ކަފާލާތުގެ ދަށުން ފާރިސް ވެސް މިނިވަންވެއްޖެ

ކަފާލާތުގެ ދަށުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު ހައިކޯޓުން މިނިވަންކޮށްފި އެވެ.

ކަފާލާތުގެ ދަށުން ފާރިސް މިނިވަންކުރަން ހައި ކޯޓުން ނިންމީ، އެ ކޯޓުގައި މިއަދު ބޭއްވި ފާރިސްގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުމުގައި އޭނާގެ ފަރާތުން އެކަމަށް އެދިފައިވާތީއެވެ. އެގޮތުން އޭނާ މިނިވަންކުރީ އިސްތިއުނާފުގެ މައްސަލާގައި ވަކި ގޮތެއް ހައި ކޯޓުން ކަނޑައަޅަންދެނެވެ.

ކަފާލާތުގެ ދަށުން ފާރިސް މިނިވަންވިއިރު، އޭނާ ގެންދެވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ، މިދިޔަ ޖޫން މަހުގެ ތެރޭގައި އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ފާރިސްގެ އެ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލާގައި ފުރަތަމަ ޝަރީއަތުގެ އަޑުއެހުން ހައިކޯޓުގައި  އޮތީ މިއަދު ހެނދުނެވެ. މާދަމާ ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާއިރު، ފަނޑިޔާރުން ވަނީ މި ހަފްތާ ތެރޭގައި ފާރިސްގެ ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ މައްސަލާގެ ހުކުމް އިއްވަވާނެ ކަމަށެވެ.

ފާރިސްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ކަފާލާތުގެ ދަށުން މިރޭ ވަނީ މިނިވަންކޮށްފައެވެ.

މިނިވަންވެ، ގާސިމް ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ކަފާލާތުގެ ދަށުން މިއަދު މިނިވަންވެވަޑައިގަތް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޖަރުމަނުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި ގާސިމް މިރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާއާއެކު ޖަރުމަނުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

އަދި ބުދަ ދުވަހުގެ މެންދުރުފަހު 3:00ގައި އެބޭފުޅުން ތިއްބަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 5، 2017 ގައެވެ.

ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.

ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ އޭނާ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ. އަދި  ސިންގަޕޫރުގައި ހުއްޓާ ކެންސަލްކުރި ގާސިމްގެ ޕާސްޕޯޓް ވެސް މިރޭ ވަނީ ދޫކޮށްލައިފައެވެ.

މި ސަރުކާރުގެ އިންތިހާބީ ނައިބް ރައީސް ޑރ. ޖަމީލު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައި، ނައިބް ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުން އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އެފަހުން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އދ. މާމިގިލީ ކޯޓުން އަމުރެއް ނެރުނު މައްސަލައިގައި ޑރ. ޖަމީލުގެ ބައިވެރިވުމެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގުކުރިއެވެ.

އެ ތުހުމަތު ޖަމީލް ދޮގު ކުރެއްވި ނަމަވެސް، ތަހުގީގަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ފުލުސް އޮފީހަށް ހާޒިރުވާން އެ މަނިކުފާނަށް އެންގިއެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ވެސް ފުލުހުން ހޯދައި ޕާސްޕޯޓް ވެސް ހިފެހެއްޓިއެވެ. ޖަމީލު ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގަންފައެވެ.

ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައި ކޯޓުން އަމުރު ކުރިއިރު، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ކަފާލާތުގެ ހައި ކޯޓުން މިރޭ ވަނީ މިނިވަންކޮށްފައެވެ.

