ހޫނުގަދަ، އިމާރާތް ކުރާތްކުރާ ފަރާތްތަކުން ސަމާލުވެތިބުމަށް އެދެފި

ހޫނުގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭއިރު ދިމާވެދާނެ ގެއްލުމަކަށް ސަމާލުވެތިބުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިލްތިމާސްކޮށްފި އެވެ.

މަސީން މިފަދައިން އިލްތިމާސްކޮށް އިއުލާނެއް ނެރެފައި މިވަނީ މިދުވަސްވަރު އާާދަޔާޚިލާފަށް ހޫނުގަދަވާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އާންމުންނަށް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މަސީގެ އިއުލާނުގައި ބުނެފައިވަނީ އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުުރުމުގެ ވަގުތުގައި ސިއްހީ ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ރާވައި އިންތިޒާމުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގަދަ ހޫނުން ސަލާމަތްވުމަށް އެކަށީގެންވާ ގޮތަށް ހެދުން އެޅުމާއި ގިނައިން ފެން ބޮވޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަަށް ވެސް މަސީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރަށް މަސައްކަތުގެ މާހައުލުގައި ހިޔާލިބޭނެ ފަދަ އިންތިޒާމެއް ގާއިމުކުރުމަށާއި، ފުރަތަމަ އެހީގެ ކަންކަން އިންތިޒާމް ކޮށްފައި ބެހެއްޓުމަށް ވެސް މަސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހޫނުގެ ސަބަބުން އިތުރު ފަރުވާ ބޭނުންވެދާނެ ކަމަށް ލަފާ ކުރެވޭނަމަ އެންމެ ކައިރީގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކުން ކުއްލި ނުވަތަ އަވަސް ފަރުވާ ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މަސީން ވަނީ އެދިފަ އެވެ.

މިދުވަސްވަރު އާދަޔާހިލާފަށް ހޫނުގަދަވާނެ ކަމަށް ހެލްތް ޕްރެޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ދަނީ ބުނަމުންނެވެ. އަދި ހޫނުން ރައްކާތެރިކަން ހޯދުމަށާއި ގިނައިން ފެން ބުއިމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކާޑުގެ ބާވަތްތަށް އެއް އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށް މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ކާޑު ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް މާލެއެކޭ އެއް އަގެއްގައި ލިބެން ހުންނާނެކަމަށެވެ. އަދި އެމަނިކުފާނުވަނީ އެސް.ޓީ.އޯގެ މެނޭޖްމަންޓާއި ސްޓާފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވިއްކާ ކާޑުގެ އަގަށް ހަމަހަމަކަން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯ ކާޑު އޭޖެންޓުން މުޅި ރާއްޖޭގައި ކާޑު ވިއްކާނެ އާންމު އަގުތަކެއް އެކުންފުނިން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހަނޑޫ ކިލޯއެއް 4 ރުފިޔާ 80 ލާރިއަށް ވިއްކުމަށް ނިންމާފައިވާއިރު، ހަނޑޫ ބަސްތާއެއް ވިއްކާނީ 240 ރުފިޔާއަށެވެ. ހަކުރު ކިލޯއެއް 4 ރުފިޔާ 82 ލާރިއަށް ވިއްކުމަށް ނިންމާފައިވާއިރު، ހަކުރު ބަސްތާއެއް ވިއްކަން ނިންމާފައިވަނީ 241 ރުފިޔާއަށެވެ. އަދި ގޮދަންފުށް ކިލޯއެއް 3 ރުފިޔާ 80 ލާރިއަށް ވިއްކަން ނިންމާފައިވާއިރު، ފުށް ބަސްތާއެއް ލިބޭނީ 190 ރުފިޔާއަށެވެ.

އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް 112 ރަށެއްގައި ހަމަޖެހިފައިވާއިރު، އިތުރު 10 ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އަދި އޭޖެންޓުން ނުލިބޭ 61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވިއްކާ ކާޑުގެ ބާވައްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ހެޔޮކޮށް، ކާޑުގެ ބާވަތްތައް މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވެއެވެ.

