މުޙައްމަދު އީމާން
10 April 2019
މަޤްބޫލު ޙަބަރު

އިމާރާތަކަށް ބޭނުންވާނެ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް ހިމަނައިގެން ޓެކްނޮލޮޖީއާ ރައްޓެހި އިމާރާތެއް ހެދުމަށް ރާއްޖޭގެ ތަޖުރިބާކާރު އައިޓީ ކުންފުނި، ލިންކްސާވް އިން ހާއްސަ ސާވިސް މޮޑިއުލްއެއް ތައާރަފްކޮށްފިއެވެ.

ކޮންސްޓުރަކްޝަން ކުންފުނިތަކަށާއި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ހާއްސަކޮށްގެން “ލިންކްބިލްޑް”ގެ ނަމުގައި ލިންކްސާވް އިން ތައާރަފްކުރި އެ ހިދުމަތް ލޯންޗު ކޮށްދެއްވީ އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފާއިޒްއެވެ.

“ލިންކްބިލްޑް” އާ ގުޅޭގޮތުން ލިންކްސާވްގެ ހެޑް އޮފް ޕްރޮޖެކްޓްސް އެންޑް އެންޓަޕްރައިޒް ސޮލިއުޝަން ހަސަން އިކްރާމް “ހަފްތާ” އަށް ވިދާޅުވީ، މި ސާވިސް މޮޑިއުލްގެ ދަށުން ކޮންސްޓަރަކްޝަން ކުންފުނިތަކާއި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ފަރާތްތަކާއެކު އެ ކުންފުނިން އެއްބަސްވުމަކަށް ދާނެ ކަމަށެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން އެންމެ ފަހުގެ، ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ޓެކްނޮލޮޖީއާ ގުޅުންހުރި ހިދުމަތްތަކާއި އަލިފާނާ ގުޅޭ ސޮލިއުންޝަންތައް، ހާއްސަ އޮފާ ތަކަކާއެކު ލިންކްސާވްއިން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ކަވާ ކުރާ އޭރިއާތަކުގެ ތެރޭގައި ހާއްސަކޮށް ހިމެނޭނެ ވައިފައި ސޮލިއުޝަންތަކާއި ސްމާޓް ސޮލިއުޝަން އަދި އިމާރާތްތަކުގެ އެކްސެސް ކޮންޓްރޯލް. އޭގެ ތެރޭގައި ލިފްޓް އެކްސެސް ކޮންޓްރޯލް އާއި އިލެކްޓްރޯނިކް ލޮކް ސިސްޓަމް އެއްޗެހި. ލިންކްބިލްޑް ނެގުމުން އިމާރާތް ނިމިގެންދާއިރު މިކަންކަން ހުންނާނީ ނިމިފައި،” އިކްރާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލިންކްބިލްޑްގައި ބައިވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ގިނަ އޮފާ ތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އިމާރާތްކުރާ ތަން ހިލޭ ސާވޭ ކޮށްދިނުމާއި ހިލޭ ކޮންސެލްޓެންސީގެ ހިދުމަތް، އެކަމުގައި ތަމްރީން ލިބިފައިތިބި ވަކި ހާއްސަ ޓީމަކުން ފޯރުކޮށްދޭއިރު، ހާއްސަ ޑިސްކައުންޓްތަކެއް ވެސް ލިބިގެންދާނެއެވެ.

އޭގެ އިތުރުން އާފްޓާ ސޭލްސް ސަޕޯޓް އާއި އެކްސްކުލޫސިވް ވޮރެންޓީގެ އިތުރުން އެއްބަސްވާ ކުންފުނިތަކަށް ހާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމާލެދެވޭނެ ކަމަށް ލިންކްސާވް އިން ބުނެއެވެ.

“ޖުމްލަކޮށް ބުނާނަމަ ލިންކްބިލްޑްއާއެކު އިމާރާތްކޮށް ނިމޭއިރު އިމާރާތް ހުންނާނީ އެންމެފަހުގެ ޓެކްނޮލޮޖީ ސާވިސްތަކާ ހުރިހާ ކަމެއް ވެސް ލިބޭނެ ގޮތަށް، ޓެކްނިކަލް އޭރިއާގައި އެންމެ ފަހުގެ ލެވެލް. މިހާރު އިމާރާތް ނިމިގެންދާއިރު ކޭބަލްތައް އެޅިފަ ނެތުމާއި ކަހަލަ ކަންކަމަށް މާކުރިން ހައްލު ލިބި، ފާރު ކަނޑަންޖެހޭ ތަންތަން ކަނޑާ، ހަރުކުރަން ޖެހޭ އެއްޗެހި ހަރުކޮށް ކޭބަލްތައް ވެސް އަޅާ ނިމިފަ އޭރުން ހުންނާނީ،” އިކްރާމް ވިދާޅުވިއެވެ.

ލިންކްބިލްޑްއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންވެއްޖެނަމަ 3302400 އަށް ގުޅުމުން އެ މައުލޫމާތެއް ލިބިލައްވާނެއެވެ.

ދުނިޔޭގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީގައި ކުރިއަރާފައިވާ އާލާތްތައް ދިވެހިންނާ ހަމައަށް ގެނެސްދޭ އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ލިންކްސާވް އަކީ 17 އަހަރަށްވުރެ ގިނަ ދުވަސްވީ ރާއްޖޭގެ އެންމެ ބޮޑު އައިޓީ ބޭސްޑް ކުންފުންޏެވެ.

އެގޮތުން އެ ކުންފުނިން މިހާރު ވެސް ދަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އާލާތްތަކާއި އެންޓަޕްރައިސް ސޮލިއުޝަން ސޮފްޓްވެއާ އަދި ހާޑްވެއާތައް ރާއްޖޭގައި ވިއްކަމުންނެވެ.

އޭގެ އިތުރުން ސެކިއުރިޓީ ސޮލިއުޝަންގައި ރާއްޖޭގައި މިވަގުތު އޮތް އެންމެ އިތުބާރު ކުންފުނި، ލިންކްސާވް ފާހަގަކުރެއްވިފައިވަނީ، ރައްކާތެރި މާހައުލެއް ބޭއްވުމަށް ތައުލީމާއި ހޭލުންތެރިކަން އިތުރު ކުރުވުމަށް މަސައްކަތް ކުރާ ނަމޫނާ ކުންފުންޏެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©