ރައީސް މައުމޫން ޖަލުން މިނިވަންކޮށް، ގެއަށް ބަދަލުކޮށްފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުން ގެއަށް ބަދަލުކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހައްޔަރުކުރުމަށްފަހު، ފުލުހުން ހިންގި ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިކަމުގެ މައްސަލައެއް ސާބިތުވެ ރައީސް މައުމޫން ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އެމަނިކުފާނު މިއަދު ގެއަށް ބަދަލުކޮށްފައި މިވަނީ، ޖަލުގައި ނުބަހައްޓާ ގެއަށް ބަދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ދަށުގައިވާ މެޑިކަލް ބޯޑުން ނިންމުމުން ވެސް، ގެއަށް ބަދަލުނުކޮށް ޖަލުގައި ބަހައްޓާފައި ހުރުމުން އެކަމާ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އެގޮތުން ރައީސް މައުމޫން ގެއަށް ބަދަލުކޮށްދޭން އެމްސީއެސްގެ މެޑިކަލް ބޯޑުން ދީފައިވާ ލަފައާ އެއްގޮތަށް އެ އިދާރާގެ ވެރިޔާ އަހުމަދު ޝިހާން އަމަލު ނުކުރައްވައި، އެކަމަށް ހުރަސްއަޅުއްވާ ކަމަށް ބުނެ އޭނާގެ މައްސަލައެއް، މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ.

އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް މިިހާތަނަށް ވެސް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ މިދިޔަ އަންގާރަ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފައެވެ.

އުމުރުފުޅުން 82 އަހަރުގެ ރައީށް މައުމޫންއަކީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެއް ކަމަށްވާ ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ.

އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ އާއިލާގެ ފަރާތުން ތަކުރާރުކޮށް ކަމާބެހޭ އިދާރާތަކަށް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ދަރިޔަކު ހޯދަން މަސައްކަތް ކުރާއިރު ޖިންސީ ގުޅުން ހިންގަން އެންމެ ރަނގަޅީ ކޮންއިރަކު؟

ހުރިހާވެސް އެއްޗަކީ ވަގުތެވެ. ދަރިފަނި އަނބިމީހާގެ ފަރުޖަށް ދިއުމަށްފަހު ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ދިރިހުރެއެވެ. ނަމަވެސް އޯވަރީގައި ކޮއްޓާ ބިސް 12 ގަޑިއިރާ 24 ގަޑިއިރާ ދޭތެރޭ ހަލާކުވެދެއެވެ. ވުމާއެކު ބަލިވެއިނުމަށްޓަކައި ޖިމާއުވާނޭ ރަނގަޅު ދުވަހަކާއި ވަގުތު ކަޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އޯވަރީން ބިސް ކޮއްޓުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިމާއުވުމަކީ ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމެކެވެ. އެއީ އެހާލަތުގައި ބިސް ކޮއްޓާއިރު ބަލިކަމެއްނެތި ސަލާމަތުން ހުރި ދަރިފަނިތައް ބިހާބައްދަލުކޮށް ބިހަށް ވަނުމަށް މަސައްކަތް ފަށާނެއެވެ.

ތެދެކެވެ. ބިސްކޮށްޓާ ވަގުތު ސާފުސާފުކޮށް ދެނެގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އެވަގުތު ބިނާވެގެން ވަނީ މައްސަރުކަންތައްވާ ދުރުމިނެއްގެ މައްޗަށެވެ. އާއްމުގޮތެއްގައި ބިސް ކޮއްޓަނީ މައްސަރުކަންތައް ދިމާވުމުގެ 14 ދުވަސް ކުރިންނެވެ. ގިނަ މީހުން ހީކުރަނީ ބިސް ކޮއްޓަނީ ދެމައްސަރުކަންތަކު ދޭތެރެ މެދުގައެވެ. ނަމަވެއް މިގޮތަށް ދިމާވާނީ ކޮންމެ 28 ދުވަހުން މައްސަރުކަންތައް ދިމާވާ މީހަކަށެވެ. ކޮންމެ 35 ދުވަހުން މައްސަރުކަންތައް ދިމާވާ މީހެއްގެ ބިސް ކޮއްޓާނީ 21ވަނަ ދުވަހުއެވެ. 17 ވަނަ ދުވަހަކު ނޫނެވެ.

