.
17 March 2019
މަޤްބޫލު ޙަބަރު

ރިސޯޓްތަކުގައާއި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ ރޫމް ބޯއީންގެ ގަދަރު ކުޑަކޮށް އެމީހުންނަކީ ތަންދޮރު ނޭންގޭ ބައެއް ކަމަށް ވިދާޅުވުމުން، އޭދަފުށީގެ މިހާރުގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅުވައިގެން ޕީއެސްއެމްއިން ގެނެސްދޭ މަޖިލިސް ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސަލީމް އެގޮތަށް ވިދާޅުވި ކަމަށް ބެލެވެނީ، އެ ދާއިރާއަށް ލޭބާ ޕާޓީގެ ފަރާތުން ވާދަކުރައްވާ ޔޫސުފް މޫސާ (ޔޫސޭ)އަށް ނިސްބަތް ކުރައްވައެވެ.

ޔޫސޭއަކީ ޓޫރިޒަމް ދާއިރާގެ އެކި ތަފާތު ވަޒީފާތަކުގައި 1991 ވަނަ އަހަރުން ފެށިގެން 28 އަހަރު ހިދުމަތް ކުރެއްވި އަދި މިހާރު ރިސޯޓެއްގެ ޑިޕާޓްމަންޓެއްގެ އިންޗާޖެކެވެ.

އެގޮތުން ރުންކުރުކޮށް ސަލީމް ވިދާޅުވީ، “ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފައި އައިސް މަޖިލީހަށް ދިޔައީމާ” ކުރެވޭނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދަވައިފައެވެ.

އަދި މަޖިލީހަކީ ކިހާވަރެއްގެ މަސައްކަތެއް ކުރަންޖެހޭ ތަނެއްކަމާއި ކުރަންޖެހެނީ ކޮންކަހަލަ ކަންތައްތަކެއްކަން ނޭނގޭ މީހުން އެމީހެއްގެ ފެންވަރު ނޭންގިގެން މަޖިލީހަށް ކުރިމަތިލައްވައިގެން އުޅޭ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.

“ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފަ އައިސް މަޖިލީހަށް ދިޔައީމާ މި ކުރަންހުރީ ކިހާވަރެއްގެ މަސައްކަތެއް ކަމާއި، ތިމާ އަށް ކުރެވޭނީ ކިހާ މަސައްކަތެއް ތޯ؟ ތިމާގެ ގާބިލުކަން ހުރީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ގާބިލުކަން ހުރި މިންވަރު އަޅުގަނޑުމެންގެ އަމިއްލަ ވިޔަފާރިންނާއި، އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތުންނާއި، އަޅުގަނޑުމެން މިހާތަނަށް ދިރިއުޅެމުން އާ ގޮތާއި، މި ހުރިހާ ތަފްސީލުން އަޅުގަނޑުމެން ކުރިއަށް ގޮސްފައި ހުރި މިންވަރު ވަރަށް ސާފުކޮށް އެނގޭނެ،” ސަލީމް ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް ޔޫސޭ ރައްދު ނުދެއްވި ނަމަވެސް، ރާއްޖޭގެ އެންމެ ގިނަ ރިސޯޓް އޮންނަ ބ. އަތޮޅަށް ކުރިމަތިލައްވާ މެންބަރަކު ރޫމްބޯއީންގެ ގަދަރު ކުޑަވާގޮތަށް ދެއްކި ވާހަކަތަކަށް އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

އެގޮތުން ބައެއް މީހުން ރޫމްބޯއީން އަކަށް އުޅެނީ ތަންދޮރު ނުފިލާ މީހުންނެއް ނޫން ކަމަށާއި ރިސޯޓް ވަޒީފާއަކީ ދެރަ ވަޒީފާއެއް ނޫން ކަމަށް ބުނެފައިވާއިރު، މުއްސަނދި ވިޔަފާރިވެރިއަކަށްވުރެ ރައްޔިތުން ތަމްސީލު ކުރަން ރޫމްބޯއީއެއް ވެސް މާ އެކަށީގެންވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އަދި ބައެއް މީހުން ވަނީ ސަލީމްގެ ވާހަކަ ކުށްވެރިކޮށް، އޭނާ ދެއްކި ވާހަކައަށް މާފަށް އެދުމަށް ގޮވާލައިފައެވެ.

އޭދަފުށީ ދާއިރާއަށް ސަލީމް އާއި ޔޫސޭގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.

Leave a Reply

Your email address will not be published.

  1. Halaalu komme masakkathakee reethi masakkatheh. thimaa akee mahujanah veema, Fageerunnah malaamai koh furassaara kurumakee balaiganeveyne kameh nooon. Theegein ves engeny baeh Mahujanunnah fageerun ge Ihusaan thah neygey kan. #Respect

haftha.mv ©