ސީފުޑަށް އެލާޖީވެ، ހާލު ސީރިއަސްވި ޒުވާނާ މަރުވެއްޖެ

ސީފުޑް ކައިގެން އެލާޖީވެ، ހާލު ސީރިއަސްވި ފާތިމަތު ހަނާ އަސްއަދު މަރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގއ. ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އައްސަދުގެ ދަރިފުޅު ހަނާ، 24، ގެ ހާލު ގޯސްވީ މިދިޔަ ހަފްތާގެ ތެރޭގައި ސީފުޑް ހުރި އެއްޗެއް ރެސްޓޯރަންޓަކުން ކޭ ފަހުންނެވެ.

އޭނާ މިއަދު މަރުވީ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެގޮތުން އެލާޖީގެ ސަބަބުން ހަނާގެ ސިކުނޑީގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށް ނުދެވި، އެ ސެލްތައް ހުއްޓުނުއިރު، ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ.

އަދި މީގެ ތިން ދުވަސް ކުރިން އޭޑީކޭގެ ޑޮކްޓަރުން ހަނާއަށް އުއްމީދު ކަނޑާލި ކަމަށް ވެސް އާއިލާގެ ފަރާތުން ބުނެއެވެ. ހަނާ ސީފުޑަށް އެލާޖިކްވިއިރު، އޭނާގެ ބައްޕަ އައްސަދު ބުނާގޮތުގައި ހަނާ އަކީ އަބަދުވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެކެވެ.

ހަނާ އަސްއަދުގެ ކަށު ނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ޖޭޕީގެ ނައިބް ރައީސް ކަމުން މައުސޫމް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ޑރ. އަބްދުﷲ މައުސޫމު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މައުސޫމް ޖޭޕީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ކުރެއްވި ޓްވީޓެއްގަ އެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މައުސޫމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އައްޔަން ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ވެސް އަރުވާފައެވެ.

މައުސޫމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުރެގެން ޕާޓީގެ ނައިބް ރައީސްގެ މަސްސޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރަން ދަތިވާނެ ކަމަށެވެ.

އަދި ކޯލިޝަން ސަރުކާރެއްގައި، ސަފީރެއްގެ މަގާމާއި ހަވާލުވެހުންނަ މީހަކީ ކޯލިޝަންގެ ވަކި ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހެއްނަމަ މަސްލަހަތު ފުށު އެރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީވެސް އެއީ ކަމަށެވެ.

ޓްވީޓުގައި މައުސޫމް އިތުރަށް ވިދާޅުވެފައިވަނީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީ ކައުންސިލާއި ޕީޖީ ގްރޫޕާއި، ކޮމިޓީތަކާއި، ގޮފިތަކުގެ މެމްބަރުންނަށް އަދި ޖޭޕީ ސެކެޓްރިއޭޓުން ދެއްވި އެއްބާރު ލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަސިޓީން ޑޮކްޓާ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ޑރ މައުސޫމް މީގެކުރިން ވަނީ ޓޫރިޒަމް މިނިސްޓަރު ކަމާއި އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަމާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބް ލީޑަރު ކަން ވަނީ އަދާކުރައްވާފަ އެވެ.

ސަފާރީއަކުން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ގއ. ވިލިނގިލި ކައިރީގައި އޮތް ސަފާރީ އަކުން ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު 12:05 ހާއިރު ސަފާރީއަކުން ގއ. ކުރެއްދޫ ކަނޑުއޮޅިއަށް ސަފާރީއަކުން ޑައިވިންއަށް ފޭބި އުމުރުން 50 އަހަރުގެ ޗައިނާ ފަތުރުވެރިއަކު ހާލު ގޯސްވެގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޑައިވިން އަށް ފޭބި ފަތުރުވެރިއަކު މިއަދު މަރުވިއިރު، މިއަހަރުގެ މިހާތަނަށް ވެސް ރާއްޖެ އައިސް އުޅެނިކޮށް މޫދުގައި މަރުވި ފަތުރުވެރިން ގިނައެވެ.

އެގޮތުން މީގެ ތިން ދުވަސް ކުރިން، އއ. ކުރަމަތި އައިލެންޑް ރިސޯޓުގައި ވެސް ފަތުރުވެރިއަކު ވަނީ ގެނބިގެން މަރުވެފައެވެ. އެ ހާދިސާގައި މަރުވީ 60 އަހަރުގެ ޖަރުމަނު އަންހެނެކެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގައިފި

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާ ވެސް އަނބުރާ ނަންގަވައިފިއެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އަނބުރާ ނެގި މިއީ ދެވަނަ ފަހަރެވެ. ދެ ފަހަރު ވެސް ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދު (އަބްޅޯ)އެވެ.

