“އެމްޑީއެންވެސް ސަލަފުވެސް އުވާލާކަށް ނުފެނޭ، ފިޔަވަޅު އަޅަންވީ ކަންކުރި މީހުންނަށް”

އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ބަދުބަސްބުނެ ރިޕޯޓެއް ނެރުނު މޯލްޑިވިން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ފިޔަވަޅު އެޅުމަށް ނިންމި ދީނީ ޖަމިއްޔާ ޖަމިއްޔަތުއް ސަލަފު އުވާލާކަށް އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކާސް” ނަމުގައި ރައްޔިތުން މަޖިލީހުން އިންތިޒާމުކޮށްގެން ބޭއްވި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނީ ޖަމިއްޔާތަކަކަށް ނޫން ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނީ އެކަންކަން ކުރި މީހުންނަށް ކަމަށެވެ.

“ތި ދެ ތަން ވެސް އުވާލައިގެން ނުވާނެއޭ އަޅުގަނޑުގެ ވާހަކައަކީ. ސަލަފު ވެސް އުވާލައިގެން ނުވާނެއޭ. އެމްޑީއެން ވެސް އުވާލައިގެން ނުވާނެއޭ. ޖަމިއްޔާއެއް ހުރެފައި ކުށްވެރިއެއް ނުވާނެ. އެ ކަމެއް ކުރި މީހެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނީ،” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކްލަބު ޖަމިއްޔާތަކާއި ޕާޓީތައް އުވާލުމުގެ ވިސްނުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއް ކަމަށެވެ. އެއީ ނުރައްކާތެރި ވިސްނުމެއް ކަމަށް ފާހަގަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ސަލަފު ކަމަށްވީ ނަމަވެސް އެމްޑީއެން ކަމަށްވީ ނަމަވެސް ކުށް ކޮށްފިއްޔާ، އެ ކުށް ކުރި މީހަކަށް ހައްގު އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ މަހުގެ ކުރީކޮޅު ޖަމިއްޔާތަކާ ބެހޭ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެން އުވާލުމަށް ނިންމާފައެވެ.

އެމްޑީއެން އުވާލުމަށް ޔޫތް މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޑީއެން އަށް މުއްދަތު ދީފަ އެވެ.

ރިޔާސީ އިންތިހާބަށް ނިކުތުމާއި މެދު ގޮތެއް ނިންމާނީ ރައީސް ސޯލިހާ މަޝްވަރާ ކޮށްފައި: ނަޝީދު

ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކާ” ޕްރޮގްރާމުގައި އެމަނިކުފާނާ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދައްކަން އަދި އަވަސް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެކުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ބައިވަރު ކަމަށާއި އެހެންކަމުން އެހެންކަމުން ރިޔާސީ އިންތިހާބާއި މެދު އަދި ނުވިސްނާ ކަމަށެވެ.

“ދެން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެމީހުންގެ ތެރެއިން ކާކުތޯ ކުރިމަތިލާނީ، އަދި އަޅުގަނޑުމެން ކިހިނެއްތޯ ރިޔާސީ އިންތިހާބުގައި މަސައްކަތްކުރާނީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެއްބަސްވާ ކަމެއް ކުރާނަން. އެއަކު އަޅުގަނޑު ހިތުގައި ޝައްކެއް ނެތް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ސިޔާސީ ކަންކަމުން ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަކަށް ތާއީދުވެސް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރާނީ އެގޮތަށް ރައްޔިތުން ބޭނުންވާ ކަމަށް ވާނަމަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނު އެފަދަ މަސައްކަތެއް ފަށާނީ މުޅި އެމްޑީޕީން އެ ގޮތް ބޭނުންވެއްޖެނަމަ ކަމަށްވެސް ރަައީސް ނަޝީދު ވިދާޅުވިއެވެ.

