ދިވެހި އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތު ހޯދުމަށް މަޝްވަރާކޮށްފި

ދިވެހި އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މޮރޮކޯގެ އިސްލާމިކް މިނިސްޓަރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު މޮރޮކޯއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ތައުފީގުއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މޮރޮކޯގެ އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި މޮރޮކޯއާ ގުޅުންހުރި ދީނީ ތަރިކައަށާއި ތާރީހަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ދިވެހިރާއްޖެއަށް އިސްލާމް ދީން ތައާރަފުވިގޮތުގައި ހަވާލާދެވޭ މޮރޮކޯގެ އަބުލް ބަރަކާތް ޔޫސުފުލް ބަރްބަރީގެ ނަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ އަސާސްތައް އިއާދަކުރުމަށް އެކުއެކީ މަސައްކަތްކުރުމާއި ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މަޢުހަދުތަކުން ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ފުރިހަމަ އަގީދާގެ މަތިވެރިކަމާއި މޫރިތިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުހީބު ދެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މުއުމިނާ އިބްރާހިމް އަދި އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާގެ އިތުރުން ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑިންގީއަކުން ކަނޑަށް ފުންމާލި މީހަކު މަރުވެފައި އޮށްވާ ފެނިއްޖެ

ދަތުރުކުރަމުންދިޔަ ޑިންގީން ކަނޑަށް ފުއްމާލި މީހާ ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ 10 މީހުންނާއެކު މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއްގައި ހުރި މީހަކު މޫދަށް ފުއްމާލުމުން އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:16 ގައި ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މަރުވެފައި އޮއްވާ ފެނުނީ އުމުރުން 33 އަހަރުގެ އަހުމަދު އަނީސް، މާލެ ހިޔާ 1-02-13 އެވެ.

އޭނާ ފެނުނީ ގެއްލިގެން ރިޕޯޓްކުރިތާ ގަޑިއެއްހާއިރު ފަހުން، ކަނޑުގެ 44 މީޓަރު (144 ފޫޓު) އަޑިން ކަމަށް ވެސް މައުލޫމާތުދެއެވެ.

އުމުރުގެ ދުވަސްތައް ބޭކާރުވުމުން ދެރަވާންޖެހޭނެ، ވަގުތު ބޭކާރުވާ ގޭމްތަކާ ދުރުވޭ: ހުތުބާ

އުމުރުގެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކޮށްލުމަކީ ފަހުން އެކަމާ ދެރަވާންޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކުން އެއްކިބާވުމަށް މިއަދުގެ ހުުކުރު ހުތުބާގައި ގޮވާލައިފިއެވެ.

“ﷲ ހަނދުމަކުރުމުން އެއްކިބާކުރާ ކޮންމެ ކަމަކުން ދުރުހެލިވުން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި އަދަބުތަކާ ހިލާފު ނުވާ ގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ވަގުތު ބޭކާރު ކުރުމަކާ ނުލައި، ދަރިންގެ އަހުލާގާއި ސުލޫކަށް ހެޔޮ ބަދަލުތައް އަންނަ، އަދި ދަރިންގެ އިލްމީ ފެންވަރު ރަނގަޅުވެ، ވިސްނުން ތަރައްގީވާފަދަ ގޭމްތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުސަތު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއާހިލާފަށް ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ އެކުޅޭ މީހަކު އަޅުވެތިކޮށްލުން ކަމަށެވެ.

