Mon, 25 May, 2020, 9:33 pm
އަޅުގަނޑުގެ ކޮލިޓީއަކީ ހައްގުބަސް ބުނުން، އެކަމެއް ނުހުއްޓުވޭނެ: ނާދިރާ
8

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަށް ގާބިލް މީހަކަށް އޭނާ ވަނީ ހައްގުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ މީހަކަށްވުން ކަމަށް ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ޓީވީއެމްއިން ގެނެސްދޭ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ، އޭނާއަކީ ސަރުކާރުގެ ގިނަ ކަންތައް ބޮއްސުންލައިގެން ދިއުމުން އެކަންކަމާ ދެކޮޅަށް ތެދުވި މީހެއް ކަމަށެވެ.

އެގޮތުން ސަރުކާރުގައި ހުރެގެން އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ ބިންބިމާއި ފަޅުތައް ވިއްކުމުގެ ގާނޫނާ ދެކޮޅަށް ވެސް އޭނާ މަސައްކަތް ކުރެއްވި ކަމަށާއި އެކަމުގެ ސަބަބުން ގޭގައި ވެސް މަޑުކުރަން ޖެހުނުކަމަށެވެ.

“ސަރުކާރުގައި ހުރެގެން ވެސް ރައްޔިތުންގެ ހައްގުގައި ބުނަން ބޭނުންވާ އެއްވެސް ކަމަކަށް ހުއްޓުމެއް ނުގެނެވޭނެ. ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުން ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ސާފުކޮށް އަޅުގަނޑަށް އެނގިލައްވާ،” ސަރުކާރު ކޯލިޝަންގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ނާދިރާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ނާދިރާ ބަހުސްގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކަންކަމަށް ގާނޫނުތައް ނެތީކީ ނޫން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ނެތީ ހުރި މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ ގޮތްތަކާއި ގާނޫނު ހިނގާތޯ ބަލާނެ ބަޔަކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކަންކަން ގޯހުން ގޯހަށް ދާއިރު އަޑު އުފުލާނެ ބަޔަކުވެސް ނެތްކަން ފާހަގަކުރައްވާ ނާދިރާ ވިދާޅުވީ، އެކަން ކުރި އަދި އެކަމުގައި ވަކާލާތު ކުރި މީހަކީ އޭނާ ކަމަށެވެ.

Leave a comment

Your email address will not be published.