ރާއްޖެއަށް ކަނޑުމަގުން އެތެރެކޮށް ފަޅުރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރުމަށްފަހު ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުންގެ މި ބޮޑު އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫގައި މިރޭ ބޭއްވި ރޭގަނޑުގެ ކެއުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވިދާޅުވި ކަމަށް ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކޮށްފައިވާ ޓުވީޓްތަކެއްގައި ބުނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަތީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

“މި އޮޕަރޭޝަނަކީ ފާއިތުވި 72 ގަޑިއިރު މެދުކެނޑުމެއްނެތި ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރައްތަކުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަނެއް،” ސީޕީ ހަމީދު ވިދާޅުވި ކަމަށް ފުލުހުންގެ ޓުވިޓާ އެކައުންޓުގައި ބުނެފައިވެއެވެ.

އެ އޮޕަރޭޝަންގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ، އިތުރު މައުލޫމާތު ފަހުން ހިއްސާކުރެވޭނެ ކަމަށެވެ.

ތޮއްޑޫއިން ރައީސް އަށް ތިން ކަރާ ވެދުމަށް އަރުވައިފި

ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ތިން ކަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެދުމަށް އަރުވައިފިއެވެ.

ތޮއްޑޫ ކައުންސިލުން އެ ހަދިޔާ ވެދުމަށް އެރުވީ އެރަށު ކައުންސިލް މެންބަރުންނާއެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްއަށް ވެދުމަށް އެރުވި ތިން ކަރައަކީ ތޮއްޑޫގެ ދަނޑުވެރިން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ހެއްދި ކަރާ ރަމްޒުކޮށްދިނުމުގެ ގޮތުން ހަދިޔާއަކަށް އެރުވި އެއްޗެއް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ތޮއްޑޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކޮށްފައެވެ.

އެގޮތުން ކުރިއަށް އޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެ ގެންނަ ތަކެތި ބެހެއްޓޭނެ އަދި ވިޔަފާރި ކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ގާއިމްކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ތޮއްޑޫ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރަށުގެ މަގުތަކުގެ ހާލަތު ހޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާކުރެއްވިއެވެ.

އަދި ރަށުގެ ބޭންކުގެ ހިދުމަތާއި ފުލުހުންގެ ހިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްދެއްވުމަށް ވެސް ތޮއްޑޫ ކައުންސިލުން ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ރައީސް ވަނީ، ތޮއްޑޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހޫނު ފެން ތެއްޔެއްގެ ތެރެއަށް ވެއްޓުނު ދެ އަހަރުގެ ކުއްޖަކު މަރާ ހަނގުރާމަކުރަނީ!

ޔުކްރެއިންގައި ހިނގި ހާދިސާއެއްގައި ހޫނު ފެން ތެއްޔެއްގެ ތެރެއަށް ވެއްޓި ދެ އަހަރުގެ ފިރިހެން ކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ޔުކްރެއިންގެ ހުޅަނގުގައި އޮންނަ އަވަށެއްގައި ހިނގި އެ ހާދިސާގައި އުމުރުން ދެ އަހަރުގެ އިވާން މަލެޓިޗްގެ ހަށިގަނޑުގެ 70 ޕަސެންޓް ވަނީ ފިހިފައެވެ.

ޗެރިޓީ ވޮލަންޓިއަރަކު ނަގާފައިވާ ހިތްދަތި ފޮޓޯއެއްގައި ފެންނަނީ، ލިވިއު ސިޓީގައި ހުންނަ ހޮސްޕިޓަލެއްގެ އައިސީޔޫގައި މިހާރު ފަރުވާ ހޯދަމުންދާ އިވާންގެ ބޮލުން ފެށިގެން ހަށިގަނޑުގެ ބޮޑު ބައެއްގައި ބެންޑޭޖް ކޮށް، ލެއިން ފޯވެފައި އޮއްވައެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ހާދިސާ ހިނގީ، ތެއްޔެއްގައި ފެން ކެއްކުމަށްފަހު ބަނދިގޭގެ ބިންމަތީގައި ބަހައްޓާފައި އިވާންގެ މަންމަ ޕާނެއް ގަންނަން ފިހާރައަށް ދިޔަ ވަގުތެވެ.

