އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ އަށް ހުވަދު އަތޮޅުން ހޫނު މަރުހަބާއެއް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރައްވާ މިއަދު އެއަތޮޅަށް ވަޑައިގެންފިއެވެ.

އިބޫ ހުވަދޫއަތޮޅަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުގައި ގދ އަދި ގއ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑަގެންނެވުމަށްވަނީ ނިންމާފައެވެ. އަދި މި ދަތުރުގެ ތެރެއިން މިރޭ ގދ. ތިނަދޫގައި އެ ކޯލިޝަންގެ ކެމްޕޭން ބޮޑު ޖަލްސާއެއް ބާއްވަންވެސް ވަނީ ހަމަޖެހިފައެވެ.

ކާޑެއްދޫ އެއާޕޯޓަށް މިއަދު ހެނދުނު އިބޫ ވަޑައިގަތުމާއެކު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އިބޫ ހުވަދު އަތޮޅަށް މިއަދު ވަޑައިގެންފައިވާއިރު ފުލުހުން މިވަނީ މާހައުލު ރައްކާތެރިނޫންކަމަށް ބުނެ ގއ. ކޮލަމާފުއްޓަށް ކުރައްވަން އޮތް ދަތުރުފުޅު މިވަގުތު ނުކުރެއްވުމަށް އިބޫއަށް ދަންނަވަފައެވެ. އެހެންނަމަވެސް އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ދަތުރުފަސްކުރެވެން ނެތްކަމަށާއި، ކުރިންވެސް ހަމަޖެހިފައިވާގޮތަށް ހޮނިހިރު ދުވަހު އިބޫ ކޮލަމާފުއްޓަށް ވަޑައިގަންނަވަނެކަމަށް ވިދާޅުވެފައެވެ.

އިބޫ ހުވަދު އަތޮޅަށް މިހާރު ދަތުރުފައްޓާފައިވާއިރު އެ އަތޮޅު ކޮލަމާފުށީގައި ވެރިކަން ކުރާ ޕީޕީއެމްގެ ސަޕޯޓަރުންނާއި، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ކޮލަމަފުށީގެ 18 މީހަކު ބުރާސްފަތި ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ އެންމެންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ބުރިޖް ހުޅުވިގެން ދިއުމަކީ ޒުވާނުންގެ އާ މަދީނާ އަށް ދަތުރުކުރުމަށް ލިބޭ ބޮޑު އުއްމީދެއް:ރައީސް

ސިނަމާލެ ބުރިޖު ހުޅުވިގެން ދިޔުމަކީ ދިވެހި ޒުވާނުންގެ އާ މަދީނާކަމުގައިވާ ހުޅުމާލެއަށް ދަތުރުކުރުމަށް ލިބޭ ވަރަށް ބޮޑު އުއްމީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވުމަށްޓަކައި މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި ހުޅުމާލެއަކީ 432 ހެކްޓަރުގެ ބިން ހިމެނޭ، 240 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ޒަމާނާއެއްގޮތަށް ތަރައްޤީކުރަމުންދާ ސިޓީއެއްކަމަށާއި،  ސިނަމާލެ ބުރިޖު ހުޅުވިގެން ދިއުމަކީ ދިވެހިންގެ ހިތްތައް އުފަލުން ފުރިގެންދިޔަ ކަމެއްކަމަށެވެ. އަދި ދިވެހިން މިހާރު ވަނީ ބުރިޖު ހުރަސްކޮށް އުންމީދުގެ ޝަހަރަށް ދަތުރުކުރުމަށް ކެތް މަދުވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ މަޝްރޫޢެއް ހިންގެވުމަށް އެމަނިކުފާނުގެ ސަރުކާރަށް ހިތްވަރު ލިބިވަޑައިގެންނެވީ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު 1 ކިލޯމީޓަރުގެ ކަނޑުދަތުރެއް، އެތައް ފަހަރަކު ކުރަންޖެހުންކަމުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މީގެ ކުރިން ބުރިޖު އެޅުމަކީ އިޤްތިޞާދީގޮތުންނާއި، ތަނަވަސްކަމުގެގޮތުން އަދި އަމަލީ ގޮތުން ކުރެވޭނެކަމެއްކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށްވެއިފައިވަނީ ރާއްޖޭގެ ތަރައްޤީއަށް މުހިންމުވެފައިވާ މިފަދަކަންކަން ހާސިލްކުރެއްވުންކަން ފާހަގަކުރެއްވިއެވެ.

