މުޙައްމަދު އީމާން
11 March 2019
މަޤްބޫލު ޙަބަރު

ކ. ގުރައިދޫ މަރުކަޒުން ބަލަހައްޓަމުންދިޔަ އަލީ ނިޔާޒު (އައްޔަ) މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އެކަން ހާމަކުރީ، ޑައުންސިންޑްރޯމް ހުންނަ އައްޔަ މަރާމެދު އާއިލާއިން ޝައްކުތަކެއް އުފައްދައި އެ މައްސަލަ ބަލައިދިނުމަށް އެދުމުންނެވެ.

ނިޔާޒަށް ބޮޑުބޭބެ ކިޔާ މީހަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ނިޔާޒަށް އައިޖީއެމްއެޗުން ފަރުވާދޭން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

އޭގެ އިތުރުން ވެސް ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރި ކަން ފާހަގަކޮށް ބުނެފައިވަނީ، ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާޒަށް އަމިއްލައަށް ދިޔާ ތަކެތި ދިރުވާލުމުގެ ހަކަތައެއް ވެސް ނެތް ކަމަށާއި ކާން ދޭން ޖެހުނީ ރަބަރު ޓިއުބެއް ބޭނުންކޮށްގެން ކަމަށެވެ.

އަދި ގުރައިދޫއަށް ގެންދިޔަ ފަހުން ނިޔާޒުގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާކަން ވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.

އާއިލާއިން އިތުރަށް ބުނީ، ނިޔާޒުގެ ދެ ފައިގެ ކުޑަހުޅާ ހިސާބު ދުޅަވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށާއި އެއީ އެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އާއިލާއިން އާންމުކުރި ނިޔާޒުގެ ފައިގެ ފޮޓޯތަކުން ވެސް އޭނާގެ ފައިގައި ނިޝާންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން އެ ފަރާތްތަކުގެ ލަފައާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ނިޔާޒު، 42 އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އަދި އޭނާ މަރުވެފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު އިތުރަށް ވިދާޅުވީ، ނިޔާޒުގެ ފައިގައި ޗޭނެއް އައްސާފައިވާކަން އެ މިނިސްޓްރީން ބެލިބެލުމުން އެނގުނު ކަމަށެވެ.

“އޭނާގެ އާއިލާއިން ފައިގައި ޗޭނެއް އައްސާފައި އޮތުމުގެ ސަބަބުން، އެ ނިޝާން ހަށިގަނޑުން ވަނީ ފާޅުވެފައި. އދ. މި މީހާއާ ގުޅޭ މައްސަލަ މިދަނީ ކަމާބެހޭ ފަރާތްތަކުން ބަލަމުން،” ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©