އެތެރެހަށި އަދި ކުޑަކުދިންގެ އޯޕީޑީ ދަރުމަވަންތަ ހޮސްޕިޓަލަށް

އައިޖީއެމްއެޗުން ދެމުން އަންނަ އެތެރެހަށީގެ ހާއްސަ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކުގެ އޯޕީޑީގެ ހިދުމަތް މާދަމާ އިން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް އެ ތަނުން ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެތެރެހައްޓާއި ކުޑަކުދިންގެ އޯޕީޑީގެ ހިދުމަތް ބަދަލުކޮށްފައިވަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާއަށް ކަމަށެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑު ހަރަދެއް ކޮށްގެން އިމާރާތް ކުރި ދަރުވަމަންތަ ހޮސްޕިޓަލުގައި މިހާރު ވެސް އަންނަނީ ފިޒިއޮތެރަޕީ އާއި ސްޕީޗްތެރަޕީގެ ހިދުމަތް ދެމުންނެވެ.

އަދި މި މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އޯޕީޑީގެ ހިދުމަތް ދިނުމަށް ނިންމާފައިވާއިރު، ރޯދަ މަސް ނިމުމުން އެކްސްރޭ އާއި އެހެން ބައެއް ހިދުމަތްތައް ވެސް އެ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވ ގޮތުގައި އަންނަ ޖުލައި މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މުޅި އިމާރާތް ބޭނުން ކުރަން ފަަށާނެ އެވެ.

އެޗްޑީސީން 149 މުވައްޒިފަކު މަދުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 149 މުވައްޒިފުން އެކި ގޮތް ގޮތަށް ވަޒީފާއިން ވަކިކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، އެކުންފުނީގެ 149 މުވައްޒަފަންގެ ވަޒީފާ މަދުކޮށްފައިވާ ކަމަށާއި ނަމަވެސް ވަޒީފާތައް މަދުކޮށްފައިވަނީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ 149 މުވައްޒިފުންގެ ތެރޭގައި ހިމެނެނީ އަމިއްލައަށް ވަޒީފާއިން ވަކިވި މީހުންނާއި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން މުއްދަތު އިތުރުނުކޮށް މަދުކުރި ވަޒީފާތައް ކަމަށެވެ.

އެޗްޑީސީއަށް ގިނައިން މުވައްޒަފުން ނަގަނީ ކޮންޓްރެކްޓް އުސޫލުން އެއް އަަހަރުދުވަހަށް ކަން ފާހަގަކޮށް ސުހައިލް ވިދާޅުވީ، މަސައްކަތައް ރަނގަޅު ގިނަ މުވައްޒިފުންގެ ވަޒީފާ ދާއިމީ ކޮށްފައިވާނެ ކަމަށާއި ވަޒީފާއިން ވަކިކުރި މުވައްޒިފުންގެ ތެރޭގައި އަހްލާގީ މައްސަލަތައް ޖެހުނު ފަރާތްތައް ހިމެނޭނެ ކަމަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބް ދުވަސްވަރު، އެޗްޑީސީން ގިނަ އަދަދެއްގެ މީހުނަށް ވަޒީފާ ދީފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި ސިޔާސީ ކަންކަމުގައި މުވައްޒިފުން ބޭނުންކޮށް ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް އެޗްޑީސީގެ ތެރެއިން ކޮށްފައިވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އަންނަ މަހުން ފެެށިިގެެންް ވަކިން ސިނގިރޭޓް ވިއްކާނަމަ ފިޔަވަޅު އަޅާނެ!

މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް، ބިޑި ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި މަސް ނިމުމަށްފަހު ވަކިން ސިނގިރޭޓް ވިއްކުމަކީ މަނާ ކަމެއް ކަން ހަނދާންކޮށްދިނުމުގެ ގޮތުން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުން މަނާ ކުރުމުގެ މަޤްސަދަކީ ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލް ކުރަން ފެށުމުން ދުރުކުރުން ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުން މަދުވެގެން ވިއްކޭނީ 20 ސިނގިރޭޓް ހިމެނޭ ފޮެއްޓެކެވެ. ބިޑި ވަކިން ވިއްކޭނީ ބޮނޑިއެއް ނުވަތަ 50 ބިޑި ހިމެނޭ ފޮއްޓެވެ.