ފަހު ވަގުތު ލޮފްޓަސް ޗީކް ކާމިޔާބުކޮށްދިން ލަނޑާއި އެކު ކާޑިފް ގެ މައްޗަށް ޗެލްސީން ކުރި ހޯދައިފި

މެޗުގެ ފަހު ވަގުތު ރުބެން ލޮފްޓަސް ޗީކް ކާމިޔާބުކޮށްދިން ލަންޑާއި އެކު ކާޑިފް ސިޓީގެ މައްޗަށް 2-1 އިން ޗެލްސީން ކުރި ހޯދައިފިއެވެ.

ކާޑިފް ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ޗެލްސީން ނެރުނު ފުރަތަމަ އެގާރައިން އެޓީމުގެ މުހިއްމު ދެ ކުޅުންތެރިންް ކަމަށްވާ އެންގޯލޯ ކަންޓޭ އާއި އެޑެން ހަޒާޑަށް ފުރުސަތު ދީފައިނުވާއިރު މެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށްވެސް ގޯލެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތަކެއް ތަނަވަސްކުރެވިފައެއް ނުވާއިރު ދެވަަނަ ހާފްގެ ކުރީކޮޅު ވިކްޓަރ ކަމަރަސާ ވަނީ ކާޑިފަށް ލީޑު ނަގައިދީ ޗެލްސީ ސިއްސުވާލާފައެވެ.

މި ގޯލާއެކު ހަޒާޑް ކުޅެން އެރިއިރު ޗެލްސީން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓްގައި އެޒްޕެލިކުއެޓާ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

ޗެލްސީގެ މި ގޯލާ ގުޅިގެން ކާޑިފްގެ ކޯޗު ވަނީ އޮފްސައިޑް މަގާމެއްގައި ހުރެގެން ޖެހި ލަނޑެއްކަމަށްބުނެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިމެޗުގެ ދެވަނަ ލަނޑު ފަހު ވަގުތުކޮޅުތެރޭ ޖަހައިދިނީ ރުބެން ލޮފްޓަސް ޗީކް އެވެ.

މި މޮޅާއެކު ޗެލްސީ 60 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައި އޮތްއިރު މި މެޗުން ބަލިވި ކާޑިފް އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ. މި މެޗުން ބަލިވުމުން ރެލިގޭޝަނުން ސަލާމަތްވުމަށް ކާޑިފް އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ލީގުގައި ބާކީ ދެން އޮތީ ހަތް މެޗެވެ.

ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ރ އަތޮޅު މާފަރުގައި ތަރައްގީކުރި ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ރިސޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.  އުތުރު މާފަރުގައި ހަދާފައިވާ މިރިސޯޓްގައި 109 ކޮޓަރީގެ އިތުރުން 99 ވޯޓާ ވިލާގެ އިތުރުން 111 ވިލާ ހިމެނޭގޮތަށް  ހަދާފައިވާ މި ރިސޯޓްގައި އެޗްޓޫއޯގެ ނަމުގައި ކަނޑުއަޑީގައި ރެސްޓޯރެންޓެއްވެސް ވަނީ ހަދާފައެވެ. ކަނޑުއަޑީގެ މި ރެސްޓޯރަންޓްގެ އިތުރުން އެހެން ހަތަރު ރެސްޓޯރަންޓް ވެސް މިރިސޯޓްގައި ހަދާފައި ހުރެއެވެ.

ކޮކޫން އިންވެސްޓްމެންޓުން ވަނީ މީގެކުރިން ޅ. އަތޮޅު އޫކޮޅުފުށީގައި ވެސް ފަސްތަރީގެ 150 ވިލާގެ ރިސޯޓެއް ހުޅުވާފައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތައް ފާސްވުމުން އިންޤިލާބީ ބަދަލެއް އަންނާނެ: ރައީސް

ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ އިޞްލާޙުތައް ފާސްވުމާއެކު ލާމަރުކަޒީ ނިޒާމަށް އިންޤިލާބީ ބަދަލެއް އަތުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލާމަރުކަޒީ ޤާނޫނު އިޞްލާޙުކޮށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިިދިނުމުމުގެ މުހިންމުކަމާއިގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ ކަމެއްކަމަށާއި، އެގޮތުން ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ އިޞްލާޙުތައް ފާސްވުމާއެކު ލާމަރުކަޒީ ނިޒާމަށް އިންޤިލާބީ ބަދަލެއް އަތުވެގެންދާނެކަމަށެވެ.