އެއީ އެއަށް ދެވި ހިފުމުގެ ސަބަބުން އޭނާގެ އަގުހުރި ވަގުތުތައް ބޭކާރު ކޮށްލައި، ﷲ އޭނާގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟުތައް އަދާކުރުުމުން ދުރުހެލިކުރުވައި އަދި ބައެއް ދަރިވަރުން، ފިލާވަޅު ދަސްކުރަން އޮންނަ ވަގުތު ގޭމު ކުޅެން ހޭދަކުރުމުގެ ސަބަބުން މަދްރަސީ ދައުރު ފުރިހަމަނުވަނީސް ސުކޫލުން ވަކިވާން ޖެހޭކަމީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“މިފަދަ ގޭމުތައް ކުޅުމަކީ ވަޒީފާ އައި އާއިލާ ކަންތައްތަކުގައި ވެސް އިހުމާލުވެވޭ ކަމެކެވެ. އަދި މިއީ ރައްޓެހިންނާ ގުޅުންކެނޑި، މުޖުތަމައުން ތިމާ އެކަހެރިކުރުވާ ކަމެކެވެ. އުމުރުގެ ބަރަކާތް ކެނޑި، ފައިދާއެއް ނެތްގޮތުގައި ވަގުތު ހޭދަވާ ކަމެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުން އެކަހެރިވެ، ޝައިތާނާގެ މަގުން ދަތުރުކުރަން މަގުފަހިވާ ކަމެކެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ “ޕަބްޖީ” އާއި “ޖަސްޓު ކޯސް” އާއި “ޕޯކެމޯން ގޯ” އާއި “ފޯޓްނައިޓް” ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބު ތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އަޅައި، ވަރަށް ގިނަ ތަފާތު ގެއްލުންތައް ކުރިމަތިކުރުވާ ގޭމްތަކެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ އޭނާގެ އުމުރުގެ ދުވަސްތައް ކަމަށާއި އެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކޮށްލުމަކީ ފަހުން އެކަމާ ދެރަވެ ހިތާމަކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކާއި ކުޅިވަރުތަކުން އެއްކިބާވުމަށް ހުތުބާގައި ގޮވާލެއްވިއެވެ.

އަދި މޯބައިލް ފޯނާއި ކޮމްޕިއުޓަރާއި ޓީވީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ތެރެއިން ގިނަ ގޭމްތަކަކީ ޒުވާނުންގެ ވަގުތުތަކާއި އަހުލާގާއި ސިއްހަތާއި ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ގޭމްތަކެއް ކަމުން އެކަންކަމަކީ މުޖުތަމައުގެ ހުރިހާ ގިންތިއެއް ގައި ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވަ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެކިއެކި ޖަމިއްޔާތަކާއި ސުކޫލް މަދަރުސާތަކާއި ކަމުގެ މާހިރުން ގުޅިގެން މަސައްކަތް ކޮށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހުތުބާގައި އިތުރަށް ވަނީ، ﷲ ތައާލާ އިންސަނުންނަށް ދެއްވާފައިވާ ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުނިޔޭގެ ވަގުތީ އަރާމާއި އުފަލަށްވުރެ އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި ބޭކާރު ކަންކަމުގައި އަގުނުކުރެވޭފަދަ ވަގުތުތައް ނަގައިލުމުގެ ބަދަލުގައި އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގިޔާމަތް ދުވަހު އަރްޝީގެ ހިޔާވަހިކަން ލިބޭ ނަސީބުވެރިންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ފޯކައިދޫ، ފިނޭ އަދި މިލަދޫގައި އާ އިންޖީނުގެ އަޅަން ހަވާލުކޮށްފި

ށ. ފޯކައިދޫ އާއި ހދ. ފިނޭ އަދި ނ. މިލަދޫގައި އާ އިންޖީނުގެއެއް އަޅަން ފެނަކަ ކޯޕަރޭޝަނުން ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

ފިނޭގައި އިންޖީނުގެ އަޅަން ހަވާލުކުރީ އެލް އެފް ކޮންސްޓުރަކްޝަން ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. މާރިޗް 19، 2020 އަށް އިންޖީނުގެ އަޅާ ނިންމާ ގޮތަށް އެކުންފުންޏާ މަސައްކަތް ހަވާލުކުރީ 5.2 މިލިއަން ރުފިޔާއަށެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުމަދު ފިރާގެވެ.

ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އަޅަން ހަވާލުކުރީ ވަލީދު ކޮންސްޓުރަކްޝަން އަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 5.7 މިލިއަން ރުފިޔާއަށެވެ.

