ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް އަދި އާމްދަނީ ވެސް ދަށަށް

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު އަދި ލިބުނު އާމްދަނީ ވެސް ދަށަށް ހިނގައްޖެއެވެ.

އޮގަަސްޓް މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ދަށަށް ދިޔައިރު، މިއީ އިމްޕޯޓާއި އެކްސްޕޯޓް ދަށްވި، ޖެހިޖެހިގެން ތިން ވަނަ މަހެވެ. މިދިޔަ ޖޫން އަދި ޖުލައި މަހު ވެސް ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ވަނީ ދަށްވެފައެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި އޮގަސްޓް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓްކުރި އަދަދު ވަނީ 22 ޕަސެންޓް ދަށްވެފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއިން 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، މިއަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 3.3 ބިލިއަން ރުފިޔާ ދަށްވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ ސިންގަޕޫރާއި ޗައިނާ އަދި ޔޫއޭއީއެވެ.

އެގޮތުން ސިންގަޕޫރުން 465 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، ޔޫއޭއީން 460 މިލިއަން އަދި ޗައިނާއިން 453 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެއަށް ވަނީ އިމްޕޯޓް ކޮށްފައެވެ.

ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރި އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުވަނީ 22 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު 258 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މިއަހަރު އެ އަދަދު ވަނީ 255 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ އެމެރިކާއަށެވެ. އެއީ ޖުމްލަ 23 ޕަސެންޓެވެ. މިދިޔަ ޖުލައި މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ތައިލެންޑް މިދިޔަ މަހު އޮތީ ފަސް ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ގައުމުގެ ގޮތުގައެވެ.

ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ އިނގިރޭސިވިލާތަށެވެ. އެގައުމަށް ޖުމްލަ 14 ޕަސެންޓްގެ މުދާ އެކްސްޕޯޓްކުރިއިރު، ތިން ވަނަ އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ފަރަންސޭސިލާތަށް އެކްސްޕޯޓްކުރީ 13 ޕަސެންޓް މުދަލެވެ.

އެކްސްޕޯޓާއި އިމްޕޯޓާ ދަށަށް ދިޔައިރު، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން ދަށްވެފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 301 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު ވަނީ 262 ދަށަށް ގޮސްފައެވެ. މިއީ 13 ޕަސެންޓްގެ ދަށްވުމެކެވެ.

ޅ. އަތޮޅުން ވ. އަތޮޅަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ މެދުތެރެއަށާއި އުތުރުގެ ބަޔަކަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އެ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ވ. އަތޮޅާ ހަމައަށެވެ.

މިރޭގެ 11:15 އިން ދަންވަރު 2:15 އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް 21 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައި ޖެހޭނެ ކަމަށް ބެލެވެނީ އިރާއި އިރުދެކުނުން، ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

އެހެންކަމުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ސިފައިންގެ ގާބިލްކަން އިތުރުކުރަން އިންޑިއާ ސިފައިންގެ ވެރިޔާއާއެކު މަޝްވަރާކޮށްފި

ދިވެހި ސިފައިންގެ އޮޕަރެޝަނަލް ގާބިލްކަން އިތުރު ކުރުމާ ގުޅެގޮތުން އިންޑިއާ ސިފައިންގެ ވެރިޔާ، ޗީފް އޮފް އާމީ، ސްޓާފް ޖެނެރަލް ބިޕިން ރާވަތުއާއެކު ދިފާއީ ވުޒާރާއިން މަޝްވަރާ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ބަންޑާރަކޮށީގައި މިއަދު ބޭއްވި ބައްދަލުުވުމުގައި ސިފައިންގެ ޓްރޭނިން އާއި އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމަށް އިންޑިއާ އަސްކަރިއްޔާއިން ދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ބޭއްވުމާއި ޖޮއިންޓް ޓްރޭނިން ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގަތެވެ.

އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އިންޑިއާ އަސްކަރީ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެން އިންޑިއާ ސިފައިންގެ ވެރިޔާ މިއަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލު ކުރައްވައިފައެވެ. އަދި އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެ ހޮސްޕިޓަލުގެ މަސައްކަތްތައް ވަނީ ބައްލަވާލައްވައިފައެވެ.

ހާދިސާތައް ހިނގިޔަ ނުދިނުމަށް ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ: އިމްރާން

ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ސަލާމަތީ ކަންކަމަށް ވެސް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އަދި މިއަދުގެ އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއި ސިފައިންގެ އޮފިސަރުންނާއި އާންމުންނަށް މިނިސްޓަރުގެ ޓުވީޓްގައި ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ބައުޒަރަކުން ތެޔޮ އަޅަމުންދިޔަ ލޯންޗެއްގައެވެ. އަދި ލޯންޗުގައި ރޯވި އަލިފާންގަނޑު ހޮޅީގައި ހިފައި ބައުޒަރާ ހަމައަށް ފެތުތުމާއެކު ބައުޒަރު ގޮވައި، އިތުރު ތިން ބައުޒަރެއްގައި ރޯވިއެވެ.

މި ހާދިސާގައި ލޯންޗު އެއްކޮށް އަނދާ ހުލިވެ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، ތެޔޮ ބައުޒަރުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މިއަދުގެ ހާދިސާގައި ފިހިގެން ހަތް މީހަކަށް އައިޖީއެމްއެޗްގައި މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ. އެއީ ފަސް ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ޒިޔާރަތް ކުރެއްވިއެވެ. އެމަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ފިހިގެން ފަރުވާދެމުން އަންނަ މީހުންގެ ހާލު ރައީސް ބައްލަވައިފި

މިއަދު މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ފިހިގެން ފަރުވާދެމުން އަންނަ މީހުންގެ ހާލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

ޓީޖެޓީ އަލިފާނުގެ ހާދިސާގައި ފިހިގެން ހަތް މީހަކަށް އައިޖީއެމްއެޗްގައި މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ. އެއީ ފަސް ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

އެމީހުންގެ ހާލު ބައްލަވާލެއްވުމަށް އައިޖީއެމްއެޗަށް ޒިޔާރަތް ކުރުމުގެ ގޮތުން ރައީސް ވަނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފައެވެ.

އަދި އެތަނަށް ވަޑައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ގެންދެވި ފަރާތްތަކާ ބައްދަލުކުރައްވާ އެފަރާތްތަކަށް ރައީސް ވަނީ ޝުކުރުއަދާ ކުރައްވާ ހިތްވަރު ދެއްވައިފައެވެ.

އަދި މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކާ މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަމަށާ ނަމަވެސް މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ބައުޒަރަކުން ތެޔޮ އަޅަމުންދިޔަ ލޯންޗެއްގައެވެ.

އެގޮތުން ލޯންޗުގައި ރޯވި އަލިފާންގަނޑު ހޮޅީގައި ހިފައި ބައުޒަރާ ހަމައަށް ފެތުތުމާއެކު ބައުޒަރު ގޮވައި، އިތުރު ތިން ބައުޒަރެއްގައި ރޯވިއެވެ. އެ ހާދިސާގައި ލޯންޗު އެއްކޮށް އަނދާ ހުލިވެ، ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، ތެޔޮ ބައުޒަރުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ޓީ-ޖެޓީ އަލިފާނުގެ ހާދިސާ: އެކަކު އައިސީޔޫގައި، ހާލު ސީރިއަސްއެއް ނޫން

މިއަދު މާލޭގެ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ފިހިގެން ގެނައި އެކަކު އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޓީޖެޓީ އަލިފާނުގެ ހާދިސާގައި ފިހިގެން ހަތް މީހަކު އެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އެއީ ފަސް ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.