“ވެރިކަމުގެ ނިޒާމަށް ބަލާއިރު އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީއަކަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ މީހެއް. އެ މަސައްކަތް އަޅުގަނޑު ކުރާނީ އެމްޑީޕީގެ ތެރެއިން އެކަން ކުރަން ގިނަ ރައްޔިތުންތަކެއް ތިބި ކަމަށްވާނަމަ. އެމްޑީޕީގެ ތެރެއިން މަދު ބަޔަކު އެކަން ކުރަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ ދެއްތޯ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ސީދާ ނުދެންނެވި ނަމަވެސް އެމްޑީޕީން އއ. އުކުޅަހުގައި 2018ވަނަ އަހަރު ބޭއްވި ކޮންގްރެސްއާ ހަމައަށްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ދައްކަމުން ދިޔައީ ރައީސް ނަޝީދެވެ. އަދި ހުދު އެމަނިކުފާނުވެސް ހުންނެވީ އެކަން އެގޮތަށް ނިންމަވައިގެންނެވެ. ނަމަވެސް ޖަލު ހުކުމާއި އެކު އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނެވުމާއި އޭރުގެ ސިޔާސީ މަސްރަހު އެމަނިކުފާނު އިންތިހާބަށް ކުރިމަތިލެއްވުމާއި ގާނޫނީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުން ސެގާޓް ވަކިކުރަން ނިންމައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ޕީޓަ ސެގާޓް ވަކިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އޭނާގެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން ހާމަކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ.

ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހެޑްކޯޗާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އޭނާއާ އެކު އެފްއޭއެމުން ހަދާފައިވާ ކޮންޓްރެކްޓް ވަގުތުން އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފްއޭއެމް އިން ވަނީ ސެގަޓު ޓީމަށް ހޯދައިދިން ކާމިޔާބީތަކަށާއި ކުރިއެރުންތަކަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި އަފްގާނިސްތާނުގެ ކުރީގެ ކޯޗު ސެގާޓު ގައުމީ ޓީމުގެ ކޯޗު ކަމުން ވަކިކުރަން ނިންމާފައި މިވަނީ، ރަން މެޑެއްޔަކަށް އަމާޒުކޮށްގެން ސައުތު އޭޝިއަން ގޭމްސްއަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމު މޮޅެެއް ނުލިބި ނިންމާލުމާ ގުޅިގެންނެވެ.

އެގޮތުން، މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މި ވަގުތު އޮތީ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ތާވަލުގެ ފުލުގައެވެ.

އެގޮތުން ފުރަތަމަ މެޗުގައި ލަންކާ އަތުން 0-0ގެ ނަތީޖާއަކުން އެއްވަރު ކުރިއިރު، ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗު ވެސް ނިންމާލީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ނަމަވެސް ރާއްޖޭގެ ތިންވަނަ މެޗުގައި 2-1ގެ ނަތީޖާއަކުން ފުޓްބޯޅައިން ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ ގޮތުގައި ލޭބަލްކުރެވިފައިވާ ބޫޓާން އަތުން ބަލިވިއިރު، މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވީ ވެސް 2-1ގެ ނަތީޖާއަކުންނެވެ.

ސެގަޓަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.

ޒުވާން ކުޅުންތެރިން ގޮވައިގެން ގޮސް ސެގާޓް އެ މުބާރާތުގެ ތަށި އުފުލާލީ، ގުރޫޕް ސްޓޭޖުގައި ލިބުނު ހަނި ފުރުސަތުން ސެމީއަށް ގޮސް ސެމީގައި ނޭޕާލް 3-0 އިން ބަލިކޮށް އަދި ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށްގެންނެވެ.

އެއީ ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރީ 2008 ގައެވެ.

އިންޑިއާގެ ލޮކް ސަބާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާ އާއެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެއްބަސްވުމެއްގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މި އެމްއޯޔޫގައި ސޮއިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެމްއޯޔޫގައި ސޮއިކުރަން 68 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ޖެހިވަޑައި ނުގެން އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

އިންޑިއާގެ ތިރިގި، ލޮކް ސަބާއާ އެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެ އެމްއޯޔޫގައި ސޮއިކުރާނީ، މަޖިލީހުގައި ތަމްސީލު ކުރާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް މިމަހުގެ ނުވަޔަކުން 13 އަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ތެރެއިން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުން ކަމަށެވެ. އެގޮތުން ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ދައުރުގައި މެންބަރުން ކުރީ މުސާރަ ހަލާލުވާ ވަރުގެ މަސައްކަތްތަކެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތަށް ބަލާއިރު އެ މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރަ ހަލާލު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، ނަޝީދު ވަނީ މި ދައުރުގައި މެންބަރުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ތައުރީފު ކުރައްވާފައެވެ.

