މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ގއ. މާމެންދޫ މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ 8:15 ހާއިރު އެރަށު ބަނދަރު ސަރަހައްދުގައި ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ގއ. ވިލިނގިލި، ރިޔާޒު، އަހުމަދު އަފްސަލް، 32 އަހަރެވެ،

އޭނާ މާމެންދޫއަށް ގޮސްފައިވަނީ އާ އަހަރު ފާހަގަކުރުމަށް އެރަށުގައި ބޮޑުބެރު ޖެހުމަށް ކަމަށް އެރަށުން ވާހަކަދެއްކި މީހަކު މައުލޫމާތުދެއެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓް ވުމާއެކު ފައިސަލް ގެންގޮސްފައިވަނީ ގއ. ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިރޭ ހިނގި އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް އަނިޔާ ލިބިގެން އަތޮޅު ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންގެ ހާލެއް އަދި ނޭނގެއެވެ.

ސަރުކާރު ދަމަހައްޓާނީ ހިދުމަތް ދީގެން، ކެމްޕެއިން ޖަގަހައަކަށް ނުވާނެ: ފެނަކަ އެމްޑީ ސައީދު

ސަރުކާޜު ދަމަހައްޓާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ދީގެން ކަމަށާއި ދެން ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، ފެނަކަ އަކީ ރައްޔިތުންގެ ވަރަށް އަސާސީ ހިދުމަތް ދޭ ކުންފުންޏަކަށް ވާތީ، ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓާނެ ކުންފުންޏަކަށް ފެނަކަ ވާނެ ކަމަށެވެ.

އަދި ފެނަކަ އަކީ ސިޔާސީ ޖަގަހައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކެމްޕެއިން ޖަގަހައަކަށް ނުވިނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓި ތަންފީޒު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ހިންގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

“ސަރުކާރު ދަމަހައްޓާނީ ކުންފުނީގެ ސިޔާސަތުތަކުގެ ތެރެއިން. އެއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން އަސާސީ ހިދުމަތް ދިނުން. ކެމްޕެއިން ޖަގަހައެއްގެ ގޮތުގައެއް ނޫން،” ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ފެނަކައިގެ ބުރާންޗުތަކުގައި ކުރީގެ ސަރުކާރުގައި އިސްކޮށް އުޅުނު މީހުން ވަކިކުރާނެތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެބޭފުޅުންނަކީ އެއްވެސް އިރެއްގައި މުވައްޒަފުންނަށް އަނިޔާވެރިވާ ބައެއް ނޫން ކަމަށެވެ.

އަދި މުވައްޒަފުންގެ ވިސްނުމާއި ފިކުރަށް ބަލާފައެއް އެބޭފުޅުންގެ ހައްގުތަކަށް އަރައިގަންނާކަށް ނުޖެހޭ ކަމަށާއި ނަމަވެސް ފެނަކައިގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވީތީވެ، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ ދޭތެރޭގައި އޮންނަ ހަމަތަކުން ފިޔަވަޅު އަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނަކަ އަކީ ސާފު ސީދާ ފައިދާއެއް އަދި ނުލިބޭ ކުންފުންޏެއް ނަމަވެސް ކުންފުނިން ކުރާ އިސްރާފާއި ބޭކާރު ކަންތައް ހުއްޓާލައިގެން މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދެވޭނެ ކަމަށެވެ.

“ވަރަށް ކެރި ހުރެގެން ދަންނަވާނަން މި ސަރުކާރުގައި މި ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ވައްކަމެއް ނުކުރާނަން. އެފަދަ ކަމެއް މަގުފަހިވާކަމެއް ވެސް އެނގިހުރެ ނުކުރާނަން،” ސައީދު ވިދާޅުވިއެވެ.

ޝަރުތަކަކާއެކު 24 ގަޑިއިރަށް ފިހާރަ އާއި ހޮޓާތައް ހުޅުވަން ހުއްދަ ދޭން ފަށައިފި

ވަކި ހާއްސަ ޝަރުތުތަކެއް ހަމަވާ ފިހާރަތަކަށާއި ރެސްޓޯރެންޓް، ހޮޓާ އަދި ކެފޭތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދޭން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ކެފޭ އަދި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުތަކުގައި ބުނެފައިވާ ގޮތުގައި، އެފަދަ ތަންތަން 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ.

އެގޮތުން، 24 ގަޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދޭން ނިންމާފައިވަނީ، އެތަނެއް ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ސާފުކޮށް ފެންނާނެ ގޮތަށް އަލިކޮށްފައި ހުރުމާއެކު 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓް ކުރާ ތަންތަނަށެވެ.

އަދި އެތަނަކީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި ހިންގާ ތަންތަނަށް ވާންޖެހޭނެއެވެ. ނަމަވެސް ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.

އޭގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދޭ ކެފޭ، ރެސްޓޯރެންޓް ހޮޓާތަކުގައި މެންދަމު، 1:00 އިން ފަތިހު 4:30 ދެމެދު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަންޖެހެއެވެ.

އެކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ، 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ އެއް ނަގަންޖެހެއެވެ. ހުއްދަ ދޫކުރަން އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއްގެ ޒަރިއްޔާއިން ރަށްރަސުގައި ނަމަ އެރަށެއްގެ ކައުންސިލަށް ސިޓީތަކުގައި ނަމަ ސިޓީ ކައުންސިލަށެވެ. އަދި އެކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެކަމަށް އެދި ހުށަހެޅޭނެއެވެ.

މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ކޮންމެ ފަހަރަކު ދެ އަހަރު ދުވަހަށް ދިނުމަށެވެ. އަދި ހުއްދަ ލިބުމުން ފީއެއްގެ ގޮތުގައި 2،000 ރުފިޔާ މީރާއަށް ދައްކަން ޖެހެއެވެ. އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެ އެވެ.

އެ އިސްލާހުތައް ބުނާގޮތުން، މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަހަށް ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ޚިލާފްވާނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ހުއްދަ ނެގުމަށްފަހު، 24 ގަޑިއިރު ވިޔަފާރި ނުކުރާ ނަމަވެސް ހުއްދަ ބާތިލް ކުރެވޭނެއެވެ.

ސުއޫދުގެ ވާހަކަތަކަކީ ޖުޑިޝަރީ އަޅުވެތިކުރުމަށް ދެއްކި ބިރުހުރި ވާހަކަތަކެއް: ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓާ ގުޅިގެން މަރާލާފައިވާ މީހުންގެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކަކީ މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދައްކާފައިހުރި ބިރުހުރި ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ފަރާތުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހުސްނުއް ސުއޫދު ވަނީ، ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުން ނުފޫޒު ފޯރުވާ ގޮތުގެ ވާހަކަ ތަފުސީލާއެކު ކިޔަވައިދެއްވައިފައެވެ.

އެގޮތުން ފަނޑިޔާރުން އައްޔަންކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށާއި ގޭންގުތަކުން ނޮމިނޭޓްކުރާ ފަރާތްތައް ކޯޓުތަކަށް އައްޔަންކުރުމަކީ ހިނގާފައިހުރި ކަންތައްތައް ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

އަދި ފަނޑިޔާރުންގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށާއި އެގޮތުން މަރުގެ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންނާއި ގޭންގުތައް ގުޅިގެން މީހުން ކުށުން ބަރީއަކޮށްފައިވާ ކަމަށް ވެސް ސުއޫދު އިއްޔެ ވަނީ ތުހުމަތު ކޮށްފައެވެ.

ސުއޫދު ދެއްކި ވާހަކަތަކުގެ ހެކި ހުށަހެޅުމަށް އެދި ސުޕްރީމް ކޯޓުން ނޫސް ބަޔާނެއް ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާމެދު ސުއޫދު ދެއްކި ވާހަކަތަކަކީ ނުރައްކާތެރި ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކަމަށެވެ.

އަދި އެއީ ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ނާޖާއިޒު މަންފާތަކެއް ހޯދައި ގައުމު ހަލަބޮލިކުރަން ދެއްކި ވާހަަކަތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

“މިއީ މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދައްކާފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތެއް ކަމަށާއި އަދި މިވާހަކަތަކަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ޝަރުއީ ނިޒާމުގެ ހުރުމަތް ގެއްލުވާލައި، ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވަ ވާހަކަތަކެއް ކަމުގައި މިކޯޓުން ދެކެމެވެ،” ސުއޫދުގެ ވާހަކަ ކުށްވެރިކޮށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅޭނެ ގާނޫނީ ނިޒާމެއް ގާއިމްކޮށްފައި އޮތްއިރު އެ ނިޒާމުގެ ތެރެއިން ފިޔަވަޅުއެޅުމަށް ވެސް އެ ކޮމިޝަނުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ޝަކުވާ ބަލައިގަތުމުގެ ގާނޫނީ ބާރުވެރިކަން އޮތް އެއްވެސް މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަކާ ނުލައި ފަނޑިޔާރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު އަދި ފިތުނަވެރި ވާހަކަތަކެއް ފަތުރައި، ޖިނާއީ އަދުލުގެ ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

“ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭނެ ކަމަށް ހުސްނުއް ސުއޫދު ބުނެފައިވާއިރު، މި ކޯޓުގެ ފަނޑިޔާރުންނަށް ހުސްނުއް ސުއޫދު ކުރާ ތުހުމަތާ ގުޅޭގޮތުން އަމިއްލައަށް ގޮތެއް ނިންމައިގެން ވާހަކަދެއްކިކަމީ، ހުސްނުއްސުއޫދު ހުސްނިއްޔާއެއްނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމުގައި މި ކޯޓުން ދެކެމެވެ،” ކްރިމިނަލް ކޯޓުގައި އިތުރަށް ބުނެފައިވެއެވެ.

