ރ. ވާދޫ، ނ. މަގޫދޫ އަދި ލަންދޫ މިސްކިތުގެ ބިންގާ އަޅައިފި

ރ. ވާދޫ އާއި ނ. މަގޫދޫ އަދި އެ އަތޮޅު ލަންދޫގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ތިން ރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތްތަކުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

މި ތިން މިސްކިތުގެ ތެރެއިން ވާދޫގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތަކީ މިމަހުގެ 16 ވަނަ ދުވަހު އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތެކެވެ. ފަސް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 4.4 މިލިއަން ރުފިޔާ އަށެވެ.

މަގޫދޫގައި ވެސް ސަރުކާރުން އަޅަން ނިންމާފައިވަނީ 300 މީހުންގެ ޖާގައިގެ މިސްކިތެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހަވާލުކުރީ 4.2 މިލިއަން ރުފިޔާއަށް ފަސް މަހާއި 30 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސަރުކާރުން ލަންދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ މެރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިދިޔަ ހޯމަ ދުވަހު އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ޖުމްލަ 4.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ ޖުމްލަ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ތިން ރަށެއްގައި އިމާރާތްކުރާ މިސްކިތްތަކުގެ ބިންގާ މިއަދު އަޅާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އއ. ބޮޑުފޮޅުދޫގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.

އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީއަށް އަންގައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ދިރާސާކޮށް ހެދި ރިޕޯޓުން، އެ ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފެންނާތީ އެކަން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، އެމްޑީއެން އިން ނެރުނު “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ރިޕޯޓާ ގުޅިގެން ހެދި އިނީޝިއަލް އެސެސްމަންޓުން އެ ރިޕޯޓްގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ.

އަދި އެކަން ޔޫތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރަށު ކައުންސިލްތަކުންނާއި ރާއްޖޭގެ ދީނީ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ރިޕޯޓް ނެރެމުންނެވެ. އަދި އެކަމާ ދެކޮޅަށް ހިތްހަމަަނުޖެހުން ފާޅުކޮށް އަޑު އުފުލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.

ފުރަތަމަ ހަ މަސް: 401 ސައިކަލެއް ވަގަށް ނެގި، ފެނުނީ 264 ސައިކަލު!

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ސައިކަލު ވަގަށް ނައިގެން އާންމުންގެ ގިނަ ބަޔަކު އެ ސައިކަލު ހޯދައިދޭން އެދި ސޯޝަލް މީޑިއާގައި ޕޯސްޓަރާއި ވީޑިއޯ އާންމުކުރެއެވެ. އަދި ވަގަށް ނަގައިގެން ރިޕޯޓް ކުރުމުން އެ ސައިކަލެއް ހޯދަން ފުލުހުން ވެސް ސޯޝަލް މީޑިއާގައި އާންމުންގެ އެހީއަށް އެދެއެވެ.

ފުލުހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ބުނާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަގަށް ނައިގެން ރިޕޯޓްކުރި ސައިކަލުތަކުގެ ތެރެއިން 264 ސައިކަލެއް ވަނީ ފެނިފައެވެ. އެއީ ވަގަށް ނެގި ސައިކަލުތަކުގެ 65 ޕަސެންޓެވެ.

ނަމަވެސް އެ ސައިކަލުތައް ހޯދާފައިވަނީ ފުލުހުން ކަމެއް ނުވަތަ ސައިކަލުގެ ވެރިފަރާތުން ކަމެއް ބުނެފައެއް ނުވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނައިން ވަގަށް ނަގަށް ނަގާފައިވަނީ ވޭވް ބްރޭންޑުގެ ސައިކަލުތަކެވެ. އެ ބްރޭންޑުގެ 259 ސައިކަލެއް ވަނީ އެ މުއްދަތުގެ ތެރޭގައި ވަގަށް ނަގައިފައެވެ.

ފުލުހުން ބުނީ، ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ އެ ސައިކަލުތަކަށް އަރާ ކަމަށެވެ.

އިތުރު ދެ ޓެރަރިސްޓް ޖަމާއަތެއް ލިސްޓަށް އިތުރުކޮށް، ސީރިއާއަށް ދިއުން މަނާ

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ދެ ޖަމާއަތެއް އިތުރުކޮށް، މުޅި ސީރިއާ އަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުގެ ދަށުން ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަހަހައްދުތައް ރައީސް ކަނޑައްޅުއްވައި، އިއުލާން ކުރަންޖެހޭނެއެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެ ލިސްޓުގައި 17 ޖަމާއަތެއްގެ ނަން ހިމެނިއެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ވެސް ކުށެކެވެ.