މި ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތްތަކުގެ ތަފާސް ހިސާބު އިއްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި މެމްބަރުން މަސައްކަތް ކުރެއްވީ 63 ދުވަހު ކަމަށެވެ. މިދިޔަ ދައުރަށްވުރެ މި ދައުރު ކުރުވި ނަމަވެސް މެމްބަރުން ކުރެއްވި މަސައްކަތް މި ދައުރުގައި މާގިނަ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ދައުރުގައި ލިބުނު ބިލުތަކާއެކު ޖުމްލަ 39 ބިލެއް މި ދައުރުގައި ހުށަހެޅުނުއިރު އޭގެތެރެއިން 11 ބިލުގެ މަސައްކަތް ނިމިފައިވާއިރު ނުނިމި 28 ބިލެއް އެބައޮތެވެ.

މި ދައުރުގައި ދެ ގަރާރެއްގެ މަސައްކަތް ނިމުނުއިރު، ނުނިމި 15 ގަރާރެއްގެ މަސައްކަތް އެބައޮތެވެ. އަދި ސަރުކާރުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 17 މައްސަލައެއް ނިމިފައިވާއިރު ނުނިމި ވަނީ އެންމެ މައްސަލައެކެވެ. މި ދައުރުގައި ޖުމްލަ 33 ޖަލްސާ ބޭއްވިއިރު އެ ޖަލްސާތަކުގައި މެމްބަރުން ޖުމްލަ 128 ގަޑިއިރާއި 37 މިނެޓް ހޭދަކޮށްފައިވާއިރު މެމްބަރުން 92 ޕަސެންޓު ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މަސައްކަތަށް ބަލާއިރު، މި ދައުރުގައި 395 ކޮމިޓީ ބައްދަލުވުމުން ބޭއްވުނުއިރު 441 ގަޑިއިރާއި 20 މިނެޓް ކޮމިޓީތަކުގައި މެމްބަރުން ހޭދަކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“569 ގަޑިއިރު ގެ މަޖިލިސް މަސައްކަތް އަޅުގަނޑުމެން މިކުރީ. ކޮންމެ ދުވަހަކު އަށް ގަޑިއިރު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ އިއްޒަތްރެރި މެންބަރުނ.ް އަޅުގަނޑަށް ލަފާ ކުރެވޭގޮތުގައި މުސާރަ ހަލާލު،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލިސް ހިންގަމުންދާނީ ތިން ދައުރަކަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ގަވާއިދު ބުނެއެވެ.

އާއްމުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު އައްޔަނެއް ނުކުރެވުނު

އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މީހަކު އައްޔަން ކުރަން މަޖިލީހުގައި މިއަދު ވޯޓު ނެގި ނަމަވެސް އެއްވެސް ފަރާތަކަށް ރުހުން ދިނުމަށް ފާހެއް ނުވިއެވެ.

އާއްމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މަޖިލީހުން ކުރި އިއުލާނަށް 6 ފަރާތަކުން ކުރިމަތިލިއެވެ. ޖޭއެސްސީއަށް އާންމުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ ޒުބައިރު އަޙްމަދު މަނިކާއި، ޢަލީ މުޙައްމަދު މަނިކާއި، އަޙްމަދު ނިޤްމާދާއި، އަޙްމަދު ސާވީއާއި، މިރުފަތު ފާއިޒްގެ އިތުރުން ހުސެއިން އަމްރުއެވެ.

ޖުޑީޝަރީ ކޮމެޓީން މި ބޭފުޅުންނާއި އިންޓަވިއު ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ދެ ނަމަކީ ހުސައިން އަމްރުއާ އަހުމަދު ސާވީއެވެ.

މީގެކުރިންވެސް ޖޭއެސްސީއަށް އާއްމުންގެ ފަރާތުން އައްޔަން ކުރާނެ ފަރާތެއް ހޯދަން އިއުލާނުކުރިއެވެ. އެހެންނަމަވެސް އެފަހަރު އެ ނަންތަކަށް ކޮމެޓީ މަރުހަލާގައި ތާއީދެއް ނުލިބުނެވެ.

މިއަދުގެ ވޯޓުގައި ހުސައިން އަމްރުއަށް ރުހުން ނުދޭން 60 ބޭފުޅުން ވޯޓު ދެއްވިއެވެ. އެއް މެމްބަރަކު އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

އަހުމަދު ސާވީއަށް ރުހުން ނުދިނުމަށް ވޯޓު ދެއްވީ، 62 މެމްބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ، އެއް މެމްބަރެކެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރަން ރުހުން ދީފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަކި ކުރުމުގެ އިޖުރާއަތް ފެށުމާއެކު އޭނާ މިދިޔަ މަހުގެ 28 ވަނަ ދުވަހު އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެހެންވެ، ރައީސް އޮފީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާއިރު އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ.

އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވަރަށް ގިނަ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލު އަހުމަދު ޒަނީނެވެ.

އެބޭފުޅުންގެ ތެރެއިން ޕީޖީގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ރައީސް ފޮނުއްވީ ޝަމީމުގެ ނަމެވެ. އަދި އޭނާގެ ނަން ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ވެސް އޭނާއަށް ރުހުން ދިނެވެ.

އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރަކަށް ސުއޫދު އައްޔަންކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މި ދެބޭފުޅުންނަށް ވޯޓަށް އެހިއިރު ޖަލްސާއަށް 75 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވިއިރު، އުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ސުއޫދު ފަނޑިޔާރު ކަމަށް އައްޔަންކުރަން ފާސްވީ 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ސުއޫދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެންމެ މެންބަރަކު ވޯޓު ދެއްވިއެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމުންނެވެ. އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ގާނޫނީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުތުތަސިމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ނިންމުމުން މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރިއެވެ.

 ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަމާއި އެޗްއާރުސީއެމްގެ މެންބަރުކަން ވެސް ކުރެއްވި ސުއޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.

އޭނާ މިވަގުތު ހުންނެވީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ.

ގާނޫނަށް ބަދަލު ގެނެސް ފަސް ފަނޑިޔާއުން ތިއްބަވާ ސުޕްރީމް ކޯޓީގެ ބެންޗް މި ސަރުކާރުން ހަތް ފަނޑިޔާރުންނަަށް ބަދަލު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޖޭއެސްސީއިން އަޅުގަނޑު ދުރަށްޖެހުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި: ނަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދުރަށް ޖެހިވަޑަގަތުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ނަޝީދު މިގޮތަށް ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފުި އުމަރު ވިދާޅުވި ވާހަކަފުޅަކަށް ރައްދު ދެއްވައެވެ. އެގޮތުން އާދަމް ޝަރީފް ވަނީ ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވާ މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ ނަޝީދު ޖޭއެސްސީއަ ދުރަށް ޖެހިވަޑައިގަތުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

“އެއީ މަނިކުފާނަކީ ސިޔާސީ ދާއިރާގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ރަނގަޅު ބޭފުޅަކަށް ވެފައި، އަދި މަނިކުފާނަކީ ރަނގަޅު މުސްތަގުބަލެއް އޮތް ބޭފުޅަކަށް ވާތީ، މިދެބައި އެއްކޮށްލައިގެން ކުރައަށް ދިއުމަކީ ރަނގަޅުކަމަކަށް ނުވާނެތީ،” ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީން އެމަނިކުފާނު ދުރަށް ވަޑައިގަތުމަކީ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ބޮނޑިއެއް ކަމަށެވެ.

“މިވަގުތު ޖޭއެސްސީގައި އަޅުގަނޑު އިން މަގާމުން ދުރަށް ޖެހުމަކީ، މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި،” ޖޭއެސްސީގެ މެމްބަރު، ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު އައްޔަން ކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 29ވަނަ ދުވަހުއެވެ.

މާލެ ސިޓީން އަންހެނުންނަށް ހާއްސަ ކުރީ ހަ ގޮނޑި، އައްޑޫ ސިޓީން ހަތަރު ގޮނޑި

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލުން ހަ އަންހެން ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކާއި އެކު އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން މިހާރު ކުރިއަށް ގެންދަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނީ 18 ގޮނޑި އެވެ. އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު 13 ގޮނޑި ހިމެނޭއިރު އެ ސިޓީގެ އަންހެނުން ކޮމެޓީ އަށް 10 މެންބަރުން އިންތިހާބު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީން މޭޔަރާއި އެކު ހަތް މެންބަރުން އިންތިހާބު ކުރާއިރު އަންހެނުން ކޮމެޓީގައި ހަ މެންބަރުން ތިބޭނެއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ހަތަރު ގޮނޑި ހިމެނޭއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ދެ ގޮނޑި ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އަދި އެ އިސްލާހުތައް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްވެސް ކޮށްފައެވެ. އެ އިސްލާހުތަކާއި އެކުގައި ކައުންސިލްތަކަށް ވަނީ މާލީ ބޮޑެތި ބާރުވެރިކަމެއް ލިބިގެން ގޮސްފައެވެ.