Mon, 25 May, 2020, 10:11 pm
ވޯޓުލާން ފެށިތާ 3 ގަޑިއިރު: 16 ޕަސެންޓް މީހުން ވޯޓު ލައިފި
6

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލާން ފެށިތާ ތިން ގަޑިއިރު ވީއިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 16 ޕަސެންޓް ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިފަހަރުގެ އިންތިހާބުގައި 10 ޕާޓީއަކުން އަދި އަމިއްލަ ގޮތުން ޖުމްލަ 386 ކެންޑިޑޭޓުން ވާދަ ކުރާއިރު، ވޯޓުލުމުގެ ހައްގުލިބިފައިވަނީ 264،442 މީހުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދުގެ 11:00 ގައި އާންމުކުރި މައުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ ތިން ގަޑިއިރުގެ ތެރޭގައި ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 43074 މީހުންނެވެ. އެއީ ޖުމްލަ އަދަދުގެ 16 ޕަސެންޓް މީހުންނެވެ.

އެގޮތުން މިހާތަނަށް 26513 ފިރިހެނުން ވޯޓު ލާފައިވާއިރު، 16561 އަންހެނުން ވަނީ ވޯޓު ލާފައެވެ.

އީސީން އާންމުކުރި މައުލޫމާތަށް ބަލާއިރު، އަދިވެސް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 83.71 ޕަސެންޓް މީހުން އަދި ވޯޓު ލާފައެއް ނުވެއެވެ.

މިފަހަރު ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދު ކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އަވަހަށް ގޮސް ވޯޓު ލުމަށް އީސީން ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމަށްޓަކާ ޖުމްލަ 501 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އޭގެ ތެރެއިން އަށް ފޮށި ބަހައްޓާފައިވަނީ ރާއްޖޭން ބޭރުގައެވެ.

Leave a comment

Your email address will not be published.