ރޭ ހުޅުވިގެންދިޔަ ބުރިޖަކީ ދިވެހިން ޔޫތު ސިޓީ އަދި ދިވެހި ޒުވާނުންގެ  އާ މަދީނާކަމުގައިވާ ހުޅުމާލެއަށް ދަތުރުކުރުމަށް ލިބޭ ވަރަށް ބޮޑު އުއްމީދެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވީ ޒަމާނީ ދިރިއުޅުމެއްގެ އުފާވެރިކަން ދިވެހިންނަށް ހޯއްދަވައި ދެއްވައި، ވަޞީލަތްތައް ޤާއިމުކުރެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާއޮތައޮއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ދައުލަތުގެ ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިޔަތް ރަގަޅުވުމަކީ ހަރާމްކަންތަށް ކުރެވޭނެ އުޒުރެއްނޫން

 ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: إِنَّمَا الْأَعْمَالُ ‏ ‏بِالنِّيَّاتِ ‏ ‏وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى  ”ހަމަކަށަވަރުން ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ނިޔަތާ އެއްގޮތް ޖަޒާ ލިބޭނެއެވެ.”

ޞާލިޙު ދަރިއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ، ތިމާގެ އަމިއްލަ ނަފްސާއި އަނބިމީހާ ޢިއްފަތްތެރިކޮށް، ޙަރާމް ގޮތްތަކާ ދުރުވެ ހުރުމުގެ ބޭނުމުގައި، އަނބިމީހާއާ އެއްދާންކުރުމަކީ، އެއީ ވެސް ޘަވާބު ލިބޭ ހެޔޮކަމެކެވެ. މިގޮތުން ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: وَفِي ‏ ‏بُضْعِ ‏ ‏ أَحَدِكُمْ صَدَقَةٌ قَالُوا يَا رَسُولَ اللَّهِ ‏ ‏أَيَأتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرًا

”ކަލޭމެންގެ ތެރެއިން މީހަކު އަނބިމީހާއާ ޖިމާޢުވުމަކީ ވެސް ހެޔޮކަމެކެވެ.” ޞަހާބީން ދެންނެވިއެވެ: ”އަޅުގަނޑުމެން މީހަކު، އޭނާގެ ޝަހުވަތްތެރިކަން ފުއްދުމުން، އޭނާއަށް އެކަމުން ހެޔޮ އަޖުރުވެސް ލިބޭތޯއެވެ؟!” ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭނާ ޙަރާމް ގޮތުގައި އެދުންވެރިކަން ފުއްދައިފިއްޔާ، އޭނާގެ މައްޗަށް ފާފަ އޮންނާނެ ކަމަށް ނުދެކެން ހެއްޔެވެ؟ ހަމަ އެހެން ޙަލާލް ގޮތުގައި އެދުން ފުއްދައިފިއްޔާ ހެޔޮ އަޖުރުވެސް ލިބޭނެއެވެ.”