ބައެއް އަންހެނުންނަށް ބިސްކޮއްޓާ ވަގުތު ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ގިނަ އަންހެނުންނަށް އެވަގުތު ދެނެގަންނާކަށް ނޭގެއެވެ. ބަލިވެއިންނަން ބޭނުން ނަމަ އެވަގުތު ފާހަގަ ކުރެވޭތޯ މަސައްކަތް ކުރާށެވެ. ކޮންމެ މަހަކު ހަށިގަނޑަށް ވަމުން އަންނަ ބަދަލުތައް ފާހަގަކޮށް ނޯތު ކުރާށެވެ. އާއްމު ގޮތެއްގައި ބިސްކޮއްޓާއިރު ފެންނަ އަލާމާތް ތަކުގެ ތެރޭގައި ތިރީގައި އެވާ ކަންތައްތައް ހިމެނެއެވެ.

1 އުރަމަތީގައި ރިއްސުން.

2 ދަށްބަނޑަށް ކޮންމެވެސް ވަރަކަށް އުދަގޫކަމެއް އިހުސާސް ކުރެވުން.

3 ކުރިމަތިފަރާތުން ދިޔައިއެއްޗެތި ފައިބާވަރު ގިނަވުން.

4 ހަށިގަނޑުގެ ފިނިހޫނުމިން 0.5ޑިގުރީވަރު މަތިވުން. މިކަން ފާހަގަ ކުރެވޭނީ ތަމޯމީޓަރަކުން ހެނދުނު ތެދުވާގޮތަށް ބޭރަށް ނުނިކުމެ ބެލުމުންނެވެ. އަދި މިގޮތަށް ބަލާއިރު ރަނގަޅީ ފުރަގަސްފަރާތަށް ތަމޯމީޓަރު ލައްވައިގެން ބެލުމެވެ.

5 އަދި ބައެއް އަންހެނުންގެ ކުރިމަތި ފަރާތުން ކޮންމެވެސް ވަރަކަށް ލޭއައުމަކީވެސް އެކަށީގެނވާ ކަމެކެވެ.

އެހެންކަމުން ދަރިޔަކު ހޯދަން ތައްޔާރުވާއިރު މިކަންތައްތައް ބެލުމުން ބަލިވެއިންނާނެ ކަމުގެ ޔަގީންކަން އިތުރުވާނެއެވެ.

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ވަނަ އަހަރު ބާއްވާ ގައުމަކަށް ޖަރުމަނުވިލާތް

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ވަނަ އަހަރު ބާއްވާ ގައުމަކަށް ޖަރުމަނުވިލާތް ހަމަޖެހިއްޖެއެވެ.

ޔުއެފާގެ މެމްބަރު ގައުމުތަކުގެ މެދުގައި ބުރާސްފަތި ދުވަހު ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ބިޑު ހުށަހެޅީ ޖަރުމަނުވިލާތާއި އަދި ތުރުކީ އިންނެވެ.

2024 ވަނައަހަރުބާއްވާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތްވެގެންދާނީ 2006 ވަނަ އަހަރުގެ ފަހުން ޖަރުމަނުގައި ބާއްވާ މިފަދަ ބައިނަލްއަގާވާމީ ފުރަތަމަ ފުޓްބޯޅަ މުބާރާތަށެވެ.

ތިން ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނުން މިފަހަރު ހުށަހެޅި ބިޑުގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ބަޔާން މިއުނިކްގެ ކުރީގެ ކެޕްޓަން ފިލިޕް ލާމްއެވެ. އޭނާއަކީ 2014 ވަނަ އަހަރުގެ ވާރލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރި އިރު ކެޕްޓަންވެސް މެއެވެ.