އެ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރިޔާ ވެރިޔާ ވަލީދު އަބްދުލް ގާދިރެވެ.

ނ. މިލަދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއަކީ ވެސް 5.5 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތްކުރާ ތަނެކެވެ. އެ މަސައްކަތް ހަވާލުކުރީ ބީޗް ބިލްޑާސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު އިބްރާހިމެވެ.

ފެނަކަ އިން ބުނީ، ފޯކައިދޫ އަދި މިލަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހަށް ނިންމަންޖެހޭ ގޮތަށެވެ.

މި ތިން ރަށުގެ ރަށުގެ އެއްބަސްވުމުގައި ވެސް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެވެ.

އިންޑޮނޭޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

އިންޑޮނޭޝިއާ ކައިރިއަށް އައި ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އެ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ މަލަކު އައިލެންޑްސްގެ ހުޅަނގުއުތުރުން 134 ދުރަށް ކަމަށެވެ. ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައިވަނީ 62 ކިލޯ މީޓަރު އަޑިއަށެވެ.

ނަމަވެސް ބިންހެލުންތަކުގެ އެޕިސެންޓަރުން ބުނާ ގޮތުން، ރިޕޯޓް ކުރެވިފައިވަނީ 7.1 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވެސް ބުނީ، ނޮދާން މޮލުކާ ސީގެ 10 ކިލޯ މީޓަރު އަޑިއަށް އައިސްފައިވަނީ 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ. ނަމަވެސް އެ ބިންހެލުމުން އުފެދިދާނެ ކަމަށް ބެލެވޭ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް އެ ސާވިސް އިން ބުނެއެވެ.

ބިންހެލުމާ ގުޅިގެން އިންޑޮނޭޝިއާގެ ސެއިސްމޮލޮޖިކަލް އެޖެންސީން ވަނީ އެގައުމުގެ އައްސޭރިފަހުގެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފައެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ނެރެފައިވާ ސުނާމީގެ އިންޒާރުގެ މެސެޖުގައި ވަނީ، ބިންހެލުން އައި ސަރަހައްދާ 300 ކިލޯމީޓަރު ދުރުގައިވާ ހުރިހާ އައްސޭރި ފަށަށް ސުނާމީގެ އިންޒާރު ނެރެފައެވެ. އަދި ސަމާލުވެ ތިބެ، އިންޑޮނޭޝިއާގެ ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ވަނީ އަންގައިފައެވެ.

މިއަދު ބިންހެލުން އައި ސަރަހައްދަށް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ 6.9 މެގްނިޓިއުޑުގެ ބިންހެލުމެއް އައިއިރު، ޓާނޭޓް އައިލެންޑަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް ވެސް އައިސްފައެވެ.

ސަސްޕެންޑު ކުރަން ނިންމި ނިންމުން ބަލައެއް ނުގަންނަން: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައިނުގަތުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ނިންމަވައިފިއެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހަޅަން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު އެ ބައްދަލުވުމުގައި އެދެބޭފުޅުން ސަސްޕެންޑު ކުރަން ނިންމީ އެބޭފުޅުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ދިގު ބަޔާނުގައި ވިދާޅުވީ، ދުސްތޫރީ ހަމަތަކާއި އުސޫލުތަކާއި އާލަމީ މަބްދައުތައް މުގުރައި ގާނޫނުއަސާސީ އެމައްޗަށް އެކަށައެޅިގެންވާ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށް، ޖޭއެސްސީން މިހާރު އަމަލު ކުރަމުން ގެންދަނީ، ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ އޮތް ދައުރާއި ބާރުތައް އެ ކޮމިޝަނުން އަދާކުރުމުގެ މައްޗަށް އެކޮމިޝަނުގެ މަސައްކަތްތައް ތަރުތީބު ކުރުމަށް ކަމަށްކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