އެގޮތުން މިއަދު ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ސީރިއާގެ ދާހިލީ ހަނގުރާމަގައި ދިވެހިންގެ ގިނަ ބަޔަކު ބައިވެރިވެ، އޭގެ ތެރެއިން ބައެއް މީހުން ވަނީ މަރުވެސް ވެފައެވެ. އަދި މަރުވި ބައެއް މީހުންގެ އަނބިދަރިން އުޅެމުންދަނީ ރެފިއުޖީ ކޭމްޕުތަކުގައެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ރައީސް އަލަށް އިތުރު ކޮށްފައިވަނީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ކިޔާ ދެ ޖަމާއަތެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ފަހުން ގެނައި އިސްލާހުގައި ބުނާގޮތުން، ހަނގުރާމައަށް ދިއުމާއި ބައިވެރިވުމުގެ އިތުރުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފި ނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ގޮތަށެވެ.

ޓެރަރިސްޓު މަނާ ކުރުމުގެ ގާނޫނުގެ ދަށުން، އާންމުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ވެސް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ސިފައިންނަށެވެ.

އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒު އައްޔަން ކޮށްފި

އިންފޮމޭޝަން ކޮމިޝަނަރަކަށް ޙުސައިން ފިޔާޒު މޫސާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ފަތްކޮޅު ފިޔާޒަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވީފަހުންނެވެ.

އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 9 ބޭފުޅެއްގެ ނަން މަޖިލީހަށް ވަނީ ފޮނުއްވާފައެވެ. މިނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަރވިއުކޮށްފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ފިޔާޒު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 72 މެމްބަރުންގެ ވޯޓާއިއެކުގައެވެ.

ޓެކްސް ކޮމިޝަނަކަށް ފަތުހުﷲ އަދި ޑެޕިއުޓީ ކޮމިޝަނަކަށް އަސްމާ އައްޔަންކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު މިއަދު އައްޔަންކޮށްފިއެވެ.

ފަތުހުﷲ އާއި އަސްމާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މީރާގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ޖެހުނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މި ދެ ބޭފުޅުންނަށް ރުހުން ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން ފަތުހުﷲ އަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަސްމާ އަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އަދި ބޭންޑުގެ ހަރަކާތްތައް މާދަމާ

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް މި ނޮވެމްބަރު 1 އަދި 2 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކަމުގައި އެމްއެންޑިއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ނޮވެމްބަރު 1 ވަނަ ދުވަހު (މާދަމާ) ގެ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާކަމަށާއި، އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު އާންމުކޮށްވަނީ ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި މި ހަރަކާތްތައް ކުރިއަށްދާއިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނޮވެމްބަރު 2 ވަނަ ދުވަހު އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް އޮންނާނީ ޖުމްހޫރީ މައިދާނުގައި ހަވީރު 16:30 ގައެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.

ޚަރަދުތަށް ބޮޑުވެ، އައިލެންޑްއޭވިޝަންގެ އާމްދަނީ ދަށަށް

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ސަރވިސަސްގެ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެ އެކުންފުނީގެ ޚަރަދުތަށް މައްޗަށް ޖެހިފައިވާކަން ހާމަވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އަދާކުރާ ޕީސީބީން، އެސްއޯއީތަކުގެ މާލީ ހާލަތު ދިރާސާކުރުމަށް ފަހު ނެރެފައިވާ ރިވިއު ރިޕޯޓްގައިވާ ގޮތުން އައިލެންޑް އޭވިޝަނަށް ގެއްލުންވާން ދިމާވި މައިގަނޑު ސަބަބަކީ ހަރަދުތައް މައްޗަށް ދިޔުމެވެ. ރިޕޯޓުގައިވާގޮތުން އައިލެންޑް އޭވިއޭޝަންގެ ހަރަދުތައް ވަނީ 142.03 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޕީސީބީ ރިޕޯޓްގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް އާމްދަނީގެ ގޮތުގައި 541 މިލިޔަން (ފަސް ސަތޭކަ ސާޅީސް އެއް މިލިއަން) ރުފިޔާ ލިބިފައިވީނަމަވެސް ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 457 މިލިޔަން (ހަތަރު ސަތޭކަ ފަންސާސް ހަތް މިލިއަން) ރުފިޔާއެވެ.

މިރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް 68.05 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، މިއަހަރު އެ މުއްދަތުގައި އެކުންފުންޏަށް ވަނީ 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ.

އެހެންކަމުން ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިޝަނަށް ލިބުނު އާމްދަނީ ވަނީ 15 އިންސައްތަ ދަށްވެފައެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ހުރިހާ ރަށެއްގައި ވޯޓްފޮށި ބަހައްޓަން ނިންމައިފި

މި ނޮވެމްބަރު މަހުގެ 22ވަނަދުވަހު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓްފޮށި ބަހައްޓަން އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ އައްޑޫސިޓީ، ފުވައްމުލައްސިޓީ އަދި މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ މެންބަރުން ވޯޓުލުމަށް މާލޭގައި ވޯޓުފޮށި ބެހެއްޓިފައި ހުންނާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ސްރީލަންކާގެ ކޮލޮމްބޯ ގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެގޮތުން ސްރީލަންކާގެ ކޮލޮމްބޯގައި ވޯޓު ރީރަޖިސްޓްރީ ކުރުން މިއަދުންފެށިގެންވަނީ ހުޅުވާލެވިފައިވާކަމަށާއި، ކޮލޮމްބޯ އިން ރީރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުން ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިޚާބާއިބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv އަށް މި މަހުގެ 3 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރެއްވުމަށް ވެސް އެ÷ާޓީންވަނީ އެދިފައެވެ.

