މުޙައްމަދު އީމާން
29 March 2019
މަޤްބޫލު ޙަބަރު

މާލޭގެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ތަކެތި އަތުލައިގަތީ ޕިކަޕަކަށް އަރުވައިގެން މައްޗަންގޮޅި ގެއަކަށް ގެންދާ ފޮށިގަނޑުތަކެއްގައި މަސްތުވާތަކެތި ހުރިކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި މައްޗަންގޮޅީގެ ގެއެއް ބަލައި ފާސްކުރިއިރު، މައުލޫމާތު ލިބުނު ފޮށިގަނޑުތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ނަމަވެސް އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ހަޝިޝް އޮއިލްއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް އާއި އިންޑިއާގެ ބިދޭސީއަކާއި ދެ ދިވެހި ފިރިހެނުންގެ އިތުރުން ދިވެހި އަންހެނެކެވެ.

އަދި އެ އެންމެންގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©