އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ކުރިމަތިލެއްވީ އާޒިމް އެކަނި

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތި ލައްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ކުރި އިއުލާނެއްގައިވާ ގޮތުން، ޕީޖީ ގުރޫޕުގެ އިންތިހާބުގެ މަގާމުތަކަށް ހުޅުވާލި މަގާމުތަކުގެ ތެރެއިން ވާދަވެރިކަމެއް އޮތީ ހަމައެކަނި ވިޕުންގެ މަގާމުތަކަށެވެ. އެގޮތުން ވިޕުންގެ ގޮތުގައި ހަ މެންބަރުން އިންތިހާބު ކުރަންޖެހޭއިރު އެ މަގާމަށް ހަތް މެންބަރަކު ކުރިމަތިލައްވާފައިވެ އެވެ.

އެހެން ހުރިހާ މަގާމުތަކަށް ކުރިމަތިލައްވާފައިވަނީ އިއުލާން ކުރި އަދަދަށެވެ.

އެގޮތުން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޑެޕިއުޓީ ޕީޖީ ލީޑަރު ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރުދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް އެވެ.

އަމީން އާންމުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކުރިމަތިލެއްވި އިރު، އަމީންއާންމުގެ ނައިބު ކަމަށް ކުރިމަތިލެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދުދީދީ އެވެ.

މީގެ އިތުރުން، ޕާލިމެންޓްރީ ގުރޫޕުގެ ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

އަދި ވިޕުންގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުއްވި މެންބަރުންނަކީ ގާނޫނީ ވަކީލް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި ހެންވޭރު އުތުރު ދާޢިރާގެ މެންބަރު އިބްރާހިމް މުއިޒު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.

އެމްޑީޕީގެ ފާލިމެންޓްރީ ގްރޫޕްގެ އިންތިހާބް އޮންނާނީ 2 ޖުލައި 2019 ވާ އަންގާރަ ދުވަހު އެވެ.

ލުތުފީ ގެނެސް ކަރެކްޝަނާ ހަވާލުކުރާނީ މި ސަރުކާރުން: އަލީ ޒާހިރު

އެތައް ދިވެހިންނެއް ޝަހީދުކޮށްލުމަށްފަހު ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ) ރާއްޖެ ގެނެސް އޭނާއަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނީ މި ސަރުކާރުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ލުތުފީ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކައެއް ވެސް މި ސަރުކާރުން ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ލުތުފީ މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ.

އަދި ވިދާޅުވީ، ލުތުފީ ރާއްޖެ ގެންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަހްމަދު އަޝްރަފް (ޝުމްބާ) ލަންކާ އިން ގެނައި ގޮތަށް ގާނޫނާ ޚިލާފަށް ނޫން ކަމަށާއި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ.

އޭނާ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ނެވެ. އޭގެ ފަހުން ނުވަ އަހަރު ވަންދެން އޭނާގެ އެއްވެސް ހަބަރެއް ނުވެ ހުރެފައި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އޭނާ ވަނީ އަމިއްލައަށް ހަވާލުވެފަ އެވެ. މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ އެމްބަސީއާ ހަވާލުވިއިރު މިހާރު ވެސް އޭނާ ހުރީ އެމްބަސީގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ލުތުފީ ރާއްޖެ ގެނައުން ލަސްވަނީ ސަރުކާރުން ބުނާ ގޮތުގައި، ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވުމުން ނެވެ. އެގޮތުން އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން ލުތުފީ މަސައްކަތްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް އެއީ ސަރުކާރުން ދައްކާ ބަހަނާއެއް ކަމަށް ބުނެ، ސަރުކާރަށް ދަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ދިވެހި ފުލުހުން މިއަދު ވަނީ ލުތުފީ ފިލައިގެން އުޅުނު ތަންތަން މިދިޔަ ސަރުކާރުތަކަށް ޔަގީނާ ގާތަށް އެނގިތިބެ އޭނާ ރާއްޖެ ގެނައުމަށް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެފަ އެވެ.

މަނަފަރުގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް، ހާލު ސީރިއަސްވި މީހުނަށް ފަރުވާ ދެނީ

މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގައި އިއްޔެ އިން ފެށިގެން ބައެއް މުވައްޒަފުން ކުރާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި ބައެއް މީހުންގެ ހާލުދެރަވެ އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ އިއްޔެ ކަމަށާއި ކެއުން ހުއްޓާލި މުވައްޒަފުންގެ ތެރެއިން ހާލު ދެރަވި ދެ މީހުން މިހާރު ތިބީ އެ ރިސޯޓު ހުންނަ ކްލިނިކްގައި އައިވީ ގުޅައިފަ ކަމަށެވެ.

