ދުންފަތުގެ ބާވަތްތައް އިންޒާރުގެ މަންޒަރު ނުޖަހާ އެތެރެކުރުން މަނާކޮށްފި

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާގޮތުން މިއަދުން ފެށިގެން ދުންފަތުން ސިއްހަތަށް ހުރި ގެއްލުމާއި ނުރައްކަލުގެ އިންޒާރާއި މަންޒަރު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ އެ ގަވާއިދުގައި ބުނާގޮތުގައި، ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި ބަންދުކުރާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތަކުގެ ޕެކެޓާއި ކާޓަންގެ ބޭރުގައި އެ މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖަހަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ނޮވެމްބަރު 30، 2019 އާ ހަމައަށް ކުރިން އެތެރެކޮށްފައިވާ ސިނގިރެޓް ފޮށިތަކުގައި އިންޒާރުގެ މަންޒަރު ނުޖަހައި ވިއްކޭނެ ކަމަށާއި ނަމަވެސް އެއަށް ފަހުން ދުންފަތުގެ އެއްވެސް ބާވަތެއްގައި އިންޒާރު ނުޖަހައި ވިއްކުމަކީ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ ގަވާއިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރެވޭނީވެސް، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ކަމަށް ގަވާއިދުގައި ވެއެވެ. އަދި ދެ ވަނަ ފަހަރަށްނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށްނަމަ އިތުރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގެ ދަށުން ވަކި ސިނގިރެޓް ވިއްކުން ވެސް މިހާރު އޮތީ މަނާކޮށްފަ އެވެ.

އެންސްޕާ، ޖެންޑާގެ ދަށުން ހިންގަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގުމަށް ގާނުނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެންސްޕާ ހިންގުން ޖެންޑާ މިނިސްޓްރީގެ ބަދަލު ކުރުމާ ގުޅޭ އިސްލާހު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހާރޫނެވެ.

އެ ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާފައި އިއްވައިފާއިވާއިރު އެންސްޕާގެ ހިންގުން ވަނީ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފާ ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން އެކަމަށް އިސްލާހު ނުގެނެހެވެ. ނަމަވެސް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނުގައި އޮންނަ ގޮތުން އެންސްޕާ ހިންގަން ޖެހެނީ ހެލްތު މިނިސްޓްރީން ކަމަށެވެ

އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ސަރުކާރުން ހިންގާ ގިނަ ކަންތައްތައް ކުރަން އުފައްދާފައިވާ އެ އެޖެންސީ ދޭ ހިދުމަތްތަކުގެ ތެރޭގައި ހުސްނުވާ އާސަންދައާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް މާލީ އިނާޔަތް ދިނުން ހިމެނެ އެވެ.

ހުސެއިންގެ މަރުގެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވައިފި

2016 ވަނަ އަހަރު މާފުށީ ޖަލުގައި މަރުވި ދ.ވާނީ ބްލޫހެވަން ހުސައިން ޒަރީރުގެ މަރުގެ މައްސަލަ، މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބަލައި ނިންމުމަށް ފަހު އެމައްސަލައިގައި އިހުމާލުވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަނުން ބަލައި ނިންމުމަށް ފަހު އެމައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

ހުސެއިން މަރުވީ މާފުށީ ޖަލުގައި ހުއްޓާ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ގެންދަނިކޮށް 2016 ވަނަ އަހަރުގެ ނޮވެމްބަރ 08 ގައެވެ. އޭނާގެ މައްސަލަ އަކީ ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ނިންމާ ދައުވާ ކުރަން މިހާތަނަށް ފޮނުވި ފުރަތަމަ މައްސަލަ އެވެ.

ސާފް ފައިދާއަށް ލިބުނު 129މިލިޔަން ރުފިޔާ ބަހަން ބީއެމްއެލް އިން ނިންމައިފި

ދިވެހިންގެ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން 129.17 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އިން ނިންމައިފިއެވެ.

ރޭ ހޮޓެލްޖެން ގައި ކުރިޔަށް ގެންދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 129.17 މިލިއަން ރުފިޔާ (ހިއްސާއަކަށް 24 ރުފިޔާ) ދިނުމަށް ފާސްކުރިއިރު މިއީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.