އެ ބީދައިން، އެ ކޮމިޝަނުން ސުޕްރީމު ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ނެރެފައިވާ އަމުރުތަކެއްގެ ގަޟާއީ މެރިޓަށް ބަލައިގެން، އެއިން ނިންމުމެއް ނިންމުމުގައި ފަނޑިޔާރަކު ސުލޫކީ ނުވަތަ އަހުލާގީ ގޮތުން ހުއްދަ ނޫން އެއްވެސް ކަމެއް، އެއްވެސް މިންވަރަކަށް، އެއްވެސް ސިފައެއްގައި ހިންގި ކަމަށް، އެންމެ ކުޑަމިނުން ޝައްކު އުފައްދާންޖެހޭ ފަދަ ވިޔަސް ހެއްކެއް ނުވަތަ އަސާސެއް ދެއްކުމެއް ނެތި، ވުޖޫދުގައި ނުވާ ސުލޫކީ މައްސަލަތަކެއް ހިޔާލުން އުފައްދައިގެން، ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ތަހުގީގުތަކެއް ހިންގާކަމަށް ބުނެ، އެ ކޯތުގެ ބައެއް ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ސިލްސިލާ ގޮތެއްގައި ހިންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އިތުރަށް ބުނެފައިވަނީ ޖޭއެސްސީން އެކަން ހިންގާފައިވަނީ އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ނަގައިގެންނާއި އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓުގެ ބަދަލުގައި އެ ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ ކަމަށް ސިފަ ވެގެންދާނެ ގޮތުން ކަމަށެވެ.

ނަމަވެސް އެގޮތަށް އެ ކޮމިޝަނުން އަމަލު ކުރަމުން ގެންދަނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު އެމްބެލެންސްވެ ފުނޑުފުނޑު ވެގެންދާނެ މިސްރާބަކަށްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، އޭނާ އާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އާދަމް ސަސްޕެންޑު ކުރަން ނިންމައި، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހެޅީ ގާނޫނުއަސާސީން ލިބިދީފައި ނެތް ބާރުތަކެއް އަމިއްލައަށް ލިބިގަނެ، ތައައްސުފީ ގޮތެއްގައި، ގާނޫނީ އަދި ދުސްތޫރީ އެއްވެސް ހަމައަކަށް ބޯލެނބުމެއް ނެތި، ގަދަބަދަވިކަމާއި ގަދަބާރުން ހިތުހުރި ގޮތެއް ހެދުމުގެ އުސޫލުންނެވެ.

އެގޮތުން އެކަން ކުރުމަށްފަހު އުއްތަމަ ފަނޑިޔާރުގެ ބަދަލުގައި ސުޕްރީމް ކޯޓު ހިންގުން ވެސް ކޮމިޝަނުން ކަނޑައެޅި ފަނޑިޔާރަކާ ހަވާލު ކޮށްފައިވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަކީ އަދި އެ މަގާމުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާ ހަވާލު ކުރުމަކީ އެ ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ސުޕްރީމު ކޯޓަކީ ޖޭއެސްސީގެ ދަށުން ހިނގަމުންދާ މުއައްސަސާއެއް ނޫން ކަމާއި އެއީ ކޮމިޝަނަށްވުރެ ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ދިވެހި ދައުލަތުގައި ހުރިހައި ގޮތަކުން އިސް ވެގެންވާ މުއްސަސާއެއް ކަމާއި އެފަދައިން ޖޭއެސްސީން ކަން ކުރުމަކީ ދުސްތޫރީ އުރުފުތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިއެވެ.

އަދި ވިދާޅުވީ، ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަދި ޣައިރުގާނޫނީ އިޖުރާއާތުތަކެއް ހިންގައިގެން، އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް ސަސްޕެންޑް ކުރުމަށް ޖޭއެސްސީ ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.

