މުޙައްމަދު އީމާން
17 March 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ އެހާ ބުދަނެއް ހުރި ވާހަތަކެއް ނޫން ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން ބަޣާވާތްކުރާނެ ކަމަށް އައްޑޫ ސިޓީ ހުޅުދޫގައި މިއަދު ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަލްހާންގެ ކެމްޕޭން ޓީމުން އިއްޔެ ބޭއްވި ހަރަކާތެއްގައި އަލްހާން ވިދާޅުވީ، ރައީސް ނަޝީދަކަށް ބަގާވާތަކީ ކޮބައިކަން އެނގިވަޑައެއް ނުގަންނަވާނެ ކަމަށާއި އެއީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ވާހަކައެއް ނޫން ކަމަށެވެ.

އަދި ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީމަ ބަގާވާތެއް ކުރެއްވި ވާހަކަ ދެއްކެވި ބޭފުޅަކީ އޭނާކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވީ، އެވާހަކަ ދެއްކީ ގާނޫނީ ނަޒަރިއްޔާއަކުން ކަމަށެވެ.

“ރައީސް ނަޝީދު ދައްކަވާ ވާހަކައަކީ މިހާރު ސިޔާސީ މައިދާނުގައި އެހާ ބުރަދަނެއް ހުރި ވާހަކައެއް ނޫން މިހާރަކު،” އަލްހާން ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ބަޣާވާތެއް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރޭ ވަނީ އެވާހަކަ ވިދާޅުވެފައެވެ.

ނ. ވެލިދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކެއް ހިމެނޭ، އެމްޑީޕީގެ ”އެޖެންޑާ 19″ގެ ސިޔާސަތުތައް ފުއްދުމަށްޓަކާ ރައްޔިތުން މަޖިލީހުގެ ގާނޫނީ ބާރު ލިބެންޖެހޭ ކަމަށާއި މަޖިލީހުގައި ތިއްބަވަން ޖެހޭނީ އެ ކަންކަމަށް ތާއީދުކޮށް ގަބޫލުކުރާ މެންބަރުން ކަމަށެވެ.

އެހެން ނޫނީ ކުރިން ވެސް ފެނިގެންދިޔަ ގޮތަށް ސަރުކާރުގެ ވައުދުތައް ނުފުއްދި ބޮޑު ބަޣާވާތަކާ ދިމާލަށް ގައުމުދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

”ރައްޔިތުން މަޖިލީހުގައި ތިބެންޖެހޭ އެއަށް ތާއީދު ކުރާ ގަބޫލުކުރާ މެންބަރުން. އަދި އަގުލަބިއްޔަތު އަޅުގަނޑުމެންނަށް އެތަނުގައި އޮންނަންޖެހޭ. އެހެންނޫނީ ކުރިއެކޭ ވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހޭނީ ސަރުކާރު ހުއްޓި، ވައުދުތައް ނުފުއްދި، އެންމެފަހުން ބޮޑު ބަޣާވާތަކާ ދިމާލަށް މިސްރާބު ޖެހުން،“ ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©