މި އާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ، އަދި ރިޕޯރޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

2018 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ.

ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހިއްސާދާރުންނަށް ލިބިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.

ސިއްޚީ ޚިދްމަތް ހޯދަން މާލެ އަންނަ މީހުންގެ އަދަދު ދަށްކުރުމަކީ އަމާޒެއް: އަމީން

މިއަހަރު ނިމޭއިރު އަތޮޅުތެރޭގެ ރައްޔިތުން ހިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ މީހުންގެ އަދަދު 50 އިންސައްތަ އަށް ދަށްކުރުމަކީ ހެލްތު މިނިސްޓްރީގެ އަމާޒެއްކަމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ ސިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްޚީ ސިޔާސަތުގައި މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިތަކުގެ އެއް އަމާޒަކީ ދިވެހިރައްޔިތުން ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހޭދައާއި ތަކުލީފް ކުޑަކުރުން ކަމަށެވެ.

“އިރާދަކުރެއްވީ މިއަހަރު ނިމޭއިރު، އަތޮޅުތެރޭގެ ރައްޔިތުން ޚިދުމަތް ހޯދުމަށް މާލެ ދަންޖެހޭ މިންވަރު 50 އިންސައްތަ ދައްކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެންވަރުމަތިކުރުމުގެ ޚާއްސަ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމިމުގެ ކުރިން ރާއްޖޭގެ 5 ސަރަހައްދުގައި ސިޓީ ސްކޭންގެ ޚިދުމަތް ގާއިމްކުރެވިގެންދާނެ” އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސިއްޙީ މައުލޫމާތުތައް ދިރާސާކުރެވި، ޚިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، ޚިދުމަތް ހޯދުމަށް މާލެދާންޖެހޭ ސަބަބުތައް ދެނެގަނެ، އެ ޚިދުމަތްތައް ސަރަހައްދުތަކުގައި ގާއިމްކުރުމަށް ކަމަށެވެ.

ހަގީގީ މާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން އަޅުގަނޑުމެނަށް ލިބިދެވޭނީ ދިރިއުޅޭ ސަރަހައްދުން އެކަށީގެންވާ ސިއްޚީ ޚިދުމަތް ލިބިގެން. ވަރުގަދަ ޕަބްލިކް ހެލްތު ނިޒާމަކާއިއެކު އަތޮޅު ނުވަތަ ސަރަހައްދީ ފެންވަރުގެ ޒަމާނީ ފަރުވާގެ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒު” އޭނާ ވިދާޅުވިއެވެ.

މިހިސާބަށް ވާޞިލުމުމަކީ، ބުރަ އަދި އުނދަގޫ ކަމެއް ކަމަށާއި ، މި ހިސާބަށް އެއްދުވަހުން ނުދެވުނު ނަމަވެސް މި ހިސާބަށް ރާއްޖޭގެ ސިއްޚީ ނިޒާމް ގޮސްދޭނެކަމުގެ ކަށަވަރުކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްޚީ ޚިދްމަތް ދިނުމުގައި ހުރި އެންމެ ބޮޑު މައްސަލައަކީީ އެ ދާއިރާއަށް ކޮރަޕްޝަން ވަދެފައިވުން: ރައީސް

ޞިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުންކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ ސިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްޚީޚިދްމަތުގެ ސިޔާސަތަކީ ރައްޔިތުންނާއި ވީހާވެސް ގާތުން އެމީހަކު ހުރިރަށަކުން ނުވަތަ އެމީހަކު އަތޮޅަކުން ޚިދްމަތް ދިނުންކަމަށާއި، އެހެންނަމަވެސް އެޚިދްމަތް ދިނުމުގައި ހުރި އެންމެ ބޮޑު މައްސަލައަކީީ އެ ދާއިރާއަށް ކޮރަޕްޝަނާއި ފަސާދަ ވަދެފައިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ޚިދުމަތެއްކަމަށެވެ. ޚާއްޞަކޮށް ޢިމާރާތުގެ ދަތިކަމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާ ނަރުހުންނާއި ލެބޯޓްރީ ނެތުމާއި ޞިއްޙީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

