މުޙައްމަދު އީމާން
05 April 2019
މަޤްބޫލު ޙަބަރު

މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނީ އަދާލަތު ޕާޓީ (އޭޕީ)ގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ ހުސެއިން ސަގީފް ކަމަށް ބެލެވިއްޖެއެވެ.

އެގޮތަށް ބެލެވިފައިވަނީ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން އޮންލައިން ނޫސް “ވަގުތު” އިން ކުރިއަށް ގެންދިޔަ “ރައްޔިތުންގެ އަޑު”، ޚިޔާލު ހޯދުމުގެ ވޯޓުގައި ނުކުތް ނަތީޖާއިންނެވެ.

އެ ވޯޓަކީ، ކޮންމެ އައިޕީ އެޑްރެހަކުން ވެސް އިހްތިޔާރު ކުރާ ކޮންމެވެސް އެއް ދާއިރާއަކަށް އެންމެ ވޯޓެއް ލެވޭ ގޮތަށް ކުރިއަށްގެންދިޔަ ވޯޓެކެވެ.

އެގޮތުން ވަގުތު ހިޔާލު ހޯދުމުގެ ނަތީޖާގައި ވައިކަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވެސް ސަގީފެވެ. އެގޮތުން އޭނާއަށް 793 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓުލީ މީހުންގެ 56.97 ޕަސަންޓެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރައްވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް ހުސެއިން ޒިޔާދެވެ. އޭނާއަށް ހިޔާލު ހޯދުމުގެ ވޯޓުގައި ލިބިފައިވަނީ 513 ވޯޓެވެ.

ވައިކަރަދޫ ދާއިރާއަށް ސަގީފާއެކު ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު، “ތިލަދުންމަތި ފިކުރު”ގެ ސްލޯގަންގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ސަގީފަކީ ކެންޑިޑޭޓް ނަންބަރު 2 އެކެވެ.

އަދި ވަގުތުގެ ހިޔާލު ހޯދުމުގެ ނަތީޖާ ދައްކާގޮތުން 19 ވަނަ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާނެ ހަމައެކަނި ކެންޑިޑޭޓަކީ ވެސް ސަގީފެވެ.

Leave a Reply

Your email address will not be published.

haftha.mv ©