މިރޭ 12 އިން ފެށިގެން ހެލްމެޓް ނާޅާ ބްރިޖަށް އަރާނަމަ ފިޔަވަޅު އަޅާނެ!

މިރޭ 12:00 އިން ފެށިގެން ހެލްމެޓް ނާޅައި ބްރިޖާއި ހުޅުލެއާއި ހުޅުމާލެ ގުޅާލައި ހަދާފައިވާ ހައިވޭގައި ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ބްރިޖާއި ހައިވޭގައި ދުއްވާއިރު، ހެލްމެޓް އަޅައިގެން ނޫނީ ބްރިޖަށް ނޭރޭގޮތަށް އަމަލުކުރަން ފެށީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ފުލުހުން އަންނަނީ ހެލްމެޓް ނާޅައި ބްރިޖަށް އަރާ ފަރާތްތައް ޗެކްކުރަމުންނެވެ. ނަމަވެސް ފިޔަވަޅެއް ނާޅައެވެ.

ފުލުހުން ބުނީ، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމާބެހޭ ގަވައިދަށް ގެނައި އިސްލާހާ ހިލާފުވާ ފަރާތްތަކާމެދު މިރޭ 12:00 އިން ފެށިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި އިސްލާހުގައި ބުނެފައިވާގޮތުން، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގެ ދުއްވަންވާނީ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އަޅައިގެންނެވެ.

އޭގެ އިތުރުން އުމުރުން ދެ އަހަރުން މަތީގެ ކުޑަކުދިންވެސް ސައިކަލްގެ ކުރިއަށް ނުވަތަ ފަހަތަށް އަރުވާނަމަ ހެލްމެޓް އަޅުވަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މި ގަވާއިދާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް ކުރާނީ 500 ރުފިޔާގެ ޖޫރިމަނާއެކެވެ. އަދި ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާއިރު، މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އެ ގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާވެސް ހިލާފުވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ފްރީޒްކުރި ޔާމީންގެ އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފިި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެންކް އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލްކޮށް، އެ އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކޮށް، އެކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއްގެ ދަށުންނެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްތަކެއް ފްރީޒްކޮށް، އެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިފެހެއްޓިއެވެ.

ކްރިމިނަލް ކޯޓުން އެމްއައިބީގެ މައްޗަށް އަމުރު ކުރީ މިދިޔަ ޑިސެމްބަރު 13 އިން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޔާމީން އެމްއައިބީގައި ހުޅުވާފައިވާ އަށް އެކައުންޓްގައިވާ ފައިސާ ހިފަހައްޓައި، އެ ފައިސާ އިން މުޢާމަލާތްކުރުން ހުއްޓުވުމަށެވެ.

ނަމަވެސް އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުން އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ 72 އަދި 73 ވަނަ މާއްދާގެ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައް އެ މާއްދާގައި ބަޔާންކުރެއެވެ.

ދެން އޮތް 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.

ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.

ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ބުނެފަ އެވެ. (ބ)ގައި ބުނަނީ ޕްރޮސިކިއުޓާ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ނަމަވެސް ހުކުމްގައި ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް މާއްދާގައި ބުނާ ކަމަށެވެ. އެ މާއްދާގެ ދަށުން ވެސް ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ހާމަވާ ކަމަށެވެ.

ހައި ކޯޓުގެ މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ހައި ކޯޓުގައި އޮތް އަޑުއެހުމަށް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުގެ ވަކީލުން ވަޑައިގެންނެވިއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ވެސް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފައެވެ.

އިންތިހާބު ފަސްކުރަން ޕީޕީއެމުން އެބަ އުޅޭ، ކަނޑައެޅި ތާރީހުގައި އިންތިހާބު އޮންނާނެ:  ރައީސް ސޯލިހު

އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް ސަރުކާރާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން އުޅޭކަމުގެ ވާހަކަތަކެއް އަޑު އިވޭ ކަމަށާއި ނަމަވެސް ކަނޑައެޅި ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއެކު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އިދިކޮޅުގައި އޮތް ޕީޕީއެމުން އެބޭފުޅުން އާދައިގެ މަތީން ކަންކުރައްވާ ގޮތަށް ކޯޓަށް ގޮސްގެން އިންތިހާބު ފަސްކުރަން އުޅޭ އަޑުތަކެއް އިވިލައްވާ ކަމަށެވެ.

