Fri, 28 February, 2020, 4:12 pm
ގޮތްނޭނގޭ ގޮތަށް ބީއެމްއެލުން ނަގަމުންދާ ފީތައް ހުއްޓުވަންޖެހޭ: މެމްބަރު ހުސެއިން

ދިވެހީންގެ ބޭންކު،  ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގޮތްނޭނގޭ ގޮތަށް ނަގަމުންގެންދާ ފީތައް ހުޓުވައި ވިޔަފާރީގައި ވާދަވެރިކަމެއް އުފައްދަން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުމެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.

މެންބަރު ހުސައިން މިގޮތަށް ގޮވާލައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ “ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލު”ގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ބޮޑެތި ދެތިން ކުންފުންޏަކުން ބައެއް ވިޔަފާރިތައް ޑޮމިނޭޓް ކުރަމުންގެންދާކަން ފާހަގަކުރައްވާ މެންބަރު ހުސައިން ވިދާޅުވީ ބީއެމްއެލުން ވެސް ކޮންމެ އަހަރަކު ސާފު ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ނެރެމުންދާ ކަމަށެވެ. އެ ފައިސާ އެގޮތަށް ލިބިގެންދަނީ އެ ބޭންކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ހިތުހުރި އިންޓަރެސްޓް ރޭޓެއް ނަގައިގެން ކަމަށް ވިދާޅުވިއެވެ.

“ބޭންކް އޮފް މޯލްޑިވްސްއިން ވެސް ކޮންމެ އަހަރަކު ސާފު ފައިދާގެ ގޮތުގައި ބޮޑު އަދަދެއް (މިލިޔަނެއްހާ ރުފިޔާ) ފައިދާގެ ގޮތުގައި ނެރެމުންދޭ. އެގޮތަށް އެހާބޮޑު ފައިދާއެއް ނެރެމުން އެގެންދަނީ އެމީހުންނަށް ލިބިފައިވާ ބާރުގެ ސަބަބުން. މުޅި އިންޑަސްޓްރީ އެއްކޮށް ކޮންޓްރޯލްކޮށް ހިތުހުރި އިންޓަރެސްޓް ރޭޓެއް ނަގައިގެން މުޅި އިންޑަސްޓްރީ އެވަނީ ޑޮމިނޭޓްކޮށްފައި،” މެންބަރު ހުސައިން ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ކްރެޑިޓް ކާޑު ދެވެނީ ހަމައެކަނި ބީއެމްއެލުން އެކަނި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ. އެހެން އެކަން ވެފައިވަނީ އެމެކްސް ކާޑާއި، ވިސާ ކާޑުގެ ކޮންޓްރޯލް އެ ބޭންކަށް އޮންނާތީ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ފަރާތްތަކަށް ބޭންކިންގެ ފުރުސަތު ހުޅުވާލުމުން ރައްޔިތުންނަށް މިހާރަށްވުރެ ކުޑަ އިންޓަރެސްޓް ރޭޓަކަށް ލޯނުތަށް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

“އިތުރު ފަރާތްތަކަށް މިފުރުސަތު (ބޭންކިންގެ ހިދުމަތް ދިނުމަށް) ފަހިވެގެން ގޮށްސިއްޔާ ރައްޔިތުންނަށް އެއަށްވުރެ ހެޔޮ އަގުގައި ކުޑަ އިންޓްރެސްޓް ރޭޓަކަށް ލޯނުތަށް ވެސް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ. އަދި ކްރެޑިޓް ކާޑުން ނެގޭ ޗާޖަސްތަކާއި ވާނުވާ ނޭނގޭ ގޮތަށް ނެނގޭ ޗާޖަސްތައް ކުޑަވެ ކޮމްޕެޓިޝަނެއް ކުރިއޭޓްވެ ރައްޔިތުންނަށް އެއަށްވުރެ ބޮޑު މަންފާއެއް ލިބިގެންނާނެ،” މެންބަރު ހުސައިން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުު ހުސެއިންގެ އިތުރުން ވެސް ގިނަ މެންބަރުން ވަނީ ބީއެމްއެލްގެ ހިދުމަތްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ލޯން އެޕްލިކޭޝަނަށް ކުރިމަތިލުމުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ ލޯނު ލިބުމުގައި ހަ މަސް ނުވަތަ ހަތް މަސް ފާއިތުވެގެންދާ ކަމަށް ބައެެއް މެންބަރުން ވިދާޅުވިއެވެ.

Leave a comment

Your email address will not be published.