“އިވާން އޭރު އުޅުނީ ގޭތެރޭގައި ކުޅެން. އޭނާގެ ބޮޑަށް ހުންނަ ކުއްޖާ އޭރު އިނީ ކާޓޫން ބަލަން. އަހަންނަށް ހީވަނީ އޭނާއަށް ނޭނގި ބަދިގެ ތެރެއަށް ވަދެ ފެން ތެލީގެ ތެރެއަށް ވެއްޓުނީހެން،” ހަތަރު ކުދިންގެ ބައްޕަ އިވަނާ މަލެޓިޗް މީޑިއާތަކަށް ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި، ދަރިފުޅު ފެން އެއްޗަށް ވެއްޓުނުކަން އެނގުނީ އޭނާގެ ހަޅޭކުގެ އަޑު އިވުމުން ގޮސް ބެލިއިރު ކަމަށެވެ. އަދި ވަގުތުން ތެލީގެ ތެރެއަށް ވެއްޓިފައި އޮތް އިވާން ނެގުމަށްފަހު އޭނާގެ ގަޔަށް ފިނިފެން އެޅި ކަމަށް އިވަނާ ބުނެފައިވެއެވެ.

އިވާން ބައްލަވާ ޑޮކްޓަރު ވިދާޅުވާ ގޮތުގައި، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންގެ ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިވާންގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އުއްމީދެއް ޑޮކްޓަރުންގެ ވެސް ނެތެވެ.

“އަހަރެންގެ ހިތް ފަޅައިގެން ގޮސްފި. މިކަމާ ގުޅިގެން އަހަރެންގެ ނަފްސަށް ވެސް މާފެއް ނުކުރެވޭނެ،” އިވާންގެ ގާތު އިނދެ އޭނާގެ މަންމަ ބުންޏެވެ.

ޕްލާސްޓިކް ފުޅި ހަވާލުކޮށްގެން އެއް ރުފިޔާ ލިބޭ ކެމްޕޭނެއް ފަށަނީ

ހަވާލުކުރާ ޕްލާސްޓިކް ހުސްފުޅި އަކަށް އެއް ރުފިޔާ ލިބޭ ކެމްޕޭނެއް ފަށަން ނިންމައިފިއެވެ. “ރައްދު”ގެ ނަމުގައި އެ ޕައިލެޓް ކެމްޕޭން ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ.

ކެމްޕޭނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮފް އޮޕަރޭޝަންސް އަހުމަދު ޝާފިއު ވިދާޅުވީ، މި ކެމްޕޭނަކީ ޕްލާސްޓިކް ފުޅި އަނބުރާ ހަވާލުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާ ކެމްޕޭނެއް ކަމަށެވެ.

އެގޮތުން ކެމްޕެއިންގެ ތެރެއިން ވެމްކޯއިން ބަލައިގަންނާނީ ވަކި ކަހަލަ ސްޓިކާއެއް ޖަހާފައި ހުންނަ ފުޅި ކަމަށާއި އެ ސްޓިކާ ޖަހާފައި ހުންނަ ފެންފުޅި ހަމައެކަނި ލިބޭނީ ހުޅުމާލޭގައި ހުންނަ ވެމްކޯ އޮފީސް ކައިރީގައި ހުންނަ ފިހާރަތަކުން ކަމަށް ޝާފިއު ވިދާޅުވިއެވެ.

އެ ސްޓިކާގައި ޖަހާފައި އިންނަނީ ކަލެކްޝަން ޕޮއިންޓަކަށް އެ ފުޅި ހަވާލުކުރުމުން އެއް ރުފިޔާ ލިބޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ހުޅުމާލޭގައި އެކަނި ކުރިއަށް ގެންދާ އެ ކެމްޕޭންގެ ދަށުން ވެމްކޯއިން ބަލައިގަންނާނީ 10،000 ފުޅި ކަމަށެވެ.

ރައްދު ކެމްޕޭނަކީ ޔޫއެންޑީޕީ އިން ފަންޑު ކޮށްގެން ކުރިއަށް ގެންދާ އާބަން އިނޮވޭޝަން ޗެލެންޖުގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އަދި މި ކެމްޕޭނުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ވެސް ހިމެނެއެވެ.

ކުލަބް މެޑް ކަނިފިނޮޅު ރިސޯޓުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ކުލަބްމެޑް ކަނިފިނޮޅު ރިސޯޓަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ވަނީ އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ފުލުހުން ބުނީ، ކަނިފިނޮޅުގެ ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު 12:39 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެމީހާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ފުލުހުން ބުނީ، މިއަދުގެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައީ ކޮންއިރަކު ކަމެއް އަދި އެކަނި ކަމެއް ނޭނގެއެވެ.