އެގޮތުން ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، މައްސަލަ އިސްލާހު ކުރަން ކަމަށް ބުނެ އެ މައްސަލަ އަނބުރާ ނެންގެވިއެވެ. އަދި އެންމެ ފަހުން އެ މައްސަލަ އަލުން ހުށަހަޅުއްވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ މައްސަލަ ހުށަހެޅުއްވި މެންބަރު މިހާރު އަނބުރާ ނަންގަވާފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާާތަކުގެ ކޮމެޓީގެ އާ މުގައްރިރަކަށް ރިޔާޒު!

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް ހުންނެވި ރޮޒައިނާ އާދަމް އެކޮމެޓީން ނަން ނެގުމުން، އެ ކޮމެޓީގެ އާ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އައްޔަނު ކުރައްވައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އާ މުގައްރިރަކަށް ރިޔާޒު އައްޔަންކުރެއްވީ އޭނާ ކުރިން ހުންނެވި ޕީޕީއެމްއާއި އޭނާ މިހާރު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓާއެކު ޖުމްލަ ހަތް ވޯޓުންނެވެ.

އެ ކޮމެޓީގައި ޖުމްލަ 11 މެންބަރުން ތިއްބަވާއިރު، ދެން ތިއްބަވަނީ އެމްޑީޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ މެންބަރެކެވެ.

ރޮޒެއިނާގެ ނަން އެ ކޮމެޓީން މިއަދު ނެގިއިރު، ޕީޕީއެމްގެ ފަރާތުން އޭނާ މުގައްރިރުކަމުން ވަކިކުރަން އޮތީ ހުށަހަޅައިފައެވެ.

ޕީޕީއެމުން އެގޮތަށް ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅި މައްސަލަ ނުބަލަން ރޮޒައިނާ ނިންމެވުމުންނެވެ.

އެ މައްސަލަ ނުބަލަން ނިންމެވި ސަބަބެއް ކަމަށް ރޮޒައިނާ ވިދާޅުވެފައިވަނީ، އެއީ ޝަރީއަތުގައި އޮތް މައްސަލައަކަށް ވުމުން ކަމަށެވެ.

ރޮޒައިނާގެ ބަދަލުގައި އެ ކޮމެޓީއަށް އެމްޑީޕީން ކަނޑައެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ރައުޝަންގެ މަރާ ގުޅިގެން ހަ މީހަކަށް ދައުވާ އުފުލައިފި

ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ މަރުވި، ރައުޝާން ޖިއާންގެ މަރުގެ މައްސަލާގައި ހަ މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން އެންމެ ހަތް އަހަރުގެ ރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނީ މާލޭގައި ޑަބްލިޔު ކޮންސްޓްރަކްޝަން އިން ހަދަމުންދިޔަ އިމާރާތަކުންނެވެ. އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ޖިއާން މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ހަ މީހަކަށް ދައުވާކޮށް މިއަދު ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ހަތަރު އިންޑިއާ މީހަކަށާއި ދެ ދިވެއްސަކަށެވެ. އިންޑިއާ މީހުންނަކީ އެ ތަނުގައި މަސައްކަތް ކުރަން އުޅުނު މީހުންނެވެ.

އެ މީހުންނަކީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަން އަދި ގުލަމް މަހަމަދެވެ.

ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރި ރައްޖާވްގެ މައްޗަށް އުފުލީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ދައުވާގައި ބުނެފައިވާ ގޮތުން، ސިމެންތި ބަސްތާއެއް ވެއްޓުނީ ރައްޖާވްއަށް ވިންޗް ލައިނަށް މާބޮޑަށް ދޫދެވުމުގެ ސަބަބުންނެެވެ. އެ ކުށް ސާބިތުވެއްޖެނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މުތުމަނިގެ މައްޗަށް ވެސް ކުރަނީ މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ދައުވާގައި ބުނެފައިވާ ގޮތުން މުތުމަނިއަކީ ރައްޖާވްއަށް ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށް އެންގި މީހާއެވެ. އަދި ރައްޖާވްއަކީ ވިންޗް އޮޕަރޭޓްކުރަން ހަވާލުވެފައިވާ ފަރާތް ނޫންކަން އެނގިހުރެ މުތުމަނި ވަނީ އެކަން ކުރުމަށް ރައްޖާވްއަށް އަންގާފައި ކަމަށް ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

ކެޝަރިލަލް އާއި ގުލަމްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު އެ ދެ ދެމީހުން ވެސް އެތަނުގައި މަސައްކަތްކުރާކަމާއި، އެމަސައްކަތުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެކަން ރައުޝަން އާއި އޭނާގެ މަންމަ ފަރުޒާނާ ހޮސައިންއަށް އަންގާފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުށް ސާބިތުވެއްޖެނަމަ އެ ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ދައުވާ އުފުލި ދެ ދިވެހިންނަކީ ދައުވާ އުފުލި ދެ ދިވެހިންނަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއާ ސައިޓް ސުޕަވައިޒަރު، ދަފްތަރު ނަންބަރު 8424، މޫސާ ހަސަން އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދަފްތަރު ނަންބަރު 7198 އާދަމް ޝަފީގެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވިކަމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ.

މޫސާ ހަސަން އާއި އާދަމް ޝަފީގުގެ މައްޗަށް ދައުވާކުރާ ކުރަނީ، އެ ދެ ފަރާތުގެ ބެލުމުގެ ދަށުން އިމާރާތުގެ ބޭރުން ފަރީދީމަގަށް ޖަމާކޮށްފައި ހުރި ހިލަ ބަސްތާތަކާއި، ސިމެންތި ބަސްތާތައް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަ ވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތް ކުރިއިރު، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވުމުގެ ސަބަބުންނެވެ.

އެ ކުށް ސާބިތުވެއްޖެނަމަ އެ ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް ދަތުރުފުޅުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ރައީސް ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް ނުރަސްމީ ދަތުރުފުޅަކަށް ސްރީ ލަންކާއަށް ވަޑައިގެންފައެވެ.

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އަވަށްޓެރި އިންޑިއާއަށެވެ. އެއަށްފަހު އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ) އާއި ލަންކާއަށް ވެސް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ޔާމީނަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ ގަރާރެއް މަޖިލިހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އަނބުރާ ގެންދިއުމަށް އެދި ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެކޯޓަށް ހުށަހަޅާފައިވާ އެމަނިކުފާނުގެ އެމްއެމްޕީއާރްސީގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހަޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ.

އެ އަމުރާއެކު ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ މާފުށީ ޖަލުގައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް އިންސާފުން އެއްކިބާވެ ސިޔާސީ ބޭނުމަށްޓަކާ ގަބޫުލުކުރެވޭކަމަށެވެ.

އަދި އެ މައްސަލައަކީ ސިޔާސީ ނުފޫޒުތަކެއްގެ ތެރެއިން ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން ހިންގި ޖިނާއީ ދައުވާއެއް ކަމަށާއި ރާއްޖޭގެ މިހާރު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު ހިފާ ހައްޔަރު ކުރުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ޑިމޮކްޓްރެޓިކް ހަމަތަކާއި އުސޫލްތަކާއި ހިލާފަށް ހިންގާ ނާތަހުޒީބީ އަމަލެއްކަމަށް ވެސް ބުނެފައިވެއެވެ.

އަދި ހެކި ފޮރުވުމުގެ ގޮތުން ޔާމީން އެއްވެސް ކަމެއް ކުރައްވާފައި ނުވާކަން ފާހަގަކުރައްވާ އެ ގަރާރުގައި ބުނެފައިވަނީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ޔާމީން ހައްޔަރު ކުރުމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި 96،000 އަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ލީޑަރުގެ އަބުރު ނަގާލުމަށާއި ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވުން ކަމަށެވެ.

މީގެ އިތުރުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޔާމީންގެ މައްޗަށް އުފުލި ދައުވާ އަކީ އެމަނިކުފާނަށް އޮތް ތާއީދު ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވެސް ޝިޔާމްގެ ގަރާރުގައިވެ އެވެ.

“ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ސިޔާސީ ގޮތުން ދައުވާ ކުރަންފޮނުވާފައިވާ މައްސަލަ އަނބުރާގެނެސް މުރާޖާ ކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އަށް އިލްތިމާސްކޮށް، މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގަރާރެއް،” މެންބަރު ޝިޔާމް ހުށަހެޅުއްވި އެގަރާރުގައި ވެއެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނަތުގެ ފައިސާ، އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކުރިއިރު، އޭގެ ތެރެއިން އެއް މިލިއަން އެމެރިކާ ޑޮލަރު ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑުކުރި މައްސަލައިގައެވެ.

ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާގެ މައްސަލަ އެމަނިކުފާނުގެ ފަރާތުން މިހާރު ހައިކޯޓަށް ހުށަހަޅާފައިވައިރު އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

އަބްދުއްރަހީމް އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފި

ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފިއެވެ.