އަދި އެހެން ޙަދީޘެއްގައިވެއެވެ: وَمَنْ طَلَبَ الدُنْيَا حَلاَلاً تَعَففاً عَنْ المسْألَة، وَسَعْياً عَلى عِيَاله، وَتَعَطُّفاً عَلَى جَارِهِ لقَِيَ الله وَوَجْهُه كالقَمَرِ لَيْلَة البَدْر

”މީހުންނަށް ސަލާން ނުޖަހަން، ނުވަތަ ދަރިންނަށް ރިޒުޤު ހޯދައިދޭން، ނުވަތަ އަވަށްޓެރިއާއަށް އެހީތެރިވުމަށްޓަކައި، ހަލާލު ގޮތުގައި ދުނިޔޭގެ ތަނަވަސްކަން ހޯދާމީހާ، ޤިޔާމަތްދުވަހުން އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުކުރާނީ، ސާދަވިލޭރޭ ހަނދެއްފަދަ މޫނަކާއިގެންނެވެ.”

މިގޮތަށް މުއުމިނަކު ކުރާ ހުއްދަ ކޮންމެ ޢަމަލަކީ ވެސް، އޭގައި ރަނގަޅު ނިޔަތެއް އޮވެއްޖެނަމަ، އަޅުކަމަކަށް ބަދަލުވާނެ ކަމެކެވެ.

އެހެނެއްކަމަކު، ކިތަންމެ ނިޔަތް ރަނގަޅުވިޔަސް، ކިތަންމެ މާތް މަޤްޞަދަކު ކުރިއަސް، އަދި ކިތަންމެ މަތިވެރި ލަނޑުދަޑިއެއްގެ ބޭނުމުގައި ކަމަށްވިޔަސް، ޙަރާމްކަންތައް އޮންނާނީ ޙަރާމް ކަމެއް ގޮތުގައެވެ. ރަނގަޅު ކަމެއް ކުރުމުގެ ވަސީލަތަކަށް ޙާރާމްކަމެއް ބޭނުންކުރުމަކީ، އެއީ އިސްލާމްދީން ފަހަރެއްގައިވެސް ހުއްދަކުރާނެ ކަމެއް ނޫނެވެ. ކުރާ ކަމާއި، އެކަން ކުރާ ވަސީލަތްވެސް ރަނގަޅުވެފައި މާތްވާން، އިސްލާމްދީން ބާރުއަޅައެވެ.

ރިބާއާއި ޖުވާކުޅުމާއި، ވިޔަފާރީގައި މަކަރުހަދައިގެންނާއި، ހުއްދަ ނޫން މުނިފޫހިފިލުވުމުގެ ކަންތައްތައް ކޮށްގެން، ނުވަތަ މި ނޫންވެސް ދީނުގައި މަނާކަމެއް ކޮށްގެން، މިސްކިތެއް އަޅަން، ނުވަތަ ޞަދަޤާތްދޭން އަދި އެހެންވެސް ހެޔޮ ކަމަކަށްޓަކައި ފައިސާ ޖަމާކުރާ މީހާއަށް އޭނާގެ އެ ހެޔޮނިޔަތަކުން ފައިދާއެއް ނުލިބޭނެއެވެ. އަދި އެކަމުން އޭނާ ފާފަވެރިނުވެއެއްވެސް ނުދާނެއެވެ. މަޤްޞަދު ކިތަންމެ މާތްވިކަމުގައި ވިޔަސް، ޙަރާމްކަމެއް ހުއްދައެއް ނުވާނެއެވެ. އެހެނީ އިސްލާމްދީނުގައި ޙަރާމްކަމަކީ، އެއީ މީހުންގެ މަޤްޞަދާއި ނިޔަތުން ބަދަލުވާ އެއްޗެއް ނޫނެވެ.

މިކަން އަހަރެމެންނަށް ދަސްކޮށްދެއްވަން، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ:  إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ ”ހަމަކަށަވަރުން މާތް ﷲ އަކީ ހެޔޮވަންތަ ރަސްކަލާގެއެވެ. ހެޔޮތަކެއްޗާއި ހެޔޮ ޢަމަލުތައް ނޫނީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ. އަދި މުއުމިނުންނަށް އެކަލާނގެ އަމުރުކުރައްވާފައިވަނީ، ރަސޫލުބޭކަލުންނަށް ވެސް އެކަލާނގެ އަމުރުކުރެއްވި ކަންތަކެވެ.