އެގޮތުން އެ ގަވާއިދާ ހިލާފަށް ދުންފަތުގެ ވިޔަފާރީ ކުރާ ފާރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އާޅާނެ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ގަވައިދުގައިވާ ކަމަކާ ހިލާފުވެއްޖެނަމަ އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި، އޭގެ ޓެކުހާއި، އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެއެވެ. ދެ ވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، 5000 ރުފިޔާ، ތިން ވަނަ ފަހަރަށް، 10،000 ރުފިޔާ އަދި ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި ޖޫރިމަނާގެ އިތުރުން ދުންފަތުގެ މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމުގެ ބާރުވެސް އެޗްޕީއޭ އޮންނާނެއެވެ.

ދީނީ ތިން އިލްމުވެރިއަކަށް ސައުދީން މަރުގެ އަދަބު ދެނީ

ނިރުބަވެރިކަމުގެ އެތައް ތުހުމަތެއްގައި ސައުދީ އަރަބިއާގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ދީނީ ތިން އިލްމުވެރިއަކަށް އެގައުމުން މަރުގެ އަދަބު ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ސައުދީ ސަރުކާރުގެ ދެ މަސްދަރަކާއި މަރުގެ އަދަބު ދޭން ނިންމާފައިވާ އިލްމުވެރިއެއްގެ އާއިލާ މެންބަރަކާ ހަވާލާދީ މިޑަލް އީސްޓް ވެބްސައިޓުގައި ބުނެފައިވަނީ، މަރުގެ އަދަބު ދޭން ނިންމާފައިވާ އިލްމުވެރިންނަކީ ޝައިޚް ސަލްމާން އަލްޢަވްދާ، ޝައިޚް އަވަޟް އަލްގަރްނީ އަދި ޝައިޚް އަލީ އަލްއުމްރީ ކަމަށެވެ.

އެ މީހުންނަށް މަރުގެ އަދަބު ދޭން ސައުދީ ސަރުކާރުން ނިންމާފައިވަނީ ރަމަޟާން މަހަށްފަހު ކަމަށް ވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ސައުދީގެ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

“މަރުގެ ހުކުމް އިއްވުމާއެކު އެ މީހުންނަށް ލަސްތަކެއް ނުވެ އެ ހުކުމް ތަންފީޒު ކުރާނެ،” މިޑަލް އީސްޓް އައިއަށް މައުލޫމާތުދިން ސައުދީ ސަރުކާރުގެ މަސްދަރުން ބުނެފައިވެއެވެ.

ރިޔާދުގައި ހުންނަ ކްރިމިނަލް ސްޕެޝަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވާ މި ތިން އިލްމުވެރިންނަކީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ބެލުމުގެ ދަށުން ސެޕްޓެމްބަރ 2017 ވަނަ އަހަރު ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ހިންގި ހަރަކާތުގައި ހައްޔަރުކުރި އެގައުމުގެ މުހިންމު އަދި މަޝްހޫރު އެތައް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ތިން ބޭފުޅުންނެވެ.

ނަމަވެސް ހައްޔަރުކުރުމަށްފަހު އެތިން ބޭފުޅުންގެ މައްޗަށް ސައޫދީ ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގައި ގައުމުގައި ހަމަޖެހުމާއި ސުލްޙަ ނަގާލުމުގެ ދައުވާ އެވެ.

އެ ތިން ޝެއިހުން ހައްޔަރުކުރުމާއެކު އދ. އިންނާއި ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލްފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕްތަކުން ސައުދީގެ އެ އަމަލު ކުށްވެރިކޮށްފައިވެއެވެ.

ސައުދީގެ މަޝްހޫރު ތިން ދީނީ އިލްމުވެރިއަކަށް އެގައުމުން މަރުގެ އަަދަބު ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު މިދިޔަ އެޕްރީލް މަހު ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ކަމަށްބުނެ 37 މީހުންނަށް ސައުދީން ވަނީ މަރުގެ އަދަބު ދީފައެވެ.

އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ސައޫދީ ސަރުކާރަށް ސިޔާސީ ގޮތުން ފާޑުކިޔާ ޝިޔައީ އެކްޓިވިސްޓުންނެވެ. ނަމަވެސް އެ މައްސަލަ ބައިނަލްއަގްވާމީ މުޖްތަމައުން އެހާބޮޑަށް ކުށްވެރި ކޮށްފައެއް ނުވެއެވެ.

ސައުދީ ސަރުކާރުގެ އެހެން މަސްދަރަކުން ބުނާގޮތުގައި، އެ 37 މީހުންނަށް މަރުގެ އަދަބު ދިނުމުން ވެސް ބައިނަލްއަގްވާމީ މުޖްތަމައުން އެހާބޮޑަށް ކުށްވެރި ކޮށްފައިނުވުމަކީ މި ތިން އިލްމުވެރިންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށާ އަދި އެހުކުމް ތަންފީޒުކުރުމަށް ސައޫދީ އަށް ހިއްވަރު ލިބިގެންދިޔަ ކަމެއް ކަމަށެވެ.

މަސްދަރު: މިޑަލް އީސްޓް އައި އަދި އަލްޖަޒީރާ

ލަންކާގައި ވިސާ ނެތް ދިވެހިންގެ ތެރޭގައި ފިލައިގެން އުޅޭ ކުށްވެރިން ވެސް!

އަވަށްޓެރި ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހީންގެ ތެރޭގައި ގިނަ އަދަދެއްގެ ކުށްވެރިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ބައްދަލުކޮށް ޝާހިދު މިއަދު ވިދާޅުވީ، ވިސާ ނެތި ފިލައިގެން ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނައިރު އޭގެ ތެރޭގައި ބޭސްފަރުވާއަށް އެގައުމަށް ގޮސް ފިލައިގެން އުޅޭ ކުށްވެރިން ވެސް ހިމެނޭ ކަމަށެވެ.

އަދި ވިސާ ނެތި ލަންކާގައި ދިރިއުޅެމުން އަންނަ ބައެއް ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅައި އެމީހުންގެ މައުލޫމާތު ދެމުން އަންނަ ކަމަށާއި ނަމަވެސް އެމީހުން ހުންނަ ތަނެއް ބުނަން ބޭނުން ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ވިސާ އަދި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ ފަސް އަހަރު ވެފައިވާ ދިވެހިން ވެސް ލަންކާގައި އުޅެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، ވިސާ އާ ނުކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ކިޔަވާ ދަރިވަރުން ވެސް ހިމެނޭ ކަމަށެވެ.

ލަންކާގައި ވިސާ ނެތި ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަކަން އެނގުނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި އުޅޭ ބިދޭސީން ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީވާން އެންގުމުންނެވެ.

އެގޮތުން ހަމަލާއަށްފަހު އެގައުމުގެ ސަލާމަތީ ބާރުތަކުން ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެއެވެ.

ލަންކާގައި ފިލައިގެން އުޅޭ ދިވެހިން ގިނަކަން މިނިސްޓަރު ފާހަގަކުރެއްވިއިރު، ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށްދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ވެސް 2010 ވަނަ އަހަރުން ފެށިގެން ފިލައިގެން އުޅެނީ ލަންކާގައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ވިސާ ނެތި ލަންކާގައި ދިރިއުޅެމުންދާ ދިވެހިން، ލަންކާގެ ގާނޫނުތަކުގެ ތެރެއިން ޖޫރިމަނާ ކުރުމަށްފަހު، ރާއްޖޭގެ ހައި ކޮމިޝަނުން ދޭ ލިޔުމަކަށް ބަލައި ވިސާ އާ ކޮށްދިނުމަށް ލަންކާގެ ސަރުކާރުގައި ދިވެހި ސަރުކާރުން އެދިފައިވާނެ ކަމަށެވެ.