ޔަތީމުންނަށް ކައްކާ ކާންދިން މަޝްހޫރު “ގްރޭންޑްޕާ” މަރުވެއްޖެ

މިއީ ޔޫޓިއުބްގައި މަޝްހޫރު ކައްކާ ޗެނަލެއް ކަމަށްވާ “ގްރޭންޑްޕާ ކިޗަން” ހިންގާ ގިނ ބައެއްގެ ލޯބި ހޯދާފައިވާ ކާފަ އަބަދުވެސް ބުނާ ވާހަކައެވެ. ނަމަވެސް މިއަދު އެ ކާފަ ދުނިޔެއަކު ނެތެވެ.

އިންޑިއާގެ ދެކުނުގައި އޮންނަ ހައިދަރްއާބާދުގެ ތެލަންގަނާއަށް އުފަން ނަރަޔަނާ ރެޑީ ނުވަތަ އާންމުންނަށް މަޝްހޫރު ނަމުންނަމަ ގްރޭންޑްޕާ ވަނީ މިދިޔަ އާދީއްތަ ދުވަހު މަރުވެފައެވެ. ނަމަވެސް އެ ހިތާމަވެރި ހަބަރު، 6 މިލިއަނަށްވުރެ ގިނަ ސަބްސްކައިބާސް ހިމެނޭ ގްރޭންޑްޕާގެ ޗެނަލް މެދުވެރިކޮށް ހިއްސާކުރީ އިއްޔެއެވެ.

ގްރޭންޑްޕާ “ގްރޭންޑްޕާ ކިޗަން”ގެ ނަމުގައި ޔޫޓިއުބް ޗެނަލް އެއް ފެށީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ފެހި ހުސް ބިމެއްގައި އިނދެ، އެހީތެރިންނާއެކު ކައްކާ ބޮޑެތި ކެއްކުންތަކުން ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގްރޭންޑްޕާ ހޯދިއެވެ.

އެގޮތުން 500 ޕެކެޓް މެގީ އިން ކައްކާލި ނޫޑުލިސް ގަނޑާ، ކޭއެފްސީ ސްޓައިލް ކުކުޅާއި އެމެރިކަން ލަޒާނިއާ އާއި ކުކުޅު ބިރިޔާނީ ފަދަ ކެއުންތައް ހަރަދު ކުޑަކޮށް ކައްކާނެ ގޮތާއި އޯރިއޯ ޕުޑިން، ގުލާބް ޖާމު ފަދަ ފޮނި ކެއުންތަކުން ވެސް ގްރޭންޑްޕާ ވަނީ އެތައް ބައެއްގެ ކުޅު ދިޔާ ކޮށްލައިފައެވެ.

ނަމަވެސް ގްރޭންޑްޕާއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބުނީ ކެއްކުންތައް ކެއްކުމުގައި ގެންގުޅޭ ތަފާތު އުކުޅުތަކާއި ކައްކާ އެއްޗެހިތަކުން އެކަންޏެއް ނޫނެވެ. އޭނާ ޔޫޓިއުބް ޗެނަލް ހަދައިގެން ކައްކަން ފެށި ސަބަބެވެ.

ގްރޭންޑްޕާ ކައްކާ ހުރިހާ ކެއުމަށް އެކީ ހަދިޔާކުރަނީ ޔަތީމުންނަށެވެ.

“ކެއްކުމުން ބެލުންތެރިން މުނިފޫހިފިލުވައި ދިނުމަށްފަހު ކައްކާ އެއްޗެހި އަހަރެމެން ސޮދަގާތް ކުރަނީ ޗެރިޓީތަކައް. އަހަރެމެންގެ އަމާޒަކީ ޔަތީމުންނަށް އެންމެ ބޭނުންވާ އަސާސީ ތަކެތި ކަމުގައިވާ ކާނާ އާއި، އަންނައުނާ، ސްކޫލަށް ބޭނުންވާ ސަޕްލައިތަކުގެ އިތުރުން އުފަން ދުވަހުގެ ހަދިޔާ ދިނުން،” ގްރޭންޑްޕާ ކިޗަންގެ އެކައުންޓުގެ ބަޔޯގައި ބުނެފައިވެއެވެ.

ގްރޭންޑްޕާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ކެއްކުމަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޗެނަލްއަށް އަޕްލޯޑްކުރި ކްރިސްފީ ޕޮޓޭޓޯ ފިންގާސް ތައްޔާރު ކުރާނެ ގޮތެވެ. އެއަށްފަހު އޭނާގެ ސިއްހީ ހާލު ގޯސްވެ، ކެއްކުމުގައި އުޅެފައެއް ނުވެއެވެ.

ނަމަވެސް މަރުވުމުގެ ހަފްތާއެއް ކުރިން ގްރޭންޑްޕާ ވަނީ އޭނާގެ ސިއްހީ ހާލަތާއި ޗެނަލްއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.