އެއްކައުވަންތަ ﷲ އަމުރުކުރެއްވީ: يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ އެވެ. އަދި يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ

”އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙް ޢަމަލުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” {އަލްމުއުމިނޫނަ: 51}

ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ ‏ ‏ أَشْعَثَ ‏ ‏ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ  ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅުތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!” {އަލްބަޤަރާ: 172}

އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: مَنْ جَمَعَ مَالًا حَرَامًا ثُمَّ تَصَدَّقَ بِهِ لَمْ يَكُنْ لَهُ فِيهِ أَجْرٌ وَكَانَ إصْرُهُ عَلَيْهِ ”ޙަރާމްގޮތަކުން ފައިސާ ޖަމާކޮށް، އެއިން ޞަދަޤާތް ދިނަސް، އޭނާއަށް އެކަމުން ހެޔޮ ދަރުމައެއް ނުލިބޭނެއެވެ. އަދި އޭގެ ފާފަ އޭނާގެ މައްޗަށް ވެއެވެ.”

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ: وَلَا يَكْسِبُ عَبْدٌ مَالًا مِنْ حَرَامٍ فَيَتَصَدَّقُ مِنْهُ فَيُقْبَلُ مِنْهُ وَلَا يُنْفِقُ مِنْهُ فَيُبَارَكُ لَهُ فِيهِ وَلَا يَتْرُكُهُ خَلْفَ ظُهرِهِ إلَّا كَانَ زَادَهُ إلَى النَّارِ . إنَّ اللَّهَ تَعَالَى لَا يَمْحُو السَّيِّئَ بِالسَّيِّئِ , وَلَكِنْ يَمْحُو السَّيِّئَ بِالْحَسَنِ , إنَّ الْخَبِيثَ لَا يَمْحُو الْخَبِيثَ

”މީހަކު ޙަރާމްގޮތަކުން ފައިސާ ހޯދައި، އެއިން ޞަދަޤާތް ދިނަސް، ﷲ އެ ޤަބޫލެއް ނުކުރައްވާނެއެވެ. އަދި އެއިން އޭނާ ހޭދަކުރިއަސް، އޭގައި ބަރަކާތެއް ނުލައްވާނެއެވެ. އަދި މަރުވަމުން އޭނާ އެއިން ދޫކޮށްފައިދާ އެއްޗަކީ، ނަރަކައިގައި އޭނާގެ އަލިފާނަށް އިތުރުވާނެ އެއްޗެކެވެ. ހަމަކަށަވަރުން ވެސް މާތް ﷲ، މީހަކު ނުބައިކަމެއް ކޮށްގެން، ނުބައިކަމެއް ފުއްސަވާ ނުދެއްވައެވެ. އެކަމަކު، ކޮށްފައިވާ ރަނގަޅު ކަމަކުން، ނުބައިކަންތައް، އެކަލާނގެ ފުއްސަވާ ދެއްވައެވެ. ހަމަކަށަވަރުން ވެސް، ހަޑިއަކުން ހަޑިއެއް ނުފިލުވެއެވެ.”

| މަސްދަރު: ކަވާސާ.ކޮމް

ޕާކިސްތާނުގެ އާ ރައީސަކު އިންތިޚާބުކުރުމަށް ވޯޓް ނެގުން އަންނަ މަހު ހަތަރެއްގަ

ޕާކިސްތާނުގެ އާ ރައީސަކު އިންތިޚާބުކުރުމަށް ވޯޓްލުން އަންނަ ސެޕްޓެމްބަރުމަހުގެ ހަތަރުވަނަދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. ޕާކިސްތާނަށް އާ ރައީސަކު އިންތިޚާބު މިކުރަނީ މިހާރު ރައީސްކަމުގައި ހުންނެވި މަމްނޫން ހުސައިންގެ ފަސްއަހަރުގެ ދައުރު މިއަހަރު ހަމަވާތީއެވެ. އާރައީސަކު އިންތިޚާބުގެ މަރްހަލާތައް ފެށިއިރު، ރައީސްކަމަށް ތިންބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ.

ރައީސްކަމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންނަކީ، މިހާރު ވެރިކަންކުރާ ޕާކިސްތާން ތަހްރީކޭ އިންސާފު ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރ ޑރ. އާރިފް އަލްވީއާއި، ޕާކިސްތާނުގެ ދީނީ ޕާޓީތައް ހިމެނޭ އިއްތިހާދު، މުއްތަހިދާ މަޖިލިސޭ އަމަލްގެ ފަރާތުން މައުލާނާ ފަޒާލުއްރަހްމާންއާއި، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ފަރާތުން އައިތުޒާޒް އަހްސަންއެވެ.

ޕާކިސްތާނުގެ މައި އިދިކޮޅު ޕާޓީކަމުގައިވާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް ޕާޓީއާއި، އިދިކޮޅު ކުދި އެހެން ޕާޓީތަކުންވަނީ، މައުލާނާ ފަޒާލުއްރަހްމާންއަށް ތާއީދުދޭން ނިންމާފައެވެ. އިދިކޮޅު ޕާޓީތަކުން ކުރިން ނިންމީ، ހުރިހާ ޕާޓީތައް ގުޅިގެން ރައީސްކަމަށް އެއް ކެންޑިޑޭޓް ނެރުމަށެވެ. ނަމަވެސް ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުމުގެ ސަބަބުން އެކަން ކުރެވޭގޮތެއް ނުވިއެވެ.

އިދިކޮޅު މައި ޕާޓީ، ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ޕާޓީން ބޭނުންވީ، ޕާކިސްތާން ޕީޕަލްސް ޕާޓީން ރައީސްކަމަށް ނެރެން ނިންމި އައިތުޒާޒް އަހްސަންގެ ބަދަލުގައި އެހެން ކެންޑިޑޭޓެއް ނެރުމަށެވެ. ސަބަބަކީ، ޕާކިސްތާން މުސްލިމް ލީގު-ނަވާޒް ޕާޓީގެ ކުރީގެ ލީޑަރ އަދި މިހާރު ޖަލުގައި ހުންނެވި ނަވާޒް ޝަރީފްއާ ބެހޭގޮތުން އައިތުޒާޒް އަހްސަން ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެން އެ ޕާޓީ ހިތްހަމަނުޖެހިފައި ވާތީއެވެ.

ޕާކިސްތާނުގައި ވެރިކަންކުރާ ޕާކިސްތާން ތަހްރީކޭ އިންސާފު ޕާޓީއާއި، އެޕާޓީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން އުންމީދުކުރަނީ، ރައީސްކަމަށް އިންތިޚާބު ކުރެވޭނީ އެޕާޓީތަކުން ހުށަހަޅާފައިވާ ކެންޑިޑޭޓް ޑރ. އާރިފް އަލްވީ ކަމަށެވެ. ސަބަބަކީ، އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ ވަރަށް ނޭޝަނަލް އެސެމްބްލީގައާއި، ސަރަހައްދީ މަޖިލީސްތަކުގައި ވެރިކަންކުރާ ކޯލިޝަނަށް އަޣުލަބިއްޔަތު އޮތުމުންނެވެ. ޕާކިސްތާނުގެ ރައީސްކަމަށް ވެރިކަންކުރާ ޕާޓީގެ ލީޑަރ ޑރ. އާރިފް އަލްވީގެ ނަންފުޅު ހުށަހެޅުއްވީ ބޮޑުވަޒީރު އިމްރާން ޚާންއެވެ.

ޕާކިސްތާނުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓްލާނީ، ނޭޝަނަލް އެސެމްބްލީގައާއި، ސެނޭޓާއި، ހަތަރު ޕްރޮވިންސެއްގެ ގާނޫނުހަދާ މަޖިލީހުގައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއިއެކު “ސިނަމާލެ ބުރިޖު” ހުޅުއްވައިދެއްވައިފި

ކުލަގަދަ ރަސްމިއްޔަތަކާއިއެކު “ސިނަމާލެ ބުރިޖް ހުޅުވައިދެއްވައިފިއެވެ.

