މަޖިލިސް އިންތިހާބަށް އެއްބަސްވުމެއް އޮތް، އެއާ ހިލާފުވެއްޖެ: މައުމޫން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުން ގުޅިގެން އިންތިހާބުގައި ވާދަކުރުމަށް އެއްބަސްވުމެއް އޮތް ކަމަށާއި ނަމަވެސް މިހާރު އެ އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ކޯލިޝަންގެ ހަތަރު ލީޑަރުން ގުޅިގެން މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ ތެރޭގައި އެއްބަސްވެފައި އޮތް ގޮތަކީ، ސަރުކާރު ހިންގާ މައި ޕާޓީން 35 ދާއިރާއަކަށް އަދި ޖުމްހޫރީ ޕާޓީން 22 ދާއިރާއަކަށް ވާދަކުރުމަށް ކަމަށެވެ.

އަދި އަދާލަތު ޕާޓީއަށް 13 ދާއިރާ ދޭން ނިންމިއިރު، އެމަނިކުފާނުގެ އެމްއާރުއެމްއަށް 17 ދާއިރާ ދޭން އެއްބަސްވިކަމަށް މައުމޫން ވިދާޅުވިއެވެ.

މި އަދަދު ތަކަކީ މަޖިލިސް އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ކޯލިޝަންގެ ލީޑަރުން ވަކިވަކިން އެއްބަސްވެފައިވާ ގޮތެވެ. އަދި އެއީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަށް އަމަލުކުރާނަމަ ޕާޓީތަކަށް ލިބޭނެ ދާއިރާތަކުގެ އަދަދެވެ.

މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް އޮތް ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހިޔާލު ތަފާތުވުންތަކާއެކު ވެރިކަން ކުރާ ކޯލިޝަނުން ގުޅިގެން  މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ސޮއި ކޮށްފައިވާ ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމަނިކުފާނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ދެމީހުން ޖޭޕީ އަދި އަދާލަތު ޕާޓީއާއެކު ވަކިވަކިން ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮންނާނެ ކަމަށް މީޑިއާއާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ އެމްއާރުއެމްއާއެކު އެމްޑީޕީން އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. އެއީ އެދުވަސްވަރު ރައީސް މައުމޫން ޖަލުގައި ހުންނެވުމުގެ ސަބަބުންނެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް އިތުރަށް ވިދާޅުވީ، ކޯލިޝަން ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމަކީ ހުދު އެމަނިކުފާނު ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޯލިޝަންގެ ތެރޭގައި އޮތް އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ވިދާޅުވިއެވެ.

“ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އެއްބަސްވުމެއް ނޫނޭ. އަޅެ ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް އެއާ ހިލާފަށް އަމަލުކުރައްވަން ފައްޓަވައިފި. އެމްޑީޕީން ވެސް 86 ސީޓަށް ކުރިމަތިލައްވާ. ޖުމްހޫރީ ޕާޓީން ވެސް ރޭގަ އިއުލާންކުރެއްވި 36 ސީޓަށް ކުރިމަތިލައްވާ ކަމަށް،” އެމްއާރުއެމްއިން މަޖިލީހަށް ވާދަކުރައްވާނެ ގޮތަކީ ކޮބައިތޯ ސުވާލުކުރެއްވުމުން މައުމޫން ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްއާރުއެމްގެ ފަރާތުން ވާދަކުރައްވާނީ ކިހިނެތްތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެމްއާރުއެމް އިން ބޭނުންވާ އަދަދަކަށް ކުރިމަތިލުމުގެ އިހްތިޔާރު މިހާރު އެބައޮތް ކަމަށެވެ.

އެގޮތުން އެ ހަރަކާތުގެ ނަމުގައި މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 108 ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، އެމްއާރުއެމްގެ ބޭފުޅުން މަޖިލީހަށް ވާދަކުރައްވާނީ އެމަނިކުފާނުގެ ތާއީދާއެކު އަމިއްލަ ގޮތުން ކަމަށެވެ.