ޖަރުމަނުގެ 10 ސިޓީއެއްގައި މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ފްރީޑްރިކް ކަރޓިސް ވިދާޅުވީ ޔޫރަޕުގެ ގައުމުތަކުގެ މެދުގައި އެފަދަ ބޮޑު މުބާރާތެއް ބޭއްވުން ވެގެންދާނީ ފުޓްބޯޅައަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ތުރުކީ އާއި ވާދަކޮށް މިމުބާރާތްބާއްވާގައުމަކަށް ޖަރުމަންހަމަޖެހިފައިވާއިރު ވޯޓުލުމުގެ ކުރިން ޔޫއެފާއިން ނެރުނު އިވެލުއޭޝަން ރިޕޯޓުތަކުގައި ވަނީ ތުރުކީގައި މުބާރާތް ބާއްވައިފިނަމަ ހުރި ބައެއް ނުރައްކާތައް ފާހަގަކޮށްފައެވެ. އެގޮތުން މުބާރާތް ބޭއްވުމަށް ތުރުކީއިން ކަނޑައެޅި ބައެއް ސިޓީތަކުގެ ހޮޓެލްތަކުގައި ބޭނުންވާ ވަރަށް ކޮޓަރި ނެތް ކަމަށާއި އިންސާނީ ހައްގުތަކާއި ގުޅިގެން ތުރުކީއިން އެކްޝަން ޕްލޭނެއް ތައްޔާރު ކޮށްފައިނުވާކަން އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. ހަމައެހެންމެ ތުރުކީގެ ދަތުރުފަތުރުގެ ނިޒާމަކީ ވެސް އެފަދަ ބޮޑު މުބާރާތެއް ބާއްވާ ގައުމެއްގައި އޮންނަން ޖެހޭ ވަރަށް ވުރެ ކުޑަ ނިޒާމެއް ކަމަށް ވެސް ވަނީ އިވެލުއޭޝަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ މަންނާނަށް އަލުން ވަޒީފާދީފި

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކޮށްފައިވާ އަބްދުލް މަންނާނަށް އަނބުރާ ފުލުހުންގެ ވަޒީފާ ދީފިއެވެ.

މަންނާނަށް އަލުން ވަޒީފާ ދޭން ނިންމާފައި މިވަނީ އޭނާ ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލަ ފުލުހުންގެ އެޕީލް ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާ އިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އެޕީލް ބޯޑުން ނިންމުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުންގެ ވަޒީފާއިން މަންނާނު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާއިން މަންނާނު ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރި ފުލުހުންގެ ތެރޭގައި މަންނާނުވެސް ހިމެނޭ ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.

ފާރިސް ހައިކޯޓަށް ހުށަހަޅަފައިވާ އިސްތިއުނާފުގެ މައްސަލަ މި ހަފުތާގައި ގޮތެއްނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަހުސު އޮޅުވާލުމުގެ ކުށުގެ ހުކުމާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ މި ހަފުތާގެ ތެރޭގައި ހުކުމް އިއްވަވާނެ ކަމަށް ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވާފައިވާ ހުކުމާއި ގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ މިމައްސަލަ މިހަފްތާއި ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަނޑިޔާރު ފައިސަލްގެ އިތުރުން ދެން ބެންޗްގައި ތިއްބަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން އާއި ފަނޑިޔާރު ހަސަން އަލީ އެވެ.

ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހަލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ މިމައްސަލައިގެ މިއަދު ހެދުނު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ ދިފާއުގައި ގިނަކަންތަށްތަކެއްހުށަހަޅަފައެވެ.

ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ނެތް ކަމަށާއި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުން ކުރައްވައިގެން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް މެމްބަރުން ނޫން މެމްބަރުން ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ފާަރިސްގެ ގާނޫނީވަކީލް އިބްރާހީމް ޝަމީލް ވިދާޅުވީ، މައްސަލާގެ ތަހުގީގު ވެސް ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ޝަރީއަތް ހިންގިއިރު ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ފާރިސްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ހާޒިރުކޮށްފައިނުވަކަން ވަކީލް ފާހަގަކުރެއްވި އެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އިސްލާމީ އުސޫލުތަކާ ވެސް ހިލާފަށް ހެކިންގެ ހެކި ބަސް ސިއްރުން ނަގާފައިވާކަމަށްވެސް ޝަމީލް ވިދާޅުވި އެވެ. ޝަމީލް ވިދާޅުވި ގޮތުގައި ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ހެއްކާ ބެހޭ ގާނޫނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ނެތެވެ. އޭގެއިތުރުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ހެކިން ސިއްރުކުރަން ދައުލަތުން ނޭދޭ ކަމަށާއި ދައުލަތުން އެ މަރުހަލާގައި ހެކި ސިއްރު ކުރަން ނޭދޭއިރު ސިއްރުން ހެކި ބަސް ނެގޭނެ ހަމައެއް ނޯންނާނެ ކަމަށްވެސް ޝަމީލް ވިދާލުވިއެވެ.