“ސިނަމާލެ ބުރިޖު” ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގަ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާއޮތައޮ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިޙާދާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރާއްޖެއާއި ޗައިނާ ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިނަމާލެ ބުރިޖަކީ” ކަނޑު ހުރަސްކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އާބާދީ އެއްފަސްކޮށް ތަރައްޤީ ކުރަމުންދާ ހުޅުމާލެއަށް ކުރާ ދަތުރުތައް އެއްގަމުމަގުން ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީ، ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު އަވަހަށް ދަތުރުފަތުރުކުރެވޭނޭ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢެކެވެ.

 ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ޤައުމުން ގުޅިގެން ތަރައްޤީކޮއްފައިވާ މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. އަދި، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވޭނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރިޖަށް ޒިޔާރަތް ކުރައްވައި ބުރިޖު ބައްލަވައިލައްވައިފައެވެ. މިރޭގެ ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރާއެކު ލޭޒަރ ލައިޓްގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮތެވެ.

މި ތާރީޚީ ރަސްމިއްޔާތުގައި ބަޑިބޭހުގެ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ގިނީސް ވޯލްޑް ރިކޯޑް ފޮތުން ބަޑިބޭހުގެ ޙަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގުމުގެ ޝަރަފު ހާޞިލްކޮށްފައިވާ އަދި، އިންޓަރނޭޝަނަލް ލޭޒަރ ޑިސްޕްލޭ އެސޯސިއޭޝަންގެ 30 އެވޯޑް ހާޞިލްކޮއްފައިވާ ކެވަންޓް ލޭޒަރސް ސިސްޓަމުންނެވެ

މާހައުލު ރައްކާތެރިއެއްނޫން، އިބޫ މިވަގުތު ކޮލަމާފުއްޓަށް ދަތުރު ނުކުރުމަށް ފުލުހުން އެދިއްޖެ

މާހައުލު ރައްކާތެރިނޫންކަމަށް ބުނެ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ކޮލަމާފުއްޓަށް ކުރައްވަން އޮތް ދަތުރުފުޅު މިވަގުތު ނުކުރެއްވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މީގެ އިރުކޮޅެއް ކުރިން ފުލުހުން ކުރިޔަށްގެންދިޔަ ނިއުސްކޮންފަރެންސެއްގައެވެ.

އިބްރާހީމް މުހައްމަދު ސޯލިހް ގއ އަދި ގދ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.އިބޫ ކޮލަމަފުއްޓަށް ވަޑައިގަތުމަށް މިވަގުތު ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އިބޫގެ ދަތުރުފުޅު ފަސްކުރެއްވުމަށް ފުލުހުން އެދިވަޑައިގެންފައިވާއިރު ކޮލަމަފުށީގައި ހުންނަ ޕީޕީއެމް ޖަގަހައަށް އިއްޔެގެ ވަގުތެއްގައި ބަޔަކުވަނީ ގެއްލުންދީ އެސަރަހައްދުގައި ދަމަފައިވާ ޕީޕީއެމްގެ ދިދަތަށް ކޮށާލާފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވާފައިވާއިރު ޕީޕީއެމުންވެސްވެސް ވަނީ މިމައްސަލަ ފުލުހުންނަށް ހުސަހަޅަފައެވެ. މީގެ އިތުރުން ރޭގެ ވަގުތެއްގައި ހޯމްމިނިސްޓަރ އަހްމަދު އަޒްލީން ވަނީ އެ މައްސަލަ ސިރިއަސްމައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްގީގު ކުރަންފަށާފައިވާ ކަމަށް ހަމަކޮށްފައެވެ.