އަދި ލަންކާއިން އެކަން ކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ފިޠްރުޒަކާތް ނެރުން ލަސްނުކުރޭ

ފިޠްރު ޒަކާތަކީ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ ގޮތުން ފިޠްރު ޒަކާތަކީ ރޯދަވެރިއާ، ރޯދައަށްހުރެ ކުރެވޭ ކުދި ކުށްތަކުން ރޯދައަށް ބުރާފައިވާ ”ހިރަފުހުން” އެ ސާފުކޮށްދޭ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ ރޯދަމަހު މުސްލިމުން، ފަޤީރުންގެ ކެކުޅުންތަކާއި، ބަނޑުހައިހޫނުކަން ދެނެގަނެ، އެކަން މުޖުތަމަޢުން ފޮހެލުމައްޓަކައި އަޅާ ފުރަތަމަ ފިޔަވަޅެވެ.

ރަމަޟާންމަހު ގައި ތިމަންނަވީ ބަނޑުހައިކަން މިއަދު ޢީދު ދުވަހުވެސް އަނެއް އަޚާ ވާނެކަން ހަދާންނުނެތޭކަން ފިޠްރު ޒަކާތުގެ ހާލުގެ ދުލުން ބުނެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެހެން މީހުންގެ ބަނޑުހައިހޫނުކަން އިޙްސާސް ކުރަން ދަސްވި ދަސްވުމަށް، ކުރިމަތިވާ ފުރަތަމަ ޙަޤީޤީ އިމްތިޙާނަކީ ޒަކާތް ނެރޭ ދުވަހެވެ.

އެގޮތުން މުސްލިމުންގެ ތެރެއިން، ކޮންމެ އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ބޮޑުމީހެއް، މިނިވަނެއް އަޅެއް، ފަޤީރެއް މުއްސަންޖެއްގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. ނަމަވެސް މި ވާޖިބުވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ، ޢީދު ދުވަހާއި އެރޭ އޭނާއާއި ބަލަދުވެރިން ކާނެ، އަދި ބޭނުންތައް ފުއްދޭނެ ފައިސާ ނުވަތަ ތަނަވަސްކަން އަތުގައި ހުރުމެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިބުވާ ވަގުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛުހަބެވެ. މާލިކީ އަދި ޙަނަފީން ދެކެނީ ޢީދުދުވަހުގެ އިރުއެރުމުން ކަމަށެވެ. އިބުނު ޢައްބާސް ރިވާކުރެއްވި ޙަދީޘެއްގައި ވާގޮތުން ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރެން ޖެހެއެވެ. ވީމާ އޭގެ ފަހުން އެ ނެރެފިނަމަ އެއީ ފިޠްރު ޒަކާތަކަށް ނުވާނެއެވެ. ނަމަވެސް އެވާނީ ޞަދަޤާތަކަށެވެ.

ފިޠްރު ޒަކާތް ލިބެން ޖެހޭ މީހުން:

ފިޠްރުޒަކާތް ލިބެންޖެހޭ މީހުންނާއި މެދު ފިޤުހުވެރިންގެ މެދުގައި ތިން ރައުޔުއެއް އެބަ އޮތެވެ. އެއީ

1- މުދަލުގެ ޒަކާތްވެސް ލިބޭ 8 ބާވަތުގެ މީހުންނަށް ( ތައުބާ ސޫރަތުގެގެ 60 ވަނަ އާޔަތް ބަލާށެވެ. ) ފިޠުރު ޒަކާތްވެސް ލިއްބައި ދެވިދާނެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.

2- އަށް ބާވަތުގެ މީހުންނަށް ބެހުންވެސް ހުއްދައެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުންވެސް ހުއްދައެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.

3- ހަމަ އެކަނި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުން ވާޖިބެވެ. މިއީ މާލިކީ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި ވާ ރައުޔެވެ. އިބްނު ތައިމިޔާ އާއި އޭނާގެ ދަރިވަރު އިބްނުލް ޤައްޔިމް ބުރަވެލައްވަނީވެސް މި ރައުޔަށެވެ.

އަލްޢައްލާމާ ޝައިޚް ޔޫސުފުލް ޤަރަޞާވީ މި މައްސަލާގައި ވިދާޅުވެފައިވަނީ، ތިންވަނަ ރައުޔަކީ ފިޠުރު ޒަކާތުގެ ރޫޙާއި އެންމެ ގުޅޭ ރައުޔު ކަމަށެވެ. އެއީ ހަމައެކަނި ފަޤީރުންނާއި މިސްކީނުންނަށް ޚާއްޞަ ކުރެވޭތީއެވެ. ނަމަވެސް ޤަރަޟާވީ ވިދާޅުވަނީ އެހެން ފަރާތަކަށްވެސް ބޭނުން ޖެހިއްޖެ ހިނދެއްގައި އެފަރާތަކަށް މިއިން ބައެއް ދިނުން އެއީ މަޞްލަޙަތު ހުރި ގޮތެއް ކަމަށެވެ.

