ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުން: ރައީސް

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގހެން ވިދާޅުވީ “އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019” ހުޅުވުމަށް މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ސާލިޙް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ އިޖްތިމާޢީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. އަދި ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުމުގެ އަމާޒަށް ވާޞިލްވުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުޞަތުދީ، ފުރުޞަތު ހޯދައިދީ ޒުވާނުންގެ އަޑުއަހާ ޕާޓީއެއްކަމަށާއި އެޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާ މުހިންމު ކަމުގެ އަލިގަދަ ދަލީލެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެން ކަމަށާއި އެގޮތުން ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހާ ކިޔަވާ ނިމިގެން، މަތީ ތަޢުލީމާ ތަމްރީނު ލިބޭނެ މަގަށްކަމަށެވެ.

ނޮވެލްޓީ ބުކް ފެއާރގައި އިސްލާމްދީނާ ޚިލާފު ފޮތްތަކެއް ވިއްކަންހުއްޓާ ނަގައިފި

ނޮވެލްޓީ ބުކް ފެއާރގައި އިސްލާމްދީނާ ޚިލާފު ފޮތްތަކެއް ވިއްކަންހުއްޓާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ނަގައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޮވެލްޓީ ބުކް ފެއާރގާ މިފޮތްތައް ވިއްކަންހުއްޓާ ނަގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެތަނުން 109 ފޮތް ނަގާފައިވާ ކަމަށް ކަސްޓްމްސް އިން ބުނެއެވެ.

މި ފޮތްތަކުގެތެރޭގައި ހިމެނެނީ ދީން ޤަބޫލުނުކުރުމާ ގުޅޭގޮތުންނާއި ހިންދޫ ދީނުގެ މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއް ކަމަށާއި މިކަމުގެ މަޢުލޫމާތު މަޢުލޫމާތު ކަސްޓަމްސްއަށް ލިބުނީ ސޯޝަލް މީޑިއާގައި ޢާންމުކުރުމުންކަމަށް ވަނީ އެނގިފައެވެ.

އެމްޑީޕީގެ “ފުލޭގް މޭން” ނިކަމެތި ހާލުގައި މާރުކޭޓް ސަރަހައްދުގައި؟

އެމްޑީޕީގެ ވެރިކަން ހަތެއް ފެބްރުއަރީ 2012 ގައި “ބަޣާވާތަކުން” ވައްޓާލި ދުވަހުން ފެށިގެން އޭނާއަކީ އެޕާޓީގެ ޖަޑިބެއެވެ. މަގުދައްކައިދޭ އާރުކާޓީއެވެ. ވަރުބަލި ކަމެއްނެތި އެމްޑީޕީގެ ކޮންމެ ހަރަކާތެއްގައި އޭނާ ހުރެއެވެ. އެޕާޓީގެ ރަން ރީނދޫ ކުލައިގެ ތިލަފަތް ޖެހި ދިދަ ވިހުރާލުމުގައި ވަރުބަލި ކަމެއް ނެތިއެވެ. އެތައް ފަހަރަކު ހައްޔަރު ވެސް ކުރިއެވެ.

އެއީ އަބްދުލް ސަމަދު އަހުމަދު (ސަމަދުބެ) ނުވަތަ އެންމެން ދަންނަ ނަމުން ނަން އެމްޑީޕީގެ “ފުލޭގް މޭން”އެވެ. ނަމަވެސް އެމްޑީޕީގެ ހަރަކާތްތަކުން އޭނާ ކުއްލިއަކަށް ގެއްލުނެވެ. ވީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ގެއްލުނު ފަހުން ލަންކާގައި ދިރިއުޅޭ ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ނަމަވެސް މިއަދު ވެސް އޭނާ ދުނިޔޭގައި އެބަހުއްޓެވެ. އޭރު އުފުލި ބުރަ އާއި ކުރި ހިދުމަތުގައި ފަހުރުވެރިކަމާއެކު އެއް ނޫނެވެ. އޭނާގެ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މަސް މާރުކޭޓް ސަރަހައްދުގައި ލަކުނޑި ކްރޭޓެއްގެ މަތީގައި ފުޅިމަދު ގަނޑެއް އަޅައިގެން އިންދައެވެ. ގަދަ ޗޮކުލެޓް ކުލައިގެ ޓީޝާޓެއް ލައިގެން އޭނާ އިނީ ބާލިދީއަކަށް ދެފައި ލައިގެންނެވެ. އިތުރު ފޮޓޯތަކެއްގައި ފެންނަނީ އޭނާގެ ގައި ދުޅަވެ ފާރުލާފައި ހުރި ތަނެވެ.