އެ ކޯޓުން އިތުރަށް ބުނީ ޖިނާއީ އަދުލުގެ ނިޒާމާމެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއްދީ އެ ކޯޓާއި އެކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނޭހެން ކުރާ އެފަދަ ކަންކަން ބަލަމުންދާނެ ކަމަށެވެ.

އާ އަހަރާ ދިމާކޮށް މާލެ ސަރަހައްދުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށަނީ!

އާ އަހަރާ ދިމާކޮށް މާލެ ސަރަހައްދުގައި ހާއްސަ މަސައްކަތްތަކެއް މިރޭ ފަށަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވާނީ އިންޓާނަލް ސެކިއުރިޓީ ކޮމާންޑުގައި ހިމެނޭ ޑިޕާޓްމަންޓްތަކުންނެވެ.

ފުލުހުން ނުކުމެ މިރޭ ފަށާ ހާއްސަ މަސައްކަތުގެ ތެރެއިން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ބްރިޖާއި ހައިވޭ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓް ގާއިމްކޮށް، އެއްގަމު އުޅަނދު ބަލައި ފާސްކުރާނެއެވެ.

އަދި މާލެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާއިރު ތުހުމަތުކުރެވޭ ފަރާތްތައް ބަލައިފާސްކުރުމާއި ފާހަގަކުރެވޭ ސަރަހައްދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އާ އަހަރާ ދިމާކޮށް ފުލުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑުން މާލެ ސަރަހައްދުގައި ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވެސް ވަނީ ކުއްތާ ބޭނުން ކޮށްގެން ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ.

ކްރިމިނަލް ކޯޓާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ހެކިތައް ހިއްސާކުރުމަށް ސުޕްރީމް ކޯޓުން އެދިއްޖެ!

ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު އިންސާފު ނުލިބޭނެ ކަމަށާއި ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުން ނުފޫޒު ފޯރާފައިވާކަމަށް ބުނެ މަރާލާފައިވާ މީހުންގެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކުގެ ހެކިތައް ހިއްސާކޮށްދިނުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ފަރާތުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހުސްނުއް ސުއޫދު ވަނީ، ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުން ނުފޫޒު ފޯރުވާ ގޮތުގެ ވާހަކަ ތަފުސީލާއެކު ކިޔަވައިދެއްވައިފައެވެ.

އެގޮތުން ފަނޑިޔާރުން އައްޔަންކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށާއި ގޭންގުތަކުން ނޮމިނޭޓްކުރާ ފަރާތްތައް ކޯޓުތަކަށް އައްޔަންކުރުމަކީ ހިނގާފައިހުރި ކަންތައްތައް ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

އަދި ފަނޑިޔާރުންގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށާއި އެގޮތުން މަރުގެ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންނާއި ގޭންގުތައް ގުޅިގެން މީހުން ކުށުން ބަރީއަކޮށްފައިވާ ކަމަށް ވެސް ސުއޫދު އިއްޔެ ވަނީ ތުހުމަތު ކޮށްފައެވެ.

އެވާހަކަތަކާ ގުޅިގެން ސުޕްރީމް ކޯޓުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ނުފޫޒުގައި ޖެހި ހެކި ގެއްލުވާލައި އަދުލު އިންސާފަށް ހުރަސްއެޅުމުގެ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަކަމަށް ބުނެ ސުއޫދު ދެއްކެވި ވާހަކަތަކަކީ އެ ކޯތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ޝަރުއީ ދާއިރާ އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ފާހަގަކުރެއްވި ކަންތައްތަކުގެ ހަގީގަތް ހޯދަން ނިންމާފައިވާ ކަމަށް ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

“އެ ކޮމިޝަނުން ފާހަގަކުރެއްވި ކަންތައްތަކުގެ ހަގީގަތް ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކާ އެކަންކަމުގެ މައުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހިއްސާކޮށްދެއްވުމަށް އެދި މިހާރު ވާނީ އެކޮމިޝަނުގައި ދެންނެވިފައެވެ،” ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހުކުރު ދުވަހު ބަންދުކުރާ މަގުތަށް މިހަފްތާގައި އިއުލާންކުރާނެ