އެގޮތުން އެންމެމުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން އަންނައިރު، ދައުލަތުގެ ޖުމްލަ ބަޖެޓްގެ މަދުވެގެން ފަހެއް އިންސައްތަ ކައުންސިލްތަކަށް ލިބޭނެގޮތަށް ކަނޑައެޅުމެވެ. އަދި ކައުންސިލްތަކުގެ އިޚްތިޞާސްގެ ދަށުގައިވާ ބިމާއި ފަޅާއި އެނޫންވެސް ތަންތަނުން ލިބޭ ޢާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބޭގޮތް ހައްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލަށް ޢައްޔަނުކުރާ މެންބަރުންގެ 33 އިންސައްތަ އަކީ އަންހެނުންނަށް ކަމުގައި ޤާނޫނުގައި ކަނޑައަޅުއްވާނެކަމަށްވެސް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.

މާލޭ މަގުތަކުގައި ތިމާވެއްޓާ ރައްޓެހި ލެޑް ލައިޓް ހަރުކުރަން ފަށައިފި

މާލޭގެ މަގުތަކުގައި ހުރި އާދައިގެ ބޮކިތައް ނަގައި ހަރަދުކުޑަ ލެޑް ބޮކި ހަރުކުރަން ފަށައިފިއެވެ.

އިންޑިއާ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހްކޮށްދެއްވީ އިއްޔެ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދްރި ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ އިއްޒުއްދީން މަގުގައި ލެޑް ބޮކިތައް ހަރުކުރައްވައިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ހުސެއިން ވިދާޅުވި، އަހަރުން އަހަރަށް މާލޭގައި ހަކަތަ ބޭނުންކުރާ މިންވަރު 9-11 ޕަސެންޓަށް އިތުރުވަމުން އަންނަކަމަށާއި އެހެންކަމުން މަދުން ހަކަތަ ބޭނުންކުރާ އާލާތްތައް ބޭނުންކުރުން މުހިންމު ކަމަށެވެ.

އަދި މި މަޝްރޫއަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އިންޑިއާއި ރާއްޖެ ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަޝްރޫއަށް އިންޑިއާގެ ސަރުކާރުން ރާއްޖެއަށް 2500 ލެޑް ލައިޓު ހަދިޔާކުރާ ކަމަށެވެ. މިއީ މި މަހުގެ 17 ވަނަ ދުވަހު ދެ ގައުމު ދެމެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ހަދިޔާކުރި ލެޑް ލައިޓްތަކެވެ.

“މި 2500 ބައްތި ހަރުކޮށް، ކޮންމެ ދުވަހެއްގެ 12 ގަޑިއިރު ބޭނުން ކުރުމުން ދުވާލެއްގެ މައްޗަށް 480 ކަރަންޓު ޔުނިޓް ސަލާމަތް ކުރެވޭނެ. މިއީ ދުވާލަކަށް 40 ގެއަށް ބޭނުންވާ ކަރަންޓު. އަދި ހަކަތައަށް ބަލާނަމަ 685،000 ރުފިޔާ ސަލާމަތް ކުރެވޭނެ،” މިނިސްޓަރު ވިދާޅުވިއެވެ.

