދި އެމައްސަލަގައިވެސް 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ.

ޕޯޗްގަލް ރަށަށް ދާންޖެހުނުއިރު އުގުއޭ ކުއާރޓަރ ފައިނަލަށް

އުރުގުއޭ އަތުން 2-1 އިން ބަލިވެ ފީފާ ވޯލްޑް ކަޕުން ޕޯޗުގަލް ކަޓައިފިއެވެ.

މިނަތީޖާއާއި އެކު ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ދެވަނަ ޖާގަ އުރުގުއޭ ކަށަވަރުކޮށްފައިވާއިރު މި މެޗުގެ ވަރަށް ކުރީކޮޅު އުރުގުއާއިން އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. ލުއިސް ސުއަރޭޒް ނަގައިދިން ހުރަހަކުން މެޗްގެ 7ވަނަ މިނެޓުގައި މިލަނޑު ޖަހާދިނީ އެޑިންސަން ކަވާނީ އެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްނިމުނީ އުރުގުއޭއިން ޖެހި ލަނޑާއިއެކު  އެޓީމު ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް މެޗްގެ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޕޯޗުގަލް އިން ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕެޕޭ އެވެ. ޕެޕޭ މި ލަނޑު ކާމިޔާބުކުރީ އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ގުރޭރޯ ހުރަސްކޮށްލި ބޯޅަ ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

 

 

 

 

 

 

 

 

 

އޭގެ 12 މިނެޓު ފަހުން ކަވާނީގެ ރީތި ގޯލަކާއެކު އުރުގުއޭއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. އުރުގުއޭއިން ދެވަނަ ފަހަރަށް މެޗްގެ ލީޑު ނެގުމުން ޕޯޗުގަލްއިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ޓީމު އެކީގައި ކުރިޔަށްޖެހިގެންކުޅެންފަށާފައެވެ. އެހެންނަމަވެސް އުރުގުއޭގެ ވަރުގަދަ ޑިފެންސްލައިނުން ވަނީ ޯޗްގަލްގެ އެޓޭކްތަށް ހުއްޓުވާފައެވެ.

މިރޭގެ މެޗުން އުރުގުއޭ މޮޅުވެ މުބާރާތުގެ ކުއާޓާފައިނަލަށް އެޓީމު ގޮސްފައިވާއިރު މިއީ މުބާރާތުގެ ކުއާޓާއަށް ނުގޮސް ޕޯޗުގަލް ކެޓި ތިންވަނަ ފަހަރެވެ. މުބާރާތުގެ ކުއާޓާފައިނަލްގައި އުރުގުއޭ ބައްދަލުކުރާނީ ފްރާންސްއާއެވެ.