“…އެ ނިންމުމުމަށް ތަބައަވުމަކީ އަޅުގަނޑު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ހައިސިއްޔަތުން ކޮށްގެން ހުރި ގާނޫނީ ހުވަޔާ ހިލާފުވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ދިވެހި ރައްޔިތުންނަށް ޣަދަރުވެރިވެ ހިޔާނާތްތެރިވުން ކަމުގައިވާތީ، އެ ނިންމުން ބަލައިނުގަތުމަށް ނިންމައި އެވާހަކަ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،” އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ފިލިޕީންސް އަތުން ބަލިވެ، ކޮލިފައިވުމަށް ރާއްޖެއަށް ހުރަސްތަކެއް

ފީފާ ވޯލްޑު ކަޕް ކޮލިފިކޭޝަނުގައި ފިލިޕީންސް އަތުން 2-1 އިން ބަލިވެ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް ހަނިވެއްޖެއެވެ.

ގަލޮޅު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގިނަ ވަގުތު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ރަނގަޅު ފުރުސަތުތަކެއް ރާއްޖޭގެ ޓީމުން ހޯދިއެވެ. ނަމަވެސް މެޗުން ފިލިޕީންސް މޮޅުވުމުން އެގައުމު ވަނީ ހަތް ޕޮއިންޓް ހަމަކޮށް، ރާއްޖެއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ބޮޑުކޮށްފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ފޯވާޑް، އަލީ އަޝްފާގު (ދަގަނޑޭ) އަދި ނާއިޒް ހަސަން (ދާދު) ހިމަނާފައެއްނުވެއެވެ. އޭގެ ބަދަލުގައި ފޯވާޑުންގެ ގޮތުގައި ފުރަތަމަ ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ އާއި އަލީ ފާސިރު (ސެންޓޭ)އެވެ.

މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ފުރަތަމަ ހަމަލާ ފެނުނީ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ފަރާތުންނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖައްސާލި ބޯޅަ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ހަމްޕު ފޮނުވާލުމުން ފިލިޕީންސްގެ ގޯލްކީޕަރު ނީލް އެތެރިޖް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މެޗުގައި ފިލިޕީންސަށް ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 32 ވަނަ މިނެޓުގައި ފިލިޕީންސް އިން ނެގި ކޯނަރެއް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު ނޫމާން (ހެލްމެޓް) އަތުގައި ޖެހުމުން ފިލިޕީންސަށް ލިބުނު ޕެނަލްޓީއެވެ.

ނަމަވެސް ޕެޓްރިކް ރެއިޝެލްޓް ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދިފާއުކުރިއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 49 ވަނަ މިނެޓުގައި ރާއްޖެ އަށް ވަނީ މުޅި މެޗުގައި ވެސް ލިބުނު އެންމެ ހުސް ފުރުސަތު ލިބިފައެވެ.

ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ނުރައްކާކުރުމުގެ ކުރިން ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ އެ ބޯޅަށް ދިފާއުކޮށްފައެވެ.

މެޗުގައި ފިލިޕީންސް އިން ލީޑު ނެގީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މެދުތެރެއިން ހުސެއިން ނިހާން (ނިހާޓް) އަށް ސަލާމަތްނުކުރެވު ބޯޅައެއް ހޯދައި، ހުސްކޮށް ހުރެ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން އެ ލަނޑު ކާމިޔާބުކުރީ އިއާން ރަމްސޭއެވެ.

އެގޯލަށްފަހު ސެންޓޭ އަދި އަސައްކޮގެ ބަދަލުގައި ދާދު އަދި ދަގަނޑޭ ކުޅެން ނުކުތެވެ.

ނަމަވެސް ފަސް މިނެޓު ފަހުން ރާއްޖޭގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުގެ ފިލިޕީންސް އިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ފިލިޕީންސްގެ އިއާން ރަމްސޭ އާއި ޕެޓްރިކް ރީޝެލްޓް ފޮނުވާލި ދެ ހަމަލާއެއް ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެ، ލިބުނު ރީބައުންސް ބޯޅައަކުން އެ ލަނޑު ޖެހީ ޖޯން ޕެޓްރިކް ސްޓްރޯސްއެވެ.