އެ ފޮޓޯތަކާއެކު އެތައް ބަޔަކު ދިޔައީ އެމްޑީޕީ އަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެއްބަޔަކު ބުނާގޮތުގައި، މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުންގެ މަތިން އެމްޑީޕީ ހަނދާން ނެތިއްޖެ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީ އިދިކޮޅަށް މަސައްކަތްކުރި މީހުން މިތުރުންނަށް ވެއްޖެ ކަމަށެވެ.

އެތައް ބައެއްގެ ލޯބި ހޯދާފައިވާ ސަމަދުބެ އިން ހިތްދަތި ގޮތް ފެނިފައި ގިނަ ބަޔަކު ދަނީ އޭނާއާ ގުޅޭނެ ނަންބަރެއް ވެސް ދިނުމަށް އެދެމުންނެވެ.

ނަމަވެސް އެކަމުގެ ހަގީގަތް ޓުވިޓަރަށް ހިއްސާ ކޮށްދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްކޮށް އުޅުއްވި އަހުމަދު ސައީދު (ގަހާ ސައީދު)އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަމަދުބެ އާއި ބައްދަލުވެއްޖެ ކަމަށެވެ.

އަދި އޭނާ ދިރިއުޅެނީ މާލެ އާއި ވިލިމާލޭގައި ހުންނަ ތިމާގެ ބައެއްގެ ކައިރީގައި ކަމަށް ބުނެފައިވާ ކަމަށާއި ފައިގެ މައްސަލަ ހައްލު ކުރުމަށް ލަންކާއިން ގެނައި ބޭސް އުނގުޅަމުންދާ ކަމަށް ވެސް ބުނި ކަމަށް ގަހާ ސައީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ސަމަދުބެގެ ފޮޓޯތައް ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފައެވެ. ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އިންޓާވެންޝަން ކޮމިޓީން ސަމަދުބެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި އެހީތެރިވުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދިފައިވެއެވެ.

“އާ އަހަރަކީ މާޒީގެ އިބްރަތްތަކުން ކުރިމަގު ބައްޓަންކުރަން ލިބޭ ފުރުސަތެއް”

އަހަރަކަށް އަލްވަދާއު ކިޔައި، އާ އަހަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ މާޒީން ލިބިދިން އިބްރަތްތަކުގެ އަލީގައި ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިޖްރައިން 1441 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، މިއީ ފަރުދީ ފެންވަރުގައި އާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާއީ އެކުވެރިކަމުގެ ތެރެއިން ގައުމުގެ ހެވާއި ލާބަޔަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި ދިވެހިން މިއަދު ތެދުވަންވީ ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިހްސާސްތަކެއް ހިއްސާކުރާ އެއް ހަމަތަކެއް ގަބޫލުކުރާ އެއް ހައްގުތަކަކަށް ވަކާލާތުކުރާ އެއް އުންމަތެއްގެ ގޮތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ހިތާބުގައި އިތުރަށް ވިދާޅުވީ، ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ އަނިޔާ އާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމަށެވެ.

އަދި އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ގާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، އަދުލުވެރިކަން އިސްކުރުމުގެ މުހިންމު ކަމަކީ ވެސް ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތައް ހަޔާތުގެ އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމު ކަމަށެވެ.

އެގޮތުން ދިވެހިންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި އާއިލީ ގުޅުންތަކާއި އިޖްތިމާއީ ރަހްމަތްތެރިކަން ދެމެހެއްޓުމުގައި ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ގަމު ފިހާރައެއްގެ ސޭޓަކަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިއްޖެ

ލ. ގަމު ފިހާރައެއްގައި އިން ސޭޓަކަށް ވަޅިން ބިރު ދައްކައިގެން އެ ފިހާރައިން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ގަމު، މުކުރިމަގު ފިހާރައަކަށް މީހަކު ވަދެ ފިހާރައިގެ ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި ވަތްގަނޑުގައި ހުރި ގާތްގަނޑަކަށް 4000 ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރު 4:50 ހާއިރު ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން މިރޭ 6:45 ހާއިރު ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖެ އެތެރެކުރަން އުޅުނު 1.1 މިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ މަސްތުވާތަކެތި ފެނިފައިވަނީ މިއަދު އިންޑިއާގެ ޓްރިވެންޑްރަމް އިން ރާއްޖެއައި އުމުރުން 48 އަހަަރުގެ އިންޑިއާގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އަދި އެތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 4.195 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ އިދާރާއިން ބުނީ، އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކަސްޓަމްސް އިން މިހާރު ވަނީ އެ މައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންއިރު، ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަނެއްހާ ރުފިޔާގެ ޑުރަގްސް މިމަހުގެ ތެރޭގައި އެ އިދާރާއިން ވަނީ އަތުލައިގެންފައެވެ.