އޭގެ ތެރެއިން ހަ މީހުންނަށް މެޑިކަލް ވޯޑުގައި ފަރުވާ ދެމުންދާއިރު އެކަކު އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް އޭނާ އައިސީޔޫއަށް ބަދަލުކުރީ ހާލު ސީރިއަސް ވެގެން ނޫން ކަމަށާއި އިތުރަށް ހާލު ސީރިއަސް ވެދާނެ ކަމަށް ޑޮކްޓަރުންނަށް ލަފާ ކުރެވޭތީ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ބައުޒަރަކުން ތެޔޮ އަޅަމުންދިޔަ ލޯންޗެއްގައެވެ.

އެގޮތުން ލޯންޗުގައި ރޯވި އަލިފާންގަނޑު ހޮޅީގައި ހިފައި ބައުޒަރާ ހަމައަށް ފެތުތުމާއެކު ބައުޒަރު ގޮވައި، އިތުރު ތިން ބައުޒަރެއްގައި ރޯވިއެވެ. އެ ހާދިސާގައި ލޯންޗު އެއްކޮށް އަނދާ ހުލިވެ، ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، ތެޔޮ ބައުޒަރުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އިންޑިއާ ސިފައިންގެ ވެރިޔާ، ޑިފެންސް މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އެ ދެ ބޭފުޅުން ބައްދަލުކުރައްވައި، ދިފާއީ ރޮނގުން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ ބެހޭގޮތުންނާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ބިޕިން ރާވަތުއާ މާރިޔާ މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރުއާއި، ޗައިފް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ދެގައުމުގެ ޑިފެންސް އެޓާޝޭއިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާ ސިފައިންގެ ވެރިޔާ އިއްޔެ ރާއްޖެ ވަޑައިގެންނެވި އިރު، އޭނާ އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާވެސް ބައްދަލުކުރައްވައިފައެވެ.

ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

މާލޭގެ ޓީ-ޖެޓީގައި އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.

ފުލުުހުން ބުނީ، މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ރޯވި ލޯންޗު ދުރަށް ޖައްސައި، އަލިފާން ނިއްވުމަށް ފޯމް އާއި ފަޅު ތެރޭގައި ފަޔާ ލޯންޗު ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި މިހާރު އަލިފާން ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް މައުލޫމާތުދެ އެވެ.

މި ހާދިސާގައި އަލިފާން ރޯވި ލޯންޗު އަޅާފައި އޮތް ސަރަހައްދުގައި ބާއްވާފައި އޮތް ދެ ތެޔޮ ބައުޒަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

ފުލުހުން ބުނީ، އަލިފާނުގެ ހާދިސާގައި ފަސް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

އެސިސްޓެންޓް ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމްރާ ޝަމީމް ހަމަޖައްސައިފި އެވެ.

އެ މަގާމަށް ޝަމްރާ ހަމަޖައްސާފައިވަނީ އެސިސްޓެންޓްގެ މަގާމު އުފައްދައި މީގެކުރިން އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ފަޒްނާ މިދިޔަ އަހަރު އެމަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

ޝަމްރާއަކީ މީގެކުރިން ބޮޑެތި ގިނަ މައްސަލަތަކެއްގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީސް ތަމްސީލް ކުރުމަށް ކޯޓުތަކަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި މަރްޔަމް ނިހާޔަތު ވެސް މީގެ ދުވަސްތަކެއް ކުރިން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޓެރެރިޒަމް ޤާނޫންގެ ނާޖާއިޒް ބޭނުން ސަރުކާރުން ނުކުރާނެ: އިމްރާން

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބިގެން ދިޔަ ނަމަވެސް އެ ގާނޫނު ނާޖާއިޒު ގޮތުގައި މި ސަރުކާރުން ބޭނުން ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓްގައި ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ނާޖާއިޒް ފައިދާ ނުނަންގަވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ބިލުގައި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ދޭތީ، ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވެސް ކަންބޮޑުވުންވަނީ ފާޅު ކުރައްވާފައެވެ.