މެޗުގައި ރާއްޖެއަށް ދެން ރަނގަޅު ހަމަލާއެއް އުފެއްދުނީ މެޗުގެ 76 ވަނަ މިނެޓުގައި، ދެވަނަ ހާފުގައި ކުޅެން ނުކުތް އިތުބާރު ފޯވާޑް ރިޒޭގެ ފަރާތުންނެވެ. ފޭދޫ އިއްބެ އަރިމަތިން އަރައި އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރި ރިޒޭ އަށް ޖައްސާލި ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް، ފިލިޕީންސްގެ ކީޕަރު އެތެރިޖް ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

އޭގެ ތިން މިނެޓް ފަހުން ދަގަނޑޭއަށް ވެސް ހަމަލާއެއް އުފެއްދިއެވެ. ފިލިޕީންސް ގޯލުގެ ވާތް ފަރާތުގައި ހަނި އޭންގަލުން ފޮނުވާލި އެ ބޯޅަ ދިޔައީ ދަނޑި މަތިންނެވެ.

މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ދަގަނޑޭ އޭރިއާ ތެރެއަށް އޮއްސާލި ރީތި ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ.

ފިލިޕީންސް އަށް މިއަދު ލިބުނު މޮޅާއެކު ހަތް ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތްއިރު، ގްރޫޕުގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވެސް ލިބިފައިވަނީ ފިލިޕީންސްއާ އެއްވަރަށް ހަތް ޕޮއިންޓެވެ. ފިލިޕީންސް އަށްވުރެ ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ނަމަވެސް ނުވަ ޕޮއިންޓާއެކު މިވަގުތު ގުރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއާ ދެކޮޅށް ޗައިނާއިން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެ ޓީމަށް އެއްވަނައަށް އެރޭނެއެވެ.

ކޮލިފައިންގައި ދެން ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އަންނަ އަންގާރަ ދުވަހު އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

ފަލަސްތީނަށް އިޒްރޭލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣާޒާއަށް އިޒްރޭލުން ދާދި ފަހުން ދިން ހަމަލާތަކުގައި އެގައުމުގެ ކުށެއް ނެތް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމް ކޮށްލާފައިވާތީ ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ޣާޒާއާ ދެކޮޅަށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ކިޔާ ކަމަށެވެ.

އަދި އިޒްރޭލުން ވެރިވެގެންފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް އިޒްރޭލުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާތީ ދިވެހި ސަރުކާރުގެ ބަޔާނުގައިގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެފައިވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރެލް އެސެމްބަލީން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް ކުރަމުންދާ އަމަލެއް ކަމަށް ބުނެފައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ހައްލުކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން، ވަކިން ހާއްސަކޮށް މިސްރުން ކުރަމުންދާ މަސައްކަތްތަކަށް ބަޔާނުގައި މަރުހަބާ ކިޔާފައެވެ.

މެދުއިރުމަތީގައި ދިގު ދެމިގެންދާ ސުލްހައަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ 1967 ވަނަ އަހަރު ސަރަހައްދީ އިން ވަކިކުރެވުނު ގޮތަށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި އޮވެ، ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތެއް ގާއިމު ކުރުމަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އަދި މިނިވަންކަން ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ތަކުލީފުން އަރައިގަތުމަށް ފަލަސްތީނު ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމި ތިބޭނެ ކަމުގެ ޔަގީންކަން ބަޔާނުގައި ދީފައިވެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުޅުދުށްފުށީގައި ފަށައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ހދ ކުޅުދުށްފުށީގައި އިއްޔެ ފަށައިފިއެވެ.