ގިނަ މުވައްޒަފުންތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ފަށާފައި ވަނީ ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގަ އެ މުވައްޒަފުންގެ ޝަކުވާތައް އަޑު ނޭހުމުން ހިތްހަމަނުޖެހިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރިސޯޓުގައި މުވައްޒަފުންގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލާއި ގުޅިގެން މައްސަލަ ހައްލު ކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ އެ ރިސޯޓަށް ވަޑައިގަންފައެވެ.

އެ ރިސޯޓަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެމުން އަލީ ވަހީދު ވިދާޅުވީ، ރިސޯޓުން މުވައްޒަފުން ވަކިކޮށްފައިވަނީ ރިސޯޓުގެ މާލީހާލަތު ދަށްވެގެންކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލައްތަކުގައި ވެސް އެއްވެސް ބަޔަކަށް ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުމުގެ ބާރު ލިބިދީފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަށް އަރައި މަންމަ އަތުން ދަރިފުޅު އަތުލައިފި

މާމިގިލީ އެއާޕޯޓްގައި ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް މީހަކު އަރައި މަންމަ އަތުގައި އޮތް ކުޑަ ދަރުފުޅު އަތުލި މީހަކު ހައްޔަރު ކޮށްފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:18 ހާއިރު އެވެ.

އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް، އެއާސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ވަނީ ދުވެފައިގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލައިފަ ކަމަށެވެ.

ހާދިސާ ހިނގުމާއި އެކު ސެކިޔުރިޓީ ޗެކްޕޮއިންޓުގައި އިން އޮފިސަރަށް އިޖާބަ ނުދީ ދުވެފައިގޮސް ބޯޓަށް އެރި މީހާ ފަހަތުން އެ އޮފިސަރު ގޮސް އެމީހާ ބޯޓުން ބާލުވައި ފުލުހުންނާ ހަވާލުކޮށްފައިކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކތެރިކަމަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސެކިޔުރިޓީ ކޮމާންޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޮމުގެ ހަމަލާގެ ކުރިން ލުތުފީ އެމްބަސީއަށް ދިޔަ: ނަޝީދު

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިން ފިލައިގެން އުޅޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފައިވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ ލުތުފީ އެމްބަސީއަށް ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނިކޮށެވެ.

“ލުތުފީ އަމިއްލައަށް ގޮސް ސަރެންޑަރު ކުރީ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް. އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސިލޯނުގައި ނުވަތަނެއްގައި ބޮންގޮއްވީ. އަދި ލަންކާ ސަރުކާރު އޮތީކީ ފަސޭހައިން އެހެން ގައުމަކާ މުއާމަލާތްކުރެވޭ ގޮތަކަށް ނޫން. އެއީ އަޅުގަނޑުމެންނަށް އުނދަގޫވެފައި ދިޔަ ދަނޑިވަޅެއް ކުރިއަށް ދިޔަ 10 ވަރަކަށް ދުވަހު ލަންކާ ސަރުކާރާއެކު މަސައްކަތް ކުރަން،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ އިން ބޭރަށް މީހުން ގޮސް ފިލުމުން، އެ މީހަކު ދިވެހި ސަރުކާރަށް ގެނެވިފައި ވަނީ މަދު ފަހަރަކު ކަމަށާއި ނަމަވެސް މި ސަރުކާރުން ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

ޖަލު ހުކުމަށް ފިލައިގެން އުޅޭ ލުތުފީ ފިލީ ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުންނެވެ. އަދި އޭގެ ފަހުން ލުތުފީ ވަނީ ފިލައިގެން ލަންކާ އަށް ގޮސްފަ އެވ.

އިންޑިއާ: ނަމާދުން ފައިބައިގެން ދިޔަ މުސްލިމް ކުއްޖެއްގެ ގައިގާ ތަޅައި އަނިޔާކޮށްފި

ނިއު ދެއްލީ: އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަ ޕްރަދޭޝްގައި މުސްލިމު ކުޑަ ކުއްޖެއްގެ ގައިގާ ބަޔަކު ތަޅައި އަނިޔާ ކޮށްފި އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ ހުކުރު ދުވަހު އުމުރުން 16 އަހަރުގެ މުހައްމަދު ތާޖް ނަމަކަށް ކިޔާ އެ ކުއްޖާއަށް ބަޔަކު އަނިޔާކުރީ ހުކުރު ނަމާދު ކޮށްގެން ގެޔަށް ދިޔަ މަގުމަތީގަ އެވެ.