އާއިލާ އާއި ކުޑަކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަށް ހުކުރު ދުވަސްތަކުގައި ބަންދުކުރުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ކުރިއަށް އޮތް ދެދުވަހުގެތެރޭގައި އިޢުލާންކުރައްވާނެކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އަރބަން ޑިވަލޮޕްމަންޓް އައިމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ އާޠިފާ ވިދާޅުވީ މި މަސައްކަތް ކުރުމަށްޓަކައި، ފުލުހުންނާއި މާލެސިޓީ ކައުންސިލާއެކު ޓެކްނިކަލް ލެވެލްގެ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު، ބަންދު ކުރުމަށް ހަމަޖެހިފައިވާ މަގުތައް މިހާރު ފާހަގަކޮށްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނުވަތަ އަންނަ ހަފްތާގައި އެ މަގުތަކާއި ސަރަޙައްދުތައް ކަނޑައަޅާ އެކަން އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށެވެ.

މާލޭގައި ކަނޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެނދުނު ބަންދުކޮށް އާއިލާ އާއި ކުޑަކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމެކެވެއެވެ. އަދި މިވަޢުދަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ. މިއީ

ޔޫއޭއީ އަށް ދަތުރުކުރާ ދިވެހިން ވިސާނަގަން ނުޖެހޭގޮތަށް ހަމަޖައްސައިފި

މާދަމާއިން ފެށިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދާ ދިވެހިން ވިސާ ނަގަން ނުޖެހޭނެ ކަމަށް ފޮރިން މިިނިސްޓިރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ޚަލީލު ވިދާޅުވީ، މާދަމާއިން ފެށިގެން ދިވެހިން ޔޫއޭއީއަށް ދަތުރުކުރުމުގައި ވިސާ ނަގަން ނުޖެހޭނެ ކަމަށާއި، ދިވެހިންނަށް ފްރީ ވިސާ ދިނުމުގައި ޔޫއޭއީގެ ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެއަރލައިންތަކަށްވެސް މިހާރު އަންގާފައިވާކަމަށެވެ.

” މާދަމާއިން ފެށިގެން ދިވެހިން ޔޫއޭއީއަށް ދަތުރުކުރުމުގައި ވިސާ ނަގަން ނުޖެހޭނެ. ފްރީ ވިސާ ދިނުމުގައި ޔޫއޭއީގެ ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެއަރލައިންތަކަށްވެސް މިހާރުވަނީ  އަންގާފައި.” މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ޚަލީލު ވިދާޅުވިއެވެ.

ދިވެހިންނަށް ވިސާއާނުލައި ޔޫއޭއީއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެޤައުމުގެ ޚާރިޖީ ވުޒާރާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ނޮވެމްބަރު މަހުގެ ފަހުކޮޅު އިޢުލާނު ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެޤައުމަށް ކުރެއްވި ދަތުރުފުޅުގައި ވެރިރަށް އަބޫދާބީގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަހްޔާނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ޔޫއޭއީގެ އިތުރުން، ވިސާގެ ތާށިކަން ކުރިމަތިވެފައި އޮތް އިންޑިއާއިންވެސް ވަނީ ދިވެހިންނަށް ވިސާގެ ލުއިފަސޭހެ ގޮތްތަކެއް ހަމަޖައްސާފައެވެ.

ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދަރަވަންދޫން މީހަކު ހައްޔަރުކޮށްފި

ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ބ އަތޮޅު ދަރަވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ބ. އަތޮޅުގެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އޭދަފުށި ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ.

ޑިސެންބަރު 30ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ދަރަވަންދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 65 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

ބަންދުކޮށްފައިވާ އަމީރު އަހްމަދު މަގު މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލަނީ

ބަންދުކޮށްފައިވާ އަމީރު އަހްމަދު މަގު މިއަދު އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލުމަށް ނިންމައިފައިވާކަމަށް މާލޭ ސިތީކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީކައުންސިލުން ބުނީ އިސްލާމީމަރުކަޒުގެ އުތުރުފަރާތަށް ވާގޮތަށް އޮންނަ އަމީރުއަހްމަދު މަގު ރަސްމީކޮށް އަލުން ހުޅުވާލާނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ.

އަދި އެ މަގު އަލުން ހުޅުވާލުމާއެކު ދަތުރުކުރާނީ ކުރިންވެސް އެ މަގު ބޭނުންކުރަމުންގެންދިޔައިރު ދަތުރުކުރި ގޮތަށް އިރުން ހުޅަނގަށް ކަމަށްވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަންދުކޮށްފައިވާ އަމީރު އަހްމަދު މަގުގައި ޖަހާފައި ހުރި މާބުލްތައް ނައްޓާލައި، މިމަގު އަލުން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހެދީ ޕްލޭނިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގުޅިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާ، 100 ދުވަހުގެ ޕްރޮގްރާމުގައި ވަނީ އެމަސައްކަތްތައް ހިމަނާފަ އެވެ.