ތިމާވެއްޓާ ރައްޓެހި އަދި ގިނަ ދުވަހު ގެންގުޅެވޭ ލެޑް ބޮކިތައް ހަރުކުރުމުން 66.61 މިލިއަން ކިލޯވޮޓް އަވާގެ ހަކަތަ ސަލާމަތްކުރެވި، 291 މިލިއަން ރުފިޔާ ސަލާމަތްވެއެވެ. އަދި އެ ބޮކިތަކަށް ބަދަލުކުރުމުން ޖައްވަށް ދޫކުރާ ގްރީން ހައުސް ގޭސްތަކުގެ މިންވަރު އަހަރަކު 54،616 ޓަނު މަދުކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިއްޔެ ފެށި މަޝްރޫއަކީ އިންޑިއާގައި ކާމިޔާބުކަމާއިއެކު ހިންގުނު ‘އުންނަތް ޖޯތީ ބައި އެފޯޑަބަލް ލެޑްސް ފޮރ އޯލް (އުޖާލާ)’ އަދި ‘ސްޓްރީޓް ލައިޓިންގ ނެޝަނަލް ޕްރޮގްރާމް (އެސްއެލްއެންޕީ)’ ޕްރޮޖެކްޓް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ސޮނާކްޝީ, އިންނާނެ މީހަކު ހޯދަނީ! ހުރީ ކައިވެނި ކުރަން ކެތްމަދުވެފައި!

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ސޮނާކްޝީ ސިންހާ މިދުވަސްކޮޅު އުޅެނީ އޭނާގެ ކުރިއަށްއޮތް މެގަ ޕްރޮޖެކްޓް “ކަލަންކް”ގެ ޕްރޮމޯޝަންގައެވެ. ފިލްމު ރަނގަޅަށް އިސްތިހާރުކޮށް ކާމިޔާބު ފިލްމަކަށް ހެދުމަށް ފިލްމުގެ މުޅި ކާސްޓުން ނުފޮރުޅުވާ އެންމެ ގަލެއް ވެސް ނުބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފިލްމު ޕްރޮމޯޓް ކުރުމަށް އެ ފިލްމުގެ ކޯ ސްޓާރުންގެ ގޮތުގައި ފެނިގެންދާ ވަރުން ދަވަން އަދި އާލިއާ ބަޓްއާއެކު ޓީވީ ޝޯއެއްގައި ދާދިފަހުން ސޮނާކްޝީ ވަނީ ބައިވެރިވެފައެވެ. މި ތިން ތަރިންނަކީ ވެސް އެމީހުންގެ ލޯބީގެ ގުޅުންތަކާއި ކައިވެނީގެ ޕްލޭންތަކާ ގުޅިގެން ހެޑްލައިންތަކުން ޖާގަ ހޯދަމުންދާ ތަރިންނެވެ.

އެގޮތުން އެ ޝޯގެ ޝޫޓިންގައި، އެންމެ އަވަހަށް ކައިވެނިކުރަން ބޭނުންވަނީ ކާކުތޯ ތިން ތަރިން ކައިރީގައި އެހުމުން އެންމެ ފުރަތަމަ ޖަވާބުދިން ތަރިއަކީ ސޮނާކްޝީއެވެ.

ސޮނާކްޝީ ބުނީ، ވަރުން އާއި އާލިއާއަށްވުރެ އަވަހަށް އޭނާ ކައިވެނިކުރަން ބޭނުންވާ ކަމަށާއި ކައިވެންޏަށް އޭނާ ތައްޔާރު ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް ދިރިއުޅުމައިގެން ހަމަޖެހިލަން ކަމަށާއި ކައިވެނިކުރަން ރަނގަޅު މީހަކު ހޯދަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކައިވެނިކުރަން ބޭނުންވަ ކަމަށާއި އިންނާނެ މީހަކު ހޯދަމުންދާ ކަމަށް ސޮނާކްޝީ ބުނިއިރު، ނޯޓްބުކްގެ ތަރި ޒަހީރު އިގްބާލްއާ އޭނާ ޑޭޓް ކުރަމުންދާކަމުގެ ވާހަކަތަކެއް މިދޭތެރެއިން މީޑިއާތަކުގައި ފެތުރުނެވެ. ނަމަވެސް އެކަމާ ގުޅިގެން ދެމީހުން ވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ސޮނާކްޝީ އެންމެ އަވަހަށް ދެން ފެނިގެންދާނެ ފިލްމު “ކަލަންކް” އަކީ އަބިޝެކް ވަރްމަންގެ ފިލްމެކެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ކަލަންކްގެ އިތުރުން ސޮނާކްޝީ ދެން ފެނިގެންދާނީ “ދަބަންގް 3” އަދި “މިޝަން މަންގަލް” އިންނެވެ.