ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު އިންފްލުއެންޒާ ޖެހޭ އަދަދު އިތުރުވެފައިވާ ކަމަށާއި ރައްކާތެރިވުމުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީ އިން އިލްތިމާޒް ކޮށްފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންފްލުއެންޒާގެ ބާވަތްތަކުގެ ތެރެއިން އިންފްލުއެންޒާ ބީ މި ދުވަސްވަރު ވަރަށް ގިނައިން ފެތުރެމުން އަންނަ ކަމަށެވެ. އަދި ފަސޭހައިން ޖެހޭ މިެފަދަ ބަލި ތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވިދާޅުވި އެވެ.

ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، އައިޖީއެމްއެޗުން ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ދަންވަރު 12އާ ހަމައަށް އެޕޮއިންޓްމެންޓަކާ ނުލައި ފަރުވާ ދެވޭނެ އިންތިޒާމު އެ ކުލިނިކުން ވަނީ ހަމަޖައްސައި ދީފަ އެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި:

– އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ރުމާލަކުން ނުވަތަ ޓިޝޫ އަކުން ނިވާކުރުން. އަދި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން.

– އާންމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން.

– ރޯގާ ޖެހި ކެއްސާ ނަމަ، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަ ކުދިން ނުގެންދިއުން.

– ހުން އައިސް ގައިގާ ރިއްސާ ނަމަ ޕެރަސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން

– އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި، ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލުން.

– ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

– ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން (އުމުރުން ފަސް އަހަރަށް ވުރެ ކުޑަ ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރާ މީހުން) އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި މިފަރާތްތައް ރޯގަ ޖެހި ހުން އަންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން

– ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ނުދިއުން

Leave a Reply

Your email address will not be published.

haftha.mv ©