ފިޠުރުޒަކާތް ނުބެހޭނެ މީހުން

ފިޠްރު ޒަކާތަކީ ވެސް ޒަކާތަކަށް ވާހިނދު، ޒަކާތް ދިނުން ހުއްދަ ނޫން އެއްވެސް މީހަކަށް ފިޠްރު ޒަކާތްވެސް ނުދެވޭނެއެވެ. އޭގެ ތެރޭގައި ކާފިރުން، މުރުތައްދުން، މުއްސަނދިން، ޒަކާތް ލިބޭ މީހުންގެ 8 ބައިގައި ނުހިމެނޭ މީހުން، މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެހެން ނަމަވެސް މަސައްކަތް ނުކޮށް ސަލާންޖަހާ މީހުން، މައިންބަފައިން، ދަރިން، އަދި އަނބިމީހާ ހިމެނެއެވެ.

ދެންމެ މި ބުނެވުނު ޢާއިލާ މީހުންނަށް ޒަކާތުން އެއްޗެއް ދިނުން ހުއްދަ ނޫނީ އެއީ، ޚަރަދު ކުރުން އޭނާގެ މައްޗަށް ވާޖިބުވެފައިވާ ބަޔަކަށް ވާތީއެވެ. ވީމާ މިސާލަކަށް ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ޒަކާތް ދިނުމަކީ އަމިއްލަ ޖީބަށް އެ ފައިސާ ނަގާފައި ޒަކާތް ދީފައި އަލުން އެ ފައިސާ ޖީބަށް ލުން ކަހަލަ ކަމެކެވެ.

ޚަރަދު ކުރުން ވާޖިބު ނޫން ތިމާގެ މީހުންނަށް ޒަކާތުގެ ފައިސާ ދިނުން ހުއްދައެވެ. އެހެނީ ތިމާގެ މީހުންނަށް ޞަދަޤާތް ދިނުމަކީ ވަރަށް ހެޔޮ އިތުރު ކަމެކެވެ. މިސާލަކަށް ބޭނުން ޖެހިފައިވާ ދައްތަ، ބޭބެ، ބޮޑު ދައިތަ ބޮޑު ބޭބެ އަދި މިނުންވެސް ތިމާގެ މީހުންނެވެ. ހަމަ އެހެންމެ ފަޤީރު ރައްޓެއްސަކަށް ވެސް ދެވިދާނެއެވެ. އޮތް ހަމަ އެކަނި ޝަރުޠަކީ ޒަކާތުގެ އާޔަތުގައިވާ 8 ސިފައިން ކުރެ ސިފައެއް މިއިން މީހެއްގައި ހުރުމެވެ.

އެކަމަކު ތިމާއަކީ ވަރަށް މުއްސަނދި މީހެއްނަމަ މި ފަދަ މީހަކަށް ވެދޭ އެހީ އަކީ ޒަކާތަށް ޚާއްސަ ފައިސާއިން ދޭ އެއްޗެއްގެ ބަދަލުގައި، އެހެން ބަޖެޓަކުން ވެދޭ އެހީއަކަށް ހެދުން ރަނގަޅެވެ. އޭރުން ގާތް މީހުންގެ ބޭނުންވެސް ފުއްދައި ދެވިފައި އަދި ނުދަންނަ ހިލޭ ފަޤީރުންނަށް ދޭން ޒަކާތުގެ ފައިސާ ހުންނާނެއެވެ.

ސްޕޯޓްސް ކޮމިޝަނަރުކަމަށް ބޮޑުހީނާ އައްޔަންކޮށްފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް (ބޮޑުހީނާ) އައްޔަން ކުރައްވައިފިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ހީނާ ސަލީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވީ މިއަދުއެވެ.

އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މިނިސްޓަރުގެ ނައިބް ފެންވަރުގައެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީން ކުރުމުގެ ރޮނގުން މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ހީނާ ސަލީމަކީ ކުރީގެ ކުޅިވަރު ކުޅުންތެރިއެއްގެ އިތުރުން ރެފްރީ ކަމާއި ކޯޗެއްގެ ގޮތުގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ސްޕޯޓްސް ކޮމިޝަނަރު ކަމަށް ހީނާ ސަލީމް އައްޔަންކުރެއްވިއިރު، އެ މަގާމުގައި ކުރިން ހުންނެވީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރެވެ.

ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވަނިކޮށް މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު އަލީ އުމަރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަކީ 2015 ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަންޖެހެއެވެ.

އެގޮތުން އެ އޮފީހުގެ އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖެއްސީ އަހުމަދު ނަޝީދު (ޑޭވް)އެވެ. ޑޭވް މަގާމުން އިސްތިއުފާދިނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ދެ ބިދޭސީއަކު ދުއްވަން ތިބި ދޯންޏެއް ހިފަހައްޓައިފި، ކެޕްޓަން އެއް ނަމެއް ނެތް!

ދެ ބިދޭސީއަކު ތިބި ތެޔޮ ދޯންޏެއް ހުއްޓުވާ ބިދޭސީންނައި ދޯނި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ހިފެހެއްޓީ ފުލުހުންނާއެކު ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތާން އޭރިއާގައި ހިންގަމުންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެގޮތުން ފޭދޫއިން ފުރައިގެން ދިޔަ އެ ދޯނި ހުއްޓުވާ ބަލައި ފާސްކުރިއިރު ދޯނީގައި ދިވެއްސަކު ނެތް ކަމަށާއި ތިބީ ވޯކް ޕާމިޓް ނެތް ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދޯނީގައި ނަމެއް ނެތްއިރު، ދޯނީގެ ނަން އެނގޭ މީހެއް ވެސް ދޯނީގައި ނެތް ކަމަށާއި އެއްވެސް ސެޓްފިކެޓެއް ވެސް ނެތް ކަމަށް މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނީ، އެދޯނީގައި ހުރީ ހުޅުމީދޫ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސަލް ތެލާއި ފިހާރައަކަށް ގެންދާ އައިސް ކުރި ކުކުޅު ކޮޅެއް ކަމަށެވެ. އަދި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމަށް އެ ފަރާތުން ބުންޏެވެ.

މި މައްސަލާގައި ދޯންޏާއި ދޯނީގައި ތިބި ދެ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންދަނީ މި މައްސަލަ ބަލަމުންނެވެ.

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިފްތިތާހުކޮށްފި އެވެ.

އަމީނިއްޔާ ސްކޫލުގައި މިކަމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މިއީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އެޅޭ ފިޔަވަޅެއް ކަމަށާއި މި ޕްރޮގްރާމަށް އާންމުންނާއި މުޖްތަމައުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަށް ހުކުރު ދުވަސް ފިޔަވާ، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 3:00 އާ ހަމައަށް، އަދި ހުކުރު ދުވަހާއިއެކު ކޮންމެ ދުވަހަކު ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް ފޮތް ހަދިޔާ ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނ، ގިނަ އަދަދަކަށް ފޮތް ލިބި، ހުރިހާ ޖަލުތަކެއްގައި ވެސް އެކަށީގެންވާ ވަރުގެ ލައިބްރަރީ ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މިކަމަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދިނުމަށް ހަމަޖައްސައިފި

ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މިގޮތަށް ހަމަޖެއްސެވީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމަކަށްވެފައި، އެ އިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ގައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީ ކަމަށެވެ.

ނަމަވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި އަހަރު ގައުމީ އިނާމުގެ އުޞޫލުތަކަށް ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށްފަހު އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރްސަތު، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ހުޅުވާލަން މިހާރުވަނީ ނިންމަވާފައެވެ.

1979 ވަނަ އަހަރުން ފެށިގެން ދެއްވަމުން އަންނަ ގައުމީ އިނާމު ކުރިން ދެނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. އަދި އެއަށް ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވާގޮތަށް ހަމަޖެއްސެވި އެވެ.