އެގޮތުން މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުން ތެރެއިން އެމްއާރުއެމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދޭނީ އެންމެ ބޮޑު ތާއީދެއް ލިބޭނެ ދާއިރާތަކެއް ވިސްނުމަށްފަހު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ކުރިމަތިލާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ކުރިމަތިލައްވާނެ ބޭފުޅުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މޮރިޝަސް ކޮމާޝަލް ބޭންކުން އުފުލި 2.6 މިލިއަން އެމެރިކާ ޑޮލަރުގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ސިވިލްކޯޓުން އެ މައްސަލަ ނިންމައިފި އެވެ.

މޮރިޝަސް ބޭންކުން ޖުނައިދަށް އުފުލި 2.2(އިންޓްރެސްޓާއިއެކު 2.6 މިލިޔަން ) އެމެރިކާ ޑޮލަރުގެ މި ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުގައި ނިންމީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

މޮރިޝަސް ބޭންކުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ނިންމާ ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރީއަތުން ރިޔާއަތްކޮށް ބެލި އިރު މޮރިޝަސް ކޮމާޝަލް ބޭންކުން ލޯން ނަގާ ފަރާތުގެ ހައިސިއްޔަތުން ގްލޯބަލް ލިންކްސް އާއި ކޯޕަރޭޓް ގްރެންޓޯގެ ގެ ހައިސިއްޔަތުން ހޯދީ ޕްރައިވެޓް ލިމެޓެޑާއި ޕާސަނަލް ގްރެންޓޯގެ ހައިސިއްޔަތުން ސ. މީދޫ ކެނެރީ ވިލާ މުހައްމަދު ޖުނައިދުގެ މެދުގައި 17ޖުލައި2014 ގައި ސޮއިކޮށްފައިވާ ކަމަށް ބުނެ މޮރިޝަސް ބޭންކުން ހުށަހަޅާފައިވާ އެގްރީމެޓްތަކަށް އެ ފަރާތްތަކުން އިންކާރު ކުރާ ކަމަށެވެ.

އަދި އެ އެގްރިމެންޓްތަކާމެދު އެ ފަރާތްތަކުން ޝައްކު އުފައްދާފައިވާތީ އެގްރިމެންޓްތަކާއި ބޭންކު ވެސް ހިމެނޭ ގޮތުން އެގްރިމެންޓްތަކުގައި ބައިވެރިން ހަމައަށް ސޮއިކޮށްފައި ނުވާ އަދި ބޭންކުގެ ސިއްކަ ވެސް ޖަހާފައި ނުވާކަން އެގްރިމެޓްތަކުން އެނގެން އޮތުމާއެކު އެ އެގްރިމެންޓްތަކަކީ އެ ފަރާތްތަކުން ސޮއި ކޮށްފައިވާ ސައްހަ އެގްރިމެންޓް ތަކެއްކަން ޝަރީއަތަށް ސާބިތުވާ ފަދަ ކާފީ ހެކި ދައުވާ ކުރާ ފަރާތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އެ އެގްރިމެންޓްތަކުގެ ދަށުން އޯވަ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައިި ގްލޯބަލްލިންކަށް މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކުރި ކަމަށް ބުނާ 2.2 މިލިޔަން އެމެރިކާ ޑޮލަރަކީ މޮރިޝަސް ބޭންކުގެ ފަރާތުން ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ފައިސާއެއްކަން އަދި އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްގެން އެކުންފުނިން ބޭނުންކޮށްފައިވާ ފައިސާއެއްކަން ވެސް ޝަރީއަތަށް ސާބިތުވާނެފަދަ ހެއްކެއް އެބޭންކަށް ދެއްކިފައި ނުވާ ކަމަށް ވެސް ސިވިލްކޯޓުގެ އެ ހުކުމުގައި ބުނެ އެވެ.

މީގެ އިތުރުން ބުނެފައި ވަނީ އެކަންކަން އެހެން އޮތުމުން މޮރިޝަސް ބޭނުންކުން ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑާއި ސ. މީދޫ ކެނެރީ ވިލާ މުހައްމަދު ޖުނައިދު ގެ މައްޗަށް ކުރި ދައުވާ ޝަރިއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅާ ހުކުމްކުރާކަމަށެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމަވައިފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އެ ޕާޓީ އުފައްދަން ނިންމަވާފައިވާކަން ރައީސް މައުމޫން އިއުލާން ކުރެއްވި މިއަދު ސޯލްޓް ކެފޭގައި ކުރިއަށްދާ ބައްދަލުވުމަށްފަހު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުންނެވެ.

މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިއިރު، ޕީޕީއެމްގެ މިލްކުވެރިކަމާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމައެވެ. ނަމަވެސް ޕީޕީއެމް އިން މިފަހުން ބޭއްވި ހާއްސަ ކޮންގުރެސް ސައްހަ ނޫން ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން ވަނީ އެ ކޮންގުރެސް ސައްހަ ކަމަށް އިއްޔެ ހުކުމްކޮށްފައެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމް އައީ އެމަނިކުފާނާއި އެމްއާރުއެމް އެދޭ ގޮތަކަށް ނޫން ކަމަށާއި އެއީ ކުރިމަތިލައްވަންޖެހުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

ނަމަވެސް އެހާ ހިސާބުން އެމްއާރުއެމްގެ ހަރަކާތްތައް ހުއްޓާލަންވީތޯ ސުވާލު އުފައްދާ އެ ހަރަކާތުގެ ކޯ ގުރޫޕާއެކު މަޝްވަރާކޮށް ހިޔާލު ހޯއްދެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެއިން އެއްވެސް ބޭފުޅަކު ތިއްބެވީ އެ މަސައްކަތް ހުއްޓާލައްވައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“…ހުރިހާ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަތީ މިހާރު އެންމެ ރަނގަޅު ގޮތަކީ އެމްއާރުއެމްއަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުންކަމުގައި…މިއަދު އަޅުގަނޑުމެން ފަށައިފިން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތް. ފޯމް ނަގާ އެ ހުރިހާ ކަމެއް ހިނގާ. ލަސްތަކެއް ނުވެ ގާނޫނު ބުނާ އަދަދަށް ފޯމް ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ އަދި ގަވައިދު ތަންދޭ ގޮތެއްގެ މަތިން ވަރަށް އަވަހަށް ޕާޓީ ރަޖިސްޓްރީކޮށް ނިމޭނެ،” ރައީސް މައުމޫން ވިދާޅުވިއެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ލިބިއްޖެނަމަ، މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ތިންވަނަ ޕާޓީއެވެ. އެގޮތުން ޑީއާރުޕީ އާއި މިހާރު ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަކީ ވެސް އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ދެ ޕާޓީއެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެމްއާރްއެމް ޕާޓީއަކަށް ހެދުމުގެ ކުރިން ގާނޫނީ ލަފާ ވެސް ހޯއްދެވި ކަމަށެވެ. އެގޮތުން އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާއި މިހާރު އެ ކޯޓުގައި އޮތް ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލައަކީ އެއް ޒާތުގެ ދެ މައްސަލައަކަށްވާތީ އެއް ބާވަތެއްގެ ދެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދިއުން ގާތްކަމަށް ބައެއް ގާނޫނީ ބޭފުޅުން ލަފާއެރުއްވި ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާރު އޮތް މައްސަލަ ސުޕްރީމް ކޯޓުން ބެލި ނަމަވެސް، އެއީ ކިހާ ދިގުލައިގެން ދާނެ މައްސަލައެއް ކަމެއް ނޭނގޭތީވެ،  އެ މައްސަލައަށް އިންތިޒާރު ކުރުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ބޭނުންތައް އޮޅުންފިލުވުމަށް މިނިސްޓަރު ޝިދާތާ ސަލާންޖަހާ މީހުންގެ ގާތަށް!

ލޯކަލް މާރުކޭޓް ސަރަހައްދުގައި ތިބޭ ސަލާންޖަހާ މީހުންގެ ބޭނުންތައް އޮޅުންފިލުވުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މާދަމާ މާރުކޭޓް ސަރަހައްދަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ލޯކަލް މާރުކޭޓް ސަރަހައްދުގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން އެ ފަރާތްތަކުގެ ޒަރޫރީ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އެދި ސަލާން ޖަހަމުންދާތީ އެ ފަރާތްތަކުގެ ބޭނުންތައް އޮޅުންފިލުވުމަށް މިނިސްޓަރު އެފަރާތްތަކުގެ އަރިހަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެފަރާތްތަކާ ބައްދަލުކޮށް އެމީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ކިހިނެތްކަން ދެނެގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ސަލާންޖަހާ މީހުންގެ ހާލަތު ދެނެގަނެ އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މިނިސްޓަރު ޝިދާތާ އެފަދަ މީހުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން ދަނީ އެހީވަމުންނެވެ.

ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވައިފި

ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ގޮތްޕެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

މި ގޮފި ހުޅުވާފައިވަނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކޮމާޝަލް ބްލޮކް ސަރަހައްދުގަ އެވެ.

މި ސަރަހައްދަކީ މިހާރުވެސް ބައެއް ބޭންކްތަކުގެ ގޮފިތައް ހުންނަ ސަރަހައްދެކެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ގޮފިވެސް ހުންނަނީ މިސަރަހައްދުގައެވެ.

ބޭންކް އޮފް ސިލޯނުގެ ގޮތްޕެއް ހުޅުވުމަށް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ބޭންކްގެ ޖެނެރަލް މެނޭޖަރު ސިނޭރަތް ބަންޑާރާ ވިދާޅުވީ ތަރައްގީގެ ގޮތުން ކިތަންމެ ކުރިއަރާ ދިޔަކަމުގައިވިއަސް އިންސާނީ އެހީތެރިކަމާ ނުލާ އެއްވެސް ކަމެއް ފުރިހަމަ ނުވާނެ ކަމަށެވެ. އަދި މިހުޅުވުނު އާ ގޮފީގެ ސަބަބުން ބީއޯސީން ފޯރުކޮށްދެމުންގެންދާ ޚިދްމަތްތައް އިތުރަށް ފުޅާވެ ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އާދަމް ނަސީރު ވިދާޅުވީ ބައިނަލްއަގްވާމީ ކުންފުނިތަކާއެކު މަސައްކަތްކޮށް އެކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ދިއުމަކީ އެމްއެމްއޭ އިން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. އަދި ކޮންމެ ގައުމެއްގައިވެސް އެ ގައުމެއް ހިއްސާވާ އިގްތިސާދީ ކުންފުނިތަކުން އަދާާކުރާ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ ބީއޯސީ އަކީ ރާއްޖެ ތަރައްގީކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރި ބޭންކެއް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ބީއޯސީގެ ގޮތްޕެއް ހުޅުވާފައިވަނީ 1981 ވަނަ އަހަރުގަ އެވެ.

އިންޑިއާ އާއެކު ސިއްރު އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވާނެ :މާރިޔާ

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސިއްރު އެއްވެސް އެއްބަސްވުމެއްގައި އިންޑިއާ އާއިއެކު ސޮއިކޮށްފައި ނުވާނެ ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖުމްހޫރީދުވަހާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ މާރިޔާގެ އިންޑިއާ އަށް ކުރެއްވި މިދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުފޫޒު ފޯރާނެ ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށް ވިދާޅުވެ ސިޔާސީ ބައެއްފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

“އަޅުގަނޑުގެ މި ދަތުރަކީ ހަމަ އޮފިޝަލް ލެވަލެއްގައި ކުރި ދަތުރެއް. ދެން އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވިން އަދި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި އެކުވެސް ބައްދަލުކުރިން. އެހެންނަމަވެސް އެ ދަންނަވާ ފަދަ އެއްވެސް ކަހަލަ ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކޮށް ނުވަތަ ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ ފަދަ އެއްވެސް ވާހަކަތަކެއް އަޅުގަނޑުމެން ނުދައްކަމު،” މިނިސްޓަރ މާރިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެއް ހަފްތާގެ މުއްދަތަށް އެކަމަނާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެން ދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ދެގައުމުގެ ގާތް ރަހްމަތްތެރި ގުޅުން ބަދަހިކަމާއި އެކު ކުރިޔަށްގެންދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެގައުމުގެ ނޫހެއް ކަމަށްވާ ދަ ހިންދޫ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން އަބަދުވެސް ބޭނުންވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ސަލާމަތާއި ރައްކާތެެރިކަން ގާއިމުކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި އޮތުން ކަމަށާއި،  އެހެންކަމުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދުނިޔޭގައި ބާރުގަދަ އެހެން އެއްވެސް ބައެއްގެ ނުފޫޒު ހިނގާ މަންޒަރު ދެކެވަަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑިއާ އަކީ ދިވެހިރާއްޖެއާއި އެންމެ ކައިރީގައި އޮތް ގައުމަށްވާއިރު މިހާތަނަށް ރާއްޖެއަށް ދިމާވެފައިވާ ހުރިހާ ދަތި އުދަނގޫ ވަގުތެއްގައި އިންޑިއާއިން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ޖެންޑާއިން ކޮންމެ އަހަރަކު ދޭ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެނޑަރ މިނިސްޓްރީން ބުނީ “ރެހެންދި އެވޯޑް” ނަން ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަށްކަމަށެވެ.
ގައުމީ ތަރައްގީގައި ފާހަގަކުރެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުންދާ ރެހެންދި އެވޯޑަށް ނަންހުށަހެޅުމުގެ ފުރުސަތު އަމިއްލަފަރާތްތަކުގެ އިތުރުން އޮފީސްތަކަށާއި ކުންފުނިތަކަށްވެސ ވަނީ ހުޅުވާލާފައެވެ.

މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.

ކޮންގުރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއަކަށް ތޮލާލް

ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްއަކަށް ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ތޮލާލް އައްޔަން ކުރައްވައިފިއެވެ.

ކޮންގުރެސް ޕާޓީން ބުނީ، ތޮލާލް އެމަގާމަށް އައްޔަންކުރެއްވީ އެޕާޓީގެ ކައުންސިލުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އިލެކްޝަން ކޮމިޝަންގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ތޮލާލް އަކީ މިހާރު ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕީޕީއެމް އުފެއްދުމުގައާއި އެޕާޓީގެ މުހިންމު ކޮމެޓީތަކުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު ކަން ވެސް އޭނާ ކުރެއްވިއެވެ.

ނަމަވެސް އޭރު ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާއި ދެމެދު ގުޅުން ގޯސްވެ، ޕީޕީއެމްގެ ތެރޭގައި ދެބޭފުޅުންގެ ފެކްޝަންތަކެއް އުފެދުނު ދަނޑިވަޅުގައި އެޕާޓީގެ އެސްޖީކަމުން ތޮލާލް އިސްތިއުފާ ދެއްވިއެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަސްތަކެއް ކުރިމަތިވާތީ ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ ހުރަސްތަކެއް ވިދާޅެއް ނުވެއެވެ.

ޕީޕީއެމްގެ އެސްޖީ ކަމުން އިސްތިއުފާ ދެއްވުމަށްފަހު ތޮލާލް ދެން ފެނިގެންދިޔައީ ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު ކަމުންނެވެ.

ކޮންގުރެސް ޕާޓީއަށް އެސްޖީއަކު އައްޔަންކުރިއިރު، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކޮންގުރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އައްޔަން ކުރައްވައިފައެވެ.

އަދި ނައިބް ރައީސް ކަމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އައްޔަންކޮށް، ޕާޓީގެ ހިންގާ ކޮމެޓީއަށް 40 މެންބަރުން ވެސް އައްޔަންކުރިއެވެ.

ދަރިފުޅު ޖަހައިގަނެގެން ގެންދަން އުޅުނު ކިނބޫ ގައިގާ ބައްޕަ ދަތްއަޅައިފި

ކިނބުލަކީ އޭގެ ޒާތުގައި ބާރުގަދަ އަދި ނުރައްކާތެރި ޖަނަވާރެކެވެ. އެގޮތުން އަހަރެމެން އަބަދުވެސް މި އަޑުއަހަނީ ކިނބުލެއް މީހަކު ކާލި ހާދިސާއެކެވެ. ނުވަތަ އިންސާނަކަށް ކިނބުލެއް ހަމަލާދީ ދަތްއެޅި ވާހަކައެވެ. ނޫނީ ކޮންމެވެސް މީހަކު ޖަހައިގަނެގެން ކިނބުލެއް ފިލި ކަމުގެ ހަބަރުތަކެވެ. ނަމަވެސް މިފަހަރު އޭގެ އިދިކޮޅެވެ.

ފިލިޕީންސްގެ މީހަކު މިވަނީ، ކިނބުލެއްގެ ފަރާތުން އޭނާގެ ކުޑަ ދަރިފުޅު ސަލާމަތްކުރަން ވެގެން އެ ކިނބޫގައިގާ ދަތް އަޅައިފައެވެ.