ސްޓޭޝަން ހައުސް އޮފިސަރު ސްތިޝް ކުމާރު ސިންގް އާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ތާޖަށް ހަމަލާދިނީ ސައިކަލުތަކެއްގައި ދިޔަ ބަޔަކު އޯވަޓޭކް ކޮށްފައި ދިއުމުންނާއި އޭނާ އަޅައިގެން ހުރި ތޮއްޕެއްގެ ސަބަބުން ނެވެ.

އަދި އެ މައްސަލާގައި އޭނާ ހުއްޓުވައި ހިންދޫ ދީނުގެ މީހުން ކިޔާ އެއްޗެހި ކިޔުއްވަން މަޖުބޫރު ކުރުވައި އެކަމަށް ދެކޮޅު ހެދުމުން ތަޅައި އަނިޔާ ކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

“އަހަންނަށް އެމީހުން ވަރަށް އަނިޔާކުރި. އަހަރެން އަޅައިގެން ހުރީ ކައްބޮލެއް ޖަހާފައިހުރި ތޮއްޕެއް. އެ ތޮފި ނޭޅުމަށް އަހަންނަށް އެމީހުން ބިރު ދެއްކި. އަދި އަހަރެން ކައިރީގައި “ހެއިލް ލޯޑް ރާމާ” ކިޔަން ބުނި. ނަމަވެސް ބަޔަކު އަހަރެންގެ އެހީތެރިކަމަށް އައިމަ އެމީހުން ފިލީ،” ތާޖް އަނަދޮލޫ އެޖެންސީއަށް ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ފަށާފައިވާއިރު ތާޖް އަށް އަނިޔާކުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުންގެ ފަރާތުން އެގައުމުގައި އުޅޭ މުސްލިމުންނަށް އެކިވަރުގެ އަނިޔާއާ ދުއްތުރާ ލިބުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް ތަޅައި އަނިޔާކުރި މުސްލިމަކު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ދާދި ފަހުން ނިޔާވެފައިވާއިރު، މުސްލިމު ޑްރައިވަރަކަށް ވެސް ވަނީ ދާދި ފަހުން ތަޅައި އަނިޔާ ކޮށްފަ އެވެ.

ލުތުފީ އަކީ އެތައް ދިވެހިންގެ މަރާ ގުޅިފައިވާ މީހެއް، އޭނާ ރާއްޖެ ގެންނާނެ: ނަޝީދު

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ އެތައް ބައެއްގެ މަރާ ގުޅިފައިވާ މީހެއް ކަމަށާއި އޭނާ ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވި ހުރުމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އޭނާ ހިންގެވި ކަންތައްތަކުގެ ސަބަބުން އެތައް ބައެއް މަރުވެ ގޮސް، އެތައް ރައްޔިތުންނަކަށް ދައްޗާއި ބިރުވެރިކަމާއި ތަކުލީފާ ކުރިމަތިވި ކަމަށެވެ.

އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލުތުފީ ރާއްޖެ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްޥާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

“… ދިވެހި ސަރުކާރުން ސިލޯން ސަރުކާރާ ވާހަކަ ދައްކައިގެން އަދި އދ. އާ ވެސް ވާހަކަ ދައްކައިގެން އިރާދަ ކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެވޭނެ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި، މީހަކު ރާއްޖެއިން ބޭރަށް ގޮސް ފިލިމުން އެމީހަކު ގެނައުން އެއީ ދިވެހި ދައުލަތަށް ވަރަށް މަދު ފަހަރަކު ނޫނީ ނުކުރެވި އޮތް ކެމެކެވެ.

އެގޮތުން އިބްރާހިމް ނާސިރު ރާއްޖެ ގެނައުމަށް ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތާއި ހުދު އެމަނިކުފާނު ރާއްޖެ ގެނައުމަށް ކުރީގެ ސަރުކާރުން ކުރެއްވި މަސައްކަތް ވެސް ކާމިޔާބު ނުކުރެވި އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޤައުމުތަކާ އެކު ގުޅުން ބަދަހި ކުރާނީ، މިނިވަންކަން ހިމާޔަތް ކުރެވޭނެ ގޮތަށް: ރައީސް

އަވައްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ އެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމުގައި ވެސް ވިދާޅުވިއެވެ.

“މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް މިހާރު ވާނީ، ފުރިހަމަކޮށް ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާޢަތުގެ ޤައުމުތަކުން ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން އަނެއްކާވެސް ލިބެން ފަށާނެ.” އެ ބައްދަލުވުގައި ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރުގެ ޒިންމާދާރު ފަންނީ ވަޒީފާތަކުގައި ވެސް ދިވެހިން ތިބިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުންނަކީ ދިވެހިންގެ ޢިލްމީ ޤާބިލްކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާ ބައެއްކަމަށާއި، އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ ރާއްޖެ ފަޚުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުތަކަށް ލުތުފީ އުޅުނު ތަންތަން ލިބި، ރާއްޖެ ނުގެނައި ސަބަބު ތަހުގީގު ކުރަނީ

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަންތަނުގެ މައުލޫމާތު ކުރީ ސަރުކާރުތަކަށް، ޔަގީނާގާތަށް ލިބުނު ނަމަވެސް އޭނާ ރާއްޖެ ނުގެނައި ސަބަބު ތަހުގީގު ކުރަން ހުށަހަޅައިިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ލުތުފީ ފިލައިގެން އުޅެން ފެެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާއިގާތަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކުރެވިފައިވީ ނަމަވެސް އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

“… މި މައްސަލަ ބަލައި ތަހުގީގު ކޮށްދިނުމަށް އެދި 2019 ޖޫން 27 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފަ އެވެ. ވީމާ މި މައްސަލަ އެ ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމުގައި ދަންނަވަމެވެ.” ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބަޔާން ކޮށްފައިވާ އެ އަހަރުތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސް ވަރެވެ.

އަދި ކުރީގެ ސަރުކާރުތަކުގައި ލުތުފީ ފިލައިގެން އުޅޭ ތަންތަން ޔަގީނާ ގާތަށް ލިިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނިއިރު، ރައީސް ޔާމީން ސަރުކާރުގެ ދެ ހޯމް މިނިސްޓަރުން ކަމަށްވާ އަޒްލީން އަހުމަދާއި އުމަރު ނަސީރު ވެސް ވަނީ ލުތުފީ ހައްޔަރުކޮށްގެން ދާދި އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އޭރު ވިދާޅުވެެފަ އެވެ. ނަމަވެސް ސަރުކާރުން ނިމިގެންދިޔަ އިރުވެސް ލުތުފީގެ އެއްވެސް ހަބަރެއް ނުވެ އެވެ.

ލުތުފީ ރާއްޖެ ގެނައުމުގައި ކުރީ ސަރުކާރުތަކުން އިހުމާލު ވެފައިވާ ކަމަށް ފުލުހުން ބުނާއިރު، ސަރުކާރުގެ ޔޫތް މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ލުތުފީ ހައްޔަރު ކުރަން ފުރުސަތު ލިބުނުކަން އެނގެން އެބަ އޮތް ކަމަށެވެ.

އަދި ހައްޔަރުކުރުމުގެ ހުއްދަ އެދުމުން އޭނާ މަރުވަންދެން ލަންކާގައި ބަހައްޓަން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ކަމަށް މަހުލޫފު ތުހުމަތު ކުރައްވައިފައިވެ އެވެ.

“ދިރިއުޅުމަކީ މިއީބާ؟” ގެ ހެވީ މެޓަލް ކަވަރ: ޔޫސޭ ވެސް ކޮސް ވެއްޖެ

ބައެއް މަޝްހޫރު ލަވަކިޔުންތެރިންގެ ލަވަ ތަކުގެ ކަވަރ ހެދުމަކީ ދިވެހި އާޓިސްޓުން ވެސް ކޮށް އުޅޭ ކަމެކެވެ. ހާއްސަކޮށް ނައިފަރު ދޮހޮއްކޮ އާއި ޖޭމު ދޮންކަމަނަ ފަދަ ކުރީގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންގެ ލަވަތަކަށް މިހާރުގެ ޒުވާން ލަވަކިޔުންތެރިންގެ އަޑުން ގެނެސްދީފައި އެބަ ހުއްޓެވެ.