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާދުޝާހު ޑަބްލިއުސްއޭ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ސްޕޯޓްސް ފެސްޓިވަލް ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް މި ގޭމްސްގެ ތެރެއިން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑަބްލިޔު ސްޕޯޓްސް އެކަޑަމީގެ ނައިބް ރައީސް މުހައްމަދު އާދަމް ވިދާޅުވީ މިފެސްޓިވަލްގައި އަންހެން އެތްލީޓުން ހާއްސަކޮށްގެން ނެޓްބޯޅައާއި ހޭންޑްބޯލް ކުރިޔަށް ދާއިރު ފިރިހެން އެތަލީޓުންނަށް ބީޗްވޮލީއާއި ހޭންޑްބޯލްގެ އިތުރުން ބާސްކެޓް ބޯލް ގައި ބައިވެރިވެވޭނެކަމަށެވެ. ހާއްސަ ބައެއްގެ ގޮތުގައި 14 އހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށްވެސް ކުޅިވަރުތަކެއް ހިމަނާފައިވާކަމަށްވެސް ޑަބްލިޔު ސްޕޯޓްސް އެކަޑަމީގެ ނައިބް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ބާއްވާ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލްގައި އެއަރ ބެޑްމިންޓަން ތައާރަފްކުރުމުގެ ގޮތުން އެ ކުޅިވަރު ދައްކާލުމުގެެ ކުޅޭ މެޗެއްތަކެއްބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

500އަށް ވުރެއް ގިނަ އެތްލީޓުން ބައިވެރިވާ މި ބީޗް ސްޕޯޓްސް ފެސްޓިވަލްގައި 107 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީގައި ކުރިޔަށް މި ފެސްޓިވަލްގައި ކުރިއަށްދާނީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގެ މެޗްތައް ކުރިޔަށް ދާނީ ހެނދުނު 06:30 ފެށިގެން 09:00 އަށެވެ. އަދި މެންދުރުގެ ދަންފަޅި ކުރިޔަށްދާނީ ހަވީރު 03:30 ފެށިގެން އިރުއޮއްސި 06:00 އަށެވެ.

ރައްޔިތުންގެއަތުން ނަގާ ޓެކްސް ފައިސާ ހޭދަކުރަންޖެހޭނީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށް: އާޒިމް

ދިވެހި ރައްޔިތުންގެއަތުން ނަގާ ޓެކްސް ފައިސާ ހޭދަކުރަންޖެހޭނީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށްކަމަށާއި، ކުންފުނި ތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ނޫންކަމުގައި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ބަޖެޓަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާާޒިމް ވިދާޅުވީ، ދައުލަތް ހިންގުމަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ޙީއްސާކުރަނީ ރައްޔިތުން އަތުން ނަގާ ޓެކުހުން ލިބޭ ޢާމްދަނީންކަމަށާ، ބަޖެޓްގެ 59 އިންސައްތައަކީ ޓެކްސްއިން ލިބޭ ފައިސާކަމަށެވެ.

ޢަލީ އާޒިމްވަނީ ބަޖެޓްގައި ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެގޮތުގައި ދިނުމަށް އެއްވެސް ފައިސާއެއް ހިމަނާފައިނުވާނަމަ އެފައިސާއެއް ބަދަލުގެގޮތުގައި ދެވިގެން ނުވާނެކަމަށެވެ.

“ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެގޮތުގައި ދިނުމަށް އެއްވެސް ފައިސާއެއް ހިމަނާފައިނުވާނަމަ އެފައިސާއެއް ބަދަލުގެގޮތުގައި ދީގެންނުވާނެ. އެއީ އަޅުގަނޑުމެން ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށްވެސް ގަބޫލުކަމެއްނޫން. ބަދަލުތަކަށް ފައިސާ ދިނުމަކަށް ނޫން ރައްޔިތުން ޓެކްސް ދައްކަނީ. ރައްޔިތުން ފައިސާދައްކަނީ ރައްޔިތުން ބޭނުންވާ ޚިދުމަތަށް ލިބޭނޭގޮތަށް ކަންކަން ކުރުމަށް.” ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާގޮތަށް ފައިސާ ހޭދަކުރުމަކީ ޑިމޮކްރަސީކަމަށެވެ. އަދި ދައުލަތުގެ އިސްރާފު މަދުކޮށް ޚިޔާނާތް މަދުކުރުމަށް ދައުލަގެ ނިޒާމްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށާއި، ޚާއްޞަކޮށް މާލިއްޔަތު ޤާނޫނަށް ބަދަލު ގެންނަންޖެހިފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.