މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަޖިލިސް މެންބަރަ ކަމަށް ހޮވިއްޖެނަމަ ތިލަދުންމަތި ފަހުރުވެރިވާފަދަ މެންބަރަކަށް ވާނެ ކަމަށް ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސެއިން ސަގީފް އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ހދ. އަތޮޅު ކައުންސިލްގެ މެންބަރުކަމާއި ރައީސްކަން ވެސް ކުރައްވާފައިވާ ސަގީފު ވިދާޅުވީ، އަތޮޅު ކައުންސިލްގައި މަސައްކަތްކުރީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ވަރަށް ގާތުން ތަޖުރިބާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑަކީ ލާމަރުކަޒީ ނިޒާމުގައި އެޅުވިފައިވާ ތަޅުތަކުގެ ސަބަބުން އަދި ގޮންޖެހުންތަކުގެ ސަބަބުން އެކަމާއިދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން އިސްތިއުފާ ދިން މީހެއް.“ އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ސަގީފު ވިދާޅުވިއެވެ.

ބަހުސްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަގީފު ވަނީ، ތިލަދުންމައްޗަކީ ރާއްޖޭގެ އެހެން ސަރައްދުތަކާއި އަޅާ ބަލާއިރު، ވަރަށް ބޮޑު އިހުމާލު ކުރެވިފައިވާ ސަރަހައްދެއް ކަމަށާއި ތިލަދުންމަތީ ރައްޔިތުން މާލެ ހިޖުރަކޮށްގެން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

”ތިލަދުންމައްޗަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް އިހްމާލުވެފައިވާ ސަރަހައްދެއް، އަޅުގަނޑުމެންގެ ދަރީން މާލެއަށް ހިޖުރަކޮށްގެން މިއުޅެނީ ވަރަށް ދަތިހާލުގައި، އަޅުގަނޑުމެންގެ ކާބަފައިން، މީގެ 75 އަހަރު ކުރިން މާލެއައި ހަނދާން މިއަދު އާކޮށްލަން އެބަޖެހޭ، އެ ދުވަހުގެ ތަޖުރިބާއާއެކު އަޅުގަނޑުމެން މިއަދު އެނބުރު ދާންވީ ތިލަދުންމަޗަށް“ ސަގީފު ވިދާޅުވިއެވެ.

އަދި ދިވެހި ރާއްޖެފަދަ ޖަޒީރާ ގައުމެއް ހަޤީގީ މާނާގައި ލާމަރުކަޒީ ކުރެވޭނީ މަރުކަޒީ ވިސްނުން ދޫކޮށްލައިގެންކަން ފާހަގަކުރައްވާ އޭނާ ވަނީ، ހދ އަތޮޅާއި، ދާއިރާގެ ރައްޔިތުންގެ އިހްސާސްތައް ވަރަށް ގާތުން ފެނިފައިވާކަމަށާއި، އެހެންކަމުން އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©