މިހާރު މިމައްސަލައާއި ގުޅިގެން ކޮލާމާފުށިން 18މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9 މާދަމާ ރޭ ދިރާގުން ރާއްޖޭގައި ރަސްމީކޮށް ތައާރަފްކުރަނީ

ސެމްސަންގް ފޯނުގެ އެންމެފަހުގެ ސިރީޒް ގެލެކްސީ ނޯޓް 9 މާދަމާ ރޭ ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށް، ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ އެކުންފުނީގެ ހެޑް އޮފީހުގައި ހުކުރު ދުވަހު ބާއްވާ ޚާއްސަ ހަފްލާގައި ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީއޯޑަރ ކުރެއްވި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުން އޮންނާނެކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެލެކްސީ ނޯޓް 9 އަށް ޕްރީ އޯޑާ ކުރެއްވި ކަސްޓަމަރުންނަށް އަންނަ ހަފުތާއިން ފެށިގެން އެ ކަސްޓަމަރަކާއި އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރ އަކުން ފޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމުގައިވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފުކޮށް، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެ ކުންފުނިންނެވެ.

ސަމްސަންގް ނޯޓް 9 އަމިއްލަ ފުޅަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިހާރުވެސް ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރ ގައި ހަމަޖައްސާފައިވާއިރު ދިރާގު މެދުވެރިކޮށް ނޯޓް9 ނެންގެވި ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއްވެސް ޕްރީ އޯޑާ ކުރެއްވި ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގްއާއި ގުޅިގެން  ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ގެންދަނީ ތައާރަފު ކުރަމުންނެވެ.

ބްރިޖް ހުޅުވުމުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފި

ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުޅުވުމުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބްރިޖު ހުޅުވާމާއެކު ހުޅުމާލޭގެ ހަތަރު މަގެއްގައި ޓްރެފިކްފުލޯއަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބަދަލު ގެންނަން ނިންމާފައިވާ މަގުތަކަކީ ސައިމާހިނގުން ނިރޮޅުމަގުގުޅޭ ހިސާބުން ފެށިގެން ނިރޮޅުމަގު ބޯށިމާ ހިނގުންގުޅޭ ހިސާބަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖެއްސުމާއި، ބޯށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބަށް އިރުން ހުޅަނގަށް އެއްކޮޅަށް ދުއްވާ ގޮތަށްބަދަލުކުރުމެވެ.މީގެއިތުރުން ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބުން ފެށިގެން ރީތިގަސް މަގު ސައިމާ ހިނގުން ގުޅޭ ހިސާބަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރުމާއި، ރީތިގަސް މަގު ކަށިމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖެއްސުމެވެ.

ހުޅުމާލޭގެ ހަތަރު މަގަކުން ދަތުރުކުރާ ގޮތް ބަދަލުކުރަން ނިންމާފައިވީ ނަމަވެސް އިތުރު މަގެއްގައި ދަތުކުރާ ގޮތަށް ބަދަލު ގެނެސްފައި ނުވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ބްރިޖު ހުޅުވި ނަމަވެސް ހުޅުމާލޭގެ ޓްރެފިކަށް ބާރުބޮޑުވެގެން ނުދާނެ ކަމަށެވެ.

ބްރިޖު ހުޅުވުމަށް މިރޭ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި ނަމަވެސް ބްރިޖު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ.

ހަވާ އެރުވުމާއި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތަކާއިއެކު “ސިނަމާލެ ބުރިޖް” ހުޅުވުން މިރޭ