ފެބްރުއަރީ 7 ގައި ސަލާމަތީ ބާރުތަކުން އަމުރަށް ނުކިޔަމަންތެރިވުުންް ބަލަންޖެހޭނެ: ނަޝީދު

އެމަނިކުފާނުގެ ވެރިކަން ބަދަލުވި ދުވަހު ސަލާމަތީ ބާރުތަކުން ނުކުމެ އަމުރަށް ނުކިޔަމަންތެރިވި މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އެއީ އަދި ގައުމަށް ގެއްލުން ލިބިދާނެ ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޒުވާނުންގެ ކޮންގުރެސްގައި ނަޝީދު މިހެން ވިދާޅުވިއިރު، 7 ފެބްރުއަރީ 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވި ހާދިސާއަށް އެނބުރި ގޮސް، އެވާހަކަތައް ދައްކަން ފަށައިފިނަމަ ގައުމުގެ ހަމަނުޖެހުން އުފެދި މަސްލަހަތު ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި ސިފައިން ނުކިޔަމަންތެރިކަން ދައްކައި ހިނގި ހަމަނުޖެހުންތަކުގައި ނަޝީދުގެ ވެރިކަން “ބަޣާވާތަކުން” ވައްޓާލީ ކަމަށް ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރާއިރު، އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ވެސް އިމްރާނެވެ.

މިއަދުގެ ކޮންގުރެސްގައި ހަތެއް ފެބްރުއަރީގެ “ބަޣާވާތް” އަލުން ތަހުގީގު ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވަންތޯ ބައިވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެދުވަހުގެ ކަންތައްތަކަކީ އަމުރެއް ނުކިޔަމަންތެރިވުން ކަމަށާއި އެކަން ނުބަލައިފިނަމަ އެއީ ނުރައްކަލެއް ކަމަށެވެ. އަދި އެއީ ދައުލަތަކަށް ރަނގަޅެއް ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަންކަން ނުބަލައިފިއްޔާ އެއީ މިއުޓިނީއެއް. ޕޮލިހާއި ސިފައިންގެ މިއުޓިނީއެއް. ސަލާމަތީ ބާރުތައް މިއުޓިނިސް ހާލަތުގައި ބެހެއްޓުން. އެއީ ގޯހެއް. ނުރައްކަލެއް. އަޅުގަނޑެއް ނުބުނަން ބަޣާވާތެކޭ އަނެއް އެއްޗެކޭ އަނެއް އެއްޗެކޭ. އަމުރަށް ނުކިޔަމަންތެރިވުން. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ ދައުލަތަކަށް ރަނގަޅެއް ވާނެ ކަމެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަ ބެލުމަކީ އަދި ގައުމުގެ “ފޭރާން ހަލާކުވާނެ” ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ލުއިސް އެންރީކޭގެ ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެ

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އަންހެން ދަރިފުޅު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން ނުވަ އަހަރުގެ ޒާނާ މާޓިނޭޒް މަރުވީ ކަށީގެ ކެންސަރު ބަލީގައެވެ. އެ ބަލީގައި އެންރީކޭގެ ދަރިފުޅު ވޭތުވެދިޔަ ފަސް މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

“ތިޔަ ދަރިފުޅު ވާނީ އަހަރެމެންގެ އާއިލާއަށް މަގު ދައްކައިދޭ ތަރިއަކަށް. އަހަރެމެން ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވޭ. އަދި މުސްތަގްބަލުގައި އަލުން ދިމާވާނެ ކަމުގެ އުއްމީދާއެކު ދިރިއުޅުމުގެ ކޮންމެ ދުވަހަކު ދަރިފުޅުގެ މަތިން ހަނދާން ކުރާނަން،” ދަރިފުޅު މަރުވިކަން އިއުލާންކުރަމުން އެންރީކޭ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުން ކުއްލި ގޮތަކަށް އެންރިކޭ އިސްތިއުފާ ދިނީ ވެސް ދަރިފުޅުގެ ބަލި ހާލަތު ހުރިގޮތުން ދަރިފުޅަށް ވަގުތު ދިނުމަށެވެ.

އެންރީކޭގެ ދަރިފުޅު މަރުވުމާ ގުޅިގެން ފުޓްބޯޅަ އާއިލާއިން ދަނީ ލިބުނު ހިތާމައިގައި ބައިވެރިވަމުންނެވެ.

އެގޮތުން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުންނާއި އެ ކުލަބާއެކު އެންމެ ގިނަ ކާމިޔާބީއެއް ހޯދި ބާސެލޯނާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑާއި އެންރިކޭ ކުރިން މެނޭޖަރުކަން ކުރި އޭއެސް ރޯމާއިން ވެސް އެންރީކޭގެ އާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައެވެ.

އަދި އެންރީކޭގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބާސެލޯނާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އާއި ސްޕެއިންގެ ބޮޑުވަޒީރުގެ އިތުރުން ޓެނިސް ކުޅުންތެރި ރަފައެލް ނަޑާލް ވެސް ވަނީ ބުނެފައެވެ.

“ހިޖުރައަކީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ”

ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މާދަމާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަހަށްވާއިރު ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ވެއްޖެ ކަމެއް ކަމަށެވެ.

އެގޮތުން އަބްދުﷲ ބުނު އަމްރުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން މީހަކު ސުވާލެއް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ހަދީޡް ކުރެއްވިއެވެ.

“އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ”

ހުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބްރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށެވެ.

އެގޮތުން ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާން ވުމުގެ މަތިވެރި ފިލާވަޅު ކަމަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އައިލާގެ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ވެސް އިސްލާމްދީނުގެ ދިފާއުގައި ޤުރުބާން ކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައި އޮތުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ހިޖުރައިގެ ހާދިސާގައި ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުފާނު ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ފުރިހަމަ ސިއްރިއްޔާތުގައި ތައްޔާރު ކުރައްވަން ފެއްޓެވުމާއި ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދާންމަތިކޮޅުގައި އަވަރާފުޅު ލެއްޕެވުން ހުތުބާގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މައްކައިން ނުކުމެ ވަޑައިގެން ޡައުރު ފަރުބަދައިގެ ހޮހަޅައިގައި އެބޭކަލުން ތިއްބެވިއިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަ ﷲ އަންހާ ކުރެއްވިއިރު އޭރުމައްކާގައި ކަން ހިނގަމުންދިޔަ ގޮތުގެ ހަބަރުތައް ކީރިތި ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲ ކަމީ ހިޖުރައިގެ ކަންކަން ފުރިހަމައަށް ރޭވިފައިވާ ކަމުގެ ފިލާވަޅެއްކަން ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުދަނގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ޡައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު މައްކާގެ މުޝްރިކުންގެ މީހަކަށް އެބޭކަލުން ތިއްބެވި ތަން ފެންނާނެ ކަމަށް އަބޫބަކުރުގެފާނު ރަސޫލާގެ އަރިހުގައި ދެންނެވުމުން އެބޭކަލުންނާއެކު ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާއެކު ވޮޑިގެންވާކަމަށް ހަދީޡް ކުރެއްވި ކަމަށާއި އެ ސާބިތުކަމުގައި ރަސޫލާ ދެމިހުންނެވުމުގެ ސަބަބުން މައްކާގެ މީހުން ބޮޑު އިނާމު ހުށައަޅައިގެން، ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް ﷲ ނާކާމިޔާބު ކުރައްވައި އެކަލޭގެފާނަށް ނަސްރު ދެއްވިކަން ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ކީރިތި ރަސޫލާގެ ހިޖުރައިން ގިނަގުނަ އިބްރަތްތަކެއް ލިބޭއިރު ކަންކަމުގައި ﷲއަށް ވަކީލު ކުރަންޖެހޭ ކަމީ ހިޖުރައިގެ ހަދީޡާއިން ލިބޭ ފިލާވަޅެއް ކަމަށެވެ.

ނަމަވެސް ﷲ އަށް ވަކީލުކުރުމަކީ، އެއްވެސް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުމެއް ނޫން ކަމަށާއި ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، ﷲގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނޭ ކަމަށް ޔަގީންކޮށްގެން ތިބުން ކަމަށް ވިދާޅުވިއެވެ.

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން ވަޅުލައިފި

ހދ. ނޮޅިވަރަންފަރުން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން ވަޅުލައިފިއެވެ.

އެ މީހުން ވަޅުލާފައި ވަނީ، ރޭ 2:30 ހާއިރު ހަނިމާދޫ ސަހަރާގައެވެ. އެ މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައި ވަނީ ނޮޅިވަރަންފަރު އުނިމާގެ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އުމުރުން ތިންއަހަރުގެ އިޔާ ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.

10 މީހުންނާއެކު ލޯންޗް ބަންޑުން ޖަހާލި މި ހާދިސާގައި ފަސް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފާރުވާދީފައިވާއިރު. މީގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ސިއްހީ މަރުކަޒުން ދޫކޮށްލާފައެވެ.

ބުރާސްފަތި ދުވަހުގެ 11:30 ހާއިރު ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ހަނިމާދޫ ފަރަށް ބަނޑުންޖަހާލާފައިވާއިރު، ހަނިމާދުއާއި ނޮޅިވަރަމާއި ދޭތެރޭގައި އާންމުކޮށް ކުރަނީ 10 މިނެޓާއި 5 މިނެޓާ ދޭތެރޭގެ ދަތުރެކެެވެ. މިދަތުރުގައި އެންމެ ކަނޑުއޮޅިއެއް ހުރަސްކުރަންޖެހޭއިރު ބަނޑުންޖަހާލި ލޯންޗަކީ އާންމުގޮތެއްގައި އެދޭތެރޭގައި ދަތުރުކުރާ ކުޑަ ލޯންޗެކެވެ.