ފާރިސްގެވަކީލް ވިދާޅުވީ ފާރިސްގެ މައްޗަށް ސަހުޝު އޮޅުވާލުމުގެ ދައުވާ އުފުލީ އޭނާ ހުއްދަ ކަމެއް ކުރުމުން ކަމަަށާއި އޭނާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއިރު ފާރިސް ޕީޕީއެމްއިން ވަކިކޮށްފައިނުވާ ކަމަށެވެ. އަދި އޭރު ރައްޔިތުންގެ މަޖިލީހުގައި ވެސް ފާރިސް ތަމްސީލްކުރައްވަމުންގެންދެވީ ޕީޕީއެމް ކަމަށްވެސް ވަކީލް ފާހަގަކުރައްވާފައިވެއެވެ.

އަދި ޝަހުސު އޮޅުވާލި ކަމަށްބުނާ މައްސަލައިގެ ދިފާއުގައި ދެއްކި ވާހަކަތަކަށް ރިޔާއަތްކޮށްފައި ނުވާކަމަށާއި، އެހުކުމަކީ ކުރިން ލިޔެވިފައިވާ ހުކުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ފާރިސްގެ ދިފާއުގައި ހައިކޯޓަށް މިއަދު ހުށަހެޅުއްވި ނުކުތާތަކުގައި ގާނޫނީ ވަކީލް ޝަމީލް ވިދާޅުވެފައިވެއެވެ.

އުތީމުގައި ބިދޭސީއަކު ވަޅުގަނޑަކަށް ވެއްޓި މަރުވެއްޖެ

 އުތީމު ނަރުދަމާ އެޅުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުތީމުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހަކު ވަޅުގަނޑަކަށް ވެއްޓުމާ ގުޅިގެން އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދެމުން ގެންދިޔަ ކަމަށެވެ. އެއަށް ފަހު ދިއްދޫއަށް ބަދަލުކޮށް ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރުގައި ކަމަށެވެ. އޭނާ ވިދާޅުވީ، މަރުވި މީހާއަކީ ބަނގުލަދޭޝްގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވީ، ނަރުދަމާ އެޅުމަށް ކޮނެފައިވާ ވަޅުގަނޑެއްގެ ގުންޑޮޅި ވެއްޓި ލިބުނު އަނިޔާތަކާއި ގުޅިގެން ކަމަށެވެ.

އުތީމުގެ ނަރުދަމާ އެޅުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 13 މިލިއަން ރުފިޔާ ޚަރަދު ކުރާ އެމަޝްރޫއުއެކެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ސަސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ފާރިސް ގެ އިސްތިއުނާފު އަޑުއެހުން މިއަދު 10:00ގައި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލާގެ އަޑުއެހުމެއް މިއަދު 10:00އަށް ތާވަލުކޮށްފި އެވެ.

ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.

އެ ހުކުމް ފާރިސް ތަންފީޒު ކުރައްވަމުންދާއިރު މިއަދު ބާއްވާ އަޑުއެހުމުގައި ފާރިސް މިނިވަންކޮށް ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.

ހައިކޯޓުގައި ފާރިސްގެ މައްސަލަ މިއަދަށް ތާވަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ އޭނާގެ ވެރިކަމެއްގައި ފާރިސް މިނިވަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މުވައްޒަފުންގެ އަގުވަޒަންކޮށް މި ކުންފުނިން ހަދިޔާކުރީ އަގުބޮޑު މާސީޑީސް-ބެންޒު ކާރު!

މަސައްކަތުގެ މާހައުލުގައި ލިބޭނެ އެންމެ ބޮޑު އުފުލަކީ ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. ނުވަތަ ލިބޭ މުސާރަ ބޮޑުވެ، އެކިކަހަލަ އިނާޔަތްތަކާއި ހަދިޔާ ލިބުމެވެ. ހާއްސަކޮށް މަސައްކަތްކުރާ ތަނަކަށް ގިނަ ދުވަހު ހިދުމަތް ކުރުމުން އެކަމުގެ އަގުވަޒަންކޮށްލުމަކީ ވެސް ބައެއް މުވައްޒަފުންނަށް ލައްކަ ވަރެކެވެ.