ހަވާ އެރުވުމާއި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތަކާއިއެކު “ސިނަމާލެ ބުރިޖް” ހުޅުވުން މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު އާއްމުންނަށް ހުޅުވާލާނީ، އަންނަ މަހުގެ 7 ގައި ހުޅުވާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ރަސްމިއްޔާތު ހަވާ އެރުވުމާއި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތަކާއި އެކުކުރިޔަށް ދާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ ބުރިޖްގެ ހުޅުވައި އާއްމުންނަށް އެތަނުގައި ފޮޓޯނަގައި ކައިވެނި ހަފުލާތަށް ބޭއްވުމާއި، ސިފައިންނާއި ކެޑޭޓްގެ ބޭންޑުގެ ހަރަކާތްތަކާއި އެނޫންވެސް ތަފާތު ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި އާއްމުންނަށްވެސް 31 ވަނަ ދުވަހުން ފެށިގެން 7 ސެޕްޓެމްބަރާއި ދެމެދު ވަކި ގަޑިތަކެއްގައި ބުރިޖް ބަލާލުމުގެ ފުރުސަތުދޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ބުރިޖުން ދަތުރުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވޭނެކަމަށެވެ.

މިނިސްޓަރ މުއިއްޒު އިތުރަށް ވިދާޅުވީ، ބްރިޖުގެ ޓޮލް ނުވަތަ ދަތުރުތަކުގެ އަގު ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި ދަތުރުގެ އަގަކީ އެންމެނަށްވެސް އަތްފޯރާ އަގަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، އަގު ކަނޑައެޅުމާއި ހަމައަށް ހިލޭ ދަތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންތިޚާބު ޓޫރިސްޓް ވިސާގައި އޮބްޒާވް ނުކުރެެވޭނެ، ފިޔަވަޅުއަޅާނަން: އިމިގްރޭޝަން

އަންނަ މަހުގެ 23ވަނަދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމާއި، އޮބްޒާރވްކުރުމުގައި ޓޫރިސްޓް ވިސާގައި ހަރަކާތްތެރިވާނަމަ ފިޔަވަޅުއަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު އޮބްޒާރވުކުރުމަށާއި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ރާއްޖެއަންނަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ވިސާއެއް ކަމަށެވެ. އަދި މި ވިސާ ދޫކުރެވޭނީ، އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނުވަތަ މޮނީޓަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނިކަމަށާއި، ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު އިލެކްޝަން އޮބްޒަރވްކުރުން ނުވަތަ މޮނީޓަރ ކުރުންފަދަ މަސައްކަތެއް ކުރުމަކީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފު ކަމެއްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޓުއަރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، އިންތިޚާބު ކަވަރކުރުމުގެ އެއްވެސް މަސައްކަތެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއިމެދު އިމިގްރޭޝަން ޤާނޫނުގައި ވާގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބިޒްނަސް ވިސާ ޤަވައިދުގައި ބުނެފައިވާ ލިޔެކިޔުންތަކުގެ އިތުރުން، ރިޔާސީ އިންތިޚާބު ކަވަރ ކުރުމަށް ދީފައިވާ ހުއްދައާއިއެކު ބިޒްނަސް ވިސާ ޤަވައިދުގައި ވިސާއަށް އެދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިސާއަށް އެދި ހުށަހެޅޭނެކަމަށާއި، ފުރިހަމަ ނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާތިލު ކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އަދި އިމިގްރޭޝަނުގެ ބަޔާނުގައި ވަނީ އަންނަމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކަވަރ ކުރުމަށް އަންނަ ފަރާތްތައް ރާއްޖެއަށް އަންނަންވާނީ ބިޒްނަސް ވިސާ އެޕްރޫވްވުމުން ކަމަށާއި، ބިޒްނަސް ވިސާ އެޕްރޫވްވުމުގެ ކުރިން އަންނަ ފަރާތްތައް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލެވޭނެކަމަށެވެ.

ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނެ އެންމެފަހު ތާރީޚެއްގެ ގޮތުގައި އިމިގްރޭޝަނުން ދީފައިވަނީ 15 ސެޕްޓެމްބަރ 2018 އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމަށް ބޭރުގެ 34 ފަރާތަކާއި، އޮބްޒަރވްކުރުމަށް 25 ފަރާތަކުން ޝަޢުގުވެރިކަންފާޅުކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅަފައެވެ.