.
19 August 2019
މަޤްބޫލު ޙަބަރު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝިފާއުގެ ހިއްސާ އޮތް ކުންފުންޏަކަށް ފައިދާވާ ގޮތަށް އޮޅުވާލައިގެން ބާ ޓްރަކެއް ގަތް މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ، “ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު” ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ ވެމްކޯއިން އެމަޖެންސީކޮށް ޑަމްޕްޓްރަކެއް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާއެކު އެއްބަސްވުމެއް އެކުލަވާލިއިރު، އެކުންފުންޏަކީ ޝިފާއުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން މިއަދު ހާމަކުރި ރިޕޯޓުގައި ބުނެފައިވަނީ، ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ ވެމްކޯގެ މެނޭޖިން ޑިރެކްޓާގެ މަގާމުގައި ހުރެ އިމްޕޯޓަރެއް މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ 350 ކިލޯގެ ޑަމްޕްޓްރަކީ އެތެރެކުރިއިރު ބޭނުންކޮށްފައި އޮތް ޑަމްޕްޓްރެއްކަން އެނގިހުރެ، ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އެެމްކޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ ނަންމަތީ އޮއްވާ، ވެމްކޯގެ ބޭނުމަށް މި ޑަމްޕްޓްރު ކިއުބެކް އިންވެސްޓްމަންޓުން އާ ޑަމްޕްޓްރެއް ގޮތަށް ގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެކަން އެގޮތަށް ނިންމައި ތައްޔާރުކުރި ސައްހަ ނޫން ސިޓީގައި ޝިފާއު ސޮއިކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

މީގެ އިތުރަށް ޑަމްޕްޓްރަށްވާ ފައިސާ ހޯދުމަށް ކިއުބެކް އިންވެސްޓުމެންޓުން ހުށަހެޅި އިންވޮއިސްގައި ފުލް ޕޭމަންޓް ކިއުބެކް އިންވެސްޓްމެންޓަށް ދޫކުރުމަށް އަންގާ ޝިފާއު ސޮއިކޮށްފައިވާ ކަމަށާއި އެއީ އާ ޑަމްޕްޓްރަކެއް ނޫންކަން އެނގިހުރެ ގަސްދުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޑަމްޕްޓްރުގެ ފައިސާ ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ތަނަކުން، ކުރާ އެއްވެސް ކަމަކުން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ ކުށެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©