އަބްދުއްރަހީމް މިއަދުގެ ވަގުތެއްގައި އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން އޭސީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި އަބްދުއްރަހީމް އޭސީސީއަށް ހާޒިރުކޮށްފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ އެމްޑީޕީގެ ބޭފުޅުންނާއި ސަރުކާރުގެ ބޭފުޅުން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ބޭފުޅުންވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގުކޮށް މިމަހުގެ 14 ވަނަ ދުވަހު ނެރުނު ރިޕޯޓްގައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު 155 މީހެއްގެ ނަން ހާމަކޮށްފައެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެމީހުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް މިރިޕޯޓުން އެނގޭކަށް ނެތެވެ.

އިންޑިއާގެ ހަނގުރާމަމަތީ ދެ މަތިންދާ ބޯޓު ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ ހަނގުރާމަމަތީ މަތިންދާ ބޯޓު ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މިކަން ޕާޚިސްތާނު އަސްކަރިއްޔާއިންވަނީ ކަށަވަރު ކޮށްދީފައިވާއިރު ޕާކިސްތާނުގެ ހަނގުރާމަމަތީ ތިން މަތިންދާބޯޓް، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރުގެ ފަޅިއަށް ވަދެފައިވާކަމަށްވެސް ޚަބަރުތަށްވަނީ ފެތުރިފައެވެ.

އިންޑިއާގެ ހަގުރާމަމަތި ދެ ބޯޓު ވައްޓާލައި ޕައިލެޓަކު އަތުލައިގެންފައިވާއިރު ވައްޓާލި ބޯޓްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ޕާކިސްތާނު ސިފައިން ވައްޓާލި ދެ ބޯޓުގެ ތެރެއިން އެއްބޯޓުގެ ޕައިލެޓް ފިހިގެން މަރުވެފައި އޮތް މަންޒަރު ފޮޓޯތަކާއި ވީޑިއޯތަކުން ފެނެއެވެ.

އިންޑިއާއިން ބުނެފައިވަނީ، ކަޝްމީރު ބައިކުރާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާ ސަރަހައްދުގެ ތެރެއަށް ޕާކިސްތާނުގެ އަސްކަރީ ތިން ޖެޓް ވަދެފައިވާ ކަމަށެވެ.
އަދި އިންޑިއަން އެއަރފޯސްގެ ބޯޓްތަކުން ހުރަސްއެޅުމުން ޕާކިސްތާނުގެ ތިން ބޯޓުވެސް އަނބުރާ ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓް ވައްޓާލި ކަމަށް މިބުނީ، އިންޑިއާގެ ވައިގެ ސަރަހައްދަށް ޕާކިސްތާނުގެ ބޯޓްތައް ވަނުމުން އެކަމުގެ ރައްދުގައި އިންޑިއާއިން އެބޯޓުތައް ފޮނުވުމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ދެގައުމުގެ ގުޅުންގޯސްވެ މަޝްރަހު މިހާރު ހޫނުވެފައިމިވަނީ އިންޑިއާ އާއި ޕާކިސްތާނާއި ދެގައުމުގެ ގުޅޭ ކަޝްމީރު ސަރަހައްދުގެ އިންޑިއާއާ ވީ ފަޅީގައި މި މަހުގެ ސާދަ ވަނަ ދުވަހު އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާކަމަށް އިޢުތިރާފުވެފައިވާ ޖައިޝީ މުޙައްމަދު ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާޢަތާއި އިންޑިއާގެ ސަލާމަތީ ބާރުތަކާ ދެމެދުހިގާދިޔަ ކުރިމަތިލުންތަކަކަށް ފަހުއެވެ.

ރޮއިޓަސްއިން ބުނެފައިވަނީ މި ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ ތިން މީހަކު މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި އިންޑިއާ ސިފައިންގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު މަރުވެފައިވާކަމަށެވެ. މި މަހުގެ ސާދަވަނަ ދުވަހު ކަޝްމީރުގެ ޕުލްމަވާ ޑިސްޓްރިކްޓްގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގައި އިންޑިއާ ސިފައިންގެ ސާޅީހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މި ހަމަލާއަށްފަހު އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާތަނަށް ހިންގާފައިވާ ތަފާތު އޮޕަރޭޝަންތަކުގައި ވަނީ ޖަޢިޝީ މުޙައްމަދު ޖަމާޢަތަށް ނިސްބަތްވާ އަށް ހަނގުރާމަވެރިން މަރާލާފައެވެ. އަދި އިންޑިޔާގެ ސަލާމަތީ ބާރުތަކުން ވަނީ މި ޖަމާޢަތުގެ ހަނގުރާމަވެރިންގެ ތެރެއިން ފަންސާސް މީހުން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، އިންޑިއާއިން ވަނީ ކަޝްމީރުގައި ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކަކަށް ނިސްބަތްވާ ސަތޭކަ ފަސްދޮޅަސް މީހުން ވެސް ހައްޔަރުކޮށްފައެވެ.