އަދި އެއީ އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ވެސް މަސައްކަތްކުރެއްވި ގޮތްކަމަށާއި ނަމަވެސް މިފަހަރު އެކަމަށް ސަމާލުވެގެން ތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިތިބީ ވަރަށް ސަމާލުވެގެން. އިރާދަކުރެއްވިއްޔާ އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި އޮތް 6 އޭޕްރިލްގައި މި އިންތިހާބު ބޭއްވިގެންދާނެ،” ރައީސް ސޯލިހު ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ޕީޕީއެމުން ކޯޓަށް ހުށަހަޅައިގެން ފަސްކޮށްފަ އެވެ. އަދި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ނާކާމިޔާބު ވުމުން އެ އިންތިޚާބު ބާތިލް ކުރުމަށް ވެސް އެ ޕާޓީން ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއްނުވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހަކީ މުހިންމު މަޖިލީހެއް ކަމަށާއި މަޖިލީހަށް ހޮއްވާ ބޭފުޅުންނާމެދު ސަމާލުވާންޖެހޭ ކަމަށެވެ.

އެގޮތުން އެމަނިކުފާނު އަމަލީ ގޮތުން މަޖިލީހުގެ ކެމްޕެއިންތަކުގައި ބައިވެރިވާން ފެއްޓެވީ އިންތިހާބުގެ ކެމްޕެއިން ދާ ދިމާލުން އަނެއްކާވެސް ރާއްޖެ ކުރީގައި އޮތްތަނަށް ގޮސްދާނެ ކަމަށް ހީވާން ފެށުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ސެންްޓަރ، ރައީސް ސޯލިހް ހުޅުއްވައިދެއްވީ މިހާރު އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައި، އެތަނުގައި ދެވޭ ފަރުވާތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ކެމްޕޭން ދަތުރުފުޅުތަކުގެ ހަރަދުތައް ބަލަހައްޓަމުންގެންދަނީ އެމްޑީޕީންނެވެ.

ރާއްޖެ ދުށް އެންމެ އަނިޔާވެރި ހުދުމުހުތާރު ވެރިކަން ކުރެއްވީ ރައީސް ޔާމީން: ރައީސް ސޯލިހު

ރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި އަދި ހުދުމުހުތާރު ވެރިކަމެއް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ދާއިރާއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ވޭތުވެދިޔަ ރައްޔިތުން މަޖިލީހުގެ ދެ އިންތިހާބުގެ ސަބަބުން ވެގެންދިޔަ ގޮތް ފާހަގަކުރައްވައިފައެވެ.

އެގޮތުން 2009 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދިނުމުން، މަޖިލީހުގެ ތެރެއިން ސަރުކާރުގެ ހިންގުން ހުއްޓުވާ ސަރުކާރަށް ދަތިތަކެއް ކުރިމަތިކުރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމުން މަޖިލީހުގެ އަޣުލަބިއްޔަތު އެމަނިކުފާނަށް ދެއްވި ކަމަށާއި ނަމަވެސް ފަހުން ވެގެންދިޔަ ގޮތް ވިސްނަވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އަނެއްކާވެސް މިރާއްޖެ އަދަނވަޅަށް ވައްޓާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދިނުމަށް އެދިވަޑައިގެންފައެވެ.

“ރާއްޖެ ދުށް އެންމެ އަނިޔާވެރި ހުދުމުހުތާރު ވެރިކަން އެމަނިކުފާނު މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުރެއްވީ. ދައުލަތުގެ މާލިއްޔާތުން ދުވަހަކުވެސް ވައްކަން ނުކުރާވަރަށް އެބޭފުޅުން އެތިއްބެވީ ވައްކަމާއި ހިޔާނާތަށް އަރާފައި. މިއަދު އަނެއްކާވެސް އެވިދާޅުވަނީ އެބާރު އެބޭފުޅުންނަށް ދެއްވާށޭ،” ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީނަށް ބާރު ދެއްވައިފިނަމަ ރައްޔިތުން ތިބެންޖެހޭނީ ހަމަ ކުރިން ތިބި ހާލުގާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އެޗްއާރްސީއެމަށް ހާޒިރު ވުމަށް އަންގައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހާޒިރު ވުމަށް އަންގައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އެޗްއާރްސީއެމްއަށް ހާޒިރު ކުރަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒު އެޗްއާރްސީއެމްއަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ވަނީ މާލެ ޖަލަށް ޒިޔާރަތްކުރައްވައި ޖަލުގެ ޙާލަތު ބައްލަވާލައްވާފައެވެ.

އަބްދުﷲ މުނާޒް އެޗްއާރްސީއެމް އަށް ހާޒިރުވުމަށް އަންގާފައިވާއިރު، އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓްގައި ވާގޮތުން ގައިދީންނާ ގުޅޭ 76 މައްސަލަ އެއް 2018 ވަނަ އަހަރު އެޗްއާރްސީއެމް އަށް ވަނީ ހުށަހެޅިފަ އެވެ.

