މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

މުބާރާތްތައް ބޭއްވީ އިޖްތިމާއީ ހަރަކާތެއްގެ ތެރެއިން ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން ކަމަށާއި އެހެންކަމުން އެ މުބާރާތްތަކުގައި ދިން އިނާމުތަކަކީ ވޯޓު ހޯދަން ކުރި ކަމަކަށް ނުބެލެވޭނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ، އޭނާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ”އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019“ އާއި ރާޒުވާ މުބާރާތާ ގުޅޭގޮތުން މިއަދު އޭސީސީއަށް ހާޒިރުކުރުމުން ނުކުމެވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ.

އަލްހާން ވިދާޅުވީ، އޭނާ އޭސީސީއަށް ހާޒިރުކުރީ އެ މުބާރާތްތަކުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ދިން ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ހުށަހެޅުނު އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިގެން އެކަމާ ސުވާލު ކުރެއްވުމަށް ކަމަށެވެ.

އެގޮތުން އެ މުބާރާތްތަކަކީ ކެމްޕެއިންގައި ހިންގި އިޖްތިމާއީ ހަރަކާތެއްގެ ތެރެއިން މުޅި މާލެއަށް ހުޅުވާލައިގެން ހިންގި ހަރަކާތެއް ކަމަށާއި އެއީ ދާއިރާގެ ރައްޔިތުންނަށް ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވި މުބާރާތްތަކެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ.

އެހެންކަމުން އެއީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެއްގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައިވާ އިނާމަކީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވުނު ކަމަށް ނުވާއިރު މީގެ އިނާމަކީ އަޅުގަނޑު ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ގާނޫނީ ހަމަތަކުން ބެލޭނެ އެއްވެސް އަސާސެއް ނެތް،“ އަލްހާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އޭސީސީން މައްސަލަ ނަގައިގެން ގެންދާގޮތަށް ވަރަށް ބޮޑަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި އޭސީސީން ކުރިއަށް ގެންދާ ތަހުގީގަކީ ގަބޫލުކުރައްވާ ތަހުގީގެއް ނޫން ކަމަށް އެ ކޮމިޝަންގައި އަލްހާން މިއަދު ވަނީ ދަންނަވައިފައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©