ނަމަވެސް ދިވެހި މިއުޒީޝަނުންގެ ފަރާތުން އިންސްޓުރުމެންޓަލް ކަވަރ ހަދާ އުޅޭތަން ވަރަށް ނުފެނެ އެވެ. ނޫނީ އެކަން ކޮށް އުޅެނީ މަދު ބައެކެވެ. އޭގެ ތެރެއިން ވެސް އެކަމުގައި ތަފާތު ދައްކަމުން އަންނަ އެއް ފަންނާނަކީ ރާއްޖޭގެ ހުނަރުވެރި ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

ގިޓަރ، ބޭސް ގިޓަރ، ކީބޯރޑް އަދި ޑްރަމް ކުޅެން ދަންނަ އަދި ހެވީ މެޓަލްގައި ރާއްޖެ އާއި ބޭރު ދުނިޔޭގައި ވެސް ވިދަމުން އަންނަ ޝަހީދު މިފަހަކަށް އައިސް ރިކޯޑް ކުރަމުން އަންނަ ދިވެހިންގެ މެދުގައި މަގުބޫލު ބައެއް ލަވަތަކުގެ އިންސްޓްރުމެންޓަލް ކަވަރ އަކީ ދިވެހިންގެ ތެރޭގައި ހިޓެކެވެ. އެ ކަވަރ ބޯތަޅުވާ ނުލައި ނުހުރެވޭނެ އެވެ.

އެގޮތުން ދިވެހިގެ މެދުގައި މިހާރު ވެސް މަޝްހޫރު ބައެއް ލަވަތަކުގެ ތެރެއިން “ހިތް އެދޭހާ ކަމެއް”، “އޯ ވަޒަަން”، ނައިފަރު ދޮހޮއްކޮބެ ގެ “ޖާޒުބީ އަސަރުގަދަ” އަދި މިފަހުން މަޝްހޫރު ވެގެންދިޔަ “ކުދި ޖަޒީރާ” އަދި “ފެހި ފެހި އާޒާދީ” ފަދަ ލަވަތަކުގެ ހެވީ މެޓަލް ކަވަރ ތަކުން އެ ލަވަތަކަށް އިތުރު ޖޯޝެއް ޝަހީދު ވަނީ ގެނެސްދީފަ އެވެ.

ޝަހީދް ލެގަސީ އެންމެ ފަހުން ގެނެސްދިން އިންސްޓްރުމެންޓަލް ކަވަރ އަކީ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ “ދިރިއުޅުމަކީ މިއީބާ”ގެ ތީމް ރާގެވެ.

ރާއްޖޭގެ އެންމެންގެ މަގުބޫލްކަން ހޯދާފައިވާ އެ ޑްރާމާ ސީރީޒްގެ ބައެއް މަންޒަރުތައް ލައިގެން އެ ކަވާގެ ވީޑިއޯއެއް ޓުވިޓަރަށް ދޫކޮށްލާފައިވާއިރު ޝަހީދުގެ ހުނަރުވެރި ކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

އެ ކަވަރ އެންމެ ގަޔާވި އެކަކީ ވެސް ކޮމީޑިއަން ޔޫސޭ އެވެ. ޝަހީދު ލެގަސީގެ ކަވަރ ރިޓުވީޓް ކޮށް ޔޫސޭ ބުނެފައިވަނީ، އޭނާގެ ކޮސް ވެއްޖެ ކަމަށެވެ. އަދި ޝަހީދު ލެގަސީ އަށް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މި ހިސާބުން ކިޔުންތެރިންނަށް ވެސް މި ކަވަރ ދޫކޮށްލާ ނަމެވެ.

“ދިރިއުޅުމަކީ މިއީ ބާ؟” އަކީ ދިވެހި މުޖުތަމައުގައި ހުންނަ އެކި އެކި މައްސަލަތަކާއި ގުޅިގެން މުޖުތަމައު ހޭލުންތެރި ކުރުވުމަށް ޔޫސޭ އުފައްދަމުން އަންނަތާ 40 ވަރަކަށް އަހަރުވެފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ޑްރާމާ ސީރީޒް އެކެވެ.

ޝަހީދު އެއްމެ ފުރަތަމަ ބޭންޑަކާ އެކު މިއުޒިކީ ދާއިރާއިން ފެނިގެން ދިޔައީ 2004 ވަނަ އަހަރުއެވެ. ނަމަވެސް ޝަހީދުގެ ތަރި އެއްމެ ބޮޑަށް “މެޓަލް” މިއުޒިކަށް ލޯބިކުރާ ދިވެހިންނަށް ފާޅުވެގެން ދިޔައީ 2006 ވަނަ އަހަރު ޝަހީދު އުފެއްދި ބޭންޑް “ޝަހީދް ލެގަސީ”އާ ހިސާބުންނެވެ.

haftha.mv ©