ޝައިހް ރަޝީދަށް އިނާޔަތާއި ރައްކާތެރިކަން ދޭން ހުށަހެޅި އިސްލާހު ފާސްކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު ޝައިހް މުހައްމަދު ރަޝީދު އިބްރާހިމްއަށް އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި 18 ވަނަ ރައްޔިތުން މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓާއެކުއެވެ.

ބިލާ ދެކޮޅަށް 20 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއެވެ. ބިލް ފާސްވީ އެ އިސްލާހު ދިރާސާ ކުރި ފަސް މެންބަރުންގެ ވަގުތީ ކޮމެޓީން ނިންމި ގޮތަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅި އިސްލާހުގައި ބުނެފައިވާގޮތުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި އެ މަގާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެއެވެ.

އެގޮތުން އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންނަށް އިނާޔަތް ދޭން ހުށަހެޅުއްވީ ހިދުމަތުގެ އަގުވަޒަން ކުރުމަށް ކަމަށާއި އެ ބިލަށް އަމަލުކުރަން ފަށާނީ ބިލު ފާސްވުމަށްފަހު ރައީސް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ކަމަށްވެސް ބުނެފައިވެއެވެ.

ބިލް ހުށަހަޅަމުން ރިޔާޒު ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރު ތަސްދީގުކުރި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރު، ޝައިހް މުހައްމަދު ރަޝީދަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.

އަންހެނުންތަކެއް ލައްވާ ލަންކާގެ ބުދު ފައްޅިތަކަށް ހަމަލާދޭން އުޅުނު ކަމުގެ މައުލޫމާތެއް!

ކޮލަމްބޯ (ޑެއިލީ މިރާ) – އަންހެނުންތަކެއްގެ ގައިގާ ބޮން ހަރުކޮށްގެން ލަންކާގެ ބުދު ފައްޅިތަކަށް ހަމަލާދޭން އުޅުނު ކަމުގެ މައުލޫމާތެއް ލަންކާ ސަރުކާރުގެ އިންޓެލިޖެންސް ސާވިސްއަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޓެލިޖެންސް އޮފިސަރުން ބުނާގޮތުގައި، އެ ހަމަލާތައް ދޭން ރާވަމުންދިޔައީ އީސްޓާ ސަންޑޭގެ ހަމަލާދިން ކަމަށް ލަންކާ ސަރުކާރުން ބުނާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިންނެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ސައިންތަމަރަދޫ ސަރަހައްދުގައި ބޮން ގޮއްވި ގެ ރެއިޑްކޮށް ބެލި ބެލުމުން އެތަނުން ލަންކާ ބުދިސްޓު އަންހެނުން ފައްޅިތަކަށްދާއިރު އާންމު ގޮތެއްގައިލާ ހުދު ސްކާޓާއި ޓޮޕްތަކެއް ވަނީ ފެނިފައެވެ.

އިންޓެލިޖެންސް ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގިރިއްލާގައި ހުންނަ ފޮތި ފިހާރައަކުން މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އޭގެ ނުވަ ސެޓް ހެދުން ގަނެފައިވަނީ މުސްލިމު އަންހެނެކެވެ. އަދި އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން އެ އަންހެން މީހާ އެތަކެތި ގަންނަތަން ފެނިފައިވެއެވެ.

ނަމަވެސް އޮޕަރޭޝަން ހިންގި ގެއިން ފެނިފައިވަނީ އޭގެ ފަސް ސެޓް ކަމަށާއި ބާކީ ހެދުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އިންޓެލިޖެންސް ސާވިސް އިން ތުހުމަތު ކުރާގޮތުގައި، އެކަހަލަ ހެދުންތައް ގަނެފައިވަނީ ބުދިސްޓުން އަޅުކުރަންކުރާ ފައްޅިތަކަށް އަންހެނުން ފޮނުވައިގެން ހަމަލާދިނުމުގެ ބޭނުމުގައެވެ.

އިމްތިޔާޒު ފަހުމީ ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.

އިންތި ކުރި ޓްވީޓެއްގައި ވިދާޅުވީ، މާދަމާގެ 8:30 އަށް ސުޕުރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި ޕާލިމެންޓް މެންބަރެއްގައި ހުރިހާ ހިދަކު ބިރެއް ނުދެއްކޭނެ ކަމަށެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް އޭނާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަމަށެވެ. އަދި ފޮނުވާ ޗިޓަކަށް ބިރުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ ނުދައްކާ ނުހުންނާނެ ކަމަށާއި ޗިޓު ފޮނުވީ ބިރު ދައްކަން ކަމަށްވެސް އިންތި ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާލުވުގެ ސަބަބުން، ވޭތުވެ ދިޔަ ހަފްތާގައި އިންތިގެ އިތުރުން ދެ ވަކީލަކު ވެސް ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފަ އެވެ.

އެއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އާއި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މޫސާ ސިރާޖެވެ.

އަނބިމީހާ ގާތު ޕަބްޖީ ކުޅުން ހުއްޓާލަން ބުނުމުން ވަރިއަށް!

އަޖްމަން (ގަލްފު ނިއުސް) – ޕްލޭޔާއަންނޯންސް ބެޓަލްގުރައުންޑް (ޕަބްޖީ) އަކީ މިއަދު ޒުވާނުންގެ މެދުގައި މަގުބޫލު އޮންލައިން ގޭމެކެވެ. މަގުބޫލު ވެގެން ގޮސް ކޮފީ އަކަށް އެރިއަސް އަރަނީ އެ ކުޅޭށެވެ. ދެ މީހަކު ބައްދަލުވިއަސް އެ ޖެހުނީ ގަނޑަކަށް އަރާށެވެ. ހެޑްސެޓު ޖަހައިގެން ގިނަ ބަޔަކު އެ ގޭމް ކުޅޭއިރު އަނެއް ބަޔަކު ގޭމް ކުޅޭއިރު ހީވާނީ ހަނގުރާމައިގެ މައިދާނުގައި އުޅޭ ހެނެވެ.

މި ގޭމަށް ޒުވާނުން ދެވި ހިފާފައިވާ މިންވަރުން ދުނިޔޭގެ ބައެއް ގައުމުތަކުން ދަނީ އެކަމާމެދު ސަމާލުވަމުންނެވެ. އެކަމުގެ ސީރިއަސްކަން ބޮޑުވެ އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ އެ ގޭމް ކުޅުން މަނާކޮށްފައެވެ.

ކޮންމެއަކަސް އެފަދަ ވާހަކައެކެވެ. ޕަބްޖީ ކުޅުމަށް ގޮސް ހުސްވެފައިވާ އަނބިމީހާ ގާތު އެ ގޭމް ކުޅުން ހުއްޓާލަން ބުނުމުން ވަރިވާން އެދުނު ވާހަކައެއް މިވަނީ މީޑިއާއަށް ފެންމަތިވެފައެވެ.

އެކުވެރި އަރަބް އެމިރޭޓްސްގެ އަޖްމަންގައި ހިނގި އެ ހާދިސާގެ މައުލޫމާތު ދެމުން އަޖްމަން ފުލުހުންގެ ޑިރެކްޓަރު އޮފް ސޯޝަލް ސެންޓަރ ކެޕްޓަން ވަފާ ހަލީލް އަލް ހުސޭނީ ވިދާޅުވީ، އިނދެގެން އުޅޭ ދެ މީހެއްގެ އެ މައްސަލައަކީ ގޭމްއަކާ ގުޅިގެން އެ ސެންޓަރަށް ހުށަހެޅުނު އެންމެ އާދަޔާ ހިލާފު މައްސަލަ ކަމަށެވެ.

އެގޮތުން އުމުރުން ވިއްސަކަށް އަހަރުގެ އަރަބި އަންހެނަކު ފުލުހަށް ގޮސް ވަރިވާން ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، އޭނާ މުނިފޫހިފިލުވުމަށް ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ހައްގަށް ފިރިމީހާ އަރައިގެންފައިވާ ކަމަށެވެ.

އަދި ޕަބްޖީއަކީ އޭނާއަށް އެ ގޭމުން އަރާމާއި ހިތްހަމަޖެހުން ލިބޭ ގޭމެއް ކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ.

“އަހަރެން ގޭމް ކުޅެމުންދިޔައީ ލިމިޓްތަކުގެ ތެރެއިން. އަހަރެން ނުދަންނަ މީހުންނާ ވާހަކަދައްކަން ޗެޓް އޮޕްޝަން ވެސް އެކްޓިވޭޓެއް ނުކުރަން. އަހަރެން ގޭމް ކުޅެނީ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއެކު،” އަންހެން މީހާ ފުލުހަށް ހުށަހެޅި ޝަކުވާގައި ބުނެފައިވެއެވެ.