ހުރަސްތައް ނައްތާލުމަށް ގޮވާލާ ފުނަދޫން މާލެއަށް ބޭއްވި ފެތުމުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

އެސްޓީއޯއިން މާލެ ކައިރީގައި ތެޔޮ ރައްކާކުރާ ރަށް ފުނަދޫން 100 އަންހެނުން، މާލެއަށް ބޭއްވި ފެތުމުގެ މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލައިފް ގާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ފެތުމުގެ ހަރަކާތުގައި އެކި ދާއިރާތަކުން އެކި އުމުރުފުރައިގެ 100 އަށްވުރެ އަންހެނުން ބައިވެރިވެފައިވެއެވެ.

ހުރަސްތައް ނައްތާލުމުގެ މޮޓޯއާއެކު “ބްރޭކް ދަ ބެރިއާ” ގެ ނަމުގައި ފުނަދޫން ފަށައިގެން 7 ކިލޯމީޓަރުގެ އެ ފެތުން ނިންމާލާފައިވަނީ އިއްޒުއްދީން ފާލަމަށެވެ.

އެ ހަރަކާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ބައިވެރިވެވަޑައިގެންނެވިއިރު، އެކަމަނާ ވަނީ އިޖްތިމާއީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ދުވުމުގެ ގިނަ ހަރަކާތްތަކެއްގެ އިތުރުން ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ގައިޑެއްގެ ހައިސިއްޔަތުން ވެސް އެކަމަނާ އިސްކޮށް ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ވެސް ތަފާތު ހަރަކާތްތައް ހިންގިއެވެ.

އަލްހާންއަށް ޑރ. ޝަހީމުގެ ތައުރީފު: އަލްހާންފަދަ ތަޖުރިބާހުރި ބޭފުޅުން މަޖިލީހުގައި ތިއްބަވަންޖެހޭ!

އަލްހާން ފަހުމީ ފަދަ ޒުވާން ތަޖުރިބާހުރި ބޭފުޅުން މަޖިލީހުގައި ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލްހާންއަށް ތައުރީފު ކުރައްވައިފިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝަހީމް ގެންދަވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު އޮތްކަން ހާމަކުރައްވަމުންނެވެ.

އެގޮތުން، ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާންއަށް ތައުރީފު ކުރައްވާ ޑރ. ޝަހީމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަލްހާންއަކީ ވަރަށް ގާބިލް އިލްމީ ބޭފުޅެއް ކަމަށެވެ.

އަދި އޭނާއަކީ ގާނޫނީ އިލްމާއި އިސްލާމީ ތައުލީމު ލިބިވަޑައިގެން ހުންނެވި ޒުވާން ސިޔާސީ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައިވެއެވެ.

“އަލްހާންފަދަ ޒުވާން ތަޖުރިބާހުރި ބޭފުޅުން މަޖިލިސްގައި ތިއްބެވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. އަލްހާން އަށް ކާމިޔާބަށް އެދެން،” އަލްހާން ޓެގްކުރައްވާ ޑރ. ޝަހީމްގެ ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް އަލްހާންއަށް ތައުރީފު ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ވެސް އޭނާ ވަނީ ތައުރީފު ކުރައްވައިފައެވެ.

އެގޮތުން ގާސިމަކީ ރައްޖޭގައި ތިއްބެވި އެންމެ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ގާސިމަކީ ރާއްޖެއަށް ސިޔާސީ މިނިވނަްކަމާއި އިސްލާހީ ބަދަލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

“މަޖިލިސްގައި ގާސިމް ފަދަ ތަޖުރިބާކާރު ގައުމީ ވިސްނުމުގެ ބޭފުޅުން ތިއްބެވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެބޭފުޅުންގެ ތަޖުރިބާއާއި ހިއްސާ އިސްލާހީ މަަސައްކަތްތަކަށް ލިބިގެންދާނެ ކަމެކެވެ. ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތު ދެމެހެއްޓުމުގައި ގާސިމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމީ ކަށަވަރު ކަމެކެވެ.،” ޑރ. ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

އޭނާއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެވެ.

ޖުޑިޝަރީއާއި މެދު ބަންޑާރަ ނާއިބު ގެންގުޅުއްވާ ތަސައްވަރު

ދިވެހިރާއްޖޭގެެ ޖުޑިޝަރީއާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ގެންގުޅުއްވާ ތަސައްވަރު ހާމަކޮށްފިއެވެ.

ދައުލަތުގެ ބަންޑާރަނައިބު ރިފްއަތު އެމަނިކުފާނުގެ ޓްވީޓަރ އެކައުންޓުން ” ރިފޯމް ޖުޑިޝަރީ އެމްވީ ” ހޭޝްޓެގެއް ބޭނުންކުރައްވާ ހުކުރުދުވަހު ހެނދުނު ކުރައްވާފައިވާ ޓްވީޓުގައި ވަނީ ޝަރުޢީ ދާއިރާއާ މެދު ގެންގުޅުއްވާ ހަ ކަމެއް ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ޝަރުއީ ދާއިރާ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން މަސައްކަތް ކުރާ ކޮރަޕްޝަނުގެ ވަބާއިން އެއްކިބާވެފައިވާ އިތުބާރު ހުރި ތަނަކަށް ވާނެ ދުވަހަކީ އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެކެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ޝަރުއީ ދާއިރާއަކީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އިހްތިރާމްކޮށްގެން މަސައްކަތް ކުރާ ދާއިރާއަކަށް ވާނެ ދުވަހަކީވެސް އެމަނިކުފާނު ޝަރުޢީ ދާއިރާއާ މެދު ގެންގުޅުއްވާ ތަޞައްވަރެކެވެ.