ފުލުހުންނާ ހަވާލާދީ ފިލިޕީންސްގެ ނޫހެއް ކަމަށްވާ މެނިލާ ބުލެޓިންގައި ބުނެފައިވަނީ، ފިލިޕީންސްގެ ޕަލަވަން ރީޖަންގައި މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ކިނބުލެއް އައިސް ޖަހައިގަނެގެން ގެންދަން އުޅުނީ ގެ ކައިރީގައި އޮންނަ ކޯރަކަށް ފަތަން އެރި އުޅުނު ޑިއޭގޯ އަބްދުލްހަސަން ނަމަކަށް ކިޔާ 12 އަހަރުގެ ކުއްޖެއް ކަމަށެވެ.

އަދި ކުއްޖާގެ ވާތު އަތުގައި ދަތްއަޅައިގެން ކިނބޫ ކޯރުގެ އަޑިއަށްދާން އުޅުމުން ކުއްޖާ ހަޅޭއްލަވަން ފެށި ކަމަށާއި އެކަން އެނގިގެން ކުއްޖާގެ ބައްޕަ، ލަކުނޑި ބުރިއެއް ހިފައިގެން ދުވެފައި ގޮސް ކޯރުތެރެއަށް ފުންމާލައި ކިނބޫގައިގާ ތަޅަންފެށި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެވަރުން ވެސް ކިނބޫ، ކުއްޖާ ދޫނުކުރުމުން ވެފައިހުރި ހާސްކަމެއްގެ ބޮޑުކަމުން ކުއްޖާގެ ބައްޕަ ކިނބޫގެ ފައިގާ ދަތްއަޅަންފެށި ކަމަށްވެއެވެ.

“ކުއްޖާ ސަލާމަތްކުރަން ވެގެން ކުއްޖާގެ ބައްޕަ ތަކުރާރުކޮށް ކިނބުލުގެ މަޑު ތަންތަނުގައި ދަތް އަޅަންފެށީ. އެކަމުގެ ސަބަބުން ކުއްޖާ ދޫކޮށްލުމަށްފަހު ކިނބޫ ރައްކާވީ،” ސަރަހައްދީ ފުލުހުންގެ ތަރުޖަމާން ސޮކްރޭޓްސް ފަލްޓާޑޯ ވިދާޅުވެފައިވެއެވެ.

އެ ހާދިސާގައި ކުއްޖާގެ ގައިގާ ކިނބޫ ދަތް އެޅުމުގެ ލިބުނު އަނިޔާތަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

ސައުދީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 12 މީހުން މަރުވެއްޖެ

ރިޔާދު، ސައުދި އަރަބިއާ: ސައުދީ އަރަބިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 12 މީހަކު މަރުވެ 170 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.

ސައުދީގެ ނޫސްތަކުގައި ބުނާގޮތުން، އެގައުމުގެ ހުޅަނގުއުތުރު ސަރަހައްދަށާއި ހުޅަނގަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ތާބޫކްގައެވެ.

އެގޮތުން އެ ސަރަހައްދުން އެކަނިވެސް 10 މީހަކު މަރުވެފައިވާއިރު މަދީނާއިން އެކަކު އަދި އުތުރު ބޯޑަރު ސަރަހައްދުން އެކަކު ވަނީ މަރުވެފައެވެ. ނަމަވެސް އެމީހުން މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީގެ ސިވިލް ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި އިތުރަށް ބުނެފައިވަނީ، ވޭތުވެދިޔަ ހަތަރު ދުވަހު ކުރަމުންދާ ވިއްސާރައިގާ އެކަނިވެސް 271 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ހުޅަނގު އުތުރު ތާބޫކް ސަރަހައްދުން 137 މީހަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ސައުދީގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ސަރަހައްދުތަކުގެ ސުކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑާލަން ވަނީ ޖެހިފައެވެ. އަދި ރިޔާދަށާއި ޖިއްދާއަށް ކުރި ވިއްސާރައިގާ އެ ސަރަހައްދުތަކުން ކަރަންޓް ވެސް ވަނީ ކެނޑިފައެވެ.

މައުލޫމާތު: އަލްޖަޒީރާ