އަންހެން މީހާ އިތުރަށް ބުނެފައިވަނީ، އެ ގޭމަށް އޭނާ ދެވިހިފައި، ގެއާއި އާއިލާއަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި ފަރުވާ ކުޑަކޮށްފާނެ ކަމަށް ފިރިމީހާ ގަބޫލުކުރާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަންހެން މީހާގެ ފިރިމީހާ ބުނީ، އަނބިމީހާގެ ހައްގަކަށް އޭނާ އަރައި ނުގަންނަ ކަމަށާއި ނަމަވެސް ގޭމް ކުޅެން މަނާކުރީ އާއިލާ އެކުގައި ބޭއްވުމަށް ކަމަށެވެ. އަދި ގޭމް ކުޅެން ހުއްޓާލަން ބުނެގެން ވަރިވާން އެދޭނެ ކަމަށް ހީނުކުރާ ކަމަށް ފިރިހެން މީހާ ބުނެފައިވެއެވެ.

މާބަނޑު ދުވަސްވަރު ދުވާލަކު މަދުވެގެން 1.5 ލިޓަރުގެ ފެން ބޯންވާނެ!

ފެނަކީ ހަށިގަނޑަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ. އެގޮތުން ދުވާލަކު އަށް ތަށި ފެން ބުއިމަށް ގިނަ ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ. އޭގެ ސަބަބުން މަސްތަކުގެ ވަރުބަލިކަން ފިލުވާލަދީ، ކިޑްނީގެ ހިނގުން ރަނގަޅުކޮށްދީ، ހަޖަމު ކުރުމާއި ބަރުދަން ލުއިކޮށްދިނުން ފަދަ އެތައް ފައިދާއެއް ހިމެނެއެވެ.

ކަން މިހެން އޮތްއިރު، ހާއްސަކޮށް މާބަނޑު ދުވަސްވަރު ފެންބޯންޖެހޭ މިންވަރު އިތުރުކުރަންޖެހެއެވެ.

ސިއްހީ އިދާރާތަކުން ބުނާގޮތުގައި، މާބަނޑު އަންހެނަކު ދުވާލަކު 1.5 ލީޓަރު ނުވަތަ ދެ ލިޓަރުގެ ފެން ބޯން ޖެހޭނެއެވެ. އަދި އާދައިގެ މަސައްކަތެއް ކުރާނަމަ މަސައްކަތެއްކުރާ ކޮންމެ ގަޑިއަކު 250 މިލިލީޓަރުގެ ފެން އިތުރަށް ބޯން ޖެހޭނެއެވެ.

މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްތަކެއް ކަމުން ފެން ނުބައި މީހުން ވެސް އުޅެއެވެ. އެފަދަ އަންހެނުންނަށް ފެން ތެރެއަށް ލުނބޯ އަޅައިގެން ނުވަތަ ކިރުތައްޓެއް ނުވަތަ ޖޫސް ތައްޓެއް ބޮޮވިދާނެއެވެ.

ނަމަވެސް ކޮފީ، ސައި އަދި ކޮކާކޯލާ ފަދަ ބުއިންތައް ފެންބޯ މިންވަރުގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ. އެއީ ދިޔާއެއްޗެތި ކަމުގައި ވީނަމަވެސް އެއިން ހަށިގަނޑަށް ނަގާ ފެން މަދުވެ ކުޑަކަމުދާ އެއްޗެތި އިތުރު ކުރާ ބާވަތްތަކެކެވެ.

ވުމާއެކު ހަށިގަނޑުން ފެން މަދުވުމަކީވެސް މިބާވަތްތައް ބޭނުން ކުރާނަމަ ވެދާނެ ކަމެކެވެ.

މައިމީހާ ކާ ކާނާ ދަރިފުޅަށް ރަހިމުންލާފައި ގެންގޮސްދެނީ ފެނުގެ އެހީގައެވެ. ގިނައިން ފެންބުއިމުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް މަދުވެގެންދެއެވެ. އެއީ ކުޑަކަމުދާ އެއްޗެތި ގިނަވުމުން މިނިޒާމަށް ވަންނަ ބެކްޓީރާ ފަދަ ތަކެތި ދޮވެލާތީއެވެ.

އަދި ދުވާލަކު ބޮވޭ ފެނުގެ މިންވަރު ނޭނގޭނަމަ ދޮޅު ލިޓަރުގެ ނުވަތަ ދެ ލިޓަރުގެ ފުޅިއަކަށް ފެން އެޅުމަށްފަހު އެވަރުގެ ފުޅިއެއްގެ ފެން ދުވާލަކު ބޮވޭތޯ ބަލާށެވެ. ފެންބޯއިރު އެއްފަހަރާ ގިނައިން ފެން ބުއިމުގެ ބަދަލުގައި އެކިފަހަރުމަތިން މަދުމަދުން ފެން ބޯށެވެ. އެއްފަހަރާ ގިނައިން ފެންބުއިމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.