އަދި ފަނޑިޔާރުގެ ބެންޗުން ވީހާވެސް ގިނަ އަންހެން ބޭފުޅުން ފެންނާނެ ދުވަހަކީވެސް އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެކެވެ. އަދި ހަމައެހެންމެ ޝަރުއީ ދާއިރާގެ މަސައްކަތްތަކުގައި މިހާރަށްވުރެވެސް ގިނައިން އަންހެން ބޭފުޅުން ހަރަކާތްތެރިވުމަކީ އެމަނިކުފާނު ކުރައްވާ އުއްމީދެކެވެ. މީގެއިތުރުން ޝަރުޢީ ކޯޓްތަކުން ކުރާ މަސައްކަތްތައް ވީހާވެސް ބޮޑަށް ހުޅުވާލެވިގެން ދެފުއް ފެންނާނެހެން އިންސާފާއި، ހަމަހަމަކަންމަތީ ކުރިއަށްދާތަން ފެނުމަކީ ޝަރުޢީ ދާއިރާއާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރެއް ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

ދައުލަތުގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އެމަނިކުފާނުގެ ޓުވީޓަރ އެކައުންޓުން މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު މިވާހަކަދެއްކެވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި ކަންކަން އިޞްލާޙު ކޮށް ޝަރުއީ ދާއިރާއަކީ އެންމެންގެ އިތުބާރު ލިބިފައިވާ ޝަރުޢީ ދާއިރާ އަކަށް ހެދުމަކީ ރައީސް ޞާލިޙު ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެންމެ ގިނައިން ރައްޔިތުން ގާތު ވެވަޑައިގެންނެވި އެއް ވަޢުދުވެސްމެއެވެ.

ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް މިސަރުކާރުން ހަދާނަން: އިމްރާން

ދިވެހި ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް މިސަރުކާރުން ހަދާނެ ކަމަށް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީީ ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ދިވެހިންގެ އަބުރާއި އިއްޒަތް ސަލާމަތްކޮށް ޝަރަފް ހިމާޔަތްކުރުމަކީ ފުލުހުންގެ ޒިންމާއެއްކަމަށާއި، ޤާނޫނުގެ ކުރިމަތީ ހަމަހަމަކަން ޤާއިމްކުރުމަކީވެސް ފުލުހުން އަދާކުރާ ބޮޑު ޒިންމާއެއްކަމުގައެވެ. އަދި ރައްޔިތުންގެ ހައްޤަށް އަރައިގަންނަ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ރައްޔިތުންގެ ފުރާނައަށް ގެއްލުންދޭ ކޮންމެ މީހަކު ހުއްޓުވުމަކީ ފުލުހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާއިތުވި ދުވަސްތަކުގައި ފުލުހުންނަށް ފޯރުވާފައިވާ ނުފޫޒުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ނުފޫޒުތަކުން އަރައިގަތުމަށް ފުލުހުންނާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާ، މި ސަރުކާރުން ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ހަދާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ގިނަ ޤާނޫނީ ޒިންމާ ތަކަކާއި ގިނަ މަސްއޫލިއްޔަތުތަކާއި ގޮންޖެހުން ބޮޑު މަސްއޫލިއްޔަތެއްކަމަށެވެ. އަދި ދިވެހި ފުލުހުންނަކީ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަށް ގިނަ ދަތިތަކާއެކުވެސް ސާބިތުކަން ދައްކަމުން ގެންދާ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފުލުހުންނަށް ހިތްވަރުދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެ މުހިންމު ސިފަ ހުރިހާ ފުލުހުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ކަމަށެވެ. އަދި އަމިއްލަ މަސްލަހަތާއި އަމިއްލަ އެދުމުން ދުރުވެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް މިނިސްޓަރ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި އަދުލުއިންސާފް ޤާއިމްކޮށް ޤާނުނުތަކަށް ތަބާވެ ރިވެތި ނަމޫނާ ދެއްކުމަކީ ކޮންމެހެން ބޭނުންވާ ސިފައެއްކަމަށާއި، ފުލުހުންގެ އަމާނާތާއި ވާޖިބު އަދާކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ލޯތްބާއެކު ކުރިއަށްދާނެ ބަޔަކަށް ފުލުހުންގެ މުއައްސަސާ ހަދަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.