“ރަނގަޅަށް ތަމްރީންވެފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތުން. ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުން. މި ޝަކުވާތައް އުފެދުނީ، ރާއްޖެ ތަރައްޤީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން. އެއީ މާލެއަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްޤީގެ މަޝްރޫޢުތައް. އޭގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަން ވިޔަސް، އެކްސްރޭއެއް ނަގަން ޖެހުނަސް، ދަތުރު ހަދާފައި މާލެ ދާން ޖެހުން. އެއީ ރަށްރަށުގެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ޚަރަދުތަކެއް” ރައީސް ވިދާޅުވިއެވެ.

އާސަންދަ ފަދަ ނިޒާމުތައް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލްނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެއިން ޓްރީ ޓޮޕަށްދާ ބަލި މީހުންނަށް ހިލޭ ދަތުރު ފަށަނީީ

ހުލހު

ހުޅުމާލޭގައި ހިންގާ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް މާލެއިންދާ ބަލިމީހުންނަށް ޓްރާންސްޕާގެ ހިދުމަތް ދޭން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައްޔާރުވެއްޖެ އެވެ.

ޓްރީޓޮޕުން ބުނީ މާލެ އާއި ހުޅުމާލެއާ ދެމެދު “ގެސްޓް ޓްރާންސްފާ”ގެ ހިދުމަތް ފަށާއިރު، މިއީ އެ ހޮސްޕިޓަލުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ދޭ ހިދުމަތެއް ކަމަށާއި މިކަމަށް އެއްވެސް ފީ އެއް ނުނަގާނެ  ކަމަށެވެ.

އަދި މިއީ ޓްރީޓޮޕަށް ހިދުމަތް ހޯދަންދާ ބަލިމީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންދޭ ހިދުމަތެއް ކަމަށާއި ޓްރީ ޓޮޕްގެ އެޕޮއިންޓްމެންޓް ބުކްކޮށް، ކޮންފާމް ކުރުމުން މި ހިދުމަތަށް ބުކިން ހެއްދޭނެ ކަމަށްވެސް އެފަރާތުން ބުންޏެވެ.

އަދި ބަލިމީހާ އާއިއެކު އެއް އެހީތެރިއަކަށް ގެސްޓް ޓްރާންސްފާގެ ހިދުމަތް ލިބޭއިރު، ބުކިން ހެއްދުމުން ލިބޭ އެސްއެމްއެސް ޑްރައިވަރަށް ދައްކަންޖެހޭނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.

ބަލިމީހުން ނެގުމަށް ހަމަޖެހިފައި ވަނީ، މާލޭގައި ހުންނަ ޕޮލިސް ޓޯ ޔާޑު ކައިރިން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކަމަސް ޓްރީޓޮޕުން ބުނެއެވެ.

ސިނަމާލެ ބްރިޖު ހުޅުވުމުގެ ކުރިން  ޓްރީޓޮޕުން ވަނީ އެ ހޮސްޕިޓަލަށް ދައްކާ ބަލިމީހުންނަށް މާލެ އިން ހުޅުމާލެ އަށް ހާއްސަ ފެރީ ހިދުމަތެއްވެސް ދީފަ އެވެ.

ރައީސް ބ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ފައްޓަވައިފި

މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރައްވާ ދަތުރުފުޅެއްގައި މިއަދު ބ. ފެހެންދޫއަށް ވަޑައިގެންފިއެވެ.

ފެހެންދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް މި ދަތުރުފުޅުގައި ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފެހެންދޫގެ އިތުރުން ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މުޖްތަމަޢުގެ ތިޔާގިކަން އިތުރުވެގެންދާނީ ފަތުރުވެރިކަމުން: ރައީސް

މުޖްތަމަޢުގެ ތިޔާގިކަން އިތުރުވެގެންދާނީ، ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންކަމަށާއި، އެހެންކަމުން މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ޖަޒީރާ ރާއްޖެ-މަގޭ ރާއްޖޭގެ ނަމުގައި ބޒެއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތަފާސްހިސާބުތަކަށް ބައްލަވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައިކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ބޭރުގެ އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ރާއްޖެއާ މެދު އިތުބާރާއި ޔަޤީންކަން އުފެދިފައިވާކަމަށާއި އެގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް، ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައި އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާއިރު، މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޞުލްޙަޔާއި ހަމަޖެހުން ޤާއިމްވުމުގެ ނަތީޖާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް، ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި، ނިމިގެންދާނެކަމަށާއި، އޭރުން ފަތުރުވެރި މުވައްޒަފުންގެ ޙާލަތު ދެނެގަނެވި، އެމީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމުގައެވެ.

ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙުކޮށްދެއްވައިފައެވެ.

އަދި ފަތުރުވެރިކަމުގެ ފަސް ވަނަ މާސްޓަރ ޕްލޭނަށް އަލިއަޅުއްވާލައްވާފަ ރައީސް ވިދާޅުވީ މި މާސްޓަރ ޕްލޭން އެކަށައެޅޭއިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް، މި ޞިނާޢަތުގެ މިސްރާބު ބަދަލުވެގެންދާނެ ކަމަށާއި، ބޮޑު ތިލަދުންމަތިން ފެށިގެން އައްޑޫއާއި ހަމައަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، ޢާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް، 35000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ. ނަމަވެސް އެ ވަޒީފާތަކުން ދިވެހިންނަށް މަންފާއެއް ކުރާނީ، އެ ވަޒީފާތަކަށް ޤާބިލް ދިވެހިންތަކެއް ތަމްރީންކޮށް، މި ޞިނާޢަތަށް އަހުލުވެރި ކުރެވިގެން. އެއީ ފަތުރުވެރިކަމާ ގުޅޭ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފަތުރުވެރިކަން ކުރިއެރުވޭނީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ޙައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެންކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ޙައްލުކޮށް މިޞިނާޢަތު ކުރިއެރުވުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

އޭގެ އިތުރުން ރަށު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި މީހުން ދިރިއުޅޭ، 11 ރަށެއްގެ ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ގޮތުން، ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން މިއަދު ނިންމާފައިވާކަން  ރައީސް އިޢުލާން ކުރެއްވިއެވެ.

“މިވަގުތު އަޅުގަނޑުމެން މި ނިންމީ 11 ރަށަކުން ބިންތަކެއް ދޫކުރަން. އެއީ ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި ލ. ގަމާއި ފުވައްމުލަކު ތުނޑީ ސަރަޙައްދު.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެ “ވޯޓަރ ސޭފްޓީ ޕްރޮގްރާމް” އިފްތިތާޙް ކޮށްދެއްވާފަ އެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފުތަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިފްތިތާޙް ކޮށްދެއްވާފަ އެވެ.

ޖޭއެސްސީއަށް އާންމުންގެ ފަރާތުން 3 ބޭފުޅަކު ކުރިމަތިލައިފި

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް އާންމުންގެ ފަރާތުން ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖޭއެސްސީގައި މިހާރު އިންނަވާ ބޭފުޅާގެ ދައުރު ހަމަވާތީ އެ މަގާމަށް އާންމުންގެ ތެރެއިން ބޭފުޅަކު ކުރިމަތިލާން މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން ވަނީ އެ މަގާމަށް ކުރިމަތިލައިފާ ކަމަށެވެ. އެގޮތުން އެބޭފުޅުންނަކީ ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ އާއި ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ އަދި މިރުފަތު ފާއިޒު، މޗ. ރަންފަހި އެވެ.

ނަންތައް އިއުލާން ކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، އެ ނަންތައް ދިރާސާކުރުމަށް މިހާރު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިފައިވާ ކަމަށެވެ.

އާންމުންގެ ފަރާތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، މުސްލިމަކު ކަމުގައިވުމާއި 25 އަހަރުން މަތީގެ މީހަކަށް ވުމާއި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް ނުވުން އަދި ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ނުވުމެވެ.