ނަމަވެސް އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އެންމެ ބޮޑު ސިޓީ، ސޫރަތްގައި ހުންނަ އަލިމަސް ވިއްކާ ކުންފުންޏެއް ކަމަށްވާ ހަރި ކްރިޝްނާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރު އަދި ޗެއާމަން، ސަވްޖީ ދޮލާކިއާ އަކީ މުވައްޒަފުން އަގުވަޒަންކުރުމުގައި ނަމޫނާ ބޭފުޅެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ދާދި ފަހުން އޭނާގެ ކުންފުނީގައި 25 އަހަރު ދުވަސް ވަންދެން ހިދުމަތް ކުރި ސީނިއާ ތިން މުވައްޒަފެއްގެ އަގުވަޒަންކުރުމަށް ދޮލައިކާ ވަނީ، ތިން ކުރޯޑް އިންޑިއަން ރުޕީސް (413700 އެމެރިކާ ޑޮލަރު)ގެ އަގުހުރި މާސީޑީސް-ބެންޒު އެސްޔޫވީސް އެއް ކޮންމެ މުވައްޒަފަކަށް ހަދިޔާ ކޮށްފައެވެ.

ކާރު ހަދިޔާކުރި ތިން މުވައްޒަފުންނަކީ ވެސް ހަރި ކްރިޝްނާ އެކްސްޕޯޓްސްގައި އެމީހުންގެ ފުރާވަރު އުމުރުން ފެށިގެން މަސައްކަތްކުރަންފެށި، އަދި މިހާރު އެ ކުންފުނީގެ މުހިއްމު ތިން ޑިޕާޓްމަންޓެއް ހިންގުމާ ހަވާލުވެގެން ތިބި މީހުންނެވެ.

“އެ ތިން މީހުން އަހަރެންގެ ކުންފުންޏާ ގުޅުނީ އެމީހުންގެ އުމުރުން ގާތްގަނޑަކަށް 13 ނުވަތަ 15 އަހަރުގައި. އެމީހުން ފުރަތަމަ ފަށައިގަތީ އަލިމަސް ކަނޑާ ޕޮލިސް ކުރަން ދަސްކޮށްގެން. އަދި މިއަދު އެމީހުންނަކީ ހަމައެކަނި މާހިރުންގެ އިތުރުން ކުންފުނީގެ އެންމެ ސީނިއާ އަދި އެންމެ އިތުބާރު ހިފޭ މީހުން،” ޓައިމްސް އޮފް އިންޑިއާއަށް ދޮލައިކާ ވިދާޅުވެފައިވެއެވެ.

މިއީ ދޮލައިކާ އޭނާގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އަގުބޮޑު ހަދިޔާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ ނިސާން ކުންފުނީގެ ދަށުން ހިންގާ އޮޓޯމޯބައިލް ބްރޭންޑެއް ކަމަށްވާ ޑަޓްސަން ބްރޭންޑުގެ ކާރުތަކެއް އެ ކުންފުނީގެ 1200 އަށްވުރެ ގިނަ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި ދީފައެވެ.

ހަމައެކަނި 12.5 އިންޑިއަން ރުޕީސް ހިފައިގެން އާންމުން ދަތުރުކުރާ ބަހެއްގައި ސޫރަތް ސިޓީއަށް އައި ގުޖުރާތުގެ ހުޅަނގުގައި އޮންނަ އަމްރެލީ ޑިސްޓްރިކްޓް ކުޑަ އަވަށަކަށް އުފަން ދޮލައިކާގެ ހަރި ކްރިޝްނާ އެކްސްޕޯޓާސް އަކީ މިއަދު 6000 ކުރޯޑް އިންޑިއަން ރުޕީސް ވަންނަ ވިޔަފާރިއެއްގެ ވެރިއެކެވެ. އަދި އޭނާގެ ދަށުން މިހާރު 5500 އަށްވުރެ މުވައްޒަފުން މަސައްކަތްކުރެއެވެ.